5  ދީނަށް އަދި ޤައުމަށް އިޚްލާޞްތެރި ގޮތުގައި ދެމިހުންނަ ކޮންމެ ސަލަފީއަކަށް އޮތް ނަޞޭޙަތެއް - الإِمَام العَلاَّمة عَبدُ العَزِيْز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ދީނަށް އަދި ޤައުމަށް އިޚްލާޞްތެރި ގޮތުގައި ދެމިހުންނަ ކޮންމެ ސަލަފީއަކަށް އޮތް ނަޞޭޙަތެއް - الإِمَام العَلاَّمة عَبدُ العَزِيْز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ސަލަފީ ދައުވަތް

الإِمَام العَلاَّمة عَبدُ العَزِيْز بن بَاز  رحمه الله ވިދާޅުވިއެވެ. "ޣުރަބާއިން ކަމުގައި (ޙަދީޘްގައިވެ އެވެ.) އެ ޣުރަބާއިންނަކީ ކޮބައިތޯ ސުވާލު ދެންނެވުނެވެ. އަދި އެއީ މީސްތަކުން ފަސާދަވުމުން އިޞްލާޙު ކުރުމުގައިވާ މީސްތަކުން ކަމުގައި ބަޔާންވެގެންވެ އެވެ. މީސްތަކުން ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ފަސާދަކޮށްފައިވާ ކަންތައްތައް އެބައިމީހުން އިޞްލާޙު ކުރުމުގައިވެ އެވެ. 
 

އަދި أَبِي ثَعْلَبَة ގެ ޙަދީޘްގައިވެ އެވެ. (إلى عامل منهم أجر خمسين) "އެ ދުވަހުގައި ދީނުގައި ޤާއިމްވެ، ޢަމަލުކުރާ މީހާއަށް 50 މީހުންގެ އަޖުރު ލިބޭނެތެވެ." އެ ހިނދުގައި ސުވާލު ދެންނެވުނެވެ. (يارسول الله منا أو منهم) "ﷲ ގެ ރަސޫލާ އެވެ. އެމީހުންގެ ތެރޭގައިވާ 50 މީހުން ނުވަތަ އަޅުގަނޑުމެންގެ (ޞަޙާބީންގެ) 50 މިހުންގެތޯ އެވެ." ޙަދީޘް ކުރެއްވި އެވެ. (بل منكم) "ކިޔެއްތަ، ތިޔަބައިމީހުންގެ 50 މީހުންގެ ޘަވާބާއި އަޖުރު އެވެ." 
 

މިކަމުގެ ސަބަބުތަކަކީ : ޙައްޤަށް ނަޞްރު ދިނުމުގައި، އަދި ޙައްޤު ޤާއިމްކޮށް ދެމިހުރުމުގެ އަހުލުވެރިން މަދުވެގެންވުމެވެ. އަދި ހަލާކު ކުރުވަނިވި މަގުތައް ގިނަވެފައިވުމާއި، ޝުބުހާތްތައް ގިނަވެގެންވުމާއި، މަގުފުރެދުމުގެ މަގުތައް ގިނަކަމާއި އެއަށް ދަޢުވަތު ދިނުމުގައިވާ ދަޢުވަތުދޭ މީހުން ގިނަވެފައިވުމެވެ. ފަހެ، އެހެންވުމުން ފަހު ޒަމާނުގައި، ޢިލްމާއި ޢަމަލުގައި ޤާއިމްވެ ކެތްތެރިވާ މީހާއަކީ 50 ޞަޙާބީންގެ އަޖުރު ޙާޞިލް ކުރާނެ މީހެކެވެ. އޭނާއަށް 50 ޞަޙާބީންގެ އަޖުރު ލިބޭނެ އެވެ. ސަބަބަކީ އިސްލާމްދީން އެންމެ ފުރަތަމަ ފެށިގެން އައިހިނދުގައި، އެއަށް ނަޞްރުވެރިވާނެ ފަރާތްތައް އެބައިމީހުންނަށް ލިބިފައިވުމާއި، އިސްލާމް ދީނަށް ބާރުވެރިކަން ލިބިފައިވުމާއި، ދީނުގެ އެކިއެކި ކަންތައްތައް ފާޅުވެގެންވުމެވެ. އަދި މުސްލިމުންގެ ޢަދަދު ގިނަވެފައިވުމާއި ޢަދާވާތްތެރިން ބަލިކަށިވެފައި ވުމެވެ. 
 

އެހެނަސް ފަހު ޒަމާނުގައި އޭގެ އިދިކޮޅެވެ. ޢަދާވާތްތެރިން ގިނަވެފައިވުމާއި، މަގުފުރެދުމަށް ދަޢުވަތުދޭ މީހުން ގިނަވެފައިވުމާއި، ޙައްޤަށް ނަޞްރުވެރިވުމުގައިވާ އަހުލުވެރިންގެ މަދުކަމާއި، ޙައްޤަށް ވާގިވެރިވުމުގައިވާ އަހުލުވެރިން މަދުކަމެވެ. އަދި ޝުބުހާތްތައް ގިނަވެފައިވުމެވެ. މިއީ ފަހު ޒަމާނުގެ ޙާލަތެވެ. ފަހު ޒަމާނުގައި ޙައްޤާއި ބާޠިލްއާ މެދު އޮންނަ ހަނގުރާމަ ނުހަނު ވަރުގަދަ އެވެ. 
 

ފަހެ، ތިބާ ޙާޞިލް ކޮށްފައިވާ ޢިލްމުގެ މައްޗަށް ކެތްތެރިވުން ކޮންމެހެންވެސް ލާޒިމްވެގެންވެ އެވެ. ޢިލްމު ޙާޞިލްކޮށް ތިބާއަށް ޙައްޤު މަޢުރިފާވެފައިވެ އަދި އެ ޙައްޤާ ފުށުއަރާ ކަންތައް ފެނުމުން، ތިބާއަށް ﷲ ދެއްވި ޢިލްމަށް ތިބާ ﷲ އަށް ޙަމްދު ކުރުން ހުއްޓެވެ. އަދި މި ޙައްޤު މަޢުރިފާވި މީހުންގެ ތެރެއިން އޭނާ ލެއްވުނު ކަމަށްޓަކައި ﷲ އަށް ޙަމްދު ކުރުން ހުއްޓެވެ. 
 

އެއަށްފަހުގައި އޭނާއަށް ކުޅަދާނަވީ މިންވަރަކަށް މުންކަރާތްތައް އިންކާރު ކުރުމުގައި ދެމިހުރުން ހުއްޓެވެ. އަދި އޭނާ ޙާޞިލް ކުރި ޢިލްމަށް ފުރިހަމައަށް ޙައްޤު އަދާކުރުމަށްޓަކައި ހެޔޮމަގުތަކަށް ދަޢުވަތު ދިނުމުގައި ދެމި ހުރުން ހުއްޓެވެ. މީގެ ތެރެއަށް ޢަޤީދާގެ އެންމެހައި ކަންތައްތަކާއި އަދި ފަރުޢީ ކަންތައްތައް ވެސް ޝާމިލް ވެގެންވެ އެވެ. އަދި މިއީ ކެތްތެރިކަމާއި، ޘަވާބާއި ދަރުމަ ހޯދުމަށްޓަކައި ދެމިހުންނަ މީހާއަށް ނުހަނު ބޮޑުވެގެންވާ އަޖުރު ޙާޞިލް ވުމަށް އޮތް ސަބަބެއް ކަމުގައިވެ އެވެ. އަދި އޭގެ އިތުރަށް، ޢިލްމު އިތުރުވެ މަޢުރިފާވެ ދިއުމުގައިވެ އެވެ."  

*****

ފަތުވާ ނަގާފައިވަނީ : https://goo.gl/iBZ5B2 


އަޚުންނޭވެ! ފިތުނަވެރިކަމާއި، ފަސާދަ، ދެބަސްވުން، ހަވާނަފްސަށް ތަބަޢަވުން އަދި މި ނޫންވެސް އިންތިހާއަށް ފަސާދަ ގިނަވާނެކަމުގައި ބަޔާންވެގެންވާ ޒަމާނެއްގައި ސުންނީ ސަލަފީ ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކުގައި ލާޒިމްވެ، ޤާއިމްވެ، ދެމިހުރުން އެއީ އެންމެ ބޮޑު ވަޞިއްޔަތް ކަމުގައިވެ އެވެ. އެމީހަކު ބޭނުން ކަމަކަށް ބޭނުންވާ ދިމާލަކަށް އެނބުރި ދިއުމެއް ނޫނެވެ. 


އާޔަތްތަކާއި ޙަދީޘްތަކާއި ޚިލާފް ފަތުވާއެއް ހޯދަންވީމަ އެވެނި ފަތުވާ ކޮމެޓީއެއް ބަލަންވީ އެވެ. ސުންނަތުގެ އުޞޫލްތަކާއި ޤަވާޢިދުތަކާއި ދެކޮޅު ފަތުވާއެއް ހޯދަން ވުމުން އެވެނި ޤައުމެއްގެ ފަތުވާ ކޮމެޓީ އެވެ. މިއަދު ބުނެވޭ ފަދައިންނެވެ. އުއްމަތަށް ފާޅުވި ފަރުބަދަތައް ފަދަ އިމާމުންނާއި ސުންނަތުގެ ޢިލްމުވެރިން، އެގޮތުން ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑެތި އިމާމުން ކަމުގައިވާ الإِمَام الأَلْبَاني، الإِمَامُ ابن باز، الإِمَام العُثَيمِين، އަދި الإِمَام مُقبِل رحمهم الله އަދި މި ނޫންވެސް ޢަދަދު ނޭގޭހާ ގިނަ ޢިލްމުވެރިން ފައިސާއިން ފިޠުރު ޒަކާތް ދެއްކުން ހުއްދަ ނުވާނެކަން ބަޔާން ކޮށްފައި ވުމުން، އެ ހުއްދަކުރަން "މިސްރު" ގެ ފަތުވާ ކޮމެޓީ އެވެ. ދަލީލެއް ހޯދުމެއް، ދީނުގެ ޤަވާޢިދުތަކުގެ މަތީގައި ދެމި ހުރުމެއް ބެލުމެއް ނެތެވެ. ދީނާއި ސުންނަތުގެ އިމާމުން އެކަން ހުއްދަނުވި ސަބަބުތަކަކީ ކޮބައިކަން ބެލުމެއްނެތި، "ފަތުވާ ކޮމެޓީ" އޭ ބުނުމުން، ތިމަންމެންގެ ހަވާ ނަފްސާއި އެއްފަދަ ވުމުން، ޢިލްމާއި ޢަމަލު ދޫކޮށް، ތަންދޮރު ފިލާފައި ނުވާ ޢާންމު މީހުން ފަދައިން، ކޮންމެ އެއްޗެއް ޤަބޫލު ކުރަންވީ ތޯ އެވެ؟ 


ޖިންސީ އެދުންވެރިކަން އަމިއްލައަށް ފުއްދަން ބޭނުން ވުމުން، އާޔަތްތަކާއި ޙަދީޘްތަކަށް ބެލުމެއް ނެތި، އެކަން ހުއްދަ ކުރާ "ފަތުވާ ކޮމެޓީ" ގެ ފަތުވާ އެވެ. 
މުސްލިމް ވެރިންނާ ދެކޮޅަށް ތަޙްރީރު މައިދާނުގައި އިންޤިލާބް ގެނައުމަށް ނުކުތުމަށް ގޮވުމަކީ އެއީ ދީނުގައި ޖިހާދެއް ކަމުގައި އެއްފަހަރުވި އެވެ. ހަމަ އެހެންވެރިކަމެއްގައި ތަޙްރީރު މައިދާނަށް ވެރިޔާ ދެކޮޅަށް ނުކުތުން ވެގެންދިޔައީ ޙަރާމްވެގެންވާ ކަމަކަށެވެ. މިއީ ފަތުވާ ކޮމެޓީތަކާއި އަދި މުފްތީންގެ ދީން ކަމުގައި ވެއްޖެ ބައެއްގެ ޙަލާލް ޙަރާމް އޮތީ ދަލީލުތަކުގެ މަތީގައި ބާވަ އެވެ.


އެއިރު ސަރުކާރު ވައްޓާލަން ނިކުތީ އެވެ. އެއީ ލާދީނީ ސަރުކާރެކެވެ. އަދި އެހެން ސަރުކާރެއް ގެނައުމަށް ސިޔާސީ ޕޯޑިއަމްތަކަށް އަރައި، ލާދީނީން ބަލިކުރަން ވޯޓުލުމަށް އެންމެ ބާރުއަޑުން ގޮވަމުން ދިޔަމީހުން، މިއަދު ވަލިއްޔުލް އަމްރުގެ މައްޗަށް އިދިކޮޅު ބައެއްގެ ގޮތުގައިވެ، ވެރިޔާއާ އިދިކޮޅު މީސްތަކުންނާއި ބައިވެ، ކުރީގައި ލާދީނީ އަހުލުވެރިންނާއި ބައިވެ، ވަލިއްޔުލް އަމްރުގެ މައްޗަށް ނުކުންނަން ދަލީލު ލިބުނީ "ފަތުވާ ކޮމެޓީން" ތޯ އެވެ؟ މި ހުރިހައި ކަމެއް ޙަރާމް ޙަލާލެއް ބެލުމެއްނެތި ކުރަމުންދާއިރު މުޖުތަމަޢު ބައިބައިކޮށް، ޕާޓީ ހެދުމަކީ ހުއްދަވެގެން ނުވާނެ ކަމެއްކަމުގައި الإِمَام الأَلْبَاني، الإِمَامُ ابن باز، الإِمَام العُثَيمِين، އަދި الإِمَام مُقبِل رحمهم الله އަދި މި ނޫންވެސް ޢީލްމުވެރިން ފަތުވާ ދެއްވާފައިވާ އިރު މި ބައިގަނޑަށް "ފަތުވާ ކޮމެޓީން" ފަތުވާ ލިބިއްޖެ އެވެ. 


މާބަނޑުވެފައިވާ އަންހެނާ ދަރިވައްޓާލަން ވުމުން، ދީނުގައި ބަޔާންވެގެންވާ އެންމެހައި ޤަވާޢިދުތަކެއް ފަހަނައަޅާ، ތިމާ އެދޭހާ ގޮތްތަކަށް ބަ
ސްމަގު ދައްކައިދޭ "ފަތުވާ ކޮމެޓީ" ގެ ފަތުވާ އެވެ. މިއީ ފަހުޒަމާނުގެ ޙާލަތެވެ. ރައްކާތެރިކަމާއި، ދީނުގައި ސަމާލުކަން ހޯދައި، ޙައްޤުގައި ޤާއިމްވުމަށް ދެމިތިބުމަށް އޭގެ އަހުލުވެރިންގެ ފަހަތުގައި ޤާއިމްވުން ހުއްޓެވެ. މިއަދު އުއްމަތުގެ އިމާމުންގެ ބަސްތައް ދޫކޮށް، ބަޔާންކޮށްފައިވާ ޤަވާޢިދުތަކާއި، އުޞޫލްތަކާއި، ޙައްޤު ބަސްފުޅުތައް ދޫކޮށް، "ފަތުވާ ކޮމެޓީ" އޭ ބުނެ ސުންނަތުގެ އިމާމުންގެ މައްޗަށް ބަސްބުނެފައިވާ، އަހުލުވެރިންގެ މައްޗަށް އަގެއްނެތް، ބުރަދަނެއް ނެތް ފަތުވާ ނެރޭ މީހުން ލަދުވެތިވާން ޖެހޭނެ އެވެ. އެބައެއްގެ ޙާލު ކަޝްފުވެ ބަޔާންވުން ނޫން އެއްޗެއް ނެތެވެ. 

Like what you see?

Close

Hit the buttons below to follow us, you won't regret it...