5 العَلَّامَةَ الإِمَام ابْن العُثَيْمِيْن رحمه الله ގެ ފަރާތްޕުޅުން ރަމަޟާން މަހަށް އިސްތިޤުބާލުގައި އިޚުވާނުންނަށް ބަޔާންކޮށްދިވި ކަލިމަތަކެއް - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

العَلَّامَةَ الإِمَام ابْن العُثَيْمِيْن رحمه الله ގެ ފަރާތްޕުޅުން ރަމަޟާން މަހަށް އިސްތިޤުބާލުގައި އިޚުވާނުންނަށް ބަޔާންކޮށްދިވި ކަލިމަތަކެއް

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ރޯދަ

بسم الله الرحمن الرحيم.
والصلاة والسلام على نبينا محمد وآله وصحبه أجمعين

محمد بن صالح العثيمين ގެ ފަރާތްޕުޅުން މިކަލިމަތައް އަޑުއިވޭ ﷲ ގެ މުއުމިން އަޅުތަކުންގެ ތެރެއިން ހިދާޔަތުގެ މަގު ހޯދާ އަދި ހައްޤުވެގެންވާ މަގު ހޯދާ ކޮންމެ އަޅަކަށް السلام عليكم و رحمة الله و بر كاته.  وبعد ހަމަކަށަވަރުން ރަމަޟާން މަހަށް އިސްތިޤުބާލުގައި އިޚްވާނުންނަށް މިކަލިމަތައް ބަޔާންކޮށްމިދެނީ އަހަރުމެން އެންމެންގެ ޢަމަލުތަކަކީ الله تعالى އަށް އިޚްލާސްތެރިކަމާއެކީ އެކަލާނގެ ވަޖުހުފުޅަށް ކުރެވޭ ކަންތައްތަކެއްކަމުގައި ވުމަށް އުއްމީދުކުރަމުންނެވެ. އަދި އެ ޢަމަލުތަކަކީ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާ އެއްގޮތަށް ތަބަޢަވެ ކުރެވޭ ކަމެއްކަމުގައި ވުމަށެވެ. އެކަލާނގެ ހަޟުރަތުން ވާތްގަށްއެދި ބަޔާންކުރަމެވެ.

1. އެއްވެސް ޝައްކެއް ނުވާ ގޮތުގައި މިފަދަ މަތިވެރިވެގެންވާ މަހެއް އަހަރުމެންނަށް ދެއްވާފައިވުމަކީ ﷲ ގެ ނިޢުމަތްތަކުގެ ތެރެއިންވާ ކަމެކެވެ. މިއީ ހެޔޮކަންތައްތަކުގެ މޫސުމެއް ކަމުގައި ލެއްވިއެވެ. ހެޔޮ ޞާލިޙް ޢަމަލުތައް ކޮށް، އޭގެ ފައިދާ ހޯދައިގަނެވޭ ދުވަސްތަކެއް ކަމުގައި ލެއްވިއެވެ. ތާއަބަދަށް އިސްތިމްރާރުކޮށް ދެމިހުންނަ ނިޢުމަތެއް ކަމުގައި ލެއްވިއެވެ. ފަހެ، މީސްތަކުންނަށް ހިދާޔަތެއް ކަމުގައި ﷲ ބާވައިލެއްވެވި ޤުރުއާން، ބާވައިލެއްވުނީ މިމަހުގައެވެ. އެ ޤުރުއާން އަކީ މީސްތަކުންނަށް ހިދާޔަތެއް ކަމުގައްޔާއި ޙައްޤާއި ބާޠިލް ވަކިކުރާ އެއްޗެއްކަމުގައި ލެއްވިއެވެ.


އިސްލާމް ދީނާއި އެދީނުގެ އަޙުލުވެރިންނަށް ޢިއްޒަތް ލިބިދިޔަ ބަދުރު ހަނގުރާމަ މި މަހުގައި ހިނގާދިޔައެވެ. ޝިރުކާއި އަދި ޝިރުކުގެ އަޙުލުވެރިން ދެރަ ނިކަމެތިވެ ދިޔައެވެ. އެދުވަހަކީ ފުރުޤާން ގެ ނަން ދެވުނު ދުވަހެއްކަމުގައި ވެދިޔައެވެ.


މަސްޖިދުލް ޙަރާމް ބުދުތަކުން ޠާހިރުވެ އެންމެ ބޮޑުވެގެންވާ ފަތަޙަ މުސްލިމުންނަށް ލިބިދިޔައީ މިމަހުގައެވެ. އޭގެ ފަހުގައި އިސްލާމް ދީނަށް އަޅުތަކުން ފައުޖުތަކަށް ވަންނަމުން ދިޔައެވެ.


މި މަހަކީ މުޙައްމަދު صلى الله عليه وسلم  ގެ އުއްމަތުގެ އަޙުލުވެރިންނަށް ﷲ تعالى ދެއްވި ޚާއްޞަ ފަސްކަމެއް ލިބިދިޔަ މަހެކެވެ. އެހެން އެއްވެސް އުއްމަތަކަށް މިކަމެއް ލިބިނުދެއެވެ. އެކަންތަކަކީ: ﷲ تعالى ގެ ޙަޟްރަތުގައި ރޯދަވެރިޔާގެ އަނގައިން ދުވާ ވަސް ގޮމަކަސްތޫރީގެ ވަހަށް ވުރެ މީރުވަހެއްކަމުގައިވެ އެވެ. އަޅާ ރޯދަ ދޫކުރުމަށްދާންދެން މަލާއިކަތުން އެއަޅެއްގެ މައްޗަށް ފާފަ ފުއްސެވުމަށް ދުޢާ ދެންނެވުމުގައި ދެމިތިއްބަވާނެ އެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައި އެކަލާނގެ ސުވަރުގެ ޒީނަތްތެރިކޮށްދެއްވާނެ އެވެ. (އަދި ވަޙީކުރައްވާނެ އެވެ. މިތަން ﷲ ގެ އަޅުތަކުން އެބައިމީހުންގެ ކާބޯތަކެތި ދޫކޮށް އުނދަގޫތަކާ ކުރިމަތިލާ އަދި ކެތްތެރިކަމުގެ މަތީގައި ދެމިތިބެއެވެ.)


އަދި އެ މަހުގައި ޖިންނި ޝައިތާނުންގެ ބޮޑެތި ޖިންނިތަށް ކަސްތޮޅު ބިޑި އެޅުވޭ ހުއްޓެވެ. ޖިންނި ތަކުގެ ތެރެއިން އެކަލާނގެއަށް ޙައްޤުގޮތުގައި ކުއްތަންވާ ޖިންނިންނަށް މެނުވީ ސަލާމަތެއް ނުވެވޭނެ އެވެ. އެ މަހުގެ އެންމެ ފަހު ރޭގައި މީސްތަކުންގެ ފާފަތަށް އެކަލާނގެ ފުއްސަވާނެތެވެ. އެހިނދު ނަބިއްޔާ صلى الله عليه وسلم އަރިހުގައި ސުވާލު ދެންނެވުނެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. އެއީ ލައިލަތުލް ޤަދްރި ތޯއެވެ.؟" ޙަދީޘް ކުރެއްވިއެވެ. "ނޫނެކެވެ. އެހެނަސް މަސައްކަތްކުރާ މީހާ އޭނާގެ މަސައްކަތް ނިމުމުން އޭނާއަށް އެކަމުގެ އަޖުރު ލިބިދެއެވެ."


މި މަހުގައި ﷲ އަށް އީމާންވެ އެކަލާނގެ ޙަޟުރަތުން އެ ރޯދައިގެ ޖަޒާއަށް އެދި ރޯދަހިފާ މީހާގެ ވޭތުވެ ގޮސްފައިވާ ފާފަ އެކަލާނގެ ފުއްސަވައެވެ. އަދި ލައިލަތުލް ޤަދްރި ވިލޭރޭގައި އެކަލާނގެއަށް އީމާންވެ އަދި އެ އިލާހުގެ ފަރާތުން އަޖުރަށް އެދި އަޅުކަމުގައި ޤާއިމްވެއްޖެ މީހާގެ އިސްވެގޮސްފައިވާ ފާފަ އެކަލާނގެ ފުއްސަވާނެ އެވެ.


2. މި މަހުގައި ކުރެވޭ ތަރާވީސް ނަމާދަކީ އެ އަޅުކަމުގައި ޤާއިމްވާ މީހާއަށް އޮތް މަތިވެރި އަޅުކަމެކެވެ. މި މަހު އަޅުކަމުގައި ޤާއިމްވާ މީހާއަށް އޮތް އަޖުރުގެ މަތިވެރިކަން ކުރީގައި ބަޔާންވެދިޔައީއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. "مَنْ قَامَ مَعَ الْإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ" މާނައީ "މީހަކު ރޭ އަޅުކަމުގައި އިމާމާގެ ފަހަތުގައި ފެށީއްސުރެ ނިމެންދެން ޤާއިމްވެއްޖެ ނަމަ، އެ މީހަކަށް މުޅި ރޭ އަޅުކަން ކުރެވުނު ކަމުގައި ލިޔެވިދެ އެވެ."


މި ބޮޑުވެގެންވާ ނިޢުމަތް މުއުމިން އަޅާ ދޫކޮށްލަން ހެޔޮނުވާނެ އެވެ. އަޅާއަށް އޮތީ މިކަމުގައި ކެތްތެރިވެ ޤާއިމްވެ ހުރުމެވެ. އަދި، އިމާމާ އެކު ފަށައިގެން ނިމެންދެން މި ނަމާދު ކުރުމުގައި ބައިވެރިވެ ހުރުމެވެ. ބައެއް މީސްތަކުން މިނިޢުމަތް ދޫކޮށް އެއް މިސްކިތުން އަނެއް މިސްކިތަކަށް ދިއުމުގައި ވަގުތު ހޭދަކޮށްލައެވެ. އެގޮތުން އެއް މިސްކިތުގައި ދެސަލާން ދިނުމަށް ފަހު އެހެން މިސްކިތެއްގައި އަނެއް ދެސަލާމް ދިނުމުގައި ދެމިހުރެއެވެ. އެ ގޮތުން އަޅުތަކުންނަށް އިމާމްއާގެ ނަމާދު ނިމެންދެން ހުންނަ މީހާގެ އަޖުރު ފާއިތުވެދެއެވެ. އެބައި މީހުންގެ ނަފްސުތައް މި ހެޔޮކަމުން މަޙްރޫމުކޮށްލައި ޤިޔާމުއްލައިލުގެ ގިނަ ފައިދާއިން އެއްކިބާކޮށްލައެވެ. ވަކި މިސްކިތެއްގައި ނަމާދުކުރުން އިޚްތިޔާރުކުރާ އަޅާއަށް އޮތި ނަމާދު ފަށާއިރު އެމިސްކިތެއްގައި ނަމާދު އިމާމާ އެކުގައި ފެށުމެވެ. އަދި އިމާމްގެ ނަމާދު ނިމެންދެން އިމާމާ އެކުގައި ޤާއިމް ވެހުރުމެވެ.

 

3. އިމާމްވެ މިސްކިތުގައި އަހަރެމެންގެ ބައެއް އިޚްވާނުން ތަރާވީސް ނަމާދުގެ ރުކޫޢު އަދި ސުޖޫދު މައުމޫމުންނަށް އުދަނގޫވާހާ އަވަހަށް ކުރަމުންދެއެވެ. މިކަމުގެ ސަބަބުން ނަމާދުކުރާ ބަލިކަށި މައުމޫމުންނަށް އުނދަގޫކަމަކަށް ވެދެއެވެ. ހަމަ އެހެންމެ، ބައެއް އިމާމުން ނަމާދުގެ ރުކުނެއް ކަމުގައިވާ ޠުމައުނީނަ (ރުކުންތަކުގައި އިރުކޮޅަކު މަޑުކޮށްލުން) ނުކުރެވޭހާ އަވަސް ކަމާއެކު ނަމާދު ކުރެއެވެ. ޠުމައުނީނާ އެއް ނެތި ނަމާދު ނަމާދެއް ކަމުގައި ނުވާނެ އެވެ. މިރުކުން ދޫކޮށްފި ނަމަ ނަމާދުގައި އިމާމަށް ތަބަޢަވެ ކުރުން ވެސް ނެތުނީއެވެ. ބައެއް އަހުލުލް ޢިލްމު رحمهم الله ވިދާޅުވެފައިވެއެވެ. "ނަމާދުގައި ސުންނަތްވެގެންވާ ކަންތައްތައް މައުމޫމުންނަށް ނުކުރެވޭހާ އަވަހަށް އިމާމް ނަމާދު އަވަސްކޮށް ކުރުން މަކްރޫހަ ވެގެންވެއެވެ." ޠުމައުނީނާ އެއީ ވާޖިބު ކަމަކަށްވީ ހިނދު އެކަން ނުކުރެވޭހާ އަވަހަށް އިމާމް އަވަސްކޮށް ކުރުން ކިހާބޮޑަށް މަނާވެގެން ދާނެހެއްޔެވެ.


އަހަރެން އެބައި މީހުންނަށް ދޭ ނަޞޭހަތަކީ އެ އިމާމުން އެބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ﷲ އަށް ބިރުވެތިވެ އަދި އެބައިމީހުންގެ ފަހަތުގައިވާ މައުމޫމުންގެ މައްޗަށް ވެސް ބިރުވެތިވުމެވެ. އަދި އެބައިމީހުންގެ ތަރާވީސް ނަމާދު މަޑުމޮޅި ކަމާއި ޠުމައުނީނާ އާއެކުގައި ކުރުމެވެ. އަދި އަމިއްލަ ނަފްސު ނަމާދު ކުރުމުގައި ތިބެ އެކަލާނގެ އަށް ކުއްތަންވުމަށް ޤުރުއާން ކިޔެވުމުގައި ދެމިތިބިކަން ދަންނަންޖެހެއެވެ. ތަކްބީރު ކިޔުމުގައި އަދި އެއިލާހު މަތިވެރިކުރުމުގައި އަދި ޘަނާކިޔުމުގައި ދެމިތިބެ ދުނިޔެ އާއި އާޚިރަތުގެ ހެޔޮކަންކަމަށް އެދި ނަމާދުގައި ޤާއިމްވެ ތިބެއެވެ. މިގޮތުގައި ދެމިތިބުމަށް ފަނަރަ މިނެޓު ނޫނީ އެއަށްވުރެ ގިނައިން އިތުރުވެ ދިއުމަކީ އެބައިމީހުންނަށް ވާ ހެޔޮކަމެކެވެ. މިއީ ފަސޭހަވެގެންވާ ކަމެކެވެ.


4. ރޯދަ ހިފުމަކީ އޭނާގެ ޤައުމުގައި ޤާއިމްވެ ހުންނަ ތަކްލީފް ޖެހިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ އަޅުކަމެކެވެ. ވުމުން، ބާލިޣުނުވާ އުމުރުން ކުޑަކުދިން ރޯދަހިފުން ވާޖިބުވެގެންނުވެއެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘްކުރައްވާފައިވާ ފަދައިންނެވެ. "رُفِعَ الْقَلَمُ عَنْ ثَلَاثَةٍ عَنْ النَّائِمِ حَتَّى يَسْتَيْقِظَ وَعَنْ الصَّبِيِّ حَتَّى يَشِبَّ وَعَنْ الْمَعْتُوهِ حَتَّى يَعْقِلَ" މާނައީ "ތިންމީހެއްގެ މަތިން ޤަލަން ވަނީ އުފުލިފައެވެ. ކުޑަ ކުއްޖާ އޭނާ ބާލިޣުވުމަށް ދާންދެންނެވެ........"  އެހެނަސް ރޯދަހިފުމުގެ ކުޅަދާނަކަން ލިބިދާ އުމުރަށް އައުމުން އޭނާގެ ބަލަދުވެރިއާއަށް އެ ކުއްޖާ ރޯދަހިފުމަށް އަމުރުކުރުންވެ އެވެ. އެއީ އިސްލާމް ދީނުގެ ރުކުންތަކުގެ މައްޗަށް އެ ކުއްޖާ ތަމްރީނު ކުރުވާ އަދި އަދަބުވެރި ކުރުމަށެވެ. ބައެއްފަހަރު ބައެއް މީސްތަކުން އެބައިމީހުންގެ ދަރިންނަށް ނަމާދުކުރުމަށް އަދި ރޯދަ ހިފުމަކަށް އަމުރެއްނުކުރެ އެވެ. މިއީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. އެމީހަކު ﷲ ހަޟުރަތުގައި އެދުވަހުގައި މިކަމާމެދު މަސްޢޫލިއްޔަތު ވާންޖެހޭނެ އެވެ. އެމީހުން ބުނަމުންދަނީ ހަމަކަށަވަރުން އެ ދަރިންނަށް އަޅާލުމަށް އަދި ރަޙުމްކުރުމުގެ ގޮތުން ރޯދަ ނުހިފުވަނީ އެވެ. އެހެނަސް، ހަޤީޤަތަކީ ދަރިންނަށް އަޅާލާ އޯގާތެރި ރަޙުމްކުރާ މީހާ އެ ދަރިން ހެޔޮކަންތައްތަކަށް އަށަގަނުވާ އަދި ހެޔޮކަންތައް ކުރުމަށް ތަމްރީނުކުރުވާނެ އެވެ. ހެޔޮވެގެންވާ ތަރުބިއްޔަތަކީ މިކަން އިނގޭ ހިނދު މިކަމުން އެއްކިބާވެ ނުދާނެ އެވެ.


އަދި އެއާ އެކު މޮޔަމީހާ އަދި މުސްކުޅި ބަލީގެ ސަބަބުން ސިކުނޑި ފިލައިގޮސްފައިވާ މީހާ ރޯދަ ހިފުމެއް ނުވެއެވެ. އަދި އޭގެ ބަދަލުގައި ކާންދިނުމެއް ވެސް ނުވެއެވެ. އެހެނީ އެއީ ސިކުނޑިނެތް ބަޔެއްކަމުގައި ވުމުންނެވެ.


އެހެނަސް، ބައްޔެއްގެ ސަބަބުން ނުކުޅެދިފައިވާ މީހާ އޭނާގެ ބައްޔަށް ފަހުން ޝިފާ ލިބޭކަމަށް އުއްމީދުކުރެވޭ މީހާއަށް އޮތީ ޝިފާ ލިބުމަށްދާންދެން ރޯދަހިފުން މަޑުކޮށްލުމެވެ. އެއަށްފަހު އޭނާއަށް އެކަމުން ޢާފިޔަތު ލިބުމުން ރޯދަތައް ޤަޟާ ކުރުމެވެ. ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވ فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ މާނައީ "ތިޔަބައިމީހުންގެ ތެރެއިން ބައްޔެއްގައި ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، އޭނާގެ ރޯދަތައް އެހެން ދުވަސްތަކަކުން ހިފާހުށިކަމެވެ."


އަދި ދުވަސްވުމުގެ ސަބަބުން ރޯދަހިފުމަށް ނުކުޅެދިފައިވާ މީހާ، އަދި ދުވަހަކުވެސް ރަގަޅުނުވާނޭ ފަދަ ބައްޔެއްޖެހިފައިވާ މީހާއަށް ރޯދަހިފުމެއް ނުވެއެވެ. އެ މީހުންގެ މައްޗަށް ވާޖިބުވެގެންވަނީ ކޮންމެ ރޯދައެއްގެ ބަދަލުގައި މިސްކީނަކަށް ކާންދިނުމެވެ. ކާންދިނުން އޮތީ ދެގޮތަކަށެވެ. އޭނާ ބޭނުންކަމުގައި ވާނަމަ ކާބޯތަކެތި ތައްޔާރުކުރުމަށްފަހު ދޫކުރި ރޯދައިގެ ޢަދަދަށް ޞާއެއްގެ ފަސްބައިކުޅަ އެއްބައި ގޮދަން ދޭނީއެވެ.


ޙައިޟު އަދި ނިފާސް ވެފައިވާ އަންހެނާ ރޯދަހިފުމެއް ނުވެއެވެ. ޠާހިރުވުމަށްފަހު ދޫކުރި ރޯދައިގެ ޢަދަދަށް ރޯދަހިފާނީއެވެ. ރޯދަހިފައިގެން ހުރި ދުވަހެއްގައި ޙައިޟު ނޫނީ ނިފާސްވެއްޖެ ނަމަ އެދުވަހުގެ ރޯދަ ބާޠިލްވާނެ އެވެ. އަދި އެހެން ވެއްޖެނަމަ ބާޠިލްވެގެން ދިޔަ ރޯދަ އެހެން ދުވަހަކުން ޤަޟާ ކުރަންޖެހޭނެ އެވެ. އެގޮތަށް ރަމަޟާން މަހުގެ ދުވާލުގެ ވަގުތެއްގައި ލޭއައުން ހުއްޓިއްޖެ ނަމަ އެދުވަހުގެ ބާކީ އޮތް ވަގުތުގައި ކެއުންބުއިމުން ދުރުވާންޖެހޭނެ އެވެ. އެހެނަސް އެދުވަހުގައި އޭނާ ރޯދައަށް ހުރި ކަމަކަށް ނުވާނެ އެވެ. އެދުވަހުގެ ރޯދަ ފަހުން ޤަޟާ ކުރަން ޖެހޭނެ އެވެ.


ދަތުރުވެރިޔާއަށް އޮތީ ރޯދައަށް ހުރުމުގައި ބޭނުން ގޮތެއް އިޚްތިޔާރު ކުރުމެވެ. އެއީ އޭނާއަށް ރޯދަހިފަން ބުރަކަމަކަށް ނުވާ ނަމައެވެ.  ރޯދަ ހިފަން ބުރަކަމުގައި ވާނަމަ، އޭނާއަށް އޮތީ ރޯދަ ދޫކޮށްލުމެވެ. ރޯދަހިފުން އެގޮތުގައި މަކްރޫހަވެގެން ވެއެވެ. ސަބަބަކީ އެހާލުގައި ރަޙްމަތްވަންތަ ގިނަގުނައިން ދެއްވާ އިލާހުގެ ލުއިގޮތް ހޯދައިގަނެވުނީ އެވެ. ރޯދަހިފުމުން އޭނާއަށް އެއްވެސް ބުރަކަމެއްކަމުގައި ނުވެއެވެ. އަދި އޭނާ ފުއްދަންޖެހޭ ޙާޖަތްތައް ފުއްދުމުގައި ދަތިކަމެއް ނެތްނަމަ ޞަޙީހައިން ގައިވާ އަބީޒައްރުގެ ޙަދީޘް އިން ބަޔާންވެގެންވާ ގޮތުގައި މޮޅުއިތުރު ވެގެންވާނީ ރޯދައަށް ހުރުމެވެ. ޙަދީޘް މާނައީ "އަހަރަމެން އެއް ފަހަރެއްގައި ނުލާހިކު ހޫނު ގަދަ ރަމަޟާން މަހެއްގައި ޖިހާދުކުރުމަށް ނަބިއްޔާ صلى الله عليه وسلم އާ އެކުގައި މަދީނާއިން ނުކުމެ ދިއައިމެވެ. އަހަރެމެންގެ ތެރޭގައިވަ މީހުން ހޫނުގަދަކަމުން ބޯމަތީގައި އަތް ބާއްވައިގެން ތިބެއެވެ. އެދުވަހު ނަބިއްޔާ صلى الله عليه وسلم އަދި ޢަބްދުއްﷲ ބިން ރަވާހާ މެނުވީ ރޯދައަށް ހުރި އެކަކުވެސް އަހަރެމެންގެ ތެރޭގައި ނުވެއެވެ."

 

 

5. ރޯދަ ގެއްލޭ ކަންތައްތަކަކީ:


ހ. ކެއުމާއި ބުއިމެވެ. އެއީ ކޮންމެ ފަދަ ކެއުމެއް ނުވަތަ ބުއިމެއް ކަމުގައި ވީނަމަވެސްމެ އެވެ. މި މާނައިގެ ތެރޭގައި ހަށިގަނޑު ވަރުޖެއްސުމުގެ ގޮތުން ބޭނުންކުރެވޭ އިންޖެކްޝަނު ހިމެނެ އެވެ. އޭގެއިން ރޯދަ ގެއްލޭނެ އެވެ. ރޯދަ ދޫކުރަން ހުރި ބަލި މީހެއް ނޫނީ މިފަދަ އިންޖެކްޝަނެއް ބޭނުންކުރުމެއް ހުއްދައެއް ނުވާނެ އެވެ. ދުވާލުގެ ވަގުތެއްގައި މި ފަދަ އެއްޗެއް ބޭނުންކުރުމަށް ޟަރޫރަތް ވެއްޖެ މީހަކު މެނުވީ މި އިންޖެކްޝަން ބޭނުންކުރުން ހުއްދައެއް ނުވާނެ އެވެ. ބޭނުންކޮށްފި ހިނދު އެދުވަހުގެ ރޯދަ އެހެން ދުވަހަކުން ޤަޟާކުރަން ޖެހޭނެ އެވެ. މި ފަދަ އިންޖެކްޝަންތަކާ ޚިލާފަށް މިސާލަކަށް ތަދު ކެނޑުވުމުގެ ގޮތުން ބޭނުންކުރާ އިންޖެކްޝަނެއް ޖެހުމުން ރޯދަ ނުގެއްލޭނެ އެވެ. އެހެނީ އެއީ ކެއުންބުއިމުގެ ތެރެއަށް ވަންނަ ކަމެއްނޫނެވެ. ލަފްޟުގެ ގޮތުން އަދި މަޢުނަވީގޮތުން ވެސް ކެއުންބުއިމުގެ ތެރެއަށް ނުވަދެއެވެ. މި ކަމުގައި އެންމެ ރައްކައުތެރިކަން ބޮޑީ ރޯދަ ހިފައިގެންވާ ޙާލުގައި ބޭނުން ނުކުރުމެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ފަދައިންނެވެ. "دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ" މާނައީ " ޝައްކުވާތަކެތި ޝައްކުނުވާ ތަކެތީގެ މައްޗަށް ދޫކޮށްލާށެވެ. "


ށ. ޖިމާއުވުން. ރަމަޟާން މަހު ރޯދައަށް ހުރެ ޖިމާޢުވުމަކީ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އެމީހާގެ މައްޗަށް ބޮޑުވެގެންވާ ގަދަފަދަ ކައްފާރާއެއް ލެވިދެއެވެ. އެންމެ ފުރަތަމައީ އަޅެއް މިނިވަންކުރުމެވެ. އެކަން ފައިސާނެތިގެން ނުކުރެވޭ ނަމަ ނޫނީ ފައިސާ ހުރެ ޝަރުޢީ ގޮތުގައިވާ އަޅެއް ނެތް ނަމަ އޮތީ ދެ މަސް ދުވަހު ވިދިވިދިގެން ރޯދަ ހިފުމެވެ. މިކަމަށް ކުޅަދާނަ ނުވާނަމަ އޮތީ ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމެވެ. (ކާންދިނުން އޮތްގޮތް މަތީގައި ބަޔާންކުރެވިފައިވާނެ އެވެ.)


ނ. މަނި ބޭރުވުން: މާނައީ ރޯދަވެރިޔާ އަމިއްލައަށް ޢަމަލުކޮށް މަނި ބޭރުވުމެވެ. މިސާލަކަށް އަނބިމީހާއަށް ބޮސްދިނުމުން މަނިފައިބާ ދިއުމުން ރޯދަ ގެއްލޭނެ އެވެ. ރޯދަވެރިޔާގެ އަމިއްލަ ޢަމަލުން ނޫން ގޮތެއްގައި މަނިފޭބުމަކުން ރޯދަ ނުގެއްލޭނެ އެވެ. މިސާލަކަށް ނިދުމުގައި މަނިބޭރުވުމުން އޭނާގެ ރޯދަ ބާޠިލެއް ނުވާނެ އެވެ. ސަބަބަކީ އޭނާގެ އިޚްތިޔާރެއް ނެތި އެކަން ހިނގާ ދިއުމެވެ. ރޯދަވެރިޔާ އޭނާގެ ރޯދަ ފަސާދަވެ ދާނެކަމަށް ބިރުހީވާނަމަ އަނބިމީހާއާ ކައިރިވެ އެއްވެސް އަރާމެއް ހޯދައިގަތުން ޙަރާމްވެގެންވާނެ އެވެ. އަނބިމީހާ ގައިގައި ބީހިގެންނުވާނެ އެވެ. ސަބަބަކީ އޭނާގެ ރޯދަ ފަސާދަވެދާނެ ކަމެއްގެ ތެރެއަށް ނުގެންދިއުމަށެވެ.


ރ. ޙިޖާމާ ޖެހުން: ރާފިޢު ބިން ޚަދީޖް - رحمه الله - ގެ ޙަދީޘް ގައިވާ ގޮތް ޙިޖާމާ ޖަހާމީހާ އަދި ޖަހައިދޭ މީހާގެ ރޯދަ ގެއްލޭނެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެ އެވެ. "أفطرالحاجم المحجوم" މާނައީ "ޙިޖާމާ ޖަހާމީހާ އަދި ޙިޖާމާ ޖަހައިދޭ މީހާގެ ރޯދަ ގެއްލޭނެ އެވެ." ރިވާކޮށްފައިވަނީ ތިރުމިޒީ އަދި އަޙްމަދު، އަދި ބުނެފައިވެ އެވެ. މިއީ މި ބާބުގައި އެންމެ ޞައްޙަވެގެންވާ ޙަދީޘް އެވެ. މި ޙަދީޘް އިބްނު ޙިއްބާން އަދި ޙާކިމް ޞައްޙަކޮށްފައިވެ އެވެ. އަދި އަޙްމަދު، އަބޫދާވުދް، އިބްނު މާޖާ ޘައުބާން ގެ ފަރާތުން ރިވާކޮށްފައިވެ އެވެ. ޝައްދާދު ބިން އަވްސް މިފަދަ ޙަދީޘް އެއް ރިވާކުރައްވާފައިވެ އެވެ.


ފާރުގަނޑެއް ހެދިގެން އެކަމުން ލޭފައިބާ ދިއުމުން ނުވަތަ ދަތެއް އުފުރާލައިގެން ލޭ ފޭބުމުން ނުވަތަ މިފަދަ ކަމަކުން ރޯދަވެރިޔާގެ ރޯދަ ނުގެއްލޭނެ އެވެ.


ބ. ހޮޑުލުން: އަމިއްލައަށް ގަދައަޅައި މަސައްކަތްކޮށް ހޮޑުލައިފިނަމަ ރޯދަގެއްލޭނެ އެވެ. އެހެނަސް އިޚްތިޔާރެއް ނެތި ހޮޑުލެވުމުން ރޯދަ ނުގެއްލޭނެ އެވެ.
ރޯދަ ގެއްލޭ މި ކަންތައްތަކުގެ ތެރެއިން ކަމެއް ހަނދާން ނެތިގެން ނުވަތަ އޭނާއަށް ނޭނގުމުގެ ސަބަބުން ކުރެވިގެން ރޯދަ ނުގެއްލޭނެ އެވެ. ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ.  وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُمْ بِهِ وَلَكِنْ مَا تَعَمَّدَتْ قُلُوبُكُمْ " މާނައީ "އަދި ތިޔަބައިމީހުންނަށް ނޭނގި ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނަސް ފާފައޮތީ ތިޔަބައިމީހުންގެ ހިތްތައް ޤަޞްދުކުޅަ ކަމަކާ މެދުގައެވެ." އަދި ވަޙީ ކުރެއްވިއެވެ. " رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا  މާނައީ "އަހަރަމެންގެ ވެރި އިލާހެވެ. އަޅަމެން ހަނދާން ނެތިއްޖެ ނަމަ ނުވަތަ ޤަސްދެއްނެތި އަޅަމެންނަށް ކުށެއްވެވިއްޖެ ނަމަ އެކަމުގެ ޢުޤޫބާތް އަހަރަމެންނަށް ނުދެއްވާންދޭ އެވެ." ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. "إِنَّ اللَّهَ تَجَاوَزَ عَنْ أُمَّتِي الْخَطَأَ وَالنِّسْيَانَ وَمَا اسْتُكْرِهُوا عَلَيْهِ" މާނައީ "ހަމަކަށަވަރުން ﷲ ތަޢާލާ ތިމަން ނަބިއްޔާއަށް ތިމަން ނަބިއްޔާގެ އުންމަތުގެ އަހުލުވެރިން ނޭނގި ކުރެވޭ ކުށްތަކާއި ހަނދާން ނެތިގެން ކުރެވޭ ކަންތައްތައް ވަނީ ޢަފޫކޮށްދެއްވާފައެވެ." އަދިވެސް ޙަދީޘް ކުރައްވާފައިވެ އެވެ. "مَنْ نَسِيَ وَهُوَ صَائِمٌ فَأَكَلَ أَوْ شَرِبَ فَلْيُتِمَّ صَوْمَهُ فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ" މާނައީ "ރޯދައަށްވުރެ ހަނދާން ނެތިގެން ކައިބޮއެފި މީހާ އޭނާގެ ރޯދަ ފުރިހަމަ ކުރާށެވެ. ހަމަކަށަވަރުން އޭނާއަށް ކެއުން އަދި ބުއިން ދެއްވީ ﷲ އެވެ." އަސްމާ ބިންތް އަބީބަކްރު – رضي الله عنها – ގެ ފަރާތުން ޞަޙީޙް ބުހާރީގައި އައިސްފައިވެ އެވެ. "އަހަރެމެން ނަބިއްޔާ صلى الله عليه وسلم ޒަމާނުގައި ރަމަޟާން މަހެއްގެ ދުވަހެއްގައި ވިލާބޯވެ އިރުއޮއްސިއްޖެ ކަމުގައި ދެކި ރޯދަ ދޫކުރީމެވެ. އޭގެ ފަހުން އަނެއްކާވެސް އިރު ފެނުނެވެ." މި ދުވަހުގެ ރޯދަ ޤަޟާ ކުރެއްވިކަމަށް އަދި އަމުރުކުރެއްވި ކަމަށް އެއްވެސް ގޮތަކަށް އިނގޭކަށް ނެތެވެ. މިފަދަ މިސާލަކީ ފަތިސްވަގުތުނުވާ ކަމަށް ހީކޮށް ކައިބޮއެ ހަދާ ނިމުނު ހިނދު ފަތިސް ވަގުތު ވަދެއްޖެކަން އިނގުނު ކަމުގައިވިއަސް އޭނާގެ ރޯދަ ޞައްޙަ ވާނެ އެވެ. ޤަޟާކުރުމެއް ނުވެއެވެ.


ރޯދަވެރިޔާ ބޭނުން މީރުވަސްދުވާ ތަކެތި ބޭނުންކުރުން ހުއްދައެވެ. ބުޚޫރު އަދި އެނޫން ވައްތަރުގެ މީރުވަސްދުވާ ތަކެތި ވިއަސްމެ އެވެ. ރޯދައެއް ނުގެއްލޭނެ އެވެ.


އަދި ރޯދަވެރިޔާ ލޮލަށް ބޭސްފަރުވާ ކުރުމުގެ ގޮތުން ބޭސް ލޮލަށް އެޅުން ހުއްދަވެގެންވެ އެވެ. ރޯދައެއް ނުގެއްލޭނެ އެވެ.
و الله أعلم وصلى الله وسلم على نبينا محمد وعلى أله وصحبه أجمعين

 

ރޯދަ: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ރަމަޟާން މައްސަރުގެ ބޮޑުބައި ފާއިތުވެއްޖެ! ﷲ އަށްޓަކައި ރޯދަހިފާ ފަރާތްތަކަށް އޮތީ ކޮން ގޮތެއް؟ - الشَّيخ الإِمَام ابن بَاز رحمه الله | 12 މެއި 2020

ރޯދައަށް ހުރި ދުވަހެއްގައި މަޣްރިބް ފަހުން އަންހެނަކު ޙައިޟުވުން - سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله كتب بوا | 01 މެއި 2020

ރޯދަވެރިޔާ އަނދުން އެޅުން އަދި ރޯދައަށް ހުންނަ އަންހެނާ މޭކަޕް ކުރުން - الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله | 01 މެއި 2020

 ރޯދަވެރިޔާ ޤިޔާމަތް ދުވަހު ރޯދައިގެ ޘަވާބާއި ދަރުމަ ފެނި އުފާވާނެ ކަން - الشَّيخ عَبْدُ الرزَّاق بن البدر حفظه الله | 30 އޭޕްރީލް 2020

 ރޯދަވެރިންގެ ރޯދައިގެ ޘަވާބު އުނިކުރާނެ އެންމެހައި ކަންތައްތަކުން ދުރުވުން - الشَّيخ خَالد بِنْ ضَحْوِي الظّفيْرِي حفظه الله | 30 އޭޕްރީލް 2020

ޞަޙާބީން އަދި އުއްމަތުގެ ސަލަފުއް ޞާލިހުން ރަމަޟާން މަހާއި ބައްދަލު ކުރާގޮތް - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 22 އޭޕްރީލް 2020

ރަމަޟާންމަހަށް އިސްތިޤްބާލުކޮށް ތަހުނިޔާ ކިޔުން - الإِمَامُ محمد ابن العثيمين رَحِمَه الله | 25 އޭޕްރީލް 2019

 ޤަޟާ ރޯދަތަކެއް ހިފަންޖެހިފައިވާ މީހާ ޝައްވާލު މަހުގެ 6 ރޯދަ ހިފުން - الإمام العلامة الشيخ صالح الفوزان حفظه الله | 15 ޖޫން 2018

 ފަރުޟު ރޯދަ ޤަޟާ ކުރަން ޖެހިފައިވާ މީހަކު ސުންނަތް ރޯދަހިފުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟ - الإِمَامُ محمد بن صالح العثيمين رَحِمَه الله | 15 ޖޫން 2018

 ރަމަޟާން މަހުގެ ހެޔޮކަމާއި، މާތް، މަތިވެރިކަމުގެ މައްޗަށް ޣާފިލު ނުވުން - الشَّيخ د. مُحَمَّد غَالِب العُمري حفظه الله | 02 ޖޫން 2018

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...