އަހަރުމެންގެ ދަޢުވަތް
بسم الله الرّحمن الرّحيم
الحمد لله ربّ العالمين ، وصلّى الله وسلّم على رسوله الأمين ، وبعد:
އަހަރުމެންގެ ދަޢުވަތަކީ ޤުރުއާނާއި ސުންނަތަށް ސަލަފުއް ޞާލިޙުންގެ ފަހުމާ އެއްގޮތަށް ތަބާވުމަށް ދެވޭ ދަޢުވަތެކެވެ. ޢިމްރާމް ބިން އަލްޙުސައިން رضي الله عنه ރިވާކުރެއްވި މަޝްހޫރު ޙަދީޘްފުޅުގައި ނަބިއްޔާ صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ. [ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ޤަރުނަކީ ތިމަން ނަބިއްޔާގެ ޤަރުނުވެ. އެއަށްފަހު ދެންއަންނަ ޤަރުނެވެ. ދެން އެއަށްފަހު އަންނަ ޤަރުނެވެ....](1) އެހެންކަމުން، ޢިލްމުވެރިންގެ ނަސޭހަތާއި ޠުއްލާބުލް ޢިލްމު (ޢިލްމުވެރިންގެ އަރިހުން ދަރުވަރުވެފައިވާ ދަރިވަރުން) ގެ އިރުޝާދުގެ ދަށުން އަހުރެމެން ދަޢުވަތުދެނީ މި މާތްވެގެންވާ ސަލަފީ މަންހަޖަށެވެ.
މި ސަލަފީ މަންހަޖު ގޮވާލަނީ ހުރިހާ ބާވަތެއްގެ ޝިރުކާއި ބިދުޢަތައް އިސްލާމްދީނުން އެއްކިބާ ކުރުމަށެވެ. އަދި ނަބިއްޔާ صلّى الله عليه وسلّم އަވަހާރަވެވަޑައިގެންނެވި އިރު ދޫކުރައްވައިދިޔަ ޢަޤީދާއާއި މަންހަޖަށް ރުޖޫޢަވުމަށެވެ. އެއީ ނަބިއްޔާ صلّى الله عليه وسلّم ގެ ޞަޙާބީން ޤުރުއާނާއި ސުންނަތް ފަހުމް ކުރިގޮތަށް އެޤުރުއާނާއި ސުންނަތް ފަހުމް ކުރުމަށް ގޮވާލާ ގޮވާލުމެކެވެ. ފަހެ، ހަމަކަށަވަރުން މިއަދު އަހަރުމެން ދެކެމުން މިދާ ބައިބައިވުމާ މެދު ނަބިއްޔާ صلّى الله عليه وسلّم ވަނީ އިންޒާރުދެއްވާފައެވެ. ނަބިއްޔާ صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ. [ތިޔަބައިމީހުންގެ ކުރިން ފޮތްތަކުގެ އަހުލުވެރިން 72 ބަޔަށް ބައިބައިވެ ބެހިގެން ދިޔައެވެ. އަދި މިއުއްމަތް 73 ބަޔަށް ބައިބައިވެ ބެހިގެންދާނެއެވެ. އޭގެ ތެރެއިން 72 ބައިގަނޑު ވަނީ ނަރަކާއިގައެވެ. އަދި ސުވަރުގޭގައިވަނީ އެންމެ ބައިގަނޑެކެވެ.](2) އަދި އެހެން ރިވާޔަތެއްގައި ވެއެވެ. [އެންމެ ބައިގަނޑެއް ފިޔަވައި އެ އެންމެން ވަނީ ނަރަކާއިގައެވެ. އެހިނދު ދެންނެވުނެވެ! އެ ބައިގަނޑަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ތިމަން ނަބިއްޔާ އާއި ތިމަން ނަބިއްޔާގެ އަޞްހާބުން އެގޮތެއްގެ މަތީގައި ތިބި ގޮތުގައިވާ މީހުންނެވެ.] (3)
1. الله سبحانه وتعالى އަށާއި، އެއިލާހުގެ އިސްމަފުޅުތަކާއި ސިފަފުޅުތަކަށް އަހަރުމެން އީމާންވަމެވެ. އަހަރުމެން އެކަންތައްތަކަށް އީމާންވަނީ الله سبحانه وتعالى ގެ ފޮތާއި އެއިލާހުގެ ނަބިއްޔާ صلّى الله عليه وسلّم ގެ ސުންނަތުގައި އެކަންތައްތައް ޛިކުރުކުރެވިފައިވާ ގޮތަށެވެ. އެއްވެސް ތަޙްރީފެއް، އެއްވެސް ތައުވީލެއް، އެއްވެސް ތަމްޘީލެއް އެއްވެސް ތަޝްބީހެއް، އަދި އެއްވެސް ތަޢުޠީލެއް އަދި އެއްވެސް ތަކްޔީފެއް ކުރުމަކާ ނުލައެވެ.
2. ނަބިއްޔާ صلّى الله عليه وسلّم ގެ އެންމެހާ ޞަޙާބީން ދެކެ އަހުރެމެން ލޯބިވަމެވެ. އަދި އެ ޞަޙާބީންނާ ދެކޮޅަށް ވާހަކަ ދައްކާ، އެ ޞަޙާބީންނަށް ބަދުބަސްބުނާ މީހުންދެކެ އަހަރުމެން ނަފުރަތު ކުރަމެވެ. އަހަރުމެން ދެކޭ ގޮތުގައި އެ ޞަޙާބީންނަށް ބަދުބަސް ބުނުމަކީ އިސްލާމްދީނަށް ބަދުބަސްބުނުން ކަމުގައެވެ. ސަބަބަކީ އެ ދީން އަހަރުމެން ހިސާބަށް ގެނެސްދެއްވީ އެ ޞަޙާބީން ކަމުގައި ވާތީއެވެ. އަދި ޝަރީޢަތުގައި އަހަރުމެން މައްޗަށް ހުއްދަކޮށްފައިވާ މިންވަރަށް ނަބިއްޔާ صلّى الله عليه وسلّم ގެ އާލުބައިތުންދެކެ އަހަރުމެން ލޯބިވަމެވެ.
3. އަހްލުއް ސުންނަތުގެ ތެރެއިންވާ މިއުއްމަތުގެ އެންމެހާ ސަލަފުންނާއި ޙަދީޘްގެ އަހުލުވެރިން ދެކެ އަހަރުމެން ލޯބިވަމެވެ.
4. ޢިލްމުލް ކަލާމަށް އަހުރެމެން ނަފްރަތު ކުރަމެވެ. އަދި އަހަރުމެން ދެކެނީ ޢިލްމުލް ކަލާމް އަކީ މިއުއްމަތް ބައިބައިވެގެން ދިޔުމަށް މެދުވެރި އެންމެ ބޮޑެތި ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައެވެ.
5. ފިޤުހުގެ ފޮތްތަކާއި، ތަފްސީރު ފޮތްތަކާއި، ކުރީގެ ވާހަކަތަކާއި، ސިޔަރަތު ފޮތްތަކުގައިވާ ވާހަކަތައް އަހަރުމެން ޤަބޫލެއް ނުކުރަމެވެ. އޭގެ ތެރެއިން الله سبحانه وتعالى ގެ ޙަޟްރަތުން ނުވަތަ އެއިލާހުގެ ނަބިއްޔާ صلّى الله عليه وسلّم ގެ އަރިހުން ސާބިތުވެއްޖެ އެއްޗަކަށް މެނުވީއެވެ. މީގެ މާނައަކީ އަހުރެމެން އެތަކެއްޗަށް އިންކާރުކުރާ ވާހަކައެއް ނޫނެވެ. އަދި އެތަކެއްޗަށް ބޭނުން ޖެހިފައިވާ ނުވާ ވާހަކައެއްވެސް ނުމެ ނޫންމެވެ. އެހެނެއްކަމަކު، އަހަރުމެން ޢިލްމުވެރިންނާ ފިޤުހުވެރިން ފަދަ ބޭފުޅުން ކުރަށްވާ ޢިލްމީ ދިރާސާތަކުން ފައިދާ ޙާޞިލްކުރަމެވެ. ނަމަވެސް، ޞައްޙަ ދަލީލެއް ނެތި އެއިން އެއްވެސް އެއްޗެއް އަހަރުމެން ޤަބޫލެއް ނުކުރަމެވެ.
6. ޤުރުއާނާއި ޞައްޙަ ޙަދީޘްތަކުން ވާރިދުވެފައިވާ ރިވާޔަތްތަކުން މެނުވީ އަހަރުމެންގެ ފޮތްތަކުގައި އަހުރެމެން ނުލިޔަމެވެ. އަދި އަހަރުމެންގެ ދަރުސްތަކުގައްޔާއި ޚުޠުބާތަކުގައި އެ ޤުރުއާނާއި ޞައްޙަ ޙަދީޘްތަކުން މެނުވީ ވާހަކައެއް ނުދައްކަމެވެ. އަދި ބައެއް ފޮތްތަކުންނާއި ބައެއް ވަޢުޘުކިޔައިދޭ މީސްމީހުންގެ ފަރާތުން ފާޅުވެގެންދާ ދޮގު ވާހަކަތަކާއި، ބަލިކަށި މަވްޟޫޢު ޙަދީޘްތަކަށް އަހަރުމެން އިންކާރުކުރަމެވެ. އަދި އެކަންތައްތަކުން އަހަރުމެން ބަރީއަވެގަންނަމެވެ.
7. ޝިރުކާއި، ޤަސްދުގައި ނަމާދު އެޅުމާއި، މުރުތައްދުވުން ފިޔަވައި، މުސްލިމަކު ކުރާ އެހެން ފާފައެއްގެ ސަބަބަބުން އެ މުސްލިމެއްގެ މައްޗަށް އަހަރުމެން ތަކްފީރު (އެބަހީ: ދީނުން ބޭރުވެފައިވާ ކަމުގައި ނިންމުން) ނުކުރަމެވެ. އަދި އެފަދަ ކަންތައްތަކުން الله سبحانه وتعالى ގެ ޙަޟްރަތުން އަހަރުމެން ރައްކާތެރިކަމަށް އެދެމެވެ.
8. އަހަރުމެން އީމާންވަނީ ޤުރުއާނަކީ الله سبحانه وتعالى ގެ ކަލާމްފުޅު ކަމުގައެވެ. އެއީ މަޚްލޫޤެއް ނޫނެވެ.
9. الله سبحانه وتعالى ގެ މަގަށް ދަޢުވަތް ދިނުމުގައްޔާއި، އެއިލާހަށް އަޅުކަންކުރުމުގައި އިޚްލާޞްތެރިވުމުގައްޔާއި، ޝިރުކާއި ބިދުޢަތަކާއި އުރެދުންތަކާމެދު އިންޒާރު ދިނުމުގައްޔާއި، މިކަންތައްތަކާއި ދެކޮޅުހަދާ އެހެން ބައިގަނޑުތަކަށް ނަޞޭޙަތްތެރިވުމުގައި، ޤުރުއާނާއި ސުންނަތަށް ތަބަޢަވެ، މިއުއްމަތުގެ ސަލަފުންގެ މަންހަޖަށް ތަބާވާ ބަޔަކަށް އެއްބަރުލުން ދިނުމަކީ އަހަރުމެން ޤަބޫލުކުރާ ގޮތުގައި އަހަރުމެންގެ މައްޗަށް ވާޖިބުގެންވާ ކަމެކެވެ. ވުމުން، ހެޔޮކަންތައްތަކާއި، ތަޤުވާވެރިވުމާއި، އެއްބަޔަކު އަނެއްބަޔަކަށް ނަޞޭޙަތްތެރިވުމުގައި އެހީތެރިވެ އެއްބާރުލުން ދިނުމުގެ ސަބަބުން އަހުރެމެންގެ މައްޗަށް ލާޒިމްވެގެންވަނީ ނުބައި ކަންތައްތަކާމެދު އިންޒާރު ދިނުމަށާއި، އެކަންތައްތަކުގެ އަހުލުވެރިންނަށް އެއްބާރުލުން ނުދިނުމަށެވެ.
10. އަހަރުމެން ދެކޭ ގޮތުގައި މިއަދު މި އުއްމަތުގައިވާ ގިނަގުނަ ޖަމާޢަތްތަކާއި ބައިގަނޑުތަކާ ޕާޓީ ތަކަކީ މިއުއްމަތް ބައިބައިވެ ބަލިކަށިވާން މެދުވެރިވި ސަބަބުތަކުގެ ތެރެއިން ސަބަބުތަކަކެވެ. އެހެންކަމުން، އަހަރުމެން މަސައްކަތްކުރަނީ ތަޤްލީދު ކުރުމާއި، ވަކިވަކިވެގަތުމާއި، ޕާޓީ ރޫޙުގެ އަނދިރިގަނޑުގެ ތެރެއިން މީސްތަކުން ނެރެ އެބައިމީހުންގެ ފިކުރުތަކަށް މިނިވަންކަން ހޯދައިދިނުމަށެވެ.
11. ﷲ ގެ ފޮތާއި ރަސޫލުﷲ صلّى الله عليه وسلّم ގެ ސުންނަތް ފަހުމްކޮށްގަތުމުގައި އަހަރުމެންގެ ފަހުމާއި ވިސްނުން އަހަރުމެން ހިފަހައްޓައި މަޙްދޫދުކުރަނީ މިއުއްމަތުގެ އިސްވެ ގޮސްފައިވާ ޙާދީޘް ޢިލްމުވެރިންގެ ތެރެއިންވީ ސަލަފުންގެ ފަހުމަށެވެ. އެ ސަލަފުންގެ ޝަޚްސިއްޔަތުތަކަށް ތަޤްލީދުކުރާ މީހުންނާ ޚިލާފަށް، ކޮންމެ ދިމާލަކުން ޙައްޤު އައި ކަމުގައިވިޔަސް އަހަރުމެން އެ ޙައްޤު ޤަބޫލުކުރަމެވެ.
12. ސަލަފިއްޔަތަށް ދަޢުވާކުރާ ޙާލު، އެބައިމީހުންގެ ކިބައިން ސަލަފިއްޔަތު ބަރީއަވެގެންވާ ބަޔަކު މުޖުތަމަޢުގައި ވާކަން އަހަރުމެން ދަންނަމެވެ. އެހެނީ الله سبحانه وتعالى ޙަރާމްކުރައްވާފައިވާ ބައެއް ކަންތައްތައް އެމީހުން މުޖްތަމަޢަށް ގެނެސްދެއެވެ.
13. އަހަރުމެން ޤަބޫލުކުރަނީ މި ޙައްޤު އިސްލާމްދީނުގެ މަތީގައި އަހަރުމެންގެ ކުޑަކުދިން ތަރުބިއްޔަތު ކުރުމަށެވެ. އިސްވެ ބަޔާންކުރެވުނު ނުބައި ކަންތައްތަކުން ސަލާމަތްވެ ތާހިރުވެގެންވާގޮތުގައެވެ. އެންމެ ފުރަތަމަވެސް ޞައްޙަ އިސްލާމީ ތަރުބިއްޔަތުން ފެށުމެވެ. ކާފަރު ހުޅަނގުގެ ތަޢުލީމީ ނިޒާމުގެ ނުފޫޒުން އެއްކިބާވެ ތިބެއެވެ.
14. އަހަރުމެން ޤަބޫލުކުރަނީ ސިޔާސަތަކީ އިސްލާމްދީނުގެ ތެރެއިންވާ އެއްޗެއް ކަމުގައެވެ. ދީނާއި ސިޔާސަތު ވަކިކުރަން މަސައްކަތްކުރާ މީހުން އެމަސައްކަތްކުރަނީ ދީން ފުނޑުފުނޑުކޮށްލައި ފިތުނަ ފަސާދަ ޢާންމުކުރުމަށެވެ.
15. އަހަރުމެން ދެކޭ ގޮތުގައި، الله سبحانه وتعالى ގެ ފޮތަށާއި، އެއިލާހުގެ ރަސޫލާ صلّى الله عليه وسلّم ގެ ސުންނަތަށް ސަލަފުއް ޞާލީޙުންގެ މަންހަޖާ އެއްގޮތަށް ރުޖޫޢަވެއްޖައުމަށް ދާންދެން މުސްލިމުންނަށް އެއްވެސް ޢިއްޒަތެއް އަދި ނަޞްރެއް ނުލިބޭނެއެވެ.
16. ދީނުގެ ކަންތައްތައް އުޞޫލުތަކާއި ފުރޫޢު ތަކަށް ބަހާލުމާ މެދު އަހަރުމެން ދެކޮޅުވެރިވަމެވެ. އެއީ ގެއްލުންދޭ ދަޢުވަތެއްކަން އަހަރުމެންނަށް އެނގެއެވެ.
17. މިއީ ތިކަން ކުރަންވީ ވަގުތެއް ނޫނޭ ބުނެ ސުންނަތުގެ ޢިލްމު އެކަހެރިކޮށްލާ މީހުންނާ އަހަރުމެން ދެކޮޅު ހަދަމެވެ. އަދި ހަމައެފަދައިން ރަސޫލުﷲ صلّى الله عليه وسلّم ގެ ސުންނަތައް ޢަމަލުކުރުމުން އެއްކިބާވެގަންނަ މީސްމީހުންނާވެސް އަހަރުމެން ދެކޮޅުވެރިވަމެވެ.
18. ރަނގަޅު ގޮތުގައި ގެނެސްދެވިފައިވާ ދަލީލުތަކެއްގެ މައްޗަށް ބިނާކޮށް ދެވޭ ފަތުވާއެއް ނޫނީ އަހަރުމެން ޤަބޫލެއް ނުކުރަމެވެ.
19. އަހަރުމެންގެ ޢަޤީދާ އާއި ދަޢުވަތަކީ އަހަރުމެންގެ އަމިއްލަ ނަފްސުތަކާއި، އަހަރުމެންގެ މުދަލާއި، އަނބިދަރީންނަށްވުރެ އަހަރުމެންނަށް މާ ލޮބުވެތިކަން ބޮޑު އެއްޗެކެވެ. ރަނާ ރިހީގެ އަގަކަށް އެދަޢުވަތާއި ދުރަށް އަހަރުމެނެއް ނުގެންދެވޭނެއެވެ. އަހަރުމެން މިނުކުތާ ފާހަނގަކުރަނީ އެއްވެސް މީހަކު އަހަރުމެންގެ ދަޢުވަތް ގަނެލުމުގެ އުއްމީދު ގެންގުޅުނަ ނުދިނުމަށްޓަކައެވެ. އަހަރުމެންގެ އަތުން ދީނާރާއި ދިރުހަމަށް އެ ދަޢުވަތް ގަނެލެވޭނެކަމަށް އެއްވެސް މީހަކު ހީނުކުރާށެވެ.
20. މިއަދުގެ މިޒަމާނުގައިވާ ސުންނަތުގެ ޢިލްމުވެރިން ދެކެ އަހަރުމެން ނުހަނު ލޯބިވަމެވެ. އަދި އެ ޢިލްމުވެރިންގެ ފޮތްތަކާއި ފަތުވާތަކާއި ދަރުސްތަކުން އަހަރުމެން ފައިދާ ޙާޞިލްކުރަމެވެ. އަދި އެޢިލްމުވެރިންގެ ތެރެއިން ގިނަބަޔަކު އަވަހާރަވެގެން ދާކަމުގެ މައްޗަށް ނުހަނު ހިތާމަކުރަމެވެ. އަދި އެ ޢިލްމުވެރިންގެ މައްޗަށް ހެޔޮ ދުޢާކުރަމެވެ.
މިއީ އަހަރުމެން ދަޢުވަތާއި ޢަޤީދާގެ މައްޗަށް ހިންގާލެވިފައިވާ ނަޒަރެކެވެ. އެއްވެސް މީހަކު މިއިން ކަމަކާ ޚިޔާލުތަފާތުވާނަމަ، އަހަރުމެން މިތިބީ ތެދުވެރި ނަޞޭޙަތެއް ނަމަ ޤަބޫލުކުރުމަށް، ބާޠިލު ވާހަކަތަކެއް ނަމަ އެއަށް ރައްދު ދިނުމަށް، އަދި ކިބުރުވެރި އިންކާރުކުރުމެއް ނަމަ އެކަހެރިކޮށްލުމަށް ތައްޔާރަށެވެ. ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ الله سبحانه وتعالى އެވެ.
وصلّى الله وسلّم على نبيّنا محمّد وآله وصحبه أجمعين ، والحمد لله ربّ العالمين
------------------------------
(1) رواه مسلم في صحيحه
(2) رواه أبو داوود ، رقم: 4597، حسن
(3) حسن. رواه التّرمذي (5/62) والحاكم (1/128) و صحّحه الحافظ العراقي في تخريج الإحياء (3/199) والألباني في الصّحيحة رقم: 204