5  ސަލަފިއްޔާ ވަނީ ދީނުގައި ދެރަ ނިކަމެތިކުރެވިގެންވާ ޙިޒްބިއްޔަތުން ބަރީޢަވެގެން - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ސަލަފިއްޔާ ވަނީ ދީނުގައި ދެރަ ނިކަމެތިކުރެވިގެންވާ ޙިޒްބިއްޔަތުން ބަރީޢަވެގެން - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله

ލިޔެ ތައްޔާރުކުރީ: އަލް-އަޚް ޢަދިއްޔު ބިން މުޙައްމަދު حفظه الله. ކެޓަގަރީ ޙިޒްބިއްޔަތާއި ޙިޒްބީން

މަކްތަބާ ސަލަފިއްޔާއަށް ނިޞްބަތްވާ ސަލަފީ އުސްތާޛުންނާއި ސަލަފީ މަރުކަޒުތަކާއި "ސަލަފިއްޔަތަށް" ނިޞްބަތްވާ އިޚްވާނުންނަކީ "ޙިޒްބީން" ކަމުގައި ފާޅުގައި އިޚްވާނީ ޙިޒްބީ ޖަމްޢިއްޔާ ޖަމާޢަތްތަކާ ޕާޓީތަކުގެ އަހުލުވެރިން ދަނީ ޙީލަތްތެރިކަމާއެކު ފާޅުކުރަމުންނެވެ. އުޞޫލީ ޢިލްމުވެރިން ވިދާޅުވެފައި ވާފަދައިން العبرة بالحقائق والمعاني، لا بالإلفاظ والمباني "މުހިންމީ ޙަޤީޤަތާ މާނައެވެ. ނަންތަކާ ބިނާ ތަކެއް ނޫނެވެ." ދެވިފައިވާ ނަމަކާއި ޙަޤީޤަތާ ފުށުއަރާ ކަމުގައިވާނަމަ ބަލަން ޖެހޭނީ އެ ނަމުގެ ޙަޤީޤަތާ އެއިން ދޭހަވާ މާނައަށެވެ. ނަންތަކުގެ ބޭރުފުށުގައި ފޮރުވިގެންތިބެ އެތެރެފުށް އެ ނަންތަކާއި ޚިލާފުވެގެންވި ހިނދުގައި ދެވިފައިވާ ނަމެއްގެ އެއްވެސް ފާއިދާއެއް ނެތެވެ. ޢިލްމުވެރިންވަނީ ރިވެތި ނަންތަކުގެ ފަހަތުގައި ފޮރުވިތިބެ ބާޠިލް ފެތުރުމުގެ މައްޗަށް އިންކާރު ކޮށްފައެވެ. މިއަދު މިއީ އިޚްވާނުލް މުސްލިމީން އާއި ހައްދާދިޔާއިންގެ ފިރުޤާގެ އަލުވެރިން "ސަލަފިއްޔަތަށް" "ސަލަފުންނަށް" ނިޞްބަތްވާ ޒަމާނެކެވެ. (1) އިޚްވާނުލް މުސްލިމީންގެ ފިކުރީ އޮއިވަރުގައި ޖެހިފައިވާ ބަޔަކުވަނީ "ސަލަފް ސަލަފީ" ނަމުގައި ސިޔާސީ ޕާޓީތައް (ޙިޒްބުތައް) އަދި ޙިޒްބީ ޖަމްޢިއްޔާ ޖަމާޢަތްތައް ހަދާފައެވެ. އޭގެ މިސާލަކަށް މިސްރުގެ "ސަލަފީ ނޫރު ޕާޓީ" ނަމުގައި ހަދާފައިވާ ޙިޒްބު ހިމެނެ އެވެ. ފުރަތަމަ ބަޔަކީ ސަލަފީ މަންޙަޖުގެ މައްޗަށް ފަރުވާކުޑަކޮށް ތަމްޢީޔުކޮށް ޖަމަޢަވެގެން ޙިޒްބު ހެދި ބައެކެވެ. އެބައިމީހުން އެންމެހާ މަންޙަޖުތަކުގެ އަހުލުވެރިން ޖަމަޢަކުރެއެވެ. (2) ދެވަނަ ބަޔަކީ ސަލަފީ މަންޙަޖުގައި ހިފުމުގެ ނަމުގައި ހައްދު ފަހަނައަޅައި ދިޔަ ޙައްދާދިއްޔާއިންގެ ފިރުޤާއެވެ. އެއީ މީސްތަކުން ބިދުޢަވެރިކޮށް މަންޙަޖުން ބޭރު ކުރުމުގައި ހައްދު ފަހަނައަޅައި ދިޔަ ބައެކެވެ. ޙައްދާދީންވެސް އަމިއްލަ ނަފްސަށް ނިޞްބަތްކުރީ "ސަލަފީ" "ސަލަފް" މި ނަން ނަމެވެ. އެހިނދު ޢިލްމުވެރިން "ސަލަފީ" މި ނަން ބޭރުފުށުން ދައްކައި ޙައްދާދީ (މީސްތަކުން ބިދުޢަވެރިކޮށް ޖަރަޙަކުރުމުގައި ހައްދުފަހަނައަޅައިދިޔަ) މަންޙަޖުގެ އިޚްތިޔާރު ކުރި އަހުލުވެރިންނަށް ރައްދު ދެއްވިއެވެ. އޭގެ ތެރެއިން އިމާމް އިބްނު އުޘައިމީން، އިމާން އިބްނު ބާޒް، އިމާމް އަލް-ބާނީ އަދި ޝެއިޚް ރަބީޢް ފަދަ ޢިލްމުވެރިން ހިމެނިވަޑައިގަތެވެ. މިއަދު އިޚްވާނުލް މުސްލިމީންގެ ގެ ފިކުރުގައި ޖެހިފައިވާ ޙިޒްބީ ޖަމްޢިޔާ ޖަމާޢަތްތަކުގެ އަޙުލުވެރިންވަނީ ޝެއިޚް އުޘައިމީން ޙައްދާދީ ފިރުޤާގެ (ސަލަފީ ނަން ކިޔައި ނަންދީ ހަދާފައިވާ) ޙިޒްބުގެ މައްޗަށް އިންޒާރުދީ ބަޔާންކޮށްފައިވާ ބަސްތައް ނަގައި ހަޤީޤީ ޞަލަފުއް ޞާލިހުންގެ މަންޙަޖުގެ މަތީގައިވި "ސަލަފީ" އަޚުންނަށް މި ބަސްތައް ނިޞްބަތްކޮށް ސުންނަތުން މަންޙަޖުން ބޭރުކޮށް ޙައްދާދީ މަންޙަޖު އިޚްތިޔާރުކޮށްފައެވެ. (މަކްތަބާ ސަލަފިއްޔާ ވެބްސައިޓް)

بسم الله الرّحمن الرّحيم
الحمد لله ربّ العالمين ، وصلّى الله وسلّم على محمّد بن عبد الله الأمين و بعد

 

قال أبومحمد: وسمعت أبي رضي الله عنه يقول:

علامة أهل البدع: الوقيعة في أهل الأثر (عقيدة الرازيين)
أبومحمد ވިދާޅުވިއެވެ: އަދި ﷲ ރުއްސުންލެއްވި، ތިމަންގެ ބައްޕަ ވިދާޅުވިއެވެ.

"ބިދުޢައިގެ އަހުލުވެރީންގެ ޢަލާމާތަކީ: އަޘަރުގެ އަހުލުވެރީންނަށް ކުޑައިމީސްކޮށް ބަދުބަސް ބުނުމެވެ."

ސުންނަތް ޖަމާޢަތުގެ އަހުލުވެރިންނަށް ހަޑިހުތުރު ނަންތައްދީގެން ޢާންމު މުސްލިމުންގެ މެދުގައި އަގު ދަށް ކުރުމަށް ބިދުޢަތުގެ އަހުލުވެރިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދެއެވެ. ބިދުޢަވެރިން ސުންނަތާއި އޭގެ އަހުލުވެރިންނާ ދެކޮޅަށް އެންމެ ކުރިއްސުރެ ކުރަމުން ގެންދާ ހަނގުރާމާގައި އެބައިމީހުން ބޭނުން ކުރާ އެންމެ ނުރައްކާތެރި އުކުޅުތަކުގެ ތެރޭގައި ސުންނަތުގެ އަހުލުވެރިންނަށް ހަޑި ހުތުރު ނަންނަމުން ގޮވުން ހިމެނެއެވެ.


މިޒަމާނުގައި މިކަން ވަނީ އާދަޔާ ޚިލާފަށް ޢާންމު ވެފައެވެ. ޢިލްމުވެރިންގެ ތީރުތަކުގެ އަމާޒު ފަތްގަނޑަކަށް ބިދުޢަވެރިންގެ މޭތަށް ވެގެން ދިޔައީ މިއަދަކު އެކަންޏެއް ނޫނެވެ. އެހެނަސް ސައްޔިދު ޤުޠުބާއި، ޙަސަން އަލްބަންނާ އާއި އެފަދަ އެހެންވެސް ބިދުޢަވެރިންގެ ފަންތީގައި ގުނާލެވޭ މީހުންނަށް ސުންނަތް ޖަމާޢަތުގެ ޙަމަލަތައް އެރުމުން، އެމީހުންނަށް ތަޤްލީދު ކުރަމުންދިޔަ ގިނަބަޔަކަށް ހީވީ އެމީހުންގެ ބޯ މައްޗަށް ހަތް އުޑު އެކީ އެއްފަހަރާ ވެއްޓިގަތް ހެނެވެ! ސައްޔިދު ޤުޠުބުގެ ޤުޠުބީ މަންހަޖާއި ޙަސަން އަލްބަންނާގެ އިޚްވާނީ މަންހަޖުގެ ތެރޭގައި ދިރިއުޅެ އެއަށް ދެވި ހިފާ އަނދިރި ލޯބިން އެމަންހަޖު ތަކަށް ލޯބި ކުރުމުގެ ނަތީޖާއަކަށްވީ، ޢިލްމުވެރިން ޙައްޤު ބަޔާންކުރުމުންވެސް އެޙައްޤުބަސް އަޑުއަހާނެ ކަންފަތެއް ނެތް، އެޙައްޤު ދެކޭނޭ ލޮލެއް ނެތް، އެޙައްޤު ވިސްނޭނޭ ހިތެއް ނެތް ބަޔަކު ކަމުގައި އެބައިމީހުން ވެގެންދިއުމެވެ. އަހްލުއް ސުންނަތި ވަލް ޖަމާޢަތުގެ ކުރިމަތީ ކަކޫމައްޗަށް ތިރިވާންޖެހުނު ބިދުޢަވެރިންގެ ލިސްޓަށް އެބައިމީހުންގެ ނަންވެސް އެންމެފަހުން އިތުރުވެގެންދިޔައީއެވެ.

 

ޔޫރަޕް ބައްރުގައި ސަލަފުއްޞާލިޙުންގެ މަންހަޖަށް ނިޞްބަތްވެ، އެމަންހަޖަށް ތަބަޢަވާ މީހުންނަށް މިބިދުޢަވެރިން ދީފައިވާ ނަމަކީ "ނިއޯ ސަލަފީ" އެވެ. އަދި ޢަރަބި ކަރާގައި، ޝާމާއި ނަޖްދާއި ޙިޖާޒުގައި "އައްސަލަފިއްޔަތުލް ޖަދީދާ" ނުވަތަ "މަދްޚަލީން" ގެ ނަމުން ސުންނަތް ޖަމާޢަތުގެ އަހުލުވެރިންނަށް ނަންދީފައިވެއެވެ. މިހާރު މިބަލިމަޑުކަން މިވަނީ ހިންދުކަނޑު ހުރަސްކޮށް މިކުޑަކުޑަ ޖަޒީރާ ޤައުމަށްވެސް ވާޞިލްވެފައެވެ. އާދެ! މި ދިވެހި ރާއްޖޭގައި، ސުންނަތުގެ އަހުލުވެރިންނަށް ހަވާ ނަފްސުގެ އަހުލުވެރިން ދީފައިވާ ނަމަކީ "ސުޕަރ ސަލަފީ" "އެސް،އެސް" އެވެ. ކޮންމެ ގޮތަކަށް ނަންދީފައިވިޔަސް، ދަންނަންޖެހޭ ކަމަކީ، މިނަންތަކަކީ ޢިލްމުވެރިންގެ ކިބައިން އައިސްފައިވާ ނަންތަކެއް ނޫންކަމެވެ. މިއީ ޢިލްމެއް ނެތް ޖާހިލު ބަޔަކު ހަވާނަފްސަށް އަޅުކަންކުރާ ޙާލު ސުންނަތް ޖަމާޢަތުގެ އަހުލުވެރިންނަށް ދީފައިވާ އަނިޔާއެކެވެ. އެބައިމީހުން ހިތަށްއެރި ކޮންމެ ނަމަކުން ނަން ދެވިދާނެއެވެ. އެކަމަކު، މަދީނާ ޔުނިވަސިޓީ އިން ޑިގްރީއެއް ހަމަ ލިބޭ އިރަށް ޢިލްމުވެރިންކަމަށް ހެދިގަންނަ މިފަދަ މީސްމީހުން ދޭ ނަންތަކުން ޙައްޤުގެ އަހުލުވެރިންނަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.

20170902-super-salafi-kiyafai-js-fikuru.jpg

ސަލަފިއްޔަތަށް ތަބަޢަވުން ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް


ޝައްކެއް ނެތެވެ! ސަލަފިއްޔަތަށް ތަބަޢަވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. އެހެނީ ސަލަފިއްޔަތަކީ އެއީ އަހްލުއް ސުންނަތި ވަލް ޖަމާޢަތުގެ މަންހަޖެވެ. ނުވަތަ ސުންނަތް ޖަމާޢަތުގެ އަހްލުވެރިންގެ ގޮތެވެ. ސަލަފިއްޔަތުގެ އެންމެ ވަރުގަދަ އަސާސަކީ ﷲ ގެ ފޮތަށާއި އެއިލާހުގެ ރަސޫލާ صلّى الله عليه وسلّم ގެ ސުންނަތަށް ރުޖޫޢަވުމެވެ. އަދި އެއަށް ފަހު، އެފޮތާއި ސުންނަތް ދަސްކޮށް ފަހުމު ކޮށްގަތުމުގައި ޞަޙާބީން އެ ދަސްކޮށް ފަހުމު ކުރެއްވި ގޮތަށް ތަބަޢަވުމެވެ. އަދި އެއަށްފަހު ޖެހިގެން އައި 2 ޤަރުނުގެ އަހުލުވެރިންގެ މަންހަޖަށް ތަބަޢަވުމުވެ. ނުވަތަ ކުރުކޮށް ދަންނަވާނަމަ، އެންމެ މާތް 3 ޤަރުނުގެ އަހުލުވެރިންނަށް ތަބަޢަވުމެވެ. މިއަސާސަށް ދަލީލު ލިބޭ ޤުރުއާނުގެ އެތައް އާޔަތްތަކާއި ރަސޫލުﷲ صلّى الله عليه وسلّم ގެ އެތައް ޙަދީޘް ބަސްފުޅުތަށް ކަނޑައެޅިގެން ފެންނަން އެބަހުއްޓެވެ.


އެހެނެއްކަމަކު، ގިނަ ބަޔަކު ނުވަތަ މެޖޯރިޓީ ޙަރަކާތްތެރި ކުރުވުމުގެ މަޤްޞަދުގައި ބިދުޢަވެރިން ޢާންމު މުސްލިމުންގެ މެދުގައި ސަލަފިއްޔަތަކީ ބާޠިލް އެއްޗެއް ކަމުގައި ފަތުރައި އެއާ މެދު މުސްލިމުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށްޓަކައި ކުރިންވެސް ބުނެވިދިޔަފަދަ ނަންތައް ސަލަފިއްޔަތާ އޭގެ އަހުލުވެރިންނަށް ދެމުންގެންދިޔައެވެ. ނަމަވެސް ޔޫރަޕު ބައްރުގައިވެސް ބިދުޢަވެރިންގެ މި ނަންދިނުމުގެ 'ހުނަރަށް' ނިމުމެއް ގެނެސްފައިވަނީ އެތަންތާގައި ދިރިއުޅެމުންގެންދާ ސުންނަތް ޖަމާޢަތުގެ އަހުލުވެރިންނެވެ. ހަމައެފަދައިން ޢަރަބި ކަރާގައި މިފިތުނަ ފެތުރުމުން، ޢިލްމުވެރިން އެންމެން އެކަތިގަނޑަކަށްވެ އެފިތުނައިގެ ހުޅުތަކަށް ޢިލްމުގެ ފެނުން ފެންދީ ނިއްވާލިއެވެ. ހަމައެފަދައިން މިއަދު މިފިތުނަ ދިވެހި ބިންމައްޗަށް ފާޅުވުމާއެކު، މިބިމުގައި ތިބި ސުންނަތް ޖަމާޢަތުގެ އަހުލުވެރިންނަށްވެސް އޮތީ އެފިތުނަ އޭގެ މުލުން ލުހެލައި، ބިދުޢަވެރިންގެ މި 'ހުނަރަކީ' ވެސް ބާޠިލު އެއްޗެއްކަން ބަޔާންކޮށްދިނުމެވެ.


މިފަދައިން މުސްލިމުންނަށް ބިދުޢަވެރިންގެ ޙާލަތު ބަޔާންކޮށްދީ އެބައިމީހުންގެ ރޭވުންތަކާއި އުކުޅުތައް ހާމަކޮށްދެވޭ ކޮންމެ ފަހަރަކު އެބިދުޢަވެރިން އަނެއްކާވެސް އެހެން ބެރަކަށް މުސްލިމުން ނަށާތޯ މަސައްކަތް ކުރެއެވެ. އަދި މިފަދައިން ރިހޭ ފައި މައްޗަށް ފޮއި ވެއްޓޭ ކޮންމެ ފަހަރަކު، ލިބޭ ވޭނާ އަންނަ ރުޅީގައި އަނެއްކާވެސް ކޮންމެވެސް 'ޅައެއްޗެއް' ހަދައެވެ. އަދި އެބައިމީހުންނަށް ދުވަހަކުވެސް ކާމިޔާބު ނުވާނޭ މަސައްކަތެއް ކުރުމަށްޓަކައި، އާދެ، ސަލަފިއްޔަތާއި އޭގެ އަހުލުވެރިން ނެތިކޮށްލުމަށްޓަކައި، ނުވަތަ ސަލަފީންގެ އަގު ވައްޓާލުމަށްޓަކައި އަނެއްކާވެސް އިތުރު 'ކުޅިއެއް' ނެރެއެވެ. އެބައިމީހުންގެ ހިތްތަކުގައި ސުންނަތުގެ އަހުލުވެރިންދެކެ އޮންނަ ނަފުރަތާއި ރުޅިވެރިކަމަކީ އެއާ މެދު ޙައިރާންވާންޖެހޭ ކަމެއް ނޫނެވެ! ހުސްޠާހިރުވަންތަ މަތިވެރި މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

 

هَا أَنتُمْ أُولَاءِ تُحِبُّونَهُمْ وَلَا يُحِبُّونَكُمْ وَتُؤْمِنُونَ بِالْكِتَابِ كُلِّهِ وَإِذَا لَقُوكُمْ قَالُوا آمَنَّا وَإِذَا خَلَوْا عَضُّوا عَلَيْكُمُ الْأَنَامِلَ مِنَ الْغَيْظِ ۚ قُلْ مُوتُوا بِغَيْظِكُمْ ۗ إِنَّ اللَّـهَ عَلِيمٌ بِذَاتِ الصُّدُورِ ﴿١١٩﴾ إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا بِهَا ۖ وَإِن تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا ۗإِنَّ اللَّـهَ بِمَا يَعْمَلُونَ مُحِيطٌ ﴿١٢٠﴾ ތަރުޖަމާގެ މާނަ: "ތިޔަބައިމީހުން، އެއުރެންދެކެ ތިޔަ ލޯބިވަނީއެވެ. ތިޔަބައިމީހުން، ހުރިހައި ފޮތަކަށް އީމާންވެގެން ތިބޭއިރުވެސް، އެއުރެން ތިޔަބައިމީހުންދެކެ ލޯތްބެއް ނުވެތެވެ. އަދި، އެއުރެން ތިޔަބައިމީހުންނާ ބައްދަލުވެއްޖެ ހިނދަކު، ތިމަންމެން އީމާންވެއްޖައީމުއޭ ބުނެތެވެ. އަދި، އެއުރެން އެކަހެރިވެއްޖެނަމަ، ތިޔަބައިމީހުންދެކެ އަންނަ ރުޅިން އިނގިލިކުރިތަކުގައި ދައިގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ! ހަމަކަށަވަރުން، اللَّهއީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ތިޔަބައިމީހުންނަށް ހެޔޮގޮތެއް ދިމާވެއްޖެނަމަ، އެކަން އެއުރެންނަށް ހިތާމައަކަށްވެއެވެ. އަދި، ތިޔަބައިމީހުންނަށް ދެރަކަމެއް އައިސް ޖެހިއްޖެނަމަ އެކަމަށް އެއުރެން އުފާކުރެތެވެ. އަދި، ތިޔަބައިމީހުން ކެތްކޮށް ތަޤްވާވެރިވާނަމަ، (އެބަހީ: ބިރުވެތިވެ ރައްކާތެރިވާނަމަ) އެއުރެންގެ މަކަރުވެރިކަމަކުން ތިޔަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. ހަމަކަށަވަރުން، اللَّهއީ، އެއުރެންކުރާ ޢަމަލުތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އާލް ޢިމްރާން : 119 – 120)
 

ސަލަފީންނަށް 'ސުޕަރ ސަލަފީ' ފަދަ ނަނަތައް ދީގެން ސަލަފިއްޔަތަށް ޖެއްސުންކޮށް ސުންނަތް ޖަމާޢަތަށް ނުސީދާ ގޮތުންނާ ސީދާ ގޮތުން ޙަމަލަދީ، ޢިލްމުވެރިންނަށް ޖަރަޙު ކޮށް އިސްލާމީ އުއްމަތުގެ ތެރޭގައި ބޮޑެތި ހައިޖާންތަށް ހިންގަމުންދާ އިރު، ފާހަނގަ ކޮށްލަން ޖެހޭ މުހިންމު އެއް ނުކުތާއަކީ، ސުންނަތާ ދެކޮޅަށް އެމީހުން ކުރަމުން ގެންދާ ހަނގުރާމާގައި ނުސާފު، ސީދާ ވަކި މާނައެއް ނޭގޭ، ޢިލްމުވެރިންގެ އެކަހެރި ބަސްތައް މެނުވީ ޙުއްޖަތެއްގެ ގޮތުގައި އެބައިމީހުންނަށް ނުފެންނަ ކަމެވެ. އަދި ހަމަ އެހެންމެ، ސުންނަތުގެ އަހުލުވެރިންނަށް ޢިލްމީ ގޮތުން ރައްދު ދިނުމުގެ ބަދަލުގައި ޝަޚްޝީ ގޮތުން ރައްދު ދިނުމަކީ އެބައިމީހުންގެ އާދައެކެވެ. މީގެ މިސާލެއް ދަންނަވާލާނަމެވެ.
 

ސުންނަތަށް ތަބަޢަވާ ސަލަފީ އަޚަކު ޙައްޤު ބަޔާންކުރުމަށްޓަކައި ޢިލްމީ ގޮތުން މިބިދުޢަވެރިންނަށް ރައްދު ދީފައިވެއެވެ. ބިދުޢަވެރިންގެ ބިދުޢައަކީ ކޮބައިކަމާ ޢިލްމީ ގޮތުން އެއަށް ރައްދުދީ އޭގެ ޞައްޙަ ގޮތް ބަޔާން ކޮށްދެއެވެ. ދެން ވާގޮތަކީ، މިބިދުޢަވެރިންނަށް އަމިއްލަ ޙިމާޔަތުގައި ޢިލްމީ ގޮތުން ދެއްކޭނެ މާބޮޑު ވާހަކައެއް ނޯވެއެވެ. އެހެންކަމުން، ލިބުނު ޒަޚަމުގައި މަލަން އަޅައިގެން އެ ސަލަފީ އަޚާއަށް ފާރަލައިގެން ތިބެއެވެ. އެ އަޚާގެ ކިބައިން ކިރިޔާވެސް ކުށެއް ނުވަތަ ފާފައެއް ފެންނަ އިރަށް، ވަގުތުން ވަގުތަށް މުސްލިމުންގެ ތެރޭގައި އެ އަޚާ ފަޟީޙަތް ކޮށްލައެވެ. ޢިލްމީ ގޮތުން ރައްދެއް ނުދެވުނީމަ ޝަޚްޝީ ގޮތުން ރައްދު ދިނީއެވެ. ސަލަފީންނަކީ މަލާއިކަތުންނެއް ނޫނުވެ. އެއީ އިންސާނުންނެވެ. ކުށް ކުރެވޭނެއެވެ. އެކަމަކު، ބިދުޢަވެރިން ދެކެނީ އެގޮތަކަށް ނޫނެވެ. ތިމަންނައަކީ ސަލަފީ އެކޭ ބުނާ ކޮންމެ މީހަކީ މިބިދުޢަވެރިންގެ ނަޒަރުގައި މަލާއިކަތެއް ފަދަ މީހެކެވެ. ކުށެއް ކޮށްގެން ނުވާނެއެވެ. ރައްދު ދިނުން، ނުވަތަ މުނާޤަޝާކޮށް ބަޙުޘް ކުރުން އޮތީ ޢިލްމުގެ އެހީގައެވެ.
 

ސަލަފީ އަޚަކު މުޒާހަރާ ކުރުމަކީ ޙަރާމް ކަމެއް ކަން ބަޔާންކޮށްދެއެވެ. ޢިލްމީ ދަލީލުތަކާއި ޢިލްމުވެރިންގެ ބަސްފުޅުތައް ގެނެސްދެއެވެ. ނަމަވެސް ބިދުޢަވެރިން އެކަމަށް އެތަކެއް ލިޔުންތަކެއް ލިޔުމަށްފަހުގައިވެސް ކުރި ނިލިބުމުން، ޢިލްމީ ތަރަހަ ދޫކޮށް ޝަޚްޝީ ގޮތުން އެ އަޚާއާއި ޖައްސާލައެވެ. އަދި ޢިލްމީ ގޮތުން ރައްދު ދިނުމުގެ ބަދަލުގައި "ތިއީ މިވެނި އެވެނި ކަމެއް ކުރި މީހެކޭ" ބުނެ ފަޟީޙަތް ކޮށްލައެވެ. މިއީ ޙަޤީޤީ މިސާލެކެވެ. މިއީ ޙަޤީޤަތުގައިވެސް ކަން ހިނގާފަ ހުރި ގޮތެވެ.
 

މުހިންމީ ޙަޤީޤަތާ މާނައެވެ. ނަންތަކާ ބިނާ ތަކެއް ނޫނެވެ.

 

ޙިޒްބީން، ސުންނަތް ޖަމާޢަތުގެ އަހުލުވެރިންނަށް ފާޑު ފާޑުގެ ނަންތައްދީ 'ސުޕަރ ސަލަފީ' ގެ ލަޤަބުން މުޚާޠަބު ކުރަމުން ގެންދާ އިރު، އުޞޫލީ ޢިލްމުވެރިން ވިދާޅުވާ ބަހެއް މިތާގައި ނަޤްލު ކޮށްލާނަމެވެ. العبرة بالحقائق والمعاني ، لا بالإلفاظ والمباني "މުހިންމީ ޙަޤީޤަތާ މާނައެވެ. ނަންތަކާ ބިނާ ތަކެއް ނޫނެވެ."


އެހެންކަމުން ދެވިފައިވާ ނަމަކާއި ޙަޤީޤަތާ ފުށުއަރާ ކަމުގައިވާނަމަ ބަލަން ޖެހޭނީ ޙަޤީޤަތާ އެއިން ދޭހަވާ މާނައަށެވެ. ކޮންމެ ނަމެއް އެޔަށް ދެވުނަސްމެއެވެ. އެހެންކަމުން، 'ސުޕަރ ސަލަފީ' ލަޤަބަކީ ވެސް ޙަޤީޤަތާ ފުށޫއަރާ ގޮތަށް ދެވިފައިވާ ނަމެކެވެ. ސަލަފީންނަކީ ހައްދު ފަހަނަޅާފައިވާ ބައެއްކަމަށް މީސްތަކުންނަށް ވިސްނުވައިދިނުމަށްޓަކައި ބޭނުން މިކުރެވޭ ނަމަކީ ހަމަ އެކަނި ނަމެކެވެ. ޙަޤީޤަތެއް ނޫނެވެ. ބަޔަކު ހައްދުފަހަނަޅާފައިވާނަމަ އެބައިމީހުންނަކީ ހަމަ މިލަޤަބުތައް ސަލަފީންނަށް ދީގެން އުޅޭ ބިދުޢަވެރިންނެވެ. އަދި މީގަ ފާހަނގަ ކޮށްލަން ޖެހޭ މޮޅު ތަންކޮޅަކީ، ސަލަފީންނަށް 'ސުޕަރ ސަލަފީ' ލަޤަބު ދީފަ، މި މީހުން ސަލަފުންގެ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާ ހަދައިގެން އުޅޭ ކަމެވެ. އުޞޫލީ ޢިލްމުވެރިންގެ ޤަވާޢިދުގެ މަތިން، މި މީހުންނަކީ ލަޤަބު ދިނުމުގައިވެސް، އަދި ލިބިގަތުމުގައިވެސް ޙަޤީޤަތާ މުޅިން އިނދިކޮޅު ބައެކެވެ. ޙަޤީޤަތުގައި ސުޕަރ ސަަލަފީންގެ ލަޤަބުން ބަޔަކަށް ލަޤަބު ލިބެން ޖެހޭނަމަ އެބައިމީހުންނަކީ ހަމަ މިމީހުންނެވެ.
ސަލަފިއްޔަތާއި އޭގެ އަހުލުވެރިންނަށް އިޚްވާނީ ޤުޠުބީން އެހާ ނަފުރަތު ކުރާއިރު، ޢިލްމުވެރިން ސަލަފިއްޔަތާ މެދުގައި ބުނެފައިވަނީ ކީކޭތޯ ބަލައިލުން މުހިންމެވެ.

 

ސަލަފިއްޔަތަކީ ﷲ ގެ ޙިޒްބު، ހައްޤު އިސްލާމް ދީން، ޙިޒްބީންނެއް ނޫން
 

الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله އަށް ސުވާލު ދެންނެވުނެވެ. "ސަލަފިއްޔަތަކީ އެއީ ޙިޒްބެއް ތޯއެވެ؟ އަދި އެބައިމީހުންނަށް ނިޞްބަތް ވުމަކީ ގޯސްކަމެއް ތޯއެވެ؟ އެބައިމީހުންގެ ޢިލްމުވެރިންނަކީ ކޮބައިތޯއެވެ؟"


ޖަވާބުގައި ޝައިޚް ވިދާޅުވިއެވެ. "ސަލަފިއްޔަތަކީ އެއީ ސަލާމަތްވެގެންވާ ބައިގަނޑެވެ. އެއީ ސުންނަތް ޖަމާޢަތެވެ. އެއީ ޙިޒްބެއް ނޫނެވެ. މިއަދު އެނަމުން (ސަލަފިއްޔަތުން) ނަން ދީގެން ހަދާފައިވާ ޖަމާޢަތްތަކާއި ޙިޒްބުތައް ފަދަ ޙިޒްބެއް ނޫނެވެ. އެއީ ޙިޒްބުﷲ އެވެ. (ﷲ ގެ ޕާޓީއެވެ) އެއީ ﷲ ގެ ލަޝްކަރެވެ. އެއީ ސުންނަތާ ދީނުގެ މަތީގައި ސާބިތުވެގެންތިބި ޖަމާޢަތެވެ. ސަލަފިއްޔަތަކީ ސަލަފުންގެ މަންހަޖަށް ތަބަޢަވުމެވެ. ﷲ ގެ ރަސޫލާ صلّى الله عليه وسلّم އާއި އެކަލޭގެފާނުގެ އަޞްޙާބް ބޭކަލުންގެ މަންހަޖަށް ތަބަޢަވުމެވެ. އެއީ އެހެނިހެން ޙިޒްބުތަކާއި ޖަމްޢިއްޔާ ޖަމާޢަތް ފަދަ ޖަމާޢަތެއް ނޫނެވެ. އެޖަމާޢަތަކީ ރަސޫލާ صلّى الله عليه وسلّم ގެ ޒަމާނުއްސުރެ އޮންނަ ޖަމާޢަތެކެވެ. އެޖަމާޢަތް އަބަދުވެސް، ހުރިހާ ޒަމާނެއްގައިވެސް އޮންނާނެއެވެ. އެހެނީ ރަސޫލުﷲ صلّى الله عليه وسلّم ޚަބަރު ދެއްވާފައިވާ ފަދައިން އެޖަމާޢަތް، ޤިޔާމަތާ ޖެހެންދެން ޙައްޤުގެ މަތީގައި ސާބިތުކަންމަތީ އޮންނާނެއެވެ."


އަދިވެސް الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله އަށް ސުވާލު ދެންނެވުނެވެ. "ބައެއް މީހުން ބުނާ ގޮތުގައި ސަލަފިއްޔަތަކީ އެހެން ބައިގަނޑު ތަކެކޭ އެއްފަދަ ބައިގަނޑެކެވެ. އަދި އެބައިމީހުންގެ ޙުކުމަކީ ވެސް ހަމަ އެހެނިހެން އިސްލާމީ ޖަމާޢަތްތަކުގެ ޙުކުމެވެ. މި ދަޢުވާއާ މެދު ކަލޭގެފާނު ދެކެވަޑައިގަންނަވަނީ ކިހިނަކުންތޯއެވެ؟"


ޖަވާބުގައި الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله ވިދާޅުވިއެވެ. "އަހަރެމެން ބުނަނީ ސަލަފީ ޖަމާޢަތަކީ ޙައްޤުގައި ސާބިތުވާ އަދި އެޖަމާޢަތަކަށް ތަބަޢަވެވެން ޖެހޭ ޖަމާޢަތެވެ. އެއީ މިއުޅޭ އެހެނިހެން ޙިޒްބީ ޖަމާޢަތަތަކުގެ ތެރެއިންވާ ޖަމާޢަތެއް ނޫނެވެ. އެއްވެސް ޙާލެއްގައި ދަޢުވަތާ ދެކޮޅު ހަދާ ބަޔެކޭ ބުނެގެން ނުވާނެއެވެ. ޞަލަފުއް ޞާލިޙުންގެ މަންހަޖާއި، އަހްލުއް ސުންނަތި ވަލް ޖަމާޢަތަށް ނޫން އެހްނަ ބަޔަކަށް ތަބަޢަވެވޭނީ ކިހިނަކުން ހެއްޔެވެ؟ އެހެންކަމުން ސަލަފީ ޖަމާޢަތަކީ އެހެން ބައިގަނޑު ތަކުގެ ތެރެއިންވާ ބައިގަނޑެކޭ ބުނެގެން ނުވާނެއެވެ. އެހެނީ ސަލަފީ ޖަމާޢަތަކީ އެއީ ތަބަޢަވެވެންޖެހޭ ޖަމާޢަތެވެ. އަދި އޭގެ މަންހަޖަކީ އެއީ ތަބަޢަވެވެންޖެހޭ މަންހަޖެވެ."

 

އަދިވެސް الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله ވިދާޅުވެފައިވެއެވެ. "......ބިދުޢަތަކީ މަގުފުރެދުމެއް ކަމަށްވާއިރު ސަލަފިއްޔަތަށް ނިޞްބަތްވުން ބިދުޢަތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އަދި އެއީ ސަލަފުންގެ މަޒްހަބު ކަމުގައި ވާހިނދު އަދި އެމަޒްހަބަށް ތަބަޢަ ވުމަކީ ފޮތާއި ސުންނަތުން ވާޖިބެއް ކަމުގައިވާ އިރު، ޙައްޤު އަދި ހިދާޔަތް ކަމުގައިވާއިރު އެއީ ބިދުޢަތަކަށްވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ﷲ ވަޙީ ކުރއްވާފައިވެއެވެ. وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ ﴿١٠٠﴾ ތަރުޖަމާގެ މާނަ : " مهاجر ންނާއި، أنصار ންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބޭކަލުންނާ تبع ވީމީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން އެކަލާނގެއަށް ރުހުނޫއެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެކަލާނގެ އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ." އަދި ރަސޫލުﷲ صلّى الله عليه وسلّم ޙަދީޘްކުރައްވާފައިވެއެވެ. "عليكم بسنتي وسنة الخلفاء الراشدين" މާނާ : "ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަންކަލޭގެފާނުގެ ސުންނަތެވެ. އަދި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ސުންނަތެވެ." އެހެނަކަމުން، ސަލަފުންގެ މަޒްހަބަށް ނިސްބަތް ވުމަކީ ސުންނަތެކެވެ. ބިދުޢަތެއް ނޫނެވެ. އަދި ހަމަކަށަވަރުން ބިދުޢަތަކީ ސަލަފުންގެ މަޒްހަބު ނޫން އެހެން މަޒްހަބަކަށް ނިސްބަތް ވުމެވެ!"

والحمد لله رب العالمين، وصلى الله سيدنا محمد النبي وآله وسلم تسليما.

ޙިޒްބިއްޔަތާއި ޙިޒްބީން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ސުންނަތުގެ އަހުލުވެރިންނަކީ މީސްތަކުންގެ ނިޔަތުގެ ތެރެއަށް ވަދެގަންނަ ބައެއް ކަމުގައި ތުހުމަތު ކުރުން - الشيخُ العلاَّمة عُبَيد الجَابِري حفظه الله | 13 ނޮވެމްބަރ 2017

 ﷲ ގެ ޙިޒްބު (ޕާޓީ) ސަލަފީ ޙިޒްބާއި ގުޅުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 10 ސެޕްޓެމްބަރ 2017

 ޙިޒްބީންނާއި ޙިޒްބިއްޔަތަކީ ކޮބައިކަން (ޙިޒްބީންނަކީ ޤައުމު ބައިބައިކޮށް ފަސާދަކުރާ ބައެއް) - العَلاَّمَة الشَّيْخ رَبِيع بن هَادي المَدخَلِي حفظه الله | 01 ސެޕްޓެމްބަރ 2017

 އޮޅުވާލާ، މަކަރުވެރިކަމާ އެކީ ސަލަފިއްޔަތަށް ނިޞްބަތްވެފައިވާ ޙިޒްބީންނާއި ހަވާނަފްސުގެ އަޙުލުވެރިން - العَلاَّمَة الشَّيْخ رَبِيع بن هَادي المَدخَلِي حفظه الله | 23 އޮގަސްޓު 2017

 ސަލަފީންގެ މައްޗަށް ޙިޒްބީންގެ ދޮގުވެރިކަމާއި މަކަރުވެރިކަން - الشيخ العلامة أحمد بن يحيى النجمي رحمه الله | 23 އޮގަސްޓު 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...