5  الشَّيْخ العَلَّامَة رَبِيعُ بنُ هَادِي المَدْخَلِي حفظه الله ގެ ދިފާޢުގައި - الشَّيْخ سُلَيْمَان بْنُ سَلِيمِ اللهِ الرُّحَيْلِي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 الشَّيْخ العَلَّامَة رَبِيعُ بنُ هَادِي المَدْخَلِي حفظه الله ގެ ދިފާޢުގައި - الشَّيْخ سُلَيْمَان بْنُ سَلِيمِ اللهِ الرُّحَيْلِي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ޢިލްމު ވެރިންގެ މަތިވެރިކަން

އަންނަނިވި ލިއުމަކީ الشَّيْخُ سُلَيْمَان بْنُ سَلِيمِ اللهِ الرُّحَيْلِي حفظه الله ގެ ޓެލެގްރާމް ޗެނަލްގައި 5 މުޙައްރަމް 1439 (25 ސެޕްޓެމްބަރު 2017) ވަނަ ދުވަހު ލިޔުއްވާފައިވާ ލިޔުންކޮޅެއްގެ ތަރުޖަމާ އެވެ. الشَّيْخُ سُلَيْمَان އަކީ މަދީނާގެ ޙަރަމްފުޅުގައިވާ، އެ މިސްކިތުގައި ކުރާ ކޮންމެ ނަމާދެއްގެ ސަވާބު 1000 ނަމާދުގެ ސަވާބު ލިބޭ އަލް-މަސްޖިދު އައް-ނަބަވީގައި ކިޔަވާދެއްވާ ރައްބާނީ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން ޢިލްމުވެރިއެކެވެ. އަދި ޝައިޚަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާދެއްވާ ޕްރޮފެސަރުންގެ ތެރެއިން ޕްރޮފެސަރެކެވެ. އިސްލާމް ދީނުގެ ދިފާޢުގައި، އެތަކެއް ބައެއްގެ ބާޠިލު ވާހަކަތައް ކަޝްފު ކުރައްވައި، މީސްތަކުންނަށް އޭގެ ނުރައްކައުތައް ފާޅުކޮށްދެއްވި އެއް އިމާމު ކަމުގައިވީ: الشَّيْخُ الدُّكْتُورُ العَلَّامَة رَبِيعُ بن هَادِي المَدْخَلِي حفظه الله އާ ބެހޭގޮތުން ހަވާނަފްސުގެ އަހުލުވެރިން ކެނޑިނޭޅި ދަނީ ދޮގުބަސްތައް ފަތުރަމުންނެވެ. އެހެންކަމުން ސުންނަތުގެ އިމާމުން ކެނޑިނޭޅި الشَّيْخُ رَبِيعُ حفظه الله ގެ ދިފާޢުގައި ބަސްތައް ވިދާޅުވަމުން ގެންދަވައެވެ. ފަހެ މި ޢިލްމުވެރިޔާގެ ދިފާޢުގައި الشيخ سُلَيْمَان الرُّحَيْلِي حفظه الله ވިދާޅުވި އެވެ:


الشَّيْخُ رَبِيعُ ހިންގަވަނީ ޢިލްމުގެ އަހުލުވެރިންގެ އަރިއަހުގައި الجَرْحُ وَالتَّعْدِيل ގައި އެނގި މަޝްހޫރުވެފައިވާ މަގުގަ އެވެ. އެއާއެކު، މިޒަމާނުގެ ކާރިސާތަކުގެ މައްޗަށް (ޝަރުޢީ) ޤަވާޢިދުތައް ބޭނުންކުރެއްވުމުގެ ކުޅަދާނަކަން الله ވަނީ ޝައިޚުއަށް ދެއްވާފަ އެވެ. އަދި ޝައިޚުއަށް މިކަމުގައި އަހައްމިއްޔަތެއްވެ އެވެ. އޭގެ ސަބަބުން އެހެން ޝައިޚުންގެ މައްޗަށް ޚާއްޞަ މަތިވެރިކަމެއް ލިބިވަޑައިގަތެވެ. އަދި ޢިލްމުވެރިއަކަށް ލިބިވަޑައިގަތް މަތިވެރިކަމެއްގެ ސަބަބުން އެ ޢިލްމުވެރިއަކު އައިބު ކުރެވިގެން ނުވާނެ އެވެ. ހަމަކަށަވަރުން އައިބު ކުރެވިގެން ވަނީ ބިދުޢަވެރިޔާ އެވެ. އޭނާގެ ބިދުޢައިގެ ސަބަބުންނެވެ. ދެން ފަހެ ޢިލްމުވެރިން، ފަހެ އެބޭފުޅުން އުންމަތަށް ޢިލްމުން ފައިދާ ކޮށްދެއްވުމުގައި އެއްބޭފުޅަކު އަނެއްބޭފުޅަކާ ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި އެއް ޢިލްމުވެރިއަކަށް ޚާއްޞަ މަތިވެރިކަމެއް ލިބިވަޑައިގެންވި ޢިލްމެއްގެ ސަބަބުން އެއިން ކޮންމެ ބޭފުޅެއްގެ ފައިދާ އިތުރުވެގެންދެ އެވެ. އަދި އެހެން ޢިލްމުވެރިއަކަށް ޚާއްޞަ މަތިވެރިކަމެއް ލިބިވަޑައިގެންނެވި ޢިލްމެއްގައި ވިދާޅުވާ ބަސްފުޅު ޤަބޫލުކުރެވިގެންވެ އެވެ. އަދި އެ ބަސްފުޅު ބާޠިލުކޮށް ގެއްލުވާލައިގެން ނުވާނެ އެވެ. ފަހެ الله އެ އެންމަހައި ޢިލްމުވެރިންނަށް ހެޔޮ ޖަޒާ ދެއްވާށި އެވެ. އަދި އެބޭފުޅުންނީ އިންސާނުންނެވެ. އެބޭފުޅުންނަށް ވެސް ކުށްކުރެވޭނެ އެވެ. (އެބަހީ ޢިލްމީ މައްސަލައެއްގައި ރަނގަޅު ޙުކުމަކާ ހަމައަށް ވާސިލުވެވަޑައިނުގަނެވުމެވެ.) އަދި ރަނގަޅު ޙުކުމާ ހަމައަށް ވާސިލުވެވޭނެ އެވެ. ފަހެ އެއިން ބޭފުޅަކު ރަނގަޅު ޙުކުމަކާ ހަމައަށް ވާސިލުވެވަޑައިގެންފި ނަމަ، ފަހެ އެބޭފުޅަކަށް ދެ އަޖުރު ލިބިވަޑައިގެންވެ އެވެ. އަދި (އެހާލަތުގައި) އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެބޭފުޅެއްގެ މަތިވެރިކަން ދެނެގަނެ، އެބޭފުޅަކަށް ތަބައަވުމެވެ. އެއީ އެބޭފުޅަކު ޙައްޤާ ހަމައަށް ވާސިލުވެވަޑައިގަތީމަ އެވެ. އަދި އެބޭފުޅަކަށް ކުށްކުރެވިއްޖެ ނަމަ ފަހެ އެބޭފުޅަކަށް އެއް އަޖުރު ލިބިވަޑައިގެންވެ އެވެ. އަދި (މިހާލަތުގައި) އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެބޭފުޅެއްގެ މަތިވެރިކަން ދެނެގަނެ، ޙައްޤަށް ތަބައަވުމެވެ.


އޭގެ އިތުރުން 7 މުޙައްރަމް 1439 (27 ސެޕްޓެމްބަރު 2017) ވަނަ ދުވަހު الشَّيْخُ سُلَيْمَان الرُّحَيْلِي حفظه الله ޓެލެގްރާމްގައި ލިއުއްވި އެވެ:


ދެން ފަހެ: "ހަމަކަށަވަރުން الشَّيْخُ رَبِيعُ ވަނީ އަހަރުމެން ރައްދުތަކުން އަވަދިނެތިކުރުވާފަ އެވެ." (މިފަދައިން ބުނާ ބުނުމާ ބެހޭގޮތުން): ފަހެ ޝައިޚު ރައްދުދެއްވާފައިވަނީ ކޮންކަމަކަށްތޯ އެވެ؟ ޝައިޚު ރައްދު ދެއްވީ އަހަރުމެން ޙާޖަތް ޖެހިގެން ނުވާ މަރުވެފައިވާ ކަންކަމާ ބެހޭގޮތުންތޯ އެވެ؟ ނުވަތި ޝައިޚު ރައްދު ދެއްވާފައިވަނީ މީސްތަކުން (އެބަހީ ބާޠިލުގެ އަހުލުވެރިން) ރެޔާ ދުވާލު ލިޔާ ތަކެއްޗަށްތޯ އެވެ؟ ގަދަފަދަ ހިތުދަސްކުރުވުމަކުން އެމީހުންނަށް އެލިއުންތައް ހިތުދަސްކޮށްދެވެ އެވެ. ރަންގަނޑެއް ކަހަލަ ސަލަފުންގެ ފޮތްތަކާއި ބަސްފުޅުތައް ދޫކޮށްލާފައި އުނގަންނައިދެވެނީ އެބައިގަނޑުގެ ފޮތްތައް ހެއްޔެވެ؟!! ދެން އެއަށްފަހު ނަޞޭޙަތްތެރިވާ ފަރާތަކު (އެބަހީ الشَّيْخُ رَبِيعُ ފަދަ ޢިލްމުވެރިއަކު) ވަޑައިގަންނަވައި، އެލިއުންތަކުގައިވާ ގެއްލުމާއި ލައްގަނޑުތަކާއި ނަޖިސްތައް ބަޔާންކޮށްދެއްވުމުން ބައިގަނޑެއް އައިސް ބުނެ އެވެ: "އަހަރުމެން ރައްދުތަކުން އަވަދިނެތިކުރުވައިފި އެވެ!" ކޮންމެ އިންސާފުވެރިވި މީހަކު ހަވާ ނަފްސުން ސަލާމަތްވެއްޖެ ނަމަ، الشَّيْخُ رَبِيعُ ވިދާޅުވި ގޮތަށް މެނުވީ އެލިއުންތަކާ މެދު ނުބުނާނެކަން ކަށަވަރެވެ. އޭ އަޚާއެވެ. މިރައްދުތަކަށް ތިބާ ބަލާށެވެ. އޭގައިވާ ތަކެއްޗަކީ ޙައްޤު ހެއްޔެވެ؟ ނުވަތަ އޭގައިވާ ތަކެއްޗަކީ ބާޠިލު ހެއްޔެވެ؟ (ވިސްނަންވީ) މުހިއްމު ކަމަކީ މިއީ އެވެ. الله ގަންދީ ބުނަމެވެ. މިރައްދުތަކުން ބައިވަރު އެތަކެއް ކަމެއް އޮޅުން ފިލައިގެން ދިޔައީ ކިތައް ޣާފިލުންނަށްތޯ އެވެ؟


އެހެންނަމަވެސް ބާޠިލު ބައެއް މީހުން (ޙައްޤުން) ދުރު ކުރުވައެވެ. އެއީ އެބަސް ވިދާޅުވި މީހަކީ الشَّيْخُ رَبِيعُ ކަމަށްވީތީ އެވެ. އެބައިމީހުން އެބަސްފުޅުން ބަސްބުނާކަށް ބޭނުމެއް ނުވެ އެވެ. އަދި ހަމަކަށަވަރުން سَيِّدُ قُطُب ގެ މައްޗަށް ޣީރަތްތެރިވާ ބަޔަކާ މެދު އަހަރެން އަޖައިބުވަމެވެ. އެމީހުންގެ ހިތްތަކުގައި عُثْمَان رضي الله عنه އަށާއި الله ގެ ރަސޫލާ ﷺ ގެ ޞަޙާބީން رضي الله عنهم އަށް ޣީރަތްތެރިކަމެއް ނުވެ އެވެ. الله ގަންދީ ބުނަމެވެ. ހަމަކަށަވަރުން އެއީ ޝަރުޢީ ޣީރަތްތެރިކަމެއް ނޫނެވެ. އެހެންނަމަވެސް އެއީ ޙިޒްބީ، ތަޢައްޞުބީ، ޤަބީލާއަށް އޮތް ޣީރަތްތެރިކަމެކެވެ. އެހެންކަމުން އޭ އަޚުންނޭވެ. އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ހަޅޭއްލަވާ ކޮންމެ މީހެއްގެ ފަހަތުން ތަބައަ ނުވުމެވެ. އަދި أَهْلُ السُّنَّة އާ ދެކޮޅަށް ބިދުޢައިގެ އަހުލުވެރިން ދައްކާފައިވާ ވާހަކަތައް ފޮތްތައް ފުރާލާނެ އެވެ.


ދެން ފަހެ ނަޞޭޙަތް ދިނުން: ފަހެ ހަމަކަށަވަރުން ޝައިޚު ވަނީ ނަޞޭޙަތް ދެއްވާފަ އެވެ. އަދި އެނަޞޭޙަތް ފޯރުކޮށްދެއްވާފަ އެވެ. އަދި އަޚުންނޭވެ. ނަޞޭޙަތަކީ އާންމު ގޮތެއްގައި ނަމަ، އެއީ ޙައްޤު ގޮތުގައި، އަދި އޭގެ އަހުލުވެރިންގެ އަރިއަހުން ޢިލްމު އުނގެނުމެވެ. އެއީ ފައިދާ ކުރަނިވި ޝަރުޢީ ޢިލްމު ތިބާ ޙާޞިލު ކުރުމެވެ. ފަހެ އުނގަންނައިދެވޭ ކޮންމެ ޢިލްމަކީ ސަނާކިޔޭނެ ޢިލްމެއް ނޫނެވެ. އެސަބަބަށްޓަކައި،

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ: {إِنَّ اللهَ وَمَلَائِكَتَهُ وَأَهْلَ ‏السَّمَاوَاتِ وَأَهْلَ الْأَرْضِ، حَتَّى النَّمْلَةَ في جُحْرِهَا، لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الخَـــيْرَ}(1) މާނައީ: "ހަމަކަށަވަރުން الله އާއި އެ އިލާހުގެ މަލާއިކަތުންނާއި، އުޑުތަކުގެ އަހުލުވެރިންނާއި، ބިމުގެ އަހުލުވެރިން، އަދި ކިއެއްތޯ، އޭގެ ހޮރުގައިވާ ހިނިވެސް، ހަމަކަށަވަރުން މީސްތަކުންނަށް ހެޔޮކަންތައް އުނގަންނައިދޭ މީހެއްގެ މައްޗަށް ޞަލަވާތް ލައްވަތެވެ."

ޙަދީޘް ކުރައްވާފައި ސުކޫތުވެވަޑައިނުގަންނަވަ އެވެ: "ހަމަކަށަވަރުން މީސްތަކުންނަށް އުނގަންނައިދޭ މިީހެއްގެ މައްޗަށް ޞަލަވާތް ލައްވަތެވެ." އެއާ ޚިލާފަށް: "ހެޔޮކަންތައް" (އެބަހީ ހެޔޮކަންތައް އުނގަންނައިދޭ މީހާއަށް) މިފަދައިން ޙަދީޘް ކުރެއްވި އެވެ. އަދި ހެޔޮކަމަކީ الله ގެ ފޮތްކޮޅުގައާއި الله ގެ ރަސޫލާ ﷺ ގެ ސުންނަތުން އައިސްފައިވާ އަދި ސަލަފުއް ޞާލިޙުން رضي الله عنهم އަށް ފަހުމްވެވަޑައިގެންނެވި ކަންކަމެވެ. ފަހެ ވަޞިއްޔަތަކީ އަހަރުމެން މި ޢިލްމަށް ފަރުވާތެރިކަން ބެހެއްޓުމެވެ. އަދި ހެޔޮކަމުން އެނގިމަޝްހޫރުވެގެންވާ އަދި ސުންނަތުގައި ދެމިހުންނެވިކަމަށް އެނގިމަޝްހޫރުވެގެންވާ ޢިލްމުގެ އަހުލުވެރިންގެ އަރިއަހުން އަހަރުމެން އެ ޢިލްމު އުނގެނުމެވެ. އަދި އެ ޢިލްމުގެ މައްޗަށް އަހަރުމެން ޖަމައަވުމެވެ.

◇  ◇  ◇
ލިޔުމުގެ އަސްލު ބައްލަވާލެއްވުމަށް: https://t.me/SuAlruhaily

ދިވެހި ރައްޔިތުން ދަންނަ ހުއްޓެވެ! الشَّيْخُ رَبِيعُ އަށް ސަނާގެ ބަސްފުޅުތައް ވިދާޅުވެ، އަދި ޝައިޚުގެ ދިފާޢުގައި ބަސްވިދާޅުވެފައި ވަނީ ހަމައެކަނި الشَّيْخُ سُلَيْمَان الرُّحَيْلِي حفظه الله އެއް ނޫނެވެ. ޞައްޙަ ޢަޤީދާއާއި އަޅުކަމުގައި ގާއިމްވެވަޑައިގެންވީ، މުޅި ދުނިޔެއަށް މަޝްހޫރު، މުސްލިމުންގެ މަޤްބޫލުކަން ލިބިވަޑައިގެންވީ އެތަކެއް ބައިވަރު ޢިލްމުވެރިންތަކެއް ވަނީ ޝައިޚުއަށް ސަނާގެ ބަސްތައް ވިދާޅުވެ، ޝައިޚުގެ ދިފާޢުގައި ވާހަކަފުޅު ދައްކަވާފަ އެވެ. އޭގެ ތެރެއިން:
1. الشَّيْخُ عَبْدُ العَزِيز بْنُ بَاز رحمه الله،
2. الشَّيْخُ نَاصِرُ الدِّين اَلْأَلْبَانِي رحمه الله،
3. الشَّيْخُ محمد بْنُ صَالِح العُثَيْمِين رحمه الله،
4. الشَّيْخُ مُقْبِل بْنُ هَادِي الوَادِعِي رحمه الله،
5. الشَّيْخُ أَحْمَد بْنُ يَحْيَى النَّجْمِي رحمه الله،
6. الشَّيْخُ زَيْدُ بْنُ هَادِي المَدْخَلِي رحمه الله،
7. الشَّيْخُ عَبْدُ المُحْسِن العَبَّاد البَدْرُ حفظه الله،
8. الشَّيْخُ عُبَيْدُ الجَابِرِي حفظه الله،
9. الشَّيْخُ صَالِحُ الفَوْزَان حفظه الله،
10. الشَّيْخُ صَالِحُ اللُّحَيْدَان حفظه الله،
11. الشَّيْخُ محمد بْنُ هَادِي المَدْخَلِي حفظه الله
12. الشَّيْخُ عَبْدُ اللهِ البُخَاري حفظه الله، ފަދަ ޤަދަރާއި އިޙްތިރާމް ލިބިވަޑައިގެންވާ ޢިލްމުވެރިން ހިމެނިގެންވެ އެވެ.


الله މި ބިންމަތީގައި ޢިލްމުވެރިން ލައްވަވާފައިވަނީ ނަބީ ބޭކަލުންގެ ވާރުތަވެރިންގެ ގޮތުގައެވެ. الله ގެ ދީން އޮޅުވާލުމަކާ ނުލައި، އުނި އިތުރު ކުރުމަކާ ނުލައި، ހައްދު ފަހަނަ އެޅުމަކާ ނުލައި މީސްތަކުންނާ ހަމައަށް އިސްލާމް ދީން އޭގެ ސާފުކަންމަތީ ގެނެސްދެއްވާ ބައެއްގެ ގޮތުގައި ވަނީ ޙައްޤު ގޮތުގައި ގާއިމްވެވަޑައިގެންވީ ޢިލްމުވެރިންނެވެ. ފަހެ ދީން އޮޅުން ފިލުވުމުގައި އެބޭފުޅުންނަށް ރުޖޫޢަވުމީ ވާޖިބެކެވެ. އެބޭފުޅުންނަށް އިޙްތިރާމް ކުރުމަކީ ވާޖިބެކެވެ. އެބޭފުޅުންނަށް ލޯބި ކުރުމަކީ ވާޖިބެކެވެ. އަދި އެބޭފުޅުންނަށް އައިބު ބަސް ބުނެ ބުހުތާނު ހެދުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ.


މި ހުރިހައި ޢިލްމުވެރިންގެ ސަނާ ބަސްފުޅުތަކާ އެކުވެސް، ހަވާ ނަފްސުގެ އަހުލުވެރިން الشَّيْخُ رَبِيعُ ގެ އަބުރަށް އަރައިގަނެ، ޝައިޚު ވިދާޅުނުވާ ބަސްތައް ޝައިޚުއަށް އިލްޒާމްކޮށް ތުހުމަތުކޮށް، މަގުފުރެދިފައިވާ މީހެއް ކަމަށް އެބައިމީހުން ބުނަމުންދެއެވެ. އޭގެ ތެރެއިން ދިވެހި ރާއްޖޭގައި މި ޖަރީމާ ހިންގަމުން ގެންދަނީ ޢަދާލާތު ޕާޓިގެ ބައެއް 'ޝައިޚުން'ނާއި، ޖަމްޢިއްޔަތުއް ސަލަފުގެ ގިނަ 'ޝައިޚުން'ނެވެ. އޭގެ ތެރެއިން ޔަގީންވެފައިވާ އެއް މިސާލަކީ:

 

20171010-thoyyib.jpg 
ފަހެ މިއީ، މަދީނާ ޔުނިވާސިޓީއިން ކިޔެވި މުޙައްމަދު ތޮއްޔިބު ވައިބާގައި، އެތައް އާންމު ދިވެހިންތަކެއް އެކުލެވިގެންވާ ގުރޫޕެއްގައި الشَّيْخُ رَبِيعُ ގެ މައްޗަށް ހަދާފައިވާ ބުހުތާނު ދޮގުތަކުގެ ތެރެއިން ބައެކެވެ. އޭނާ الشَّيْخُ رَبِيعُ އަށް ނިސްބަތްވާ ގޮތަށް، ޝައިޚު ހިމެނޭގޮތަށް ބުނަނީ: "
ސަލަފުންގެ މަންހަޖާ ދެކޮޅު ޖަމާޢަތެއް ކަމަށެވެ. ސަލަފީން ކަމަށް ދައުވާ ކުރާ ޖަމާޢަތެއް ކަމަށެވެ." އުންމަތުގެ ރައްބާނީ ބޮޑު ޢިލްމުވެރިއަކާ މެދު ދޮގު ބަސް ބުނަން ތޮއްޔިބުގެ ޖެހިލުން ކުޑަ ކަމެވެ!!! ތޮއްޔިބު ލަދެއް ނުގަނޭ ހެއްޔެވެ؟!! އެވަރުން ފުއްދާލީކީ ނޫނެވެ. އަހަރުމެންގެ ލޯބިވާ އަޚުން އަބޫ ޚަދީޖާ ޢަބްދުލް ވާޙިދު އަދި އަބޫ އަނަސް މުޙައްމަދު ޙަސަންގެ އަބުރަށްވެސް އަރައިގަތީ އެވެ. އެދޮގުގެ ތެރޭގައި އެދެއަޚުންވެސް ހިމަނާލީ އެވެ. ޤައުމުގެ ވެރިންނާ ދެކޮޅަށް މުޒާހަރާ ކުރާ، އަދި ވެރިންނާ ދެކޮޅަށް ނުކުންނަ ޕާޓީގެ މުޙައްމަދު ތޮއްޔިބު ފަދަ ބާޠިލަށް އަރައިގަންނަން ޖެހިލުން ނުވާ މީހަކު الشَّيْخُ رَبِيعُ ފަދަ ޙައްޤު ޢިލްމުވެރިންނާއި މެދު ބަދުބަސް ބުނަން ޖެހިލުން ނުވާނެ ކަމީ އަޖައިބު ކުރުވަނިވި ކަމެއް ނޫނެވެ. އޭނާގެ އައުވާނު އަހުމަދު އެ ބުނަނީ الشَّيْخُ رَبِيعُ އަކީ ޢަރަބި ކަލާމުގެ ކައްޒާބު (ބޮޑު ދޮގުވެރިޔާ) ކަމަށެވެ. އަހުމަދު ކިޔެވީ ދެންފަހެ ކޮންތާކުންބާ އެވެ؟ ޢަރަބީގެ ދެ ކަލިމަ ފިލި ނުޖަހައި އަހުމަދަށް ކިޔަން އެނގޭ ބާއެވެ؟ ފިޔޮކުގެ އަޑު ފެޅިއިރު އެންމެ ފުރަތަމަވެސް އެނގުނީ އުންމަތުގެ ރައްބާނީ ބޮޑު ޢިލްމުވެރިއަކާ ބެހޭގޮތުން ދޮގުބަސްތައް ބުނާށެވެ! ޝައިޠާނާ އޭނާގެ މުޑުދާރު ބަސްތައް އޭނާއަށް ޒީނަތްތެރި ކޮށްދިން މިންވަރު ވިސްނާލުން ހުއްޓެވެ.
 

ޢަދާލަތު ޕާޓީގެ 'ޝައިޚުން' އެމީހުންނަށް ތަބައަވާ މީހުން ތަރުބިއްޔަތު ކުރަނީ ހަމަ މިފަދައިންނެވެ. ޙަޤީޤީ ޢިލްމުވެރިންނާ އާންމުން ގުޅުން ކަނޑުވާލާ ބުރުއްސާލުމެވެ. ދެން އެއަށްފަހު ތިމާމެން ޢިލްމުވެރިންގެ މަގާމަށް އަމިއްލައަށް އައްޔަންވުމެވެ. ޚިޔާލީ ތަހުތުކޮޅަކަށް އަރައި، ޚިޔާލީ ތާޖު ބޮލުގައި އަޅައިގެން ތިބޭ ބައެއް ފަދައެވެ. ދެން އެއަށްފަހު މީހުން މަގުފުރައްދާނެ ވަރަކަށް މަގުފުރެއްދުމެވެ: الله ވޮޑިގެންވާތަން އޮޅުވާލަންވީ އެވެ. الله ގެ ސިފަފުޅުތައް ތައުވީލުވެސް ކުރަންވީ އެވެ. މާލޫދު ކިޔާ މަޖްލިސްތަކަށް ރަސޫލާ ﷺ ރޫޙު ފުޅާއެކު ހާޟިރުވެވަޑައިގަންނަވާ އެތަނުގައި ތިބި މީހުންނަށް ފާފަ ފުއްސަވާނެ ކަމަށް ބުނާ އިޚްވާނުލް މުސްލިމީންގެ حَسَن البَنَّا ފަދަ މީހުން ދިފާޢު ކުރަންވީ އެވެ. މަރުވެފައިވާ މައްޔިތުން ކިބައިން ކަންކަމަށް އެދި ދުޢާ ކުރަން -އެބަހީ އެންމެ ބޮޑު ޝިރުކު- ޒީނަތްތެރި ކޮށް އެކަމަށް ދަޢުވަތުދޭ އިޚްވާނުލް މުސްލިމީންގެ عُمَرُ التِّلْمِسَانِي ފަދަ މީހުން ދިފާޢު ކުރަންވީ އެވެ. ގަބުރުތައް ވަޅުލެވިފައިވާ މިސްކިތްތަކުގައި ނަމާދުވެސް ކުރަންވީ އެވެ. ވެރިޔާއާ ދެކޮޅަށް ނުކުންނަންވީ އެވެ. ސިޔާސީ ޕާޓީތައް ހަދަންވީ އެވެ. މުޒާހަރާވެސް ކުރަންވީ އެވެ. ވެރިޔާގެ އައިބުތައް ފާޅުކުރަންވީ އެވެ. ޕޯޑިއަމްތަކުގައި ވެރިޔާގެ މައްޗަށް ބަދު ދުޢާވެސް ކުރަންވީ އެވެ. ސިޔާސީ ނަޖިސްގަނޑު ގައިގައިވެސް ކާއްތަންވީ އެވެ. މިކަންކަން ދީނުގައި ބިދުޢަތަކެއްގެ ގޮތުގައި ނުވާ ނަމަ، ދެން ބިދުޢައެއް މިމީހުންގެ ގާތު އޮންނާނެ ހެއްޔެވެ؟ عُثْمَان رضي الله عنه ގަތުލު ކުރި މީހުންނަށް ސަނާ ކިޔާ، ދުނިޔޭގައި ތިބި މުސްލިމް ދައުލަތްތައް ކާފަރުކުރާ سَيِّدُ قُطُب ގެ ފޮތްތައް ކިޔައި އެފޮތްތަކަށް އަހުލުވެރިވާން ގޮވާލަންވީ އެވެ. ކާފަރުންގެ ޢީދުތައް ފާހަގަވެސް ކުރަންވީ އެވެ. ބެރުޖަހަމުން ދުންމާރި ފުމެމުންގޮސް މައްޔިތުން ވަޅުލާންވެސްވީ އެވެ. މުސްލިމުން ވަޅުލުން އޮތީ ބެރުޖަހަމުން ދުންމާރި ފުމެމުންތޯ އެވެ؟ ތުބުޅިތައް ދަތްދޮޅިއާ ހަމައަށް ކޮށާލަންވީ އެވެ. ފައިކުރިތައް ތަނބިކައްޓަށްވުރެ ތިރިއަށް ގޮސް ބިންމަތީގަ ކާއްތަންވީ އެވެ. އަންހެން ޝައިޚާއިން ކޮޓަރިތަކުގައި ތިބެ ހިލޭ ފިރިހެނުންނާ އެކަހެރިވެ ކައުންސެލިންވެސް ދޭންވީ އެވެ. ރާފިޟީންނަށް ސަޕޯޓްވެސް ކުރަންވީ އެވެ. ތިމާމެން "ޝައިޚުން" މިމުޑުދާރު އަމަލުތައް ކުރަނީ އެވެ. ނުވަތަ ކައިރި ތިބި "ޝައިޚުން" މި މުޑުދާރު އަމަލުތައް ހިންގަމުންދާއިރު ރުހިގެން ބަލަހައްޓައިގެން ތިބެނީ އެވެ. މިއީ ހަމަ الله ގެ ދީނުގައި الله އަމުރުފުޅު ކުރެއްވި ކަންތައްބާ އެވެ؟ މިއީ ހަމަ ޝައިޚުންތޯ އެވެ؟ އަދިވެސް ސުވާލު ކޮށްލަމެވެ. މިއީ ހަމަ ޝައިޚުންތޯ އެވެ؟ އަދިވެސް ސުވާލު ކޮށްލަމެވެ. މިއީ ހަމަ ޝައިޚުންތޯ އެވެ؟ ނުވަތަ މިއީ އަދާލަތު ޕާޓީ އަދި ޖަމްޢިއްޔަތުއް ސަލަފުގެ "ޝައިޚުން" ޢިލްމުވެރިންގެ ގޮތުގައި ނަންވެ، ޚިޔާލީ ތާޖުތައް ބޮލުގައި އަޅައިގެން ތިބެ މީހުން މަގުފުރެއްދުން ބާ އެވެ؟ ހަމަޔަގީނުންވެސް މިއީ ޙައްޤު އޮޅިފައިވާ މީހުންގެ ކިބައިން ފެންނަ ނަމޫނާ މިސާލުތަކެވެ.


ދިވެހި ރައްޔިތުން ދަންނަ ހުއްޓެވެ! އަހަރުމެންނަށް ލޮބުވެތިކަން ބޮޑީ ތޮއްޔިބު ބުނާ ބުހުތާނު ބަސްތޯ އެވެ؟ އޭނާއަށާއި އޭނާގެ ފިއޮއްތަކަށް، ރައްބާނީ ބޮޑެތި ޢިލްމުވެރިން الشَّيْخُ رَبِيعُ އާ މެދު ވިދާޅުވި ބަސްފުޅުތައް ނުފުދުނެވެ. އެއަށްވުރެ ގިނައިން އަދި 100 ޢިލްމުވެރިންގެ ބަސްފުޅުތައް އަޔަސް އެބައިމީހުން ޤަބޫލު ކުރާނެތޯ އެވެ؟ އިސްވެ ނަން ބަޔާން ކުރެވުނު އެންމަހައި ޢިލްމުވެރިން އެއުޅުއްވަނީ الشَّيْخُ رَبِيعُ ގެ އަވައިގައި ޖެހިގެންތޯ އެވެ؟ އެ އެންމެހައި ޢިލްމުވެރިންނަށް އެނގިވަޑައިގެން ހުންނަވާ، ސަލަފީ މަންހަޖާ ދެކޮޅުވެރި މީހަކަށް ސަނާގެ ބަސްތައް ވިދާޅުވާނެތޯ އެވެ؟ ނުވަތަ ސަލަފީއެއްކަމަށް ދައުވާ ކުރާ މީހަކަށް ސަނާގެ ބަސްތައް ވިދާޅުވާނެތޯ އެވެ؟ އެ ހުރިހައި ޢިލްމުވެރިންނަށް އެނގިވަޑައިގެން ނުވާ ކަމެއް ތޮއްޔިބުގެ ޖަމާޢަތްގަނޑަށް އެނގުނީ ބާ އެވެ؟ އެ ހުރިހައި ޢިލްމުވެރިން މަގުފުރެދިފައި، ތޮއްޔިބުއާއި ތޮއްޔިބުގެ ޖަމާޢަތްގަނޑު ޙައްޤުގެ މަތީގައި ސާބިތުވީތޯ އެވެ؟ އެ ހުރިހައި ޢިލްމުވެރިންގެ ބަސްފުޅުތައް ތޮައްޔިބުއާއި ތޮއްޔިބުގެ އައުވާނުން ވެއްޔާ މޮޑެލައިފި އެވެ. ޢިލްމުވެރިންނަށް ގަދަރުކުޑަ ކުރުމީ އެއީ އެވެ. ޢިލްމުވެރިންނަށް އެއްޗެހި ގޮވުމަކީ އެއީ އެވެ. އޭ އަޚާއެވެ! ތިބާ ޢިލްމު ޙާޞިލުކޮށް ގުޅުން ބާއްވަނީ މިފަދައިން ޢިލްމުވެރިންނަށް ގޮންޖަހާ، ހަޖޫ ޖަހާ ބައެއްގެ ގާތުންތޯ އެވެ؟ ޢިލްމުވެރިންގެ ގަދަރު ނަގާލާ ބަޔަކާ މެދު އަހަރުމެންގެ ކުރިމަތީގައި ދެން އޮންނާނީ ކޮން ޢިއްޒަތާއި ކަރާމާތެއްތޯ އެވެ؟ ތިބާގެ ނަފްސު ތިބާގެ މަރު އައުމުގެ ކުރިން އިސްލާހު ކުރުން ހުއްޓެވެ.
والله أعلم، وصلى الله وسلم على نبينا محمد وعلى آله وصحبه وسلم.

 

-----

(1) ރިވާކުރެއްވީ: الترمذي في كتاب العلم، باب ما جاء في فضل الفقه على العبادة، برقم (2685).

 

------------------------------- (ކުރީގެ ބައެއް ލިޔުންތައް)

 

އައް ޝެއިޚް ޑރ. ރަބީޢު އަލް މަދްޚަލީ ވަނީ ސަލަފިއްޔަތުގައެވެ. އަދި އެ ސަލަފިއްޔަތަކީ އެހެނިހެން މުސްލިމުން އޭގެއިން ބޭރުކޮށްހަދާ ޙިޒްބް ގޮތުގައި ޤާއިމްވެފައިވާ ޖަމާޢަތެއްގެ ގޮތުގައި ނުބުނަމެވެ. - الشيخ العلامة محمد بن صالح العثيمين رحمه الله

 

الشَّيْخُ العَلاَّمَة رَبِيْع بِن هَادِيْ المَدْخَلِي حفظه الله އަށް ޢިލްމުވެރިން ދެއްވާފައިވާ ތަޒްކިޔާތައް - ابن العثيمين، ابن باز، النجمي، صالح اللحيدان، صَالِحُ الفَوْزَان، عبيد الجابري، خالد بن عثمان، عبد المحسن العباد

 

ސަލަފީންނާއި ދިމާލަށް "ޖާމީން" "މަދްޚަލީން" ކިޔަނީ އެބައިމީހުންﷲ ގެ ރަސޫލާ ﷺ ގެ ސުންނަތުގައި ޤާއިމްވެ ދެމިތިބުމުގެ ސަބަބުންތޯ އެވެ؟ - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله

 

الشَّيْخ العَلَّامَة رَبِيعُ بنُ هَادِي المَدْخَلِي حفظه اللهގެ ދިފާޢުގައި - الشَّيْخ عرفات بن حسن المحمدي حفظه لله

Like what you see?

Close

Hit the buttons below to follow us, you won't regret it...