މުޒާހަރާތައް ބޭނުންކުރުމަކީ ޔޫރަޕު މީހުންނަށް (ފަރަންޖީންނަށް) ތަބަޢަވުމެވެ. - الشَّيْخُ مُحَمَّد أَمَان بِن عَلِيّ الجَامِي رحمه الله

الشَّيْخ العَلَّامَة مُحَمَّد أَمَان بِن عَلِيّ الجَامِي رحمه الله ވިދާޅުވެފައިވެ އެވ. "ޓޭޕުގައި ޛިކުރުކުރެވިފައިވީ ޢިބާރާތެއްވެ އެވެ: ނުޙައްޤުން މީހުން ޤަތުލުކުރުމުގެ މައްސަލަ އެވެ. އެކަމާ މެދު ހިތާމަކުރެވޭ ކަންތައްތަކުގެ ތެރެއިން ހިމެނެ އެވެ: ހަމަކަށަވަރުން الله އަށް ދަޢުވަތުދިނުމަށް ނިސްބަތްވާ ބަޔަކު އިސްލާމީ ދައުލަތެއް ޤާއިމްކުރުމަށް މަސައްކަތްކުރާ ކަމަށް ހީކުރެ އެވެ. އެއިން ބައެއް މީހުން ބޮޑުކޮށްލާފައި ބުނެ އެވެ: "އަހަރެމެން ބޭނުންވަނީ ތައުފީޤު ލިބިގެންވީ ޚަލީފާކަން ޤާއިމްކުރުމަށެވެ." އެއާ އެކު އެމީހުން ވަޞީލަތްތަކެއް ބޭނުންކުރެ އެވެ. އެ ވަޞީލަތްތަކުގެ ތެރެއިން ހިމެނެ އެވެ: ހަޅޭއްފަޅޭއްލަވާ މުޒާހަރާތަކެވެ. އެ މުޒާހަރާތަކުގައި ފިރިހެނުންނާއި އަންހެނުން ބައިވެރިވެ އެވެ. އަދި ނުޙައްޤުން މީހުން ޤަތުލުކުރުން ހިމެނެ އެވެ.
މުޒާހަރާތަކަކީ، އަދި ޚާއްޞަކޮށް ނުޙައްޤުން މީސްތަކުން ޤަތުލުކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫނެވެ. ދަޢުވަތުގެ ވަޞީލަތްތަކުގެ ތެރެއިންވާ ވަޞީލަތެއްގެ ގޮތުގައާއި، އިސްލާމީ ދައުލަތް ޤާއިމްކުރުމުގެ ވަޞީލަތްތަކުގެ ތެރެއިން ވަޞީލަތެއްގެ ގޮތުގައި މުޒާހަރާތައް ބޭނުންކުރުމަކީ ޔޫރަޕު މީހުންނަށް ތަބަޢަވުމެކެވެ. އެއީ އިސްލާމީ ޢާދައެއް ނޫނެވެ. އަދި އެއީ އިސްލާމްދީނުގެ އަދަބުތަކުގެ ތެރެއިންވާ އަދަބެއް ވެސް ނޫނެވެ.
ދެން ފަހެ ނުޙައްޤުން މީހުން ޤަތުލުކުރުމަކީ ހުރިހައި ތަނެއްގައި ފެތުރިފައިވާ ނުބައިކަމެކެވެ. ގޮނޑިއާ ހަމައަށް ވާޞިލުވުމަށް ތިބާގެ ޚަސްމު ނުޙައްޤުން ޤަތުލުކުރުން ހުއްދަކުރުމެވެ. އޭނާ ގޮނޑިން (އެބަހީ ވެރިކަމުން) ވައްޓާލުމަށްޓަކައި އޭނާ ނުޙައްޤުން ޤަތުލުކޮށް ތިބާ އޭނާގެ މައްޗަށް އިސްވެގަންނަނީ އެވެ. އިސްލާމްދީން މިފަދައިން އަމުރުކުރޭ ހެއްޔެވެ؟! މި ރަޙުމް ކުޑަ ޢަމަލުން އަހަރެމެން އިސްލާމްދީނުގެ ސޫރަ ފަސާދަކޮށްލަނީ ކީއްވެގެން ހެއްޔެވެ؟ އިސްލާމްދީން ވަނީ އެކަމުން ބަރީއަވެގެންނެވެ. ތިޔަބައިމީހުންނަށް އެނގިގެންވާ ކަންކަމުގައި މެނުވީ އިސްލާމްދީން މުސްލިމެއްގެ ލޭ ހުއްދަ ނުކުރެ އެވެ: ޝަރުޢީ ކައިވެންޏެއް ކުރުމަށް ފަހު ޒިނޭކުރާ މީހާ އެވެ. އޭނާގެ ދީން ދޫކުރާ، ޖަމާޢަތާ ވަކިވާ މީހާ އެވެ. އަދި މުރުތައްދުވީ މީހާ އެވެ. (1) އެމީހުންގެ ޚަސްމުންގެ ގޮތުގައިވީ މި މީހުން الله އިރާދަފުޅުކުރެއްވި ކަންކަމުގައި މެނުވީ ރިއްދައިގެ ދަރަޖައަށް ވާޞިލެއް ނުވާނެ އެވެ."
❆❆❆
އޯޑިއޯ ލިންކް: http://goo.gl/wnN7H3
މިތަނުގައި ޝައިޚު އިޝާރާތްކުރައްވަނީ عَبْدُ الله بِنْ مَسْعُودٍ س ގެ ޙަދީޘްގައިވާ ތިން ކަމަށެވެ. ޙަދީޘްގައިވެ އެވެ: عَنْ ابْنِ مَسْعُودٍ قَالَ: قَالَ رَسُولُ اللَّهِ "لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ إلَّا بِإِحْدَى ثَلَاثٍ: الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ"، މާނައީ: ابن مَسْعُودٍ ގެ އަރިއަހުން ރިވާވެގެންވެ އެވެ. ވިދާޅުވި އެވެ: الله ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވި އެވެ: "މުސްލިމެއްގެ ލޭ ތިން ކަމަކުން މެނުވީ ޙަލާލުވެގެން ނުވެއެވެ. ޒިނޭކުރާ ޘައްޔިބު މީހާ (ޝަރުޢީ ޢަޤުދަކުން ކައިވެނިކޮށްފައިވާ މީހާ)، ނަފްސަކަށް ނަފްސެއް، އަދި ދީން ދޫކުރާ، ޖަމާޢަތާ ވަކިވާ މީހާ އެވެ."
ރިވާކުރެއްވީ: البخاري (6878)، مسلم (1676).