5  ޙަމާސް އަކީ ކޮންޢަޤީދާއެއްގެ ބައެއް! ސުންނީންތޯ؟ ނުވަތަ ޝީޢީ ރާފިޟީންތޯ؟ ތިބާ އެބަޔަކަށް ލޯބިކުރާ އަހުލުވެރިންގެ ޢަޤީދާ އަކީ މިއީތޯ! - أُسْتَاذ أبو أنس محمد حسن حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޙަމާސް އަކީ ކޮންޢަޤީދާއެއްގެ ބައެއް! ސުންނީންތޯ؟ ނުވަތަ ޝީޢީ ރާފިޟީންތޯ؟ ތިބާ އެބަޔަކަށް ލޯބިކުރާ އަހުލުވެރިންގެ ޢަޤީދާ އަކީ މިއީތޯ! - أُسْتَاذ أبو أنس محمد حسن حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ހަމާސް ޖަމާޢަތް

ފާއިތުވީ ޖީލުތަކުގައި މުސްލިމުންނަށް ލިބިދިޔަ ނުހަނު ބޮޑެތި ގެއްލުންތަކާއި ވޭން ލިބިގެންދިޔައީ މުސްލިމުންގެ ތެރެއަށް ނުކުމެ ފާޅުވެފައިވާ މަގުފުރެދިފައިވާ ޖަމާޢަތްތަކުގެ ސަބަބުންނެވެ. ޙައްޤު ޢަޤީދާއިން ބޭރުވެ، ސުންނީ ޞައްޙަ މަންހަޖުން ވަކިވެގޮސް އެބައިމީހުންގެ ފަރާތުން މުސްލިމުންނަށް އިންތިހާއަށް ވޭން ލިބިގެން ދިޔައެވެ. އަދި އެބައެއްގެ ޙަޤީޤަތް ނޭނގިފައިވި އެތަކެއްމެ ބަޔަކު، އެ ބާޠިލްގެ އަހުލުވެރިންނަށް ތާއީދުކޮށް، އެމީހުންނަށް ނަޞްރުވެރިވަމުން ދިޔައެވެ.

 

މުސްލިމުންގެ ތެރޭގައި ހިނގާފައިވާ ހަނގުރާމަތައް ހިނގައިގެން ގޮސްފައިވާ ސަބަބަކީ ހަވާނަފްސުގެ އަހުލުވެރިން
 

الشيخ صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. "މުސްލިމުންގެ ތެރެއަށް (މުސްލިމުންގެ މެދުގައި) ހިނގާފައިވާ ހަނގުރާމަތައް، ހިނގައިގެން ގޮސްފައިވަނީ، އަދި އެބައިމީހުން ބައިބައިވެ ގޮސްފައިވަނީ، (މިކަންތައްތައް) މެދުވެރިވެފައިވަނީ ހަމަކަށަވަރުން ހަވާނަފްސުގެ އަހުލުވެރިންގެ ފަރާތުންނެވެ. މުޢުތަޒިލާއިން، ޚަވާރިޖުން އަދި އެނޫންވެސް ހަވާނަފްސުގެ އަހުލުވެރިންގެ ފަރާތުންނެވެ. ފިތުނަވެރިކަން ގެނައުމުގެ ސަބަބެއްކަމުގައި ވެގެންދިޔައީ މިބައިމީހުންނެވެ. މުޢުތަޒިލާއިން، ޚަވާރިޖުން، ރާފިޟީން އަދި މިނޫންވެސް މީސްތަކުންގެ ފަރާތުންނެވެ. މި މީސްތަކުންގެ ފަރާތުން މެނުވީ ފިތުނަވެރިކަމެއް ނާދެއެވެ. މި މީހުންގެ ސަބަބުން މެނުވީ (ފިތުނަވެރިކަމެއް ނާދެ) އެވެ. ޢުޘްމާން رضي الله عنة ޤަތުލުކުރީ ކޮންބައެއް ހެއްޔެވެ؟ ޢަލީ ބިން އަބީ ޠާލިބް رضي الله عنة ޤަޠުލުކުރީ ކޮންބައެއް ތޯ އެވެ. އެއަށްފަހުންވެސް މުސްލިމުންގެ ތެރޭގައި ފިތުނަވެރިކަމުގެ އަލިފާން ރޯ ކޮށްލީ ކޮންބައެއް ހެއްޔެވެ. މި މީސްތަކުން ނޫންބަޔަކު މިކަމެއް ނުކުރެވެ. ހަވާނަފްސުގެ އަހުލުވެރިން ނޫންބަޔަކު މިކަމެއް ނުކުރެ އެވެ. ސުންނަތުގެ އަހުލުވެރިންގެ މައްޗަށް (ފިތުނަވެރިކޮށް ހެދުމަށް) މައުމޫން -ޢައްބާސީ ދައުލަތުގެ ޚަލީފާ- (ހަލާކުކޮށް، ސުންނަތުގެ އަހުލުވެރިންގެ މައްޗަށް) ގެނައީ ކޮންބައެއް ތޯ އެވެ. އެއަށްފަހު، އަހުލު ސުންނަތުގެ އިމާމް އަޙްމަދު رحمه الله ގެންދެވުނެވެ. (މީސްތަކުންގެ ތެރެއިން ނެރެ، ހައްޔަރު ކުރެވުނެވެ.) އެ އިމާމް ހައްޔަރުކޮށް، ޖަލަށްލެވުނެވެ. ހަވާނަފްސުގެ އަހުލުވެރިން ނޫންބަޔަކު މިކަމެއް ނުކުރެ އެވެ. ޝެއިޚުލް އިސްލާމް އިބްން ތައިމިޔާ ޖަލަށްގެންގޮސް (ހައްޔަރުކުރީ) ކޮންބައެއް ތޯ އެވެ. އެގޮތުގައި رحمه الله ދުނިޔެ ދޫކުރެއްވި އެވެ. ހަވާނަފްސުގެ އަހުލުވެރިން ނޫންބަޔަކު މިކަމެއް ނުކުރެއެވެ. ފަހެ، އަހަރެމެންނަށް (ވާޖިބުވެގެންވަނީ) މި މީސްތަކުންގެ ފަރާތުން އިންޒާރު ލިބިގަތުމެވެ. ސަބަބަކީ، އެބައިމީހުންގެ ނުބައިކަމުގެ ނިމުން ވެގެންދާނީ، މުސްލިމުން ބައިބައިވެ ވަކިވަކި ވެގެންދިއުމެވެ. (އަދި ނިމުން ވެގެންދާނީ) މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމެވެ. އަދި މުސްލިމުންގެ ޖަމާޢަތް ބައިބައިވެ ދިއުމެވެ. އަދި އެއް އުއްމަތެއްގެ ގޮތުގައި ދެމިތިބުމުގެ ބަދަލުގައި މީސްތަކުން، ބައިގަނޑުތަކަށް އަދި ޕާޓީ ތަކަށް ބެހިގެން ދިއުމެވެ. އާއެކެވެ." އަޑުއައްސަވާ : http://goo.gl/LuUe2i


ކޮންމެ މުސްލިމަކުވެސް، އޭނާގެ ދީނުގެ ޞައްޙަ ޢަޤީދާ ރައްކާތެރިކުރުން އެއީ އެންމެ ބޮޑުވެގެންވާ ރައުސްމާލު ކަމުގައިވާން ޖެހޭނެ އެވެ. އެ ޞައްޙަ އަޤީދާ ޚިލާފްވެގެންވާ އެންމެހައި ފަރާތްތަކުން ރައްކާތެރިވެ ހުރުމަށެވެ. އެބައެއްގެ ބާޠިލް އަޤީދާ ބަޔާންކުރުމަކީ ޔަހޫދީންނަށް ނުވަތަ ނަޞާރާއިންނަށް ނުވަތަ އެނޫންވެސް ކާފަރުންނަށް ސަޕޯޓްކުރުން ކަމުގައި ނުވާނެ އެވެ. އެބައެއްގެ އަޤީދާގެ ބާޠިލްކަން ބަޔާންކޮށްދެނީ އެބާޠިލް އަޤީދާއިން ރައްކާތެރިވެ ހުރުމަށެވެ. މިއަދު ދުނިޔޭގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންގެންދާ ލޭއޮހޮރުވުންތަކަކީ އަދި ޢުދުވާނީ ޙަމަލާތަކަކީ އެއްވެސް މުސްލިމަކު އެކަމަށް ރުހޭނެ ކަންތައްތަކެއް ނޫނެވެ. އަދި ކިޔެއްތޯ އެވެ. މުސްލިމް އަޚުންނާއި އުޚުތުން ކަތިލެވި، އެބައިމީހުންގެ ލޭއޮހޮރުވިގެން ދިއުމުން ސަލާމަތްކޮށްދިނުމަށް އެމީހަކަށް ކުރެވުނުހައި މަސައްކަތެއް ކުރުން ވެ އެވެ. އަދި ހަމަފަދައިން މުސްލިމުން އެބައިމީހުންގެ އަޤީދާ ސަލާމަތްކޮށްދިނުމަކީވެސް ވާޖިބުވެގެންވާ ކަމެކެވެ. މިއަދު ހަމާސްގެ އަޑު ދުނިޔޭގެ ކަންކޮޅުތަކުގައި އިވިގެން ދިއުމުން، އެބައިމީހުންގެ ގޮތްނޭނގޭ މީހަކު އެއީ ޙައްޤުގައި، ޙައްޤުމަގުގައި ޢަމަލު ކުރަމުންދާ ބައެއްކަމުގައި ދެކުމަކީ ނުހަނު ގާތްކަމެކެވެ. އެކަން ބަޔާންވެ އެނގިގަންނަން ޖެހެއެވެ.

 

ސުންނަތް ބަޔާންކުރުމަކީ ކަނޑި ހިފައިގެން ނުކުމެ ޢަދުއްވުން ޤަތުލުކުރުމަށްވުރެ ހެޔޮކަމެއް


الإمام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. "ނަބިއްޔާ ﷺ ގެ ސުންނަތް އުއްމަތަށް ބަޔާންކޮށްދިނުން، ޢަދުއްވުންގެ މައްޗަށް ކަނޑި ހިފައިގެން ނިކުމެ އެ ޢަދުއްވުން ޤަޠުލުކުރުމަށްވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ. ސަބަބަކީ ޢަދުއްވުންގެ މައްޗަށް (ހަނގުރާމަކުރުން) އެއީ ނުހަނު ގިނަބަޔަކު ކުރަމުން ގެންދާ ކަމެކެވެ. އެހެނަސް އެ އުއްމަތްތަކަށް ސުންނަތް ބަޔާންކޮށްދިނުން، ނަބިއްޔުންގެ ވާރުތަވެރިން މެނުވީ އެކަމެއް ނުކުރެ އެވެ. ﷲ އަހަރެމެން އެފަދަ މީސްތަކުންގެ ތެރެއިން ލައްވާށި އެވެ." جلاء الأفهام 415

كثير بن زياد رحمه الله ވިދާޅުވެފައިވެ އެވެ. "ބުނެވެ އެވެ. ހަވާނަފްސުގެ އަހުލުވެރިންނަށް އެއްވެސް ޙުރުމަތެއް ލިބިގެން ނުވެ އެވެ." للالكائي في السنة 1-159

20171114-hamaas01.jpg

(މިއީ ﷲ ގެ ދީން، އަދި ނަބިއްޔާ މުޙައްމަދު ﷺ ގެ އުއްމަތަށް ހެޔޮ ހޯދައިދިނުން ތޯ އެވެ. ﷲ ގެ ދީނަށާއި އެކަލާނގެ ނަބިއްޔާ ﷺ އަދި ނަބިއްޔާ ﷺ ގެ ޞަޙާބީންނަށް ކެނޑިނޭޅި އެއްޗެހި ކިޔުމުގައިވާ ރާފިޟީ ދަޢުލަތުގެ ރައީސް އަހުމަދު ނީޖާދް އާއި ޙަމާސް ޖަމާޢަތުގެ އިސްވެރިން، އީރާނުގެ އިސްލާމީ އިންޤިލާބަށް 33 އަހަރު ފުރުމުގެ ގޮތުން ބޭއްވި ޙަފްލާގައި އަތާއި އަތް ގުޅައިގެން.)

 

الشيخ محمد بن عمر بازمول حفظه الله ވިދާޅުވެފައިވެ އެވެ. ".... ޔަހޫދީން މުސްލިމުން ޤަތުލުކުރާކަން އެނގިތިބެ، އަދި އަމިއްލަ އަތުގައި އެމީހުންނާއި ދެކޮޅަށް ނުކުތުމުގެ ކުޅަދާނަކަން ނެތްކަން އެނގިހުރެ، ފަހެ، އެހެންވުމުން މިކަމުން ދޭހަވެގެންދަނީ، ތިޔަބައިމީހުން (ޙަމާސް) ބޭނުންވަނީ، މުސްލިމުން މަރުވެގެން ދިއުމެވެ. އެ ޔަހޫދީން ހިންގުމަށް ބޭނުންވާ ކަންތައްތަކުގައި ތިޔަބައިމީހުން (ޙަމާސް) ވަނީ އެމީހުންނަށް ވާގިވެރިވެފަ އެވެ."

 

ﷲ ބާވައިލެއްވި ދީން ފަހުމްވެފައިވާ އެކަކުވެސް، ޝީޢީ، ރާފިޟީން ގެ ފަހަތުގައި ނުހުންނާނެ އެވެ. އެހެނީ އިސްލާމްދީން ހަލާކުކޮށްލުމަށް ބަޔަކަށް ކުރެވޭނެހާ އެންމެ ނުބައިކަން ބޮޑުވެގެންވާ ކަންތައް ޝީޢީ، ރާފިޟީން ވަނީ ކޮށްފަ އެވެ. ޝީޢީ ރާފިޟީންގެ އަޞްލަކީ ޔަހޫދީންނެވެ. އިބްން ސަބައަ އަލް-ޔަހޫދީ އެއީ އެމީހުންގެ މަޛްހަބުގެ އަސާސެވެ. ޝީޢީ ރާފިޟީން ވަނީ ﷲ ގެ ދީން އެގޮތް މިގޮތަށް ބަދަލުކޮށް އިސްލާމީ ތާރީޚު ނުދެކޭފަދަ ޖަރީމާތައް އިސްލާމުންގެ ނަމުގައި ނުކުމެ ހިންގާފަ އެވެ.


ޚުމައިނީގެ ބައެއް އަޤީދާ:

އަލް-ޚުމައިނީ ލިޔެފައިވާ ފޮތް الحكومة الإسلامية ގައި ބުނެފައިވެ އެވެ.

1. ޚުމައިނީ ދަޢުވާކުރާގޮތުގައި، ހަމަކަށަވަރުން ނަބިއްޔުންނާއި ރަސޫލުން ސަމާވީ ރިސާލަތް ފުރިހަމަ ނުކުރެ އެވެ. 

2. ޚުމައިނީ ބުނެފައިވެ އެވެ. "އަހަރެމެންގެ މަޛްހަބުގެ ޟަރޫރީ ކަންތައްތަކުގެ ތެރޭގައި ހިމެނިގެންވެ އެވެ. އަހަރެމެންގެ އިމާމުންނަށް ލިބިފައިވާ (އުފިލިގެންވާ) މަޤާމަކީ، ﷲ އާ ކުށްތަންވެގެންވީ މަލާއިކަތަކަށްވެސް އަދި ﷲ ފޮނުއްވި ރަސޫލަކަށްވެސް ލިބިގެން ނުވާފަދަ މަޤާމެކެވެ. (އެއިން އެއްވެސް ފަރާތަކަށް އެ މަޤާމަކާއި ހިސާބަކަށް ނުފޯރަ އެވެ.)" سيحان الله ! މިއީ ﷲ އަށް ކުފުރުވުން ނޫންހެއްޔެވެ؟ މީގެ ފަހަތުގައި އިތުރު ކުފުރެއްވޭ ތޯ އެވެ؟

3. ޚުމައިނީ ބުނެފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޞާޙާބީންގެ ތެރެއިން އިނގިލިން ގުނާލެވޭހާ މަދު ޞަޙާބީން ނޫނީ އެހެން އެންމެހައި ޞަޙާބީންނަކީ ކާފަރުން ކަމުގަ އެވެ. އަދި އަބޫބަކުރު رضي الله عنه ޢުމަރު رضي الله عنه އެއީ ކާފަރުން ކަމުގައި ދެކެން ޖެހޭނެ އެވެ.

4. ޚުމައިނީ ލިޔެފައިވާ ފޮތް تحرير الوسيلة މި ފޮތުގައި ޝީޢީންނަށް ޚާއްޞަވެގެންވާ ކަންތައްތައް ގޮތުގައި، ޚުމައިނީ ބުނެފައިވެ އެވެ.
އަނބިމީހާގެ ފުރަގަސްފަރާތް ބޭނުން ކުރުން ހުއްދަވުން، އަނބިމީހާ އަދި އަނބިމީހާގެ ބޮޑުދައިތައާ އެއްފަހަރާ ކައިވެނިކުރުން ހުއްދަވުން. ނަމާދުގައި އެއްއަތްމަތީ އަނެއް އަތް ބާއްވައިފި މީހާގެ ނަމާދު ބާޠިލްވާނެކަން. (ބަޔާންވެދިޔަ އެންމެހައި ނުކުތާތައް ނެގިފައިވަނީ الموسوعة الميسرة ص 437،438)

 

ޞަޙާބީންނަށް މިފަދައިން ބުނެ، ރާފިޟީ، ޝީޢީން ކުފުރާއި މެދުގައި ޢިލްމުވެރިންގެ ބަސް

 

الشيخ صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. "ތިޔަފަދަ މީހާވަނީ އިސްލާމްދީނުން ބޭރުވާނެ ކަންތައްތަކުގެ ތެރެއިން ކަމަކަށް އަރައިގެންފަ އެވެ. (އެބަޔަކު) ﷲ ގެ ބަސްފުޅު ދޮގުކޮށް، (ނަބިއްޔާގެ އަނބިކަނަބަލުން) عائشة، އެކަލާނގެ އެބައިމީހުންގެ ބަސްތަކުން ބަރީޢަ ނުކުރާކަމުގައި ބުނެފި މީހާއަކީ ކާފަރެކެވެ. ސަބަބަކީ، އެބައިމީހުން ﷲގެ ބަސްފުޅު ދޮގުކުރެ އެވެ. އަދި އެބައިމީހުން ރަސޫލާގެ ބަސްފުޅުތައް ދޮގު ކުރެ އެވެ. އަދި މުސްލިމުން އިޖްމާޢުވެފައިވާ ޢިޖްމާޢު އެބައިމީހުން ދޮގުކުރެ އެވެ. އެއީ عائشة رضي الله عنه ގެ މައްޗަށް މުނާފިޤުން (އެބައިމީހުން ބުނެފައިވާ ނުބައިވެގެންވާ) ބަސްތަކުން ބަރީއަ ވެގެންވާ ކަމެކެވެ. އެފަދައިން އެ ކަމަނާ އެކަންތަކުން ބަރީއަ ނުކުރާ މީހާއަކީ ކާފަރެކެވެ. ފަހެ އެފަދަ އިންސާނާއަކީ ﷲ، އަދި ރަސޫލާ، އަދި މުސްލިމުން އެކަމަށް އިޖްމާޢުވެގެންވާ ކަންތައް ދޮގުކޮށްފައިވާ މީހެކެވެ. ޤުރުއާނަކީ ފުރިހަމަ ވެގެންވާ އެއްޗެއް ނޫންކަމުގައި، ނުވަތަ ބާވައިލެއްވިފައިވާ މި ޤުރުއާނަކީ، މިއީ محمد صلى الله عليه وسلم މައްޗަށް ބާވައިލެއްވުނު ޤުރުއާނެއް ނޫންކަމާއި، ނުވަތަ (އަޞްލު) ނަބީކަން ލިބިފައިވަނީ علي رضي الله عنه  އަށް އެހެނަސް ޖިބްރީލްއަށް އޮޅިވަޑައިގެން، محمد صلى الله عليه وسلم އަށް ނަބީކަން ދެއްވި ކަމާއި، ނުވަތަ علي رضي الله عنه  އަކީ އެއީ އިލާހެއް ކަމުގައި ބުނުމާއި، ފަހެ، އެއްވެސް ޝައްކެތް ނުވާ ގޮތުގައި މިމީހުންނަކީ ކާފަރުވެފައިވާ ބައެކެވެ. އަދި ކިޔެއްތޯ އެވެ. ޞަޙާބީން އާންމުގޮތެއްގައި ކާފަރުކުރާ މީހާއަކީ ކާފަރެކެވެ. އާންމުކޮށް ޞަޙާބީން ކާފަރު ކުރާމީހާއަކީ ކާފަރެކެވެ. ހަމަކަށަވަރުން އޭނާއަކީ ﷲ އަދި ރަސޫލާ ދޮގުކޮށްފައިވާ މީހެކެވެ. ﷲ މިފަދައިން ވަޙީކުރައްވާފައިވެ އެވެ. { لَقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ} [الفتح: 18]  "ހަމަކަށަވަރުން ގަސްދޮށުގައި އެބައިމީހުން، އިބަނަބިއްޔާއަށް ބައިޢަތު ހިފާ ހިނދު، އެ މުއުމިން ތަކުންނާއިމެދު ﷲ ރިހިވޮޑިގެންފި އެވެ." އަދިވެސް ﷲ ވަޙީކުރައްވާފައިވެ އެވެ. { لَقَدْ تَابَ اللَّهُ عَلَى النَّبِيِّ وَالْمُهَاجِرِينَ وَالْأَنْصَارِ الَّذِينَ اتَّبَعُوهُ فِي سَاعَةِ الْعُسْرَةِ} [التوبة: 117] "ހަމަކަށަވަރުން ނަބިއްޔާގެ މައްޗަށާއި، މުހާޖިރުންނާއި އަންޞާރުންގެ މައްޗަށް ﷲ ތަޥްބާ ލެއްވި އެވެ. އެބައިމީހުންނީ، ދަތިކަމުގެ ވަޤުތުގައި އެނަބިއްޔާއަށް ތަބަޢަވީ މީހުންނެވެ." އަދިވެސް ﷲ ވަޙީކުރައްވާފައިވެ އެވެ. {وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ} [التوبة: 100] "މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި އަހުލުވެރިންނާއި، ހެޔޮގޮތުގައި އެބައިމީހުންނަށް ތަބަޢަވި މީހުން ދަންނާށެވެ. ﷲ އެބައިމީހުންނަށް ރުހިވޮޑިގެންފި އެވެ. އަދި އެބައިމީހުންވަނީ އެކަލާނގެއަށް ރުހިގެންފަ އެވެ." ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުން ތިމަންނަބިއްޔާގެ ޞަޙާބީންނަށް އެއްޗެހި ނުކިޔާށެވެ." ފަހެ ޞަޙާބީން ޢާންމުކޮށް ކާފަރު ކުރާމީހާއަކީ އަކީ ކާފަރެއްކަމުގައި އެއްވެސް ޝައްކެތް ނެތެވެ. ސަބަބަކީ، އޭނާ އެވަނީ ﷲ އާއި ރަސޫލާ އަދި މުސްލިމުންގެ އިޖްމާޢު ދޮގުކޮށްފަ އެވެ." http://goo.gl/iTy5MF

1. ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. "ޞަޙާބީން ނަބިއްޔާ އަރިހުގައި ތިބީ އެއްވެސް ޙާލެއްގައި ދީން ހޯދުމަށާއި ދީން ފަތުރާކަށެއް ނޫނެވެ. އެހެނަސް އެބައިމީހުން ތިބީ ދުނިޔެ ހޯދުމަށެވެ." التعادل والترجيح ص 26
2. ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. "އަނިޔާވެރިކަމުގައި ޙައްދުފަހަނައަޅައިފައިވާ ނުބައި ވެރިން މިޘާލަކަށް ޔަޒީދް، މުޢާވިޔާ، ޢުޘްމާނު ފޮނުއްވި އިލާހަކީ އެއީ އިލާހެއް ނޫނެވެ." كشف الأسرار ص 107

3. ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. "ﷲ އެކަލާނގެ ފޮތުގައި ޒަކާތްބެހިގެންދާ 8 ބައި، ބަޔާންކުރެއްވި އެވެ. އަދި އެއަށްފަހުގައި أبو بكر އެތަނުން އެއްބައި ވައްޓާލިއެވެ. އެކަން ކުރެއްވީ عمر އެކަމަށް ނަޞޭޙަތްތެރި ވެގެންނެވެ." كشف الأسرار ص 135

4. ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. " عمر ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގެ ފަހު ދުވަސްތަކުގައި ރަސޫލާ صلى الله عليه وسلم އަށް އަނިޔާ ދިނެވެ. عمر ގެ މި ކަންތައްތަކަކީ ޢުމަރު ގެ ހިތުގެ އަޑީގައިވާ މުރުތައްދުކަމާއި ކުފުރުގެ ނަތީއްޖާ އެވެ." كشف الأسرار ص 119

5. ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. " عمر ގެ ނުބައި ނުލަފާކަން އަދަދު ނުކުރެވޭހާ ގިނަގުނަ އެވެ. އޭނާ ވަނީ ﷲ ގެ ޝަރީޢަތް ބަދަލުކޮށްފަ އެވެ." كشف الأسرار ص 172  

މިއީ ޚުމައިނީގެ ބަސްތަކުގެ ތެރެއިން އޮށްޓަރެއްހާ މަދު މިންވަރެކެވެ. މިފަދަ ބަޔަކު ސުންނީންނަށް ހެޔޮކޮށް ހިތާނެ ހެއްޔެވެ!

ޝީޢީ، ރާފިޟީން ވަނީ އިސްލާމްދީނުގައި އެންމެ ފުރަތަމަ ތިން ޚަލީފާއިންގެ ކިބައިން ބަރީޢަވެގެންނެވެ. އަދި އެ ތިން ޚަލީފާއަށް ނިސްބަތްކޮށް އެންމެ ހަޑިހުތު ބަސްތައް މުޚާޠަބު ކުރެ އެވެ. އެބައިމީހުން ދެކެނީ، ތިން ޚަލީފާއިންނަކީ علي ގެ ކިބައިން ޚިލާފަތް ފޭރިގެންފައިވާ ބައެއް ކަމުގަ އެވެ. އަދި އެބައިމީހުން އަބޫބަކްރު އަދި ޢުމަރު އެއީ ﷲ ގެ ލަޢުނަތް ލިބިގެންވާ ބައެއްކަމުގައި ބުނެ އެވެ. އަދި ނުހަނު ގިނަ ޞަޙާބީން އެއީ ﷲ ލަޢުނަތް ލެއްވި ބައެއްކަމުގައި ބުނެ އެވެ. الموسوعة الميسرة ص 55  
މިއީ މުސްލިމުން ހެއްޔެވެ؟!!!


ޝީޢީ، ރާފިޟީންނަކީ މި އުއްމަތުގެ މާތް ނަބިއްޔާ صلى الله عليه وسلم ގެ ޤަދަރު ކުޑަކޮށް، އަދި ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަބަލުންގެ މައްޗަށް އެންމެ ބޮޑެތި ފާޙިޝް ޢަމަލު ކޮށްފައިވާ ކަމުގައި ބުނަމުންދާ ބަޔަކަށްވީއިރު، އަދި މި ފަހުގެ ދުވަސްތަކުގައި މި ގޮތްތަކުގައި އެންމެ ބޮޑަށް މި ކަންތައް ދިރުވާ މަސައްކަތްކުރި ނުބައި ނުލަފާ ކަމުގައި ދެވަނައެއް ނުވާ ޚުމައިނީއަށް އިސްލާމް ދީން ދަންނަ އެކަކުވެސް، އެބައިމީހުންނަށް އިޚްތިރާމް އަދި ޤަދަރު ކުރާނެ ތޯ އެވެ.


ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. "އަހަރެމެންނަށް (އިމާމުންނަށް) ﷲ ގެ ޙަޟުރަތުގައި ޙާލާތްތަކެއް ލިބިގެންވެ އެވެ. އެ (ޙާލާތްތަކަކީ) ނަބިއްޔަކަށްވެސް ރަސޫލަކަށްވެސް ލިބިގެންދާނެ ޙާލާތްތަކެއް ނޫނެވެ."

ޚުމައިނީ މިފަދައިން ބުނާއިރު، ނަބިއްޔުންނާއި ރަސޫލުން ކޮބައިހެއްޔެވެ؟ ﷲ ދީނުގައި ޞިއްދީޤުން އަދި ޞާލިޙުންނަށް ލިބިދިޔަ މަޤާމެއް ނެތުނީ ހެއްޔެވެ؟

شيخ الإسلام ابن تيمية رحمه الله   ވިދާޅުވެފައިވެ އެވެ. "ފަހެ، އެ ޞަހާބީންނަށް އެއްޗެހި ކިޔައިފި މީހާ، އެޞަޙާބީންގެ މައްޗަށް ރުޅިވެރިކަން ފާޅުކުރި މީހާއަށްވުރެ ނުބައިކަން ބޮޑުވެގެންވެ އެވެ. ފަހެ، އެފަދަ މީހާއަކީ މުނާފިގެއްކަމުގައިވެ ﷲ އާއި އާޚިރަތް ދުވަހަށް އީމާންނުވާ މީހެއްކަމުގައިވާނެ އެވެ." الصارم المسلول 571


ޝީޢީންގެ އެންމެ މުޤައްދަސް ފޮތް الكافي ގައި ބަޔާންވެގެންވެ އެވެ.  "އަދި އަހަރެމެންގެ އަތުގައި މުސްޙަފް ފާޠިމާ ވެ އެވެ. (ސުންނީ މުސްލިމް އަތުގައިވާ ޙަތިމް ނޫން އެހެން ޙަތިމެއް އެ ޙަތިމަށް އެމީހުން ކިޔަނީ މުސްޙަފް ފާޠިމާ) އެ މުސްޙަފްގައިވަނީ ކޯންޗެއްތޯ އެވެ؟ އެއަށްފަހު ބުނެފައިވެ އެވެ. ތިޔަބައިމީހުންގެ އަތުގައިވާ ޤުރުއާނަށްވުރެ ތިންގުނަ އޭގައި އިތުރުވެގެންވެ އެވެ. ﷲ ޤަންދީ ބުނަމެވެ. ތިޔަބައިމީހުންގެ އަތުގައިވާ ޤުރުއާނުގެ އެންމެ އަކުރެއްވެސް އެ ޤުރުއާނުގައި ނުވެ އެވެ." الموسوعة الميسرة ص 55  

 

މި ނުބައި ފާޖިރު އަހުލުވެރިންނަށް ތަބަޢަވުމުގައިވާ ޖަމާޢާތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބެ އެވެ.

الإمام البغوي رحمه الله  ތަފްސީރުގައި ގެންނަވާފައިވެ އެވެ. "مالك بن مغول ވިދާޅުވި އެވެ. عامر بن شراحيل الشعبي ވިދާޅުވި އެވެ. އޭ مالك އެވެ. ޔަހޫދީންނާއި ނަޞާރާއިން، ރާފިޟީންނަށްވުރެ އެންމެކަމެއްގައި މަތިވެރިވެގެންވެ އެވެ. ޔަހޫދީން ކައިރީގައި ބުނެވުނެވެ. ކަލޭމެންގެ މިއްލަތުގައިވި އެންމެ ހެޔޮމީހުންނަކީ ކޮބައިތޯ އެވެ. އެބައިމީހުން ބުންޏެވެ. موسى عليه الصلاة والسلام ގެ އަޞްޙާބުންނެވެ. ނަޞާރާއިން ކައިރީގައި ބުނެވުނެވެ. ކަލޭމެންގެ މިއްލަތުގައިވި އެންމެ ހެޔޮ މީސްތަކުންނަކީ ކޮބައިތޯ އެވެ. އެބައިމީހުން ބުންޏެވެ. عيسى عليه الصلاة والسلام  ގެ ޙަވާރީންނެވެ. ރާފިޟީން ކައިރީގައި ބުނެވުނެވެ. ކަލޭމެންގެ މިއްލަތުގައިވި އެންމެ ނުބައިވެގެންވާ މީސްތަކުންނަކީ ކޮބައިތޯ އެވެ؟ ފަހެ، އެހިނދުގައި އެބައިމީހުން ބުންޏެވެ. محمد صلى الله عليه وسلم ގެ އަޞްޙާބުންނެވެ. އެ ޞަޙާބީންނަށް އިސްތިޣްފާރު ކޮށްދިނުމަށް އަމުރުކުރެވުނު ހިނދުގައި އެބައިމީހުން ހަޑިމުޑުދާރު އެއްޗެހި އެ ޞަޙާބީންނަށްކިޔަ އެވެ."

 

20171114-hamaas-02.jpg

ޙަމާސް ޖަމާޢަތުގެ އިސްވެރިޔާ ޚާލިދް މަޝްޢަލް އީރާނުގައި ހުރެ ޚުމައިނީއަށް އަދި އީރާނަށް ނިޞްބަތްކޮށް "އިސްލާމީ އީރާން" "ﷲ އީރާން ޢިއްޒަތްތެރި ކުރައްވާނދޭ" ބުނެ ދުޢާ ކުރަނީ.


الإمام الشيخ العثيمين ވިދާޅުވެފައިވެ އެވެ. "އެންމެހައި ބިދުޢަތަކުގެ، އަޞްލު އައިސްފައިވަނީ ރާފިޟީންގެ ތެރެއިންނެވެ. އިސްލާމްދީނުގެ މައްޗަށް އޮތް އެންމެހައި ވަބާތަކުގެ އަޞްލަކީ އެއީ އެވެ." القول المفيد 416/1

 

އީރާނުގައިވާ ޝީޢީ ރާފިޟީންގެ އެންމެ ބޮޑު ލަނޑުދަނޑިއަކީ، އެމީހުންގެ ޢަޤީދާއާ ޚިލާފް އެންމެހައި ދަޢުލަތްތަކެއްގައި ތިބި ސުންނީ މުސްލިމުން މަރައި، އެތަނަކީ ރާފިޟީންގެ ތަނެއްކަމުގައި ވުމަށެވެ. މިހާރު އީރާނުގެ ތެހެރާންއަށް ބަލައިލުމުން އެކަން ފެންނާނެ އެވެ. އެންމެ ސުންނީ މިސްކިތެއް އެތަނުގައި މިހާރު ނުވެ އެވެ. އެންމެހައި ދައުލަތްތަކެއްގައި އެމީހުންގެ ބޭނުންވާ ގޮތަކީ މި އެވެ.


الإمام الشيخ العثيمين ވިދާޅުވެފައިވެ އެވެ. "އެންމެހައި ބިދުޢަތަކުގެ، އަޞްލު އައިސްފައިވަނީ ރާފިޟީންގެ ތެރެއިންނެވެ. އިސްލާމްދީނުގެ މައްޗަށް އޮތް އެންމެހައި ވަބާތަކުގެ އަޞްލަކީ އެއީ އެވެ." القول المفيد

 

ޔަހޫދީންނަށާއި ނަޞާރާއިންނަށް ޘަނާ ކިޔުމުގައި ދެވަނައެއްނުވާ ޤަރުޟާވީއާ ޙަމާސް ޖަމާޢަތް:

 

20171114-hamaas-qardawi.jpg

ޙަމާސް ޖަމާޢަތުގެ އެންމެ އިސް އެއްލީޑަރ އިސްމާޢިލް ހަނިއްޔާ ޤަރުޟާވީއަށް ބޮސް ދެނީ.
 

ޤަރުޟާވީ އަކީ، ޔަހޫދީން (ޔަހޫދީ ދައުލަތުގައި)  ބޭއްވުނު އިންތިޚާބުގައި ނަތަންޔާހޫ އަށް 57 އެތަށް ޕަސެންޓެއް ލިބުމުން، ﷲ އަށް ނިސްބަތްކޮށް، ﷲ  މީސްތަކުންގެ މައްޗަށް ފާޅުވިކަމުގައި ވިޔަސް މިފަދަ ނިސްބަތެއް ނުލިބޭނެ ކަމުގައި ބުނެފައިވެ އެވެ. ޔަހޫދީންނަށް ޘަނާ ކިޔަނީ ކޮންބައެއްތޯ އެވެ؟ އަދި ޔަހޫދީންނަށް ޘަނާ ކިޔުމުގައިވާ މީހުންނަށް އެއްބާރުލުން ދެނީ ކޮންބައެއްހެއްޔެވެ؟
 

الشَّيْخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن އަރިހުގައި މިބަސްތައް ވިދާޅުވުމުން ޝެއިޚް ވިދާޅުވި އެވެ. "އޭނާއަށް އޮތީ ﷲ އަށް ތަޥްބާ ވުމެވެ. ނޫންނަމަ އޭނާގެ ބޯކެނޑުން ހުއްޓެވެ."  
އަޑުއައްސަވާ : http://goo.gl/UpyFOC


ޙަޤީޤަތުގައި ޔަހޫދީން ދިފާޢުކޮށް އެބައިމީހުންނަށް ޘަނާ ކިޔަނީ ކޮންބައެއް ހެއްޔެވެ؟ އެހެނަސް މިފަދަ މީހުން ރަނގަޅެވެ!! މި މިންވަރަށް މުރުތައްދު ބަސްތައް ބުނެފައިވާ މީސްތަކުން އެއީ ޢިލްމުވެރިންކަމުގައި ހަދާ މީހުން އެއީ އިސްލާމްދީނުގައި ތަންދޮރު އެބަޔަކަށް އޮޅުންފިލާފައިވާ ބައެއް ބާވަ އެވެ. ޝައްކެތްވެސް ނެތެވެ. މިސުރުގައި އުފެދިފައިވާ ސިޔާސީޕާޓީ އިޚްވާނުލް މުސްލިމީންގެ އެންމެ ބޮޑު އެކަކީ ޤަރަޟާވީ ކަމުގައި ވުމުން، އެފަދަ އެހެން ސިޔާސީ މީސްތަކުންނަށް ޤަރަޟާވީއަކީ ރަނގަޅު މީހެއްކަމުގައި ނުވާނެ ގޮތެއް ނޯންނާނެ އެވެ.

 

މީނާ އަކީ، މިޔުޒިކަކީ ޙަލާލު އެއްޗެއްކަމުގައި ހަދާފައިވާ މީހެކެވެ. ރާ ވިއްކުމާއި، އޫރުމަސް ވިއްކުން ޙަލާލުކޮށްފައިވެ އެވެ. ހިލޭ އަންހެނުންނާއި އަތާއި އަތްޖޯޑުކޮށް ސަލާންކުރުން ހުއްދަކޮށްފައިވެ އެވެ. ޤަޟާ ޤަދަރުގައި މުޢުތަޒިލީންގެ ޢަޤީދާއަކީ ޞައްޙަ ޢަޤީދާ ކަމުގައި ފާޅުކޮށްފައިވެ އެވެ. ޔަހޫދީންނަށް މުސްލިމުން ނެރޭ ޒަކާތުގެ ފައިސާ ދިނުން ހުއްދަވެގެންވާ ވާކަމާއި، އަހުލުކިތާބީންގެ އަންހެނަކު އިސްލާމް ވުމުން އެ އަންހެން މީހާއަށް އޭނާގެ ކާފަރު ފިރިމީހާގެ ކައިވެނީގެ ދަށުގައި ހުރެވޭނެ ކަމުގައި ބަޔާންކޮށްފައިވެ އެވެ. ނަރަކައަކީ ފަނާވެދާނެ ތަނެއްކަމުގައި ބަޔާންކޮށްފައިވެ އެވެ. އަދިވެސް އެތަކެއްމެ ގިނަގުނަ ވަބާއެއް، މުޞީބާތް ދީނުގެ ނަމުގައި ގެނެސްފައިވެ އެވެ. http://goo.gl/kZ32cm

 

ނަޞާރާއިންގެ އެންމެ ބޮޑު ފާދިރީ މަރުވުމުން އެ ނަޞާރާ ފާދިރީއަށާއި ނަޞާރާއިންގެ އުއްމަތައް ބުނެފައިވާ ޘަނާގެ ބަސް

 

ވެޓިކަންސިޓީގެ ބާބާ Pope John Paul II މަރުވުމުން ނަޞާރާ ތާޣޫތީ އުއްމަތަށާއި އެބާބާއަށް ރަޙްމަތް ލިބުމަށް އެދި ތަޢުޒިޔާ ކިބައި ޔޫސުފް އަލް-ޤަރަޟާވީ ބުނެފައިވެ އެވެ. "އެންމެ މަތިވެރި ޢިލްމީ ކަނޑެއްފަދަ އަލްބާބާ ޕޯޕް ޖޯން ޕޯލް ދޭއް، ވެޓިކަން ސިޓީގެ ކެތޮލިކް ކަނީސާގެ ބާބަ، އޭނާއަކީ މަސީޙީ ދީނުގައި އަތްތަކުން (އިނގިލިތަކުން) އިޝާރާތް ކުރެވޭ އެންމެ މަތިވެރި މީހާ އެވެ. އޭނާ އިއްޔެ މަރުވެގެން ގޮއްސި އެވެ. އަދި އޭނާ މަރުވި ކަމުގެ ޚަބަރު މުޅިދުނިޔެއަށް ވަނީ ނަޤުލު ކުރެވިގެން ގޮއްސަ އެވެ. ފަހެ، އަހަރެމެންގެ މައްޗަށް އޮތް ޙައްޤެއް ކަމުގައިވަނީ –ނުވަތަ އަހަރެމެންގެ މައްޗަށް އޮތް ވާޖިބެއްކަމުގައިވަނީ- މަސީޙީ އުއްމަތަށް ތަޢުޒިޔާ ކިޔުމެވެ. އަދި ވެޓިކަން ސިޓީގައިވާ އެންމެހައި މަސީޙީ ފާދިރީންނަށް (ޕޯޕުންނަށް) ވެސް ތަޢުޒިޔާ ކިޔުމެވެ. އަދި ވެޓިކަން ސިޓީ ނޫން އެހެނިހެން ތަންތަނުގައިވާ މީސްތަކުންނަށްވެސް (ތަޢުޒިޔާ) ކިޔުމެވެ. ބައެއްމީހުންނަކީ އަހަރެމެންގެ ރަޙްމަތްތެރިންނެވެ. (އަދިވެސް ބުނެފައިވެ އެވެ.) ... އޭނާއަށް ﷲ ރަޙްމަތް ލެއްވުމަށް އެދި ﷲއަށް ދުޢާކޮށްދިނުން ނޫން ކަމެއް ކުރެވޭކަށެއް އަހަރެމެންނަށް ނެތެވެ. އަދި އޭނާ އިންސާނިއްޔަތައް ކޮށްދީފައިވާ ހެޔޮކަންތައްތަކަށް އޭނާއަށް ﷲ ޘަވާބުދެއްވުން އެދި (ދުޢާކުރުން ނޫން ކަމެއް) ނެތެވެ. އަދި އޭނާ ދޫކޮށްފައިވާ ޞާލިޙް ޢަމަލާއި، ހެޔޮވެގެންވާ އަޘަރުތަކަށް (އޭނާއަށް ޘަވާބު) ލިބުމެވެ. އަދި އަހަރެމެން، މުޅި ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެންމެހައި މަސީޙީންނަށް ތަޢުޒިޔާ ކިޔަމެވެ. އަދި ރޯމާގައިވާ އަހަރެމެންގެ އެންމެހައި ރަޙްމަތްތެރިންނަށާއި އަދި ރޯމްގައިވާ ސާނެތް ތީދިޔޫ ޖަމްޢިއްޔާގައިވާ އަހަރެމެންގެ ރަޙްމަތްތެރިންނަށް (ތަޢުޒިޔާ ކިޔަމެވެ.) މަސީޙީ އުއްމަތަށް ﷲ އޭނާއަށްވުރެ ހެޔޮމީހަކު ގެންނަވާނދޭވެ!" الحدود الفاصلة بين أصول منهج السلف الصالح و أصول القطبية السرورية  ص 545  
ﷲ އަށް ޝަރީކު ކުރުމުގައި މުޅި ޙަޔާތް ހޭދަކުރި، މީސްތަކުންނަށް ކުފުރަށް ދަޢުވަތުދިނުމުގައި އޭނާ މުޅި ޙަޔާތް ހޭދަކުރުމުގައި ހުރެ، މަރުވެދިޔަ ފާދިރީއަށް ރަޙްމަތް ލެއްވުންއެދި ދުޢާކުރާނީ އިސްލާމް ދީނުގެ ކިހާމިންވަރެއް އޭނާއަށް އޮޅުން ފިލައިފައިވާ މީހެއްޔެވެ؟ އެހެނަސް ޔަހޫދީން ނަޞާރާއިންގެ ފަރާތުން ރުހުމާއި އޯގާތެރިކަން ހޯދައި ރަޙްމަތްތެރިކަން ހޯދުމަށް އިންސާނާ ކޮށްފައިވާ ޢަމަލު ވަރަށް ސާފުކޮށް ފެނެއެވެ. ޔަހޫދީންނަށާއި ނަޞާރާއިންނަށް ތާއީދު ކުރަނީ ކޮންބައެއްތޯ އެވެ؟

އެންމެހައި އަޚުންނޭވެ. ބިދުޢަވެރި، ބާޠިލްގެ އަހުލުވެރިންގެ ވާހަކަ ދެއްކުމުން އެއްބަޔަކު މޭ ކަރާނެ އެވެ. އެހެނަސް ޙައްޤު ބަޔާންކުރުމަކީ އެއްވެސް ޙާލެއްގައި ޔަހޫދީންނަށް ނުވަތަ ﷲ އަށް ކާފަރުވެފައިވާ މިލްލަތްތަކަށް ތަބަޢަވުމެއް، އަދި ތާއީދު ކުރުމެއްވެސް ނޫނެވެ. އެއީ ޔަހޫދީންނަށް ނުވަތަ ނަޞާރާއިންނަށް އެހީތެރިވުމެއްވެސް ނޫނެވެ.
 

ބުހުތާނުގެ އަހުލުވެރިން ކަނޑައެޅިގެން ބަޔާންވެގެންވާ ބުހުތާނު ހަދާއިރު، އެބައިމީހުން ﷲ އަށް ބިރުވެތިވުން ހުއްޓެވެ. ޙަމާސް ޖަމާޢަތުގެ އަހުލުވެރިން އެބައިމީހުންނަކީ، ހެޔޮ ރަނގަޅު ބައެއްކަމަކަށް މީސްތަކުންނަށް ކިތަންމެ ވަރަކަށް ދެއްކި ކަމުގައިވިޔަސް، ޙައްޤު ހޯދަން ބޭނުންވާ އެކަކަށްވެސް އެބައިމީހުންގެ ޙަޞީލަތަކީ ކޮބައިކަން އޮޅިފައެއް ނުވެ އެވެ. އެމީހުންގެ ލަނޑުދަޑިއަކީ ކޮބައިކަމެއް، އެއީ ކޮންބަޔަކާއި ގުޅުންއޮތް ބައެއްކަމެއް ވަންހަނާވެގެން ނުވެ އެވެ.
މިފަދައިން ބަޔާންކޮށްދިނުމުން ތިބާއަށް އަހަރެންނަކީ ޔަހޫދީންނާ އެކުގައިވާ މީހެއްކަން ބުނެވޭނީ ކޮންފަދައަކުންތޯ އެވެ؟ ތިބާގެ ހުރި ގޮތްކުޑަކަމާއި ބިރެއްނެތި ބަސްބުނުމުގައި ހުރި ނުބައިކަމާ އެވެ!
ޝީޢީ، ރާފިޟީންނާއި އެކުގައިވެ، އިސްލާމީ ޞައްޙަ މަންހަޖުން ވަކިވެފައިވާ ބައެއްކަން މީސްތަކުންނަށް އެނގިގެން ދިއުމަކީ މަޤްޞަދު ޙާޞިލްވުމެވެ.
ﷲ ތަޢާލާ، ފަލަސްޠީނުގެ އަހުލުވެރިންނަށް ދިމާވެފައިވާ ޔަހޫދީންގެ ޢުދުވާނުން އެބައިމީހުން ސަލާމަތް ކުރައްވާނދޭވެ. އެބައިމީހުންނަށް މާތް ﷲ ނަޞްރު ދެއްވައި އެބައިމީހުންނަށް ހެޔޮގޮތް މިންވަރު ކުރައްވާނދޭވެ.

 

ޙަމާސް ޖަމާޢަތާ ޑިމޮކްރަސީއާ އޮތް ގުޅުމަކީ ކިހާވަރެއްގެ ގުޅުމެއްތޯ!


ޙަމާސްޖަމާޢަތުގެ ލީޑަރ އިސްމާޢީލް ހަނިއްޔާ ބުނެފައިވެ އެވެ. "ޑިމޮކްރަސީއަކީ ޞައްޙަވެގެންވާ، ސަލާމަތް ކަމުގައިވާ މަގެކެވެ." برنامج قضية (على بساط الحوار) ربيع الآخر 1426


ޙަމާސް ޖަމާޢަތާ އިޚްވާނުލް މުސްލިމީންއާ އޮތް ގުޅުން


ޙަމާސް ޖަމާޢަތުގެ އަހުލުވެރިންވަނީ، އެމީހުންގެ ބަޢިއަތު އިޚްވާނުލް މުސްލިމީންއަށް ﷲ ހެކިކޮށް ދީފަ އެވެ. އަދި ބަޢިޢަތު ދިނުމަށް އިޚްވާނުންގެ ބަޢިއަތު ހިފުމަށް ބޭއްވޭ އެންމެ ބޮޑު ޙަފްލާގައި ބައިވެރިވެ، އިޚްވާނީންނާ އެކުގައި ބަޢިޢަތު ހިފާފައިވެ އެވެ. އެމީހުން ގެ ބަޢިޢަތުގައި ބުނެފައިވެ އެވެ.

”ހުރިހައި އެންމެންގެ އަތްތައް މައްޗަށް އުފުލާށެވެ!“
”ﷲ ގެ ހަޟްރަތަށް އަހަރެމެން އަހުދު ކަށަވަރުވަމެވެ.“
”އެންމެ މަތިވެރިވެގެންވި އަދި އެންމެ މާތްވެގެންވި  މާތްﷲ ގެ ހަޟްރަތުގައި އަހަރެމެން އަހުދު ކަށަވަރުވަމެވެ.“
”އެކަލާނގެ ހަޟްރަތުގައި އެއްބަސްމިވަނީ އިޚްވާނުލް މުސްލިމީންގެ ދަޢުވަތުގައި ފުރިހަމަޔަށް ޤާއިމްވެ ހިފެހެއްޓުމަށެވެ.“
”އެކަލާންގެ ހަޟްރަތުގައި އެއްބަސްމިވަނީ އިޚްވާނުލް މުސްލިމީންގެ މަގުގައި ޖިހާދު ކުރުމަށެވެ.“
”އިޚްވާނުލް މުސްލިމީން ޖަމާޢަތުގެ މެންބަރެއް ގޮތުގައި ހުރެ އެ ޖަމާޢަތުގެ ޝަރީޢަތުގައި ފުރިހަމަޔަށް ޤިޔާމްވެ ދެމިހުރުމަށެވެ.“
”އަދި އިޚްވާނުން މުސްލިމީންގެ ޖަމާޢަތަށް އަޑުއަހައި ކިޔަމަންވެ ދެމިހުރުމަށެއެވެ.“
”އެއީ ކުރާ ހިތްވާ ކަންތައްތަކުގަޔާއި، ކުރާ ހިތްނުވާ ކަންތައްތަކުގައި އެބައިމީހުންނަށް ކިޔަމަންވެ ބޯލެބުމަށެވެ.“
”އަދި މިގޮތުގައި އަހަރެމެން ﷲ ގެ ހަޟްރަތުގައި އަހުދު ކަށަވަރުވަމެވެ.“
”އަދި މިގޮތުގެ މައްޗަށް އަހަރެމެން ބައިޢަތު ހިފަމެވެ.“
”އަދި އަހަރެން މި ބުނާ ބަސްތަކުގެ މައްޗަށް ﷲ އަށް  ވަކީލުކޮށް ބުނަމެވެ.“
ބައްލަވާ : http://youtu.be/nnGqXJCENlc

 

އެންމެހައި އަޚުންނޭވެ. ޙަމާސް އަދި އިޚްވާނީން ޖިހާދު ކުރަނީ، ކޮންމަގެއްގައި ތޯ؟ ﷲ އަށްޓަކައިތޯ؟ ނުވަތަ އިޚްވާނުލް މުސްލިމީންއަށްތޯ؟ އެމީހުން ﷲ ގެ ޙަޟުރަތުގައި އަޙުދުވެފައިވާ ބަސްތަކުގައި ބުނެފައިވަނީ، ތިމަންމެން ޢަޙުދުގައި ބަޔާންކުރަނީ، އިޚްވާނުލް މުސްލިމީންއަށް، އިޚްވާނުލް މުސްލިމީންގެ މަގުގައި ޖިހާދު ކުރުމަށެވެ. ﷲ އާއި އެކަލާނގެ ދީނަށްޓަކައި ޢަމަލުކުރުން ކޮބައިތޯ އެވެ؟

 

ޙަމާސް ޖަމާޢަތަކީ އިސްލާމީ ހަރާކާތެއް ނޫން - އިމާމް އަލް-ބާނީ رحمه الله

 

 

ރާފިޟީ ޢިރާނުން ހަމާސް އަށް ތާޢީދުކޮށް އެހީތެރިވަނީ ކީއްވެ؟ - އިމާމް އަލް-ބާނީ رحمه الله

 

Like what you see?

Close

Hit the buttons below to follow us, you won't regret it...

0
Shares