5  އުސާމާ ބިން ލާދިންގެ ޖިހާދަކީ ޝައިޠާނާގެ މަގުގައިވާ ޖިހާދެކެވެ. ހަވާ ނަފްސުގެ އަހުލުވެރިންގެ ޖިހާދެކެވެ. - الشَّيْخ عَبْدُ اللهِ بْنُ عَبْدِ الرَّحِيم البُخَارِي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އުސާމާ ބިން ލާދިންގެ ޖިހާދަކީ ޝައިޠާނާގެ މަގުގައިވާ ޖިހާދެކެވެ. ހަވާ ނަފްސުގެ އަހުލުވެރިންގެ ޖިހާދެކެވެ. - الشَّيْخ عَبْدُ اللهِ بْنُ عَبْدِ الرَّحِيم البُخَارِي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ އުސާމާ ބިން ލާދިން

الشَّيْخ عَبْدُ اللهِ بْنُ عَبْدِ الرَّحِيم البُخَارِي حفظه الله އަށް އުސާމާ ބިން ލާދިންއާ ބެހޭގޮތުން ސުވާލު ދެންނެވުމުން ވަރަށް ތަފްސީލުކޮށް ބައިގަޑިއިރުގެ ވަރަށް ފުރިހަމަ ޖަވާބެއް ދެއްވި އެވެ. މިތަނުގައި ޖަވާބުން ބައެއް ތަންތަންކޮޅު ޛިކުރު ކޮށްލަމެވެ.


ޝައިޚު ވިދާޅުވި އެވެ: "އުސާމާ ބިން ލާދިންއާއި އޭނާއަށް ތަބާވީ މީހުން، އެމީހުންގެ ނިގޫތައް ދެޙަރަމްފުޅުގެ ރަށްތަކަށް ފޮނުވައި، (ތަންތައް) ހަލާކުކޮށް މީހުން މަރައި (ތަންތަން) ސުންނާފަތި ކުރުމަކީ ޖިހާދެއް ހެއްޔެވެ؟ (މައުސޫމް) މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުން އެ ބެލެވެނީ ޖިހާދެއްގެ ގޮތުގައި ހެއްޔެވެ؟ އާނއެކެވެ.
އެއީ ޝައިޠާނާގެ މަގުގައިވާ ޖިހާދެކެވެ. اللهގެ މަގުގައިވާ ޖިހާދެއް ނޫނެވެ. އެއީ ހަވާ ނަފްސުގެ އަހުލުވެރިންގެ ޖިހާދެވެ. ބާޠިލު ގެންނަ (އަދި އެއަށް ދަޢުވަތުދޭ) މީހުންގެ ޖިހާދެވެ. އެއީ އަހަރުމެން މީގެ ކުރިން ޛިކުރުކުރި، ޤުރުއާނާއި ސުންނަތާއި އުންމަތުގެ ސަލަފުންގެ މަންހަޖުގެ މަތީގައިވާ ޖިހާދެއް ނޫނެވެ.

އުސާމާ ބިން ލާދިންގެ އަޑުން ރެކޯޑު ކުރެވިފައިވާ ޚުޠުބާއެއް އަހަރެންގެ އަތުގައި އެބަ އޮތެވެ. އޭނާ الله ގެ މައްޗަށް ދޮގު ބުނެފައިވެ އެވެ. އަދި ޙަރަމްފުޅުގެ ދެ ބިމުގެ މައްޗަށް ސަލީބީން ގަދަވެގަނެފި ކަމަށް އޭނާ ދައުވާ ކުރެއެވެ. އާނއެކެވެ؟ (ވިސްނިއްޖެ ހެއްޔެވެ؟) އެ ދެ ބިމުގެ މައްޗަށް ސަލީބީން ގަދަވެގަނެފި ކަމަށެވެ. އަދި އެމީހުންވަނީ ދެ ޙަރަމްފުޅުގެ ދޮރުތައް މަތީގައި ކަމަށެވެ. އެމީހުންގެ ފޮޓޯތަކުގައިވާ ފަދައިންނެވެ. އެމެރިކާގެ ލަޝްކަރީ ސިފައިންނާއި ހަނގުރާމައަށް ތައްޔާރު ކުރެވިފައިވާ ތަކެތި ޙަރަމްފުޅުގެ ދެބިން ހިމާޔަތް ކުރާ ތަނެވެ. ތިޔަބައިމީހުން މައްކާއަށާއި ޖިއްދާ....، މިބިންތަކަށް ދިޔައިމެއް ނޫން ހެއްޔެވެ؟ ޙަރަމްފުޅުގެ ދެބިން ވަނީ ކޮންތާކު ހެއްޔެވެ؟ އެންމެ ހަނގުރާމަވެރި މީހެއް ތިޔަބައިމީހުން ދެކުނިން ހެއްޔެވެ؟ ހަނގުރާމަވެރިންތަކެއް ނޫނެވެ. އެންމެ ހަނގުރާމަވެރިއެއް (ތިޔަބައިމީހުން ޙަރަމްފުޅުގެ ދެބިމުގައި ދެކުނިން ހެއްޔެވެ)؟
    

ހިޖުރައިން 1416 ވަނަ އަހަރު ސަޢޫދީ ޚަވާރިޖުންގެ ހަތަރު މީހަކު ރިޔާޟްގައި ގާއިމްވެ ޢުލައްޔާގައި، ޢުލައްޔާގެ ނަމުން ނަންދެވިގެންވާ އަވަށެއްގައި ބޮންގޮއްވި އެވެ. ޢަބްދުލް ޢަޒީޒު އައް-ސަޢީދު އާއި، މުސްލިޙު އާއި، އަލް-މަޢްޘަމް އާއި އޭގެ އިތުރުން އެކަކު، މި ހަތަރު މީހުންގެ ނަންތައް އަހަރެންގެ އަތުގައި އެބަހުއްޓެވެ. މި ހަތަރު މީހުން ކުރީ ކޮން ކަމެއް ހެއްޔެވެ؟ މުސްތައުމަނުން ދިރި އުޅޭ ތަނަކަށް އެމީހުން ދިޔައެވެ. އަދި އެތަން ގޮއްވާލިއެވެ. މި މުސްތައުމަނުންނަކީ އެމެރިކާގެ ލަޝްކަރުންގެ ސިފައިންގެ ތެރެއިން ތަމްރީންކުރަން ތިބި ބައެކެވެ. އަސްކަރީ ސިފައިންނެވެ. އެމީހުންނީ ތަމްރީންކުރަން ތިބި ބައެކެވެ. އެމީހުންނީ މުސްތައުމަނުންނެވެ. އަމާންކަމާ އެކީ (ސަޢޫދީއަށް) ވަދެ ތިބި ބައެކެވެ. އާނއެކެވެ؟ (ވިސްނިއްޖެ ހެއްޔެވެ؟) ފަހެ އެ(ހަތަރު) މީހުން އައެވެ. އަދި ބޮންހަރުކޮށްފައި ހުރި ކާރެއް ބަހައްޓާފައި އެ އިމާރާތް ގޮއްވާލި އެވެ. ގާތްގަޑަކަށް 200 ވަރަކަށް މީހުން މަރުވި ކަމަށް ލަފާ ކުރެވެ އެވެ. الله ގެ ފަޟްލުވަންތަވެރިކަމުން އެމީހުން އަތުލައިގަނެވުނެވެ. އަހަރެންގެ އަތުގައިވާ ޚުޠުބާގައި ބިން ލާދިން ކޮށްފައިވަނީ ކޮން ކަމެއް ހެއްޔެވެ (ބުނެފައިވަނީ ކީކޭ ހެއްޔެވެ)؟ އޭނާ ބުންޏެވެ: "މިވެނި މިވެނި މިވެނި މީހަކު، އެމީހުން ރޫހުތައް ކުރިއަށް ފޮނުވައިލީ ހިނދު އަހަރުމެން الله ގެ ޙަޟްރަތުން އެދި ދުޢާ ކުރަމެވެ." އަދި އެހަތަރު މީހުންގެ ނަން ކިޔެވެ. އޭނާ ބުންޏެވެ: "އަހަރުމެން އެބައިމީހުންނަށް (ޖިހާދަށް) ގޮވާލިތާ މާ ގިނަ ވަގުތެއް ނުވަނީސް އެމީހުން ޖިހާދުގެ ގޮވާލުމަށް އިޖާބަ ދިނެވެ." އާނއެކެވެ؟ (ވިސްނިއްޖެ ހެއްޔެވެ؟) ދެން އެއަށް ފަހު އަލް-ފާރޫގު ކޭމްޕުގައިވި އަލް-ގައިދާ ޖަމާއަތުގައި ހަތަރު ދިދަ ގާއިމް ކުރިއެވެ. މި ހަތަރު މީހުންގެ ނަމުން ނަންދެވިގެންވާ ދިދަ ތަކެކެވެ: ޢަބްދުލް ޢަޒީޒުގެ ދިދައާއި، ނާސިރު އަލް-މަޢްޘަމްގެ ދިދައާއި، އަދި މިވެނި މީހަކާއި އެވެނި މީހެއްގެ ދިދައެވެ. އެމީހުންގެ ނަންތަކުންނެވެ. ހާ! ތިޔަބައިމީހުންނަށް ފޯރައިފިތަ؟ އަދި އެމީހުންގެ ނަންތައް (އުސާމާގެ ޚުތުބާގައި) ޛިކުރު ކުރާ ހިނދު އެމީހުންގެ ފޮޓޯތައް މިފަދައިން ގެނެއެވެ. ތިބާއަށް އޭތި ފެނުނު ހެއްޔެވެ؟ އަދި (އެވީޑިއޯގައި) ތަމްރީނުކުރާ މީހުންގެ ތެރެއިން މީހަކު ގެނެސް އޭނާ ބުނެއެވެ: "الله ގަންދީ ހުވާކޮށް ބުނަމެވެ. ހަމަކަށަވަރުން މިހަތަރު މީހުންގެ ލޭގެ ބަދަލު އަހަރުމެން ހިފާނަމެވެ. الله ގަންދީ ހުވާކޮށް ބުނަމެވެ. އަހަރުމެން މިވެނި ކަމެއް ކުރާނަމެވެ. އަދި އަހަރުމެން މިވެނި ވާހަކައެއް ބުނާނަމެވެ." ތިބާ ތިބަދަލު ހިފަނީ ބިމަށާއި ލެއަށް ހެއްޔެވެ؟ ތިޔައީ الله ގެ މަގުގައި ކުރެވޭ ޖިހާދެއް ހެއްޔެވެ؟! ތިފަދައިން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ކުރުމާ ބެހޭގޮތުން ނަބިއްޔާ ﷺ އިންޒާރެއް ނުދެއްވާ ހެއްޔެވެ؟! ހަމާސް (ޖޯޝާއި ފޯރި) އަރައިގެން ހަނގުރާމަ ކުރުމާއި މިފަދައިންނާއި ހިތްވަރުގަދަކަން ދައްކަން ކުރާ ހަނގުރާމަ ކުރާ މީހާއާ ބެހޭ ގޮތުންނެވެ؟ އެންމެ ރަނގަޅު. އެހެންކަމުން މީނާ (ބިން ލާދިން) ސަނާ ކިޔަނީ ޚަވާރިޖުންނަށެވެ. އެމީހުން (ބޮންގޮއްވި ހަތަރު މީހުން) އަތުލައިގަނެވުނު ހިނދު އެމީހުން ވާހަކަ ދެއްކިއެވެ. އެމީހުން اِبْنُ بَاز އާއި هيئة كبار العلماء ގެ ޢިލްމުވެރިން ކާފަރު ކޮށް އުޅުނެވެ. އަދި އެޢިލްމުވެރިންނީ މުދާހިނުން (ދުނިޔޭގެ އުފާ ހޯދުމަށް ދީނުގެ ކަންތައް ދޫކޮށްލާ މީހުން) ކަމުގައި ދެކުނެވެ. އަދި اِبْنُ عُثَيْمِين އާއި މިވެނި ބޭފުޅަކު، މިއެންމެންނަކީ އެމީހުން ދެކޭ ގޮތުގައި ކާފަރުންގެ ތެރެއިންވާ ބައެކެވެ. ތިބާ (ބިން ލާދިން) ސަނާ ކިޔަނީ ޚަވާރިޖުންނަށެވެ. ތިބާ ހަމައެކަނި އެމީހުންނަށް ހިމާޔަތްދީ ގޮވައިލީކީ ނޫނެވެ. ތިބާ ބުންޏެވެ: "އެމީހުން (ޖިހާދުގެ) ގޮވާލުމަށް އިޖާބަ ދިނެވެ." ތިބާ އެމީހުންނަށް ސަނާ ކިޔަނީ އެވެ. އެމީހުންގެ ނަމުގައި ދިދަތަކެއް ތިބާ ގާއިމް ކުރިއެވެ. އަދި އެެމީހުންނީ اللهގެ ޙަޟްރަތުގައި މުޖާހިދުންގެ ގޮތުގައިވާ ކަމަށް ތިބާ އުންމީދު ކުރެއެވެ. މިއީ ވެރިންނާ ދެކޮޅަށް ނުކުތުން ކަމުގައި ނުވާ ނަމަ، ފަހެ ވެރިންނާ ދެކޮޅަށް ނިކުތުމަކީ ކޮބައިހެއްޔެވެ؟! އެހެންކަމުން ކާފަރުންތައް ގަތުލުކޮށްފައި އަހަރެން މަރާލާ ޚާރިޖީއެއްގެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ އޭނާ ކާފަރަކު މަރާލާނެ އެވެ. ކާފަރެއްގެ ކިބައިން އަމާންކަން ލިބުމުން އޭނާ އަހަރެން މަރާލާނެ އެވެ. ސާފު ވެއްޖެ ހެއްޔެވެ؟
    

އަދި މިއިންސާނަކީ -އުސާމާ އަކީ- ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ގުނާ އަދަދު ކުރެވިގެންވީ މީހެއް ނޫނެވެ. އަދި ކިއެއްތަ، އޭނާގެ އަމިއްލަ ނަފްސަށް މިކަމާ ދެކޮޅެއް ނުހަދައެވެ. އަދި (އޭނާ ޢިލްމުވެރިއެއްކަމަށް އަމިއްލައަށް) ނިސްބަތެއްވެސް ނުވެއެވެ. ހަމަކަށަވަރުން އޭނާ ދަމާ ގެންދިޔައީ ހަވާތަކެވެ. އަދި އޭނާ މިތަނުގައި (ސުޢޫދީގައި) އުޅުނު އިރު އެނގިގެންވެ އެވެ. އޭނާ ހިނގައި އުޅުނީ ކާކާ އެކީ ހެއްޔެވެ؟ އަދި ޖިއްދާގައި އޭނާ ތަރުބިއްޔަތުވީ ކޮންބައެއްގެ ހޮރުތަކުގައި ހެއްޔެވެ؟ އަލް-ބަންނާއީ، އިޚްވާނުލް މުސްލިމޫންގެ ޕާޓީގެ ތެރޭގައެވެ. އަދި މިކަން އޭނާ ބަދަލު ކުރިއެވެ. އަދި މިކަން ބަދަލު ވެގެން ދިޔައެެވެ. އަދި އޭނާ މައްޗަށް އަރަމުން ގޮސް ޕާޓީ (ހިޒްބީ).... އިޚްވާނީ، ޤުޠުބީ، ވެރިންނާ ދެކޮޅު ފިކުރު އޭނާ ޤަބޫލު ކުރިއެވެ."
    

އަދިވެސް ޝައިޚު ވިދާޅުވި އެވެ: "މި ފިރިހެނާގެ އުސްލޫބަކީ އަހްލުއް-ސުންނަތުގެ އިމާމުންނަށާއި ޙައްޤުގެ ޢިލްމުވެރިންނާ ދިމާލަށް އެއްޗެހި ގޮވުމެވެ. އަދި (އޭނާއާ އެއްފަދަ) އެއެންމެންވެސް ވަނީ މިފަދައިންނެވެ."
    

އަދިވެސް ޝައިޚު ވިދާޅުވި އެވެ:"ފަހެ ބިން ލާދިން އަކީ މިއީއެވެ. އޭނާގެ ކިބައިގައި ޢިލްމު ހުރި ކަމަށް އެނގިގެން ނުވެއެވެ. އަދި ޙިލްމު ހުރި ކަމަށް އެނގިގެން ނުވެ އެވެ. އަދި ވިސްނުމެއް ހުރި ކަމަށް އެނގިން ނުވެ އެވެ. ފައިސާއިން މެނުވީ އޭނާ އެނގިގެން ނުވެ އެވެ. އަހަރެން މިފަދައިން ބުނަމެވެ. މިފަދައިން އަހަރެން ބުނަމެވެ. ކްލާސްރޫމް ތެރޭގައި އަހަރެން މިފަދައިން އަހަރެން ބުނީމެވެ. އަދި މިތަނުގައި އަހަރެން މިފަދައިން ބުނަމެވެ. އަދި ........ އަހަރެން ބުނާނަމެވެ. އަހަރެން ގޮންޖެހުމަކުން ގޮންޖަހަމެވެ. އަދި الله ގެ އިޒުނަފުޅާއެކު އަހަރެން ފާފަވެރިއެއް ނުވާނަމެވެ. އުސާމާ ބިން ލާދިން އެޢިލްމުވެރިއެއްގެ އަރިއަހަށް ގޮސް ކަކޫލަންބާފައި (ޝަރީޢަތުގެ) ފަންނީ ޢިލްމުތަކުގެ އިތުރުން، 'އަލް-އުސޫލުއް-ޘަލާޘާ' މިފޮތުގެ އެންމެ ސަފްޙާ އެއް ކިޔެވި އަހްލުއް-ސުންނަތުގެ އިމާމުންގެ ތެރެއިންނާއި އަހްލުއް-ސުންނަތުގެ ޢިލްމުވެރިންގެ ތެރެއިން އެންމެ އިމާމެއްގެ ނަން އޭނާ އައިސް ބުނެދޭށެވެ. އަލް-އިޚްވާންއާއި ތަބްލީޣީންނާއި ދިޔޯބަންދީންނާއި ބްރޭލެވީންގެ ތެރެއިން މީހެއް އައިވާހަކައެއް ނޫނެވެ. މަރުހަބާ އެވެ. އޭނާ އައިސް ނަން ކިޔާށެވެ. أَلْبَاني އާއި اِبْنُ بَاز އާއި عُثَيْمِين އާއި އެނޫންވެސް ޢިލްމުވެރިންނާއި އަހްލުއް-ސުންނަތުގެ އިމާމުން އޭނާ ދެނެ ނުގަންނަންޏާމު، (އެބޭފުޅުންނީ ޢިލްމުވެރިންކަމަށް ޤަބޫލު ނުކުރަންޏާމު، އެކަން ވާނީ ކިހިނަކުން ހެއްޔެވެ؟) އަދި އޭނާ اِبْنُ بَاز އަކީ މުދާހިނެއް ކަމަށް (ދުނިޔަވީ ބޭނުންތަކުގެ ސަބަބުން ދީނުގެ ކަންތައް ދޫކޮށްލާ މީހެއް ކަމަށް) ބުނެ އެއްޗެހި ގޮވައެވެ. އަދި اِبْنُ بَاز އަކީ މިފަދަ މިފަދަ މިފަދަ މީހެއް ކަމަށް ބުނެއެވެ."
 

އަދިވެސް ޝައިޚު ވިދާޅުވި އެވެ: "الشَّيْخ اِبْنُ بَاز އޭނައާ ބެހޭގޮތުން ވާހަކަ ދެއްކެވި އެވެ. އަދި އޭނާއަކީ މަގުފުރެދިފައިވާ މީހެއްކަމަށް ބަޔާންކޮށްދެއްވި އެވެ. ބިން ލާދިން އެވެ. އާނއެކެވެ. އަދި އޭނައާ ބެހޭގޮތުން الشَّيْخ مُقْبِل رحمه الله ވާހަކަ ދެއްކެވި އެވެ. އަދި އޭނައާ ބެހޭގޮތުން ޢިލްމުވެރިން ވާހަކަ ދެއްކެވި އެވެ. اِبْنُ عُثَيْمِين އާއި އެނޫންވެސް ބޭފުޅުންނެވެ. އަދި އެނޫންވެސް ބޭފުޅުންނެވެ. (އެހެންކަމުން) އޭނަ އުންމަތަށް އޭގެ މަތިވެރިކަން އަނބުރާ ގެނެސްދީފިއޭ ކިޔައި އޭނައާ ބެހޭގޮތުން އެބައިމީހުން (އެބަހީ އޭނައަށް ސަނާ ކިޔާ މީހުން) މިފަދައިން އިސްއުފުލައި (ވާހަކަ ދެއްކުމަށް) މިފިރިހެނާ އަކީ ކާކު ހެއްޔެވެ؟! އޭނާ އުންމަތަށް އަނބުރާ ގެނައީ ކޮން މަތިވެރި ކަމެއް ހެއްޔެވެ؟ ހަލާކު މެނުވީ އޭނާ އުންމަތަށް އެއްވެސް ކަމެއް އިއާދައެއް ނުކޮށްދެ އެވެ. އަދި ކޮންމެ ތަނެއްގައިވާ މުސްލިމުންނަށް އަނިޔާ ލިބުނު އަމަލުތަކެއް މެނުވީ އޭނާ ދޫކޮށްފައި ނުދެއެވެ. –الله ގެ ޙަޟްރަތުން، ސަލާމަތްކަމާއި ރައްކާތެރިކަން ހޯދަމެވެ.- އަދި މުއުމިނުންނާއި މުސްލިމުންނަށް ހަނގުރާމަ ކުރުމުގެ އަމަލުތަކެއް މެނުވީ އޭނާ ދޫކޮށްފައި ނުދެއެވެ. ތިބާ الله ގެ އަމާންކަން ލިބި ހުރެ، ތިބާގެ ސަބަބުން ތަންތަން ބޮން ގޮއްވިގެން ނުދޫހެއްޔެވެ؟ ރިޔާޟުގައިވާ ޓްރެފިކް ބިލްޑިންގަށް އެމީހުން އަމާޒު ނުކުރޭ ހެއްޔެވެ؟ ޓްރެފިކް ބިލްޑިންގެވެ. ތިބާ އެތަނަށް ދަނީ ލައިސަންސް ނަގާށެވެ. އަދި ދެން ހުރި މީހަކު އެތަނަށް ދަނީ އެޕްލިކޭޝަން ފޯމެއް ނަގާށެވެ. އެތަނުގައި ވަނީ ކޮންއެއްޗެއް ހެއްޔެވެ؟ (އެބަހީ ބޮންގޮއްވަން ޖެހޭވަރު ސަބަބެއް އެތަނުގައި އެބަ ހުރި ހެއްޔެވެ؟) އެމެރިކާ މީހުން ތިއްބަސް ނުވަތަ އެމީހުން ނުތިބުނު ކަމުގައިވީ ނަމަވެސް މެއެވެ. ފަހެ އެމީހުން (ބިން ލާދިންގެ ޖަމާޢަތް) އެތަނުގައި ތިބި މީސްތަކުން ގަތުލުކުރިއެވެ. އޭ އަޚުންނޭވެ. ތިޔަ އަޚުންނަށް އެނގުމައްޓަކައެވެ. މިމީހުން ދެކޭ ގޮތުގައި މިމީހުންގެ ބަހުން ބަސް ނުބުނާ ކޮންމެ މީހަކީ އެމީހެއްގެ ލޭ ހަލާލުވެގެންވާ މީހެކެވެ. އެހެން ކިޔައި ފުއްދާލައެވެ. އަދި މިމީހުން ތިޔަބައިމީހުން ގަތުލު ކުރާނެ އެވެ. އަދި ޢިލްމުގެ އަހުލުވެރިން ވިދާޅުވި ފަދައިން މިމީހުން އަހްލުއް-ސުންނަތް ގަތުލުކުރާނެ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި ފަދައިންނެވެ: {يَقْتُلُونَ أَهْلَ الْأَدْيَانِ وَيَتْرُكُونَ أَهْلَ الْأَوْثَانِ}( )، މާނައީ: " ދީންތަކުގެ (އެބަހީ އިސްލާމް ދީނުގެ) އަހުލުވެރިން ގަތުލު ކޮށްފައި، ބުދުތަކުގެ އަހުލުވެރިން އެބައިމީހުން ދޫކޮށްލައެވެ." ...
◇  ◇  ◇
އޯޑިއޯ ލިންކް: http://goo.gl/t5MK3N
އަދިވެސް ހަނދުމަ ކޮށްދެމެވެ. މިއީ ޝައިޚު ދެއްވި ޖަވާބުގެ އެކި ތަންތަންކޮޅުގެ ތަރުޖަމާއެކެވެ. ޢަރަބި ބަސް އެނގޭ ކޮންމެ ދަރިވަރަކު ޝައިޚުގެ ފުރިހަމަ ޖަވާބު އަޑުއެހުމަށް އަޅުގަނޑު ވަޞިއްޔަތް ކުރަމެވެ.

ރައްބާނީ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތައް ވެއްޔާ މޮޑެލައި، މަގުފުރެދުނު ތަކްފީރީ، ޚަވާރިޖީ މުޖްރިމުންގެ ސޫރަ ރީތިކޮށް ރާއްޖެގެ ބައެއް "ދަންނަ ބޭކަލުން" ހަދާފައިވާ ބޮޑެތި ދޮގުތައް
 
20170804-binladen.jpg 
ފަހެ، އުންމަތުގެ ބޮޑެތި ޢިލްމުވެރިން އެހާމެ ބޮޑެތި އަދި ވަރުގަދަ ބަސްފުޅުތައް އުސާމާ ބިން ލާދިން ފަދަ މުޖުރިމަކާ ދޭތެރޭ ބަޔާން ކުރައްވާފައިވީ ހިނދު، ދިވެހިރާއްޖޭގައި، މިފަދަ ނުލަފާ އިންސާނަކަށް ސަނާގެ ބަސްތައް ރައްދުކުރާ ބަޔަކު އުޅެނީ ކީއްވެ ހެއްޔެވެ؟ އޭނާ ދިފާއު ކުރާ ބަޔަކު އުޅެނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ފިކުރު ފަތުރާ މީހުންގެ ގޮތުގައި އެބައިމީހުން ވާނެ ހެއްޔެވެ؟ އާނއެކެވެ. ލަދެއް ނެތި، ބިރެއް ނެތި، މީސްތަކުންނަށް ބިންލާދިންގެ ސޫރަ ރީތިކޮށް، އޭނާގެ އަމަލުތައް ޒީނަތްތެރި ކޮށްދޭ މީހުން ރާއްޖޭގައި އެބައުޅެއެވެ. އަދި އޭނާގެ މަގުފުރެދިފައިވާ ޢަޤީދާ ރާއްޖޭގައި ފަތުރާ މީހުން އެބަ އުޅެއެވެ. ހިތާމަ ހުރީ ސަޢޫދީ ޢަރަބިއްޔާއިން ކިޔަވައިގެން އައުމަށްފަހު ޢިލްމުގެ އެންމެ މަތީ ހަރުފަތުގައި ތިއްބެވި ރައްބާނީ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތަކުގައި ކޮޅުފައިން ޖަހައި، އެއަށް ބީރު ކަންފަތެއް ދޭތީ އެވެ. ބިން ލާދިން އަދި އެފަދަ މީހުންނާ މެދު އިންޒާރު ލިބިގަތުމީ އެމީހެއްގެ ދީނަށް ރައްކައުތެރިވާ މީހެއްގެ މައްޗަށް އޮތް ވާޖިބެކެވެ. والله أعلم.

އުސާމާ ބިން ލާދިން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 އުސާމާ ބިން ލާދިން އަށް ތަޢުރީފު ކުރާ މީހުންނީ ޙައްޤަށް ފުރަގަސްދީ ދުރަށްދާ ޖާހިލުންނެވެ. ޖަރީމާގެ އަހުލުވެރިންނެވެ. ހަވާ ނަފްސުގެ އަހުލުވެރިންނެވެ. - الشَّيْخ زَيْدُ بْنُ محمد بْنُ هَادِي المَدْخَلِي رحمه الله | 23 އޭޕްރީލް 2019

 އައް-ޒަރްޤާވީ އާއި އުސާމާ ބިން ލާދިންގެ ކިބައިން މުސްލިމުންނަށް ލިބުނީ ހަލާކާއި، ޚަރާބާއި، އިޚްތިލާފުވުމާއި، ބައިބައިވުން މެނުވީ ކޮން އެއްޗެއް ހެއްޔެވެ؟ - الشَّيْخ صَالِحُ بْنُ سَعْد اَلسُّحَيْمِي حفظه الله | 06 އޮގަސްޓު 2017

އުސާމާ ބިން ލާދިން އަކީ ޚަވާރިޖެއް - العَلاَّمة الشَّيخ صَالح بن الفَوزَان الفَوزَان حفظه الله | 15 ނޮވެމްބަރ 2016

އުސާމާ ބިން ލާދިން އަށް އަދި އޭނާގެ އެންމެހައި ރޭވުންތެރިކަމަށް އިންޒާރު ދިނުން ވާޖިބުވެގެންވޭ - الإمام العلامة الشيخ صالح الفوزان حفظه الله | 23 އޮގަސްޓު 2015

ތަދު ހަޤީޤަތެއް: އަލް ޤާއިދާ އަކީ އިޚްވާނުލް މުސްލިމީންގެ ތެރެއިން ފާޅުވި ބައެއް އަދި އުސާމާ ބިން ލާދިން އަކީ އިޚްވާނީއެއް | 20 އޭޕްރީލް 2015

އުސާމާ ބިން ލާދިން އަކީ ޚަވާރިޖެއް - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 19 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...