5 ވެރިން އަނިޔާވެރިވީ ނަމަވެސް އެމީހުންނާ ދެކޮޅަށްކަނޑި ހިފައިގެން ނުކުތުން ހުއްދަވެގެނެއް ނުވެއެވެ.- الشَّيخُ مُحَمَّد بِن هَادِي المَدْخَلِي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ވެރިން އަނިޔާވެރިވީ ނަމަވެސް އެމީހުންނާ ދެކޮޅަށްކަނޑި ހިފައިގެން ނުކުތުން ހުއްދަވެގެނެއް ނުވެއެވެ.- الشَّيخُ مُحَمَّد بِن هَادِي المَدْخَلِي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ވެރިންނަށް އަޑުއަހައި ކިޔަމަންތެރިވުން


ތަރުޖަމާކޮށް ލިޔެ ތައްޔާރުކުރީ: މުޙައްމަދު ރިފާދު


الإِمَام اِبْنُ بَطَّة العُكْبَرِيُّ رحمه الله، أَهْلُ السُّنَّة ގެ ޢަޤީދާ ބަޔާންކުރެއްވުމަށްޓަކައި ލިޔުއްވާފައިވާ ފޮތް، "الشَّرْحُ وَالإِبَانَةُ عَلَى أُصُولِ السُّنَّةِ وَالدِّيَانَة" ގައި ވިދާޅުވިއެވެ:

"وَ لَا تَخْرُجْ بِالسَّيْفِ عَلَى الأَئِمَّةِ وَ إِنْ ظَلَمُوا"
"އަދި ވެރިން އަނިޔާވެރިވީ ކަމުގައިވީ ނަމަވެސް، ތިބާ އެމީހުންނާ ދެކޮޅަށް ނުނުކުންނާށެވެ."(1)


އިސްވެދިޔަ ބަސްފުޅު ޝަރަހަ ކުރައްވަމުން الشَّيخُ مُحَمَّد بن هَادِي المَدْخَلِي حفظه الله ވިދާޅުވިއެވެ:

الأَئِمَّة، މާނައީ: ވެރިން، މިކަލިމައިގެ މުރާދަކީ ޙުކުމް ކުރާ މީހުންނެވެ. ސުލްޠާނުންނެވެ. ރަސްގެފާނުންނެވެ. ރައީސުންނެވެ. ކޮންމެ ނަމަކުން ވެސް އެމީހުންނަށް ނަންދެވުނު ކޮންމެ ނަމަކުންނެވެ. ޙާކިމެއްގެ ނަމުން ނަން ދެވުނެވެ. އިމާމުގެ ނަން ދެވުނެވެ. ޚަލީފާގެ ނަން ދެވުނެވެ. އަމީރުގެ ނަން ދެވުނެވެ. ރަސްގެފާނުގެ ނަން ދެވުނެވެ. ރައީސްގެ ނަން ދެވުނެވެ. ޝައިޚުގެ ނަން ދެވުނެވެ. އަދި އެނޫން އެފަދަ ނަންތައް ވެރިންނަށް ދެވުނެވެ. ބިންތަކުގެ ތެރެއިން ބިމެއްގައި ޙާކިމެއްގެ ގޮތުގައި އޭނާ ވާހާ ހިނދަކު އޭނާއަށް ވެރިކަން ލިބި ޤާއިމްވެ ގަރާރުވެގެންވެ އެވެ. ރުހުމާ، އިޚުތިޔާރާ އެކުގައިވީ ނަމަވެސްމެ އެވެ. ނުވަތަ އެ ބިމުގެ އަހުލުވެރިންގެ މައްޗަށް ގަދަކަމުން ބާރާއެކު ވެރިވެގަތް ކަމުގައިވީ ނަމަވެސްމެ އެވެ. އެމީހުންގެ މައްޗަށް ވެރިވެގަތުމަށް އޭނާގެ ކަނޑިއާއި ބާރު ބޭނުންކުރި ކަމުގައިވީ ނަމަވެސްމެ އެވެ. ފަހެ ހަމަކަށަވަރުން މި ޙާކިމު މީހާ، މި ވެރިޔާއާ ދެކޮޅަށް ނިކުތުން ހުއްދަވެގެނެއް ނުވެ އެވެ. އޭނާ އަނިޔާވެރިވިކަމުގައިވީ ނަމަވެސްމެ އެވެ. އެކަން އެގޮތުގައި ވަނީ، ހަމަކަށަވަރުން الله - تبارك تعالى - އަހަރުމެންގެ މައްޗަށް ވެރިންނަށް ކިޔަމަންތެރިވުމަށް ވާޖިބު ކުރައްވާފައިވާތީ އެވެ. الله – جل وعلا - ވަޙީ ކުރެއްވި އެވެ: {يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ} [النساء: 59] މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން الله އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށް ވެސްމެ އެވެ." ފަހެ الله އަށް ކިޔަމަންވުމަށް މުސްތަޤިއްލުކޮށް (ވަކިން ޚާއްސަކޮށް) އަމުރުފުޅު ކުރެއްވި އެވެ. އަދި ރަސޫލު الله صلى الله عليه وسلم އަށް ކިޔަމަންވުމަށް މުސްތަގިއްލުކޮށް (ވަކިން ޚާއްސަކޮށް) އަމުރުފުޅު ކުރެއްވި އެވެ. އެހެނީ ރަސޫލާ (صلى الله عليه وسلم) އަށް ކިޔަމަންތެރިވުމަށް (އާޔަތުގައި) ޛިކުރުކުރެވުނު ހިނދު، އެއަމުރުފުޅު ("أَطِيعُوا" މިކަލިމަ، އަލުން ވަކިން) ތަކުރާރު ކުރައްވާފައިވެ އެވެ. ﴿ وَأَطِيعُوا الرَّسُولَ ﴾ މާނައީ: "އަދި ރަސޫލާއަށް ކިޔަމަންވާށެވެ." ފަހެ ހަމަކަށަވަރުން ރަސޫލާ (صلى الله عليه وسلم) އަށް ކިޔަމަންތެރިވުމީ الله - تبارك و تعالى - އަށް ކިޔަމަންތެރިވުމެވެ. ދެން އެއަށްފަހު ވެރިންނަށާއި ޙާކިމުންނަށް ކިޔަމަންތެރިވުމަށް (އާޔަތުގައި) ޛިކުރުކުރެވިފައިވެ އެވެ. ފަހެ الله ވަޙީކުރެއްވި އެވެ:     ﴿ وَأُولِي الْأَمْرِ مِنْكُمْ ﴾ މާނައީ: "އަދި ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށް ވެސްމެ އެވެ." (މިތަނުގައި) ފިޢުލު ފުހެ ލެއްވި އެވެ. (އެބަހީ: ވެރިންނަށް ކިޔަމަންވުމަށް އަމުރުކުރެއްވި ހިނދު " أَطِيعُوا " މިކަލިމަ އުނިކުރެއްވި އެވެ. ޛިކުރު ނުކުރައްވަ އެވެ.) އެހެންވުމުން މުސްތަޤިއްލުކޮށް ވެރިންނަށް ކިޔަމަންތެރިވުމީ ވާޖިބެއް ނޫންކަމަށް ދަލީލުކޮށްދެ އެވެ. ހަމަކަށަވަރުން އެމީހުންނަށް ކިޔަމަންތެރިވުންވަނީ الله އަށާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންތެރިވުމަށް ތަބަޢަވާ ކަމެއްގެ ގޮތުގަ އެވެ. ފަހެ الله އަށާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންތެރިވުމަށް އެބައިމީހުން އަމުރުކޮށްފި ނަމަ، އެމީހުންނަށް ކިޔަމަންތެރިވުން ވާޖިބުވެގެންވެ އެވެ. އަދި އެމީހުން ފާފައަކަށް އަމުރުކޮށްފި ނަމަ، ފަހެ އެމީހުންނަށް އަޑުއެހުމެއް ނުވެ އެވެ. އަދި ކިޔަމަންވުމެއް ވެސް ނުވެ އެވެ. އަދި (އެފަދައިން އެމީހުން ފާފައަށް އަމުރު ކުރިކަމުގައިވީ ނަމަވެސް) ކިޔަމަންތެރިކަމުން އަތް ދަމައިގަނެގެން ނުވާނެ އެވެ. ކިޔަމަންތެރިކަމުން އަތް ދަމައިގަނެގެން ނުވާނެ އެވެ. ފަހެ الله އަށް އުރެދުމެއްވާ ކަމެއްގައި ތިބާ އެމީހުންނަށް ކިޔަމަންތެރި ނުވާށެވެ. އެހެން ނަމަވެސް، އެއާ އެކު ތިބާ އެބައިމީހުންނާ ދެކޮޅަށް ނުނުކުންނާށެވެ. ފަހެ ހަމަކަށަވަރުން މިކަން ވަނީ (ވެރިންނާ ދެކޮޅަށް ނުކުތުން ވަނީ) الله އަށް އުރެދޭ އުރެދުންތަކުގެ ތެރެއިންނެވެ. ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم، أَبُو ذَرٍّ - رضي الله تعالى عنه – އަށް ވިދާޅުވިކަމަށް الصحيح ގައި ރިވާވެގެންވެ އެވެ: {اِسْمَعْ وَ أَطِعْ وَلَوْ لِعَبْدٍ حَبَشِيٍّ كَأَنَّ رَأْسَهُ زَبِيبَةٌ}(2) މާނައީ: "އަޑުއަހައި ކިޔަމަންވާށެވެ. އޭނާގެ ބޯ ހިކިމޭބިސްކަދުރެއްހެން ހުރި ޙަބަޝްކަރައިގެ އަޅަކަށް (އަޑުއަހައި ކިޔަމަންވާން ޖެހުނުކަމުގައިވީ) ނަމަވެސްމެ އެވެ."


أَبُو ذَرٍّ (رضي الله عنه) އަކީ ޢަރަތްބެކެވެ. އަދި ނަބިއްޔާ صلى الله عليه وسلم މިތަނުގައި މިސާލު ޖައްސަވާފައިވަނީ ޙަބަޝްކަރައިގެ މީހަކާއި އަޅެއްގެ މިސާލެވެ. އެމީހާއަކީ އަޅުދާސްތުކަމުގައިވާ އަޅެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އަދި އޭނާގެ ބޯ ވަނީ ހިކިމޭބިސްކަދުރެއް ފަދައިން ކަމަށް ސިފަކުރެއްވި އެވެ. އެއީ ޖާހިލިއްޔަ ޒަމާނުގައި ޢަރަބިންނަކީ އެއްބަޔަކު އަނެއްބަޔަކަށް ކިޔަމަންތެރިކަން އަދާކުރުމަށް ކިބުރުވެރިކަމާއެކު ދެކޮޅުހެދި ބައެކެވެ. އެހެން ކަމުން އެމީހުންގެ ތެރެއިން ނުވާ މީހަކު އަތުވެއްޖެ ނަމަ ވާނީ ކިހިނަކުންތޯ އެވެ؟! އަދި އޭނާއަކީ އަޅަކަށް ވެއްޖެ ނަމަ ކަންތައް ހުންނާނީ ކިހިނަކުންތޯ އެވެ؟! އެއިގެ އިތުރުން އެއީ އަޅެކެވެ. އޭނާގެ ކިބައިގައި ހުރި (އުނި) ކަމެއްވިއްޔާ ހުރީ އެވެ. ނަބިއްޔާ صلى الله عليه وسلم ބޭނުންފުޅުވެޑައިގަތީ ޖާހިލިއްޔަ ޒަމާނުގެ ކިބުރުވެރިކަން ހިތްތަކުން ފިލުވައިލައްވައި ނެތިކުރެއްވުމަށެވެ. އަދި الله - تبارك وتعالى - ގެ ޝަރީޢަތުން އެމީހުންގެ މައްޗަށް ޙުކުމް ކުރެއްވުމަށެވެ. އަދި މިފަދަ ކަމެއް (އެހެނީ އެފަދަ ސިފައަކަށް ހުރި އިންސާނަކު ވެރިކަމަށް އަތުވެދާނެކަމަށް) ތަސައްވަރު ކުރެވިގެންވަނީ ގަދަ ބާރުން ވެރިކަމަށް އިސްވާ ޙާލަތުގަ އެވެ. އެބަހީ އެފަދަ ހާލަތެއްގައި އަހަރެމެންނަށް އިޚްތިޔާރެއް ލިބިގެނެއް ނުވެ އެވެ. އެހެން ނޫން ނަމަ، ޙާކިމު މީހާ ވާންޖެހޭނީ މިނިވަނަކަށެވެ. ފިރިހެނަކަށެވެ. މިނިވަން މުސްލިމަކަށެވެ. އަޅަކަށް ވެގެން ނުވާނެ އެވެ. އެހެން ނަމަވެސް މިފަދަ އަޅަކު ގަދަބާރުން ވެރިއެއްގެ ގޮތުގައި އަތުވެއްޖެ ނަމަ، (އެބަހީ) ލަޝްކަރެއް ހަދައި، މީސްތަކުންގެ މައްޗަށް އެ ލަޝްކަރު ގަދަވެ، އޭނާގެ ކަނޑިންނާއި އޭނާގެ އާރާއި ބާރުންނާއި އޭނާގެ ހަނގުރާމަވެރިން ބޭނުންކޮށްގެން އެމީހުންގެ މައްޗަށް ގަދަބާރުން ވެރިވެގަނެ، އެބިމުގައި ރަސްގެފާނަކަށް ވެދާނެ ހާލަތެއް އަހަރުމެން ތަސައްވަރު ކޮށްފި ނަމަ، އޭނާ މުސްލިމެއްގެ ގޮތުގައި ހުންނަހާ ހިނދަކު އޭނާއަށް ކިޔަމަންތެރިވުން ވާޖިބުވެގެންވެ އެވެ. އޭނާއަށް ކިޔަމަންތެރިވުން ވާޖިބުވެގެންވެ އެވެ. އަދި އޭނާއަށް އުރެދުން ހުއްދަވެގެނެއް ނުވެ އެވެ. އަދި އޭނާ އަނިޔާވެރިވީ ނަމަވެސް، އޭނާއާ ދެކޮޅަށް ކަނޑި ހިފައިގެން ނުކުތުން ހުއްދަވެގެނެއް ނުވެ އެވެ.


އެކަމުގެ ސަބަބަކީ: ވެރިން އަނިޔާވެރިވެއްޖެ ނަމަ، އެ އަނިޔާވެރިކަން ވަނީ ވަކި ޚާއްޞަ އެއްޗަކަށެވެ. އެބަހީ އެ އަނިޔާވެރިކަން ހިނގައިދަނީ މީސްތަކުންގެ ތެރެއިން ވަކި ޚާއްޞަ ބައެއްގެ މައްޗަށެވެ. އެހެން ނަމަވެސް ވެރިންނާ ދެކޮޅަށް ނުކުމެއްޖެ ނަމަ ޢާންމުވެގެންވާ ފިތުނަ އާއި އާންމުވެގެންވާ މުސީބާތާއި ގެއްލުން ހިނގައިދަނީ އެންމެހައި މުސްލިމުންގެ މައްޗަށެވެ.


ފަހެ ޝަރުޢީ މަގުތައް (ގޮތްތައް) ބޭނުންކޮށްގެން އެމީހުންގެ ކިބައިގައިވާ އަނިޔާވެރިކަމާއި ބާޠިލަށް އިންކާރުކުރުން ވާޖިބުވެގެންވެ އެވެ. އެމީހުންނަށް އިންކާރުކުރެވެން ޖެހޭނީ ޝަރުޢީ މަގުތަކުންނެވެ. އަދި ޙާކިމަށް އިންކާރުކުރުމީ ކޮންމެ ކޮންމެ މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ވަނީ އެކަން (އިންކާރުކުރަންވީ މީހާ އާއި ކުރަންވީ ގޮތް) ބަޔާން ކުރައްވާފަ އެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ: {إِنْ كَانَ يَسْمَعُ مِنْكَ} މާނައީ: "ތިބާގެ ފަރާތުން އޭނާ އަޑުއަހާ ނަމަ އެވެ." އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ: {فَلْيَأْتِ إِلَيهِ وَلْيَخْلُ بِهِ فَلْيَأْخُذْ بِيَدِهِ فَلْيَخْلُوا بِهِ ، وَلْيُحَدِّثْهُ فِيمَا بَيْنَهُ وَبَيْنَهُ؛ فَإِنْ قَبِلَ مِنْهُ فَذَاكَ وَإِلَّا فَقَدْ أَدَّى الَّذِي عَلَيْهِ}(3) މާނައީ: "ފަހެ އޭނާ ވެރިމީހާ ގާތަށް އަންނަހުށިކަމެވެ. އަދި އޭނާއާ އެކު އެކަހެރިވާހުށިކަމެވެ. އޭނާގެ އަތުގައި ހިފާހުށިކަމެވެ. އަދި އޭނާއާ އެކު އެކަހެރިވާހުށިކަމެވެ. އަދި އެ ދެ މީހުންގެ ދެމެދުގައިވާ ކަންތަކާ ބެހޭގޮތުން އޭނާއާ ވާހަކަދައްކާހުށިކަމެވެ. ފަހެ އޭނާގެ ކިބައިން ޤަބޫލުކޮށްފި ނަމަ، ފަހެ އެކަމެވެ. އެހެން ނޫން ނަމަ، ފަހެ ހަމަކަށަވަރުން އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަންތައް އޭނާ އަދާކޮށްފި އެވެ." ފަހެ ވެރިންނަށް އިންކާރުކުރުމާއި، ޙާކިމުންނަށް އިންކާރުކުރުމާއި، ރަސްގެފާނުންނަށް އިންކާރުކުރުމާއި، އަމީރުންނަށް އިންކާރުކުރުން، (މިއިން އެއްވެސް ކަމެއް) ފާޅުގައި ކޮށްގެން ނުވާނެ އެވެ. ސަބަބަކީ އެއީ ނުބައި ކަމަކަށްވާތީ އެވެ. އަދި ނުބައި ކަންތައް އޭގެ ސަބަބުން އުފެދިގެންދާނެތީ އެވެ. އެއިރުން ފިތުނަ އުތުރިއަރައިގެންދާނެ އެވެ. އަދި އެއިގެ ސަބަބުން މީސްތަކުން (ވެރިޔާއާ ދެކޮޅަށް) ތެދުވެ ވެރިކަން ވައްޓާލައި އިންގިލާބެއް ގެންނާނެ އެވެ. ފަހެ އެކަން (ފާޅުގައި އިންކާރު ކުރުން) ވެގެންދަނީ ނުބައިކަންތައް މެދުވެރިކުރުވާ ސަބަބަކަށެވެ. - الله ގެ ޙަޟްރަތުން އެކަމުން ރައްކައުތެރިކަން ދެއްވުމަށް އެދި ދަންނަވަމެވެ. - އެކަމުގެ ސަބަބުން މީސްތަކުން ވެރިންނާ ދެކޮޅަށް ނުކުތުމަށް މެދުވެރިކުރުވަ އެވެ. ތިބާއަށް (ވެރިންނާ ދެކޮޅަށް) ނުކުތުން ހުއްދަވެގެނެއް ނުވެ އެވެ. އަދި ހަމަކަށަވަރުން أُمُّ سَلَمَة (رضي الله عنها) ގެ ޙަދީޘްގައިވާ ފަދައިން، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ: {إِنَّهُ سَيَكُونُ عَلَيْكُمْ أُمَرَاءُ تَعْرِفُونَ وَتُنْكِرُونَ فَمَنْ أَنْكَرَ فَقَدْ بَرِئَ} ، މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުން ދަންނަ (އެބަހީ ވެރިންގެ ކިބައިގައިވާ ހެޔޮ ކަންތައް ދަންނަ) އަދި ތިޔަބައިމީހުން އިންކާރު ކުރާ ވެރިންތަކެއް ތިޔަބައިމީހުންގެ މައްޗަށް އިސްވެ އަންނާނެ އެވެ. ފަހެ އިންކާރުކޮށްފި މީހަކު ބަރީއަވެއްޖެ އެވެ." އެބަހީ އޭނާ ވެރިންނަށް އިންކާރު ކޮށްފި ނަމަ އޭނާ ބަރީއަވެއްޖެ އެވެ. {وَمَنْ كَرِهَ} މާނައީ: "އަދި ނުރުހުންތެރިވެއްޖެ މީހަކު" އެބަހީ އެމީހުން ކުރި ކަންތަކަށް އޭނާގެ ހިތުން ނުރުހުންތެރިވެއްޖެ މީހެކެވެ. {فَقَدْ سَلِمَ وَلَكِنْ مَنْ رَضِيَ وَتَابَعَ} މާނައީ: "ހަމަކަށަވަރުން އޭނާ ސަލާމަތްވެއްޖެ އެވެ. އެހެންނަމަވެސް ރުހިއްޖެ އަދި ތަބަޢަވެއްޖެ މީހަކު" އެބަހީ ފާފަ ލިބިގެންވަނީ (ވެރިން ކުރި ނުބައި ކަންކަމަށް) ރުހި އެއަށް ތަބަޢަވާ މީހާއަށެވެ. ދެން ފަހެ (އެމީހުންކުރި ނުބައި ކަންތަކަށް) ތިބާ ރުހިގެންނުވާ ނަމަ، ތިބާ އެހިނދު الله އަށާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންތެރިކަން އަދާކޮށްފި އެވެ. އެހެނީ الله – جل وعلا - ވަޙީ ކުރެއްވި އެވެ: ﴿ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ ﴾] النساء: 59 [. މާނައީ: "އަދި ރަސޫލާއަށް ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށް ވެސްމެ އެވެ." މުސްލިމު މީހާގެ މައްޗަށް ވާޖިބުވެގެންވަނީ، ފާފައަކަށް އަމުރުކުރެވިގެން ނުވާ ހިނދަކު (ވެރިޔާއަށް) އަޑުއަހައި ކިޔަމަންތެރިވުމެވެ. ފަހެ ފާފައެއް ކުރުމަށް އޭނާ އަމުރުކޮށްފި ނަމަ ފަހެ (އޭނާއަށް އެކަމުގައި) އަޑުއެހުމެއް ނުވެ އެވެ. އަދި ކިޔަމަންތެރިވުމެއް ވެސް ނުވެ އެވެ. ފަހެ ތިޔަބައިމީހުން މިތަނުގައި (މި ޙަދީޘް) އަޑުއަހައިފި އެވެ. ތިޔަބައިމީހުން ދަންނަ އަދި ތިޔަބައިމީހުން އިންކާރުކުރާ ވެރިންތަކެއް ތިޔަބައިމީހުންގެ މައްޗަށް އިސްވެ އަންނާނެ އެވެ. އަހަރެމެންގެ މައްޗަށް އިސްވާ މިތިބި ވެރިންތަކުގެ ކިބައިން ތިބާ (އެމީހުންގެ ކިބައިގައިވާ ހެޔޮކަންތައް) ދަންނާނެ އެވެ. އަދި ތިބާ (އެމީހުންގެ ކިބައިގައިވާ ނުބައި ކަންތައް) އިންކާރުކުރާނެ އެވެ. ތިބާ ދަންނާނީ: ހެޔޮ އަމަލުތަކެވެ. އަދި ތިބާ އިންކާރުކުރާނީ: ބާޠިލާއި މުންކަރާތްތަކެވެ. އެއަށްފަހު ޞަޙާބީން ރަސޫލާ صلى الله عليه وسلم އަށް ސުވާލު ދެންނެވި އެވެ: "أَفَلَا نُقَاتِلُهُمْ؟!" މާނައީ: "ފަހެ އަޅުގަނޑުމެން އެމީހުންނާ (އެބަހީ: އެ ވެރިންނާ) ހަނގުރާމަ ނުކުރަންވީތޯ އެވެ؟" އެހިނދު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: {لَا مَا صَلَّوا لَا مَا صَلَّوْا} މާނައީ: "ނޫނެކެވެ. އެމީހުން ނަމާދު ކުރާހައި ހިނދަކު އެވެ. ނޫނެކެވެ. އެމީހުން ނަމާދު ކުރާހައި ހިނދަކު އެވެ. (އެބަހީ ނަމާދު ކުރާ ހާލަތުގައި އެމީހުން ދެމިތިބިހާ ހިނދަކު އެމީހުންނާ ހަނގުރާމަ ކޮށްގެން ނުވާނެ އެވެ.)" މި ޙަދީޘް(4) ރިވާކުރެއްވީ الإِمَام مُسْلِم އެބޭފުޅާގެ 'الصَّحِيح' ގަ އެވެ.


އަދި އެހެނިހެން ޙަދީޘް ތަކުގައިވެ އެވެ: {مَا أَقَامُوا فِيكُمُ الصَّلَاةَ}(5) މާނައީ: "ތިޔަބައިމީހުންގެ ތެރޭގައި އެ ނަމާދު ޤާއިމް ކުރާހައި ހިނދަކު އެވެ." ފަހެ ކޮންމެހެން ވެސް ކެތްތެރިވާންޖެހެ އެވެ. އަދި އެ ކެތްތެރިކަމުގެ ސަބަބުން ލިބޭ ޘަވާބާއި ދަރުމައަށް އެދެންޖެހެ އެވެ.


އަދި މި މަޤާމުގައި عُمَرُ – رضي الله تعالى عنه - ގެ ބަސްފުޅުވެސް އާދެ އެވެ. ވިދާޅުވިއެވެ: "وَإِنْ ظَلَمَكَ فَاصْبِرْ ، وَإِنْ حَرَمَكَ فَاصْبِرْ"، މާނައީ: "އަދި އޭނާ ތިބާއަށް އަނިޔާވެރިވެއްޖެ ނަމަ ތިބާ ކެތްކުރާށެވެ. އަދި (ތިބާގެ ޙައްޤެއް) ތިބާއަށް މަނާކޮށްފި ނަމަ ތިބާ ކެތްކުރާށެވެ." މިބަސްފުޅު سُوَيْد بِن غَفْلَة އަށް ވިދާޅުވެފައި ވަނީ عُمَرُ –رضي الله تعالى عنه- އެވެ. މިފޮތް ތަޙުޤީޤު ކުރެއްވި ބޭފުޅާ ތިޔަ ދަރިވަރުންނަށް އަންގަވައިދެއްވާފައިވާ ފަދައިންނެވެ. އަދި އެއީ سُوَيْد އަށް عُمَرُ ވިދާޅުވި ހިނދެވެ: "لا أَدْرِي لَعَلَّكَ أَنْ تُخَلَّفَ بَعْدِي فَأَطِعِ الإِمَامَ ، وَإِنْ أُمِّرَ عَلَيْكَ عَبْدًا حَبَشِيًّا مُجَدَّعًا ، وَإِنْ ظَلَمَكَ فَاصْبِرْ ، وَإِنْ ضَرَبَكَ فَاصْبِرْ" މާނައީ: "ތިމަން ސަޙާބީއަށް ފަހުގައި ތިބާ ފަހަރެއްގައި ދިރިހުރެދާނެކަން ތިމަން ޞަޙާބީއަށް އެނގިވަޑައިނުގަންނަވައެވެ. ފަހެ ވެރިމީހާއަށް ކިޔަމަންތެރިވާށެވެ. (ކަންފަތް، ނޭފަތް، އަތް ފަދަ) ގުނަވަންތައް ބުރިކުރެވިފައިވާ ޙަބަޝްކަރައިގެ އަޅަކު ތިބާގެ މައްޗަށް އަމީރެއްގެ (ވެރިއެއްގެ) ގޮތުގައި އިސް ކުރެވުނު ނަމަވެސްމެ އެވެ. އަދި އޭނާ ތިބާއަށް އަނިޔާވެރިވެއްޖެ ނަމަ ތިބާ ކެތްކުރާށެވެ. އަދި ތިބާގެ ގައިގައި ޖަހައިފި ނަމަ ތިބާ ކެތްކުރާށެވެ." ފަހެ މިބަސްފުޅުގައި ޢަރީފީ(6)އަށް ރައްދެއްވެ އެވެ. އޭނާއަކީ އިއްޔެ (ދާދިފަހުން) އަހަރުމެންގެ ތެރެއަށް ފާޅުވެ ވާހަކަ ދައްކަން ފަށާފައިވާ މީހެކެވެ. އޭނާ ބުނެއެވެ: {وَإِنْ ضُرِبَ ظَهْرُكَ، وَ أُخِذَ مَالُكَ فَاسْمَعْ وَ أَطِعْ}(7) މާނައީ: "(ވެރިމީހާ) ތިބާގެ ބުރަކަށީގައި ތަޅައި، ތިބާގެ މުދާ އަތުލިކަމުގައިވީ ނަމަވެސް ތިބާ އަޑުއަހާށެވެ. އަދި ކިޔަމަންތެރިވާށެވެ."(8) މި ޙަދީޘްއާ ބެހޭގޮތުން ޢަރީފީ ބުނެއެވެ: "މިޙަދީޘްގެ މުރާދަކީ އެއީ ޢަދުލުވެރި އިމާމަކަށްވާ ނަމަ އެވެ. (އޭނާ ބުނާގޮތުން ނަމަ ޢަދުލުވެރި ނޫންނަމަ، މި ޙަދީޘަށް ޢަމަލުކުރާކަށް ނުޖެހޭނެ އެވެ.) ތިޔަބައިމީހުންނަށް (ކުޑަހިނދުކޮޅެއް ކުރިން) ތިޔަ އަޑުއިވުނީ ކޮން ބޭފުޅެއްގެ ބަސްފުޅެއް ހެއްޔެވެ؟! عُمَرُ – رضي الله تعالى عنه - ގެ ބަސްފުޅެވެ. އަހަރުމެން ޤަބޫލު ކުރަންވީ ރަސޫލު الله صلى الله عليه وسلم ގެ ބަސްފުޅާއި عُمَرُ ގެ ބަސްފުޅު ހެއްޔެވެ؟ ނުވަތަ އަހަރުމެން ޤަބޫލު ކުރަންވީ ޢަރީފީ އާއި އޭނާއާ އެއްފަދަ ބޯގޯސް ވާހަކަ ދައްކާ، ތަންދޮރު ނޭނގޭ މީހުންގެ ވާހަކަ ހެއްޔެވެ؟ މިޝަރަފުވެރި ޙަދީޘާއި މިއާ އެއްފަދަވެގެންވާ ޙަދީޘްތައް ދެނެގަތުމަށް އެފަދަ މީހުން ހާޖަތް ޖެހިގެންވެ އެވެ. سُوَيْد بِن غَفْلَة އަށް عُمَرُ – رضي الله عنه - ވިދާޅުވެފައި ވަނީ: "لا أَدْرِي لَعَلَّكَ أَنْ تُخَلَّفَ بَعْدِي فَأَطِعِ الإِمَامَ ، وَإِنْ أُمِّرَ عَلَيْكَ عَبْدًا حَبَشِيًّا مُجَدَّعًا" މާނައީ: "ތިމަން ސަޙާބީއަށް ފަހުގައި ތިބާ ފަހަރެއްގައި ދިރިހުރެދާނެކަން ތިމަން ޞަޙާބީއަށް އެނގިވަޑައިނުގަންނަވައެވެ. ފަހެ ވެރިމީހާއަށް ކިޔަމަންތެރިވާށެވެ. (ކަންފަތް، ނޭފަތް، އަތްފަދަ) ގުނަވަންތައް ބުރިކުރެވިފައިވާ ޙަބަޝްކަރައިގެ އަޅަކު ތިބާގެ މައްޗަށް އަމީރެއްގެ (ވެރިއެއްގެ) ގޮތުގައި އިސް ކުރެވުނު ނަމަވެސްމެ އެވެ." ތިބާގެ މައްޗަށް އަމީރެއްގެ (ވެރިއެއްގެ) ގޮތުގައި ގުނަވަންތައް ބުރިކުރެވިފައިވާ ޙަބަޝްކަރައިގެ އަޅަކު އިސް ކުރިކަމުގައިވީ ނަމަވެސް ތިބާއަށް ވާޖިބުވެގެންވަނީ އޭނާއަށް ކިޔަމަންތެރިވުމަށެވެ. ދެން އެއަށް ފަހު سُوَيْد بِن غَفْلَة އަށް عُمَرُ – رضي الله عنه - ވިދާޅު ވަނީ: "وَإِنْ ظَلَمَكَ فَاصْبِرْ ، وَإِنْ ضَرَبَكَ فَاصْبِرْ"، މާނައީ: "އަދި އޭނާ ތިބާއަށް އަނިޔާވެރިވެއްޖެ ނަމަ ތިބާ ކެތްކުރާށެވެ. އަދި ތިބާގެ ގައިގައި ޖަހައިފި ނަމަ ތިބާ ކެތްކުރާށެވެ." ފަހެ (ޢުމަރުގެ) މިއަމުރުފުޅަކީ އަނިޔާވެރި ވެރިއަކާ ދޭތެރޭ (ކަންތައް ކުރުމަށް) އޮތް އަމުރުފުޅެއް ހެއްޔެވެ؟ ނުވަތަ އެއީ ޢަރީފީ ބުނާ ފަދައިން އަދުލުވެރި ވެރިއަކަށް އޮތް އަމުރުފުޅެއް ހެއްޔެވެ؟! (ޖަވާބަކީ:) މިއީ އަނިޔާވެރި ވެރިއަކާ ދޭތެރޭ ވާރިދުވެފައިވާ އަމުރުފުޅެކެވެ. (ދެން އެއަށްފަހު ޢުމަރު ވިދާޅުވަނީ:) "وَإِنْ ظَلَمَكَ فَاصْبِرْ ، وَإِنْ ضَرَبَكَ فَاصْبِرْ، وَإِنْ دَعَاكَ إِلَى أَمْرٍ يَنْقُصُكَ فِي دِينِكَ فَقُلْ : لا سَمْعَ وَ لا طَاعَةَ، دَمِي دُونَ دِينِي"(9). މާނައީ: "އަދި އޭނާ ތިބާއަށް އަނިޔާވެރިވެއްޖެ ނަމަ ތިބާ ކެތްކުރާށެވެ. އަދި ތިބާގެ ގައިގައި ޖަހައިފި ނަމަ ތިބާ ކެތްކުރާށެވެ. އަދި ތިބާގެ ދީނުގައި ތިބާ އުނިކުރުވާ ކަމަކަށް އޭނާ ގޮވައިލައިފި ނަމަ ތިބާ ބުނާށެވެ: (ތިޔަ ކަމަކަށް) އަޑު އެހުމެއް ނުވެ އެވެ. އަދި ކިޔަމަންތެރިވުމެއް ވެސް ނުވެ އެވެ. އަހަރެންގެ ދީން ފިޔަވައި އަހަރެންގެ ލެޔެވެ. (އަހަރެންގެ ލޭ އޮހޮރުވައިލި ކަމުގައިވީ ނަމަވެސް އަހަރެންގެ ދީން ގެއްލުވާލިޔަ ނުދޭނަމެވެ.)" އެބަހީ ފާފަކުރުމަށް ތިބާ އިޖާބަ ނުދޭށެވެ.


ފަހެ ދެންމެ ބަޔާންވެދިޔަ ވޭތުވެދިޔަ ރަސޫލު الله صلى الله عليه وسلم ގެ ޙަދީޘް (ވެރިމީހާ ތިބާގެ ބުރަކަށީގައި ތަޅައި، ތިބާގެ މުދާ އަތުލިކަމުގައިވީ ނަމަވެސް ތިބާ އަޑުއަހާށެވެ. އަދި ކިޔަމަންތެރިވާށެވެ.) ތަފްސީރު ކުރެވެނީ މިފަދައިންނެވެ. ޙަދީޘްތައް އެއް ޙަދީޘްއާ ގުޅުވައިގެންނެވެ. އަދި أَبُو بَكْر އާއި عُمَرُ ގެ ފަހުމްފުޅާ އެއްގޮތަށެވެ. ފަހެ އަހަރުމެން އެމީހުންނަށް (އެބަހީ ޢަރީފީ އާއި އޭނައާ އެއްފަދައަށް ޙަދީޘްތަކުގެ މުރާދު އޮޅުވާލާ މީހުންނަށް) ބަސްރައްދުކޮށް ބަހުސް ކުރާނީ أَبُو بَكْر އާއި عُمَرُ ގެ ފަހުމްފުޅު ބޭނުންކޮށްގެންނެވެ. ފަހެ الله ގެ ދީނާއީ، ރަސޫލު الله صلى الله عليه وسلم ގެ ބަސްފުޅު، أَبُو بَكْر އާއި عُمَرُ އަށް (ފަހުމްވެވަޑައިގެންނެވި މިންވަރަށް) ވުރެ ބޮޑަށް އެމީހުންނަށް ފަހުމްވެފައިވާކަމަށް އެމީހުން ދައުވާކުރާ ނަމަ އެމީހުން ފަޟީޙަތްވެގެންދާނެ އެވެ. އަދި އެމީހުން ކަޝްފުވެގެންދާނެ އެވެ. އަދި އެމީހުން (ދައްކާ ވާހަކަ) ދޮގު ކުރެވިގެންދާނެ އެވެ. އަދި أَبُو بَكْر އާއި عُمَرُ (އެމީހުންނަށްވުރެ ބޮޑަށް) ފަހުމްވެވަޑައިގަންނަވާފައިވާ ކަމަށް އެމީހުން ބުނެފި ނަމަ، ފަހެ ހަމަކަށަވަރުން އެމީހުން ޒުވާބު ކޮށްފި އެވެ. (އެބަހީ އެހިސާބުން އޭނާ ކުރިން އެބުނި ބަސްތައް ފަޟީޙަތްވެ އޭނާއަކީ އެއްވެސް ޙުއްޖަތަކާ ނުލައި ޒުވާބު ކުރާ މީހެއްކަމަށް ފަޅާ އަރައިގެންދެ އެވެ.) އެހިނދު އޭ ސުންނީ ސަލަފީ އަޘަރީ އެވެ. އެ ޚަލަފީގެ މައްޗަށް ތިބާއަށް ވަނީ ޙުއްޖަތް ގާއިމް ކުރެވިފަ އެވެ.
އަދި އަހަރުމެން މި މިންވަރުން (މިރޭ) ފުއްދާލާނީ އެވެ.


و صلى الله و سلم و بارك على عبده و رسوله نبينا محمد و على آله و أتباعه بـإحسان إلى يوم الدين.

ލިޔުން ނަގައިފައިވަނީ: الإبانة الصغرى ގެ ޝަރަޙައިގެ 2 ވަނަ ދަރުހުންނެވެ.
އޯޑިއޯ ލިންކް: http://ar.miraath.net/audio/3521/02

 

❆  ❆  ❆

 

ވިސްނާލުން ހުއްޓެވެ!

الشَّيخُ مُحَمَّد بن هَادِي المَدْخَلِي حفظه الله ޢަރީފީއާ ދޭތެރޭ ވިދާޅުވެފައިވެ އެވެ: "އޭނާ އަކީ ބޮޑު ދޮގުވެރިއެކެވެ." ވިސްނާލުން ހުއްޓެވެ. މިއުންމަތުގެ ޢިލްމުގެ ފަރުބަދަތަކުގެ ތެރެއިން ފަރުބަދައެއް ކަމުގައިވި الشَّيخُ عَبْدُ العَزِيز بِن بَاز رحمه الله،  الشَّيخُ مُحَمَّد بن هَادِي حفظه الله އަށް ތަޒްކިޔާދެއްވާފައިވެ އެވެ. ފަހެ، މި ޢިލްމުވެރިޔާ މިފަދަ ބޮޑު ބަހެއް ޢަރީފީއާ ދޭތެރޭ ވިދާޅުވެފައިވީ އިރު ވެސް، ރާއްޖޭގެ 'ދީނީ' ޖަމާޢަތްތަކުން އޭނާއަކީ ބޮޑު ޢިލްމުވެރިއެކޭ ކިޔައިގެން އޭނާ ރާއްޖެ ގެނެސް، ރާއްޖޭގައި ތިބި މިސްކީނު ދިވެހިންގެ ލޮލުގައި އަނދުން އަޅުވާފައިވެ އެވެ. ހިޔަޅުގެ ސޫރަ ބަދަލުވެގެންދިޔައީ ހުދު ފުއްގަނޑެއް ފަދަ މައުސޫމް ކަންބަޅިއަކަށެވެ. މުސްލިމުންގެ ޢަޤީދާގެ އެންމެ މުހިންމު ބާބުތަކުގެ ތެރެއިން ބާބެއް ކަމަށްވާ ވެރިންނަށް ކިޔަމަންތެރިވުމުގެ ބާބުގައިވާ މުހިންމު ނުކުތާއެއް ކަމަށްވާ: "ވެރިންގެ އަނިޔާވެރި ކަމަށް ކެތްތެރިވުން"، މިނުކުތާ އޭނާވަނީ ފުނޑާލާފަ އެވެ. الشَّيخُ مُحَمَّد بن هَادِي حفظه الله ވިދާޅުވެފައިވާ ފަދައިން އޭނާއަކީ ބޮޑު ދޮގުވެރިއެކެވެ. ބޮޑު ދޮގުވެރިއެއް އަދި ސަލަފުންގެ މައްޗަށް ދޮގުހަދައި، އަމިއްލަ ހަވައަށް ޙަދީޘްތައް ޝަރަހަކުރާ މީހެއް ކަމަށްވީ ހިނދު، ރާއްޖޭގައި ތިބި 'ދީނީ' ޖަމާޢަތްތަކަށް އޭނާ ޒީނަތްތެރިވީ ކީއްވެގެންކަން ސުވާލު އުފެދުނީ ކިތައް މީހުންނަށް ބާވައެވެ؟! މިއީ އަޖައިބެއް ނޫން ބާވައެވެ. އުންމަތުގެ ޢިލްމުވެރިން، ބާޠިލުގެ އަހުލުވެރިން ކަމުގައިވާ ޢަރީފީ، ސައްޔިދު ޤުޠުބު، ޔޫސުފުލް ޤަރްޟާވީ، ޔާސިރު ޤާޟީ، ސަލްމާން އަލް-ޢައުދާ، ޢާއިޟް އަލް-ޤަރްނީ، މި މީސްމީހުން ދައްކާފައި ހުރި ބާޠިލު ވާހަކަތައް ކަޝްފު ކުރައްވައި އެމީހުންގެ ނުލަފާކަމާ ބެހޭގޮތުން ވިދާޅުވެފައިވާ ބަސްފުޅުތަކުގައި، މިފަދަ ޖަމާޢަތްތަކުން ކޮޅުފައިން ޖަހަނީ ކީއްވެ ބާވައެވެ؟ ޖަވާބު އެހާމެ ވެސް ފަސޭހަ އެވެ. ފާސިދުވެގެންވާ ޢަޤީދާގެ އަހުލުވެރިން އެއްބަޔަކު އަނެއްބަޔަކާ ގުޅޭނެ އެވެ. ނަބިއްޔާ صلى الله عليه وسلم ބަޔާން ކުރެއްވި ފަދައިންނެވެ: {الأَرْوَاحُ جُنُودٌ مُجَنَّدَةٌ فَمَا تَعَارَفَ مِنْهَا ائْتَلَفَ وَمَا تَنَاكَرَ مِنْهَا اخْتَلَفَ}(10) މާނައީ: "ރޫޙުތަކަކީ ލަޝްކަރުކުރެވިގެންވާ ހަނގުރާމަވެރިންތަކެކެވެ. (އެބަހީ: އިޖްތިމާޢުވާ، އެއްތަންވާ ޖަމާޢަތްތަކެކެވެ.) އެ ރޫޙުތަކުގެ ތެރެއިން ދެކެފަރިތަ (އެއްބަސްވާ) ރޫޙުތައް އެއްބައިވަންތަވެ އެވެ. އަދި އެ ރޫޙުތަކުގެ ތެރެއިން ބީރައްޓެހިވެ ޢަދާވާތްތެރިވި ރޫޙުތައް ބައިބައިވެގެންދެ އެވެ." އެއިގެ އިތުރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: {الرَّجُلُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلْ}(11) މާނައީ: "ފިރިހެނާ ވަނީ އޭނާގެ ޚަލީލުގެ(12) ދީނުގެ މަތީގަ އެވެ. ފަހެ އޭނާ ޚަލީލުކަން (ގާތް ލޯބިވާ ރަހުމަތްތެރިކަން) ބާއްވަނީ ކާކާ އެކުގައިތޯ ތިޔަބައިމީހުން ކުރެ މީހަކު ބަލާހުށިކަމެވެ."


ފަހެ މި ޙަދީޘްތަކަކީ އިންސާނެއްގެ ޢަޤީދާ އާއި ދީންވެރިކަން މިނެކިރުމަށްޓަކައި ވާރިދުވެގެންވާ ނަބަވީ އިރުޝާދުތަކެވެ. އިންސާނެއްގެ ޢަޤީދާ އަދި ދީންވެރިކަން ބަލަން ބޭނުން ނަމަ އޭނާގެ ގާތް އަދި ލޯބިވާ ރަހުމަތްތެރިޔާގެ ޢަޤީދާއަށާއި ދީންވެރިކަމަށް ބަލާށެވެ. އޭނާގެ އައުވާނުންނަކީ ކޮބައިކަން ބަލާށެވެ. އަދި އޭނާ ދިފާއުކުރަނީ ކޮން ބައެއްތޯ ބަލާށެވެ. އަދި އޭނާ ސަނާކިޔަނީ ކޮން ބަޔަކަށްތޯ ބަލާށެވެ. އަދި އޭނާ އެއްތަންވެ މަޖްލިސްކޮށް މަޝްވަރާކޮށް އުޅެނީ ކޮން ބަޔަކާތޯ ބަލާށެވެ. އެއިރުން ތިބާއަށް އެ އިންސާނެއްގެ ޢަޤީދާ އާއި ދީންވެރިކަން އެނގޭނެ އެވެ. ސަލަފުންގެ ޢަޤީދާ އޮޅުވާލައި، އެ ބަދަލުކޮށް، އެ ތައުވީލުކޮށް މީސްތަކުންނަށް އޮޅުވާލާ މުޙައްމަދު އަލް-ޢަރީފީ، ސަލްމާން އަލް-އަޢުދާ، ޔޫސުފުލް ޤަރްޟާވީ ފަދަ މީހުންނާ ގުޅުން ބާއްވައި ނުވަތަ އެމީހުންނަށް ސަނާކިޔައި، އެމީހުން ދިފާޢުކޮށް، އަދި އެމީހުންގެ ވާހަކަ ފަތުރާ މީހުންނަކީ ހަމަ އެމީހުންނެކޭ އެއްފަދައިން ސަލަފުންގެ ޢަޤީދާ އޮޅުވާލައި، އެ ބަދަލުކޮށް، އެ ތައުވީލުކޮށް މީސްތަކުންނަށް އޮޅުވާލާ މީހުންނެވެ. އެހެންކަމުން އެމީހެއްގެ ޢަޤީދާއާއި ދީނަށް ރައްކައުތެރިވާ މީހަކު މިފަދަ ނުރައްކައުތެރި މީހުންނާ ބެހޭ ގޮތުން އިންޒާރު ލިބި، އެމީހުންނާ ދުރުވެ ރައްކައުތެރިވާށެވެ.
و بالله التوفيق.

 

❆  ❆  ❆

 

---------------------------

 

(1) ابن بَطَّة އަކީ ސުންނަތުގެ އިމާމުންގެ ތެރެއިން އިމާމެކެވެ. ابن بَطَّة ގެ ނަންފުޅާއި ނަޞަބުފުޅަކީ: أَبُو عَبْدِ الله عُبَيْدُ الله بن مُحَمَّد بن حَمْدَان بن بَطَّة އެވެ. މަޝްހޫރުވެގެންވަނީ ابن بَطَّة ގެ ނަންފުޅުންނެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 304 ވަނަ އަހަރުގެ ޝައްވާލު މަހުގެ 4 ވަނަ ދުވަހަށްވީ ހޯމަ ދުވަހު، عُكْبَرَا ކިޔާ ރަށެއްގަ އެވެ. ޢިލްމުވެރިންގެ ޘަނާ ބަސްތަކުގެ ތެރެއިންވެ އެވެ: الإمام الذَّهَبِي ވިދާޅުވި އެވެ: "الفَقِيهُ الحَنْبَلِي العَبْد الصَّالِح" މާނައީ: "ابن بَطَّة އަކީ ޞާލިޙު އަޅުވެރި ޙަންބަލީ މަޛްހަބުގެ ފިޤުހު ޢިލްމުވެރިއެކެވެ." الحَافِظ ابن حَجَر ވިދާޅުވި އެވެ: "كَانَ إِمَاماً فِي السُّنَّةِ، إِمَاماً فِي الْفِقْهِ..." މާނައީ: "ابن بَطَّة އީ ސުންނަތުގެ އިމާމެކެވެ. ފިޤުހުގެ އިމާމެކެވެ..." އަވަހާރަވީ ހިޖުރައިން 387 ވަނަ އަހަރު އެވެ. އިސްލާމީ އުންމަތަށް ގިނަގުނަ ޢިލްމީ ތަރިކަ ދޫކުރެއްވި އެވެ. އެއިގެ ތެރޭގައި: ابن بَطَّة ގެ الإِبَانَة الْكُبْرَى އަދި الإِبَانَة الصُّغْرَى އަކީ މުޅި އުންމަތުގެ މަޤްބޫލުކަން ލިބިފައިވާ ޢަޤީދާގެ ފޮތްތަކުގެ ތެރެއިން ދެފޮތެވެ. މިތަނުގައި ޛިކުރުކުރެވިފައިވަނީ الإبانة الصغرى ގެ ބަސްފުޅުތަކުގެ ތެރެއިން ބަސްފުޅެކެވެ.
(2)  ރިވާކުރެއްވީ: البخاري (696)،
(3)  ރިވާކުރެއްވީ: الإمام أحمد އެބޭފުޅާގެ "مسند" (3/403-404) ގައި، އަދި ابن أبي عاصم "كتاب السنة" (2/521) ގައެވެ.
(4) މި ޙަދީޘްގެ ފުރިހަމަ ޢިބާރާތަކީ: {إِنَّهُ سَيَكُونُ عَلَيْكُمْ أُمَرَاءُ تَعْرِفُونَ وَتُنْكِرُونَ فَمَنْ أَنْكَرَ فَقَدْ بَرِئَ ، وَمَنْ كَرِهَ فَقَدْ سَلِمَ وَلَكِنْ مَنْ رَضِيَ وَتَابَعَ. قَالُوا : أَفَلَا نُقَاتِلُهُمْ؟ قَالَ :لَا مَا صَلَّوْا لَا مَا صَلَّوْا أَيْ مَنْ كَرِهَ بِقَلْبِهِ وَأَنْكَرَ بِقَلْبِهِ}. މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުން ދަންނަ އަދި ތިޔަބައިމީހުން އިންކާރު ކުރާ ވެރިންތަކެއް ތިޔަބައިމީހުންގެ މައްޗަށް އިސްވެ އަންނާނެ އެވެ. ފަހެ އިންކާރުކޮށްފި މީހަކު ބަރީއަވެއްޖެ އެވެ. އަދި ނުރުހުންތެރިވެއްޖެ މީހަކު ހަމަކަށަވަރުން (ފާފައިން) ސަލާމަތްވެއްޖެ އެވެ. އެހެން ނަމަވެސް ރުހިއްޖެ އަދި ތަބަޢަވެއްޖެ މީހަކު (ހަމަކަށަވަރުން އޭނާއަށް ފާފަ އާއި ޢުޤޫބާތް ޙައްޤުވެއްޖެ އެވެ)." ޞަޙާބީން ވިދާޅުވި އެވެ: "ފަހެ އަޅުގަނޑުމެން އެމީހުންނާ (އެބަހީ: އެ ވެރިންނާ) ހަނގުރާމަ ކުރަންވީތޯ އެވެ؟" (ފަހެ ނަބިއްޔާ صلى الله عليه وسلم) ޙަދީޘްކުރެއްވި އެވެ: "ނޫނެކެވެ. އެމީހުން ނަމާދު ކުރާހައި ހިނދަކު އެވެ. ނޫނެކެވެ. އެމީހުން ނަމާދު ކުރާހައި ހިނދަކު އެވެ. (އެބަހީ ނަމާދު ކުރާ ހާލަތުގައި އެމީހުން ދެމިތިބިހައި ހިނދަކު އެމީހުންނާ ހަނގުރާމަކޮށްގެން ނުވާނެ އެވެ.)" ރިވާކުރެއްވީ: مسلم (4800)، أبو داود (4760)، الترمذي (2265).
(5) ރިވާކުރެއްވީ: مسلم (4804).
(6) މީގެ އިތުރުން الشَّيخُ مُحَمَّد بن هَادِي حفظه الله ޢަރީފީއާ ބެހޭ ގޮތުން ވިދާޅުވެފައިވާ ބަސްފުޅުތައް ބައްލަވާލެއްވުމަށްޓަކައި އަހަރެމެންގެ އަޚް އަބޫ އަނަސް ތަރުޖަމާކުރައްވާފައިވާ މި ލިޔުން ވިދާޅުވެލައްވާ: http://goo.gl/FkrScc
(7) މި ޙަދީޘްގެ ފުރިހަމަ ޢިބާރާތަކީ: قَالَ حُذَيْفَةُ بْنُ اليَمَانِ: قُلْتُ: يَا رَسُولَ اللهِ! إِنَّا كُنَّا بِشَرٍّ، فَجَاءَ اللهُ بِخَيْرٍ، فَنَحْنُ فِيهِ، فَهَلْ مِنْ وَرَاءِ هَذَا الخَيْرِ شَرٌّ؟ قَالَ: {نَعَمْ}، قُلْتُ: هَلْ وَرَاءِ ذَلِكَ الشَّرِّ خَيْرٌ؟ قَالَ: {نَعَمْ}، قُلْتُ: فَهَلْ وَرَاءَ ذَلِكَ الخَيْرِ شَرٌّ؟ قَالَ: {نَعَمْ}، قُلْتُ: كَيْفَ؟ قَالَ: {يَكُونُ بَعْدِي أَئِمَّةٌ لَا يَهْتَدُونَ بِهُدَايَ وَلَا يَسْتَنُّونَ بِسُنَّتِي وَسَيَقُومُ فِيهِمْ رِجَالٌ قُلُوبُهُمْ قُلُوبُ الشَّيَاطِينِ فِي جُثْمَانِ إِنْسٍ}. قَالَ: قُلْتُ: كَيْفَ أَصْنَعُ، يَا رَسُولَ اللهِ إِنْ أَدْرَكْتُ ذَلِكَ، قَالَ: {تَسْمَعُ وَتُطِيعُ لِلْأَمِيرِ وَإِنْ ضُرِبَ ظَهْرُكَ وَأُخِذَ مَالُكَ فَاسْمَعْ وَأَطِعْ}. މާނައީ: "حُذَيْفَةُ بْنُ اليَمَان رضي الله عنه ވިދާޅުވި އެވެ: "އަޅުގަނޑު ދެންނެވީމެވެ: "އޭ الله ގެ ރަސޫލާ އެވެ! ހަމަކަށަވަރުން އަޅުގަނޑުމެންވީ ނުބައިކަމުގެ ތެރޭގަ އެވެ. ފަހެ الله ހެޔޮކަމައިގެން ވަޑައިގަތެވެ. ފަހެ އަޅުގަނޑުމެން ވަނީ އޭގެ (އެ ހެޔޮކަމުގެ) ތެރޭގަ އެވެ. ފަހެ މި ހެޔޮކަމަށް ފަހުގައި ނުބައިކަމެއްވޭތޯ އެވެ؟"
ޙަދީޘްކުރެއްވި އެވެ: "އާނއެކެވެ." އަޅުގަނޑު ދެންނެވީމެވެ: "އަދި އެ ނުބައިކަމަށް ފަހުގައި ހެޔޮކަމެއްވޭތޯ އެވެ؟"
ޙަދީޘްކުރެއްވި އެވެ: "އާނއެކެވެ." އަޅުގަނޑު ދެންނެވީމެވެ: "ފަހެ އެ ހެޔޮކަމަށް ފަހުގައި ނުބައިކަމެއްވޭތޯ އެވެ؟"
ޙަދީޘްކުރެއްވި އެވެ: "އާނއެކެވެ." އަޅުގަނޑު ދެންނެވީމެވެ: "ކިހިނަކުންތޯ އެވެ؟"
ޙަދީޘްކުރެއްވި އެވެ: "ތިމަން ނަބިއްޔާއަށް ފަހުގައި އިމާމުންތަކެއް (ވެރިންތަކެއް) ވާނެ އެވެ. ތިމަން ނަބިއްޔާގެ ހިދާޔަތުން އެބައިމީހުން ހިދާޔަތް ލިބި ނުގަންނާނެ އެވެ. އަދި ތިމަން ނަބިއްޔާގެ ސުންނަތަށް ޢަމަލެއް ނުކުރާނެ އެވެ. އަދި އެބައިމީހުންގެ ތެރޭގައި ފިރިހެނުންތަކެއް ޤާއިމްވާނެ އެވެ. އެމީހުންގެ (އެ ފިރިހެނުންގެ) ހިތްތަކަކީ އިންސާނުންގެ ހަށިގަނޑުގައިވާ ޝައިޠާނުންގެ ހިތްތަކެކެވެ."
ވިދާޅުވި އެވެ: "އަޅުގަނޑު ދެންނެވީމެވެ: "އޭ الله ގެ ރަސޫލާ އެވެ. އަޅުގަނޑާ އެކަން ބައްދަލުވެއްޖެ ނަމަ އަޅުގަނޑު ކަންތައް ކުރަންވީ ކިހިނަކުންތޯ އެވެ؟"
ޙަދީޘްކުރެއްވި އެވެ: "ތިބާ ވެރިމީހާއަށް އަޑުއަހައި ކިޔަމަންވާނީ އެވެ. ތިބާގެ ބުރަކަށީގައި ތަޅައި، ތިބާގެ މުދާ އަތުލައިގަނެވުނު ނަމަވެސް، ފަހެ ތިބާ އަޑުއަހައި ކިޔަމަންތެރިވާށެވެ." ރިވާކުރެއްވީ: مسلم (4785).
(8) މިއަދު އަނިޔާވެރިކަމޭ ކިޔައިގެން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރާ މީހުން މިޙަދީޘްއާ ދޭތެރޭ މުއާމަލާތްކުރާނީ ކިހިނަކުން ހެއްޔެވެ؟ އަދި މުސްލިމުންގެ ގޮތުގައި ވެރިން ވާހައި ހިނދަކު އެމީހުން އަނިޔާވެރިވީ ނަމަވެސް، އެމީހުން ރައްޔިތުންގެ ޙައްޤުތަށް ނިގުޅައިގަތް ކަމުގައިވީ ނަމަވެސް، އެމީހުންނީ ވެރިންގެ ޝަރުތު ފުރިހަމަ ނުވެ، ގަދަބާރުން ވެރިކަމަށް އަރައި ތިބި ވެރިން ކަމުގައިވީ ނަމަވެސް، އެމީހުންނާ ދެކޮޅަށް ނުކުތުން ހުއްދަވެގެން ނުވާ ކަމީ، ރަސޫލާ  އާއި ޞަޙާބީން އަހަރެމެންނަށް އުނގަންނަވައިދެއްވެވި ގޮތެވެ. އެއީ أهل السنة و الجماعة ގެ ޢަޤީދާ އެވެ. އެއީ الله – جل و علا - ގެ އަޅުތަކުންނަށް الله ރުހިވޮޑިގެންވާ، އެއިލާހު ޝަރުޢު ކުރެއްވި ގޮތެވެ. އޭ މުސްލިމް އަޚާއެވެ!! ފަހެ الله – جل و علا - ގެ އަމުރުފުޅާ ޚިލާފުވެ، ރަސޫލާ صلى الله عليه وسلم ގެ އަމުރުފުޅާ ޚިލާފުވެ، ޞަޙާބީންގެ އަމުރުފުޅުތަކާ ޚިލާފުވެ، ތިބާގެ އަމިއްލަ ނަފްސު ގެއްލުމާ ހަލާކުގެ ތެރެއަށް އެއްލާލަނީ ކީއްވެ ހެއްޔެވެ؟ ފައިސާ ހެއްޔެވެ؟ މުދާ ހެއްޔެވެ؟ ބިން ހެއްޔެވެ؟ ބުއްދި ސަލާމަތުން ހުރި މީހަކު، ދުނިޔެއިން ލިބޭ ވަގުތީ އުފަލަކަށްޓަކައި ނަރަކައިގެ ގަދަފަދަ ޢަޛާބަށް ހުށައެއް ނޭޅޭނެ އެވެ. އަދި ތިބާ ދަންނާށެވެ. ރަސޫލާގެ މަގަށް ބޯލަނބައި އަދި ޞަޙާބީންގެ މަގަށް ބޯލެނބުމަކީ ވާޖިބެކެވެ. އެ މަގާ ޚިލާފުވާ މީހުން ނަރަކައަށް ވައްދަވާނެކަމުގެ ބިރުވެރި ވަޢީދުގެ ބަސްފުޅު ޤުރްއާނުގަ އާއި ސުންނަތުގައި ވާރިދުވެގެންވެ އެވެ. ޤުރުއާނާއި ސުންނަތުގައި ދޮގެއް އެކުލެވިގެން ނުވެއެވެ. ހަމަކަށަވަރުން ދޮގުހަދައި މީހުންގެ ބޮލަށް ވާވައްދަނީ ދުނިޔަވީ ބޭނުންތަކުގައި ޙައްޤު އޮޅުވާލައި ބާޠިލަށް ދައުވަތުދޭ މީހުންނެވެ.
(9) ރިވާކުރެއްވީ: الإمام أبو بكر الآجري، "الشريعة" ص.380 ގައި.
(10) ރިވާކުރެއްވީ: البخاري (3336)، އަދި  مسلم (6650). الحافظ النَّوَوِي رحمه الله މި ޙަދީޘްގެ ޝަރަޙައިގައި ވިދާޅުވި އެވެ: الخَطَّابِي އަދި އެނޫން ވެސް ބޭފުޅުން ވިދާޅުވި އެވެ: "... ރޫޙުތައް ވަނީ އިދިކޮޅުވެގެންވާ ދެބަޔަކަށް ބެހިގެންނެވެ. (އެބަހީ: ހެޔޮވެގެންވާ ރޫޙުތަކާއި ނުބައިވެގެންވާ ރޫޙުތަކެވެ.) ވީމާ ހަށިގަނޑުތައް ދުނިޔޭގައި ބައްދަލުވުމުން އެ ރޫޙުތަކުގެ ޠަބީޢަތާ އެއްގޮތްވާ ގޮތުގެ ނިސްބަތުން އެއްބައިވެ އަދި (ޚިލާފުވެ) ބައިބައިވެގެންދެ އެވެ. އެހެންވީމާ ހެޔޮލަފާ މީހުން ހެޔޮލަފާ މީހުންނަށް ލެނބިގެންދެ އެވެ. އަދި ނުލަފާ މީހުން ނުލަފާ މީހުންނަށް ލެނބިގެންދެ އެވެ. و الله أعلم." ބައްލަވާލައްވާ ސ.401، މުޖައްލަދު 8، "المِنْهَاج شَرْح صَحِيح مُسْلِم بن الحَجَّاج"- دار المعرفة، الطبعة الثانية 1427ه.
(11) ރިވާކުރެއްވީ: أبو داود (2378)، އަދި  الترمذي (4833).
(12) الشيخ ابن عثيمين ވިދާޅުވި އެވެ: "ޚަލީލުއަކީ ލޯބީގެ އެންމެ މަތިވެރި ދަރަޖައަށް ފޯރާފައިވާ ފަރާތެވެ."

Like what you see?

Close

Hit the buttons below to follow us, you won't regret it...