އެމީހުން ބުނެ އެވެ. "އަހަރެމެން އެމެރިކާ ދެކޮޅަށް ހަނގުރާމަ ކުރަމެވެ. " ވިސްނާލުން ހުއްޓެވެ. އެހެނަސް މި މީހުން ޕުރޮމޯޓު ކުރަނީ އެމެރިކާގެ ފިކުރުތަކެވެ. - الشَّيخ العَلاَّمَة رَبِيع بن هَادِي المَدخَلِي حفظه الله

ސުވާލު: ﷲ ޝެއިޚްއަށް ބަރަކާތް ލައްވާށި އެވެ. ޤައުމުގެ ތެރޭގައ ނުވަތަ ޤައުމުން ބޭރުގައި މުޒާހަރާތަކަށް ނުކުތުމާއި، ހަޅުތާލު (އިންޤިލާބު) ތަކަށް ނުކުތުން އަދި މިކަންތައްތަކުގެ މައްޗަށް ޒުވާނުން ތަރުބިއްޔަތު ކުރުމަކީ أَهل السنة والجَماَعة ގެ މަންހަޖުގެ ތެރެއިން ހިމެނިގެންވާ ކަމެއް ހެއްޔެވެ؟ ނުވަތަ އެ މަންހަޖާއި ޚިލާފް ކަމެއްތޯ އެވެ؟ އަދި މިއީ ދަޢުވަތު ދިނުމަށްއޮތް މަގެއްކަމުގައި ހަދައިފައިވާ މީހުންގެ މައްޗަށް ޝެއިޚް ދެއްވާ ނަޞޭޙަތަކީ ކޮބައިހެއްޔެވެ؟
ޖަވާބު: ތިޔައީ މާރކްސް އަދި ލެނިން އަދި އެމީހުންނާ އެއްފަދަ މީހުންގެ މަންހަޖެވެ. ތިޔައީ އިސްލާމީ މަންހަޖުގެ ތެރެއިން ހިމެނިގެންވާ ކަމެއް ނޫނެވެ. ލޭ އޮހޮރުވުމާއި، އިންޤިލާބް ގެނައުމާއި، ފިތުނަވެރިކަމާއި އަދި އެކިއެކި ގޮތްގޮތުން ހަލަބޮލިކޮށް މައްސަލައުފެއްދުމަކީ މާރކްސް އަދި ލީނީންގެ މަޛްހަބެވެ. އަދި މި މަންހަޖުތައް ޚަވާރިޖުންގެ މަޛްހަބުގެ ތެރެއަށް ވައްދައި އެއީ އިސްލާމީއޭ ބުނެ ނަންދިނެވެ. އެގޮތުން:
އިސްލާމީ މިއުޒިކް
އިސްލާމީ އިޝްތިރާކީ (ޝޯޝަލިޒަމް)
އިސްލާމީ ޑިމޮކްރަސީ
އިސްލާމީ ޑިސްކޯ
މިއެންމެހައި ކަންކަމަކީ މަގުފުރެދުންތަކެވެ. މި ނުބައިވެގެންވާ ފިތުނަތަައް މަޝްރިޤާއި މަޣުރިބަށް ގެނެސް އެތަކެއްޗަށް އިސްލާމީ ފޭރާމުން ފޭރާންލި އެވެ. ﷲ ވަނީ މި އެންމެހައި ވަޞީލަތްތަކާއި ކަންތައްތަކުން އިިސްލާމްދީން ބަރީއަ ކުރައްވާފަ އެވެ.
ފަހެ، ޖިހާދު ކުރުމުގައި ބާބު ތަކާއި ޝަރުޠުތަކެއް ކަނޑައަޅުއްވާފައިވެ އެވެ. މި މާރކްސް ގެ އެކިއެކި ވަޞީލަތްތަކަކީ އިސްލާމީ ފޭރާމެއް ނޫނެވެ. އެބައިމީހުން އިންޤިލާބުތަކާއި އިޝްތިރާކީ (ޝޯޝަލިޒަމް) ނަގާފައިވަނީ ީ މާރކްސް އަދި ލެނިން ގެ ކިބައިންނެވެ. އެބައިމީހުން ޑިމޮކްރަސީ ނަގާފައިވަނީ އެމެރިކާގެ ކިބައިންނެވެ. އަދި އެބައިމީހުން ބުނެ އެވެ. ތިމަންމެން އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރަމެވެ! ﷲ ޤަންދީ ބުނަމެވެ. އެބައިމީހުންނަކީ އެމެރިކާގެ ފިކުރުތައް ޕްރޮމޯޓް ކުރާ ބައެކެވެ.
ގިނަ ޕާޓީތައް ހެދުން.
ވެރިކަން ހޯދުމަށް މަސައްކަތް ކުރުމާއި އެކަމަށް ތައްޔާރުވުން.
އިންތިޚާބުތައް ބޭއްވުން.
މުޒާހަރާ ކުރުން.
މިއެންމެހައި ފިކުރުތަކަކީ އެމެރިކާގެ ފިކުރުތަކެވެ.
މި ޢާލަމަށް މިކަންތައްތައް ފެތުރުމަށްޓަކައި، އުއްމަތްތަކަށް އަތްގަދަ ކުރުމަށްޓަކައި އެބައިމީހުން މިލިޔަނުން ހޭދަކުރެ އެވެ. ފަހެ، މި ފިކުރުތައް ފެތުރުމަށް މަސައްކަތްކުރާ މީހުންނަކީ އެންމެބޮޑަށް އެމެރިކާއަށް ޚިދުމަތް ކުރުމުގައިވާ މީހުންނެވެ.
އެއާއެކު، އެހެންމީސްތަކުންނާ ދިމާލަށް އެއީ އެމެރިކާގެ އޭޖެންޓުންނޭ އެބައިމީހުން ބުނެ އެވެ."
*****
ބަސްތައް ނަގާފައިވަނީ : كشف الستار عما تحمله بعض الدعوات من الأخطار ص 18-19
އަޚުންނޭވެ! ދަންނަ ހުއްޓެވެ. ޙަޤީޤަތަކީ މި އެވެ. އެކިއެކި މުނާސަބާތްތަކާއި ގުޅުވައިގެން އިޚްވާނީ، ޙިޒްބީން އެބައިމީހުންނަކީ އެމެރިކާ ދެކޮޅަށް ހަނގުރާމަ ކުރާ މީހުން ކަމުގައި ފާޅުވެ އެވެ. އެހެނަސް ޙައްޤު އަދި ޢިލްމީ ނަޟަރަކުން ނަޟަރު ހިންގައިފި މީހަކަށް އެބައިމީހުންނަކީ ޙަޤީޤަތުގައި އެމެރިކާއަށް ޚިދުމަތްކޮށް، އެމެރިކާގެ ފިކުރުތަށް ދުނިޔެއަށް އަދި އިސްލާމީ ޢާލަމަށް ފަތުރާ މީހުންނޫންތޯ އެވެ؟
ސިޔާސީ ޕާޓީ ނަހަދާ ހެއްޔެވެ؟ އެ ޕާޓީތަކަށް ވަނުމަށް ހިތްވަރު ނުދޭ ހެއްޔެވެ؟ މުޒާހަރާތައް ނުކުރޭ ހެއްޔެވެ؟ މުޒާހަރާތައް ކުރުމަށް ހިތްވަރު ނުދޭ ހެއްޔެވެ؟ ސަރުކާރުތަކާއި ދަޥްލަތްތައް ވައްޓާލުމަށް އެބައިމީހުން ނުގޮވާ ހެއްޔެވެ؟ ޑިމޮކްރަސީގެ އަސާސުތައް ޤާއިމްކުރުމަށް ގަދަހިތްވަރާއި މަސައްކަތް ނުކުރޭ ހެއްޔެވެ؟ .......
އަޚުންނޭވެ! މިއީ ޢާލަމްތަކުގެ ވެރިއިލާހު، އިންސާނުންނާއި ޖިންނީން އަދި ކާއިނާތް ހެއްދެވި ޚާލިޤްވަންތަ އިލާހުގެ ދީނުގައި، ނަބިއްޔާ ﷺ ގެ ދޫފުޅުމަތިން ބަޔާންވެގެންވާ ޙުކުމްތަކެވެ. ޝަރީޢަތުގައި ނިޔާކުރެވިފައިވާ ކަންކަމެވެ. އިސްލާމީ ޝަރިޢަތުގައި ބައިބައިވުމާއި، އެއްބައިވަންތަކަން ގެއްލުވާ ލުމުގެ ތެރެއިން ކުރެވޭ އެންމެހައި ކަންކަމަކީ ބޮޑުވެގެންވާ ޙަރާމްކަމެކެވެ. އެމެރިކާގެ ޑިމޮކްރަސީގެ ޝަރީޢަތުގައިވަނީ އެއީ ކުރަންޖެހޭ ކަމެއްގެ ގޮތުގަ އެވެ. އިންޤިލާބް ގެނެެވުމާއި، އެކަމަށް ގޮވުމަކީ ﷲ ގެ ޝަރީޢަތުގައި ހުއްދަވެގެންވާ ކަމެއް ނުވިނަމަވެސް އެމެރިކާއިން ގެނެސްފައިވާ ޑިމޮކްރަސީގެ ޝަރީޢަތުގައި އެއީ ކުރަންޖެހޭ ކަމެކެވެ.
މި އެންމެހައި ފިކުރުތަކަކީ ސަތޭކަ އިންސައްތައިން ﷲގެ ދީނާއި ޝަރީޢަތާއި ފުށުއަރާ އެމެރިކާގެ ފިކުރު ތަކެވެ. އެހެނަސް މައްކާއި މަދީނާއިން ކިޔަވައި ދަރިވަރުވެފައިވާ ބަޔަކު މިކަންތައް ކުރުމުން ތިއަޚާ އެކަމަށް ޙައިރާން ނުވޭ ހެއްޔެވެ؟
ޚާލިޞް ސުންނަތުގެ އަހުލުވެރިންގެ ސިފައަކީ މިއީ ބާއެވެ؟ ﷲ ގެ ޝަރީޢަތަށް ނަޞްރުވެރި ވުމަކީ މިއީތޯ އެވެ؟ ﷲ ގެ ޝަރީޢަތް ޤާއިމް ކުރުމަކީ މިއީ ހެއްޔެވެ؟ އެމެރިކާގެ ފިކުރުތައް ފަތުގައި އެމެރިކާއަށް ޚިދުމަތް ކުރުމަށްފަހު އެހެން ބައެއްގެ ބޮލުގައި އެމެރިކާގެ އޭޖެންޓުންނޭ ބުނުމަކީ ޢަދުލުވެރިކާމާއި އިންސާފު ހެއްޔެވެ؟
އަޚުންނޭވެ! ނަބިއްޔާ ﷺ އެންމެހައި ޚުޠުބާ ތަކެއްގައި ނުވަތަ ގިނަ ޚުޠުބާ ތަކެއްގައި، ރަސޫލާ ﷺ ގެ ކުރިފުޅުމަތީގައި އެންމެ ބިދުޢައެއްވެސް ފާޅުވެފައިވާ ނުވާ ހިނދު އަދި އެންމެ ބިދުޢަވެރިއެއް ނުވާހިނދު، އެ ޞަޙާބީންނަށް ބިދުޢަތަކާއި ބިދުޢަވެރިންގެ މައްޗަށް ބޮޑުވެގެންވާ އިންޒާރުން އިންޒާދު ދެއްވެވި އެވެ. ސަމާލުވުމަށް އެންގެވި އެވެ. ވިސްނާލުން ހުއްޓެވެ! މިއަދު މި ފެންނަނީ އެންމެ ބިދުޢައެއް ނޫނެވެ. އަދި ކިޔެއްތަ! ދެ ބިދުޢަ އެއްވެސް ނޫނެވެ. އޭގެ އިތުރަށް ކާފަރުން ދަޥްލަތްތަކާއި ކާފަރުންގެ ނިޟާމުތައް މުސްލިމުންގެ ތެރެއަށް ވެއްދުމަށް މަސައްކަތްކޮށް އިސްލާމީ ޝަރީޢަތާއި ޝަރީޢަތުގެ އަަސާސްތަކާއި ދިމާއިދިކޮޅު ކަންތައްތައް ވައްދައި އެއީ އިސްލާމް ދީނުގައިއޮތް ކަންކަން ކަމުގައި ދެއްކުމެވެ!
މިފަދައިން އަމަލުކުރާ ހިނދުގައި، އެއީ އިސްލާމް ދީނަށް ޚިދުމަތްކުރުން ކަމުގައި ހަދައި މުސްލިމުންގެ އެތައް އެތައް ބަޔަކަށް މިވަނީ އިސްލާމްދީން ޙަޤީޤީ ކުލަ އޮޅުވާލާފަ އެވެ.
އެބަމީހުންގެ ހުރި ނުބައި ނުލަފާކަމާ އެވެ. އެބައިމީހުންގެ ހުރި މުޑުދާރުކަމާ އެވެ. އެބައިމީހުންގެ ލަދުވެތިކަން ނެތިވެ ﷲގެ ދީން އޮޅުވައިލުމުގެ މައްޗަށް ބިރުވެތިކަމެއް ނެތް ކަމެވެ.
އެއްވެސް ބިދުޢައެއް ނެތް ޒަމާނެއްގައި ޞަޙާބީންނަށް ބޮޑުވެގެންވާ އިންޒާރުން މެދުކެނޑުމެއްނެތި އިންޒާރު ދެއްވަމުން ނަބިއްޔާ ﷺ ގެންދެއްވި އެވެ. މިއަދު މިފަދަ މުންކަރާތް، ބިދުޢަތައް ފެނުމުން އެބައެއްގެ މައްޗަށް އިންޒާރު ދިނުން އެއީ ކޮންފަދަ ބޮޑު ހެޔޮކަމެއް ކަމުގައިވާނެ ހެއްޔެވެ؟ އެހެނަސް، އެކަން ކުރާ މީހުންނަކީ މީސްތަކުން ބިދުޢަވެރިކުރާ، މީސްތަކުންނަށް ރައްދުދީ އުއްމަތުގެ އެއްބައިވަންތަކަން ނަގާލާ މީހުން ކަމުގައި އެބަޔަކުވަނީ ހަދައިފަ އެވެ.
އަޚާ އެވެ! ތިޔަ އަޚާ ﷲ އާއި ރަސޫލާގެ ޝަރީޢަތަށް ކުރާ ޤަދަރަކީ މިއީ ހެއްޔެވެ؟ މާރކްސް އާއި ލެނިން ގެނެސްފައިވާ އެމެރިކާގެ ފިކުރު ފެތުރުން ހެއްޔެވެ؟ އެފިކުރު ފަތުރާ މީހުންނާ އެކުގައި އުޅުން ހެއްޔެވެ؟ ތިޔަ އަޚާގެ ވިސްނުން ކޮބައިހެއްޔެވެ؟ ބުއްދި އާއި ފިޠުރަތް ކޮބައިހެއްޔެވެ؟ ﷲ ވަޙީ ކުރެއްވި އެވެ. فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ [ الحج/46] "ހަމަކަށަވަރުން ލޯތައް ކަނުވަނީ އަކީ ނޫނެވެ. އެހެނެއްކަމަކު ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ."
މިއެންމެހައި ކަންތައްތަކަކީ އިސްލާމްދީން އެ ފިކުރުތަކުން ބަރީޢަވެގެންވާ ފިކުރުތަކެކެވެ. އަދި މިފަދަ ނުބައި މުޑުދާރު ފިކުރުތައް ފަތުރާ އަހުލުވެރިންގެ ކިބައިން ސުންނަތް ވަނީ ބަރީއަވެގެންނެވެ. ވިސްނާލުން ހުއްޓެވެ. މިއަދު އެމީހުން އެވަނީ ފިކުރުތަކުގެ މައްޗަށް އިއްތިޙާދު ވެފަ އެވެ. އަނެއްބަޔަކު ވަނީ އެ އިއްތިހާދުގެ މައްޗަށް ހެޔޮ ބަސްތައް ބުނުމުގަ އެވެ. ރަސޫލާ އަށް އޮތް ލޯބި ކޮބައި ހެއްޔެވެ؟ ކާފަރުން އަދި މުސްލިމުންގެ ޢަދުއްވުންގެ މައްޗަށް ހިތުގައި އޮންނަންޖެހޭ ޢަދާވާތްތެރިކަން ކޮބައިހެއްޔެވެ؟