ވަންހަނާވެގެންވާ ފާފަތައް: އިންސާނާއަށް ނުބައިވެގެންވާ ނިމުމެއް سوء الخاتمة (މަރެއް) ލިބިގެން ދިޔުމުގެ ސަބަބެއް - الحَافِظ ابن رَجب رحمه الله

އަޚާ އެވެ! الحَافِظ ابن رَجب رحمه اللهގެ މިބަސްފުޅުތަކުގެ މައްޗަށް ވިސްނާލުމަށް ތިބާއަށް ދަޢުވަތުދެމެވެ.
"އިންސާނާއަށް ނުބައިވެގެންވާ ނިމުމެއް ލިބިގެން ދިއުމުގެ ސަބަބު ކަމުގައިވަނީ އޭނާ މީސްތަކުންނަށް ވަންހަނާވެގެންވާ ގޮތުގައި ކޮށްފައިވާ މުޑުދާރު ޢަމަލުތަކެވެ. އެއްގޮތަކީ ނުބައިވެގެންވާ ފާފަތަކެވެ. ނުވަތަ އެފެދަ އެހެނިހެން ޢަމަލުތަކެވެ.
ފަހެ، މިއީ އެމީހަކު މަރުމަތީގައި ނުބައިވެގެންވާ ނިމުމަކަށް ގެންގޮސްދިނުމަށް މެދުވެރި ކުރުވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. ހަމައެފަދައިން މީހަކު ނަރަކައިގެ އަހުލުވެރިންގެ ޢަމަލުތަކުން ޢަމަލުކުރާ މީހެއް ކަމުގައި ވެދާނެ އެވެ. މިސްތަކުންނަށް ނޭނގޭގޮތުގައި ހެޔޮކަމުގެ ޢަމަލުތަކެއް އޭނާ ކުރަމުން ގޮސްދާނެ އެވެ. އަދި ޙަޔާތުގެ ފަހުކޮޅުގައި އެ ހެޔޮޢަމަލު އެ ނުބައި ޢަމަލުގެ މައްޗަށް ގަދަވެ އެމީހާއަށް ހެޔޮ ރަނގަޅު ނިމުމެއް ލިބިގެންދެ އެވެ.
عبد العزيز بن أبي روَّاد ވިދާޅުވި އެވެ. މީހެއްގެ މަރުމަތީގައި ވަނިކޮށް އޭނާގެ ގާތަށް ޙާޟިރުވީމެވެ. އަދި لا إله إلا الله ތަލްޤީނުކޮށްދިނުމުގައި ވީމެވެ. ފަހެ އެމީހާގެ އެންމެ ފަހު ބަހެއްގެ ގޮތުގައި ބުނީ "އަހަރެންވަނީ ތިޔަ ކިޔާތަކެއްޗަށް ކާފަރުވެގެންނެވެ." އަދި އެ ޙާލުގައި އޭނާ މަރުވި އެވެ.
ވިދާޅުވި އެވެ. "އެމީހާ އަކީ ކާކުތޯ ސުވާލު ކުޅައީ މެވެ. އަދި ބަޔާންވެގެންދިޔައީ އެއީ ބަނގުރާ ބޮއެ އުޅުނު މީހެއްކަމެވެ."
ފަހެ عبد العزيز بن أبي روَّاد ވިދާޅުވެ އެވެ. "ތިޔަބައިމީހުން ފާފަތަކުގެ މައްޗަށް ބިރުވެތިވުން ހުއްޓެވެ. ހަމަކަށަވަރުން ނުބައިވެގެންވާ ނިމުމެއްގެ ތެރެއަށް ވެއްޓުމުގެ ސަބަބަކީ އެއީ އެވެ."
ޖުމްލަގޮތެއްގައި ބުނެވެނީ، އިންސާނާގެ ނިމުން ބިނާވެފައިވަނީ އޭނާ އިސްވެކޮށްފައިވާ ކަންތައްތަކުގެ މައްޗަށެވެ. އަދި މިއެންމެހައި ކަންތައްތަކެއް ވަނީ ފޮތުގައި އިސްވެބަޔާންވެ ލިޔުއްވިފަ އެވެ. ފަހެ، މިގޮތުން އުއްމަތުގެ ސަލަފުން ނުބައިވެގެންވާ ނިމުމެއްގެ މައްޗަށް ނުހަނު ބިރުވެތިވެވަޑައިގެންނެވި އެވެ."
***
ފަތުވާ ނަގާފައިވަނީ : جامع العلوم والحكم ص57
އަޚާ އެވެ! ޙަޔާތުގައި މީސްތަކުންނަށް ވަންހަނާކޮށް ކުރަމުންދާ ކަންތައްތަކުގެ މައްޗަށް ވިސްނާލުން ހުއްޓެވެ. ތިޔަ ކަންތައްތައް ﷲ ފަޟީޙަތް ކުރެއްވުމަކީ އެ އިލާހުއަށް ނުހަނު ލުއި ފަސޭހަ ކަމެއްގެ ގޮތުގައިވެ އެވެ. ތިބާގެ މަރުމަތީގައި އެފަދަ މުޑުދާރު ނަޖިސް ވާހަތައް ދައްކައި އަމިއްލަ ނަފްސު ފަޟީޙަތްވުމަށް އެދެނީ ހެއްޔެވެ؟ އަޚާ އެވެ. ﷲ އަށްޓަކައި އަހަރެމެންގެ ދިރިއުޅުމުގައި މީސްތަކުންނަށް ފެންނަ ކަންތައްތަކާއި އަދި ވަންހަނާވެފައިވާ ޢަމަލުތައް އެއީ ﷲ ލޯބިވެވޮޑިގަންނަވާނެ ޢަމަލުތަކެއް ކަމުގައި ހެދުން ހުއްޓެވެ. ނުބައިވެގެންވާ ނިމުމެއް ލިބުމަށްވުރެ ނުބައިކަން ބޮޑުވެގެންވާ އެހެން ކަމެއްް އޭގެ ފަހުގައި ވޭ ހެއްޔެވެ؟ ޙަޤީޤީ ޙަޔާތަކީ ދުނިޔެ ދޫކޮށްދިއުމަށްފަހުގައި އޮތް ޙަޔާތެވެ. މިއީ އިމްތިޙާނުގެ ގޮވައްޗެވެ. އިމްތިޙާނުގެ ގޮވަތިން ނިމުގެން ދިއުން އޮތީ އޭނާ އޭގެ ކުރިން ކޮށްފައިވާ ޢަމަލުތަކުން ނުކުތް ނަތީއްޖާއެއްގެ މައްޗަށް ބިނާވެގެންނެވެ. اللهم يا كريم يارحيم يا لطيف يا غفور نسألك حسن الخاتمة