ފިރިމީހާ އަނބިމީހާ ގާތުގައި ހުންނައިރު، އަނބިމީހާ ސުންނަތްރޯދަ ހިފުން - العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ފިރިމީހާ އަނބިމީހާ ގާތުގައި ހުންނައިރު، އަނބިމީހާ ސުންނަތްރޯދަ ހިފުން
ފިރިމީހާ އަނބިމިހާ ގާތުގައި ޙާޟިރުވެ ހުންނަ ހިނދުގައި، ފިރިމީހާގެ ހުއްދަ ނުހޯދައި އަނބިމީހާ ސުންނަތް ރޯދަ ހިފުން ހުއްދައެއް ނުވާނެ އެވެ. أبوهريرة رضي الله عنه އަރިހުން البخاري އަދި مسلم މިކަމަށް ޙަދީޘް ރިވާކޮށްފައި ވުމުންނެވެ. (لا يحل لإمرأة أن تصوم و زوجها شاهد إلا بإذنه) "ފިރިމީހާ އަނބިމީހާގެ ގާތުގައި ޙާޟިރުވެ ދެމިހުންނަ ހިނދެއްގައި، ފިރިމީހާގެ އިޛުނަ ނުހޯދައި އަނބިމީހާ ސުންނަތް ރޯދަ ހިފުން ޙަލާލެއް ނުވާނެ އެވެ." أحمد އަދި أبوداود ރިވާކޮށްފައިވާ ބައެއް ރިވާޔަތްތަކުގައިވެ އެވެ. (إلا رمضان) "ރަމަޟާން މަސް ފިޔަވަ އެވެ." އެހެނަސް ފިރިމީހާ، އަނބިމީހާއަށް ސުންނަތް ރޯދަ ހިފުމަށް ހުއްދަ ދީފައިވުމުން ނުވަތަ އަނބިމީހާ ގާތުގައި ޙާޟިރުވެ ނޫޅޭނަމަ ނުވަތަ ފިރިޔަކު ނުހުންނަ ހިނދުގައި، ފަހެ، އެހިނދުގައި ސުންނަތް ރޯދަ ހިފުން މުސްތަޙައްބުވެގެންވެ އެވެ. ޚާއްޞަކޮށް ސުންނަތް ރޯދަ ހިފުމަށް މުސްތަޙައްބުވެގެންވާ ދުވަސްތަކުގަ އެވެ. މިޘާލަކަށް ހޯމަ ދުވަހާއި، ބުރާސްފަތި ދުވަހާއި، ކޮންމެ މަހެއްގެ ތިން ދުވަސް ރޯދަ ހިފުމާއި، ޝައްވާލުމަހުގެ ހަ ރޯދަ ހިފުމާއި، ޛުލްޙިއްޖާ މަހުގެ ދިހަ ރޯދަ ހިފުމާއި، ޢަރަފާތް ދުވަހުގައި ރޯދައަށް ހުރުމާއި އަދި ޢާޝޫރާ ދުވަހާއި އެދުވަހުގެ ކުރިއަށް އެއް ދުވަސް ނުވަތަ ފަހަތަށް އެއްދުވަސް ރޯދައަށް ހުރުމެވެ. އެއީ ރަމަޟާން މަހުގެ ރޯދަތައް ޤަޟާކުރުމަށް ނެތް ކަމުގައިވާ ހިނދުގަ އެވެ. ސަބަބަކީ ޤަޟާކުރުމަށް ރޯދަތައް ހުއްޓާ، އެ ރޯދަތައް ޤަޟާނުކޮށް ސުންނަތް ރޯދައަށް ހުރުމަކީ އެދެވިގެންވާ ގޮތެއް ނޫނެވެ.
❆❆❆
ފަތުވާ ނަގާފައިވަނީ : تنبيهات على أحكام تختص بالمؤمنات ص 66