މިތަނުގައި ބަޔާންކޮށްފައިވަނީ الشيخ الصالح الفوزان ފިތުރު ޒަކާތާއި މެދުގައި ބަޔާންކޮށް ލިޔުއްވާފައިވާ ބަސްފުޅެވެ. - الإمام العلامة الشيخ صالح الفوزان حفظه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الإمام العلامة الشيخ صالح الفوزان حفظه الله
ފިތުރު ޒަކާތް
ރަމަޟާން މަސް ނިމުމާއިއެކު ނެރޭ ފިޠުރު ޒަކާތަށް މިނަން ދެވުނީ އޭގެ ސަބަބަށް ނިސްބަތް ކޮށެވެ. އެހެނީ އޭގެ ސަބަބަކީ ރޯދަ ދޫކުރުން ކަމުގައި ވާތީއެވެ.
ފިޠުރު ޒަކާތަކީ ވާޖިބެއްކަން ކީރިތި ޤުރުއާނާއި ސުންނަތުން އަދި އުއްމަތުގެ އިޖްމާޢުން ދަލީލު ކޮށްދެއެވެ.
ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ: قَدْ أَفْلَحَ مَنْ زَكَّاهَا "ހަމަކަށަވަރުން އެމީހެއްގެ ނަފްސު ޠާހިރު ކޮށްފިމީހަކު ކާމިޔާބު ވެއްޖެއެވެ."
މި އާޔަތުގައި ވާރިދުވެފައިވާ ޠާހިރުކުރުން (التزكّي) އެއީ ފިތުރު ޒަކާތް ނެރުން ކަމުގައި ބައެއް ސަލަފުން މާނަ ކުރައްވާފައިވެއެވެ. އަދި ﷲ سبحانه وتعالى ގެ ވަޙީ ބަސްފުޅު وَآتُوا الزَّكَاةَ "އަދި ތިޔަބައިމީހުން ޒަކާތްދޭށެވެ." މިއާޔަތުގެ ޢާއްމު މާނައިގެ ތެރެއަށް (ފިޠުރު ޒަކާތް) ވަދެއެވެ.
الصحيحين އަދި އެނޫންވެސް ފޮތްތަކުގައި ވާރިދު ވެފައިވެއެވެ. (فرَض رسولُ اللهِ صلّى الله عليه وسلم زكاةَ الفطرِ صاعاً من تَمرٍ أو من شعيرٍ، على العبدِ والحرِّ، والذّكرِ والأُنثى، والصغيرِ والكبير، من المسلمين) "މުސްލިމުންގެ ތެރެއިންވާ އެންމެހާ އަޅުންނާއި މިނިވަނުން އަދި ފިރިހެނުންނާއި އަންހެނުން އަދި ކުދި ބޮޑު އެންމެން، އެއިން ކޮންމެ މީހެއްގެ މަތިން ފިޠުރު ޒަކާތުގެ ގޮތުގައި ކަދުރު ނުވަތަ ޝައީރުން ޞާޢެއްގެ މިންވަރު ނެރުން ރަސޫލު ﷲ صلى الله عليه وسلم ފަރުޟު ކުރެއްވިއެވެ."
އަދިި ހަމައެއާއެކު ފިޠުރު ޒަކާތް ނެރުމަކީ ވާޖިބެއް ކަމުގައި މުސްލިމުން އިޖުމާޢުވެފައިވާކަން ގިނަ ޢިލްމުވެރިންތަކެއް ބަޔާން ކުރައްވާފައިވެއެވެ.
ފިޠުރު ޒަކާތް ޝަރުޢު ވުމުގެ ޙިކްމަތް:
އެއީ ހަމަކަށަވަރުން ފިޠުރު ޒަކާތަކީ ރޯދަ ވެރިޔާއަށް އޭނާ ރޯދައަށް ހުރުމުގައި ދެއްކިފައިވާ ބޭކާރު ވާހަކަތަކާއި ފާޙިޝްކަންތަކުން ޠާހިރު ކޮށްދޭ ކަމެކެވެ. އަދި އެއީ މިސްކީނުންނަށް ހުރި ކާބޯ އެއްޗެކެވެ. ހަމަ މިއާއެކު އެއީީ ރަމަޟާން މަހުގެ ފަރުޟު ރޯދަ ފުރިހަމަ ކުރެވުމުން ﷲ އަށް ޝުކުރު އަދާކުރުމުގެ ގޮތުން އަދާ ކުރެވޭ އަޅުކަމެކެވެ.
ފިޠުރު ޒަކާތް ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެ އެވެ. އެއީ އެންމެހާ މުސްލިމް ފިރިހެނުންނާއި އަންހެނުން ކުޑަކުދިންނާއި ބޮޑެތި މީހުން އަދި އަޅުންނާއި މިނިވަނުންގެ މައްޗަށެވެ. މިކަން ދެންމެ ބަޔާން ކުރެވުނު ابن عمر ގެ ޙަދީޘުން ބަޔާންވެގެންދެއެވެ. މިތަނުގައި ފަރްޟު ކުރެއްވުމުގެ މާނައަކީ އެކަމަކީ ލާޒިމް އަދި ވާޖިބު ކަމެއް ކަމުގައި ހެއްދެވުމެވެ.
ހަމަ މި ހަދީޡްގައި ފިޠުރު ޒަކާތުގެ ގޮތުގައި ކޮންމެ ޝަޚުސެއްގެ މަތިން ނެރެވޭ މިންވަރާއި ނެރެވޭނެ ބާވަތްތައް ބަޔާން ކުރައްވާފައިވެއެވެ.
ފިޠުުރު ޒަކާތުގެ ގޮތުގައި ކޮންމެ ބޮލެއްގެ މައްޗަށް ނެރުން ވަނީ ޞާޢެއްގެ މިންވަރެވެ. ޞާޢެއްގެ މިންވަރަކީ ހަތަރު މުއްދެވެ. އަދި ފިޠުރު ޒަކާތް ނެރުން އޮތީ އެ ޤައުމެއްގައި އާއްމުގޮތެއްގައި ކައިބޮއި އުޅޭ ބާވަތްތަކުންނެވެ. އެއީ ބުއްރު (ގޮދަން) ނުވަތަ ޝައީރު (ހިމަކޮށް ހުންނަ ގޮދަނުގެ ބާވަތެއް) ނުވަތަ ކަދުރު ނުވަތަ ހިކިމޭބިސްކަދުރު ނުވަތަ އަޤިޠު (ޗީސް/ ހަރުކޮށް ހިކިކުރެވިފައިވާ ކިރު) ކަމުގައި ވިޔަސް މެއެވެ. އަދި މިބާވަތްތައް ނޫނަސް އެޤައުމެއްގެ މީސްތަކުން ކައިބޮއި ހަދާ ތަކެތީގެ ގޮތުގައި އާދަވެ ޢާއްމު ގިނަ ޙާލަތުގައި ބޭނުންކުރާ ތަކެތިން، މިސާލަކަށް ހަނޑުލާއި ޒުވާރިން ޒަކާތް ނެރެވިދާނެ އެވެ. ވީމާ ޒަކާތް ނެރުން އޮތީ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ އަހުލުވެރިން ކޮށްތެއްގެ ގޮތުގައި ކައިބޮއި އުޅޭ ތަކެތިންނެވެ.
މީގެ އިތުރުން ބަޔާން ކުރެވުނު ޙަދީޡްގައި ފިޠުރު ޒަކާތް ނެރުމުގެ ވަގުތު ރަސޫލާ صلى الله عليه وسلم ބަޔާން ކުރައްވާފައިވެއެވެ. އެހެނީ، އެޒަކާތް ޢީދު ނަމާދުގެ ކުރިން އެޒަކާތް އަދާކުރުމަށް އަމުރު ކުރައްވާފައިވެއެވެ. ފިޠުރު ޒަކާތް ނެރުން އެންމެ ހެޔޮ ވެގެންވާ ވަގުތު ފެށިގެން ދަނީ ޢީދު ވިލެރޭ އިރު އޮއްސުމާ އެކުގައެވެ. އެހެނަސް ޢީދު ދުވަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ފިޠުރު ޒަކާތް ނެރުން ހުއްދަ ވެގެންވެއެވެ. ފަހެ ހަމަކަށަވަރުން ޢީދު ދުވަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ޞަޙާބީން ޒަކާތް ދެއްވާ އުޅުއްވިކަމަށް الإمام البخاري رحمه الله ރިވާކުރައްވާފައިވެއެވެ. ފަހެ އެއީ އެ ޞަޙާބީންގެ ފަރާތުން މިކަމުގެ މައްޗަށްވާ އިޖުމާޢުއެކެވެ.
ފިޠުރު ޒަކާތް އެންމެ ހެޔޮ ވެގެންވަނީ ޢީދު ދުވަހު ޢީދު ނަމާދުގެ ކުރިން ނެރުމެވެ. އެހެނަސް އެ ވަގުތު އޭނާއަށް ފާއިތުވެ، ފިޠުރު ޒަކާތް ނެރުން ޢީދު ނަމާދަށް ވުރެ ލަސްކޮށްފިކަމުގައިވާނަމަ، އެ ޒަކާތް ޤަޟާކުރުމުގެ ގޮތުގައި ނެރުން އޭނާގެ މައްޗަށް ވާޖިބުވެގެންވެއެވެ. މިކަން ابن عباس ރިވާކުރެއްވި ހަދީޘުން ދޭހަވެގެން ދެއެވެ. (مَن أدّاها قبلَ الصلاةِ، فهي زكاةٌ مقبولةٌ، ومَن أدّاها بعدَ الصلاة، فهي صدقةٌ من الصَّدقاتِ) "ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް އަދާކޮށްފި މީހާ ފަހެ އެއީ ޤަބޫލް ވެވިގެންވާ ޒަކާތެކެވެ. އަދި ޢީދު ނަމާދަށް ވުރެ ފަހުން އެއަދާކޮށްފި މީހާ ފަހެ އެއީ ޞަދަޤާތްތަކުގެ ތެރެއިން ވާ ޞަދަޤާތެކެވެ.
އަދި ކަނޑައެޅިފައިވާ ވަގުތަށްވުރެ ޒަކާތް ނެރުން ލަސްކުރުމުގެ ސަބަބުންނާއި، ރަސޫލު ﷲ صلى الله عليه وسلم ގެ އަމުރު ފުޅާއި ޚިލާފްވުމުގެ ސަބަބުން އޭނާ ފާފަވެރިވާނެއެވެ.
މުސްލިމް މީހާ އޭނާގެ އަމިއްލަ ނަފްސާއި އޭނާގެ ބެލުމުގެ ދަށުގައިވާ ޚަރަދުކުރާ އަނބީންނާއި އަދި ގާތްތިމާގެ މީހުންގެ މަތީން ޒަކާތްނެރުން ހުއްޓެވެ. މިކަން ރަސޫލު ﷲ صلى الله عليه وسلم ގެ ހަދީޡް ފުޅުން ދޭހަވެ އެވެ. (أدُّوا الفطرةَ عمَّن تمونون) "ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ މީސްތަކުންގެ މައްޗަށް ތިޔަބައިމީހުން ފިޠރު ޒަކާތް އަދާ ކުރުން ހުއްޓެވެ."
އަދި މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިފުޅުގެ މައްޗަށް ފިޠުރު ޒަކާތް ނެރުން މުސްތަޙައްބު ވެގެންވެ އެވެ. މި ކަމަށް ދަލީލު ކޮށްދެނީ عثمان رضي الله عنه ގެ ޢަމަލުފުޅެވެ.
މީހެއްގެ ބެލުމުގެ ދަށުގައިވާ މީހަކު އޭނާއަށް ހޭދަކުރާ ފަރާތުގެ އިޒުނައާ ނުލާ އަމިއްލަ ނަފްސަށް ޒަކާތް ނެރުނު ކަމުގައި ވިޔަސް އެ ޒަކާތަކީ ފިޠުރު ޒަކާތުގެ ގޮތުގައި ފުދިގެންވާ ޒަކާތެކެވެ. އެއީ ފިޠުރު ޒަކާތް އަސްލުގައި ވާޖިބުވެގެންވަނީ އޭނާގެ މައްޗަށް ކަމުގައި ވާތީއެވެ. އަދި ބެލުމުގެ ދަށުގައި ނެތް ޚަރަދުކުރުން ލާޒިމު ނުވާ މީހެއްގެ މައްޗަށް އޭނާގެ އިޒުނައާ ލައިގެން ޒަކާތް ނެރެފިނަމަ އެއީ ފިޠުރު ޒަކާތުގެ ގޮތުގައި ފުދޭނެއެވެ. އަދި އޭނާގެ އިޒުނައަކާއި ނުލާ ނެރޭ ކަމުގައި ވާނަމަ މި ޒަކާތް ފިޠުރު ޒަކާތެއްގެ ގޮތުގައި ފުދިގެން ނުވެ އެވެ
.
އެހެން މީހެއްގެ މައްޗަށް ފިޠުރު ޒަކާތް ނެރުން ވާޖިބު ވެގެންވާ މީހާ އޭނާގެ އަމިއްލަ ފިޠުރު ޒަކާތާއި އަދި އަނެކާގެ ފިޠުރު ޒަކާތް ނެރުން އޮތީ އޭނާ (އެޒަކާތް ނެރޭމީހާ) ދިރިއުޅޭ ތަނެއްގަ އެވެ. އެއީ އެމީހެއްގެ ފަރާތުން ޒަކާތް ނެރެދެވޭ ފަރާތް އެހެން ތަނެއްގައި ވީ ކަމުގައި ވިޔަސް އެވެ.
އަދި މިތަނުގައި ފިޠުރު ޒަކާތުގެ ބާވަތްތަކާއި މެދު ابن القيم ދައްކަވާފައިވާ ވާހަކަ ކޮޅެއް ނަގުލު ކުރުމަށް އަހަރެން ލޯބިކުރަމެވެ. ޙަދީޡްގައި ވާރިދު ވެފައިވާ ފަސް ބާވަތް ޛިކުރު ކުރެއްވުމަށްފަހު ابن القيم رحمه الله ވިދާޅުވެފައިވެއެވެ. ''މި ތަކެއްޗަކީ އެބައިމީހުންގެ ޢާއްމުކޮއްތުގެ ގޮތުގައި އޭރު މަދީނާގައި ކައިބޮއި އުޅުނު ތަކެއްޗެވެ. ނަމަވެސް އެ ޤައުމެއްގެ ނުވަތަ އެ ތަނެއްގެ ކާބޯތަކެއްޗަކީ މި ނޫން ތަކެތި ކަމުގައިވާނަމަ ފަހެ އެބައިމީހުންގެ މައްޗަށް އޮތީ އެބައިމީހުންގެ ކާބޯތަކެތިން ޞާޢެއްގެ މިންވަރު ނެރުމެވެ."
އެބައިމީހުންގެ ކާބޯތަކެއްޗަކީ ދަނޑުގޮވާމުގެ ބާވަތްތަކަކަށް ނުވެފައި، އަދި އޭގެ ބަދަލުގައި ކިރާއި، އެއްގަމު މަހާއި ކަނޑު މަސް ފަދަ ތަކެތި ކަމުގައިވާނަމަ، އަދި މިނޫން ކޮންމެ އެއްޗެއް ކަމުގައި ވީ ނަމަވެސް، ފަހެ އެ ތަކެތިން ޒަކާތް ނެރުން ހުއްޓެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. އަދި އެއީ މިކަމުގައި މިބަސް ފިޔަވައި އިތުރު އެއްޗެއް ނުބުނެވޭނެ ސީދާ ޙައްޤު ބަހެވެ. އެހެނީ ފިޠުރު ޒަކާތުގެ މަޤްސަދަކީ ޢީދު ދުވަހު މިސްކީނުންގެ ޙާޖަތްތައް ފުއްދާ ދިނުމެވެ. އަދި އެރަށެއްގެ އަހުލުވެރިންގެ ކާބޯތަކެތިން އެ މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ބަހަށް ބުރަވާނަމަ ޙަދީޘްގައި ޛިކުރުކުރެވިފައި ނުވި ނަމަވެސް ދަޤީޤު (ހިމުންކޮށް ހުންނަ ފުށް) ފިޠުރު ޒަކާތުގެ ގޮތުގައި ނެރުނުކަމުގައި ވިޔަސް އެއީ ފުދިގެންވާ ފިޠުރުޒަކާތެކެވެ. ދެންފަހެ، ބަނަހާއިި ކައްކާފައިވާ ކާބޯތަކެއްޗަކީ ޚަރަދު ކުޑަ ހަދާލަން ފަސޭހަ ތަކެއްޗަށް ވުމުން އެތަކެތިން ޒަކާތް ނެރުމަކީ މިސްކީނުންނަށް ފައިދާހުރި ތަކެތި ކަމުގައިވިޔަސް، ފަހެ އެބައިމީހުނަށް އެންމެ ފައިދާ ބޮޑުވެގެންދަނީ ގޮވާމުގެ ބާވަތްތަކުން ޒަކާތް ނެރުމުންނެވެ. އެއީ ގޮވާމަކީ ހަލާކުނުވެ ގިނަ ދުވަހަށް ހުންނަ ތަކެތި ކަމުގައި ވާތީއެވެ.
شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެއެވެ، "ފިޠުރު ޒަކާތް ނެެރެވޭނީ އެ ޤައުމެއްގެ ކާބޯތެކެތިންނެވެ. މިސާލަކަށް ހަނޑުލާއި މިނޫންވެސް ތަކެތިންނެވެ. އެއީ ޙަދީޡްގައި ޛިކުރު ވެގެންވާ ބާވަތްތަކުން ޒަކާތް ނެރުމަށް ކުޅަދާނަ ވިޔަސްމެ އެވެ. މިއީ الإمام أحمد ގެ ފަރާތުން އައިސްފައިވާ އެއް ރިވާޔަތެވެ. އަދި ގިނަ ޢިލްމުވެރިންގެ ބަސްފުޅެވެ. އެހެނީ އަސްލުގައި ޞަދަޤާތް ވާޖިބުވަނީ ފަޤީރުންނަށް އެހީވެ އެބައިމީހުންނަށް އޯގާތެރިވެ ހިތްހެޔޮކޮށް ހިތުމުގެ މައްޗަށެވެ."
އެހެން ނަމަވެސް ފިޠުރު ޒަކާތް ކާބޯތަކެތީން ނެރުމުގެ ބަދަލުގައި އޭގެ އަގު ފައިސާއިން (މިސާލަކަށް ދިރުހަމުން) ނެރުމަކީ ރަސޫލު ﷲ صلى الله عليه وسلم ގެ ސުންނަތާއި ޚިލާފްވެގެންވާ ޢަމަލެކެވެ. އަދި ފިޠުރު ޒަކާތެއްގެ ގޮތުގައި މި ޒަކާތް ނުފުދޭނެ އެވެ. އެހެނީ މި ކަމަކީ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އަދި ޞަޙާބީންގެ ތެރެއިން އެއްވެސް ބޭކަލެއްގެ ފަރާތުން ނަޤުލުކުރެވިގެންވާ ކަމެއް ނޫނެވެ.
الإمام أحمد رحمه الله (لا يُعطى القيمة) "ފިތިރު ޒަކާތުގެ ގޮތުގައި (ކާބޯތަކެތީގެ) އަގެއް ނުދެވޭނެ އެވެ. "الإمام أحمد އަރިހުގައި ދެންނެވުނެވެ. ބަޔަކު ބުނަމުން ދެއެވެ. ހަމަކަށަވަރުން عمر بن عبد العزيز ފިޠުރު ޒަކާތުގެ ގޮތުގައި ފައިސާ ނެންގެވިއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅު ދޫކޮށްލުމަށްފަހު މިވެނި މީހަކު ވިދާޅުވިއޭ އެބައިމީހުން ބުނަނީ ހެއްޔެވެ؟! ހަމަ ކަށަވަރުން ابن عمر ވިދާޅުވެފައިވެއެވެ. (فرَض رسولُ اللهِ صلّى الله عليه وسلم زكاةَ الفطرِ صاعاً...) "ރަސޫލާ صلى الله عليه وسلم ފިތުރު ޒަކާތް ކާބޯތަކެތީން ޞާޢު އެއްގެ މިންވަރުން ފަރުޟު ކުރެއްވި އެވެ." މި ޙަދީޘް ޛިކުރު ކުރެއްވާ އެބަސްތަކަށް ޖަވާބު ދެއްވި އެވެ.
ފިޠުރު ޒަކާތް ނެރުމަށް ކަނޑައެޅިފައިވާ ވަގުތުގައި އޭގެ ޙައްގުވެރިޔާއަށް އެ ޒަކާތް ކޮންމެހެންވެސް ފޯރަން ޖެހޭނެ އެވެ. ނުވަތަ އޭނާގެ ފަރާތުން އެ ޒަކާތާ ޙަވާލުވެ ހިފުމަށް ނާއިބެއްގެ ގޮތުގައި ކަނޑައަޅާފައިވާ ވަކީލަކަށްވެސް އެ ޒަކާތް ފޯރަންޖެހޭނެ އެވެ. ފަހެ ޒަކާތް ނެރެ އެ ފޯރުކޮށްދޭން އުޅޭ ފަރާތަށް، ކަނޑައެޅިފައިވާ ވަގުތުގައ އެޒަކާތް ލިބެންޖެހޭ ފަރާތް ނުފެނިއްޖެނަމަ ނުވަތަ އޭނާގެ ފަރާތުން ޒަކާތް ނަގާނެ ވަކީލަކު ނުފެނިއްޖެ ހިިނދެއްގައި އެ ޒަކާތް އެހެން މީހަކަށް ދިނުން ވާޖިބެވެގެންވެ އެވެ.
މި ކަމުގައި ބައެއް މީސްތަކުން ކުށް ކުރަމުން އެބަ ގެންދެ އެވެ. އެއީ ޒަކާތް ޙަވާލު ކުރުމުގައި އެ ޒަކާތުގެ ޙައްގުވެރިޔާ ވަކީލު ނުކުރާ ފަރާތަކާ ޒަކާތް ޙަވާލު ކުރުމެވެ. މިއީ ޞައްޙަ ވެގެންވާ ފިޠުރު ޒަކާތެއް ނެރުނީ ކަމުގައި ނުބެލެވޭނެ އެވެ. އެހެންކަމުން މި ކަމަށް ސަމާލުވުން ހުއްޓެވެ.
****
ފަތުވާ ނަގާފައިވަނީ : الملخض الفقهي باب في زكاة الفطر