ޙަޔާތުގައި އަބަދުގެ އަބަދަށް ބޭސް ކާން ޖެހިފައިވާ މީހާގެ ރޯދަ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله
ސުވާލު: އަހަރެންނަށް ދިމާވެފައިވާ ބަލީގެ ސަބަބުން ޢުމުރުން ބާކީ އޮތް ބައިގައި އަބަދުގެ އަބަދަށް ބޭސް ކާން މަޖްބޫރުވެފައިވެ އެވެ. އަދި ޑޮކްޓަރުން ބުނެފައިވާ ފަދައިން މެދުކެނޑުމެއްނެތި ފެން ބުއިމަކީވެސް ބަލީގެ ބޭސްފަރުވާގެ ތެރެއިން ހިމެނިފައިވާ ކަމެކެވެ. ރަމަޟާންމަހުގެ ރޯދަހިފުމަށް އަހަރެން މިވަނީ ވަރަށްބޮޑަށް ބޭނުންވެ ޝައުޤުވެރިވެފަ އެވެ. އަހަރެން މަތިވެރިވެގެންވާ ރަމަޟާންމަހުގެ ޘަވާބައި ދަރުމަ، އަޖުރު ހޯދުމަށް ނުހަނު ބޭނުންވެ އެވެ. އަހަރެން ޢަމަލުކުރަންވީ ކޮންފަދައަކުންތޯ އެވެ؟ މިކަމަށް ޝެއިޚް އަހަރެންނަށް ނަޞޭޙަތެއް ދިނުމަށް އެދެމެވެ. بارك الله فيكم.
ޖަވާބު: ދާއިމީގޮތަށް ތިބާއަށް ބޭސްފަރުވާކުރަންޖެހި، އެ ބޭސްފަރުވާކުރުން ހުއްޓާލެވޭކަށް ތިބާއަށް ކުޅަދާނަނުވާ ހިނދުގައި، ފަހެ، އެ ޙާލަތުގައި ތިބާ ރަމަޟާންމަހު ރޯދަ ދޫކުރުން ހުއްދަވާނެ އެވެ. ތިބާއަށް ދިމާވެފައިވާ ޙާލަތުގެ އަހުލުވެރިންނަށް އޮތީ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދިނުމެވެ. މިއީ ބަލިން ޝިފާލިބުމުގެ އުއްމީދު ކެނޑިފައިވާ މީހާއަށް، އޭނާ ޢަމަލުކުރަންޖެހޭގޮތް ކަމުގައި ޢިލްމުވެ އަހުލުވެރިން ވިދާޅުވެފައިވާ ގޮތެވެ. އެގޮތުން، އެފަދަ ޙާލުގައިވާ މީހާ އަކީ އުމުރުން ދޮށިވެ ރޯދަ ހިފުމަށް ކުޅަދާނަކަން ލިބިގެން ނުވާ މީހާގެ ޙާލަތަށް އައިސްފައިވާ މީހެއް ކަމުގައި ވިދާޅުވެފައިވެ އެވެ.
ފަހެ، އޭނާއަށް ވާޖިބުވެގެންވަނީ ފިދުޔަ ދިނުމެވެ. އެއީ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ. ފަހެ، މިޙާލުގައި އެމީހާ އަކީ ރަމަޟާންމަހުގެ ރޯދަ ހިފި މީހެއް ފަދައިން ވާނެ އެވެ. އަދި ތިބާއަށް ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ހާސިލްކުރުމަށްޓަކައި، ޞާލިޙް އެހެނިހެން ޢަމަލުތަކުގައި ޤާއިމްވެ ދެމިހުރުން ހުއްޓެވެ. އެއީ މިޘާލަކަށް ޞަދަގާތް ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޛިކުރު ކުރުމާއި އަދި ނަމާދުކުރުން ފަދަ ޢަމަލުތަކާއި އެނޫންވެސް އެފަދަ ޢަމަލުތަކުގައި ޤާއިމްވެ ހުރުމެވެ.
****
ފަތުވާ ނަގާފައިވަނީ : https://goo.gl/Y2e070