ރަމަޟާން މަހުގައި އަނބިމީހާއާއި ޖިމާޢުވެއްޖެ މީހާގެ ޙުކުމް - الإمام ابِنْ العُثَيْمِيْن رَحِمَه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله
ސުވާލު: ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުގައި އަނބިމީހާއާ ޖިމާޢުވެއްޖެ މީހާއަށް އޮތް ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުގައި އަނބިމީހާއާ ޖިމާޢުވުމަކީ، ރޯދަވެރިޔާގެ ރޯދަ ގެއްލޭ ކަންތައްތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ފަހެ، އޭނާއަކީ ދަތުރުވެރިއެއްގެ ގޮތުގައިވެއްޖެ ހިނދުގައި، ރަމަޟާންމަހުގެ ދުވާލުގެ ވަޤުތުގައި ޖިމާޢުވުން މައްސަލައެއްނެތެވެ. އެއީ އޭނާ އެދަތުރުގައި ރޯދަވެރިއެއްގެ ގޮތުގައި ނުވަތަ ރޯދަ ދޫކޮށްލާފައިވާ މީހެއްގެ ގޮތުގައިވިޔަސް އެވެ. އެހެނަސް އޭނާ ރޯދައަށްހުރެ ޖިމާޢުވެއްޖެ ހިނދުގައި، އެދުވަހުގެ ރޯދަ އަލުން ޤަޟާކުރުން ވާޖިބުވެގެންވާނެ އެވެ.
އަދި އެގޮތުން، އޭނާއަކީ ރަމަޟާންމަހުގެ ރޯދަ ހިފުން ލާޒިމްވެގެންވާ މީހެއްގެ ގޮތުގައިވެ، އެހެނަސް ހަނދާންނެތިވެގެން ނުވަތަ އެ ޙުކުމުގެ މައްޗަށް ޖާހިލުކަމުގައިހުރެ އެކަން ކުރުމުންވެސް އޭނާއަށް އެއްވެސް ޙުކުމެއްނުވެ އެވެ. ސަބަބަކީ ރޯދަގެއްލޭ އެންމެހައި ކަންތައްތަކަކީ، އެއިންކަމެއް އެމީހަކު ހަނދާންނެތިގެން ކުރެވުނު ކަމެއްގެގޮތައިވާނަމަ، ފަހެ އޭނާގެ ރޯދަ ޞައްޙަވާނެ އެވެ.
ރަމަޟާންމަހުގެ ދުވާލުގެ ވަޤުތުގައި ހަނދާންހުރެ އަދި އެނގިހުރެ ޖިމާޢުވެއްޖެ މީހާގެ މައްޗަށް 5 ކަމެއްވެ އެވެ. އެކަމުގެ ސަބަބުން އޭނާ ފާފަވެރިވާނެ އެވެ. އެދުވަހުގެ ރޯދަ ފަސާދަވުމެވެ. އަދި އެދުވަހުގެ ބާކީއޮތް ބައިގައި ރޯދައަށް ހުރުމެވެ. އެ ރޯދަ ޤަޟާކުރުމާއި އަދި ކައްފާރާ ދިނުމެވެ.
ކައްފާރާއަކީ، އަޅަކު މިނިވަންކުރުމެވެ. އަޅަކު މިނިވަންކުރަން ނުލިބިއްޖެ ހިނދުގައި ވިދިވިދިގެން 2 މަސްދުވަހު ރޯދަ ހިފުމެވެ. ފަހެ، އެކަމަށް ނުކުޅެދިއްޖެ މީހާ 60 މިސްކީނުންނަށް ކާންދިނުމެވެ. އެއީ أبوهريرة رضي الله عنه ގެ އަރިހުން އައިސްފައިވާ ޙަދީޘްގައިވާ ފަދައިންނެވެ. "ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަރިހައަށް ފިރިހެނަކު އައެވެ. އަދި އޭނާ ބުންޏެވެ. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެން ހަލާކުވެއްޖެ އެވެ. ފަހެ އެހިނދުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (ما أهلكك) "ތިބާ ހަލާކުވީ ފަހެ ކޮންކަމަކުންތޯ އެވެ." އޭނާ ބުންޏެވެ. "އަހަރެން ރޯދައަށްހުރެ އަހަރެންގެ އަނބިމީހާއާއި ޖިމާޢުވެއްޖައީމެވެ." ފަހެ، އެހިނދުގައި ނަބިއްޔާ صلى الله عليه وسلم އޭނާއަށްއޮތް ކައްފާރާ ބަޔާންކޮށް އަޅެއްމިނިވަންކުރުމަށް ޙަދީޘް ކުރެއްވި އެވެ. އެހިނދުގައި އޭނާ ބުންޏެވެ. ތިކަން ކުރުމަކަށް ތިމަންނައަށް ކުޅަދާނަކަމެއްނެތެވެ. ފަހެ، އެހިނދުގައި ޙަދީޘް ކުރެއްވި އެވެ. "ތިބާއަށްއޮތީ އެހިނދުގައި ވިދިވިދިގެން 2 މަސްދުވަހު ރޯދަ ހިފުމެވެ." އެހިނދުގައި އޭނާ ބުންޏެވެ. ތިކަމަށް ކުޅަދާނައެއް ނޫނެވެ. އެހިނދު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "ތިބާ 60 މިސްކީނުންނަށް ކާންދޭށެވެ." އޭނާ ބުންޏެވެ. އެކަމަށް އޭނާއަށް ކުޅަދާނައެއް ނޫނެވެ. އެއަށްފަހުގައި އޭނާ އެތަނުގައި އިށީނދެ އިނެވެ. އަދި ނަބިއްޔާ صلى الله عليه وسلم ކަދުރުތަކެއް ހިއްޕަވައިގެން އޭނާގެ ކައިރިއަށް ވަޑައިގެންނެވުމަށްފަހުގައި ޙަދީޘް ކުރެއްވި އެވެ. (خذ هذا فتصدق به) "މީގައި ހިފާށެވެ. އަދި މިއިން މީސްތަކުންނަށް ޞަދަޤާތްކުރާށެވެ." އޭނާ ބުންޏެވެ. ﷲ ގެ ރަސޫލާ އެވެ. އަހަރެންނަށްވުރެ ފަޤީރު މީހަކު ވޭތޯ އެވެ؟ އަހަރެން ﷲ ޤަންދީ ބުނަމެވެ. މި މަދީނާގެ އަހުލުވެރިންގެ ތެރޭގައި އަހަރެންނަށްވުރެ ފަޤީރު މީހަކު ނުހުންނާނެ އެވެ. ފަހެ އެހިނދުގައި ނަބިއްޔާ صلى الله عليه وسلم ގެ ކޮލުގެ ދަތްޕުޅުތައް ފެނިގެންދާ މިންވަރަށް ހިނިފުޅުފުޅުވެޑުވި އެވެ. އަދި ޙަދީޘް ކުރެއްވި އެވެ. (أطعمه أهلك) "ތިބާގެ އަހުލުވެރިންނަށް މިއިން ކާންދޭށެވެ."
***
ފަތުވާ ނަގާފައިވަނީ : مجموع فتاوى ورسائل ج 19 ص 334