ރަމަޟާން މަހުގެ ރޭނގަޑު ޖުނުބުވެރިޙާލުގައި ހުއްޓާ ފަތިސްނަމާދު ވަޤުތުވަނީ - الإمام ابِنْ العُثَيْمِيْن رَحِمَه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله
ސުވާލު: ޖުނުބުވެރި ޙާލުގައި ހުރެ ރަމަޟާންމަހުގެ ރޭގަނޑުގެ ވަގުތުގައި ނިދަންއޮތްމީހާއަށް ހޭލެވުނީ ފަތިސްވަޤުތު ވުމަށްފަހުގަ އެވެ. ފަހެ، އެހިނދުގައި އޭނާ ހޭލައި ހިނައިގަތެވެ. އޭނާގެ އެދުވަހުގެ ރޯދަ ޞައްޙަވާނެތޯ އެވެ؟
ޖަވާބު: އާއެކެވެ. އޭނާގެ އެދުވަހުގެ ރޯދަ ޞައްޙަވާނެ އެވެ. ސަބަބަކީ އެމީހަކު ޖުނުބުވެރި ޙާލަތުގައި ހުރެ ރޯދައަށް ހުރުން އެއީ ހުއްދަވެގެންވާ ކަމެކެވެ. އެއީ އެގޮތަށްހުރެ ފަތިސްވަޤުތާއި ބައްދަލުކުރި ކަމުގައިވިޔަސް އެވެ. އަދި އެއަށްފަހު ފަތިސް ވަޤުތު ވަނުމަށްފަހުގައި އޭނާ ހިނައިގަތް ކަމުގައިވިޔަސް އެވެ. ފަހެ، ހަމަކަށަވަރުން މިކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. ފަހެ، ރަސޫލާ صلى الله عليه وسلم، ރަސޫލާގެ އަނބިކަނބަލުންނާ ޖިމާޢުވެ އެގޮތުގައި ފަތިސްވަޤުތާއި ބައްދަލުކޮށް ރޯދައަށް ހުންނަވަ އެވެ. އެއަށްފަހު ފަތިސްވަޤު ވަނުމަށްފަހު ހިނައިގަނެ ރޯދައަށް ހުންނަވާ އެގޮތުގައި ރޯދަ ފުރިހަމަ ކުރައްވަ އެވެ.
ނަބިއްޔާ صلى الله عليه وسلم ގެ އަމަލުފުޅު މިފަދައިން ވުމުން، މިކަމުގެ ހުއްދަކަމާއި، ޞައްޙަކަމާއި މެދުގައި އެއްވެސް ޝައްކެތް ނެތެވެ. ސަބަބަކީ، ކޮންމެކަމެއްގައިވެސް އަޞްލަކީ، އެކަމެއްގެ އެންމެ ރިވެތިވެގެންވާ މިޘާލެއް، ނަމޫނާއެއް ކަމުގައި އަހަރެމެންނަށް އޮތީ ރަސޫލާ صلى الله عليه وسلم އެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅަކީ ފަހެ މި އުއްމަތުގެ އަހުލުވެރިންނަށް ތަބަޢަވުމަށް އޮތް އެއްޗެއް ކަމުގައިވެ އެވެ. އެއީ އެކަމަކީ ނަބިއްޔާ صلى الله عليه وسلم އަށް ޚާއްޞަ ވެގެންވާ ކަމެއްގެ ގޮތުގައި ދަލީލު އައުމަށް ދާންދެނެވެ. ފަހެ، އެހިނދުގައި އެއީ ނަބިއްޔާ صلى الله عليه وسلم އަށް ޚާއްޞަ ކަމެއްގެ ގޮތުގައިވެ އެވެ.
ފަހެ، ހަމަކަށަވަރުން މިކަމަށް ކީރިތި ޤުރުއާނުގައި އިޝާރާތް ކޮށްފައިވެ އެވެ. (فالآن باشروهن وابتغوا ما كتب الله لكم وكلوا واشربوا حتى يتبين لكم الخيط الأبيض من الخيط الأسود من الفجر ثم أتموا الصيام إلى الليل) "ފަހެ މިހާރު ތިޔަބައިމީހުން އެކަނބަލުންނާ ޖިމާޢުވުން ހުއްދަކުރައްވައިފި އެވެ. އަދި ތިޔބައިމީހުންނަށްޓަކައި އެކަލާނގެ ލައްވާފައިވާ ތަކެތި ހޯދުމަށް ތިޔަބައިމީހުން އުޅޭށެވެ. ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާންދެނެވެ."
ފަހެ، ހަމަކަށަވަރުން އަނބިންނާ އެކުގައި ރޭކުރުން ފަތިސްވަގުތާއި ޖެހެންދެން ހުއްދަ ކުރެވިފައިވުމުން އެއިން ލާޒިމް ކުރެވެނީ އޭނާ ހިނައިގަތުމުގެ ކުރިން ޖުނުިބުވެރި ޙާލަތުގައި ހުރެ ފަތިސްވަގުތު ވަނުމެވެ.
والحمد لله رب العالمين.
****
ފަތުވާ ނަގާފައިވަނީ : مجموع فتاوى ورسائل ج 19 ص 286