5 ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބިވުމުގެ ބައެއް މިސާލުތައް - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބިވުމުގެ ބައެއް މިސާލުތައް

ލިޔެ ތައްޔާރުކުރީ: އަލް-އަޚް ޢަދިއްޔު ބިން މުޙައްމަދު حفظه الله. ކެޓަގަރީ محمد صلى الله عليه وسلم

ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބިވުމުގެ ބައެއް މިސާލުތައް

بسم الله الرّحمن الرّحيم

الحمد لله ربّ العالمين، والصّلاة والسّلام على المبعوث رحمة للعالمين، نبيّنا محمّد وعلى آله وأصحابه أجمعين، أمّا بعد:

 

އަހަރެމެންގެ ނަބިއްޔާ محمّد -صلّى الله عليه وسلّم- ދެކެ އަހަރެމެންގެ ހިތުގައި އޮންނަ ލޯބި އިމްތިޙާންކޮށް، އެއީ ޙަޤީޤަތުގައި ލޯތްބެއްތޯ ނުވަތަ ހަމައެކަނި ހިތުގައި އުފެދޭ ވަގުތީ ޝުޢޫރެއްތޯ، ނުވަތަ އެއީ ހަމައެކަނި ކުރެވޭ ދަޢުވާއެއްތޯ ބަލައި އަމިއްލަ ނަފްސު ހިސާބުކުރީ އަހަރެމެންގެ ތެރެއިން ކިތައް އަޚުންނާއި އުޚްތުން ތޯއެވެ؟


މި ލިޔުމުގައި މިގެނެސްދެނީ ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބިވުމުގައި އަހަރެމެންނަށް ހުރި ނަމޫނާ ތަކެކެވެ. މި މިސާލުތަކުން އަހަރެމެންގެ ހިތްތަކަށް ދިރުން ލިބުމަށްޓަކައެވެ. އަހަރެމެންގެ ހިތުގައިވާ ލޯބި އެއީ ޙަޤީޤީ ލޯތްބަކަށް ވުމަށްޓަކައެވެ. އަހަރެމެންގެ ޢަމަލުތަކުން އަހަރެމެންގެ ދަޢުވާއަކީ ތެދު ދަޢުވާއެއްކަން ސާބިތުވެގެން ދިޔުމަށްޓަކައެވެ. 


ފުރަތަމަ މިސާލު:

 
    އެއްދުވަހަކު ނަބިއްޔާ -صلّى الله عليه وسلّم- ، أبو بكر އާއި عمر އާއި عثمان -رضي الله عنهم- އާއި އެކު އުޙުދު ފަރުބަދައިގެ މައްޗަށް އަރައި ވަޑައިގެންނެވި އެވެ. އެއާއެކު އެ ފަރުބަދަ ގުޑައިގެން ދިޔައެވެ. އެހިނދު ނަބިއްޔާ -صلّى الله عليه وسلّم- ޙަދީޘްކުރެއްވި އެވެ. (( اُثْبُتْ أُحُدُ؛ فَإِنَّمَا عَلَيْكَ نَبِيٌّ وَصِدِّيقٌ وَشَهِيدَانِ )) رواه البخاري މާނައީ: "އޭ އުޙުދެވެ! މައިތިރިވާށެވެ! ތިބާގެ މަތީގައި ވާކަން ކަށަވަރީ ނަބިއްޔަކާއި، ޞިއްދީޤަކާއި، ދެ ޝަހީދުންނެވެ." ނަބިއްޔާ -صلّى الله عليه وسلّم- އެ ފަރުބަދަޔަށް އަރައިވަޑައިގެންނެވުމުން، ފަރުބަދަ ގުޑައިގެން ދިޔައީ އުފަލުންނެވެ. އެހެން ޙަދީޘެއްގައި ނަބިއްޔާ -صلّى الله عليه وسلّم- ޙަދީޘްކުރައްވާފައި ވެއެވެ. (( أُحُدٌ جَبَلٌ يُحِبُّنَا وَنُحِبُّهُ )) رواه البخاري މާނައީ: "އުޙުދު ފަރުބަދަޔަކީ އަހަރެމެން ދެކެ ލޯބިވާ، އަދި އަހަރެމެންވެސް އެ ފަރުބަދައެއް ދެކެ ލޯބިވާ ފަރުބަދަ އެކެވެ." 


    މިއީ ހިލައިގެ ފަރުބަދައެކެވެ. ބޮޑު ބިޔަ ފަރުބަދައެކެވެ. އަކި ކިއެއްތަ! މިހާރު މަދީނާގެ އެންމެ ބޮޑު ފަރުބަދަ އެވެ. މިފަރުބަދަވެސް ނަބިއްޔާ -صلّى الله عليه وسلّم- އެ ފަރުބަދަޔަށް އަރައިވަޑައިގެންނެވުމުން އުފަލުން ގުޑައިގެން ދިޔައެވެ. އަދި ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބިވާ ފަރުބަދައެއްގެ ގޮތުގައި މިފަރުބަދަ ވެއެވެ. އަޚުންނާއި އުޚްތުންނޭވެ! އަހަރެމެންގެ ހިތްތަށް މިފަރުބަދަޔަށްވުރެ ހަރުވީ ހެއްޔެވެ؟ އަހަރެމެންގެ ހިތުގައި ކޮންފަދަ ބޮޑު ލޯތްބެއް މި ނަބިއްޔާ -صلّى الله عليه وسلّم- އަށްޓަކައި އޮންނަންޖެހޭނެ ހެއްޔެވެ؟ ތަކުލީފު ޖެހިގެން ނުވާ ފަރުބަދައެއްގެ ޙަލަކީ މިއީ ކަމުގައިވާނަމަ، އަހަރެމެންގެ ޙާލުވާންޖެހޭނީ ކިހިނަކުން ހެއްޔެވެ؟

 
ދެވަނަ މިސާލު:


މުޝްރިކުންގެ ލަޝްކަރު ބަދުރުގެ ވާދީއަށް ހަނގުރާމައަށް ތައްޔާރުވެގެން އައިސްތިބި ޚަބަރު ލިބިވަޑައިގެންނެވި ހިނދު ނަބިއްޔާ -صلّى الله عليه وسلّم- އަޞްޙާބް ބޭކަލުންނާއި، ހަނގުރާމަކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އެހިނދު، މުހާޖިރުންގެ ތެރެއިން ތިއްބެވި އިސްބޭކަލުންތައް ހަނގުރާމަ ކުރެއްވުމަށް އެރުވުނު މަޝްވަރާއަށް ބާރުދެއްވިއެވެ. އޭގެ ތެރޭގައި أبو بكر އާއި عمر އާއި المقداد بن عمرو -رضي الله عنهم- ހިމެނިވަޑައިގަންނަވަ އެވެ. المقداد -رضي الله عنه- ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. ﷲ ގެ ރަސޫލާއެވެ! ﷲ އިބަ ނަބިއްޔާއަށް އެންގެވި ގޮތަކާއިގެން ކުރިޔަށް ވަޑައިގަންނަވާށެވެ! އަޅުގަނޑުމެން މި ތިއްބެވީ އިބަ ނަބިއްޔާއާ އެކީގައެވެ. ﷲ ގަންދީ ދަންނަވަމެވެ! ބަނޫ އިސްރާއީލުން މޫސާ (عليه السّلام) އަށް ދެންނެވި ފަދައިން "ތިބާއާ ތިބާގެ ވެރި ރައްބު ގޮސް އެމީހުންނާ ހަނގުރާމަކުރާށޭ، އަހަރެމެން ތިބޭނީ މިތަނުގައި އިށީނދެގެންނޭ" އަޅުގަނޑުމެން ނުދަންނަވާނަމެވެ. އެހެނަސް އަޅުގަނޑުމެން ދަންނަވާނީ "ކަލޭގެފާނާއި، ކަލޭގެފާނުގެ ވެރި ރައްބު ވަޑައިގެން އެމީހުންނާ ހަނގުރާމަކުރައްވާށެވެ! އަޅުގަނޑުމެންވެސް ތިޔަ ދެފަރާތާ އެކީ އެމީހުންނާ ހަނގުރާމަ ކުރާނަމެވެ...." އެހެން ރިވާޔަތެއްގައި ވެއެވެ. "މޫސާ (عليه السّلام) ގެ ޤައުމުގެ މީހުން "ތިބާއާ ތިބާގެ ވެރި ރައްބު ގޮސް އެމީހުންނާ ހަނގުރާމަކުރާށޭ" ބުނިފަދައިން އަޅުގަނޑުމެން ނުބުނާނަމެވެ. އެހެނަސް، އިބަ ނަބިއްޔާގެ ކަނާތްފަރާތުންނާއި، ވައަތްފަރާތުންނާއި، ކުރިމަތިންނާއި، ފަހަތުން އަޅުގަނޑުމެން ހަނގުރާމަ ކުރާނަމެވެ." ފަހެ، މި ބަސްފުޅުތައް އަޑު އިވި ވަޑައިގެންނެވި ހިނދު ނަބިއްޔާ -صلّى الله عليه وسلّم- ނުހަނު ބޮޑަށް އުފާފުޅުކުރެއްވި އެވެ.


 އެހެނަސް އަނެއްކާވެސް ޙަދީޘްކުރެއްވި އެވެ. "އޭ މީސްތަކުންނޭވެ! ތިމަން ނަބިއްޔާއަށް މަޝްވަރާ އަރުވާށެވެ!" ނަބިއްޔާ -صلّى الله عليه وسلّم- ގެ މަޤްޞަދަކަށްވީ އަންޞާރުން ދެކިލައްވާގޮތެއް ބެއްލެވުމެވެ. އެހެނީ، އިސްލާމީ ލަޝްކަރުގެ ބޮޑު ބަޔަކީ އަންޞާރިއްޔަ ބޭކަލުންނެވެ. އަދި ދެވަނަ ބައިޢަތުލް ޢަޤަބާގެ އެއްބަސްވުމުގައި އޮތީ މަދީނާގެ ތެރޭގައި ނަބިއްޔާ -صلّى الله عليه وسلّم- ހުންނެވިހާ ހިނދު ޙިމާޔަތް ދިނުމަށާއި، ދިފާޢުގައި ހަނގުރާމަ ކުރުމަށެވެ. މަދީނާއިން ބޭރުގައި ކުރެވޭ ހަނގުރާމަތަކުގައި އަންޞާރުން އެހީތެރިވާންޖެހޭ ކަމަށް އޭގައި ފާޅުކޮށް އެއްބަސްވެވިފައެއް ނުވެއެވެ. އެހެންކަމުން، އަންޞާރިއްޔަ ބޭކަލުންގެ ރައުޔު މިދަނޑިވަޅުގައި ނުހަނު މުހިންމުވެގެން ވެއެވެ. ކޮންމެއަކަސް، ނަބިއްޔާ -صلّى الله عليه وسلّم- ގެ މިބަސްފުޅުތައް އަޑުއިވިވަޑައިގެންނެވި ހިނދު، އަންޞާރުންގެ ދިދަ ހިއްޕަވައިގެން ހުންނެވި سعد بن معاذ -رضي الله عنه- އަށް ނަބިއްޔާ -صلّى الله عليه وسلّم- ގެ މުރާދުފުޅު ވިސްނިވަޑައިގެން ވިދާޅުވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ! ﷲ ގެ ރަސޫލާއެވެ! އިބަ ނަބިއްޔާގެ މުރާދުފުޅަކީ އަޅުގަނޑުމެން ތޯއެވެ؟" ނަބިއްޔާ -صلّى الله عليه وسلّم- ޙަދީޘްކުރެއްވިއެވެ. "އާނއެކެވެ!" ފަހެ، سعد بن معاذ -رضي الله عنه- ވިދާޅުވިއެވެ. "ފަހެ، ހަމަކަށަވަރުން އަޅުގަނޑުމެން ވަނީ އިބަ ނަބިއްޔާއަށް އީމާންވެފައެވެ. އަދި އިބަ ނަބިއްޔާ ތެދުކޮށްފައެވެ. އަދި އިބަ ނަބިއްޔާ އެކަންކަމާއިގެން ވަޑައިގެންނެވި ކަންކަމަކީ ޙައްޤުކަމުގައި އަޅުގަނޑުމެން ވަނީ ހެކިވެފައެވެ. އަދި އޭގެ މައްޗަށް، އިބަ ނަބިއްޔާއަށް އަޑު އެހުމައި ކިޔަމަންތެރިވުމުގެ މައްޗަށް އަޅުގަނޑުމެންގެ އެއްބަސްވުންތަކާއި ޢަހުދުކަށަވަރުތައް އަޅުގަނޑުމެން ވަނީ އިބަ ނަބިއްޔާއަށް އަރުވައިފައެވެ. ﷲ ގެ ރަސޫލާއެވެ! އިބަ ނަބިއްޔާ ބޭނުންފުޅުވެވަޑައިގަންނަވާ ދިމާލަކަށް ކުރިޔަށް ވަޑައިގަންނަވާށެވެ! ޙައްޤާއިގެން އިބަ ނަބިއްޔާ ފޮނުއްވި އިލާހު ގަންދީ ދަންނަވަމެވެ! އިބަ ނަބިއްޔާ އަޅުގަނޑުމެން ގޮވައިގެން މިއޮތް ކަނޑަށް ފައިބައިވަޑައިގެންނެވި ކަމުގައި ވިޔަސް، އަޅުގަނޑުމެން އިބަ ނަބިއްޔާއާއެކީ އެކަނޑަށްވެސް ފައިބާނަމެވެ. އެކަމަށް އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކުވެސް ފަހެއް ނުޖެހޭނެއެވެ! މާދަމާ  އަޅުގަނޑުމެންގެ ޢަދުއްވުން އަޅުގަނޑުމެންނާ އަރައި ހަމަކޮށްފާނޭކަމަށް އަޅުގަނޑުމެން ޖެހިލުމެއް ނުވެއެވެ. ހަމަކަށަވަރުން އަޅުގަނޑުމެންނަކީ ހަނގުރާމާގައި ކެތްތެރި، ދެލަޝްކަރު ބައްދުލުވާ ހިނދު ތެދުވެރި ބަޔަކީމެއެވެ. އަދި ފަހަރެއްގައި، އިބަ ނަބިއްޔާގެ ލޯފުޅަށް ފިނިކަން ލިބޭނޭ މަންޒުރަތަކެއް އަޅުގަނޑުމެންގެ ކިބައިން ﷲ އިބަ ނަބިއްޔާއަށް ދައްކަވައިފާނެއެވެ. ވުމާއެކު، އަޅުގަނޑުމެންނާއިގެން، ﷲ ގެ ބަރަކާތާއެކު ކުރިޔަށް ވަޑައިގަންނަވާށެވެ!"


މި ވާހަކައިގެ އެއްބައި صحيح البخاري ގައި އަދި އަނެއްބައި صحيح مسلم  ގައި ވާރިދުވެފައި ވެއެވެ.


މިއީ ހަނގުރާމައިގެ ވަގުތުގައި އަޞްޙާބް ބޭކަލުން ނަބިއްޔާ -صلّى الله عليه وسلّم- އަށް ދެއްކެވި ލޯބީގެ ފުރިހަމަ ނަމޫނާއެކެވެ. ކޮންމެ ޙާލެއްގައި ޖެހުނުކަމުގައިވިޔަސް، އެކަލޭގެފާނަށް ނަޞްރުދެއްވުމުގައި ދެމި ތިއްބަވާނޭ ކަމެވެ. މުސްލިމް އަޚުންނާ އުޚްތުންނޭވެ! އަހަރެމެންގެ އަމިއްލަ ނަފްސަށް ތަޞައްވުރުކޮށްލަމާ ހިނގާށެވެ! މުޝްރިކުންގެ ލަޝްކަރުގެ ޢަދަދު މުސްލިމުންގެ ލަޝްކަރަށްވުރެ 3 ގުނަ ބޮޑެވެ. މުސްލިމުން އައީ ސީދާ ހަނގުރާމައެއް ކުރުމަށް ތައްޔާރުވެގެނެއްވެސް ނޫނެވެ. ހަނގުރާމައެއް ކޮށްފިނަމަ، ހަނގުރާމައިން ބަލިވެ، ޤަތުލުކުރެވި، ނުވަތަ އަސީރުކުރެވުމުގެ ބިރު ނޯންނާނެތޯއެވެ؟ އެހެނަސް، އެ ބިރަށްވުރެ ބޮޑަށް އެބޭކަލުންގެ ހިތްތަކުގައި އޮތީ ﷲ އާއި އެއިލާހުގެ ރަސޫލާއަށްޓަކައި އޮންނަ ލޯތްބެވެ. އެއީ ބިރަކަށް ގުޑުން ގެނެވޭނޭ ލޯތްބެއް ނޫނެވެ. މޮޅިވެރިކަމެއްގެ ސަބަބުން މަދުވެ ކުޑަވެގެންދާނޭ ލޯތްބެއް ނޫނެވެ. އެއީ އަމިއްލަ ނަފްސުތަކާއި އަނބިދަރިންނަށް އޮންނަ ލޯތްބަށްވުރެ ބޮޑު ލޯތްބެކެވެ. ތެދުވެރިކަމާއި ލޯބީގެ ފުރިހަމަ ނަމޫނާއެކެވެ.  


ތިންވަނަ މިސާލު: 


ބަދުރު ހަނގުރާމައިގައި ހިނގައިދިޔަ ޙާދިޘާއެއް ބަޔާންކުރައްވަމުން ނަބިއްޔާ -صلّى الله عليه وسلّم- ގެ ޞަޙާބީ عبد الرّحمن بن عوف -رضي الله عنه- ވިދާޅުވި އެވެ. "ބަދުރު ހަނގުރާމައިގެ ދުވަހު އަހަރެން (މުސްލިމުންގެ ލަޝްކަރުގެ) ސަފުގައި ހުރެ ކަނާއަތް ފަރާތަށައި ވައަތްފަރާތަށް ބަލައިލީމެވެ. ފަހެ، އެހިނދު، އަހަރެންގެ ގާތުގައި އަންޞާރުންގެ ކުދިންގެ ތެރެއިން ޢުމުރުން ހަނގު ދެ ކުއްޖެކު ތިއްބެވެ. އެ ދެކުދިންނަށްވުރެ އަހަރެން ބާރުގަދަވުމަށް އަހަރެން އުންމީދު ކުރީމެވެ. ފަހެ، އެދެކުދިންގެ ތެރެއިން ކުއްޖަކު އަހަރެންގެ ގައިގައި ކޮއްޓާލިއެވެ. އަދި ބުންޏެވެ. އޭ ބޮޑު ބޭބެއެވެ! އަބޫ ޖަހުލަކީ ކާކުކަން ދެނެވަޑައިގަނަންވަމުތޯއެވެ؟ އަހަރެން ބުނީމެވެ. އާނއެކެވެ. އަހަރެންގެ އަޚާގެ ދަރިއާއެވެ! ތިބާ އޭނާ ހޯދަން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ އެކުއްޖާ ބުންޏެވެ. އޭނާ ﷲ ގެ ރަސޫލާ (صلّى الله عليه وسلّم) އަށް އެއްޗެހި ގޮވާކަމަށް އަޅުގަނޑަށް ވަނީ ޚަބަރު ލިބިފައެވެ. އެ އިލާހުގެ އަތްޕުޅުގައި އަޅުގަނޑުގެ ނަފްސުވާ އިލާހު ގަންދީ ދަންނަވަމެވެ. އޭނާއާ އަޅުގަނޑު ބައްދަލުވެއްޖެނަމަ، އަޅުގަނޑުމެން ދެމީހުންގެ ތެރެއިން އަވަހަށް މަރުވާންހުރި މީހަކު މަރުނުވަނީސް، އަޅުގަނޑާއި އޭނާ ވަކިވެގެން ނުދާނެއެވެ. ފަހެ، އެކުއްޖާގެ އެ ބަސްތަކާއި މެދު އަހަރެން ނުހަނު އަޖައިބު ވިއެވެ. ފަހެ، އެދެކުދިންގެ ތެރެއިން ދެވަނަ ކުއްޖާވެސް އަހަރެންގެ ގައިގައި ކޮއްޓާލުމަށްފަހު ހަމައެފަދައިން ބުންޏެވެ. 


    ފަހެ، އެއަށްފަހު، (ހަނގުރާމަ ފެށި) މާގިނަ އިރުތަކެއް ނުވަނީސް މީސްތަކުންގެ ތެރޭގައި އަބޫ ޖަހުލު އުޅެނިކޮށް އަހަންނަށް ފެނުނެވެ. އެހިނދު، އަހަރެން އެކުދިން ގާތުގައި ބުނީމެވެ. ތިޔަ ދެކުދިން އެމީހަކު ހޯދަންވެގެން އަހަންނާއި ސުވާލު ކުރި މީހާ އެހުރީއެވެ. ހަމައެއާއެކު އެ ދެކުދިން ކަނޑި ހިފައިގެން އޭނާއާ ދިމާލަށް ދިޔައެވެ. އަދި ކަނޑިން ޖަހައި އެ ދެކުދިން އޭނާ ޤަތުލު ކޮށްލިއެވެ. އެއަށްފަހު ނަބިއްޔާ -صلّى الله عليه وسلّم- ގެ އަރިހަށް ވަޑައިގެން އެކަމުގެ ޚަބަރު އެ ދެކުދިން އެކަލޭގެފާނަށް އެރުވިއެވެ..." 


    މިއީ الإمام البخاري  އާއި الإمام مسلم  އެދެބޭކަލުންގެ ދެ ޞަޙީޙުގައި ރިވާކުރެއްވި ރިވާޔަތެކެވެ. އެ ދެކުދިންގެ ހިތުގައި އަބޫ ޖަހުލުގެ މައްޗަށް ޚާއްޞަ ނަފްރަތެއް އޮތީ ކޮން ސަބަބަކާހުރެ ތޯއެވެ؟ ނަބިއްޔާ -صلّى الله عليه وسلّم-  އަށް ފުރައްސާރަކޮށް ބަދުބަސް ބުނެ އުޅުނީތީއެވެ! މިއީ ކިހާ ބޮޑު ލޯތްބަކާއި ޤަދަރެއް އެކުދިންގެ ހިތްތަކުގައި ނަބިއްޔާ -صلّى الله عليه وسلّم- އަށް އޮތީމައި ތޯއެވެ؟ 


    އަޚުންނާއި އުޚްތުންނޭވެ! ނަބިއްޔާ -صلّى الله عليه وسلّم-  އަށް އެއްޗެހި ގޮވާ މީހުން ހަނގުރާމައިގެ މައިދާނުގައި ޤަތުލުކުރެވުނު ކަމުގައިވިޔަސް، މުސްލިމް މުޖްތަމަޢުތަކުގައި އެމީހުންގެ މައްޗަށް ޙައްދު ޤާއިމްކުރުން ޚާއްޞަކުރެވިގެންވަނީ މުސްލިމުންގެ ވެރިޔާއަށެވެ. ޢާންމު މުސްލިމުން ނުކުމެ ޙައްދުތައް ޤާއިމްކޮށް މީހުން މަރައި ހެދުމެއް ނުވެއެވެ. ޙައްދުތައް ޤާއިމްކުރުމަކީ މުސްލިމް ވެރިޔާއާ ޙަވާލުކުރެވިގެންވާ ކަމެކެވެ. 

އެހެނަސް، މިވާހަކައަކީ މިއީ ނަބިއްޔާ -صلّى الله عليه وسلّم-   އަށްޓަކައި މުސްލިމެއްގެ ހިތުގައި އޮންނާނެ ޤަދަރު ހާމަކޮށްދޭ ޙާދިޘާއެކެވެ. 


ހަތަރުވަނަ މިސާލު:


    މިތަނުގައި މި ބަޔާންކޮށްދެނީ ނުހަނު ގިނަ މިސާލުތަކެއް އޭގެ ތެރޭގައި ޛިކުރު ކުރެވިގެންދާނެ މިސާލެކެވެ.
    الشِّفَا فِي أَخْبَارِ الْمُصْطَفَى މި ފޮތުގައި القاضي عياض -رحمه الله- ގެނެސްދެއްވާފައި ވެއެވެ. مصعب بن عبد الله  ވިދާޅުވިއެވެ. " (އިމާމް) މާލިކް ގެ އަރިހުގައި ނަބިއްޔާ -صلّى الله عليه وسلّم- ގެ ނަންފުޅު ގަނެވިއްޖެނަމަ އެބޭފުޅާގެ ކުލަ ބަދަލުވެގެން ދެއެވެ. އަދި ބޯ ތިރިކުރައްވައެވެ. އޭގެ ސަބަބުން އެ މަޖިލީހުގައި އިމާމް މާލިކް އާ އެކު ތިބޭ މީހުންނަށް އުނދަގޫ ވެއްޖައުމަށް ދާންދެނެވެ. ފަހެ، އެއްދުވަހަކު އެކަމާއި މެދު އިމާމް މާލިކަށް ސުވާލު ދެންނެވުނެވެ. އިމާމް މާލިކް ޖަވާބުގައި ވިދާޅުވިއެވެ. އަހަންނަށް ފެނިފައި ހުރި މަންޒަރުތައް ތިޔަބައިމީހުންނަށް ފެނިފައި ވީނަމަ، ތިޔަބައިމީހުންނަށް ތިޔަ ފެނުނު ކަންތަކަށް (އެބަހީ: އިމާމް މާލިކްގެ އަރިހުން ފެނުނު ކަންތަކަށް) ތިޔަބައިމީހުން އިންކާރެއް ނުކުރީހެވެ. 


    ހަމަކަށަވަރުން އަހަރެން مُحمّد بن المُنْكَدِر ދެކެ އުޅުނީމެވެ. އެބޭފުޅާއަކީ ޤާރިންގެ ސައްޔިދު (އެބަހީ؛ ވެރިޔާ/ޞާޙިބާ) އެވެ. އަހަރެމެން އެބޭފުޅާއާއި ޙަދީޘަކާމެދު ސުވާލުކޮށްފިނަމަ، ކީރިތިކުރައްވަމުން ގޮސް، އަހަރެމެން އެބޭފުޅާއަށް ރަޙުމްކޮށްފުމަށް ދާންދެން ކީރިތި ކުރައްވައެވެ. 


    ހަމަކަށަވަރުން އަހަރެން مُحمّد بن جعفر (الصّادق)  ދެކި އުޅުނީމެވެ. އަދި އެބޭފުޅާއަކީ ގިނައިން ސާމަސާކުރައްވައި ހިނިތުންވެ އުޅުއްވި ބޭފުޅެކެވެ. އެހެނަސް، އެބޭފުޅާގެ އަރިހުގައި ނަބިއްޔާ -صلّى الله عليه وسلّم- ގެ ނަންފުޅު ގަނެވިއްޖެނަމަ، ގައިގެ ކުލަ ރީނދޫ ވެގެން ދެއެވެ. އަދި ދުވަހަކުވެސް، ވުޟޫގެ މަތީގައި ނޫނީ ނަބިއްޔާ -صلّى الله عليه وسلّم-  ގެ އަރިހުން ޙަދީޘް ރިވާކުރެއްވިތަނެއް އަހަރެން ނުދެކެމެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އެބޭފުޅާގެ އަރިހަށް ގޮސް އުޅުނީމެވެ. ތިން ކަމެއްގެ މަތީގައި ވަނިކޮށް ނޫނީ ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އެއްގޮތަކީ ނަމާދުކުރަށްވަން ހުންނެވުމެވެ. އަނެއް ގޮތަކީ ރޯދަޔަށް ހުންނެވުމެވެ. އަނެއް ގޮތަކީ ޤުރުއާން ކިޔަވާވިދާޅުވުމެވެ. އަދި އެބޭފުޅާއަކީ ނުބެހޭ ކަންކަމާއި މެދު ވާހަކަ ދައްކަވާ އުޅުއްވި ބޭފުޅެއް ނޫނެވެ. އަދި އެބޭފުޅާވީ ﷲ އަށް ބިރުވެތިވާ، އަޅުވެރި ޢިލްމުވެރިންގެ ތެރެއިންނެވެ. 


    އަދި ހަމަކަށަވަރުން، عَبدُ الرَّحمن بن الْقَاسِم  ގެ އަރިހުގައި ނަބިއްޔާ -صلّى الله عليه وسلّم- ގެ ނަންފުޅު ގަނެވުމަށްފަހު، އެބޭފުޅާއަށް ބަލައިފިނަމަ ހީވާނީ ގައިން އެއްކޮށް ލޭ ހުސްވެފައިވާ މީހެއް ހެނެވެ. އަދި އެބޭފުޅާގެ އަނގަ ތެރޭގައި ދޫފުޅު ވާނީ އެއްކޮށް ހިކިފައެވެ. ﷲ ގެ ރަސޫލާ -صلّى الله عليه وسلّم-  އަށް އޮންނަ ހައިބަތެއްގެ ބޮޑުކަމުންނެވެ.


    އަދި ހަމަކަށަވަރުން، عَامِر بن عَبد الله بن الزُّبير ގެ އަރިހަށް އަހަރެން ގޮސް އުޅުނީމެވެ. އެބޭފުޅާގެ އަރިހުގައި ނަބިއްޔާ -صلّى الله عليه وسلّم-  ގެ ނަންފުޅު ގަނެވިއްޖެނަމަ، ކީރިތިކުރައްވަމުން ގޮސް، ލޯފުޅުން ކަރުނަ ހުސްވާވަރަށް ކީރިތިކުރައްވައެވެ.


    އަދި ހަމަކަށަވަރުން، އަހަރެން الزُّهْرِي ދެކުނީމެވެ. އެބޭފުޅާއަކީ މީސްތަކުންގެ ތެރެއިން އެންމެ ކައިރި، އެންމެ ރަޙުމަތްތެރި އެއް ބޭފުޅަކު ކަމުގައި ވިއެވެ. އެހެނަސް، އެބޭފުޅާގެ އަރިހުގައި ނަބިއްޔާ -صلّى الله عليه وسلّم-  ގެ ނަންފުޅު ގަނެވއްޖެނަމަ، އެބޭފުޅާއަށް ތިބާއަކީ ކާކުކަން ނޭނގޭ ފަދަ އެވެ. އަދި ތިބާއަށް އެބޭފުޅާއަކީ ކާކުކަން ނޭނގޭ ފަދައެވެ. 


    އަދި ހަމަކަށަވަރުން އަހަރެން صَفْوَان بنُ سُلَيْم ގެ އަރިހަށް ގޮސް އުޅުނީމެވެ. އެބޭފުޅާވީ އަޅުކަމުގައި ގަދައަޅައި މަސައްކަތްކުރެއްވި ބޭފުޅެއް ކަމުގައެވެ. ފަހެ، އެބޭފުޅާގެ އަރިހުގައި ނަބިއްޔާ -صلّى الله عليه وسلّم-  ގެ ނަންފުޅު ގަނެވިއްޖެނަމަ، ކީރިތިކުރައްވަން ފަށްޓަވައެވެ. އަދި އެގޮތުގައި، މީސްތަކުން އެބޭފުޅާ ދޫކޮށް ތެދުވެގެން ހިނގައިދާ އިރުވެސް، ކީރިތިކުރައްވައެވެ." 


    މުސްލިމް އަޚުންނާއި އުޚްތުންނޭވެ! މިއީ ރޫޙެއް ނެތް ތަކެއްޗާއި، ނަބިއްޔާ -صلّى الله عليه وسلّم-  ގެ އަޞްޙާބް ބޭކަލުންނާއި، މިއުއްމަތުގެ ސަލަފުއް ޞާލިޙުންގެ ހިތްޕުޅުގައި ނަބިއްޔާ -صلّى الله عليه وسلّم-  އަށް އޮތް ލޯތްބެވެ. އަޚާއެވެ. އުޚްތާއެވެ! ތިބާގެ ހިތުގައި އެ ނަބިއްޔާ -صلّى الله عليه وسلّم-  އަށް ވަނީ ކިހާވަރެއްގެ ލޯތްބެއް ތޯއެވެ؟ އަމިއްލަ ނަފްސާއި ސުވާލުކޮށް ޙިސާބުކޮށްލާށެވެ! 

وصلّى الله وسلّم على نبيّنا محمّد وعلى آله وأصحابه أجمعين، والحمد لله ربّ العالمين.

Like what you see?

Close

Hit the buttons below to follow us, you won't regret it...