5 ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބިވުން - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

محمد صلى الله عليه وسلم

ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބިވުން

ލިޔެ ތައްޔާރުކުރީ: އަލް-އަޚް ޢަދިއްޔު ބިން މުޙައްމަދު حفظه الله. ކެޓަގަރީ محمد صلى الله عليه وسلم


ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބިވުން

بسم الله الرّحمن الرّحيم

الحمد لله ربّ العالمين، والصّلاة والسّلام على المبعوث رحمة للعالمين، نبيّنا محمّد وعلى آله وأصحابه أجمعين، أمّا بعد:

އެއީ މީލާދީން ހަވަނަ ޤަރުނެވެ. މުޅި ބިންމަތީ އޮތީ އަނިޔާވެރިކަމާއި ޝިރުކުގެ އަނދިރިކަމުގެ ތެރެއަށް ޣަރަޤުވެފަ އެވެ. ޢަރަބިން ތިބީ ބުދުތަކަށް އަޅުކަންކުރުމާއި، އަންހެން ދަރިން ދިރިތިއްބާ ވަޅުލުމާއި، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވުމާއި، އިބްރާހީމް -عليه السّلام- ގެ ދީން ބަދަލުކުރުމާއި، ﷲ -سبحانه وتعالى- ގެ މައްޗަށް ޢިލްމެއް ނެތި ބަސްބުނުމުގެ މަތީގައެވެ. ފާރިސީން ތިބީ އަނިދރިކަމުގެ އިލާހަކާއި އަލިކަމުގެ އިލާހަކަށް އަޅުކަންކުރުމާއި، އަމިއްލަ މައިންނާއި އަންހެން ދަރިންނާ ޖިމާޢުވުމާއި، އެއްބަޔަކު އަނެއްބަޔަކު އަޅުވެތިކުރުމުގެ މަތީގައެވެ. ޔޫނާނީން ތިބީ ގިނަގުނަވެގެންވާ ބާޠިލް އިލާހުންތަކެއް ނަގައި، އެއަށް ބުދުހަދައި އެބުދުތަކަށް އަޅުކަންކޮށް، މުސްތަޙީލުކަންކަމާ މެދު ވިސްނުމުގެ މަތީގައެވެ. ތުރުކުން ތިބީ ބިންތައް ޚަރާބުކޮށް، އަޅުތަކުންނަށް ޢަޒާބުދެއްކުމުގައެވެ. ހިނދީން ތިބީ ގެރިބަކަރިއަށް އަޅުކަންކުރުމާއި، ގަސްގަހާގެއްސާއި ހިލަތަކަށް ސަޖިދަޖެހުމުގެ މަތީގައެވެ. ރޫމުގެ އަހުލުވެރިން ތިބީ ނަޞާރާ ދީނުގެ ހިމަ ތޮށަލިގަނޑެއްގެ ތެރޭގައި، ބާރުގަދަ މީހާއާއި، އަމިއްލަ ޝަހުވަތްތަކަށް އަޅުވެތިވެގްނެވީ ބައެއްގެ ގޮތުގައެވެ. ޔަހޫދީން ތިބީ ﷲ ގެ މައްޗަށް ބުހުތާން ދޮގު ހެދުމާއި، ތަޝްބީހުކުރުމާއި، އިންކާރުކޮށް ކިބުރުވެރިވުމުގެ މަތީގައެވެ. ނަޞާރާއިންތިބި ޓްރިނިޓީއަށް އީމާންވުމާއި، ޞަލީބަށާއި، އެކިއެކި އިންސާނުންނަށް އަޅުކަންކުރުމުގެ މަތީގައެވެ. ދުނިޔޭގެ އެކި ޙަޟާރަތްތައް އޮތް ޙާލަކީ މިއީ އެވެ. 


ހިތްދަތިކުރުވަނިވި ދުވަސްތަކެކެވެ. އަނދިރިކަމުގެ ދުވަސްތަކެކެވެ. މިގޮތުގައި މީސްތަކުންވަނިކޮށް ﷲ -سبحانه وتعالى- އެމީހުންގެ މައްޗަށް ރަޙުމްކުރައްވައި، އެމީހުން ސަލާމަތްކޮށްދެއްވައި އެމީހުންނަށް ތެދުމަގު ދައްކަވާނޭ، ފަހު ޒަމާނުގެ ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވި އެވެ. އެކަލޭގެފާނުގެ ބަސްފުޅު ޢަރަބި ޖަޒީރާއިން ފެށިގެން ދުނިޔޭގެ ހަތަރު ބިތަށް ފެތުރިގެން ދިޔައެވެ. ޢަދުލުވެރިކަމާއި، ތައުޙީދުގެ އަލިކަން، އަނިޔާވެރިކަމުގެ އަނދިރިކަން ތޮރުފާލައި ދުނިޔޭގެ ބިމަށް ފެތުރިގެން ދިޔައެވެ. ޝިރުކުގެ ފައްޅިތައް ތަޅައިލެވި، ތައުޙީދު ޤާއިމްކުރެވޭ މިސްކިތްތައް ބިނާކުރެވިގެން ދިޔައެވެ. ރުއިމާއި ހަޅޭކުގެ އަޑުތައް ގުގުމަމުން ދިޔަ ޖައްވުތަކުން ބަންގީގެ އަޑު ގުގުމަން ފެށިއެވެ. ބިރުވެރިކަމާއި ނާމާންކަމުގެ ހަމިހިމޭންކަން، އަމާންކަމާއި ހިތްހަމަޖެހުމުގެ ސަލާމަކަށް ބަދަލުވެގެން ދިޔައެވެ. 


ބުދުތަކަށް އަޅުކަންކުރުން އެކަލޭގެފާނު ނަހީކުރެއްވިއެވެ. އަނެހެން ދަރިން ދިރިތިއްބާ ވަޅުލުމާއި، އަންހެނުންނަކީ ވާރުތަ މުދަލެއްކަމުގައި ހެދުން އެކަލޭގެފާނުގެ އަތްޕުޅުމަތިން ޙަރާމްކުރެވިގެން ދިޔައެވެ. އެކަނަބަލުންނަށް ރައްކާތެރިކަން ލިބޭނޭ އެންމެހައި މަގުތަކެއް ދައްކަވައި، އިރުޝާދު ދެއްވިއެވެ. އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އިސްލާމްދީން ފުރިހަމަވެ ނިމިގެން ދިޔައެވެ. ފައުޖުތަކަށް މީސްތަކުން އިސްލާމްދީނަށް ވަދެ، ވަފުދުހަދައިގެން އެކަލޭގެފާނާއި ބައްދަލުކުރުމަށް އަތުވެ، އެކަމުން އެކަލޭގެފާނަށް ހިތްހަމަޖެހުން ލިބިވަޑައިގަތުމަށްފަހުގައި ނޫނީ ﷲ އެކަލޭގެފާނުގެ ފުރާނަފުޅު ނުހިއްޕަވަ އެވެ. 


އެކަލޭގެފާނަކީ އެންމެ ހެޔޮވެގެންވާ އިންސާނާ އެވެ. އެންމެ މާތްވެގެންވާ ރަސޫލާއެވެ. އެކަލޭގެފާނަށް ބާވައިލެއްވުނު ފޮތަކީ އެންމެ މާތްވެގެންވާ ފޮތެވެ. އެކަލޭގެފާނުގެ އުއްމަތަކީ އެންމެ ހެޔޮވެގެންވާ އުއްމަތެވެ. ހައްދަވާ ބޮޑު ކުރެއްވި އިލާހެވެ! މުޙައްމަދު -صلّى الله عليه وسلّم- އަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ! އަޅަމެންނަށް ހިދާޔަތް ބަޔާންކުރައްވައި، އެންމެހާ ހެޔޮކަންކަން އުނގަންނަވައިދެއްވީ އެކަލޭގެފާނެވެ! އަޅަމެންވެ ވެރި އިލާހެވެ! ނަބިއްޔަކަށް އެނަބިއްޔެއްގެ އުއްމަތުގެ ކިބައިން އިބަ އިލާހު ދެއްވާނެ އެންމެ ހެޔޮ ޖަޒާ، އަޅަމެންގެ ނަބިއްޔާ އަށް ދެއްވާށިއެވެ! 


މުސްލިމް އަޚުންނާއި އުޚްތުންނޭވެ! އެއްވެސް ޝައްކެއް ނެތް ގޮތުގައި އަހަރެމެން އެންމެ ލޯބިވާންޖެހޭ އިންސާނަކީ ނަބިއްޔާ -صلّى الله عليه وسلّم- އެވެ.  އެކަލޭގެފާނު -صلّى الله عليه وسلّم- ދެކެ ލޯބިވުމަކީ އަހަރެމެންގެ އަމިއްލަ ނަފްސުތަކާއި، އަމިއްލަ މައިންބަފައިންނާއި، އަނބިދަރިންނަށްވުރު ބޮޑަށް، އަދި ކިއެއްތަ! އެންމެހާ ޚަލްޤުތަކުންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވުމެވެ. މިއީ އެންމެ ބޮޑެތި ވާޖިބާތުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ފަހެ، މިއީ ﷲ -سبحانه وتعالى- ދެކެ ލޯބިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެނީ، އެކަލާނގެ ދެކެ ލޯބިވުމުގެ ތެރެއިން އެކަލާނގެ ލޯބިވެވޮޑިގަންނަވާ އެންމެހާ ފަރާތްތަކެއް ދެކެ ލޯބިވުންވެސް ހިމެނިގެން ވެއެވެ. އަދި އެއިލާހު އެންމެ ލޯބިވެވޮޑިގަންނަވާ އިންސާނާއަކީ އެއިލާހުގެ ރަސޫލާ އަދި ޚަލީލު މުޙައްމަދު -صلّى الله عليه وسلّم- އެވެ. 


ނަބިއްޔާ -صلّى الله عليه وسلّم- ދެކެ އަހަރެމެން ވާ ލޯބީގައި ކަންތައްތަކެއް ހިމެނެން ޖެހެއެވެ. އެއީ އެކަލޭގެފާނު -صلّى الله عليه وسلّم- ލޯބިވެވަޑައިގެންނެވި އެންމެހައި އެއްޗެއް/ކަމެއް/ފަރާތްތަކެއް ދެކެ އަހަރެމެންވެސް ލޯބިވުމެވެ. އަދި އެކަލޭގެފާނު -صلّى الله عليه وسلّم-  ނުރުހުންތެރިވެވަޑައިގެންނެވި، ނުވަތަ ކޯފާވެވަޑައިގެންނެވި އެންމެހައި އެއްޗެއް/ކަމެއް/ފަރާތްތަކެއް ދެކެ އަހަރެމެންވެސް ނުރުހުމާއި ރުޅިއައުމެވެ. އެހެންގޮތަކަށް ބުނާނަމަ، އެކަލޭގެފާނަށް ފުރިހަމަޔަށް ތަބާވުމެވެ. 


ނަބިއްޔާ -صلّى الله عليه وسلّم-  ދެކެ އޮންނަންޖެހޭ ލޯތްބަށް ބަލާއިރު، މީސްތަކުން 3 ބަޔަކަށް ބެހިގެން ދެއެވެ.


ފުރަތަމައީ: ހައްދުފަހަނައަޅައި ދިޔަ މީހުންނެވެ. އެބައިމީހުންނަކީ ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބިވާކަމަށް ދަޢުވާކޮށް، ﷲ އާއި އެކަލާނގެ ރަސޫލާ -صلّى الله عليه وسلّم- ޝަރުޢުކުރައްވާފައި ނުވާ އައު ކަންތައްތަކެއް، ނުވަތަ ބިދުޢަތަކެއް އިސްލާމްދީނަށް ގެނެސްގެން، އެކަންކަން ކުރާ މީހުންނެވެ. މިސާލަކަށް، ނަބިއްޔާ -صلّى الله عليه وسلّم- އަށް ޘަނާކިޔުމުގައި ހައްދުފަހަނައަޅައި ދިޔުމާއި، އަޅުކަމުގެ ބައެއް ވައްތަރުތައް – މިސާލަކަށް: ދުޢާކުރުން- ﷲ ފިޔަވައި އެނަބިއްޔާ -صلّى الله عليه وسلّم- އަށް ކުއްތަންކުރުމާއި، އެކަލޭގެފާނުގެ ނަންފުޅުން ހުވާކުރުން ފަދަ ކަންކަމެވެ.


ދެވަނައީ: ފަރުވާކުޑަކުރި މީހުންނެވެ. މިއީ ނަބިއްޔާ -صلّى الله عليه وسلّم- އަށް އަދާކުރަންޖެހޭ ޙައްޤުތަކަށް އިހުމާލުވެ، ފަރުވާކުޑަކުރި މީހުންނެވެ. އަދި އެމީހުންގެ ގާތުގައި އެމީހުންގެ އަމިއްލަ ނަފްސުތަކާއި، މައިންބަފައިންނާއި، އަނބިދަރިން އެނަބިއްޔާ -صلّى الله عليه وسلّم- އަށްވުރެ ލޮބުވެތިކަން ބޮޑުވެގެން ވެއެވެ. އަދި ކިއެއްތަ! އެމީހުންގެ ތެރޭގައި އެ ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ރުޅި އަންނަ މުނާފިޤުން ވެއެވެ. އެކަލޭގެފާނު -صلّى الله عليه وسلّم- އަށް ފާޅުގައި ބަދުބަސް ބުނާ ކާފަރުން ވެއެވެ. އެކަލޭގެފާނު -صلّى الله عليه وسلّم- އަށް މައްކާގެ މުޝްރިކުން ކަންކުރި ފަދައިން، ހުތުރު ލަޤަބުތަކުން ލަޤަބުދީ ހަދާ މީހުން ވެއެވެ. 


ތިންވަނައީ: މެދުމިނުގައިވާ މީހުންނެވެ. އެމީހުންނަކީ އެކަލޭގެފާނު -صلّى الله عليه وسلّم- ދެކެ ލޯބިވުމުގައި ހައްދުފަހަނައަޅައި ދިޔަ ބައެއް ނޫނެވެ. އަދި އެލޯބި އަދާކުރުމުގައި އިހުމާލުކޮށް ފަރުވާކުޑަކުރި ބައެއްވެސް ނޫނެވެ. އެމީހުންނަކީ މިއުއްމަތުގެ ސަލަފުއް ޞާލިޙުންނެވެ. އެއަށްފަހު، އެބޭކަލުންގެ މަންހަޖުގެ މަތީގައި ތިބި އެންމެހާ މީސްތަކުންނެވެ. ފަހެ، މި ލޯބީގެ ޙުކުމަކީ ވާޖިބުކަން އެމީހުން ޤަބޫލުކުރެއެވެ. އަދި މި ލޯބިވާ މީހާ އަދާކުރަންޖެހޭ ކަންކަން އެމީހުންގެ ޢަޤީދާއާއި، ބަސްތަކާއި، ޢަމަލުތަކުގައި އެމީހުން އަދާކުރިއެވެ. 


ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބިވުން ވާޖިބުވެގެންވާކަން ބަޔާންވެގެންދާ ދަލީލުތައް: 


ﷲ -سبحانه وتعالى- ވަޙީ ކުރައްވާފައި ވެއެވެ. قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ ٢٤ "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނޭކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުންގެ ހިތްރުހޭ ގެދޮރާއި، (މިހުރިހައި ތަކެތި) ﷲ އާއި، އެކަލާނގެ ރަސޫލާއާއި، އެކަލާނގެ މަގުގައި ޖިހާދުކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތިކަމުގައި ވާނަމަ، ﷲ ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! ފާސިޤުވީ މީހުންނަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ!" 


މިއާޔަތަކީ މިއީ މީހަކު ލޯބިވާނޭ އެންމެހައި ތަކެއްޗަކާއި، ކަމަކާއި، ފަރާތްތަކެއްގެ މައްޗަށް ނަބިއްޔާ -صلّى الله عليه وسلّم- ދެކެވާ ލޯބި އިސްވެ ބޮޑުވާންޖެހޭ ކަމުގެ މައްޗަށް ވާ ދަލީލެކެވެ.


އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ الأحزاب: ٦ "މުއުމިނުންނަށް އެއުރެންގެ އަމިއްލަ ނަފްސުތަކަށްވުރެން، ނަބިއްޔާ އައުލާކަން ބޮޑެވެ." އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިއާޔަތުގައިވާފަދައިން، އަމިއްލަ ނަފްސުގެ މައްޗަށް ނަބިއްޔާ -صلّى الله عليه وسلّم-  އިސްކޮށް އައުލާކަންދެވޭނީ އެވަރުގެ ލޯތްބެއް އޮވެގެންނެވެ.


عمر بن الخطّاب -رضي الله عنه-  ނަބިއްޔާ -صلّى الله عليه وسلّم- އަށް ދެންނެވިއެވެ. "ﷲ ގެ ރަސޫލާއެވެ! ހަމަކަށަވަރުން، އަޅުގަނޑުގެ އަމިއްލަ ނަފްސު ފިޔަވައި، އެހެން ހުރިހާ އެއްޗަކަށްވުރެ ބޮޑަށް އަޅުގަނޑު ލޯބިވަނީ އިބަ ނަބިއްޔާ ދެކެއެވެ." ފަހެ، ނަބިއްޔާ -صلّى الله عليه وسلّم- ޙަދީޘް ކުރެއްވިއެވެ.   (( لَا وَالَّذِي نَفْسِي بِيَدِهِ، حَتَّى أَكُونَ أَحَبَّ إِلَيْكَ مِنْ نَفْسِكَ )) މާނައި: "އެފަރާތެއްގެ އަތްޕުޅުގައި ތިމަން ނަބިއްޔާގެ ނަފްސުފުޅުވާ އިލާހު ގަންދީ ޙަދީޘްކުރައްވަމެވެ. ނޫނެކެވެ! ތިބާގެ ނަފްސަށްވުރެވެސް ތިމަން ނަބިއްޔާ ދެކެ ތިބާ ލޯބި ވެއްޖައުމަށް ދާންދެނެވެ!" އެހިންދު عمر ވިދާޅުވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. ފަހެ، ހަމަކަށަވަރުން، މިހާރު އަޅުގަނޑުގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އަޅުގަނު އިބަ ނަބިއްޔާ ދެކެ ލޯބިވަމުއެވެ." އެހިނދު ނަބިއްޔާ -صلّى الله عليه وسلّم- ޙަދީޘްކުރެއްވި އެވެ. (( الْآنَ يَا عُمَرُ)) މާނައީ: "އޭ ޢުމަރެވެ! އަދިކިރިޔާއެވެ!" أخرجه البخاري. 


أبو هريرة -رضي الله عنه-  ގެ އަރިހުން ވާރިދުވެފައިވާ ޙަދީޘެއްގައި ނަބިއްޔާ -صلّى الله عليه وسلّم- ޙަދީޘްކުރައްވާފައި ވެއެވެ. (( فَوَ الَّذِي نَفْسِي بِيَدِهِ لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ )) أخرجه البخاري. މާނައީ: "އެފަރާތެއްގެ އަތްޕުޅުގައި ތިމަން ނަބިއްޔާގެ ނަފްސުފުޅުވާ އިލާހު ގަންދީ ވިދާޅުވަމެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު، އޭނާގެ ބައްޕައާއި، ދަރިޔަށްވުރެ ބޮޑަށް ތިމަން ނަބިއްޔާދެކެ ލޯބިވެއްޖައުމަށް ދާންދެން އެމީހަކު (ފުރިހަމަޔަށް) އީމާންވީ ކަމުގައި ނުވެއެވެ." 


أنس بن مالك -رضي الله عنه-  ގެ އަރިހުން ވާރިދުވެފައިވާ ޙަދީޘެއްގައި ނަބިއްޔާ -صلّى الله عليه وسلّم- ޙަދީޘްކުރައްވާފައި ވެއެވެ. (( لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبّ إِلَيْهِ مِنَ وَالِدِهِ، وَوَلَدِهِ، وَالنَّاسِ أَجْمَعِين )) أخرجه البخاري ومسلم  މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ ބައްޕައާއި، ދަރިޔާއި، އަދި އެންމެހާ މީސްތަކުންނަށްވުރެ ބޮޑަށް ތިމަން ނަބިއްޔާ ދެކެ ލޯބިވެއްޖައުމަށް ދާންދެން އެމީހަކު (ފުރިހަމަޔަށް) އީމާނެއް ނުވެއެވެ." 


ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބި އެއީ ތެދުވެރި ލޯތްބެއްކަމުގެ ޢަލާމާތްތަކެއް ވެއެވެ. އޭގެ ތެރޭގައި:


- ނަބިއްޔާ -صلّى الله عليه وسلّم- ގެ ސުންނަތުގައި ހިފެހެއްޓުމާއި، އެ ސުންނަތް މަތިވެރިކުރުމާއި، ދީނުގައި އެ ސުންނަތަށް ދެވިގެންވާ މަޤާމު ދެނެގަތުމާއި، އެ ސުންނަތުގެ އަހުލުވެރިން މަތިވެރި ކުރުން ހިމެނެއެވެ.
- އަދި ނަބިއްޔާ -صلّى الله عليه وسلّم- ގެ ޛިކުރު ގިނައިން ކޮށް، އެކަލޭގެފާނަށް ގިނަގިނައިން ޞަލަވާތް ކިޔެވުން ހިމެނެއެވެ.
- އަދި އެކަލޭގެފާނު ދެކިލުމަށާއި، އެކަލޭގެފާނާއި ބައްދަލުކުރަން ޝައުޤުވެރުވުން ހިމެނެއެވެ.
- އަދި އެކަލޭގެފާނު ލޯބިވެވަޑައިގެންނެވި އެންމެހާ ފަރާތްތަކެއް ދެކެ ލޯބިވުމާއި، އެކަލޭގެފާނު އެބަޔަކަށް ކޯފާވެވަޑައިގެންނެވި ބަޔަކު ދެކެ އަހަރެމެންވެސް ނަފްރަތުކުރުމެވެ. 

 

ޙަޤީޤަތުގައި މިލިޔުމުގައި މި ބަޔާންކޮށްދެވުނު ކަންކަމަކީ މި މަޢުޟޫޢުގެ ފުޅާ މިނަށް ބަލާއިރު، ފުން ކަނޑަކުން ނަގައިލެވުނު ސަމްސަލެއްގެ މިންވަރެވެ. އެހެނަސް، މިދުވަސްވަރު ނަބިއްޔާ -صلّى الله عليه وسلّم- އަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަށް ބަލާއިރު، މުސްލިމުންގެ ހިތްތަކުގައި ނަބިއްޔާ -صلّى الله عليه وسلّم- އަށް އޮންނަޖެހޭ ޤަދަރު އެމީހުންނަށް ހަދާންކޮށްދިނުމުގެ މުހިންމުކަން ތަޞައްވުރުކުރެވުނު ހިނދު، ﷲ -سبحانه وتعالى- ގެ ވަޖްހުފުޅަށްޓަކައި، މަދު ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލި ކުރުކުރު ލިޔުމެކެވެ.


وصلّى الله وسلّم على نبيّنا محمّد وعلى آله وأصحابه أجمعين، والحمد لله ربّ العالمين.

Like what you see?

Close

Hit the buttons below to follow us, you won't regret it...