5 ފިޠުރު ޢީދުގެ ބައެއް ޙުކުމްތައް - الشيخ صالح الفوزان حفظه الله އަދި الشّيخ عبد القادر الجنيد - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ފިޠުރު ޢީދުގެ ބައެއް ޙުކުމްތައް - الشيخ صالح الفوزان حفظه الله އަދި الشّيخ عبد القادر الجنيد

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޢީދު ނަމާދު

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


ފިޠުރު ޢީދުގެ ބައެއް ޙުކުމްތައް

بسم الله ، الحمد لله ربّ العالمين ، وصلّى الله وسلّم على رسوله الأمين ، وبعد:

ހަމަކަށަވަރުން ޢީދަކީ އިސްލާމްދީނުގެ ރިވެތިވެގެންވާ ޝިޢާރުތަކުގެ ތެރެއިން ވަރަށްވެސް މާތްވެގެންވާ ޝިޢާރެކެވެ. އެއީ އަޅުތަކުންގެ މައްޗަށް މާތް الله سبحانه وتعالى މިންވަރުކުރަށްވާފައިވާ އެއިލާހުގެ ނިޢުމަތްތަކުގެ ތެރެއިން މަތިވެރިވެގެންވާ ނިޢުމަތެކެވެ. أنس بن مالك رضي الله عنه ގެ ފަރާތުން الإمام النسائي އަދި  الإمام أبوداود ރިވާކުރައްވާފައިވެއެވެ. ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުންނަށް 2 ދުވަހެއް ވެއެވެ. އެއީ އެބައިމީހުން ކުޅިވަރުކުޅެ އުފާފާޅުކޮށް އުޅޭ ދެ ދުވަހެކެވެ. ފަހެ، މާތް ނަބިއްޔާ صلّى الله عليه وسلّم މަދީނާ އަށް ވަޑައިގެންނެވި ހިނދު ޙަދީޘްފުޅު ކުރެއްވިއެވެ. [އެ 2 ދުވަހެއްގައި ތިޔަބައިމީހުން ކުޅިވަރުކުޅެ އުޅުނު 2 ދުވަހެއް ތިޔަބައިމީހުންނަށް ވިއެވެ. ފަހެ ތިޔަބައިމީހުންނަށްޓަކައި އެ 2 ދުވަސް އެއަށްވުރެ ހެޔޮކަން ބޮޑުވެގެންވާ އެހެން 2 ދުވަހަކަށް الله سبحانه وتعالى ބަދަލުކޮށްދެއްވައިފިކަން ކަށަވަރެވެ. އެއީ ފިޠުރު ޢީދު ދުވަހާ އަޟްޙާ ޢީދު ދުވަހެވެ. މިޙަދީޘާ މެދު الشرح الممتع ގައި الشيخ محمد بن صالح العثيمين رحمه الله ވިދާޅުވެފައިވެއެވެ. [މިއުއްމަތުގެ މީސްތަކުން الله سبحانه وتعالى ޝަރުޢުކުރަށްވާފައިވާ ޢީދުތައް ފިޔަވައި އިތުރު އެހެން ޢީދުތައް ތަޢާރަފްކުރުމަކީ މާތް ނަބިއްޔާ صلّى الله عليه وسلّم ލޯބިވެވަޑައިގެންނެވި ކަމެއް ނޫންކަން މިޙަދީޘްފުޅުން ހާމަވެގެން ދެއެވެ.]


އެހެންކަމުން ފިޠުރު ޢީދާއި އަޟްޙާ ޢީދު ފިޔަވާ އިތުރު އެހެން ޢީދެއް މުސްލިމުންނަކަށް ނުވެއެވެ. މި ދެދުވަހަށް ޢީދެއްގެ ނަމުން ނަންދެވުނީ އަނބުރާ އިޢާދަވެ، ތަކުރާރުވާތީއެވެ. އެބަހީ: އުފާވެރިކަމާއި، ބާއްޖަވެރިކަމާއި، އަދި الله سبحانه وتعالى ގެ އިޙްސާންތެރިވެވޮޑިގެންނެވުމާއެކު، މި ދެދުވަސް ކޮންމެ އަހަރަކު އަހަރެމެންނާ ބައްދަލުކުރާތީއެވެ. އަދި އެއީ މާތްވެގެންވާ 2 އަޅުކަމަށް ފަހުގައެވެ. އެގޮތުން ރޯދައިގެ މަތިވެރި އަޅުކަމަށްފަހު ފިޠުރު ޢީދެވެ. އަދި ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އަޟްޙާ ޢީދެވެ.

 

 

ފިޠުރު ޢީދު ނަމާދު

ޢީދުގެ ޝިޢާރުތަކުގެ ތެރެއިން އެންމެ މާތްވެގެންވާ ޝިޢާރަކީ ޢީދު ނަމާދެވެ. ފިޠުރު ޢީދު ނަމާދަކީ ޝަރުޢުވެގެންވާ ނަމާދެއް ކަމާމެދު ޢިލްމުވެރިންވަނީ އިޖުމާޢުވެފައެވެ. އެކަމުގެ ދަލީލަކީ الله سبحانه وتعالى ގެ ވަޙީ ބަސްފުޅެވެ. ﴿قَدْ أَفْلَحَ مَن تَزَكَّىٰ.  وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ ﴾ މިއާޔަތާ މެދު الشيخ تقي الدين رحمه الله ވިދާޅުވެފައިވެއެވެ. [މިއާޔަތުގައި މާތް الله سبحانه وتعالى ވަނީ ނަމާދުގެ މައްޗަށް ޒަކާތް އިސްކުރަށްވާފަ އެވެ. އެހެން ކަމުން ސުންނަތަކީ ފިޠުރު ނަމާދުގެ ކުރިން ފިޠުރު ޒަކާތް ނެރުމެވެ.] ހަމައެފަދައިން ޢީދު ނަމާދު ޝަރުޢު ވެގެންވާ ކަމުގެ މައްޗަށް ނަބިއްޔާ صلّى الله عليه وسلّم ގެ ސުންނަތުންވެސް ގިނަގުނަވެގެންވާ ދަލީލުތައް ވާރިދުވެގެން އައިސްފައިވެއެވެ. އެ ނަބިއްޔާ صلّى الله عليه وسلّم އެންމެ ފުރަތަމަ ފިޠުރު ޢީދު ނަމާދު ކުރެއްވީ ހިޖުރައިން 2 ވަނަ އަހަރުގަ އެވެ. އެއަށްފަހު ޢީދު ނަމާދު ކުރުމުގެ މަތީގައި އަވަހާރަފުޅު ވަންދެން ދެމި ހުންނެވި އެވެ. އެނަބިއްޔާ صلّى الله عليه وسلّم އަށްފަހު 4 ޚަލީފާއިންވެސް މިކަމުގެ މަތީގައި ދެމިތިއްބެވި އެވެ. އެއްވެސް ޢީދެއްގައި ޢީދު ނަމާދުކޮށް ދޫކޮށްލިކަމަށް އެޞަޙާބީންގެ ފަރާތުން ސާބިތުވެފައެއް ނުވެ އެވެ. عبد الله بن عبّاس رضي الله عنهما ގެ ފަރާތުން البخاري އަދި مسلم ރިވާކުރައްވާފައިވާ ރިވާޔަތެއްގައި ވެއެވެ. عبد الله بن عبّاس رضي الله عنهما ވިދާޅުވިއެވެ. ތިމަންނަ ނަބިއްޔާ صلّى الله عليه وسلّم ގެ އަރިހުގައި ޢީދު ނަމާދުގައި ބައިވެރިވީމެވެ. އަދި އަބޫ ބަކުރާއި، ޢުމަރާއި، އަދި ޢުޘްމާން   رضي الله عنهم أجمعين  އާއި އެކުގައިވެސްމެ އެވެ.]


އަންހެނުންގެ މައްޗަށް ޢީދު ޝަރުޢުވެގެންވޭ ހެއްޔެވެ؟

ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންގެ މައްޗަށްވެސް ޢީދު ނަމާދު ޝަރުޢުވެގެންވެ އެވެ. أمّ عطيّة رضي الله عنها ގެ ފަރާތުން البخاري އާއި مسلم ރިވާކުރައްވާފައިވާ ރިވާޔަތުން އެނގިގެންދާ ގޮތުގައި ޢީދު ނަމާދަށް ނުކުތުމަށް އަންހެން ބޭކަނބަލުންގެ މައްޗަށްވެސް ނަބިއްޔާ صلّى الله عليه وسلّم އަމުރުކުރެއްވިއެވެ. އެހެނަސް އަންހެންވެރިން ޢީދު ނަމާދަށް ނުކުންނަ އިރު ވަސްގަދަ އަތަރެއް ބޭނުންކޮށްގެން ނުވާނެ އެވެ. ހަމައެފަދައިން ހާމަކަންބޮޑު، ޒީނަތްތެރިކަން ފާޅުވެ ފިތުނަވެރިކަމަށް މަގުފަހިވާފަދަ ފޭރާމެއް ލައިގެން ނުވާނެ އެވެ. ޙައިޟުވެރިޔާއަށް ވެސް ޢީދު ނަމާދުކުރާ މައިދާނަށް ޙާޟިރުވެ ޚުޠުބާ އަޑުއެހުން މުސްތަޙައްބު ވެގެންވެ އެވެ. އެހެން ނަމަވެސް ޢީދު ނަމާދު ކުރުމެއް ޙައިޟުވެރިޔާގެ މައްޗަކަށް ނެތެވެ. އަދި ޙައިޟުވެރިޔާ ޢީދު މުޞައްލާއަށް ޙާޟިރުވެއްޖެ ހިނދުގައި ހުންނާނީ މީސްތަކުންނާ ވަކިން މުސައްލާއާ ދުރުގަ އެވެ.
ޢީދު ނަމާދު ކުރާނީ ކޮންތާކު؟


ޢީދު ނަމާދު ކުރުން ސުންނަތްވެގެންވަނީ މުޞައްލާގަ އެވެ. (އެބަހީ: މިސްކިތް ނޫން އެހެން ހުސް ބިމެއްގަ އެވެ.) އެއީ މާތް ނަބިއްޔާ صلّى الله عليه وسلّم ކަންތައް ކުރެއްވި ގޮތެވެ. أبو سعيد الخدري رضي الله عنه ގެ ފަރާތުން البخاري އަދި مسلم ރިވާކުރައްވާފައިވާ ރިވާޔަތެއްގައިވެއެވެ. أبو سعيد الخدري رضي الله عنه ވިދާޅުވިއެވެ. [ފިޠުރު ޢީދުގައި އަދި އަޟްޙާ ޢީދުގައި ޢީދު ނަމާދު ކުރެއްވުމަށްޓަކައި ނަބިއްޔާ صلّى الله عليه وسلّم މުޞައްލާއަށް ނުކުމެވަޑައިގަންނަވަ އެވެ.] ޢުޒުރެއް (މިސާލަކަށް: ވާރޭ ވެހުން) މެދުވެރިވެގެން މެނުވީ މިސްކިތުގައި ޢީދު ނަމާދު ކުރެއްވިކަމެއް އެނަބިއްޔާ صلّى الله عليه وسلّم ގެ ފަރާތުން ސާބިތުވެފައެއްނުވެ އެވެ. ޢީދު ނަމާދު ކުރުމަށްޓަކައި ހުސްބިމަކަށް ނުކުތުމުގެ މަޤްޞަދަކީ އޭގެ ސަބަބުން އިސްލާމްދީނާއި މުސްލިމުންގެ ހައިބަތު ހާމަކޮށް ދީނުގެ ޝިޢާރުތައް ފާޅުކުރުމެވެ. މިކަމުގައި އެއްވެސް ބުރައެއް އަދި ތަކްލީފެއް ނެތެވެ. އެހެނީ ޢީދަކީ ހުކުރު ނަމާދާ ޚިލާފަށް ކޮންމެ ހަފްތާއަކު ތަކުރާރުވާ ނަމާދެއް ނޫނެވެ. އެހެންނަމަވެސް، މައްކާގައި ނަމަ، ޢީދު ނަމާދު ކުރުން ސުންނަތްވެގެން ވަނީ މަސްޖިލް ޙަރާމްގަ އެވެ.


ޢީދު ދުވަހު ކުރުން ސުންނަތް ވެގެންވާ ބައެއް ކަންތައްތައް:

1. ޢީދު ނަމާދަށް ހިނައިގަތުން: ޢީދު ނަމާދަށް ހިނައިގަތުމަކީ މާތް ނަބިއްޔާ صلّى الله عليه وسلّم ގެ ޞަޙާބީންގެ ފަރާތުން ސާބިތުވެގެންވާ ސުންނަތެކެވެ. نافع ގެ ފަރާތުން ސާބިތުވެގެންވާ ކަމަށް أحكام العيدين ގައި الفريابي ރިވާކުރައްވައި ވިދާޅުވެފައިވެ އެވެ.  ފަހެ، عبد الله بن عمر رضي الله عنهما ދެ ޢީދު ނަމާދަށް ހިނާވަޑައިގަންނަވަ އެވެ. بداية المجتهد ގައި الإمام ابن رشد ވިދާޅުވެފައިވެއެވެ. [ޢީދު ނަމާދަށް ހިނައިގަތުމަކީ  އެދެވިގެންވާ ސުންނަތެއް ކަމާމެދު ޢިލްމުވެރިން ވަނީ އިޖްމާޢުވެފަ އެވެ.] ޢީދުނަމާދަށް ހިނައިގަތުން ސުންނަތް ވެގެންވަނީ ޢީދު ދުވަހުގެ ފަތިސް ނަމާދަށްފަހު ޢީދު މުޞައްލާއަށް ދިޔުމުގެ ކުރިންނެވެ. އަދި ހިނައިގަތުން އޮތީ ޖުނުބުވެރި ވެފައިވާ މީހާ ހިނައިގަންނަޖެހޭ ފަދައިންނެވެ.


2. ޢީދު ދުވަހަށްޓަކައި ޒީނަތްތެރި ވުމުގެ ގޮތުން އަތުގައި އޮތް އެންމެ ރީތި ހެދުމެއް ލުމާއި މީރުވަސްދުވާ އަތަރު ބޭނުންކުރުން: محمد بن إسحاق ގެ ފަރާތުން ވާރިދުވެގެން އައިސްފައިވެއެވެ. نافع ގެ އަރިހުގައި ތިމަންނަ ދެންނެވީމެވެ. عبد الله بن عمر رضي الله عنهما ޢީދު ނަމާދު ކުރަށްވަނީ ކިހިނެއް ހެއްޔެވެ؟ އެހިނދު ވިދާޅުވި އެވެ. އެދުވަހުގެ ފަތިސް ނަމާދު އިމާމާއެކު ޖަމާޢަތުގައި ކުރަށްވަ އެވެ. އެއަށްފަހު ގެއަށް އެނބުރި ވަޑައިގެން ޖުނުބުވެރިއަކު ހިނައިގަންނަ ފަދައިން ހިނާވަޑައިގަންނަވަ އެވެ. އަދި އެންމެ ރީތި ހެދުން ތުރުކުރައްވަ އެވެ. އަދި އެންމެ މީރުވަސްދުވާ އަތަރެއް ބޭނުންކުރައްވަ އެވެ.]


3. ޢީދު ނަމާދަށް ދިޔުމުގެ ކުރިން އޮނަހިރި ޢަދަދަކަށް ކަދުރު ކެއުން: أنس رضي الله عنه ގެ ފަރާތުން الإمام البخاري ރިވާކުރައްވާފައިވެ އެވެ. أنس رضي الله عنه ވިދާޅުވި އެވެ. [އޮނަހިރި ޢަދަދަކަށް  ކަދުރު ފަރީއްކުޅުއްވުމަށް ފަހުގައި މެނުވީ ނަބިއްޔާ صلّى الله عليه وسلّم ފިޠުރު ޢީދު ނަމާދަށް ނުކުމެވަޑައިނުގަންނަވަ އެވެ.]


4. ޢީދު ނަމާދަށް ހިނގާފައި ދިޔުން: سنن ގައި  الإمام الترمذي رحمه الله ވިދާޅުވެފައިވެއެވެ. [ޢީދު ނަމާދަށް ހިނގާފައި ދިޔުމަކީ މުސްތަޙައްބު ކަމެއް ކަމަށް ގިނަ ޢިލްމުވެރިން ދެކިލައްވަ އެވެ.]


5. ޢީދު ނަމާދަށް ދިޔުމާއި އަދި އައުމުގައި މަގު ބަދަލުކުރުން: جابر رضي الله عنه ގެ ފަރާތުން الإمام البخاري ރިވާކުރައްވާފައިވެއެވެ. جابر رضي الله عنه ވިދާޅުވި އެވެ. [ޢީދު ދުވަހުގައި ރަސޫލު ﷲ صلّى الله عليه وسلّم މަގު ބަދަލު ކުރައްވައެވެ.] بداية المجتهد ގައި الإمام ابن رشد ވިދާޅުވެފައިވެއެވެ. [ޢީދު ނަމާދުން އެނބުރި އައުމުގާ ޢީދު ނަމާދަށް ދިޔަ މަގު ނޫން އެހެން މަގަކުން އައުމަކީ ސުންނަތެއް ކަމާމެދު ވަނީ އިޖުމާޢު ވެވިގެންނެވެ. އެއީ އެކަމަކީ މާތް ނަބިއްޔާ صلّى الله عليه وسلّم ގެ ފަރާތްޕުޅުން ސާބިތުވެގެންވާ ކަމެއް ކަމުގައިވާތީ އެވެ.]


6. ފިޠުރު ޢީދު ދުވަހު ތަކުބީރު ކިޔުން: ފިޠުރު ޢީދުގައި التّكبير المطلق ސުންނަތް ވެގެންވެ އެވެ. މާތް الله سبحانه وتعالى ވަޙީ ކުރަށްވާފައިވެ އެވެ. ﴿وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ﴾  މިއާޔަތުގެ ތަފްސީރުގައި الإمام ابن كثير رحمه الله ވިދާޅުވެފައިވެއެވެ. [ފިޠުރު ޢީދުގައި ތަކްބީރު ކިޔުމަކީ ޝަރުޢުވެގެންވާ ކަމެއް ކަމަށް މިއާޔަތުން ދަލީލު ލިބޭ ކަމަށް ވަރަށް ގިނަ ޢިލްމުވެރިން ދެކިލައްވަ އެވެ.] ޢީދު ވިލޭރޭގެ ހަނދު ފެނުނީއްސުރެ އިމާމް މީހާ ޢީދު ޚުޠުބާ ކިޔުމަށް މިންބަރަށް އަރައިފުމަށް ދާންދެން މި ތަކްބީރު ކިޔުމުގެ ވަގުތު ދެމިގެންވެ އެވެ. އަދި މި ތަކްބީރު ކިޔުމުގައި އަޑު އުފުލުން ފިރިހެނުންގެ މައްޗަށް ސުންނަތްވެގެންވެ އެވެ. އަންހެން ކަނބަލުންގެ މައްޗަށް ތަކްބީރު ކިޔުމުގެ އަޑު އުފުލުމެއް ނެތެވެ.


ފިޠުރު ޢީދުގައި ތަކްބީރު ކިޔަންވީ ގޮތާ ބެހޭގޮތުން عبد الله بن مسعود رضي الله عنه ގެ އަރިހުން المصنّف ގައި ابن أبي شيبه ރިވާކުރައްވާފައިވާ ރިވާޔަތުގައި ބަޔާންވެފައިވާ ޞީޣާ (ސިފަ) އަކީ الله أكبر الله أكبر لاإله إلّا الله والله أكبر الله أكبر ولله الحمد މިއެވެ. މިރިވާޔަތް ޞައްޙަ ކަމުގައި إرواء الغليل ގައި الإمام الألباني رحمه الله ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މިގޮތަށް ތަކްބީރު ކިޔުމަށް ވަރަށް ގިނަ ތާބިޢީންގެ ފަރާތުން ރިވާވެގެން އައިސްފައިވާ ކަމަށް المصنّف ގައި ابن أبي شيبه ވިދާޅުވެފައިވެއެވެ. އަދި ހަމަމިފަދައިން أحكام العيدين ގައި الفريابي ވެސް ވިދާޅުވެފައިވެއެވެ.


ޢީދު ނަމާދު ކުރާނޭ ގޮތް:

ޢީދު ނަމާދަކަށް ބަންގިއެއް އަދި ގަމަތެއްނުވެ އެވެ. ޢީދު ނަމާދަކީ 2 ރަކުޢަތުގެ ނަމާދެކެވެ. ފުރަތަމަ ރަކުޢަތުގައި ޙަރަންބަން ތަކްބީރަށް ފަހު ދުޢާއުލް އިސްތިފްތާޙް ކިޔާނީ އެވެ. އެއަށްފަހު އިތުރު 6 ތަކްބީރު ކިޔާނީ އެވެ. ތަކްބީރުތުލް އިޙްރާމް ފިޔަވާ އަނެއް 6 ތަކްބީރަކީ ސުންނަތް ވެގެންވާ ތަކުބީރު ތަކެކެވެ. އެއިން ތަކްބީރެއް ނުކިޔުނު ކަމުގައި ވިޔަސް ނަމާދަށް އަސަރެއް ނުކުރާނެ އެވެ. އެއަށްފަހު أعوذ ކިޔުމަށްފަހު އެހެން ނަމާދު ތަކޭ އެއްގޮތަށް ސޫރަތުލް ފާތިޙާ އާއި އަދި ޤުރުއާނުން އެހެން އާޔަތްތަކެއް ކިޔަވާނީ އެވެ. ސޫރަތުލް ފާތިޙާ އަށް ފަހު ފުރަތަމަ ރަކްޢަތުގައި ސޫރަތުލް އަޢުލާ ކިޔުން ސުންނަތްވެގެންވެ އެވެ. އެއަށްފަހު އެހެން ނަމާދުތަކޭ އެއްގޮތަށް ރަކުޢަތް ފުރިހަމަ ކުރާނީ އެވެ. ދެވަނަ ރަކުޢަތަށް ތެދުވުމަށްފަހު އިތުރަށް 5 ފަހަރު ތަކްބީރު ކިޔަންވާނެ އެވެ. ދެން އެހެން ނަމާދުތަކޭ އެއްގޮތަށް ރަކުޢަތް ފުރިހަމަ ކުރާނީއެވެ. ދެވަނަ ރަކުޢަތުގައި ފާތިޙާ ސޫރަތަށްފަހު ސޫރަތުލް ޣާޝިޔާ ކިޔެވުން ސުންނަތް ވެގެންވެ އެވެ. އިސްވެ ބަޔާންކުރެވުނު ފަދައިން ތަކްބީރު ތައް ކިޔުމުގައި ޢަދަދު އޮޅުން އަރައި ޝައްކު ވެއްޖެނަމަ، ޔަޤީންވާ އެންމެ މަދު މިންވަރަކަށް ތަކްބީރު ކިޔުނީ ކަމަށް ބަލައި ތަކްބީރުތައް ފުރިހަމަ ކުރާނީ އެވެ.


ޢީދު ނަމާދުގެ ކުރިންވެސް އަދި ޢީދު ނަމާދުގެ ފަހުންވެސް، ޢީދު މުޞައްލާގައި އެއްވެސް ސުންނަތެއް ކުރެއްވިކަމަށް ނަބިއްޔާ صلّى الله عليه وسلّم ގެ އަރިހުން ސާބިތުވެފައެއް ނުވެ އެވެ. ނަމަވެސް، މުޞައްލާއިން އެނބުރި ގެއަށް ވަޑައިގެން ގޭގައި 2 ރަކުޢަތުގެ ނަމާދެއް ކުރުން ސުންނަތް ވެގެންވެ އެވެ. މިފަދައިން 2 ރަކުޢަތް ގޭގައި ކުރެއްވި ކަމަށް އިމާމް އަޙްމަދާއި އެހެންވެސް ބައެއް ޢިލްމުވެރިންގެ އަރިހުން ވާރިދުވެގެންވެ އެވެ. ޢީދު ނަމާދުން އަވަދިވުމުން އިމާމް މީހާ މީސްތަކުންނާ ޚުޠުބާ އެއް އިއްވާނެ އެވެ. އެ ޚުޠުބާ އަޑުއެހުން ސުންނަތް ވެގެންވެ އެވެ.


ޢީދު ދުވަހުގެ ތަހުނިޔާ ކިޔުން

ޢީދު ދުވަހުގައި އެކަކު އަނެކަކަށް ތަހުނިޔާ ކިޔުމަކީ ހެޔޮވެގެންވާ ޤަރުނުތަކުގެ އަހުލުވެރިން ކަމުގައިވާ ސަލަފުއް ޞާލިޙުންގެ ފަރާތުން، އަދި ޚާއްޞަކޮށް ޞަޙާބީންގެ ފަރާތުން ސާބިތުވެފައިވާ ޢަމަލެކެވެ. އެގޮތުން ޞަޙާބީން އެއްބަޔަކު އަނެއްބަޔަކަށް ތަހުނިޔާ ކިޔުމުގެ ގޮތުން تقبّل الله منّا ومنكم މިފަދައިން ވިދާޅުވާ ކަމަށް فتح الباري ގައި ابن حجر رحمه الله ވިދާޅުވެފައިވެއެވެ.

 

*****


މިލިޔުމުގައިވާ މަޢުލޫމާތު ނަގާފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ މެމްބަރެއް ކަމުގައިވާ الشيخ صالح الفوزان حفظه الله ޢީދު ދުވަހުގެ ޙުކުމްތަކާ ބެހޭގޮތުން ޝާއިޢު ކުރައްވާފައިވާ ލިޔުމަކުންނެވެ. އަދި މީގެ އިތުރުން ފިޠުރު ޢީދުގެ ޙުކްމަތަކާ ބެހޭގޮތުން الشّيخ عبد القادر الجنيد حفظه الله ލިޔުއްވާފައިވާ ލިޔުމަކުންނެވެ.


Like what you see?

Close

Hit the buttons below to follow us, you won't regret it...