5  ބިދުޢަ އާއި ހަވާނަފްސުގެ އަހުލުވެރިންނާއި ބެހޭގޮތުން ވާހަކަދެއްކުން އެއީ ޣީބަ ބުނުން ކަމުގައިވާނެތޯ؟ - الشَّيْخُ محمد نَاصِرُ الدِّين الأَلْبَانِي رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ބިދުޢަ އާއި ހަވާނަފްސުގެ އަހުލުވެރިންނާއި ބެހޭގޮތުން ވާހަކަދެއްކުން އެއީ ޣީބަ ބުނުން ކަމުގައިވާނެތޯ؟ - الشَّيْخُ محمد نَاصِرُ الدِّين الأَلْبَانِي رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ބިދުޢަވެރިންނަށް ރައްދުދިނުމާއި އިންޒާރު ދިނުން

މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ ބިދުޢައިގެ އަހުލުވެރިން ފަޟީހަތްކޮށް، އެބައިމީހުންނާ ބެހޭގޮތުން ކޮންމެހެންވެސް އިންޒާރުދޭން ޖެހޭނެ އެވެ. އަދި އެއީ ޣީބަ ބުނުމުގެ ތެރެއިންވާ ކަމެއް ނޫނެވެ.

ސުވާލު: ބިދުޢައިގެ އަހުލުވެރިން ފަޟީޙަތްކުރުން، ނުވަތަ އޭނައާ ބެހޭގޮތުން ވާހަކަދައްކައި އޭނާ ނިކަމެތިކޮށްލުން ހުއްދަވެގެންވޭތޯ އެވެ؟


ޖަވާބު: ބިދުޢައިގެ އަހުލުވެރިއާއަށް ދެ ހާލަތެއްވެ އެވެ: އޭނާ އަކީ މީސްތަކުންނާ ދުރުގައި އުޅޭ (މީސްތަކުންނަށް އޭނާގެ ބިދުޢައިގެ އަސަރު ނުކުރާ، މަޝްހޫރު ކަމެއް ނެތް) މީހެއް ކަމުގައިވުމެވެ. ނުވަތަ އޭނާ އަކީ މީސްތަކުންގެ މެދުގައި މަޝްހޫރު މީހެއް ކަމުގައިވުމެވެ. ފަހެ ފުރަތަމަ ހާލަތުގައި (ހުރި މީހެއް) ނަމަ، އެމީހަކު ފަޟީޙަތް ކުރުމަށް ހާޖަތް ޖެހިގެން ނުވެ އެވެ. އެއީ އޭނާގެ ގެއްލުން ވަނީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ކަމުގައިވާތީ އެވެ. ދެން ފަހެ އަނެއް ހާލަތުގައި (ހުރި މީހެއް) ނަމަ، ކޮންމެހެންވެސް އޭނާ ފަޟީޙަތްކޮށް، އޭނައާ ބެހޭގޮތުން އިންޒާރުދޭން ޖެހޭނެ އެވެ. އެއީ އޭނައާ އެކީގައި ދިރިއުޅޭ މީސްތަކުންނަށް އޭނާގެ ފަރާތުން ކެހި ނުލިބުމަށްޓަކައެވެ. އަދި އެކަމަކީ ޝަހުވަތްތަކަށް ގަދައަށް ތަބައަވާ ބައެއް މީހުން ހީކުރާ ގޮތާ ޚިލާފަށް، އެއްވެސް ގޮތުގައި ޣީބަ ބުނުމުގެ ތެރެއިންވާ ކަމެއް ނޫނެވެ. އަދި މި ޙަދީޘް: {الغِيبَةُ ذِكْرُكَ أَخَاكَ بِمَا يَكْرَه}(1)، މާނައީ: "ޣީބަ އަކީ ތިބާގެ އަޚާ ނުރުހުންތެރިވާ ކަމެއް ތިބާގެ އަޚާއާ ބެހޭގޮތުން ބުނުމެވެ." މި ޙަދީޘަކީ ޚާއްސަކުރެވިގެންވާ އާންމު ޙަދީޘްތަކުގެ ތެރެއިންވާ ޙަދީޘެކެވެ. އަދި ފިޤުހު ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުންގެ ބަސްފުޅު އަހަރެން ވަނީ ދެ ޅެންބައިތަކުން ތިޔަބައިމީހުންނަށް ޛިކުރުކޮށްދީފަ އެވެ. އެބޭފުޅުން ވަނީ އެ ދެ ޅެންބައިތުގައި، ޙަރާންކަމުން އިސްތިސްނާ ކުރެވިގެންވާ ޣީބަ އެކުލަވައިލައްވާފަ އެވެ. ފަހެ (އެ ޅެންބައިތު) ވިދާޅުވި ބޭފުޅަކު ވިދާޅުވި އެވެ:

القَـــدْحُ لَــيْـسَ بِغِيبَةٍ فِـي سِـــتَّةٍ             مُـــتَظَلِّمٍ وَمُعَـــرِّفٍ وَمُـــــحَـــذِّرِ
وَمُجَاهِرٍ فِسْقاً وَمُسْتَفْتٍ وَمَــن             طَلَبَ الإِعَانَةَ فِي إِزَالَةِ مُنْكَرِ
މާނައީ: "އެބަޔަކު އައިބުބަސް ބުނުމުން އެއީ ޣީބަ ބުނާ ބައެއްގެ ގޮތުގައި ނުހިމެނޭ ހަ މީހެއްވެ އެވެ: އަނިޔާވެރިކަމުގެ ޝަކުވާ އުފުލާ މީހާއާއި، (ކާކުކަން އަންގައިދޭން) ތަޢާރަފްކޮށްދޭ މީހާއާއި، އިންޒާރު ދޭ މީހާ އެވެ. އަދި ފާސިގުކަމެއް ކަޝްފުކޮށް ބަޔާންކޮށްދޭ މީހާ އާއި، ފަތުވާ ހޯދަން ސުވާލު ކުރާ މީހާއާއި، މުންކަރާތެއް ނެތިކޮށްލަން އެހީތެރިކަމަށް އެދޭ މީހާ އެވެ."

ފަހެ މިތަނުގައި، ބިދުޢަވެރިއާ އާއި އޭނާ ފަޟީޙަތް ކުރުން ވަންނަނީ التَّعْرِيف (ކާކުކަން އަންގައިދޭން ތަޢާރަފް ދިނުން) މިބައި، އަދި التَّحْذِير (އިންޒާރު ދިނުން) މިބަޔަށެވެ. އަދި އެހެންވެގެން، ޙަދީޘް ރިވާކުރި ރާވީންގެ ތެރެއިން ގިނަ ބަޔަކު ދީނަށް އަލަށް ގެނެސްފައިވާ ކަމެއް ކުރުމުގައިވާ ނަމަ އެކަމާ ބެހޭގޮތުން ޚަބަރު ފޯރުކޮށްދެއްވުމަށް، ޙަދީޘްގެ ޢިލްމުވެރިން ވަނީ އިއްތިފާގުވެވަޑައިގަނެފަ އެވެ. الله އެބޭފުޅުންނަށް ހެޔޮ ޖަޒާ ދެއްވާށި އެވެ. އަދި މިހުރިހައި ކަމަކީ، މީސްތަކުންނަށް ބަޔާންކޮށްދިނުމުގެ ވާޖިބައިގެން އެ ޢިލްމުވެރިން ގާއިމްވެވަޑައިގަތުމުގެ ތެރެއިންވާ ކަމެކެވެ. އެއީ ސަލާމަތްކަމުގެ މަތީގައި ދެމިހުރި ރާވީއަކީ ކޮބައިކަން ދެނެގަތުމައްޓަކައެވެ. އޭނާގެ ކިބައިން ޢަޤީދާ ނެގުމައްޓަކައެވެ. އަދި ބިދުޢަވެރި ރާވީ އަކީ ކޮބައިކަން ދެނެގަތުމައްޓަކައެވެ. އެއީ އޭނާއާއި، ޤުރުއާނާއި ސުންނަތުން އެއްކިބާވެފައިވާ އޭނާގެ ޢަޤީދާ ދޫކޮށްލުމައްޓަކައެވެ.


◇  ◇  ◇
ފަތުވާ ނަގާފައިވަނީ: "الاِبْتِدَاعُ فِي الدِّين" މިނަމުން ޝައިޚު ދެއްވާފައިވާ މުޙާޟަރާއެއްގައި، ޝައިޚަށް ކުރެވިފައިވާ ސުވާލަކުން.
ސުވާލުގެ އޯޑިއޯ ލިންކް: http://goo.gl/nSsMgE

(1) ރިވާކުރެއްވީ: مسلم في كتاب البر والصلة والآداب، باب تحريم الغيبة، برقم (2589)، وأبو داود في كتاب الأدب، باب في الغيبة، برقم (4874)، والترمذي في كتاب البر والصلة عن رسول الله ﷺ، باب ما جاء في الغيبة، برقم (1934).

Like what you see?

Close

Hit the buttons below to follow us, you won't regret it...