ޙައްޤު އޮޅުވާލައި ބާޠިލް ފެތުރުމަށްޓަކައި ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ބޭނުންކުރާ އުސްލޫބުތައް 01 - މުތަޝާބިހު ނައްޞުތަކުން ދަލީލު ނެގުން

ފުރަތަމަ ބައި: މުތަޝާބިހު ނައްޞުތަކުން ދަލީލު ނެގުން.
بسم الله ، الحمد لله ، والصّلاة والسّلام على رسول الله وعلى آله وصحبه ومن والاه ، أمّا بعد:
ހަމަކަށަވަރުން، ޙައްޤާއި ބާޠިލާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައަކީ ޤަދީމީ ހަނގުރާމައެކެވެ. އަދި ބާޠިލުގެ އަހުލުވެރިންގެ ނުބައިކަމާއި މުޑުދާރުކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ވުމުން، ޙައްޤުގެ އަހުލުވެރިންގެ މައްޗަށް އޮތީ ޙައްޤު ގޮތުގައި ސާބިތުވެ ތިބުމެވެ. ޙައްޤު ގޮތުގައި ދެމި ތިބުމެވެ. އަދި ބާޠިލުގެ އަހުލުވެރިން ގެންގުޅޭ ގޮތްތަކާއި އުކުޅުތައް ދެނެގަތުމެވެ. އެއީ އެއާއި މެދު ސަމާލުވެ ތިބުމަށްޓަކައެވެ. މި ސިލްސިލާ ލިޔުންތަކުގައި މި ގެނެސްދެނީ ބާޠިލުގެ އަހުލުވެރިން އެބައިމީހުންގެ ބާޠިލު ފެތުރުމަށްޓަކައި ބޭނުންކުރާ ބައެއް އުސްލޫބުތަކާއި، އަހްލުއްސުންނަތި ވަލްޖަމާޢަތް އެކަންތައްތަކާއި މެދު ދެކޭ ގޮތެވެ. މި ސިލްސިލާ ލިޔުމުގައި އަސްލެއް ކަމުގައި ބަލާފައިވާނީ الشيخ عبد الله بن عبد الرحيم البخاري -حفظه الله- ގެ "تحذير النبلاء من طرائق أهل البدع والأهواء" މި ނަން ދެވިގެންވާ މުޙާޟަރާއެވެ. އަދި މިނޫން ބައެއް މަޞްދަރުތަކަށްވެސް ރުޖޫޢަވެފައި ވާނެއެވެ.
ފަހެ، ބާޠިލުގެ އަހުލުވެރިން އެބައިމީހުންގެ ބާޠިލް ފެތުރުމަށްޓަކައި ބޭނުން ކުރާ އެއް އުސްލޫބަކީ މުތަޝާބިހު ނައްޞުތަކުން ދަލީލު ނެގުމެވެ.
މިއާޔަތް ވާރިދުވެފައިވާ ޢަޖައިބުކުރުވަނިވި ސިޔާޤަށް ބައްލަވާށެވެ! މިއާޔަތުގައި ފުރަތަމަ އެކަލާނގެ ވަޙީ ކުރެއްވީ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ އެބަހީ: " ފަހެ، ޙައްޤުމަގުން އެއްކިބާވުމުގެގޮތް، އެބައެއްގެ ހިތްތަކުގައިވާ މީހުން ދަންނާށެވެ! ފަހެ، އެބައިމީހުން ފިތުނަތައް އުފެއްދުމުގެ ބޭނުމުގައްޔާއި، އެ އާޔަތްތައް އެކި ގޮތްގޮތަށް މާނަކުރުމުގެ ބޭނުމުގައި، އެ ފޮތުގައިވާ މުތަޝާބިހު އާޔަތްތައް ނަގައި އޭގައި ހިފަހައްޓައެވެ." ދެން، އޭގެ ފަހުން އެކަލާނގެ ވަޙީ ކުރެއްވީ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ އެބަހީ: އަދި، ޢިލްމުގައި ހަރުދަނާކަމާއި ސާބުތުކަން ލިބިފައިވާ މީހުން ބުނާހުށީ......"
ނިކަން ބައްލަވާށެވެ! ޙައްޤުމަގުން އެއްކިބާވުމުގެގޮތް އެބައެއްގެ ހިތްތަކުގައިވާ މީހުންނަށް އިނދިކޮޅެއްގެ ގޮތުގައި އެކަލާނގެ (( الرَّاسِخُونَ فِي الْعِلْمِ )) ޛިކުރު ކުރެއްވިއެވެ. (( الرَّاسِخُونَ فِي الْعِلْمِ )) އެއީ ޢިލްމުގައި رَاسِخ ޢިލްމުވެރިންނެވެ. އެބަހީ: ހަރުދަނާ ކަމާއި ސާބިތުކަން ލިބިފައިވާ ޙައްޤު ޢިލްމުވެރިންނެވެ. އެ ޢިލްމުވެރިންނަކީ މުތަޝާބިހަށް ތަބަޢަވާ ބަޔެއް ނޫނެވެ. އަދި ކިއެއްތަ! އެބޭކަލުން ވިދާޅުވަނީ كُلٌّ مِنْ عِنْدِ رَبِّنَا "ހުރިހާ އާޔަތްތަކެއްވެސް ވަނީ ތިމަންމެންގެ ވެރި ރައްބުގެ ޙަޟްރަތުންނެވެ." އެބަހީ: މުޙުކަމު އާޔަތްތަކާއި މުތަޝާބިހު އާޔަތްތައް ހިމެނޭ ގޮތަށް ހުރިހާ އާޔަތްތަކެއްވެސް ވަނީ ތިމަންމެންގެ ވެރި ރައްބުގެ ޙަޟްރަތުންނެވެ.
ޢިލްމުގައި رَاسِخ ޢިލްމުވެރިންނަކީ ކޮބައިކަން ބަޔާންކުރައްވައި "الاعتصام (1/282)" ގައި الشّاطبي -رحمه الله- ވިދާޅުވެފައިވެއެވެ. "އެބޭކަލުންނަކީ ޝަރުޢީ ޢިލްމުގައި ފައިތިލަތައް ސާބިތުވެގެންވާ ބޭކަލުންނެވެ." ފަހެ، މުތަޝާބިހަށް ތަބަޢަވާ މީހާއަކީ މިފަދަ رَاسِخ ޢިލްމުވެރިންގެ ތެރެއިން ހިމެނޭނޭ މީހެއް ނޫނެވެ.
އަޚާއެވެ! ޚަވާރިޖުން عَلِي -رضي الله عنه- އާއި ދެކޮޅަށް ނުކުތް އިރު އެބައިމީހުންވެސް ދަލީލު ނެގީ ޤުރުއާނުން ނޫންތޯއެވެ؟ އެބައިމީހުން ބުންޏެވެ. ދީނުގައި ޙުކުމްކުރާ ފަރާތްތަކެއްގެ ގޮތުގައި، އޭނާ (އެބަހީ: عَلِي -رضي الله عنه-)، ބަޔަކު މީހުން ޢައްޔަން ކޮށްފިއެވެ. އެހެނަސް ﷲ ވަޙީ ކުރެއްވީ إِنِ الْحُكْمُ إِلَّا لِلَّهِ الأنعام: ٥٧ މިފަދައިންނެވެ. އެބަހީ: ޙުކުމް ކުރެއްވުން ﷲ އަށް މެނުވީ ނުވެއެވެ. ފަހެ، މި އާޔަތް ދަލީލެއްގެ ގޮތުގައި ނަގައިގެން އެބައިމީހުން عَلِي -رضي الله عنه- އާއި ދެކޮޅަށް ނުކުތެވެ. މިއަދާ ޖެހެންދެންވެސް އެބައިމީހުންގެ ޢަމަލުތައް ހުރީ މިފަދައިން ނޫންތޯއެވެ؟ ވެރިންނާއި ރައްޔިތުން ކާފަރު ކުރުމުގައި އެބައިމީހުން ގެންނަ ސަބަބަކީ އެ ފަރާތްތައް ﷲ عَزَّوَجَلَّ ބާވައިލެއްވި ޙުކުމްފުޅާ އެއްގޮތަށް ޙުކުމް ނުކުރުން ނޫންތޯއެވެ؟ ތިބާ، އެބައިމީހުންނެކޭ އެއްފަދައިން އެ ފަރާތްތައް ކާފަރު ނުކޮށްފިނަމަ، ތިބާއަކީވެސް ކާފަރެއް ކަމުގައި ބުނާނެއެވެ. ސަބަބަކީ، ކާފަރަކީ ކާފަރެކޭ ނުބުނާ މީހާ، ނުވަތަ ކާފަރެއްގެ ކާފަރުކަމާމެދު ޝައްކުކުރާ މީހާއަކީވެސް ކާފަރެއް ކަމުގައި ވެގެންދާތީއެވެ!
އެބައިމީހުން ދަލީލުތައް ނަގަނީ ޤުރުއާނާއި ސުންނަތުގައިވާ މުތަޝާބިހު ނައްޞުތަކުންނެވެ. ފަހެ، އިސްވެ ޛިކުރުކުރެވުނު ޚަވާރިޖުންނާއި ބަޙުޘްކުރަށްވައި އެބައިމީހުން ޙައްޤުމަގަށް ރުޖޫޢަވުމަށް ނަޞޭޙަތްދިނުމަށް އެބައިމީހުންގެ ގާތަށް عبد الله بن عبّاس -رضي الله عنهما- ފޮނުވުނެވެ. ފަހެ، ابن عبّاس -رضي الله عنهما- ޤުރުއާނާއި ސުންނަތުން އެބައިމީހުންނަށް ޙުއްޖަތް ދެއްކެވިއެވެ. ދެ ފަރާތުންވެސް ދަލީލު ދައްކަނީ ޤުރުއާނާއި ސުންނަތުންނެވެ. ތަފާތަކީ ކޮބައިތޯއެވެ؟ ތަފާތަކީ، އެބައިމީހުން ދަލީލު ގެނައީ ޤުރުއާނާއި ސުންނަތުގައިވާ މުތަޝާބިހު ނައްޞުތަކުންނެވެ. ابن عبّاس -رضي الله عنهما- ދަލީލު ގެނެސްދެއްވީ ޤުރުއާނާއި ސުންނަތުގައިވާ މުޙްކަމު ނައްޞުތަކުންނެވެ. ފަހެ، އެކަލޭގެފާނު، އެބައިމީހުން ގެނައި މުތަޝާބިހު ނައްޞުތައް މުޙުކަމު ނައްޞުތަކަށް ރައްދުކުރެއްވިއެވެ. ފަހެ، މިއީ (( الرَّاسِخُونَ فِي الْعِلْمِ )) ގެ މަންހަޖެވެ. އެބޭކަލުންގެ ގޮތެވެ. އެއީ މުތަޝާބިހު ނައްޞުތައް މުޙްކަމު ނައްޞުތަކަށް ރައްދުކުރުމެވެ. މަގުފުރެދިގެން ދިޔަ ނުދިނުމަށްޓަކައެވެ.
ފަހެ، މުތަޝާބިހު ނައްޞުތަކުން ދަލީލު ނެގުމަކީ، ކޮންމެ ޒަމާނެއްގައިވެސް އަދި (ދިވެހިރާއްޖެވެސް ހިމެނޭގޮތަށް) ކޮންމެ ތަނެއްގައިވެސް، ބިދުޢައިގެ އަހުލުވެރިން ގެންގުޅޭ އުސްލޫބުތަކުގެ ތެރެއިން އުސްލޫބެކެވެ. ތިބާ، މިޒަމާނުގެ ޚަވާރިޖުންގެ ބޮޑެތިމީހުންނަށް ބަލައިފިނަމަ، މިފަދައިން އެބައިމީހުން ކަންކުރާތަން ތިބާއަށް ފެންނާނެއެވެ. އެގޮތުން "އަލްޤާޢިދާ" ގެ ނަމުން މަޝްހޫރުވެފައިވާ ޖަމާޢަތާއި، "އިޚްވާނުލް މުސްލިމީން" ގެ ޢަބާޔާގެ ދަށުން ނުކުމެގެން އައިސްފައިވާ ޓެރަރިސްޓް ޚާރިޖީ ޖަމާޢަތްތަކުގެ ތެރޭގައިވެސް ކަންހުރީ މިގޮތަށެވެ. މިއީ ބިދުޢައިގެ އަހުލުވެރިންގެ ތެރެއިން ހަމައެކަނި ޚަވާރިޖުންގެ ސިފައެއް ނޫނެވެ. އަދި ކިއެއްތަ! މި ސިފައަކީ "ޖަމާޢަތުއް ތަބްލީޣު" އާއި އަދި އެފަދަ އެނޫންވެސް ބިދުޢަވެރި ޖަމާޢަތަތްކުގެ ސިފައެއްވެސް މެއެވެ.
އޭ އަހަރެންގެ ސަލަފީ، ސުންނީ އަޚާއެވެ! ކަން ހުރީ މިހެން ކަމުގައި ވާއިރު، ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ ކޮން ކަމެއްތޯއެވެ؟ ޖަވާބަކީ؛ ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ މުޙުކަމު ނައްޞުތައް ދެނެގަތުމެވެ. އެހިނދު، ތިބާގެ ގާތަށް މުތަޝާބިހު ނައްޞެއް އަންނަ ހިނދު، އެ ނައްޞު މުޙުކަމު ނައްޞަކަށް ރުޖޫޢަކުރެވޭނެއެވެ. އެހެނަސް، މީސްތަކުންނަށް މުޙުކަމު ނައްޞުތައް އެންގުމަކީ ބިދުޢައިގެ އަހުލުވެރިން ބޭނުންވާ ކަމެއް ނޫނެވެ! ﷲ .. ވަޙީ ކުރައްވާފައި ވެއެވެ.
ފަހެ، އެބައިމީހުންގެ ތެރޭގައި ޢިލްމު ލިބިފައިވާ ޙާލު އެ ފޮރުވައި ވަންހަނާކުރާ މީހުންވެއެވެ. އަދި ކިއެއްތަ! މުތަޝާބިހު ނައްޞުތަކަކީ އެއީ މުޙުކަމު ކަމުގައި ހަދައި، މުޙުކަމު ނައްޞުތަކަކީ އެއީ މުތަޝާބިހު ކަމުގައި ހަދާ މީހުންވެސް އެބައިމީހުންގެ ތެރޭގައި ވެއެވެ.
މި ބަސްފުޅަކީ ޢިލްމުވެރިން އެ ބަސްފުޅެއްގެ ޞައްޙަކަމަށް އިއްތިފާޤުވެވަޑައިގެންފައިވާ، ޤުރުއާނާއި ސުންނަތާއި އެއްގޮތްވާ މުޙުކަމު ބަސްފުޅެކެވެ. ފަހެ، ބިދުޢަވެރި ޖަމާޢަތްތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކުން މި ސާފުސީދާ ބަސްފުޅަކީވެސް މުތަޝާބިހު ބަސްފުޅެއް ކަމުގައި ބުނެފައިވެއެވެ. އަދި މި މުޙުކަމު ބަސްފުޅު، މުތަޝާބިހު އެއްޗެއް ކަމުގައި ހަދައިފައި ވެއެވެ. އެއަށްފަހު، އެ ވާހަކަތައް އަޑުއަހާ ކުދިން، ޢިލްމުވެރިންގެ ފަހަތުން އެއަށް ރައްދު ހޯދުމަށް ދުވައެވެ. ނުވަތަ އޭނާގެ ހިތުގައި އެ ޝުބުހަ ބިންވަޅު ނެގިގެން ދެއެވެ. އަދި ފޮހެލަން އުނދަގޫ އެއްޗެއް ކަމުގައި ވެގެން ދެއެވެ. އެންމެފަހުން ގޮސް، އުއްމަތުގައިވާ ސުންނަތުގެ ޢިލްމުވެރިންނާ މެދު ނުބައި ހީކުރުންތައް ހީކުރަން ފައްޓައެވެ. އަދި ބާޠިލުގެ އަހުލުވެރިންގެ ދިފާޢުގައި ވާހަކަ ދައްކަން ފައްޓައެވެ. نسأل الله العافية والسّلامة. މި ހުރިހާ ބަލާވެރިކަމެއް ޖެހެން މެދުވެރި ސަބަބަކީ ކޮބައިތޯއެވެ؟ އޭނާ އޭނާގެ ކަންފަތަކީ ބިދުޢައިގެ އަހުލުވެރިން ކުނި އުކާ ކުނިވަށިގަނޑަކަށް ހެދުމެވެ! އެކަންފަތުގެ ތެރެއަށް އޭނާގެ ހުއްދައާއެކު ވަދެގަތް ޝުބުހަ، އޭނާގެ ހިތުން ޖާގަ ހޯދައި އެ ހިތަށް ވެރިވެގަތުމެވެ! އަޚާއެވެ! ތިބާގެ ކަންފަތަކީ އެފަދަ ކަންފަތެއް ކަމުގައި ނުހަދާށެވެ! ބިދުޢަވެރިންނާއި ހަވާނަފްސުގެ އަހުލުވެރިންގެ ބަސްތައް އަޑުއެހުމުގައި ތިބާއަށް ﷲ تعالى ދެއްވާފައިވާ އަޑުއެހުމުގެ ނިޢުމަތް ނަގާ ނުލާށެވެ!
وصلّى الله وسلّم على نبيّنا محمّد وآله وصحبه أجمعين ، والحمد لله ربّ العالمين