5  މާތް ނަބިއްޔާ ﷺ ގެ ޞަޙާބީ أَبُوْ بَكْرَة (رضي الله عنه) ދިފާޢު ކުރުމާއި މާތް މަތިވެރި ޝަރީޢަތުގެ މައްޗަށް ބުނެފައިވާ ބާޠިލްބަސްތަކުގެ ޙަޤީޤަތް ބަޔާން ކުރުން - أُسْتَاذ أبو أنس محمد حسن حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 މާތް ނަބިއްޔާ ﷺ ގެ ޞަޙާބީ أَبُوْ بَكْرَة (رضي الله عنه) ދިފާޢު ކުރުމާއި މާތް މަތިވެރި ޝަރީޢަތުގެ މައްޗަށް ބުނެފައިވާ ބާޠިލްބަސްތަކުގެ ޙަޤީޤަތް ބަޔާން ކުރުން - أُسْتَاذ أبو أنس محمد حسن حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޞަހާބީންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވުން


بسم الله الرحمن الرحيم، 
الحمد لله رب العالمين، والصلاة و السلام على رسول الله وعلى آله و صحبه أجمعين. 
އަދުގެ ދުނިޔޭގައި ފިރިހެނުންނާއި އަންހެނުން ހަމަހަމަކަށް ގޮވާ ގޮވުމަކީ އެންމެހައި ޢުމުރުފުރައެއްގެ އަހުލުވެރިންނަށް ބީރަށްޓެހި އަޑެއް ކަމުގައިނުވެ އެވެ. މިފަދަ ބަސްތައް ފާޅުކުރަމުންދާ އަހުލުވެރިންގެ ތެރޭގައި އިސްލާމްދީނަށް ނިސްބަތްވެފައިވާ ބަޔަކު ވުމަކީ އެކަމުގެ ޙައިރާންކަން ބޮޑުވެ ޢަޖައިބުވާ ކަމެކެވެ. ސަބަބަކީ އިސްލާމް ދީނަކީ ޢަދުލުވެރިކަމާއި އިންސާފް ޤާއިމްކޮށް، ކޮންމެ ފަރުދަކަށް އަދި ޖިންސަކަށް އެންމެ ފުރިހަމަވެގެންވާ ގޮތުގައި ޙައްޤު ކަނޑައަޅާފައިވާ ދީނެވެ. 


ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ މެމްބަރު އަދި ސަޢުދީ ހައިއަތު ކިބާރު ޢިލްމުވެރިޔާ الإِمَام الشَّيخ د. صالح بن فَوزَان الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ. 


"އެންމެހައި ކަންތައްތަކެއް ޙަލާލުކޮށްފައިވާ އުއްމަތްތަކާއި އަދި ކުފުރުގެ އުއްމަތްތަކާ ޚިލާފަށް އިސްލާމް ދީނުގައި އަންހެނުންނަށް ޤަވާޢިދުތަކެއް ކަނޑައެޅިފައިވުމުން، އިސްލާމް ދީނަށް ދަޢުވާކުރާ ވަރަށްގިނަ ބަޔަކު އަންހެނުންނާއި ގުޅިފައިވާ ޝަރުޢީ ޙުކުމްތައް ނަފްރަތު ކުރެ އެވެ. އޭގެ މިޘާލަކީ އަންހެނުންނާއި ފިރިހެނުން ވާރުތަ މުދަލުގައި ހަމަހަމަ ވެގެންވާކަމަށް ގޮވުމާއި އަދި ފިރިހެނުންނަށް ޚާއްޞަވެގެންވާ ޢަމަލުތަކުގައި އަންހެނުން ހަމަހަމަކަށް ގޮވުމެވެ. އެއްވެސް ޙާލެއްގައި ފިރިހެނާއި އަންހެނާއި ދެމެދު އެއްވެސް ފަރަޤެއް އޮވެގެންވާނެކަމަށް ބޭނުން ނުވެ އެވެ. ސަބަބަކީ ހުޅަނގުގެ އަހުލުވެރިންވަނީ އަންހެނުން ފިރިހެނުންނާއި ހަމަހަމަ ކޮށްފަ އެވެ. ނުވަތަ އަންހެނުން ފިރިހެނުންގެ މައްޗަށް އިސްކޮށްފަ އެވެ. ފަހެ، އެބައިމީހުން ބޭނުންވަނީ ހުޅަނގުގެ ކާފަރުންނާއި އެއްސަފެއްގައި (ހަމަހަމަ) ކުރުމަށެވެ. (ދީނުގައި) އަންހެނުންނަށް ޚާއްޞަވެގެންވާ ކަންކަމުގައި އަންހެނުންނާއި ފިރިހެނުން ތަފާތުވެގެންވާކަމަށް ޤަބޫލުކުރުމަށް އެބައިމީހުން ބޭނުމެއް ނުވެ އެވެ. ފިރިހެނުންނަށް ވާރުތަ މުދަލުގެ ގޮތުގައި ލިބޭ މިންވަރުގެ ދެބައިކުޅަ އެއްބައި އަންހެނުންނަށް ލިބުމަށް އެބައިމީހުން ނޭނދެ އެވެ. ފިރިހެނުންނަށް ދިޔައިގެ ގޮތުގައި ދޭންޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައި އަންހެނުންނަށް ލިބުމަށް އެބައިމީހުން ނޭނދެ އެވެ. މި މާތް މަތިވެރި ޠާހިރު ޝަރީޢަތުގައި ކަނޑައެޅިފައިވާ އަންހެނުންގެ ހެކި ބަހަކީ ފިރިހެނުންގެ ހެކިބަކުގެ ދެބައިކުޅަ އެއްބައި ގޮތުގައި ވުމަށް އެބައިމީހުން ބޭނުން ނުވެ އެވެ. އަންހެނުންނާއި އަދި ފިރިހެނުން ޚަލްޤު ކުރެއްވީ ﷲ އެވެ. އަންހެނުންނާއި ފިރިހެނުންނަށް އެކަށީގެންވާ ކަންތައްތައް އެ އިލާހު  މޮޅަށް ދެނެވޮޑިގަންނަވަ އެވެ. 


މި ޖުމްލަތަކުގެ ތެރޭގައި ހިމެނިގެންވާ ނުބައިކަން ބޮޑު އެކައްޗަކީ ޙިޖާބު ވުމުގެ މައްޗަށް ޢައިބު ބަސް ފާޅުކޮށް، ޙިޖާބް ބަޔާންވެގެންވާ ޝަރުޢީ ދަލީލުތަކަށް ކުޑައިމީސް ބަސް ބުނުމުގައިވުމެވެ. އެ ދަލީލުތައް ބަލިކަށި ދަލީލުތަކެއްގެ ގޮތުގައި ހެދުމަށް އެމީހުންނަށް ކުޅަދާނަވެގެންވާނަމަ އެކަން ކުރުމަށް ކުރެވުނުހައި މަސައްކަތެއްކޮށް ބާރުއެޅީހެވެ. އެމީހުންނަށް އެކަން ކުރުމަށް ކުޅަދާނަ ނުވުމުން ޢަމަލުކޮށްފައިވަނީ އޭގެ މުރާދު ބަދަލުކޮށް އޭގެ ޙަޤީޤީ ތަފްސީރު ނޫން ތަފްސީރަށް ގެންދިއުމެވެ. ﷲ ގެ މުރާދުފުޅާއި އަދި އެއިލާހުގެ ރަސޫލާ  ގެ މުރާދުފުޅާއި ޚިލާފަށް ގެނައުމެވެ. މިއީ ﷲ އެ އިލާހުގެ ރަސޫލާގެ މައްޗަށް ބާވައިލެއްވި ތަކެތީގެ މައްޗަށް ނަފްރަތު ކުރުން ނޫން ހެއްޔެވެ؟ މިއީ މިއަދު މުޖުތަމަޢުގައި އަލަށް ފާޅުވެފައިވާ ކަންތަކެވެ. އެމީހުންގެ ބަސްތައް، ޖަދަލު ކުރުންތައް އަދި ބަޙުޘްތައް ބޭއްވުމެވެ. ﷲ ވަކިކޮށް ތަފާތު ކޮށްފައިވާ ތަކެތި، އެފަދައިން ވަކިކޮށް ތަފާތު ކުރުމަށް ބޭނުމެއް ނުވެ އެވެ. ﷲ ވަނީ މުއުމިނުންނާއި ކާފަރުން ވަކިކޮށް ތަފާތުކޮށްފަ އެވެ. އަދި މުއުމިނުންނާއި ޔަހޫދީންނާއި ނަޞާރާއިން ވަކިކުރައްވާފަ އެވެ. މިބައިމީހުން ބުނަނީ : މުއުމިނުންނާއި ޔަހޫދީންނާއި އަދި ނަޞާރާއިންގެ މެދުގައި ފަރަޤެއްް ނެތެވެ. އެންމެންނަކީ މުއުމިނުންނެވެ." دروس في شرح نواقض الإسلام ص 116


މިއީ މިއަދު އެބައިމީހުންގެ ބަސްތަކެވެ. ކުރަމުންގެންދާ ޢަމަލެވެ. އެބައިމީހުންގެ ފިކުރެވެ. އެބައި މީހުން ކެނޑިނޭޅި ގޮވުމުންދާ ގޮވުމެވެ. އިސްލާމް ދީނުގައި ވާ ޢަދުލުވެރި ނިޒާމްގައި އަންހެނުންނާއި ފިރިހެނުން ބައެއް ޙުކުމް ތަކުގައި، ބައެއް ޙައްޤު ތަކުގައި އަދި މަޤާމްތަކުގައި ތަފާތުކޮށްފައިވާކަން ބަޔާންވެގެންވަނީ ޝަރުޢީ ދަލީލުތަކުންނެވެ. އެ ގޮތުން އެންމެހައި މީސްތަކުންގެ މައްޗަށް ޢާންމު ގޮތުގައި ވެރިއެއްގެ ގޮތުގައި އަދި ޚާއްޞަ ބައެއްގެ މައްޗަށް ވެރިއެއްގެ ގޮތުގައި އަންްހެނުން އިސްކުރުން ދީނުގައިވަނީ މަނާ ކުރެވިފައިވާ ޝަރުޢީ ޙުކުމެއްގެ ގޮތުގަ އެވެ. މި ބަސްތަކަކީ ދެ ޖިންސު ހަމަހަމަކުރުމަށް ގޮވާ "ޝަރުޢީ ހަމަތަކުން އެއްކިބާވެފައިވާ" ފަރާތްތަކަށް ކެތް ކުރެވޭ، ޤަބޫލުކުރެވޭ ކަމަކަށް ނުވެ އެވެ. އެގޮތުން ޙަދީޘް ދޮގު ޙަދީޘެއް ކަމުގައި ދަޢުވާ ކުރުމާއި، ޙަދީޘް ރިވާކުރެއްވި ޞަޙާބީ އަކީ ރިވާޔަތް ޤަބޫލުކުރެވޭ ފަރާތެއް ނޫން ކަމުގައި ބުނުމާއި އެފަދަ އެންމެހައި ހަމަލާތަކެއް، ހަނގުރާމަ ކުރުމުގައި މިފަދަ މީހުންވެ އެވެ. އެ ޙަދީޘަކީ ޙަދީޘް ޢިލްމުގައި އަމީރުލް-މުއުމިނީންގެ ލަޤަބު ލިބިވަޑައިގެންފައިވާ الإِمَام البُخَارِي ޞަޙީޙުގައި أبو بكرة  ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘެވެ. 


(لَنْ يُفْلِحَ قَوْمٌ ولَّوْا أمْرَهُمُ امْرَأَةً) صحيح البخَاري  4425
"އެބައެއްގެ މައްޗަށް (ވެރިއެއްގެ ގޮތުގައި) އަންހެނަކު އިސްކޮށްފިބަޔަކު ކާމިޔާބު ނުވާ ހުއްޓެވެ."


އިސްވެ ބަޔާން ކުރެވުނު ފަދައިން، އަންހެނުން ފިރިހެނުންގެ މައްޗަށް އިސްކުރުމާއި ޢައްޔަނު ކުރުމަށް، ވެރިންގެ ގޮތުގައި އަންހެނުން ގެނައުމަށް، އަންހެނުންނަށް "މިނިވަންކަން" ގޮވާ މީހުންގެ މައްޗަށް އޮތް ޙުއްޖަތެއްގެ ގޮތުގައި މި ޙަދީޘްވުމުން، ޙަދީޘްފުޅު ދޮގު ކުރުމާއި، ރިވާޔަތް ޤަބޫލު ނުކުރުމަށް އެކި އެކި ސިފަތަކުން މި އަނިޔާވެރި ފަރާތްތައް ކެނޑިނޭޅި މަސައްކަތް ކުރުމުންދެ އެވެ.
އެފަދައިން ދިވެހި ފަސްގަޑުގައިވެސް މިއަދު މިވަނީ މިފަދަ ބަސްތަކެއް ފާޅުކޮށްފައިވެ އެވެ.
 

މައުމޫން ޢަބްދުލް ޤައްޔޫމު ބުނެފައިވެ އެވެ.

20190829-1maumoon.jpg


މި ޙަދީޘް ރިވާކުރެއްވި ޞަޙާބީގެ ޤަދަރާއި މާތްކަމާއި މަތިވެރިކަން:


أبو بكرة -رضي الله عنه- ގެ މާތްކަމާއި، ޢިލްމުވެރިން އެ ޞަޙާބީއަށް ކިޔުއްވާފައިވާ ޘަނާ


أبو بكرة  ގެ ނަންފުޅަކީ نفيع بن الحارث އެވެ. أبو بكرة އަކީ ޞަޙާބީގެ މަޝްހޫރު ނަންފުޅެވެ. މި ޞަޙާބީ ވީ އަޅެއްގެ ގޮތުގައެވެ. ފަހެ، ނަބިއްޔާ  މި ޞަޙާބީ މިނިވަންކުރެއްވިއެވެ. އަވަހާރަވެވަޑައިގެންނެވީ معاوية  ގެ ޚިލާފަތުގައި ހިޖުރައިން 52 ވަނަ އަހަރުގައެވެ. 


ޤުރުއާނައި ސުންނަތުގައި ޞަޙާބީބޭކަލުންގެ މައްޗަށް ޘަނާގެ ބަސްތައް ވާރިދުވެފައިވާ ހުރިހާ ނައްޞުތަކެއްގައި އެހެން ޞަޙާބީބޭކަލުންނެކޭ އެއްފަދައިން أبو بكرة  ވެސް ޝާމިލުވެގެންދެއެވެ. މީގެ އިތުރުން ގިނަ ޢިލްމުވެރިން ތަކެއްގެ އަރިހުން ޚާއްޞަގޮތެއްގައި މި ޞަޙާބީއަށް ޘަނާގެ ބަސްތަކެއް ވާރިދުވެފައިވެއެވެ. 


1. الحسن البصري  ވިދާޅުވެފައިވެއެވެ. "ޞަޙާބީ ބޭކަލުންގެ ތެރެއިން ބަޞަރާގައި ވަޒަންވެރިވި އެންމެ މާތް ބޭކަލުންނަކީ عمران بن حصين  އާއި أبي بكرة  އެވެ."  الاستيعاب مع الإصابة 4/24 


2. سعيد بن المسيّب  ވިދާޅުވެފައިވެއެވެ. "(أبو بكرة ) އަޅުކަމުގައި ވަގުތު ހޭދަކުރައްވާލެއް ގިނަކަމުން، އަވަހާރަވެވަޑައިގަތުމާ ހަޔަމަށްވެސް ހުންނެވީ (ހިކި އަނަރޫފަކަމުގެ ސަބަބުން) ދުނި ދަނޑިއެއް ފަދައިންނެވެ."  الاستيعاب مع الإصابة 4/24


3. أبو سلمة موسى بن إسماعيل التّبوذكي  ވިދާޅުވެފައިވެއެވެ. "عمران بن حصين އަށް ފަހުގައި أبي بكرة  އަށްވުރެ މާތް އެހެން މީހަކު ބަޞްރާގައި ވަޒަންވެރިވެފައި ނުވެއެވެ. عمران އަށްވުރެ ބޮޑަށް ޙައްޤު ބަސް ވިދާޅުވެ އުޅުއްވިއެވެ." دكره مغلطاي  في إكمال تهذيب الكمال 12/76


4. الطّبقات (7/16) ގައި ابن سعد  ވިދާޅުވެފައިވެއެވެ. "(أبو بكرة ) ޞާލިޙު ވަރަޢަވެރި ބޭކަލެއް ކަމުގައި ވިއެވެ."


5. ابن عبد البرّ  އާއި ابن حجر  މި ދެބޭކަލުން ވިދާޅުވެފައިވެއެވެ. "ޞަޙާބީބޭކަލުންގެ ތެރެއިންވީ އެންމެ މާތް ބޭބޭކަލުންގެ ތެރޭގައި (أبو بكرة ) ހިމެނިވަޑައިގަންނަވައެވެ." الاستيعاب مع الإصابة 4/24  والإصابة 6/252


6. أبو الحسن العجلي  ވިދާޅުވެފައިވެއެވެ. "( أبو بكرة ) އަކީ ނަބިއްޔާ -صلّى الله عليه وسلّم- އެންމެ ހެޔޮވެގެންވާ އަޞްޙާބް ބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ."  ذكره المزّي في ترجمته في تهذيب الكمال


7. تهذيب الأسماء واللغات (1/198) ގައި النّووي  ވިދާޅުވެފައިވެއެވެ. "أبو بكرة  ވެވަޑައިގެންނެވީ ޞާލިޙު މީސްތަކުންގެ ތެރެއިން އެންމެ މާތްވެގެންވާ ބޭބޭކަލުންގެ ތެރެއިންނެވެ. އަވަހާރަވެއްޖައުމަށް ދާންދެން، ކެނޑިނޭޅި  ގިނަ އަޅުކަންތައްތަކެއް ކުރެއްވުމުގައި އުޅުއްވިއެވެ."


8. سير أعلام النّبلاء (3/6) ގައި الذّهبي  ވިދާޅުވިއެވެ. "(أبو بكرة ) އަކީ ޞަޙާބީ ބޭކަލުންގެ ތެރެއިން ހިމެނޭ ފިޤުހު ޢިލްމުވެރިއެކެވެ."


9. އަދި إعلام الموقّعين މިނަން ކިޔުނު ފޮތުގައި ابنُ القيّم  ވަނީ އަޞްޙާބް ބޭކަލުންގެ ތެރެއިން ފަތުވާ ދެއްވާ އުޅުއްވި އިމާމްވެރި ބޭކަލުން 3 ބަޔަކަށް ބައްސަވާފައެވެ. އެއީ ގިނަގިނައިން ފަތުވާދެއްވައި އުޅުއްވި ބޭކަލުންނާއި، މެދުމިންވަރަކަށް ފަތުވާ ދެއްވި ބޭކަލުންނާއި، ވަރަށް މަދުން ނޫނީ ފަތުވާ ނުދެއްވާ ބޭކަލުންނެވެ. މީގެ ތެރެއިން މެދުމިންވަރަކަށް ފަތުވާދެއްވައި އުޅުއްވި ބޭކަލުންގެ ތެރޭގައި ابنُ القيّم  ވަނީ أبو بكرة  ގެ ނަންފުޅު ޒިކުރުކުރައްވާފައެވެ.


10. ابنُ كَثِير  ވިދާޅުވެފައިވެއެވެ. "أبو بكرة  އާއި މެދުގައި ދަންނައެވެ! ފަހެ، އެއީ މާތްވެގެންވާ، ޤަދަރު އުފުލިގެންވާ ޞަޙާބީ ބޭކަލެކެވެ." البداية والنّهاية 11/249


11. الرّياض المستطابة (ص.283)  ގައި يحيى بن أبي بكر العامري  ވިދާޅުވެފައިވެއެވެ. "أبو بكرة އަކީ ނަބިއްޔާ  ގެ އަޞްޙާބް ބޭކަލުންގެ ތެރެއިން ގިނަ ހެޔޮ ކަންތައްތަކެއް ލިބިވަޑައިގެންވީ ޞަޙާބީ ބޭކަލެކެވެ."


މައުމޫން އެ ޞަޙާބީއަކަށް ނިޞްބަތްކޮށް "އިތުބާރު ކުރެވޭ ރާވީއެއް ނޫން" "އިތުބާރު ނުހިފޭ ދޮގުވާހަކަތަކެއް ދެއްކެވި" ކަމުގައި ސިފަކޮށްފައިވާ ޞަޙާބީގެ މާތް މަތިވެރި ކަމަކީ މި އެވެ. މިއީ ތިމާމެން "ޤަބޫލު ނުކުރާ، ތިމާމެންގެ ފިކުރާ އެއްގޮތް ނުވާ" ޙަދީޘްފުޅުތައް ވާރިދު ވުމުން ޢަމަލު ކުރުމަށްއޮތްގޮތް ތޯ އެވެ؟ ޝަރީޢަތުގައި ކަނޑައެޅިފައިވާ މިންގަނޑަކީ މިއީ ހެއްޔެވެ؟ ތިޔައީ ކޮންކަހަލަ ޢަދުލުވެރިކަމަކާއި އިންސާފުވެރި މަގެއް ހެއްޔެވެ؟


ދެންއޮތީ މި ޞަޙާބީ "ދޮގު ވާހަކަތަކެއް" ދެއްކުމުގެ ސަބަބުން މި ޞަޙާބީގެ ރިވާޔަތްތައް ޤަބޫލު ނުކުރެވޭނެ ކަމަށް ބުނާ ވާހަކަ އެވެ. 

20190829-2maumoon.jpg

 


ޞަޙާބީގެ ޙަޔާތްޕުޅުގައި ހިނގައިދިޔަ، ޤަޛްފުގެ މައްޗަށް ހެކި ދީފައި ވުމުގެ ސަބަބުން އެ ސަޙާބީގެ ރިވާޔަތްތައް ޤަބޫލުކުރެވުމާއި މެދު ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކަށް ބަލާލުން ހުއްޓެވެ. އެހިނދު މައުމޫން ދައްކާފައިވާ ވާހަކަތަކުގެ ޙަޤީޤަތް ހާމަވާނެ އެވެ. އެއީ އެއްވެސް ޙާލެއްގައި މި ޞަޙާބީގެ އެއްވެސް ރިވާޔަތެއްގެ ޤަބޫލު ނުކޮށް ދޫކޮށްލުމަށްއޮތް އޮށްޓަރެއްހާ މިންްވަރުގެ ބުރަދަނެއްވެސް ނެތް ވާހަކަތަކެއްކަން އެނގިގެން ދެ އެވެ. 


أبو بكرة  ގެ ރިވާޔަތްތައް ޤަބޫލުކުރެވިގެން ވުމާއި، ހިނގައިދިޔަ ކަންކަމުން އެ ރިވާޔަތްތަކަށް އަސަރެއް ކޮށްފައި ނުވާކަން.


ޒިނޭގެ މައްސަލާގައި المُغيرة بن شُعبة  ގެ މައްޗަށް أبو بكرة  ހެކި ދެއްވި މައްސަލައާއި، އެއަށްފަހުގައި ތައުބާ ނުވި މައްސަލައާއި މެދުގައި ދަންނައެވެ! ފަހެ، އެއީ أبو بكرة  ގެ ރިވާޔަތްތައް ޤަބޫލުކުރުމަށް އެއްވެ ސް އަސަރެއް ކުރާ ކަމެއް ނޫނެވެ. އެހެނީ، އެ މައްސަލާގައި أبو بكرة  ވެވަޑައިގެންނެވީ ހެކިވެރިޔެއް ކަމުގައެވެ. ޤަޒްފުކުރި މީހެއްގެ ގޮތުގައެއް ނޫނެވެ. އަދި ޤަޒްފުކުރާ މީހާއާއި ޒިނޭއަށް ހެކިދޭ ހެކިވެރިޔާއާ ދެމެދުގައި ތަފާތުތަކެއް ހުރެއެވެ.


އަދި  لَّوْلَا جَاءُوا عَلَيْهِ بِأَرْبَعَةِ شُهَدَاءَ ۚ فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَٰئِكَ عِندَ اللَّهِ هُمُ الْكَاذِبُونَ  النور: ١٣ މާނައީ "އެކަމުގެ މައްޗަށް އެބައިމީހުން 4 ހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އެބައިމީހުން، (އެކަން ދެނެހުރި) ހެކިން ނުގެނައި ހިނދު، ފަހެ، ﷲ ގެ ޙަޟްރަތުގައި އެއުރެންނީ ހަމަ ދޮގުހަދާ މީހުންނެވެ."


މި އާޔަތް ގެނެސްގެން أبو بكرة  ގެ މައްޗަށް ފާސިޤުކަމާއި ދޮގުވެރިކަން ސާބިތުކުރުމާއެކު، أبو بكرة  އެކަނި ރިވާކުރެއްވި ރިވާޔަތްތައް ޤަބޫލުނުކޮށް ރައްދުކުރަން ބުނުމަކީ ބާޠިލް ދަޢުވާއެކެވެ. އަދި ނުބައި ފަހުމެކެވެ.


ފަހެ، ހަމަކަށަވަރުން މި އާޔަތް ވާރިދުވެފައިވަނީ ޤަޒްފުކުރި މީހުންގެ މައްޗަށެވެ. ހެކިވެރިންނަކަށް ނޫނެވެ. ފަހެ، أبو بكرة  ވަނީ ޒިނޭގެ މައްޗަށް ހެކި ދެއްވި ހެކިވެރިންގެ ތެރެއިންނެވެ. ޒިނޭގެ ތުހުމަތު ކޮށް ޤަޒްފުކުރި މީހުންގެ ތެރެއިންނެއް ނޫނެވެ. އަދި މި މައްސަލާގައި أبو بكرة  ގައިގައި ހައްދު ޖެހިފައިވަނީ ހެކިވެރިން ހަމަނުވުމުންނެވެ. އަދި އެކަމުން ތައުބާ ނުވުމަކީ އެ ޞަޙާބީގެ ރިވާޔަތްތައް ޤަބޫލުކުރުމަށް އަސުރުކުރުވާނޭ ކަމެއް ނޫނެވެ. އެހެނީ، ހެކިވެރިން ހަމަނުވުމަކީ އެ ޞަޙާބީ ކުރެއްވި ކަމެއް ނޫނެވެ.


އަދި، އެހިނގައިދިޔަ ކަމުގެ ސަބަބުން އެ ޞަޙާބީ ހޯދާ ހެއްކާއި އަދި އަދާކުރާ ހެއްކަށް އަޘަރުކުރާނެކަމަށް މިޘާލަކަށް ބުނެފިނަމަވެސް  (ބެލި ނަމަވެސް) އެކަން أبو بكرة  އަވަހާރަވުމާއެކު އެކަންވާނީ ނިމިގެން ގޮސްފަ އެވެ. އަދި އެކި ޒަމާންތަކުގައި ޢިލްމުވެރިން އެ ޙަދީޘްތަކުން ޙުއްޖަތް ނަންގަވައި އެ ޙަދީޘްތަކެއް ޤަބޫލުކުރައްވާފައިވާ أبو بكرة  ރިވާކުރެއްވި ޙަދީޘްފުޅުތަކަކަށް އެއިން އެއްވެސް އަސަރެއް ނުކުރާނެއެވެ. ފަހެ، 14 ޤަރުނަށްފަހު، އެ ޢިލްމުވެރިންނާއި އެކަހެރިވެ أبو بكرة  ގެ ރިވާޔަތްތައް ޤަބޫލުނުކުރުމަށް ގޮވާލާ މީހާގެ ބަހަކީ އެއްވެސް ބަރުދަނެއް ނެތް، ނެތް އެއްޗެއްގެ ގޮތުގައިވާ ބަހެކެވެ.


1. أبو الوفاء ابن عقيل الحنبلي  ވިދާޅުވެފައި ވެއެވެ. "أحمد  ވިދާޅުވިއެވެ. أبو بكرة އާއި أبو بكرة އާ އެކީ ޙައްދު ޖެހުނު ދެންތިބި ބޭކަލުންގެ ރިވާޔަތްތައް ރައްދު ނުކުރެވޭނެ އެވެ. އެހެނީ އެބޭކަލުން ވަޑައިގެންނެވީ ހެކިވެރިންގެ ގޮތުގައެވެ. އަދި ޞަރީޙަ ގޮތުގައި ޤަޒްފުކުރުމަކާއިގެނެއް ނޫނެވެ. އަދި އެއީ (އެބަހީ: ހެކިބަސްދޭ ފަރާތުގެ މައްޗަށް ޙައްދު ޤާއިމް ކުރުމަކީ) އެކަމެއްގައި އިޖްތިހާދު ކުރެވޭ ކަމެކެވެ. މިޙާލަތަކީ އޭގެ މައްޗަށް އިޖްތިހާދު ކުރެވޭ ޙާލަތެއް ކަމުގައިވުމުން އިޖްތިހާދުކުރުން ހުއްދަކަމެއްގައި ހެކިބަސްދިނުން ރައްދު ކުރުމެެއް ނުވެ އެވެ."


އެއަށްފަހުގައި ابن عقيل  ވިދާޅުވިއެވެ. "އެކަމުގައި ހެކިބަސް ރައްދުނުކުރެވޭނެކަމަށް ވިދާޅުވި ހިނދު އެއީ އެމީހަކު ގެނެސްދޭ ޚަބަރުތައް (ނުވަތަ ރިވާޔަތްތައް) ވެސް ރައްދުނުކުރެވޭނެ ކަމުގެ މައްޗަށްވާ ސަމާލުކުރުވުމެކެވެ. އެހެނީ ޚަބަރަކީ ހެކިބަހަށްވުރެ ދަށުގައިވާ އެއްޗެކެވެ. އަދި (ޒިނޭގެ މައްސަލާގައި) ހެކިން ހަމަނުވުމަކީ (ޞަޙާބީގެ) އަމިއްލަ ބާރުން ބޭރުގައިވާ ކަމެކެވެ. އެއީ ސީދާ އެ ޞަޙާބީގެ އަރިހުން އައި ކަމެއް ނޫނެވެ."  الواضح في أصول الفقه 5/27


2. المدخل ގައި أبو بكر الإسماعيلي  ވިދާޅުވެފައިވެއެވެ. "ތާބިޢީ ބޭކަލުންނާއި އެބޭކަލުންނާއި ޖެހިގެން ފަހުންއައި އެއްވެސް ބަޔަކު، أبو بكرة  ގެ ޙަދީޘްތައް ރިވާކުރެއްވުމާއި، އެޙަދީޘްތަކުން ޙުއްޖަތް ނެންގެވުމުން މަނާވެވަޑައިގެންފައި ނުވެއެވެ. އަދި އެއްވެސް ރާވީއަކު އެ ޞަޙާބީގެ އަރިހުން ރިވާކުރެއްވުން ހުއްޓަވާފައެއް ނުވެއެވެ. އަދި المغيرة  މައްޗަށް (ޒިނޭގެ މައްސަލާގައި) ދެއްވި ހެކިބަހާއި ހުރެ އެ ޞަޙާބީގެ އެއްވެސް ރިވާޔަތަކަށް ޠަޢުނުކޮށް ބަދުބަސް ބުނެފައި ނުވެއެވެ. މިއީ، ޤަޒްފުކޮށް ހައްދު ޖަހައި، ތައުބާ ނުވެހުރި މީހެއްގެ ހެކިބަސް ޤަބޫލު ނުކުރުމުގެ މައްޗަށް އެބޭކަލުން އިޖުމާޢުވެވަޑައިގެންފައި ވުމާއެކުވެސް މެއެވެ.... "


3. أبو إسحاق الشيرازي   ވިދާޅުވެފައިވެއެވެ. "ދެންފަހެ أبو بكرة  އަދި أبو بكرة  އެކީގައި ޙައްދު ޤާއިމް ކުރެވުނު ފަރާތްތަކުގެ ރިވާޔަތްތައް ޤަބޫލު ކުރެވޭނެ އެވެ. ސަބަބަކީ އެބޭކަލުން ވިދާޅުވެފައިވާ ބަސްތައް އެބޭކަލުން ވިދާޅުވެފައިވަނީ ޤަޛްފުކުރާ މޭރުމަކުން ނޫނެވެ. އެހެނަސް އެބަސްފުޅުތައް އެބޭކަލުން ބޭރުކޮށްފައިވާކަން ކަށަވަރީ ހެކިބަސްދޭ މޭރުމުން ހެކިބަހެއްގެ ގޮތުގަ އެވެ. އަދި عُمَر ޙައްދު ޤާއިމްކުރީ عُمَر ގެ އިޖްތިހާދުގެ ތެރެއިންނެވެ. ފަހެ، އެބޭކަލުންގެ ޚަބަރުތައް (ރިވާޔަތްތައް) ރައްދެއް ނުކުރެވޭ ހުއްޓެވެ." شرح اللمع 2-638


4. الإمام أبوبكر البيهقي   (ޝާފިޢީ މަޛްހަބުގެ އިމާމުންގެ ތެރޭގައި ގުނާލެވޭ އެންމެ މަތިވެރި އެއް އިމާމެވެ.) ވިދާޅުވެފައިވެ އެވެ. "ނަބިއްޔާ  އާއި އެކުގައިވި ފަރާތެއް ނުވަތަ ބައްދަލުވެވަޑައިގެންނެވި ޞަޙާބީންގެ ތެރެއިން ނަބިއްޔާ  އަރިހުން ރިވާކުރާ ކޮންމެ ޞަޙާބީއަކީ (ރާވީއަކީ) ރިވާޔަތާއި ބެހޭ ޢިލްމު އެމީހަކަށް ހެޔޮގޮތުގައި ލިބިވަޑައިގެންނެވި ހުންނެވި އެކަކުވެސް ތުހުމަތު ނުކުރާނެ ޘިޤާއެކެވެ." تحقيق منيف الرتبة ص 90


ޙައިރާންކަމާއި ޢަޖައިބުކުރުވަނިވި ކަމަކީ ޝަރީޢަތް ކިޔަވައި "ދަންނަ ބޭކަލުންގެ ގޮތުގައި" "ޢިލްމުވެރިންނަށް" ދަޢުވާކުރާ ފަރާތްތަކަށް މި އުޞޫލާއި ޤަވާޢިދުތައް ނޭނގިފައިވުމުގެ އިތުރަށް، ނޭނގޭކަން ދަންނަ ބައެއްގެ ގޮތުގައިވެސް އެފަދަ މީހުން ނުވާކަމެވެ. ޤަޛްފުގެ މައްޗަށް ކެހިދޭ ފަރާތުގެ ރިވާޔަތްތައް ޤަބޫލު ނުކުރެވޭނެ ކަމުގައި ބުނާ މީހަކީ ކޮންފަދަ ޖާހިލުކަމެއްގެ މަތީގައިވާ މީހެއް ހެއްޔެވެ؟ ޙަޤީޤަތް ވަރަށް ސާފެވެ. ތިމާމެން ނޭނދޭ، ބޭނުން ނުވާ ޙުކުމެއް، ޙަދީޘެއް ކަމުގައިވުމުން އެ ޙަދީޘެއް ނުވަތަ ޙުއްޖަތް ޤަބޫލުކުރެވޭނެ އެންމެހައި ގޮތްތަކަށް ބަސްބުނެ އެ ދަލީލުތައް އެއްލާލުމެވެ. لاحول ولا قوة إلا بالله


5. أبو الخطاب محفوظ بن أحمد الكلوذاني   ވިދާޅުވެފައިވެ އެވެ. "ޤަޛްފުގައި ޙައްދު ޤާއިމްކުރެވޭ ފަރާތް (2 ޙާލަތުގައި) މެނުވީ ނުވެ އެވެ. އެއީ ހެކިބަސް ދިނުމުގެ ގޮތުން ޤަޛްފުގެ ލަފްޟު ބަޔާންވުމެވެ. ނުވަތަ އެނޫން ގޮތުގައި (ޤަޛްފުގެ) ލަފްޟު ފާޅު ކުރުމެވެ. ފަހެ، ހަމަކަށަވަރުން ހެކި ދިނުމުގެ ގޮތުން ޤަޛްފުކޮށްފި މީހާގެ (ރިވާޔަތްތައް) ޚަބަރުތައް ރައްދުކޮށްގެން ނުވާނެ އެވެ. ސަބަބަކީ ހެކިދޭ ފަރާތްތައް ޢަދަދު ހަމަނުވުމަކީ އެމީހެއްގެ ޢަމަލެއް ނޫނެވެ. ފަހެ، އެމީހާގެ ޚަބަރުތައް ރައްދުކޮށްގެން ނުވާނެ އެވެ. އަދި ސަބަބަކީ މީސްތަކުންވަނީ އެފަދަ ފަރާތުގެ މައްޗަށް ޙައްދު ޤާއިމް ކުރެވޭނެތޯ ނުވަތަ ނޫންތޯ މިކަމުގެ މައްޗަށް ދެބަސްވެފަ އެވެ. އަދި، ޤަޛްފުކޮށްފައިވަނީ ހެކިދިނުމުގެ ލަފްޟުގެ ގޮތުގައި ނޫންނަމަ އެމީހެއްގެ ޚަބަރުތައް ރައްދު ކުރެވޭ ހުއްޓެވެ. ސަބަބަކީ އެމީހަކުވަނީ ބޮޑުވެގެންވާ ފާފައެއްގެ މައްޗަށް އަރައިގަނެފަ އެވެ. ތަޥްބާވުމަށް ދާންދެނެވެ." التمهيد  3-127


6. ابن قدامة ވިދާޅުވެފައިވެ އެވެ. "ޤަޛްފުގައި ޙައްދު ޤާއިމްކުރެވުނު ފަރާތަކީ ހެކިބަސް ދިނުމުގެ ސަބަބުން ޙައްދު ޤާއިމްކުރެވުނު ފަރާތެއް ކަމުގައިވެއްޖެހިނދު، ފަހެ އެފަރާތެއްގެ ޚަބަރު ރައްދެއް ނުކުރެވޭނެ އެވެ. ސަބަބަކީ (ޤަޛްފުގެ ހެކި ޘާބިތު ކުރުމަށްޓަކައި ބޭނުންވާ) ޢަދަދު ހަމަނުވުމަކީ އެ ޞަޙާބީގެ އަތްޕުޅުމަތީގައިވާ ކަމެއް ނޫނެވެ. ފަހެ، އެގޮތުން މީސްތަކުން أبو بكرة  ގެ ރިވާޔަތްތައް ރިވާކޮށްފައިވެ އެވެ. އަދި މިކަމުގައި އިއްތިފާޤުވަޑައިގެންވެ އެވެ. އެ ބޭކަލަލީ ޤަޛްފުގެ ޙައްދު ޤާއިމްކުރެވުނު ފަރާތެއްގެ ގޮތުގައިވީހިނދުގައިވެސް މެ އެވެ. އަދި ޤަޛުފުކޮށްފައިވަނީ ހެކިދިނުމުގެ ގޮތުން ނޫންކަމުގައިވެއްޖެހިނދު، އެމީހަކު ތަޥްބާވުމަށް ދާންދެން ރިވާޔަތް ޤަބޫލެއް ނުކުރެވޭނެ އެވެ." روضة الناظر 1-303


މައުމޫން ޢަބްދުއް ޤައްޔޫމް އެވެ. މިއީ ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. އުއްމަތުގެ އިޖްމާޢު އެވެ. ޤަޛްފުގެ މައްޗަށް ހެކި ދިނުމުގެ ގޮތުގައިވާ ފަރާތުގެ ރިވާޔަތްތައް ޤަބޫލުކުރުމަކީ އިސްލާމް ދީނުގެ އިޖްމާޢު ޤާއިމްވެފައިވާ މައްސަލައެއްްގެ ގޮތުގައިވީހިނދު، މި މާތް މަތިވެރި ޤަދަރުވެރި ޞަޙާބީގެ ރިވާޔަތްތައް ދޫކޮށްލަންވީ "އެއްވެސް ހަމައެއް ނެތި" "އުޞޫލެއްނެތި" ތިމާ ހިތްނޭދޭ ރިވާޔަތެއް ކަމުގައި ވުމުން ހެއްްޔެވެ؟


ނުވަތަ އަންހެނުންނަށް އިސްލާމް ދީނުގައި އަނިޔާވެރިވެފައިވާ ކަމުގައި ދެކިގެން، އެފަދަ ރިވާޔަތްތައް ބަލިކަށި، ޘާބިތުނުވޭ ކަމުގައި މުސްލިމް އުއްމަތަށް އަންގައިދީ، އަންހެނުންނަށް ވެރިކަމަށް އައުން މަނާކުރާ އެއްވެސް ރިވާޔަތެއް ނެތްކަމުގައި ބަޔާންކޮށްދީގެން ހެއްޔެވެ؟ ތިމާމެން ދެކޭ ގޮތް ދިފާޢު ކުރުމަށްޓަކައި ކޮންފަދަ ޢަލުދުވެރިކަމެއް ނެތް އިންސާފެއް ނެތް ތިލަފަތެއް ހެއްްޔެވެ؟


އިސްވެގޮސްފައިވާ އަދި ފަހުގެ އެންމެހައި މުސްލިމުންވަނީ أبو بكرة  ގެ ރިވާޔަތްތައް ޤަބޫލުކުރުމަށް އެއްބަސްވެ އިޖުމާޢުވެފަ އެވެ. މިގޮތުގައި މިކަން އޮންނަތާ 14 ޤަރުނަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި ޙަދީޘް ޢިލްމުވެރިން ވަނީ أبو بكرة  ގެ ރިވާޔަތްތައް ސުންނަތް ތަދުވީނުކުރެވުނު ދީވާން ތަކުގައި ލިޔުއްވައި ރައްކާކުރައްވާފަ އެވެ. އޭގެ ތެރޭގައި ޙަދީޘްގެ މަޝްހޫރު 6 ފޮތް ލިޔުއްވި އިމާމުން ކަމުގައިވާ البخاري، مسلم ، أبو داود ، النّسائي ، التّرمذي ، އަދި ابن ماجه ހިމެނިވަޑައިގަންނަވަ އެވެ. أبو بكرة  ރިވާކުރެއްވި ޙަދީޘްތަކުގެ ތެރެއިން 55 ޙަދީޘް މި 6 ފޮތުގައި ރިވާކުރެވިފައިވެ އެވެ. މި ޙަދީޘްތަކުގެ أطراف ތައް المزّي  ވަނީ تحفة الأشراف ގައި 11654 މި ނަންބަރުން ފެށިގެން 11708 މި ނަންބަރާ ހަމަޔަށް ޒިކުރުކުރައްވާފަ އެވެ. އަދި الإمام أحمد ގެ مسند ގައި، ތަކުރާރުކުރުންތަކާ އެކު، 152 ޙަދީޘް أبو بكرة ގެ އަރިހުން ރިވާކުރައްވާފައިވެ އެވެ. އެއީ 20373 މި ނަންބަރުން ފެށިގެން 20524 މި ނަންބަރާ ހަމަޔަށެވެ. އަދި تهذيب الأسماء وللغات (1/198) ގައި النّووي ވިދާޅުވެފައިވެއެވެ. "ﷲ ގެ ރަސޫލާ   ގެ އަރިހުން ( أبو بكرة ) ރިވާކުރެއްވިކަމަށް ވާރިދުވެފައިވާ ޙަދީޘްތަކުގެ ޢަދަދަކީ 132 އެކެވެ. މީގެ ތެރެއިން البخاري އާއި مسلم  ވަނީ 8 ހަދީޘަށް އިއްތިފާޤުވެވަޑައިގެންފަ އެވެ. އަދި البخاري 5 ޙަދީޘް ވަކިން، އަދި  مسلم  1 ޙަދީޘް ވަކިން ގެނެސްދެއްވާފައިވެ އެވެ.


މައުމޫން ޢަބްދުއް ޤައްޔޫމް އެވެ! ނަބިއްޔާ  އަރިއަހުން ޞަޙާބީ ރިވާކޮށްފައިވާ މި 132 ޙަދީޘްއަކީ ޤަބޫލު ނުކުރެވޭ ޙަދީޘްތަކެއް ކަމުގައި ވިދާޅުވެފައިވާ އެއްވެސް އިމާމެއް، ޙާފިޟެއް، މުޙައްދިޘެއް 14 ޤަރުނުވެގެންދިޔައިރު ފާޅުވެފައިނެތްހިނދު، އިއްޔެ ނުވަތަ މިއަދު ފާޅުވިބަޔަކު އެބައިމީހުން ކޮށްފައިވާ ޢަމަލުތަކެއް ދިފާޢު ކުރުމަށްޓަކައި މިފަދަ ޖަރީމާއެއް، ހުތުރު ޢަމަލެއް ހިންގުން ކޮންފަދަ ނުބައިވެގެންވޭ ހެއްޔެވެ؟


އިސްލާމީ އުއްމަތް އެ ބަސްފުޅެއްގެ މައްޗަށް ޖަމަޢަވެވަޑައިގެންފައިވާހިނދު، އެތައް ސަތޭކަ އަހަރުފަހުން އަންނަ މީހަކު އެއްވެސް އޮށްޓަރެއްނެތް ދަލީލެއްނެތި ބުނާ ބަހަކީ އެއަށް ތަބަޢަވެވޭނެ އެއްޗެއް ކަމުގައިވޭ ހެއްޔެވެ؟ އެހެނަސް ބަޔާންވެގެންދަނީ ޙައްޤުމަގު އިޚްތިޔާރުކޮށްފައި ނުވުމާއި ޙައްޤުން އެއްކިބާވެެގެންވާ މިންވަރެވެ. شَيخ الإِسلام ابن تَيمية   ވިދާޅުވެފައިވެ އެވެ. "އެ މައްސަލައެއްގެ މައްޗަށް (ދެވުނު) ޖަވާބަކީ ﷲ ގެ ފޮތާއި، ސުންނަތް އަދި އުއްމަތުގެ ސަލަފުއް ޞާލިޙުންނާ ޚިލާފަށް ކަމުގައިވެއްޖެހިނދު، އެއީ މަގުފުރެދިފައިވާ ބިދުޢަ އެކެވެ. އަދި އެއީ ބުނުން ނަހީކުރެއްވިގެންވާ އަދި ޢައިބު ކުރެވިފައިވާ އުނި ވާހަކަތަކެކެވެ." جَامع المسَائل 9-11


މި ޞަޙާބީގެ ރިވާޔަތްތައް ޤަބޫލު ކުރެވިގެންވާކަން އަދި ރިވާޔަތްތައް ޙުއްޖަތެއްގެ ގޮތުގައި ނެގޭނެކަމަށް އޮތް އެންމެ ބޮޑު ޝަރަފަކީ الإمام البُخَاري  ގެ ޞަޙީޙުގައި މި ޞަޙާބީގެ ރިވާޔަތްތައް ގެނެސްފައިވުމެވެ. ޙައްޤުގެ އަހުލުވެރިޔާއަށް އެމިންވަރު ފުދެ އެވެ. އަދިވެސް މި ޞަޙާބީގެ ރިވާޔަތްތައް ރިވާކުރެވި އިމާމުންގެ ތެރޭގައި، الإمام الترمِذي، سُنن  ގައި الإمام أحمد بن حَنبَل، مُسند  ގައި الإمام ابن حِبان، صحيح ابن حبان  ގައި الإمام الحَاكم، مستدرك  ގައި الإمام النسائي، سنن الكُبرى  ގައި الإمام البَيهَقِي، سنن الكبرى  ގައި الإمام أبي داود الطيالسي، مُسند  ގައި الإمام ابن أبي شَيبة، مصنف  ގައި الإمام البغَوِي، شرح السنة  ގައި އަދި މިނޫން އެހެން އިމާމުންވެސް އެބޭކަލުންގެ ފޮތްތަކުގައި ޞަޙާބީގެ ރިވާޔަތްތައް ރިވާކޮށްފައިވެ އެވެ. 


އަދިވެސް މި ޙަދީޘަށް ބަދުބަސް ބުނުމަށްޓަކައި މައުމޫން ބުނެފައިވެ އެވެ.

20190829-3maumoon.jpg


މިއީ ކަނޑައެޅިގެން ބުނެފައިވާ ބޮޑުވެގެންވާ ބުހުތާނެކެވެ. ސަބަބަކީ މި ޞަޙާބީގެ ރިވާޔަތްތައް ޤަބޫލުކުރެވިގެންވާކަން އުއްމަތް އިޖްމާޢުވެގެންވާކަން އެއް ޢިލްމުވެރިންނަށް ގިނަ ޢިލްމުވެރިން ނަޤުލު ކޮށްފައިވެ އެވެ.


أَبُوبَكرة އަދި المُغِيرَة ގެ ޙާދީޘާ ޛިކުރު ކުރެއްވުމަށްފަހު الحَافِظ ابن كَثِير ވިދާޅުވެފައިވެ އެވެ. "ފަހެ، أبو بكرة  ގެ ރިވާޔަތްތައް ޤަބޫލު ކުރުމުގައި އުއްމަތްވަނީ އިޖުމާޢުވެވަޑައިގެންފަ އެވެ." أعلام الموقعين  1-126


14 ޤަރުނު ފާއިތުވެ ދިއުމާއެކު، މި ޞަޙާބީގެ ރިވާޔަތް ޤަބޫލު ނުކުރެވޭނަކަން ޛިކުރު ކޮށްފައިވާ ޙާފިޟެއް ޢަދި ޢިލްމުވެރިއެއް ނެތެވެ. ފަހެ، މިއަދު އެފަދައިން ބަސްބުނުން ޙައްޤުވެގެންވަނީ ކޮންފަދައަކުން ހެއްޔެވެ؟


މިއީ މި ޞަޙާބީ އަދި މި ޞަޙާބީގެ ރިވާޔަތްތަކުގެ މައްޗަށް ޞަޙާބީން، ތާބިޢީން އަދި އެއަށްފަހު އުއްމަތަށް ފާޅުވި ހެޔޮ ޞާލިޙް އަހުލުވެރިންގެ ބަސްފުޅުތަކެވެ. އެއަށްފަހު، ތިމާމެންގެ ވިސްނުމާއި، ފިކުރަށް އަދި ބުއްދި ބޭނުންވާގޮތަށް ހަވާނަސްފު އެދޭގޮތް ނޫން ކަމުގައި ވުމުން ޙައްޤު އޮޅުވައި، އެބައެއްްގެ ޤަދަރުކުޑަކޮށް، ޙައްޤު ރިވާޔަތްތައް ބާޠިލްކޮށް، ބަސްފުޅުތައް އޭގެ މާނައާއި މަފްހޫމުން ބަދަލު ކުރާ އެންމެހައި ފަރާތްތަކުގެ މައްޗަށް އިންޒާރުލިބިގަނެ، ވަކިވެ، ޙައްޤު ސުންނަތުގެ އަހުލުވެރިންގެ މަންހަޖަށާއި ފަހުމަށް ރުޖޫޢަވުން ހުއްޓެވެ. އެހެން ނޫންކަމުގައިވާނަމަ ތިމާއާ ކުރިމަތިވާނެ ފިތުނަތަކުން ސަލާމަތްވާނެ މަގެއް ކޮބައިހެއްޔެވެ؟


شَيخ الإِسلام ابن تَيمية   ވިދާޅުވެފައިވެ އެވެ. "ކީރިތި ޤުރުއާން ނުވަތަ ޙަދީޘް، ޞަޙާބީންނާއި ތާބިޢީން ތަފްސީރުކޮށްފައިވާ މަޢުރޫފް ގޮތް ނޫންގޮތަކަށް ތަފްސީރުކޮށްފި މީހާއަކީ، ﷲ ގެމައްޗަށް ދޮގުބަސް ބުނެފައިވާ މީހެކެވެ. އޭނާވަނީ ﷲ ގެ އާޔަތްތަކުގެ މައްޗަށް އިލްޙާދު ކޮށްފަ އެވެ. ކަލިމަފުޅުތައް އޭގެ މާނައިން މުޙައްރަފް (ބަދަދުކޮށް، އުނި އިތުރު) ކޮށްފަ އެވެ. އޭނާވަނީ ޒަންދަޤަ އަދި އިލްޙާދުގެ ބާބު ހުޅުވާފަ އެވެ. ފަހެ، މިއީ ޒަރޫރީކޮށް އިސްލާމްދީނުގައި ބާޠިލްވެގެންވާ ކަމެއްކަން އެނގިބަޔާންވެގެންވެ އެވެ." مجموع الفتاوى 13-243


ފަހެ، އެހިނދު ބަޔާންވެގެންދަނީ، އެބަޔަކު މި ޙަދީޘް ޘާބިތު ނޫންކަމުގައި ދައްކާ ވާހަކަތަކަކީ އެއްްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމެވެ. އެއްވެސް ޙުއްޖަތެއް އޮށްޓަރެއްނެތް ބަސްތަކެއް ކަމެވެ. އަދި މި ޙަދީޘަކީ މާތް ނަބިއްޔާ  އަރިއަހުން އަންހެނުންނަށް ޢާންމުވެގެންވާ ގޮތުގައި އެންމެހައި ފަރާތްތަކެއްގެމައްޗަށް އިސްކޮށް (ވެރިކަން ދިނުން) އަދި ޚާއްޞަ ބައެއްގެ މައްޗަށް ވެރިއެއްގެ ގޮތުގައި އިސްކުރުން ހުއްދަވެގެން ނުވާނެ ކަމުގައި ބަޔާންވެގެންވާ އެއްވެސް ޝައްކެތް ނެތް ޞަރީޙަ ދަލީލެއް ކަމެވެ. أبو بكرة  ނަބިއްޔާ  އަރިހުން ރިވާކޮށްފައިވެ އެވެ. ނަބިއްޔާ  ޙަދީޘް ކުރެއްވި އެވެ.

 

(لَنْ يُفْلِحَ قَوْمٌ ولَّوْا أمْرَهُمُ امْرَأَةً) صحيح البخَاري  4425
"އެބައެއްގެ މައްޗަށް (ވެރިއެއްގެ ގޮތުގައި) އަންހެނަކު އިސްކޮށްފިބަޔަކު ކާމިޔާބު ނުވާ ހުއްޓެވެ."


އަދި ދަންނަ ހުއްޓެވެ! ސުންނަތުގެ އިމާމުން، ޙަދީޘް ޖަމަޢަކޮށް އޭގެ ޙައްޤު މުރާދައާއި މާނަ ބަޔާންކޮށް ސުންނަތުގެ ޙާފިޟުން މި ޙަދީޘަކީ މީސްތަކުންގެ މައްޗަށް ޙުކުމް ކުރުމަށް (ޤާޟީން) ގެ ގޮތުގައި އަންހެނުން ކަނޑައެޅުން ހުއްދަވެގެން ނުވާކަން ދަލީލުކުރައްވާ ގެންނަވާ ޙަދީޘެކެވެ.


އެގޮތުން މި ޙަދީޘްގެ މައްޗަށް ބާބެއް ބަންނަވާ الإِماَم النسَائي، سُنن 8-227 ގައި ވިދާޅުވެފައިވެ އެވެ. "އަންހެނުން (ޙުކުމް ކުރުމަށް) އިސްކުރުން ނަހީކުރެވިގެންވާކަން ނަންގަނެވޭ ބާބު" 


الإِماَم البَغَوِي، شرح السنة 77-10 ގައި ވިދާޅުވެފައިވެ އެވެ. "އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވަނީ އަންހެނަކު އިމާމެއް (ވެރިއެއްގެ) ގޮތުގައި އަދި ޤާޟީއެއްގެ ގޮތުގައި ހުއްދައެއް ނުވާނެ ކަމުގަ އެވެ. ސަބަބަކީ މުސްލިމުން ޖިހާދު ޤާއިމް ކުރުމަށްޓަކައި ނުކުންނަންޖެހޭ ފަރާތެއް ކަމުގައި ވެރިމީހާވެ އެވެ. އަދި މުސްލިމުންގެ އެކިއެކި ކަންތައްތައް ބެލެހެއްޓުމަށް ނުކުންނަން ޖެހެ އެވެ. އަދި ޤާޟީއަކީ (މީސްތަކުންގެ މެދުގައި އުފެދޭ) ދެބަސްވުންތައް ފަޞްލު ކުރުމަށްޓަކައި (އެމީހުންގެ ތެރެއަށް) ނުކުންނަން ޖެހޭ ފަރާތެކެވެ. އަންހެނާގެ (ހަށިގަނޑަކީ) ޢައުރަ އެވެ. (ޢައުރައެއް ކަމުގައި ވުމުން މީސްތަކުންގެ ތެރެއަށް) ފާޅުވެ ނުކުތުން ހުއްދަވެގެންނުވެ އެވެ."


الإِماَم ابن قُدامة، المغني 14-13 ގައި ވިދާޅުވެފައިވެ އެވެ. "އެންމެހައި މީސްތަކުންގެ މައްޗަށް (އެބަހީ މުސްލިމުންގެ ޚަލީފާއެއްގެ ގޮތުގައި) އަދި ވަކި ޤައުމެއްގެ ވެރިއެއްގެ ގޮތުގައިވެސް އަންހެނަކު ކަނޑައެޅުން ހުއްދައެއް ނުވާނެ އެވެ. އަދި މިހެންވުމުން ނަބިއްޔާ  އަދި އެނަބިއްޔާގެ އެއްވެސް ޚަލީފާވެރި ބޭފުޅެއް އަދި އޭގެ ފަހުން ވަޑައިގެންނެވި އެއްވެސް ބޭފުޅަކު އަންހެނަކު ޤާޟީއަކަށް އަދި ޤައުމެއްގެ ވެރިއެއްގެ ގޮތުގައި ކަނޑައެޅުއްވިކަން އަހަރެމެންނަށް ފޯރާފައެއް ނުވެ އެވެ. މިއީ، ހުއްދަވެގެންވާކަމެއް ކަމުގައިވީނަމަ މި އެންމެހައި ޒަމާންތަކެއް އެއްކޮށްކަހަލަ ގޮތަށް (އަންހެނަކު) މިފަދަ ކަމަކަށް އިސްނުވެ ނުދާނެ އެވެ."

 

والحمد لله رب العالمين.

 

Like what you see?

Close

Hit the buttons below to follow us, you won't regret it...