5  ޞަޙާބީ ބޭކަލުންނަށް އަދާކުރަންޖެހޭ ޙައްޤުތައް (1) - ޞަހާބީން ދެކެ ލޯބިވުން - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޞަޙާބީ ބޭކަލުންނަށް އަދާކުރަންޖެހޭ ޙައްޤުތައް (1) - ޞަހާބީން ދެކެ ލޯބިވުން

ލިޔެ ތައްޔާރުކުރީ: އަލް-އަޚް ޢަދިއްޔު ބިން މުޙައްމަދު حفظه الله. ކެޓަގަރީ ޞަހާބީންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވުން

 

މި ސިލްސިލާ ލިޔުންތަކުގައި މި ގެނެސްދެނީ އަހްލުއް ސުންނަތި ވަލްޖަމާޢަތަށް ނިސްބަތްވާ މުސްލިމުން، މާތް ނަބިއްޔާ ﷺ ގެ އަޞްޙާބު ބޭކަލުންނަށް އަދާކުރާ ޙައްޤުތަކެވެ. އެގޮތުން، ސިލްސިލާގެ ކޮންމެ ބައެއްގައި އެ ޙައްޤުތަކުގެ ތެރެއިން އެއް ޙައްޤު ބަޔާންކޮށްދެވިފައިވާނެ އެވެ. އެގޮތުން، މުޅި ސިލްސިލާގައި މައިގަނޑު 10 ޙައްޤެއް -إِنْ شَاءَ اللهُ-  ޒިކުރުކުރެވޭނެއެވެ.


    ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ތިޔަ އަޚުންނާއި އުޚްތުންނަށް ދަންނާނެ ފަދައިން، ފަހަކަށް އައިސް ނަބިއްޔާ ﷺ ގެ އަޞްޙާބްބޭކަލުންނަށް ބަދުބަސްބުނާ ބަޔަކު ފާޅުވެއްޖެއެވެ. އެހިނދު، ތިޔަ އަޚުންނާއި އުޚްތުންގެ މައްޗަށްވަނީ އެ ޞަޙާބީން ދިފާޢުކުރުމެވެ. އަދި އެ ޞަޙާބީންނަށް އަދާކުރަންޖެހޭ ޙައްޤުތަކަކީ ކޮބައިކަން ދަނެ އެ ޙައްޤުތައް ފުރިހަމަޔަށް އަދާކުރުމެވެ. އަދި ގާތްތިމާގެ މީހުންނާއި، އެކުވެރިންނާއި ދަންނަ މީހުންނަށް އެކަންކަން ބަޔާންކޮށްދީ ހޭލުންތެރިކުރުވުމެވެ. މި ބަޔާންކުރި މަޤްޞަދު ޙާޞިލްކުރުމުގައި އެހީއެއްކަމުގައި މި ސިލްސިލާ ލިޔުންތައް ލެއްވުން އެދި ﷲ ތަޢާލާ ގެ ޙަޟްރަތަށް ދުޢާ ދަންނަވާ ޙާލު، ފުރަތަމަ ޙައްޤު ބަޔާންކުރުމުގައި ލިޔުން، ފަށައިގަންނަމެވެ. 


ފުރަތަމަ ޙައްޤު: އެބޭކަލުންދެކެ ލޯބިވުން.


    ފަހެ، أَهْلُ السُّنَّةِ وَالْجَمَاعَة  އަކީ ނަބިއްޔާ ﷺ ގެ އަޞްޙާބް ބޭކަލުންދެކެ ލޯބިވާ ބައެކެވެ. އެއީ ﷲ އަށްޓަކައި އޮންނަ ލޯތްބެކެވެ. އަދި أَهْلُ السُّنَّةِ وَالْجَمَاعَة   ދެކޭ ގޮތުގައި އެ އަޞްޙާބް ބޭކަލުންދެކެ ލޯބިވެ، އެބޭކަލުންނަށް ނަޞްރުދީ، އެބޭކަލުންގެ ޙައްޤުތަކަށް ރައްކާތެރިވެ، އެބޭކަލުންގެ މާތްކަން ދަނެ ޤަދަރު އުފުލައިފި މީހަކު ކާމިޔާބުވެ ބާއްޖަވެރިވެގެންދާނެއެވެ. އަދި އެބޭކަލުންނަށް ނަފުރަތުކޮށް އެބޭކަލުންނަށް ބަދުބަސްބުނެ އަގުދަށްކުރާ މީހުން ނާކާމިޔާބުވެ އަބާއްޖަވެރިވެގެންދާނެއެވެ. 


    މިކަމުގެ މައްޗަށްވާ ދަލީލަކީ އަންނަނިވި ވަޙީ ބަސްފުޅެވެ. وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ الحشر: ١٠   މާނައީ: "އަދި އެބޭކަލުންގެ ފަހުން (މުހާޖިރުންނާއި އަންޞާރުންގެ ފަހުން) އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރި ރައްބެވެ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވީ މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރި ރައްބެވެ! ހަމަކަށަވަރުން އިބަ އިލާހުއީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ އިލާހެވެ."

صَحِيحُ الْبُخَارِي އަދި صَحِيحُ مُسْلِم  ގައި ނަބިއްޔާ ﷺ ގެ އަރިހުން ވާރިދުވެފައިވެއެވެ. (آيَةُ الْإِيمَانِ حُبُّ الْأَنْصَارِ، وَآيَةُ النِّفَاقِ بُغْضُ الْأَنْصَارِ)  މާނައީ: "އީމާންކަމުގެ ޢަލާމާތަކީ އަންޞާރުން ދެކެ ލޯބިވުމެވެ. އަދި މުނާފިޤުކަމުގެ ޢަލާމާތަކީ އަންޞާރުންނަށް ނަފްރަތު ކުރުމެވެ."


    މިއީ އަންޞާރިއްޔަ ބޭކަލުންނަށްވާ މާތްކަމާއި މަތިވެރި މަޤާމެވެ. އެބޭކަލުންދެކެ ރުޅި އައުން ވަނީ މުނާފިޤުކަމުގެ ޢަލާމާތްތަކުގެ ތެރެއިންނެވެ. ފަހެ، އެބޭކަލުންނަށްވުރެ މުހާޖިރުން(1) މާތްވެގެންވުމުން، މިޙަދީޘްގައިވާ މާތްކަމާއި ޤަދަރާއި ޝަރަފުގައި މުހާޖިރު ބޭކަލުން ހިމެނިވަޑައިގަތުން މާ އައުލާކަންބޮޑުވެގެން ވެއެވެ. 


    ﷲ އަށްޓަކައި ލޯބިވުމުގެ މާތްކަމުގެ މައްޗަށް ދަލީލުކޮށްދޭ، ޤުރުއާނާއި ސުންނަތުގެ އެންމެހައި ދަލީލުތަކުގެ ދަށަށް ނަބިއްޔާ ﷺ ގެ އަޞްޙާބް ބޭކަލުން ދެކެ ލޯބިވުން ވަދެގެންދާނެއެވެ. އެހެނީ، ﷲ އަށްޓަކައި އޮންނަ ލޯބި ލިބުން އެންމެ އައުލާވެގެންވާ ފަރާތްތަކަކީ އެބޭކަލުންނެވެ.


    الطَّحَاوِي -رَحِمَهُ اللهُ- ވިދާޅުވެފައިވެއެވެ. "އަދި އަހަރެމެން ﷲ ގެ ރަސޫލާ ﷺ ގެ އަޞްޙާބް ބޭކަލުންދެކެ ލޯބިވަމެވެ. އޭގެ ތެރެއިން އެންމެ ބޭކަލަކު ދެކެ ލޯބިވުމުގައިވެސް އަހަރެމެން އިހުމާލެއް ނުކުރަމެވެ. އަދި އެބޭކަލުންގެ ތެރެއިން އެންމެ ބޭކަލެއްގެ ކިބަފުޅުންވެސް އަހަރެމެން ބަރީއައެއް ނުވަމުއެވެ. އެބޭކަލުން ދެކެ ނަފުރަތަކޮށް، ހެޔޮ ގޮތުގައި ނޫން ގޮތަށް އެބޭކަލުންގެ ވާހަކަ ދައްކާ އެންމެން ދެކެ އަހަރެމެން ނަފުރަތުވަމެވެ. އެބޭކަލުން ދެކެ ލޯބިވުމަކީ ދީންވެރިކަމެކެވެ. އެއީ އީމާންކަމެކެވެ. އަދި އިޙްސާންތެރިކަމެކެވެ. އެބޭކަލުން ދެކެ ރުޅިވެ ނަފްރަތު ކުރުމަކީ ކުފުރެކެވެ. އަދި ނިފާޤެކެވެ. އަދި ހައްދުފަހަނައަޅައި ދިޔުމެކެވެ." (2)


    އަޚުންނާއި އުޚްތުންނޭވެ! އަހަރެމެންގެ ޢަމަލު ހުންނަންޖެހޭ ގޮތަކީ މިއީއެވެ. އެބޭކަލުންދެކެ ލޯބިވުމެވެ. އަދި އެބޭކަލުންނަށް ނަފުރަތުކޮށް ބަދުބަސްބުނާ މީހުން ދެކެ އަހަރެމެން ރުޅިވެ އެމީހުންނަށް ނަފްރަތު ކުރުމެވެ. އެހެނީ، އިސްލާމްދީނުގެ ޢަދުއްވަކު މެނުވީ، އެބޭކަލުންނަށް ނަފުރަތު ކޮށް ބަދުބަސް ނުބުނާނެއެވެ. 
    

الْإِمَامُ مَالِك -رَحِمَهُ اللهُ- ވިދާޅުވެފައިވެއެވެ. "ސަލަފުން އެބޭކަލުންގެ ދަރިންނަށް ޤުރުއާނުގެ ސޫރަތެއް އުނގަންނައިދޭ ފަދައިން، أَبُو بَكْر އާއި عُمَر ދެކެ ލޯބިވާން އުނގަންނަވައި ދެއްވައެވެ." (3)
    

ލޮބިވެތި އަޚުންނާއި އުޚްތުންނޭވެ! އަހަރެމެން އެންމެ ލޯބިވާ، އަހަރެމެން ތަބަޢަވާ، އަހަރެމެންގެ ލޯތަކުގެ ފިނިކަން ކަމުގައިވާ، އަހަރެމެން އެންމެ ބައްދަލުކުރަން އެދޭ އިންސާނާ، އަހަރެމެންގެ ނަބިއްޔާ  މުޙައްމަދު ﷺ ގެ އަރިހުގައި އެނަބިއްޔާއަށް ނަޞްރު ދެއްވުމުގައި ޤާއިމްވެވަޑައިގެންނެވި އެނަބިއްޔާގެ އަޞްޙާބް ބޭކަލުންނާއި މެދު އަހަރެމެންގެ ޢަމަލު ހުރީ މިފަދައިންތޯއެވެ؟ އަހަރެމެންގެ ދަރިންނަށް އެބޭކަލުންދެކެ ލޯބިވުމުގެ މުހިންމުކަން އަހަރެމެންނަށް އެބަ އުނގަންނައިދެވޭ ތޯއެވެ؟ މިއީ ދަރިން ތަރުބިއްޔަތު ކުރުމުގައި އަހަންމިއްޔަތުކަން ދޭންޖެހޭ މުހިންމު ނުކުތާއެކެވެ.
    

بِشْر بن الْحَارِث -رَحِمَهُ الله- ގެ އަރިހުން "حِلْيَةُ الْأَوْلِيَاء (8/238)" ގައި  أَبُو نُعَيْم الْأَصْبَهَانِي -رَحِمَهُ اللهُ-  ގެނެސްދެއްވާފައިވެއެވެ. بِشْر بن الْحَارِث  ވިދާޅުވިއެވެ. "އަހަރެންގެ ޢަމަލުތަކުގެ ތެރެއިން އަހަންނަށް އެންމެ އިތުބާރު ކުރެވޭ ޢަމަލަކީ މުޙައްމަދު ﷺ ގެ އަޞްޙާބް ބޭކަލުންދެކެ އަހަރެން ވާ ލޯތްބެވެ."


    ހެޔޮ ލަފާ މީސްތަކުން، ﷲ އަށް ކުއްތަންވުމުގެ ގޮތުން އަދާކުރާ އަޅުކަންތައްތަކުގެ ތެރެއިން އެބޭކަލުން ނުހަނު މަތިވެރި މަޤާމެއް ދެއްވި އަޅުކަންތަކުގެ ތެރޭގައި މި އަޅުކަން ހިމެނެއެވެ. ﷲ ގެ ރަސޫލާ ﷺ ގެ އަޞްޙާބް ބޭކަލުންދެކެ ލޯބިވުމެވެ. އަދި އިސްވެ ބަޔާންކުރެވުނު ފަދައިން، އެބޭކަލުންގެ ތެރެއިން ބައެއް ބޭކަލުންގެ އަރިހުގައި، ﷲ ގެ ޙަޟްރުތުގައި އެބޭކަލަކަށް މަންފާކުރާނެ ކަމަށް އެންމެ ބޮޑަށް އިތުބާރުކުރެވޭ އެއް އަޅުކަން ކަމުގައި ވެގެންދިޔައީ މި އަޅުކަމެވެ. 


    އަދިވެސް "حِلْيَةُ الْأَوْلِيَاء (7/27) ގައި أَبُو نُعَيم ގެނެސްދެއްވާފައިވާ ރިވާޔަތެއްގައި ވެއެވެ. شُعَيْب بن حَرْب ވިދާޅުވިއެވެ. " عَاصِم بن مُحَمَّد ގެ އަރިހުގައި سُفْيَان الثَّوْرِي ގެ ނަންގަނެވުނެވެ. އެއާއެކު سُفْيَان الثَّوْرِي ގެ މާތްކަމާއި ހެޔޮކަން ގުނަން ފެށި އެގޮތުގެ މަތިން ގޮސް ފަނަރަ ކަމެއް ޒިކުރުކުރެވުނެވެ. ފަހެ، އެހިނދު އެބައިމީހުންނަށް عَاصِم بن مُحَمَّد ވިދާޅުވިއެވެ. (ގުނައި) ނިމުނީ ހެއްޔެވެ؟ ހަމަކަށަވަރުން، سُفْيَان الثَّوْرِي  އަށް ލިބިފައިވާ، ތިޔަބައިމީހުން ތިޔަ ކިޔައިދިން ހުރިހައި ކަމަކަށްވުރެ ހެޔޮކަމެއް އަހަންނަށް އެނގެއެވެ. އެއީ އެބޭފުޅާގެ ހިތްޕުޅު މުޙައްމަދު ﷺ ގެ އަޞްޙާބް ބޭކަލުންނަށް ސާފުވެ ސަލާމަތްކަންމަތީ އޮތުމެވެ." 


    އަޚުންނާއި އުޚްތުންނޭވެ! މިއަދު އަހަރެމެން އަހަރެމެންގެ އަމިއްލަ ނަފްސުތަކާ ސުވާލުކޮށްލަމާ ހިނގާށެވެ! ނަބިއްޔާ ﷺ ގެ އަޞްޙާބް ބޭކަލުންނަށް އަހަރެމެންގެ ހިތުގައި އޮތީ ކިހާވަރެއްގެ ޤަދަރެއް ހެއްޔެވެ؟ އަހަރެމެންގެ އަޅުކަންތައްތަކުގެ ތެރޭގައި، އެބޭކަލުންދެކެ ލޯބިވުމުގެ އަޅުކަމަށް އޮތީ ކޮން ނަޞީބެއް ހެއްޔެވެ؟ އެބޭކަލުންގެ ތެރެއިން ބޭކަލަކާ ދިމާލަށް ބަޔަކު އެއްޗެހި ގޮވައި ބަދުބަސްބުނާ ހިނދު، އަހަރެމެންގެ ގާތުގައި އެއީ ބޮޑުކަމަކަށް ވޭ ހެއްޔެވެ؟ އެއީ ކިހާވަރެއްގެ ނުބައިކަމެއްކަމެއް ހިތަށް ތަޞައްވުރުކުރެވޭ ހެއްޔެވެ؟ އެބޭކަލުންދެކެ ނަފްރަތުކޮށް ބަދުބަސްބުނުމަކީ އަހްލުއް ސުންނަތް (ސުންނަތުގެ އަހުލުވެރިން) ގެ ތެރެއިން މީހާ ބޭރުވެ، ބިދުޢަވެރި ބައިގަނޑުތަކުގެ ތެރެއިންވާ މީހެއްކަމުގައި ވެދާނޭކަން އެނގޭ ހެއްޔެވެ؟ 


    އަޚުންނާއި އުޚްތުންނޭވެ! މިއަދު އަހަރެމެން އެ ދީނެއްގެ ހިޔަލުގައި ހަމަޖެހުމާއެކު ﷲ އަށް އަޅުކަންކުރުމުގައި ޤާއިމްވެ މިތިބި އިސްލާމްދީން، މި މަތިވެރި ނިޢުމަތް އަހަރެމެންނާ ހިސާބަށް އައީ އެ ޞަޙާބީ ބޭކަލުންގެ ބުރަ މަސައްކަތުންނެވެ. މިދީނަށް ނަޞްރުދީ ދީން އުއްމަތަށް ފޯރުކޮށްދިނުމުގައި އެބޭކަލުންވަނީ ޖާނާއި މާލުން ޤުރުބާންވެވަޑައިގަންނަވާފައެވެ. އެބޭކަލުންގެ އަނބިދަރިންނާ އާޢިލާދޫކޮށް އެކި އެކި މައިދާންތަކުގައި ޖިހާދު ކުރައްވާފާއެވެ. ލެޔާއި ފުރާނައިން ޤުރުބާންވެވަޑައިގަންނަވާފައެވެ. ބަދުރު ހަނގުރާމަޔާއި، އުޙުދު ހަނގުރާމައިގައި ކަންހިނގައިދިޔަ ގޮތަށް އެކަނި ބަލައިފިނަމަވެސް އެބޭކަލުންގެ ޤުރުބާނީއާއި، މާތްކަމާއި މަތިވެރިކަން ވިސްނޭނެއެވެ.


    ކޮންމެއަކަސް، މިލިޔުމުގައި ފާހަނގަކުރަން ބޭނުންވި ނުކުތާ ފާހަނގަކޮށް ނިމުނީއެވެ. އެއީ އަޞްޙާބް ބޭކަލުންނަށް އަހަރެމެން އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރެއިން ފުރަތަމަ ޙައްޤުކަމުގައިވާ، އެބޭކަލުން ދެކެ ލޯބިވުމެވެ. ދެވަނަ ޙައްޤު މި ލިޔުމުގެ ދެން އަންނަ ބައެއްގައި -إِنْ شَاءَ اللهُ-  ގެނެސްދޭނަމެވެ. 
وصلّى الله وسلّم على نبيّنا محمّد وعلى آله وأصحابه أجمعين، والحمد لله ربّ العالمين


*******

(1) އަންޞާރުންނަކީ ނަބިއްޔާ ﷺ އަށް ނަޞްރުދެއްވި ބޭކަލުންނެވެ. މުހާޖިރުންނަކީ ﷲ އަށް ޓަކައި އަމިއްލަ ބިން (މައްކާ) ދޫކޮށް މަދީނާއަށް ހިޖުރަކުރި ބޭކަލުންނެވެ. އަދި ހަމައެޔާއެކު އެ މުހާޖިރުންވެސް ވަނީ ނަބިއްޔާ ﷺ އަށް ނަޞްރު ދެއްވާފައެވެ. ވުމާއެކު، ނަޞްރު ދިނުމުގައި ދެބައިމީހުން އެއްބައިވިޔަސް، ހިޖުރުކުރުމުގެ ސަބަބުން މާތްވެގެން ދިޔައީ މުހާޖިރުންނެވެ. 
(2) العقيدة الطّحاوية مع شرح ابن أبي العزّ (467)
(3) شرح اعتقاد أصول أهل السّنّة والجماعة (7/1240) رقم: 2325، وانظر: تاريخ مدينة دمشق (44/383)، والحجّة في بيان المحجّة (2/338)

Like what you see?

Close

Hit the buttons below to follow us, you won't regret it...