5  ދުނިޔެ ދޫކުރައްވާފައިވާ ޢިލްމުގެ އަހުލުވެރިން، الإمام ابن باَز، الإمام ابن العُثَيمِين، الإمام مُقبل رحمهم الله އަދި ދުނިޔެމަތީގައި ދިރިތިއްބެވި ޢިލްމުވެރިންގެ ބަސްފުޅުތަކުން އިންތިޚާބު ތަކާއި ވޯޓުލުން ބަޔާންކޮށްދިނުން - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ދުނިޔެ ދޫކުރައްވާފައިވާ ޢިލްމުގެ އަހުލުވެރިން، الإمام ابن باَز، الإمام ابن العُثَيمِين، الإمام مُقبل رحمهم الله އަދި ދުނިޔެމަތީގައި ދިރިތިއްބެވި ޢިލްމުވެރިންގެ ބަސްފުޅުތަކުން އިންތިޚާބު ތަކާއި ވޯޓުލުން ބަޔާންކޮށްދިނުން

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ވޯޓުލުމާއި އިންތިޚާބުތައް


الحمد لله رب العالمين، والصلاة والسلام على رسول الله وعلى آله و صحبه ومن والاه، و بعد :  

 

ސިޔާސީ އެންމެހައި ޙަރަކާތްތަކާ ސިޔާސީ ޕާޓީތައް އެކުއެކީގައި ދޫކޮށް ސަލަފުންގެ މަގު ޚިޔާރުކުރުން

-العَلاَّمَة الشَّيْخ مُحمَّد بن صَالح العُثَيمِين رحمه الله-

 
ސުވާލު: އިސްލާމީ ޕާޓީތަކާ ގުޅިގެން ޢިލްމާނީންނާއި އަދި ކޮމިއުނިސްޓުންނާއި އަދި އެނޫންނަސް ނުބައިކަންތައްތަކާއި ދެކޮޅުވުމަށް މަސައްކަތްތެރި ކުރުމަކީ ޙިކްމަތްތެރިގޮތް ތޯ އެވެ. ނުވަތަ ޙިކްމަތްތެރި ގޮތަކީ، މުޠްލަޤްކޮށް (އެކުއެކީގައި، ހުރިހައި ގޮތްތަކުން) މި އެންމެހައި ސިޔާސީ ޕާޓީތައް ދޫކޮށް އެންމެހައި ސިޔާސީ ކަންތައްތަކުން ދުރުވެ، ދޫކޮށްލުން ހެއްޔެވެ؟ جزاكم الله خيرا
 

ޖަވާބު: "މި ޕާޓީތަކާއި މެދު ޢަމަލުކުރުން އެންމެ ޙިކްމަތްތެރި ގޮތަކީ، ޞަލަފުއް ޞާލިޙުން ޢަމަލު ކޮށްފައިވާ ފަދައިން ޢަމަލު ކުރުމެވެ. އެއީ އެންމެ ފުރަތަމަ އަހަރެމެންގެ ނަފްސަށް ޞައްޙަވެގެންވާ މަގު ހޯދައިގަތުމެވެ. އެއަށްފަހު އެހެނިހެން މީސްތަކުން އިޞްލާޙު ކުރުމަށް މަސައްކަތް ކުޅައުމެވެ. މިއީ ޢަދުއްވުންގެ އެންމެހައި ކަންތައްތަކުން ސަލާމަތްކަން ލިބުމަށް ފުދިގެންވާ މިންވަރެކެވެ. މިފަދައިން އިސްލާމް ދީނަށް ނިޞްބަތްވެގެންވާ މަގުފުރެދިގެންވާ ޕާޓީތަކާއި އެކީގައި، އިޞްލާޙު ކުރުމަށޭ ކިޔައި މަސައްކަތް ކުރުން އެއީ ޢަދުއްވުންނަށް ގަދަކަން ލިބިގެންދާނޭ ކަމެއްކަން ޔަޤީނެވެ. އެއީ އެބައިމީހުން އަހަރެމެންގެ ތެރެއަށް ބިދުޢަތަކާއި މަގުފުރެެއްދުންތައް ވައްދާނެ އެވެ. އެމީހުން ބުނާނެ އެވެ. އެއެއްޗެކޭ، މިއެއްޗެކޭ ތިކިޔަނީ ކަލޭމެންނޭ، އެބައިމީހުން (އެބަހީ : ދީނާއި އިދިކޮޅު މީހުން) ގެ ކުރިމަތީގައި އަހަރެމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައޭ ބުނާނެތެވެ. އެގޮތަށް ސުންނަތާއި ބިދުޢަތައް އެކަތިގަނޑެއްގެ ގޮތުގައި ހެދުމުގެ ސަބަބުން، އަހަރެމެންގެ މައްޗަށް އެގެނެވެނީ ވަރަށްވެސް ނުބައިކަމެކެވެ. އެހެންވުމުން އަހަރެމެންނަށްއޮތީ މިފަދަ އެންމެހައި ކަންތަކެއް ދޫކޮށް، އެންމެ މަގެއްގައި ޤާއިމްވެ ތިބެ ދަޢުވަތް ދިނުމެވެ. އެއީ، ސަލަފުއް ޞާލިޙުންގެ މަގެވެ. އެއީ ފުދިގެންވާ އަދި ފުދޭނެ ގޮތްކަމުގައި ދެކެމެވެ. އަހަރެމެން އެންމެން، އެހެނީ، ސުންނަތުގެ އަހުލުވެރިންނާއި ބިދުޢައިގެ އަހުލުވެރިން އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބެ، ޢަދުއްވުންނާ ދެކޮޅަށް ނުކުތުމަށްބުނާ މިފިކުރަކީ، މީސްތަކުން ހެޔޮ ޢަމަލު ކުރުމަށް ޘާބިތު ނޫން (ބަލިކަށި ޙަދީޘްތައް) ވެސް ގެންނާށޭ ބުނާ ފަދައިން އަދި މީސްތަކުން ނުބައިކަންކަމުން އެކަހެރި ކުރުމަށް ބަލިކަށި ޙަދީޘްތައް ގެނެސް ޖަމަޢަކުރާށޭ ބުނާ ފަދައިން ބުނާ ބަހެކެވެ. އެއީ ކުރެވޭ ވަރަށްބޮޑު ކުށެކެވެ. 


އެހެންކަމުން އަހަރެމެން ޤަބޫލުކުރާ ގޮތުގައި، މީސްތަކުން ހެޔޮކަންކަމަށް ޝައުޤުވެރި ކުރުމަށް ނުވަތަ ނުބައި ޢަމަލުތަކުން އެކަހެރި ކުރުމަށް ބަލިކަށި ޙަދީޘްތައް ގެނެސް ކިޔައިދީގެންވެސް ނުވާނެ އެވެ. އެފަދަ ޙަދީޘްތައް ގެނެވޭނީ އޭގެ ބަލިކަށިކަން ކިޔައިދިނުމަށް އެކަންޏެވެ. ފަހެ، ޞައްޙަވެގެންވާ ޙަދީޘްތަކަކީ އެއިން ފުދިގެންވާ އެއްޗެކެވެ. ހަމައެފަދައިން ޚާލިޞްކަމާ އެކީ އެންމެހައި ބިދުޢަތަކުން އެއްކިބާވެގެންވާ ސަލަފުއް ޞާލިޙުންގެ މަގަކީ، އެހެން ހުރިހައި ގޮތްތަކެއްގެ މައްޗަށް ފުދިގެންވާ ގޮތެކެވެ." https://ces.to/bb7O6g

 

ޑިމޮކްރަސީގެ މައްޗަށް އަދި ވަޟުޢީ ޤާނޫނުތަކުގެ މައްޗަށް ޤާއިމްކޮށްފައިވާ އިންތިޚާބުގައި ވޯޓުލުމުގެ ޙުކުމް

-الشَّيخ العَلاَّمَة د. صَالح بن فَوزَان بن عَبد الله الفَوزَان حفظه الله-


ސުވާލު: ޝެއިޚްއަށް ﷲ ތަޥްފީޤު ދެއްވާނދޭވެ. ވަޟުއީ ޤާނޫނުގެ މައްޗަށާއި ޑިމޮކްރަސީގެ މައްޗަށް ޤާއިމްކޮށްފައިވާ އިންތިޚާބުތަކުގައި ވޯޓުލުން ހުއްދަވެގެންވޭ ހެއްޔެވެ؟   
ޖަވާބު: ތިޔައީ މުސްލިމުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެއް ނޫނެވެ. މުސްލިމުންގެ ޢަމަލުކުރާ ގޮތަކީ، أَهْلُ الحَلِّ و العَقْد (އެއީ، އަމީރުންނާއި ޢިލްމުވެރިންނާއި ރައުޔާއި، ޢިލްމާއި ކަމުގެ އަހުލުވެރިންނެވެ.) ވެރިޔަކަށް އެކަށީގެންވާ ފަރާތަކަށް ބައިޢަތު ހިފުމެވެ. ފަހެ، އޭނާގެ ވެރިކަން އެހިނދުގައި ޤާއިމްވެގެންދިޔައީ އެވެ. ފަހެ، މީސްތަކުންވަނީ އެ أهل الحل و العقد ގެ އަހުލުވެރިންނަށް ތަބަޢަވެގެންވާ ބައެއްގެ ގޮތުގަ އެވެ. ފަހެ، މީސްތަކުންނަކީ އެބައިމީހުންނަށް ތަބަޢަވުމުގައިވާ ބައެކެވެ. އެބައިމީހުންނަށް އޮތީ ޢިލްމުގެ އަހުލުވެރިންނާއި ކަންމޮށިވެގެންވާ އަހުލުވެރިން ހިފި ބައިޢަތް ޤަބޫލުކޮށް ދެމިތިބުމެވެ. ކޮންމެ މީހަކު ނުކުމެ ބައިޢަތު ހިފުމެއް ނޯވެ އެވެ. 
(ވޯޓު ލައިގެން އެންމެހައި މީސްތަކުން ބައިވެރިވެގެން ވެރިން ހޮވުމަކީ) އެއީ ހުޅަނގުގެ ނިޒާމެކެވެ. އިސްލާމީ ނިޒާމެއް ނޫނެވެ. އާއެކެވެ.  
***
ފަތުވާ ނަގާފައިވަނީ : https://goo.gl/PF5DND 

 

އިންތިޚާބުތަކުގައި ބައިވެރިވެ ވޯޓު ލުމަކީ އަނިޔާވެރިންގެ މަޗަށް ލެބުންކަން

-الشَّيخ الإمام العَلاَّمَة مُحمَّد نَاصِر الدين الألبَانِي رحمه الله-


الشَّيخ الإمام العَلاَّمَة مُحمَّد نَاصِر الدين الألبَانِي ވިދާޅުވެފައިވެއެވެ. "އިންތިހާބު ތަކުގައި ބައިވެރި ވުމަކީ އަނިޔާވެރިފަރާތްތަކާއި ދިމާލަށް ލެބުމެވެ. އެހެނީ އަހަރެން ދަންނަގޮތުން ނަމަ ސައްޙަ އިސްލާމީ ޘަޤާފަތެއްގެ ކުޑަމިންވަރެއްވެސް ލިބިފައިވާ މުސްލިމަކުނަމަ މިފަދަ ނިޒާމުތަކަކީ އިސްލާމީ ނިޛާމްތަކެއް ނޫންކަން ޤަބޫލުކުރާނެއެވެ." އަދިވެސް ވިދާޅުވެފައިވެއެވެ. "މިފަދަ އިންތިހާބުތަކާއި ޕާލިމެންޓްތަކަކީ އިސްލާމީ އެއްޗެއް ނޫނެވެ. ޕާލިމެންޓުގައި ތަމްސީލުކުރާނެ ފަރާތެއްގެ ގޮތުގައި އެތަނަށް ކުރިމަތިލުމަކަށް ތިމަންނަ އެއްވެސް މީހަކަށް ނަސޭހަތްތެރިއެއް ނުވާނަމެވެ. އެހެނީ އިސްލާމްދީނަށް ކަމެއް ކޮށްދިނުމަށް އެމީހަކަށް ކުޅާދަނަވެގެން ނުވެ އެވެ. އޭގެ ބަދަލުގައި އެމީހަކުވަނީ ބާރުމިނުގައި ދެމިގެންދާ ފެންސައިލުގެ އޮއިވަރުގައި ބެހިގެންދާނެ މީހެއްކަމުގައެވެ." سلسلة الهدى والنور 660: (من الفتوى 1 إلى 5): حكم الإنتخابات ودخول البرلمان
*****


އާދެ! އެއްވެސް ޝައްކެއް ނެތެވެ. މިފަދަ އިންތިހާބު ތަކަކީ ކާފަރުން އަޑީގައި ތިބެގެން މުސްލިމުންގެ ތެރެއަށް ވައްދައިފައިވާ ލާދީނީ ނިޒާމުތަކެކެވެ. އެކަން ބަޔާން ކުރައްވަމުން الشَّيخ  أ. د. رِبِيع بن هَادِي المَدخَلِي حفظه الله ވިދާޅުވެފައިވެ އެވެ. "މިފަދަ ހުރިހާ ޢަމަލުތަކަކީ އިސްލާމްދީނުގައި އައިސްފައިވާ ހިދާޔަތާއި، ނޫރާއި އަދި ޢަދުލުވެރިކަމުގެ އިތުރުން އިޙްސާންތެރިކަމާއި ފުށޫ އަރާ ކަންތައްތަކެވެ. އެއް އަޤީދާއެއްގެ މައްޗަށް ﷲ އަށްޓަކައި ލޯބިވާ އުޚުއްވަތްތެރި ބައެއްގެ ގޮތުގައި ޖަމާވެ އެކަތިގަނޑަކަށް ވުމަށް އިސްލާމްދީން އުއްމަތުގެ މައްޗަށް ލާޒިމް ކުރާ ލާޒިމްކުރުމާއި ވެސް މުޅިން ޚިލާފު ޢަމަލުތަކެކެވެ. އެހެނީ ޑިމޮކްރަސީއާއި އަދި އެއާގުޅި އޭގެ މައްޗަށް ބިނާވެފައިވާ ގޮފިތައް ވަނީ އުއްމަތް ބައިބައިކޮށް ވިއްސިވިހާލި ކޮށްފައެވެ. އަދި އެކި ޖަމާޢަތްތަކުގެ އިތުރުން ފަރުދީ ނަފްސުތަކުގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އިންދައި ވޯޓުތައް ހޯދުމަށްޓަކައި ވާދަވެރި ކެމްޕެއިން ޙަރަކާތްތަކާއި އަދި ދޮގު ބުހުތާނުގެ މައްޗަށް އެކުލެވޭ ދަޢުވާތައް އިޢުލާންކުރުމަށާއި އަދި އަމާނާތްތަކާއި ޒިންމާތައް ޚަރާބުކުރުމުގެ ޢަމަލްތައް ފަދަ ކަންތަކުގެ ތެރޭގައި އެތަކެއް ފައިސާއެއް އިސްރާފުކޮށް ހަދައެވެ. މިސަބަބައްޓަކައި ޔަހޫދީންނާއި ނަޞާރާއިން އަދި ވަކިން ޚާއްޞަކޮށް އެމެރިކާއިން މި ޑިމޮކްރަސީއާއި އަދި އެއާ ގުޅޭ ކަންތައްތަކާއި އަދި އަންހެނުންގެ ޙައްޤުތަކޭ ކިޔައިގެން އެމީހުން ދަޢުވާ ކުރާ ކަންތައްތައް މުސްލިމް ޤައުމުތަކުގައި ފަތުރަން މަސައްކަތްކުރެއެވެ." من مقاله "ذكرى للمسلمين عموماً ولعلمائهم وحكامهم خصوصاً

 

ޔޫސުފް عليه السلام ހާދިޘާއިން ވޯޓުލާން ދަލީލު ނުކުރެވޭނެކަން ބަޔާންކުރުން 

-الشَّيخ الإمام العَلاَّمَة مُحمَّد نَاصِر الدين الألبَانِي رحمه الله-


يُوسُف عليه السلام ބެހޭގޮތުން ކީރިތި ޤުރުޢާނުގައި ﷲ ވަޙީކުރައްވާފައިވެ އެވެ. قَالَ اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ ۖ إِنِّي حَفِيظٌ عَلِيمٌ "އެ ނަބިއްޔާ ވިދާޅުވި އެވެ. (މިޞްރުގެ) ބިމުގެ ޚަޒާނާތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ. ހަމަކަށަވަރުން ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ."


الشَّيخ الألبَانِي رحمه الله ވިދާޅުވެފައިވެއެވެ. "އެލަނޑުދަނޑިތައް ނުވަތަ އެ މަތިވެރި މަޤާމާއި ހަމަޔަށް ވާޞިލުވުމަށްޓަކައި يُوسُف عليه السلام  އެއްވެސް މަގެއް ހޯދާފައެއް ނުވެއެވެ. އެހެނެއްކަމަކު އަހަރުމެންގެ ވެރި ރައްބު ތަފާތު އެކި ޙާދިޘާތައް يُوسُف عليه السلام ގެ މައްޗަށް ތަޤުދީރުގައި މިންވަރުކުރެއްވި އެވެ. (އެބަހީ : ސޫރަތުގައި ޛިކުރުކުރެވިފައިވާ ފަދައިން ޢަޒީޒުގެ އަނބިކަނބަލުންގެ ޙާދިޘާގައި ކަންތައް ހިގައިދިޔަ ގޮތާއި އެއަށްފަހު يُوسُف عليه السلام ޖަލުގައި ހޭދަކުރެއްވުމާއި އަދި ޖަލުގައި ހިގައިދިޔަ ކަންތައްތަކުގެ ތަފްސީލްތަކާއި އަދި އެއްމެފަހުން ރަސްގެފާނަށް ފެނުނު ހުވަފެން ފަދަ ކަންތައްތަކެވެ.) މިކަންތައްތައް ﷲ ތަޢާލާ ތަޤުދީރުކުރެއްވީ ރަސްގެފާނު އަމިއްލައަށް ޔޫސުފް ޢަލައިހިއްސަލާމާއި ބައްދަލުކުރުމަށް މަގުފަހި ކޮށްދެއްވައި ރަސްގެފާނުގެ ވަޒީރެއްގެ ގޮތުގައި يُوسُف عليه السلام އައްޔަން ކުރެއްވުމަށްޓަކައެވެ. ފަހެ يُوسُف عليه السلام ވަޒީރުކަން ލިބުނުހިނދު ޙުކުމް ކުރެއްވީ އެނަބިއްޔާގެ މައްޗަށް ބާވައިލެއްވުނު ޝަރީޢަތާއި އެއްގޮތަށެވެ. އެއްވެސް ޙާލެއްގައި ކާފަރު ޝަރީއަތެއްގެ މައްޗަކަށް ނޫނެވެ. އެހެނަސް އަހަރެމެންގެ މިޒަމާނުގައި މަޤާމަށް ވާޞިލްވުމަށްޓަކައި ޝިރުކަށް ނުވަތަ ކުފުރަށް މަގުފަހިކޮށްދޭ ދޮރުތަކާއި ދިމާލަށް މިސްރާބުޖަހައެވެ. މިފަދަ ޝިރުކު ނުވަތަ ކުފުރުގެ މަގަކަށް އަރައިގަތުން އެކަހެރި ކޮށްފައި އެފަދަ މަގަކާއި ދިމާލަށް މިސްރާބުޖަހަން ހިތަށްވެސް އެރުވުމަކީ يُوسُف عليه السلام ގެ ޙައްޤުގައި ހަމަހިލާ ވާނެ ކަމެއްނޫނެވެ. އެހެނީ އަހަރެން ދަންނަ ގޮތުގައި މިހާރުގެ އިންތިޚާބުތައް މުނާސަބުވެގެންވަނީ އޭގައި މުސްލިމެއް ނުވަތަ ކާފަރެއް ވަކިނުވާ ކާފަރު ނިޛާމްތަކާއެވެ. އެމީހުންގެ ކައިރީގައި އެންމެން ހަމަހަމަ ވެގެންވެއެވެ. އެ ނިޛާމުގައި އަންހެނަކާއި ފިރިހެނަކާއި ތަފާތެއް ނުހުރެއެވެ. ފިރިހެން މީހާއާއި އެއްވަރު ޙައްޤެއް އަންހެންމީހާއަށްވެސް ލިބިގެންވެއެވެ. އެހެންކަމުން މިއިންތިޚާބުތަކުގެ ދޮރު ހުޅުވޭ ހިނދު މުއުމިނު މީހާއާއެކު ކާފަރު މީހާވެސް ކުރިމަތިލައެވެ. އަދި ފިރިހެން މީހާއާއި އެކު އަންހެންމީހާވެސް ކުރިމަތިލައެވެ. އަދި ހެޔޮލަފާ މީހާއާއެކު ނުބައި ފާޖިރު މީހާވެސް މެއެވެ. އެހެންކަމުން ކާފަރުންގެ މަގާއި ވައްތަރުވެގެންވާ މިމަގު އިޚްތިޔާރުކުރުމަށްފަހު އެކަމުގެ މައްޗަށް ޔޫސުފް ޢަލައިހިއްސަލާމުގެ ޙާދިޘާ ޙުއްޖަތެއް ކަމުގައި ހަދަންވީހެއްޔެވެ! ފަހެ ޔޫސުފް ޢަލައިހިއްސަލާމުގެ ހާދިޘާއާއި މިހާރުގެ މިޒަމާނުގެ އިންތިޚާބު ތަކާއި މެދުގައި ބޮޑުވެގެންވާ ފަރަޤެއްވެއެވެ." موسوعة الألباني في العقيدة ج 9 ص 621-623
****


އަޚުންނޭވެ! ސުންނަތް ދިފާޢުކުރާ ބައެއްގެ ގޮތުގައިވާ ބަޔަކު، ﷲ ގެ ޢަދުލުވެރި އިންސާފުވެރި ޝަރީޢަތް ކުރިއަރުވަން ބޭނުންވެ، ލޯބިކުރާ ބަޔަކު، އެންމެ ކުޑަމިނުން މިއަދު މި ފެންނަ ވޯޓުލާ ނިޒާމަކީ، އިސްލާމް ދީން ދަންނަ އެއްޗެއް ނޫންކަމާއި، ﷲ ގެ ސަމާވީ ޝަރީޢަތާއި ދެކޮޅު އެއްޗެއް ކަމާއި، މިއީ އިސްލާމް ދީނުގެ ތެރެއަށް ބަޔަކު ވައްދާފައިވާ އަނިޔާވެރި، ބޭއިންސާފު ނިޒާމެއްކަން އޮޅުންފިލުވައިދޭނެ ނަމަ އެވެ. މިއީ އިސްލާމީ އެއްޗެއް ނޫންކަން ބަޔާންކޮށް މަޢުލޫމާތު ފޯރުކޮށްދޭނެ ނަމަ އެވެ. އެހިނދު އެންމެ ދަށް ދަރަޖައިން މުސްލިމެއްގެ ނަފްސުގައި މި ޑިމޮކްރަސީގެ ނިޒާމް އަކީ ﷲ ބާވައިލެއްވި ނިޒާމެއް އޮއްވައި މުސްލިމުންގެ ތެރެއަށް ހުޅަގުން ގެނެސް ވައްދާފައިވާ އެއްޗެއްކަން އޮޅުންފިލައި، ނަފްރަތުކޮށް އިސްލާމީ ޝަރުޢަށް ލޯބި ޖެހިފައިވީ ހެވެ. އެހެނަސް އެއްވެސް މިންވަރަކަށް މިކަންތަކާއި ދުރުވާނެ ކަލިމައެއްގެ މިނަވަރުވެސް ބަޔާން ނުކޮށްދޭކަމީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟
އަޚާއެވެ! ތިޔަ އަޚު ވިސްނާލުމަށް ގެނެސްގަތުން ހުއްޓެވެ. މި މާތް، މަތިވެރި، އިލާހީ ޝަރީޢަތުގައި، ﷲ ބާވައިލައްވާފައިވާ، ކަނޑައަޅުއްވާފައިވާ، އެއަށް އަހަރެމެން އީމާންވާންޖެހޭ، ހިތާއި ފުރާނައިން ޤަބޫލުކުރަންޖެހޭ ވެރިން އައްޔަނު ކުރެވޭ ގޮތަކީ ކޮބައި ހެއްޔެވެ؟

 

ވެރިން، ވަލިއްޔުލް އަމްރު، ރައީސުން ކަނޑައަޅަނީ ކިހިނަކުންކަން އިސްލާމް ދީނުގައި ބަޔާންވެގެންވާކަން 

-الشَّيخ العَلاَّمَة د. صَالح بن فَوزَان بن عَبد الله الفَوزَان حفظه الله-


العَلاَّمَة د. صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ. 

 

ސުވާލު: އިންތިޚާބު ތަކަކީ ވެރިކަމަށް ވެރިން ޢައްޔަނު ކުރުމާއި، މުސްލިމުންގެ މައްޗަށް ވަލިޔުއްލް-އަމްރު ކަނޑައެޅުމަށް އޮތް ޞައްޙަވެގެންވާ މަގެއްތޯ އެވެ؟ އަދި އެމީހުންގެ ޤައުމުތަކުގައި މި އިންތިޚާބު ތަކުގެ ފިތުނައިގައި ޖެހިފައިވާ މީހަކަށް ޝެއިޚް ދެއްވާ ނަޞޭޙަތަކީ ކޮބައިތޯ އެވެ؟
ޖަވާބު: "ވަލިއްޔުލް އަމްރު އިޚްތިޔާރު ކުރުން ސުންނަތުގައި އެކަމަށް ދަލީލުތައް ބަޔާންވެގެންވެ އެވެ. އަދި ޚުލަފާއުއް ރާޝިދޫންގެ ޢަމަލުފުޅު އެކަމުގައި ބަޔާންވެގެންވެ އެވެ. 
 

އެންމެ ފުރަތަމައީ: ވަލިއްޔުލް އަމްރު ކަނޑައެޅުމަކީ أَهْلُ الحَلِّ و العَقْد (އެއީ، އަމީރުންނާއި ޢިލްމުވެރިންނާއި ރައުޔާއި، ޢިލްމާއި ކަމުގެ އަހުލުވެރިން) އަށް އޮތް ކަމެކެވެ. އެއީ އެންމެހައި މީސްތަކުންނަށް އޮތް، ކޮންމެ ފަރުދަކަށް އޮތް ކަމެއް ނޫނެވެ. ނޫނެކެވެ. أَهْلُ الحَلِّ و العَقْد ގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރިންނާއި، އަމީރުން އަދި ޢިލްމާއި ރައުޔުގެ އަހުލުވެރިން އެ ބޭފުޅަކު އިޚްތިޔާރު ކޮށްފިހިނދު، އިމާމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ އެވެ. އެއީ أَبُوبَكر الصديق އަށް ބައިޢަތު ހިއްޕެވުނު ގޮތެވެ. މުހާޖިރުންނާއި އަދި އަންޞާރުންގެ ތެރޭގައިވި ޞަޙާބީން ސަޤީފަތު ބަނީ ސާޢިދާގައި ރަސޫލާ ﷺ އަވަހާރަފުޅު ވުމަށްފަހު، أَبُوبَكر އަށް ބައިޢަތު ހިއްޕެވުމުން އެއަށްފަހު، (އެ ބައިޢަތުގެ މައްޗަށް) މުޅި އުއްމަތް أَبُوبَكر الصديق ޚިލާފަތުގެ މައްޗަށް ތަބަޢަވަޑައިގެންނެވި އެވެ. މީސްތަކުންގެ ތެރޭގައިވާ ކޮންމެ މީހަކު، ތަންދޮރު ފިލާފައިނުވާ މީހުންނާއި، ޢާންމުންނާއި، ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން މިކަމުގެ ތެރެއަށް ވަނުމެއް ނޯވެ އެވެ. މިއީ އިސްލާމް ދީނުގެ ހިދާޔަތެއް ނޫނެވެ. 


ދެވަނައީ: އެއީ ވަލިއްޔުލް އަމްރަށް ވެރިކަން ލިބުން ޘާބިތުވާ ދެވަނަ ގޮތެވެ. އެއީ ޢަޙުދު ކުރެވިގެންދިއުމެވެ. އެއީ (އެ އިރެއްގައިހުރި) ވަލިއްޔުލް އަމްރު އެބޭފުޅާއަށްފަހުގައި ވަލިޔުއް އަމްރަށް އަންނާނެ ފަރާތެއް ކަނޑައެޅުއްވާ ނިންމެވުމެވެ. ފަހެ، އެހިނދު އެންމެހައި މީސްތަކުންނަށް އެ ޤަބޫލުކުރުން ލާޒިމްވެ، އެގޮތުގައި ކިޔަމަންގަތުން ވެ އެވެ. އެއީ أَبُوبَكر الصديق އެކަލޭގެފާނަށްފަހުގައި ވެރިކަމަށް އަންނާނެ ފަރާތެއްގެ ގޮތުގައި عُمَر بن الخَطَّاب ޢަހުދު ކުރެއްވިފަދައިންނެވެ. އެހިނދު އެގޮތުގައި ބައިޢަތް ހިއްޕެވި، މުސްލިމުން އެގޮތުގައި ކިޔަމަންތެރިކަން އަދާކުރި އެވެ. ފަހެ، އެހިނދު ނުހަނު ހެޔޮވެގެންވާކަންތައް މިންވަރު ކުރެވިގެންދިޔަ އެވެ.   


(ތިންވަނައީ): ނުވަތަ ވަލިއްޔުލް އަމްރު ވަކިބަޔަކު ޚާއްޞަކޮށް ކަނޑައަޅުއްވާފައި، އެބަޔަކަށް ޢަހުދު ކުރެއްވީ އެވެ. އެބޭފުޅުންގެ ތެރެއިން އެއްބޭފުޅަކު މުސްލިމުންގެ މައްޗަށް އިމާމެއްގެ ގޮތުގައި ކަނޑައެޅުމެވެ. އެއީ عُمَر (އަވަހާރަފުޅު ވުމުގެ ކުރިން) ސުވަރުގެ ވަންނާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި 10 ޞަޙާބީންގެ ތެރެއިން (ދުނިޔޭގެ ޙަޔާތްޕުޅުގައި) ތިއްބެވި ޝޫރާގެ އަހުލުވެރިންގެ ތެރޭގައިވާ 6 ބޭފުޅަކަށް ޢަހުދު ކުރެއްވި ފަދައިންނެވެ. އެ (6 ބޭފުޅުން، އެ ބޭކަލުންގެ ތެރެއިން) عُثْمَان އިޚްތިޔާރު ކުރެއްވި އެވެ. ސަބަބަކީ، عُثْمَان އަކީ އެބޭފުޅުންގެ ތެރޭގައިވި އެންމެ މަތިވެރި ބޭކަލެވެ. އަދި އެންމެ ޢުމުރުފުޅުން ދޮށީ ބޭކަލެވެ. އެހިނދު މުޅި އުއްމަތުގެ އެންމެހައި މީސްތަކުންގެ މައްޗަށް عُثْمَان އަށް ބައިޢަތުހިފުން ލާޒިމްވެގެންދިޔަ އެވެ. އެއްވެސް އިންތިޚާބެއް ނުބޭއްވެ އެވެ. އިސްލާމް ދީނަށް މިވަރު ފުދެ އެވެ. މިއީ ވެރިން އަޢްޔަނުކުރެވޭ (ބައިޢަތު ހިއްޕެވޭ) ގޮތްތަކެވެ.


ނުވަތަ، މުސްލިމަކު އޭނާގެ ކަނޑީގެ ބާރުން ޤައުމެއްގެ މީސްތަކުންގެ މައްޗަށް ގަދަވެގަތީ އެވެ. މީސްތަކުން އޭނާއަށް ކިޔަމަންވެ، ކިޔަމަންތެރިވެއްޖެހިނދު، އޭނާއަކީ އިމާމް ކަމުގައި ކަނޑައެޅޭނެ އެވެ. އެއީ عَبد المَلك بن مَروَان رحمه الله އަށް (ވެރިކަން) ލިބުނު ފަދައިންނެވެ. އެބޭފުޅާ މީސްތަކުންގެ މައްޗަށް އާރާއި ބާރުން ގަދަވެގަތްހިނދު، މުސްލިމުން އެބޭފުޅާއަށް ކިޔަމަންގަނެ، ބޯލެނބުމުގައިވި އެވެ. އެއަށްފަހު އެބޭފުޅާއަކީ އެންމެންގެ ރުހުންލިބި ޚަލީފާކަމުގައިވި އެވެ. އަދި އޭގެ ސަބަބުން ހެޔޮކަންތައް ޙާޞިލްވެގެން ދިޔަ އެވެ. އާނއެކެވެ." 
****
ބަސްތައް ނަގާފައިވަނީ : https://bitlylink.com/xLReq  

   
ﷲ ގެ ޝަރީޢަތަކީ އެންމެހައި ޒަމާނަކަށް ޢާންމު އަދި ޝާމިލްވެގެންވާ ޝަރީޢަތެއްކަން:


އަޚުންނޭވެ! ﷲ ގެ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމަކީ އެންމެހައި ޒަމާނަކަށް އަދި އެންމެހައި މުސްލިމުންނަށް ޤިޔާމަތާއި ޖެހެންދެން ނިޔާކުރައްވާފައިވާ ޝަރީޢަތެވެ. 
އެހެންކަމުން އެ ހެޔޮކަމަކަށް ނަބިއްޔާ ﷺ އިރުޝާދުދެއްވައިފައިނުވާ އެއްވެސް ހެޔޮކަމެއް ނުވެއެވެ. އެދި އެނުބައި ކަމެއްގެ މަތިން ނަބިއްޔާ ﷺ އިންޒާރުދެއްވައިފައިނުވާ އެއްވެސް ނުބައިކަމެއް ނުވެއެވެ. ނަބިއްޔާ ﷺ އަހަރެމެން ދޫކުރެއްވީ ރޭގަނޑު ދުވާލުފަދައިންވާ އަލިކަމެއްގެ ތެރޭގައެވެ. ވުމާއިއެކު ﷲ ވަނީ އެކުއެކީގައި މިފުރިހަމަ ވެގެންވާ އިސްލާމްދީނަށް ވަނުމަށް އަހަރުމެންނަށް ޢަމުރުކުރައްވާފަ އެވެ.

 
الشَّيخ الإمام ابن بَاز رحمه الله ވިދާޅުވެފައިވެ އެވެ. "އިސްލާމްދީން ވަނީ ތިބާއާއި އެކު ހުރިހާ ކަމެއްގައި ވެ އެވެ. (ޔަޢުނީ :އިސްލާމް ދީނަކީ ތިބާއަށް ހުރިހައިކަމެއް ބަޔާންކޮށްދީފައިވާ ޝަރީޢަތެކެވެ.) އެއީ ތިބާ ގޭގައި އަދި ފިހާރާއެއްގައި ވީކަމުގައި ވީނަމަވެސްމެ އެވެ. ހަމަ އެހެންމެ ދަތުރެއްގެ މަތީގައި ނުވަތަ ވަޒަންވެރިވެގެން ހުރިކަމުގައި ވިޔަސްމެ އެވެ. ހަމައެއާއެއްކޮށް ދަތިކަމާއި އުނދަގޫގެ ދަނޑިވަޅުގަޔާއި އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ދަނޑިވަޅުގައި ދީނުގެ މަތީގައި ލާޒިމްވުން ތިމާގެ މައްޗަށް ވާޖިބުވެގެންވެއެވެ. ދީނަކީ ހަމައެކަނި މިސްކިތުގައި އޮންނަ އެއްޗެއް ނޫނެވެ. އެފަދައިން ބުނެއުޅެނީ މަގުފުރެދިފައިވާ ސެކިއުލަރިސްޓުންނެވެ. އެއީ އިލްހާދަށާއި މަގުފުރެދުމަށް ދަޢުވަތުދީ ހަދާ މީހުންނެވެ." مجموع فتاوى ومقالات الشيخ ابن باز (28/59)


އަދި ޝަރީޢަތުގައިވާ އެންމެހައި ޙުކުމްތަކަކީ އެއަށް މީސްތަކުން ރުޖޫޢަވުމަށް އަމުރު ކުރެވިގެންވާ ޙުކުމްތަކެވެ. ﷲ ވަޙީކުރެއްވި އެވެ. اتَّبِعُوا مَا أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا مِن دُونِهِ أَوْلِيَاءَ ۗ قَلِيلًا مَّا تَذَكَّرُونَ "ތިޔަބައިމީހުންގެ ވެރި އިލާހުގެ ޙަޟުރަތުން ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން ތަބަޢަވާށެވެ. އަދި އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް ތަބަޢަ ނުވާށެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ."


ވެރިން އައްޔަނު ކުރުމާއި ވެރިން އިޚްތިޔާރު ކުރެވޭނެގޮތް ޝަރީޢަތުގައި ކަނޑައަޅުއްވާފައިވެ އެވެ. العَلاَّمَة عَبد المُحسن العَبَّاد حفظه الله ވިދާޅުވެފައިވެ އެވެ. "ފަހެ، އެންމެހައި މުސްލިމުންނަށް ވާޖިބުވެގެންވަނީ އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރުމެވެ. އަދި އެބައިމީހުން ދެބަސްވާ ކަންކަމުގައި ޝަރީޢަތުގެ މައްޗަށް ޙުކުމް ކުރުމެވެ. އަދި އިންސާނުން ހަދައިފައިވާ ވަޟުއީ ޤާނޫނުތައް ދޫކުރުމެވެ. ސަބަބަކީ، ޝަރީޢަތަކީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ޙިކްމަތްވަންތަ އިލާހު، ﷲ ގެ ވަޙީ އެވެ. (ﷲ ގެ ޝަރީޢަތަކީ) އަޅުތަކުންނަށް ދުނިޔޭގައި އަދި އާޚިރަތުގައި އެންމެހައި މަޞާލިޙުތަކުގެ މައްޗަށް ޝާމިލްވެގެންވާ ޝަރީޢަތެކެވެ. އެއީ ﷲ ގެ ޙަޟުރަތުން ބާވައިލެއްވިގެންވާ ޝަރީޢަތެކެވެ. އެންމެހައި އުނިގޮތްތަކުން ހުސްތާހިރުވެގެންވާ އެންމެ ފުރިހަމަ އެއްޗެވެ... ދެންފަހެ، ވަޟުއީ ޤާނޫނުތަކަކީ އިންސާނުންގެ އުނިސިފަތައް ލެވިގެންވާ ފަދައިން އުނި އެއްޗެކެވެ. އެއީ އަބަދުވެސް ބަދަލުވާ، އުނިއިތުރު ގެނެވޭ އެއްޗެކެވެ. އިސްލާމީ ޝަރީޢަތާއި ވަޟުއީ ޤާނޫނުތަކާއި ދެމެދުގައިވާ ފަރަޤަކީ ޚާލިޤް އާއި މަޚްލޫޤު ދެމެދުގައިވާ ފަރަގެވެ." العدل في شريعة الإسلامية ... ص 7


އީމާންކަމަށް ދަޢުވާކުރާ މުއުމިނުއަޅުތަކުން ނަފްސާއި ސުވާލު ކޮށްލުން ހުއްޓެވެ! އިސްލާމީ ޝަރީޢަތުގައި ވެރިކަމަށް މީސްތަކުން އައްޔަނުވެވޭގޮތް ކަނޑައަޅުއްވާފައިވޭ ހެއްޔެވެ؟ ވެރިން، ރަސްކަލުން، އަމީރުން އިޚްތިޔާރު ކުރެވެނީ ކިހިނެތްކަން އަންގަވާފައިވޭ ހެއްޔެވެ؟ ޖަވާބަކީ، އާނއެކެވެ. ﷲ ގެ ޝަރީޢަތުގައި އެބާބުވެސް ބަޔާންނުކޮށް، ދޫކޮށްލައްވާފައިނުވެ އެވެ. އެހެންވުމުން މުސްލިމުން އިންސާނުން ހަދައިފައިވާ ވަޟުއީ ޤާނޫނަކަށް، އޭގެ އިތުރުން ޢަދުއްވުން ހަދައިފައިވާ ނިޒާމަކަށް ދިއުން އެއީ އެބައިމީހުންނަށް އެކަށީގެންވާ ޢަމަލެއް ހެއްޔެވެ؟ ﷲ ގެ ޝަރީޢަތް ޤަބޫލުކޮށް، ޝަރީޢަތަށް ރުހިގެން ހުރުމާއި އެ ޝަރީޢަތް އެއީ އެންމެ މާތް، މަތިވެރި ފުރިހަމަ ޝަރީޢަތްކަން ޤަބޫލުކުރުން ކޮބައި ހެއްޔެވެ؟


ﷲ ގެ ޙުކުމްފުޅަކީ ޢަދުލުވެރި ޙުކުމް، މުސްލިމަކު އެނޫން އެއްވެސް ޙުކުމެއް ހޯދައިގެން ނުވާނެކަން:


މުސްލިމް އަޚުންނާއި އުޚްތުންނޭވެ! މިއީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމެކެވެ. ބަޔާންވެގެންވާ ޙުއްޖަތްތަކެވެ. ދަލީލުތަކެވެ. މިއީ ﷲ ގެ ޢަދުލުވެރި ސަމާވީ ޤާނޫނެވެ. މިއީ ދެދުނިޔޭގެ ބާއްޖަވެރިކަން ޙާޞިލްކޮށް ހޯދުމަށް ބާވައިލެއްވުނު ދީނުގައި ބަޔާންވެގެންވާ ގޮތެވެ. ވެރިން އައްޔަނުކުރުން އޮތީ ކިހިނެތްކަން ބަޔާންވެދިއުމަށްފަހު، މި މަންހަޖާއި، އުޞޫލްތައް ދޫކޮށް އެހެން ޙުކުމްތަކަށް، ނިޒާމްތަކަށް ދެވޭނެ އެއްވެސް ޙުއްޖަތެއް ނެތެވެ. ﷲ ވަޙީ ކުރެއްވި އެވެ. أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِّقَوْمٍ يُوقِنُونَ "ފަހެ، އެބައިމީހުން އެދެނީ ޖާހިލިއްޔަތުގެ ޙުކުމް ހެއްޔެވެ؟ ޔަޤީންކުރާ ބަޔަކަށް ﷲ އަށް ވުރެ ޙުކުމްކުރަން މޮޅީ ފަހެ، ކާކު ހެއްޔެވެ؟" ސުވާލުކޮށްލުން ހުއްޓެވެ! މުސްލިމެއް ކަމުގައިވެ، މިއަދު ވެރިން އައްޔަނު ކުރުމަށް އެދެނީ ޖާހިލިއްޔަތުގެ މަގުތަކުން ހެއްޔެވެ؟ ޖާހިލިއްޔަތުގެ ނިޒާމުތަކުން ހެއްޔެވެ؟ ވޯޓު ލުމަކީ ކޮންބައެއްގެ ނިޒާމެެއްތޯ އެވެ؟ އެއީ ކަނޑައެޅިގެން މުސްލިމުންނާ އެއްވެސް ގުޅުމެއްއޮތް އެއްްޗެއް ހެއްޔެވެ؟


އަދިވެސް ﷲ ވަޙީކުރައްވާފައިވެ އެވެ. وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا "އަދި ނަބިއްޔާގެ ވެރި އިލާހުގެ ކަލިމަފުޅު ތެދުވެރިކަމާއި، ޢަދުލުވެރި ކަމުގައި ފުރިހަމަ ވެއްޖެ އެވެ." الإمام ابن كَثِير رحمه الله ތަފްސީރުގައި قَتَادَة އަރިއަހުން ގެންނަވާފައިވެ އެވެ. "ﷲ ވަޙީ ކުރެއްވި އެންމެހައި ބަސްފުޅެއްގައިވަނީ ތެދުވެރިކަމެވެ. އަދި ޙުކުމް ކުރެއްވި އެންމެހައި ކަމެއްގައިވަނީ ޢަދުލުވެރިކަމެވެ." 


އަދިވެސް ޝަރީޢަތުގައިވަނީ ޢަދުލުވެރިކަން ބަޔާންކޮށް ވަޙީކުރައްވާފައިވެ އެވެ. إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ "ހަމަކަށަވަރުން ޢަދުލުވެރި ވުމަށާއި، އިޙްސާންތެރިވުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް ﷲ އަމުރުކުރައްވަތެވެ." ދަންނަހުއްޓެވެ. ވެރިން އައްޔަނު ކުރުމުގައި ﷲ ގެދީނުގައި އެކަލާނގެ ކަނޑައަޅުއްވާފައިވާ ޙުކުމަކީ އިސްވެ ބަޔާންވެގެންދިޔަ ފަދައިން ޢަދުލުވެރި ޙުކުމެވެ. ޢަދުލުވެރިކަން ދޫކޮށް، އަނިޔާވެރިކަމާއި، ޙައްދުފަހަނައެޅުމުގެ މައްޗަށް މުސްލިމުންނަށް ނުދެވޭނެކަން ޝައްކެތްވެސް ނެތެވެ. ވޯޓު ލުމަކީ އިސްލާމީ ތާރީޚުގައި ދުވަހަކުވެސް މުސްލިމުން ދެކެފައިނުވާ އެއްޗެކެވެ.  


ވެރިން އައްޔަނު ކުރުން އޮތީ ކިހިނަކުންކަން އަދި ކޮންސިފަތަކެއްކަން އިސްލާމް ދީނުގައި އަންގާފައިނެތީ ހެއްޔެވެ؟ ޔަޤީން ކަށަވަރުކަމާއެކު ބުނެވެނީ، އިސްލާމް ދީނުގައި އެ ޙުކުމް ބަޔާންވެގެންވެ އެވެ. އެއަށްފަހު މުސްލިމުން ހޯދަންޖެހޭ ނިޒާމެއް، ހޯދަންޖެހޭ ޤާނޫނެއް އޮންނާނެތޯ މުއުމިނެއް ކަމުގައިވާނަމަ ނަފްސާއި ސުވާލު ކޮށްލުން ހުއްޓެވެ؟ ޔަހޫދީންނާއި މުސްލިމުންގެ ޢަދާވާތްތެރިން އުފައްދާފައިވާ ނިޒާމެއް މުސްލިމުން ޤަބޫލުކުރަނީ ކިހިނަކުން ހެއްޔެވެ؟ އަނިޔާވެރިކަމާއި ބޭއިންސާފު ހެއްޔެވެ؟


ދީނުގައި ކަނޑައަޅުއްވާފައިވަނީ ސުންނަތަށް ތަބަޢަވުމާއި ބިދުޢަތަކުން އެއްކިބާވުމަށް:


ކީރިތި ޤުރުއާނާއި ސުންނަތް އަދި މާތް ޞަޙާބީންގެ ޢަމަލުފުޅު އެއީ އިސްލާމް ދީންކަމުގައިވެ އެއަށްފަހު ހިދާޔަތެއް ނޯންނާނެ އެވެ. ޙަދީޘް ކުރެއްވި އެވެ.) عَلَيْكُمْ بِسُنَّتِي وَسُنَّةِ خُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ، وَإَيَّاكُمْ وَمُحْدَثَاتُ الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ( "ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި އައުކަންތައްތަކާ މެދު ސަމާލުވެ ތިބޭށެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." ވެރިން އައްޔަނުކުރުމަށް ޝަރުޢީގޮތުން ނިޔާކުރައްވާފައި ގޮތްއޮވެ، ޔަހޫދީން ހަދައިފައިވާ ނިޒާމެއް ގެނެސް އެއަށް ތަބަޢަވުންވާނީ ދީނަށް ވައްދާފައިވާ ކޮންފަދަ ބިދުޢަވެރި ޢަމަލަކަށްތޯ އެވެ؟ 


އަދިވެސް ރަސޫލާ ފިރުޤަތުއް ނާޖިޔާ ސިފަކުރައްވާ ޙަދީޘް ކުރެއްވިއެވެ. )مَا أَنَا عَلَيْهِ الْيَوْمَ وَأَصْحَابِي ("ތިމަން ނަބިއްޔާ އާއި ތިމަން ނަބިއްޔާގެ ޞަޙާބީން މިއަދު އެގޮތެއްގެ މަތީގައި ތިބި ގޮތުގައި ތިބޭ މީހުންނެވެ." 


ވެރިން އައްޔަނު ކުރުމުގައި މާތް ނަބިއްޔާގެ ހިދާޔަތް ލިބިވަޑައިގެންނެވި އަދި އުއްމަތަށް ހިދާޔަތް ދައްކަވައިދެއްވި ޞަޙާބީންގެ ހިދާޔަތް މިވަނީ ވަރަށް ފުރިހަމައަށް ބަޔާންވެގެންނެވެ. އެއަށްފަހު ހިދާޔަތެއް މިއުއްމަތަށް ނޯންނާނެ އެވެ. އެ ރިވެތި، މާތް، މަތިވެރި ހިދާޔަތް ދޫކޮށްލުމަށްފަހު، އީމާންކަމުގައިވާ އަދި އޭގެ އިތުރަށް ސުންނަތުގައިވާ އަހުލުވެރިޔަކު ހޯދާނެ އެއްވެސް އެހެން މަގެއް ނޯންނާނެ އެވެ. އެއީ ޙައްޤުގެ އަހުލުވެރިންނަށް ﷲ ރުއްސަވާވޮޑިގަންނަވާ މަގު އުއްމަތަށް އުނގަންނަވައިދެއްވި ބޭކަލުންނެވެ. 


الإمام ابن كَثِير ވިދާޅުވެފައިވެ އެވެ. "އެހެނަސް އަހުލުއް-ސުންނަތް ވިދާޅުވެފައިވަނީ : އެއްވެސް ޢަމަލުފުޅެއް އަދި އެއްވެސް ބަސްފުޅެއް ޞަޙާބީންގެ ފަރާތްޕުޅުން ޘާބިތުވެފައި ނުވާހިނދެއްގައި އެއީ ބިދުޢައެކެވެ. ސަބަބަކީ އެއީ ހެޔޮކަމެއް ކަމުގައި ވާނަމަ އެބޭކަލުންވާނީ އަހަރެމެންނަށްވުރެ އެކަމުގައި ކުރިއަރައިގޮސްފަ އެވެ. އެބޭކަލުން ހެޔޮކަމުގެ އެއްވެސް ކަމެއް (ނުކުރައްވައި) އަހަރެމެންނަށްޓަކައި ދޫކުރައްވާފައިނުވާނެ އެވެ. އެހެނަސް އެ އެންމެހައި ޢަމަލުތަކެއް ކުރުމުގައިވަނީ އަވަސްވެވަޑައިގެންފަ އެވެ." تفسير ابن كثير 4-190


ދަލީލު ފާޅުވެ، ހެކި ފާޅުވެގެންވާ ހިނދެއްގައި އެއްވެސް މީހެއްގެ އެއްވެސް ބަހަކަށް ބެލުމެއް ނޯންނާނެ އެވެ. ވެރިން އިސްވުމާއި، އައްޔަނުކުރުމަކީ އިސްލާމް ދީނުގައި ބަޔާންވެގެންވާ އެއްޗެކެވެ. ސުންނަތުގެ އަހުލުވެރިންނަށް އޮތީ ދީނުގައި ބަޔާންވި މިންވަރުން ފުދިގެން އެމިންވަރުގެ މައްޗަށް ރުހުމެވެ. އަދި އެއާއި އިދިކޮޅު ސިފަތަކާއި ނިޒާމްތަކުގެ މައްޗަށް ނަފްރަތުކޮށް އިންކާރުކޮށް ދެކޮޅުވުމެވެ. ސުންނަތުގެ ބަޔަކު، އޭގެ އިތުރަށް ސަލަފުއް ޞާލިޙުންނަށް ނިޞްބަތްވާ ބަޔަކު މި ނޫން އެއްޗެއް ހޯދައި، ލޯބިކޮށް އެއަށް ޘަނާގެ ބަސްތައް ބުނާނީ ކިހިނަކުން ހެއްްޔެވެ؟ 


އިންތިޚާބުތަކަކީ ބުއްދީގެ ގޮތުންވެސް ބަލައިގަނެވޭނެ ކަމެއްނޫންކަން


الإمَام مُقبِل رحمه الله ވިދާޅުވެފައިވެ އެވެ. "ހަމައެކަނި ވޯޓުން ތިމަންނައަށް މަޤާމަށް ވާސިލުވެވޭނެކަމަށް ހީކުރާ މީހާއަކީ ޣާފިލެކެވެ. ޣާފިލެކެވެ. ޣާފިލެކެވެ. ކިއެއް ހެއްޔެވެ! އިންތިޚާބުގެ ޛަރިއްޔާއިން ކާމިޔާބު ލިބޭނެ މީހަކީ އެމީހެއްގެ އަތުގައި މިލިޔަނުން މިލިޔަނުން ޑޮލަރު ހުންނަ މީހާއެވެ. އަދި ރޭގަނޑު ޤަބީލާތަކުގެ ބޮޑުން ނުވަތަ އެވެނި މިވެނި މީހެއްގެ އަރިހަށް ގޮސް ސިއްރުން (ޑީލް ހަދާ މީހާއަކީ) އެއީ ކާމިޔާބު ވާނޭ މީހާއެވެ." من كتاب مقتل الشيخ "جميل الرحمن


އެހެންކަމުން އޮޅުވައިލުމާއި މަކަރާއި ގަދަބާރުގެ އިތުރުން އަޑުގަދަކޮށްގެން ކާމިޔާބު ލިބޭ ނިޛާމެއް ފުރިހަމަ ނިޛާމެއްކަމުގައި ބަލައިގަތުމަށް ހަމަބުއްދި ޖާގަދޭހެއްޔެވެ. އެއީ ކިތަންމެ ބޮޑު ފާޖިރެއްކަމުގައިވިޔަސް ނުވަތަ ބުއްދިހަމަނުވާ މޮޔައެއް ކަމުގައި ވިޔަސް އެއެންމެންގެ ވޯޓު ތަޤުވާވެރި ޢިލްމުވެރި މީހާގެ ވޯޓާއި އެއްވަރުމުވަކީ އިސްލާމީ އުސޫލެއް ހެއްޔެވެ؟ 


أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُونَ "ފަހެ، މުއުމިނަކު ކަމުގައިވާ މީހާ އާއި އުރެދޭ ފާސިޤަކު ކަމުގައިވާ މީހާ އެއްފަދަ ހެއްޔެވެ؟ އެ ދެބައިމީހުން އެެއްވަރެއް ނުވާނެތެވެ."  أَمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أَن نَّجْعَلَهُمْ كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَّحْيَاهُمْ وَمَمَاتُهُمْ ۚ سَاءَ مَا يَحْكُمُونَ "ނުބައިކަންތައް ކުރި މީހުން އީމާންވެ، ޞާލިޙް ޢަމަލުތައް ކުރި މީހުންނާ އެއްފަދަ ކަމުގައި ތިމަން އިލާހު ލައްވާނޭކަމަށް އަދި އެބައިމީހުންގެ ދިރިތިބުމާއި މަރުވުން ހަމަހަމަވެގެންވާނެކަމަށް އެބައިމީހުން ހީކުރީ ހެއްޔެވެ؟ އެބައިމީހުން ކުރާ ޙުކުމް ހާދަ ނުބައިވެގެންވެ އެވެ." 

އަދި ހަމައެފަދައިން އަންހެންމީހާގެ ވޯޓު ފިރިހެންމީހާގެ ވޯޓާއި އެއްވަރުވެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުޢާނުގައި ވަޙީ ކުރައްވާފައިވެއެވެ. وَلَيْسَ الذَّكَرُ كَالْأُنثَىٰ "ފިރިހެނަކު އަންހެނަކާ އެއްފަދައެއް ނޫނެވެ."


ހަމައެއާއި އެއްކޮށް ގިނަފަހަރަށް މިވޯޓަކީ ކުރިންވެސް ދެންނެވުނު ފަދައިން ރިޝްވަތު ދީގެން ނުވަތަ ވަޒީފާއިން ވަކިކޮށްލާނެ ކަމުގެ ބިރު ނުވަތަ އެނޫންވެސް އެހެނިހެން ގޮތްގޮތުން ބިރުދައްކައިގެން ގަދަކަމުން ހޯދާ އެއްޗެއް ކަމުގައި ވެއެވެ. ކަންހުރި ގޮތަކީ މިއީ ކަމުގައި ވާއިރު އަދުލުވެރި އިސްލާމީ ޢޫސޫލެއްކަމުގައި މިކަން ވާނީ ކިހިނެއްހެއްޔެވެ. އަދި މިހުރިހާ ފަސާދަތަކާއި އެކު ވޯޓު ލުމަކީ ޤުރުއަތުލުންފަދަ އާދައިގެ ކަމެއްކަމުގައި ސިފަކުރެވޭނީ ކިހިނެއްހެއްޔެވެ. 


އަޚުންނޭވެ! މިއަދު އެބުނާ "ދީނީ" މީހާގެ ޖަގަހައިގައި ދެޖިންސު މައްސުނިކޮށް، ޓީވީ ބަހައްޓައި، އެތަނުގައި  މައްސުނިވެ އުޅުމާއި، އެތަނުގައި އެ އުޅޭގޮތްތަކަކީ ހަމަ ޝަރުޢީ ޙުދޫދްތައް ބާއެެވެ. ޝަރުޢީ ޙުކުމްތަކަށް ޢަމަލުކުރުން ހެއްޔެވެ؟ އިސްލާމް ދީނަކީ ތިމާ ބުރުސޫރަ ދައްކައިގެން، ދީން އަށްޑަނައަށް ހަދައި، އެއިން ދުނިޔޭގެ މަޤާމް ހޯދުން ހެއްޔެވެ؟


އެހެންކަމުން ވޯޓުގެ އަސްލަކީ އިސްލާމްދީނާއި މުޅިން ބީރައްޓެހި އެއްޗެއްކަން އެގިގެންދެއެވެ. އެހެނަސް ބޮޑުނުބައެއް ދުރުކުރުމަށްޓަކައި ކަނޑައެޅި އެގިގެންވާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ރައްބާނީ ޢިލްމުވެރިންގެ ލަފާގެ މަތިން ކޮންމެހެން ވޯޓުލާން ޖެހޭ ދަނޑިވަޅެއް އައްޔަންވުމުން އެފަދަ ޙާލަތުގައި ވޯޓުލުމަކީ ނެތްކަމެއް ނޫނެވެ. އެހެނަސް އެއީ ޙާޖަތުގެ މިންވަރަށް ޝަރުތުވެގެންވާ ޚާއްޞަ ހުކުމެކެވެ. އެކަމުގައި ފަތުވާ ދޭނީ ރައްބާނީ ބޮޑެތި ޢިލްމުވެރިންނެވެ. 


ވެރިން އައްޔަނު ކުރުމުގައި ދީނުގައި ކަނޑައެޅިފައިވާ އިންތައް ދޫކޮށް ޔަހޫދީންނާއި ނަޞާރާއިންނަށް ތަބަޢަނުވުމަށް އަމުރުފުޅު ކުރައްވާފައިވާކަން:


ޙައްޤު މަގު ދޫކޮށް، ސުންނަތުގައި ބަޔާންވެގެންވާ ސިފަތައް ދޫކޮށް ޔަހޫދީންނާއި ނަޞާރާއިންގެ ކަންތައްތައް މުސްލިމުން ނަގާނެ ކަމާއި، އެއަށް މުސްލިމުން ތަބަޢަވާނެކަމަށް ނަބިއްޔާ ﷺ ހަދީޘް ކުރައްވާފައިވެ އެވެ. (لَتَتْبَعُنَّ سَنَنَ مَن كانَ قَبْلَكُمْ، شِبْرًا شِبْرًا وذِراعًا بذِراعٍ، حتَّى لو دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ، قُلْنا: يا رَسولَ اللَّهِ، اليَهُودُ والنَّصارَى؟ قالَ: فَمَنْ) "ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ މަގުތަކަށް ތަބަޢަވާނެތެވެ. އެއީ ކައިވަތަކަށް ފަހު ކައިވަތަކަށެވެ. މުށަކަށް ފަހު މުށަކަށެވެ. އެގޮތުން އެބައިމީހުންގެ ތެރެއިން މީހަކު ބޮނޑެއް އޮންނަ ހޮރަކަށް ވަތްކަމުގައި ވީނަމަވެސް ތިޔަބައިމީހުން އެމީހުންނަށް އެކަމުގައި ތަބަޢަވާނެތެވެ. އެހިނދު ޞަޙާބީން ދެންނެވި އެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިންނަށް ތަބަޢަވާނެ ވާހަކަތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. "އެނޫން އެހެން ކޮންބައެއް ހެއްޔެވެ؟"


މުސްލިމުން ޔަހޫދީންނާއި ނަޞާރާއިންނަށް ތަބަޢަވާނެ މިންވަރު ބަޔާންކުރައްވާފައިވަނީ މިފަދައިން އެކަންޏެއްވެސް ނޫނެވެ. އަދި ކިޔެއްތަ! މިއަށްވުރެ ނުބައިކަން ބޮޑުވެގެންވާ ޢަމަލުތަކުގައިވެސް ޔަހޫދީންނާއި ނަޞާރާއިންގެ މަގުތައް ހޯދައި، އެބައިމީހުންނަށް ތަބަޢަވާނޭކަން ނަބިއްޔާ ﷺ ވަނީ ޛިކުރު ކުރައްވާފަ އެވެ. ޙަދީޘް ކުރައްވާފައިވެ އެވެ. (..... وحتّى لو أن أحدهُم ضاجعَ أمّهُ بالطريقِ لفعلتُم) "..... (ޔަހޫދީންނާއި ނަޞާރާއިންނަށް ތަބަޢަވަމުންގޮސް) އެބައިމީހުންގެ ތެރެއިން މީހަކު އެނާގެ މަންމައާއި މަގުމަތީގައި އެއްދާން ކުރި ކަމުގައިވީނަމަވެސް ތިޔަބައިމީހުން އެކަން ކުރާނެތެވެ." މިއީ ތަބަޢަވުމުގައި މި އުއްމަތުގެ އަހުލުވެރިން މަގު ޚިޔާރު ކުރާނެ މިންވަރެވެ. އެހެން ވުމުން ވެރިންނާއި އެނޫން ފަރާތްތަށް އައްޔަނު ކުރުމުގައި އިސްލާމީ ޝަރީޢަތް ދޫކޮށް ކާފަރުންނަށް ތަބަޢަވުމުގައި ވާނޭ މިންވަރު ވިސްނާލުން ހުއްޓެވެ. ތިމާގެ މަންމައާ އެއްދާންކުރުންފަދަ ދަތިކަމެެއްގައިވެސް ތަބަޢަވާނެ ކަމުގައިވީހިނދު، ވޯޓު ލުމުގައި ތަބަޢަވުން މާ ފަސޭހަވާނެ ނޫން ހެއްޔެވެ؟ 


ޝަރީޢަތުގެ ޙުކުމް އެކަމެެއްގައި ބަޔާންވުމަށްފަހު އެއްވެސް މީހެއްގެ ބަހެއް އޭގެ މައްޗަށް އިސް ނުވާނެކަން:


މުސްލިމް އުއްމަތުގެ މައްޗަށް ވެރިން ކަނޑައެޅުންއޮތީ ކިހިނަކުންކަން ވަނީ ބަޔާންވެގެންނެވެ. ސިފަތަށް ވަނީ ޛިކުރު ކުރެެވިގެންނެވެ. އެއަށްފަހު ސުންނަތުގެ އަހުލުވެރިއެއް ދާންޖެހޭނެ، ހޯދަންޖެހޭނެ އެއްވެސް އިތުރު ނިޒާމެއް ނޯންނާނެ އެވެ. ބިދުޢަވެރި މަގުތަކަކާއި ބާޠިލް އެންމެހައި މަގުތަކުން އެއްކިބާ ވުމަކީ އޭނާގެ އީމާންކަމުގެ ޢަލާމާތެކެވެ. އޭނާގެ އީމާން ކަމުގެ ހެޔޮވެގެންވާ ސިފައަކެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا "އަދި ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް، އެކަމުގައި އެބައިމީހުންނަށް އިޚްތިޔާރެއް އޮތުމަކީ ނެތް ކަމެކެވެ. އަދި ﷲ އާއި ރަސޫލާއަށް އުރެދިއްޖެމީހާ ދަންނާށެވެ. ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ." 


ވެރިން އައްޔަނު ކުރުމުގައި އުއްމަތަށް ކަނޑައަޅުއްވާފައިވާ ނިޔާއެއްވެ އެވެ. އިސްވެ އެކަންވަނީ ބަޔާންވެގެންނެވެ. ﷲ ނިޔާކުރައްވާފައިވާ ޙުުކުމަށްފަހު އަދި ރަސޫލާ އުއްމަތަށް ކަނޑައެޅުއްވި ޙުކުމަށްފަހު، އެހެން އެއްޗަކަށް ދިއުން އެއްވެސް މުއުމިނަކަށް ހުއްދަވާނެ، ޙަލާލުވާނެ އެއްވެސް ހުއްޖަތެއް ނޯންނާނެ އެވެ. މީސްތަކުން ދީން ދޫކޮށް، ކާފަރުންނާއި މުޝްރިކުންގެ މަގުތައް ހޯދުމަކީ ޙައްޤާއި އަދި ޙައްޤަށް ނަޞްރުވެރިވުމަށް ދެމިތިބި އަހުލުވެރިން ޝަރީޢަތުގައިވާ ސިފަތަކާއި ޙުކުމްތައް ދޫކޮށްލުމަށްއޮތް ބަހަނާއެއް އަދި ޙުއްޖަތެއްވެސް ނޫނެވެ. އެހެނަސް، މީސްތަކުންނަށް އެބައިމީހުންގެ ދީން ރައްކާތެރި ކުރުމަށް ދަޢުވަތު ދިނުމާއި، އިޞްލާޙު ވުމަށް އިރުޝާދު ދިނުން ނޫން އެހެންގޮތެެއްވޭ ހެއްްޔެވެ؟ ދީނުގައި ކަނޑައެޅިފައިވާ ޙުކުމް ދޫކޮށްލުން ކޮންފަދަ ބޮޑުވެގެންވާ ފުރެދުމެއްތޯ އެވެ؟ أَبُوبَكر الصدِّيْق رضي الله عنه ވިދާޅުވެފައިވެ އެވެ. (لَسْتُ تَارِكًا شَيْئًا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَعْمَلُ بِهِ، إِلَّا عَمِلْتُ بِهِ، إِنِّي أَخْشَى إِنْ تَرَكْتُ شَيْئًا مِنْ أَمْرِهِ أَنْ أَزِيغَ) "ރަސޫލާ ﷺ ގެ ޢަމަލުކުރެއްވި ޢަމަލުފުޅެއް ދުވަހަކުވެސް ޢަމަލު ނުކޮށް ދޫކޮށް ނުލައްވަމަވެ. އެ ރަސޫލާގެ އަމުރުފުޅެއް ދޫކޮށްލައިފި ކަމުގައިވާނަމަ އަޅު މަގުފުރެދިގެން ގޮސްދާނެކަމަށް ބިރުވެތިވަމެވެ." صحيح مسلم كتاب الجهاد و السيرة 


ވޯޓުން އިޚްތިޔާރު ކުރުމަކީ ﷲ ކަނޑައަޅުއްވާފައިވާ މަތިވެރިގޮތް ދޫކޮށް ދެރަ ނިކަމެތި ތަކެއްޗަށް އެދުން:


އިސްލާމީ ތާރީޚުގައި މުސްލިމުން އެބައިމީހުންގެ ޝަރީޢަތާއި، ދީނުގެ ޙުކުމްތައް ދޫކޮށް، މުސްލިމުންގެ ޢަދުއްވުންގެ މަންހަޖުތައް ނަގައި އެތަކެތި ޤަބޫލުކުރުން ހެޔޮކަމެއްގެ ގޮތުގައި ލެވިފައިވި ޒަމާނެއްވޭ ހެއްޔެވެ؟ ދެރަ ނިކަމެތި އަގެއްނެތް އުނިތަކެއްޗަށް ޢަމަލުކޮށް އެތަކެތި ބަލައިގަތުމަކީ އެއީ ހެވެއްކަމުގައި ކަނޑައެޅުނު ޒަމާނެއްވި ހެއްޔެވެ؟ އެހެނަސް މިއަދުގެ ޙާލަތެވެ. ސުންނަތާއި ދީނަށް ދަޢުވާކުރާ މީހުން މިފަދައިން ކާފަރުންގެ އުޞޫލުތަކާއި، ޤަވާޢިދުތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމާއި، އިންކާރުކޮށް މީސްތަކުންނަށް އެތަކެތި ދޫކޮށް ޝަރީޢަތުގައި ބަޔާންވެގެންވާ ޙުކުމަށް އައުމަށް ދަޢުވަތު ދިނުމުގެ ބަދަލުގައި އެމީހުންވެސް އޭގައި ބައިވެރިވުމެވެ. ބަޔާންވެގެންދާ އެންމެ ބޮޑު ހެއްކަކީ، ހަވާނަފްސަށް ތަބަޢަވުމެވެ. ﷲ ވަޙީ ކުރައްވާފައިވެ އެވެ. قَالَ أَتَسْتَبْدِلُونَ الَّذِي هُوَ أَدْنَىٰ بِالَّذِي هُوَ خَيْرٌ "އެނަބިއްޔާ ވިދާޅުވި އެވެ. ތިޔަބައިމީހުން މޮޅު ތަކެތީގެ ބަދަލުގައި ދެރަ ތަކެއްޗަށް އެދެނީ ހެއްޔެވެ؟" މިއީ ﷲ އަށް ފުރިހަމައަށް އީމާންވެގެންވާ ފާރާތެއްގެ ޢަމަލު ކަމުގައި ނުވާނެކަން ކަށަވަރެވެ. ވޯޓު ލުމަކީ، ނިކަމެތި، ދެރަ، އަގެއްނެތް ގޮތެކެވެ. އެއްވެސް ޙުއްޖަތެއް ދަލީލެއް އޮތް ކަމެއް ނޫނެވެ. އަދި ކިޔެއްތޯ؟ އެއީ އިސްލާމް ދީން ކަނޑައަޅުއްވާފައިވާ، ނިޔާ ކުރައްވާފައިވާ އެންމެހައި ގޮތްތަކާއި ދެކޮޅު، ޔަހޫދީ ނިޒާމެކެވެ. 


ވޯޓު ލައިގެން ވެރިން އައްޔަނު ކުރުމަކީ އިސްލާމީ ތާރީޚް ދުވަހަކުވެސް ދެކެފައިވާ އެއްޗެއް ނޫންކަން

-الشَّيخ العَلاَّمَة د. صَالح بن فَوزَان بن عَبد الله الفَوزَان حفظه الله-


الشيخ صَالح الفوزان حفظه الله އަރިހުގައި އަންނަނިވި ސުވާލު ކުރެވުނެވެ.

ސުވާލު: ﷲ ޝެއިޚްއަށް ތަޥްފީޤު ދެއްވާނދޭވެ! އިންތިޚާބު ތަކުގައި ބައިވެރިވުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އެއީ، އޭނާގެ އަމިއްލަ ނަފްސު ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރި ކުރުން ނުވަތަ އެހެން މީހަކަށް ވޯޓު ދިނުމުގައި ބައިވެރިވުން ކަމުގައިވީނަމަވެސްމެ އެވެ.
ޖަވާބު: "ތިޔަބައިމީހުން އިސްލާމީ ތާރީޚަށް ރުޖޫޢުވެ ބެލުން ހުއްޓެވެ. މިއަދު މިފެންނަ އިންތިޚާބުތައް އެބައިމީހުންގެ ތެރޭގައިވާނަ އެއީ ހުއްދަކަމެވެ. (ތާރީޚް) އިން ފެންނަން ނެތްކަމުގައިވާނަ އެއީ އިސްލާމްދީނުގައި އޮތް އެއްޗެއް (އިސްލާމީ އެއްޗެއް) ނޫނެވެ. އާނއެކެވެ." https://ces.to/KxWLu0 


ﷲ ގެ ނަބިއްޔާއަށް އެކަމެއް ފާޅުނުވެ، ޞަޙާބީންނަށް އެކަމެއް އެނގިވަޑައިނުގަންނަވައި އަދި ތާބީޢީން ދެނެވަޑައިނުގަންނަވާ ކަމެއް، އޭގެ ފަހުގައި އަންނަ ބަޔަކަށް އެއީ ހެޔޮކަމެއްގެ ގޮތުގައި ފާޅުވެދާނެ ހެއްޔެވެ؟ އިސްލާމީ ޝަރީޢަތުގެ ތިލަފަތް ކޮބައި ހެއްޔެވެ؟ ޙައްޤާއި ބާޠިލް ކޮބައިހެއްޔެވެ؟ ޙަދީޘްގައިވެ އެވެ. (خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ) صحيح البخاري 2652 "އެންމެ ހެޔޮވެގެންވާ ބަޔަކީ ތިމަން ނަބިއްޔާގެ ޤަރުނުގެ އަހުލުވެރިންނެވެ. އެއަށްފަހު (ހެޔޮވެގެންވާ ބަޔަކީ) ޖެހިގެން އަންނަ ޤަރުނުގެ އަހުލުވެރިންނެވެ. އެއަށްފަހު ޖެހިގެން އަންނަ ޤަރުނުގެ އަހުލުވެރިންނެވެ." މިއީ ރަސޫލާ ﷺ ހެޔޮ ޤަރުނުތަކުގެ އަހުލުވެރިންގެ ގޮތުގައި ސިފަކޮށްފައިވާ ފަރާތްތަކެވެ. އެއަށްފަހުގައި ހެޔޮ ޤަރުނުގެ ގޮތުގައި ޙަދީޘް ނުކުރައްވަ އެވެ. އެހެންވުމުން ދީނުގައި ސަލާމަތާއި ރައްކާތެރިކަން ލިއްބައިދޭނެ ބައެއްކަމުގައިވަނީ އެބޭކަލުންނަށް ތަބަޢަވުމެވެ. شيخ الإسلام ابن تَيمية رحمه الله ވިދާޅުވެފައިވެ އެވެ. "ޞަޙާބީންނަށް ފަހު، ޞަޙާބީންނަށްވުރެ ހެޔޮ ބަޔަކު ނުވާނެ އެވެ." مجموع الفتاوى ١١/٢٢٣ 


ދީނުގެ އެއްވެސް ބާބެއްގައި އެބޭކަލުންނަށްފަހުގައި އެއަށްވުރެ ހެޔޮ ޞާލިޙް ފަރާތްތަކެއް ނާންނާނެކަން ސުންނަތުގެ އަހުލުވެރިން ކަށަވަރު ކުރަންޖެހޭނެ އެވެ. ހުރިހައި ހެވެއްއޮތީ އެބޭކަލުންނަށް ތަބަޢަވުމުގަ އެވެ. އެންމެހައި ނުބައެއް އަދި ސުންޕާއެއް އޮތީ އެބޭކަލުންނާ ޚިލާފްވުމުގަ އެވެ. އިސްވެ ބަޔާންގޮސްފައިވަނީ އެބޭކަލުން ވެރިން އައްޔަނު ކުރެއްވުމުގައި އުއްމަތަށް ބަޔާންކޮށް، ދައްކާދީފައިވާ ނަމޫނާ އެވެ. 


ހެއްކާއި ދަލީލު ބަޔާންވުމަށްފަހު އޮތީ ދަލީލުގެމަތީގައި ދެމިހުރުން އަދި ދަލީލާ ދެކޮޅުވާ ބަސްތަކާއި ޢަމަލުތަކުން އެއްކިބާވުން:


ވެރިންނާއި އަމީރުން އަދި ވަލިއްޔުލް-އަމްރުން އިޚްތިޔާރު ކުރުމަށް ދީނުގައި ނިޒާމެއް ކަނޑައެޅިފައިވެ އެވެ. އެ ނިޒާމަކީ ﷲ އާއި އެއިލާހުގެ ރަސޫލާ ރުހިވޮޑިގަންނަވާ ގޮތް ކަމުގައި ކޮންމެ މުސްލިމަކު ޤަބޫލުކޮށް އީމާންވާންޖެހެ އެވެ. އެއަށްފަހު ޙައްޤެއް ނޯންނާނެކަން ކަށަވަރެވެ. ﷲ ވަޙީ ކުރައްވާފައިވެ އެވެ. فَمَاذَا بَعْدَ الْحَقِّ إِلَّا الضَّلَالُ "ޙައްޤު ގޮތަށް ފަހުގައި ދެންވަނީ މަގުފުރެދުން ނޫން ކޮންއެއްޗެއް ހެއްޔެވެ؟" ابن عَبَّاس رضي الله عنه ޞަޙާބީންނަށް ވިދާޅުވި އެވެ. "(ޢުޤުބާތެއްގެ ގޮތުގައި) ތިޔަބައިމީހުންގެ މައްޗަށް އުޑުން ހިލަތަކެއް ފޮނުއްވުން ގާތްވެގެންވެ އެވެ. (ސަބަބަކީ) ރަސޫލާ ﷺ ގެ ޙަދީޘްފުޅު ތިމަން ތިޔަބައިމީހުންގެ އަރިހުގައި ބަޔާންކޮށްދިނުމުންވެސް أبُو بكر އަދި عُمر ވިދާޅުވިއޭ ތިޔަބައިމީހުން ބުނުމެވެ. (ޙަދީޘް ޤަބޫލު ނުކުރުމުގެ ބަހަނާއެއް ކަމުގައި ހަދައިފީމު އެވެ.)"  الإمَام الشافعي رحمه الله  ވިދާޅުވެފައިވެ އެވެ. "ރަސޫލާ ﷺ ގެ ސުންނަތެއް ބަޔާންވެއްޖެހިނދު، އެއްވެސް މީހެއް ބުނެފައިވާ ބަހެއްގެ މައްޗަށް ސުންނަތް ދޫކޮށްލުން ހުއްދަވެގެން ނުވާނެ ކަމުގައި އެންމެހައި މުސްލިމުން އިޖްމާޢުވެގެންވެ އެވެ." الفلاني ص 68 


މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ވެރިން ކަނޑައެޅުމުގައި ދީނުގައި ސުންނަތް ނެތް ތޯ އެވެ؟ މާތް ނަބިއްޔާގެ ޞަޙާބީންގެ ޢަމަލުފުޅު ނެތް ތޯ އެވެ؟ އެއަށްފަހު ދެން އޮންނާނީ ކާކު، ކޮން ފަރާތެއްގެ ބަސްތަކެއް އަދި ޢަމަލެއް ހެއްޔެވެ؟ 


الإمام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. "ﷲ ދެމިވޮޑިގެންވާ ގޮތުގައި އަދި އިލާހުގެ ރަސޫލާ ދެމިހުންނެވި ފަރާތުގައި ތިބާ ޤާއިމްވެ ދެމިހުންނާށެވެ. އެއީ އެންމެހައި އެހެން މީސްތަކުން އެހެންފަރާތެއްގައި ދެމިތިބި ކަމުގައިވީނަމަވެސް އެވެ." الفوائد 167

އަދިވެސް الإمَام ابن القيم رحمه الله  ވިދާޅުވެފައިވެ އެވެ. އަދިވެސް ވިދާޅުވެފައިވެ އެވެ. "ޙައްޤު (އޭގެ އަލިކަމާ، ފާޅު ވުމުގައި) އިރު ފަދައިންވެ އެވެ. އަދި އެ ހައްޤާއި ދިމާލަށް ލޯތައް ބަލަބަލާ ތިބެ އެވެ. އެހެނަސް އެ ލޯތަކާއި ޙައްޤާއި މެދު ފަރުދާއެއް ލެވި، އޭގެ ސަބަބުން ކަނުވެފައިވާ ލޯތަކުގެ މަތިން އެޙައްޤު ވަނީ ވަންހަނާ ވެގެންނެވެ." ވެރިން އައްޔަނު ކުރެވޭގޮތް ސާފުކޮށް، އިރުފަދައިން ފާޅުވެގެން ނުވޭ ހެއްޔެވެ؟ ހެއްކާއި ދަލީލު ނެތް ހެއްޔެވެ؟ ޖަވާބަކީ ހެކިވެސް، ދަލީލުވެސް ސުންނަތާއި، ޞަހާބީންގެ ޢަމަލުފުޅުން ބަޔާންވެގެންވެ އެވެ. އެހެނަސް ކަނުވެފައިވާ ލޯތަކަށްވަނީ އެ ޙައްޤު ފޮރުވިފަ އެވެ. ސަބަބަކީ މަޤާމަށް އޮތް ދަހިވެތިކަމާއި، ރިޔާސަތަށް ބޭނުންވެފައިވާ ބޮޑުކަމެވެ. 


شيخ الإسلام ابن تَيمية رحمه الله ވިދާޅުވެފައިވެ އެވެ. "ޞަޙާބީންނަށް އިޤްތިދާނުވެ ހުރެ، އެމީހަކު ތިމަންނަ ޤުރުއާނާއި ސުންނަތުގައި ދެމިހުންނަކަމަށް ދެކޭ މީހާއަކީ ބިދުޢަވެރި މަގުފުރެދުމުގެ އަހުލުވެރިންގެ ތެރެއިން ހިމެނިގެންވާ މީހެކެވެ." 


ވޯޓު ލުމަކީ އިސްލާމީ އެއްޗެއް ހެއްޔެވެ؟ ޞަޙާބީންނަށް ތަބަޢަވެވޭ އެއްޗެއް ހެއްޔެވެ؟ ނޫނެކެވެ. ވޯޓު ލުމަކީ ޝަރީޢަތުގައި ކަނޑައެޅިފައިވާ މަންހަޖާއި، ނިޒާމާއި ޚިލާފް ކަމެއް ހެއްޔެވެ؟ އާނއެކެވެ. ފަހެ ދަލީލު ބަޔާންވުމަށްފަހު އޮތީ ޔަހޫދީންނާއި އިސްލާމް ދީނުގެ ޢަދުއްވުންގެ މަގުތޯ ނުވަތަ ދަލީލު ހެއްޔެވެ؟ 


ވެރިން އައްޔަނު ކުރެވޭގޮތް ދަލީލުން ސުންނަތާއި ޞަޙާބީންގެ ހިދާޔަތުން ބަޔާންވެފައިވަނިކޮށް، އެކަން ބަޔާން ކުރުމުގެ ބަދަލުގައި އޮޅުވާލުމާއި، ހިދާޔަތާއި ދެކޮޅު މަގުތައް ފާޅުކުރުން ކޮންފަދަ ބޮޑުވެގެންވާ ނުރައްކަލެއް ހެއްޔެވެ؟ الحَافظ بن حجر رحمه الله ވިދާޅުވެފައިވެ އެވެ. "ބާއްޖަވެރިއަކީ ޚަލަފުން (ސަލަފުއް ޞާލިހުންނަށްވުރެ ފަހުން ފާޅުވި މީހުން) ގެނެސްފައިވާ ކަންތައްތައް ދޫކޮށް ސަލަފުއް ޞާލިޙުން ޤާއިމްވެ ދެމިތިއްބެވި ގޮތުގައި ހިފަހައްޓައިގެން ހުންނަ މީހާ އެވެ." فتح الباري ج13 ص267


އިސްލާމީ ނިޒާމު ދޫކޮށް އެހެން ނިޒާމުތަކުން ނަޞްރު ލިބޭނެކަމަށް ދެކުމަކީ އޭނާގެ ދީނުގައި ބަލިކަށިކަން ދައްކައިދޭ ސިފައެއް:


ދީނުގައިވާ ވެރިންނާއި އަމީރުން ކަނޑައަޅައި އައްޔަނުކުރުމަށް އޮތްގޮތް ދޫކޮށް، ހުޅަނގުން ގެނެސްފައިވާ، އިސްލާމީ ޢަދުއްވުންގެ ނިޒާމުތައް ޤަބޫލުކުރުމާއި އޭގައި ބައިވެރިވުމަކީ ހެޔޮކަމެއް، ނަޞްރު ލިބޭނެ އަދި ހައްލެއް ކަމުގައި ދެކުމަކީ އެމީހެއްގެ ދީން ބަލިކަށިކަމާއި އޮށްޓަރެއްނެތް ބަސްތަކެއް ބުނެލުންކަން އިގެ އެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ.  وَلَيَنْصُرَنَّ اللَّهُ مَنْ يَنْصُرُهُ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ "ހަމަކަށަވަރުން ﷲ އަށް ނަޞްރުދޭ މީހަކަށް، ﷲ ނަޞްރު ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން ﷲ އީ ބާރުވެރިވަންތަ އަދި ޢަޒީޒުވަންތަ ވެރިއިލާހެވެ." ﷲ އަށް ނަޞްރުވެރިވުމަކީ، ﷲ އަށް ކިޔަމަންްގަތުމާއި، އެ އިލާހުގެ އަމުރުފުޅުތަކަށް ތަބަޢަވުމާއި، ނަހީކުރައްވާފައިވާ ކަންތައްތަކުން އެއްކިބާވުމާއި އަދި އެއިލާހު ކޯފާވެވޮޑިގަންނަވާ ކަންްތައްތަކުން ދުރުވުމެވެ. ވޯޓު ލުމުގައި ﷲ އަށާއި ރަސޫލާއަށް އަދި ޞަޙާބީންނަށް އަދި ތާބިޢީންނަށް ކިޔަމަންގަތުން ކޮބައި ހެއްޔެވެ؟ ﷲ އަށް ނަޞްރުވެރިވުން ކޮބައި ހެއްޔެވެ؟ ﷲ ގެ ޝަރީޢަތް އުފުލައި މަތިވެރި ކުރުން ކޮބައިހެއްޔެވެ؟ އޭގެ ބަދަލުގައި އެއީ ހުރިހައި ހެޔޮ ޢަމަލާއި، ރިވެތި ގޮތްތަކުން އެއްކިބާވެ ރަސޫލާ އަދި ޞަހާބީންގެ ބަސްފުޅުތަކާއި ޢަމަލުފުޅު ތަކުގެ މައްޗަށް އުރެދުމެވެ.

 

މިއަދު މަދީނާގައި ދެމިތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ العلامة عبد المحسن العباد  حفظه الله ވިދާޅުވެފައިވެ އެވެ. "އެމީހުން ދަޢުވާކުރާ ޑިމޮކްރަސީގައި ވެރިކަން ޙާޞިލްކުރެވޭ ގޮތް" އެމީހުން ދަޢުވާކުރާ ޑިމޮކްރަސީގައި ވެރިކަމަށް އައުން ބިނާވެފައި ވަނީ، ޕާޓީ ސިސްޓަމުންނެވެ. ފަހެ، ކޮންމެ ޕާޓީއަކުން ކެންޑިޑޭޓެއް ނެރެއެވެ. އެއަށްފަހުގައި ޤައުމުގެ ރައްޔިތުންގެ ތެރެއިން އެ ރައްޔިތަކު ބޭނުންވާ މީހަކަށް ވޯޓު ދެ އެވެ. ހުރިހައި ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބުގައި އެންމެ ވޯޓު ގިނަ ފަރާތް އެއީ އިސްވާ ފަރާތެވެ. މި މަގަކީ، މުސްލިމުންގެ ތެރެއިން ބަޔަކު މީހުން އިސްލާމްދީނުގެ ޢަދާވާތްތެރިންގެ ކިބައިން ގެނެސް ވައްދާފައިވާ އެއްޗެކެވެ. މިކަމަކީ އެތަކެއް ގޮތްގޮތުން އިސްލާމްދީނާއި ޚިލާފް ވެގެންވާ އެއްޗެކެވެ.


ފުރަތަމައީ :ޕާޓީ ތަކުގެ މައްޗަށް ބިނާވެގެންވުން. (އެއަށްފަހުގައި ޕާޓީ ހެދުމަކީ ދީނުގައި ހުއްދަވެގެންނުވާނެ ކަމެއްގެ ގޮތުގައި ވަރަށްގިނަ ދަލީލުތައް ގެންނަވާފައިވެ އެވެ.) 
(އެއަށްފަހުގައި ވިދާޅުވެފައިވެ އެވެ.) "މިކަންތަކުން ބަޔާންވެގެންވަނީ، ހަމަކަށަވަރުން އެމީހުން ދަޢުވާކުރާ ޑިމޮކްރަސީއަކީ އިސްލާމްދީނާއި ޚިލާފްވެގެންވާ އެއްޗެއް ކަމެެެވެ. ސަބަބަކީ ޑިމޮކްރަސީ ބިނާވެފައިވަނީ، ޕާޓީ ހެދުމާއި، ބައިބައި ވުމާއި އެއްބަޔަކު އަނެއްބަޔަކާއި ޚިލާފް ވުމުގެ މައްޗަށެވެ." العدل في شريعة الإسلامية و ليس في الديمقراطية المزعومة ص 36


ދުނިޔޭގައި ލޮލަށްފެންނަ ހެކި ތަކަށް ބަލާލުން ހުއްޓެވެ. ޑިމޮކްރަސީ އާއި ވޯޓުލުމުގައި އެތައް އަހަރުތައް ކަޑައްތުކޮށްފައިވާ ޤައުމުތަކުގައި އޭގެ ސަބަބުން ވެފައިވަނީ ފަސާދަ ހެއްޔެވެ؟ ނުވަތަ ވެފައިވަނީ ޞުލްޙަ ހެއްޔެވެ؟ ބައިބައިވުންވީ އިތުރެވެ. ރިޝްވަތު ދިނުންވީ ގިނައެވެ. ދޮގުހެދުންވީ ގިނަ އެވެ. ޙަރާމްވެގެންވާ މިނޫން ޢަމަލުތައްވީ އިތުރެވެ.

الشيخ العَلاَّمَة مُقبل رحمه الله ވިދާޅުވެފައިވެ އެވެ. "ޑިމޮކްރަސީއަކުން އުއްމަތް އިޞްލާޙެއް ނުވާނެ އެވެ. ފަހެ، ޑިމޮކްރަސީ އެ ޤައުމުތަކަށް ވަދެފައިވާ ޤައުމުތައް ވަނީ އެއިން ފަސާދަވެފަ އެވެ." شريط مسزليه أهل السنة 


މީސްތަކުންގެ ޢަދަދު ކިތަންމެ މަދުކަމުގައިވީނަމަވެސް، ނަޞްރުވަނީ ﷲ ގެ ދީނާއި، އެ އިލާހުގެ ޝަރީޢަތާއި، އެ އިލާހު ބާވައިލެއްވި ޢަދުލުވެރި ޙުކުމްތަކުގައި ދެމިތިބެގެންނެވެ. އަހަރުމެންގެ މައްޗަށްއޮތް ވާޖިބަކީ އެއީ އެވެ. ﷲ ބާވައިލެއްްވި ނިޒާމުތައް ދޫކޮށް، ހިތްތަކުން އެނިޒާމުތައް ނުފޮހެވޭހާ ހިނދެއްގައި އުއްމަތްދާނީ ހައްތަހާވެސް އަނދަވަޅާއި ދިމާލަށެވެ. ޙަޤީޤީ މުޞްލިޙުންނަކީ ޙައްޤުގައި ދެމިތިބި އަހުލުވެރިންގެ ޙައްޤުބަސްފުޅުތައް ބަޔާންކޮށް އެގޮތުގެ މަތީގައި ޤާއިމްވެ އުއްމަތަށް ނަޞޭޙަތްތެރިވާ ފަރާތްތަކެވެ. الإِمَام مَالك بن أَنس رضي الله عنه ވިދާޅުވެފައިވެ އެވެ. "މި އުއްމަތުގެ ފުރަތަމަ ކޮޅު އިޞްލާޙް ކުރެވުނު ގޮތަށް މެނުވީ މި އުއްމަތުގެ ފަހުކޮޅެއް އިޞްލާޙެއްް ނުވާނެ އެވެ." الإعتصام 1-115  އުއްމަތުގެ ފުރަތަމަކޮޅު އިޞްލާޙުވީ ތަޥްޙީދާއި، އީމާންކަމާއި، ޢިލްމާއި، ﷲ ގެ ޝަރީޢަތަށް ނަޞްރު ދިނުމާއި، ﷲ އާއި ރަސޫލާއަށް ކިޔަމަންގަތުމާއި، ޖިހާދު ކުރުމާއި، ދީނުގެ ޙުކުމްތައް ޢަމަލީ ގޮތުން ޤާއިމްވުމުގައި ދެމިތިއްބެވުމުންނެވެ. ކާފަރު ނިޒާމް ތަކަކީ އެއަށް ތަބަޢަވެތިބެ، ﷲ ގެ ޤާނޫނާއި ހިދާޔަތް ދޫކޮށްގެންތިބެ ލިބޭނީ ކޮން އިޞްލާޙެއް ހެއްޔެވެ؟ އެންމެ ފުރަތަމަ އޮތީ ތިމާގެ ނަފްސުގެ މައްޗައް މިފަދައިން އިޞްލާޙު ކުރުމެވެ. އެއަށްފަހު އަނެކާ އެވެ. އަދި ހަމަ އެގޮތުގައި އަނެކަކެވެ.  


އެއްވެސް މީހެއްގެ ބަސްތަކުގެ މައްޗަށް ﷲ ގެ ޝަރީޢަތް ދޫކޮށްލައިގެން ނުވާނެކަން:


ވޯޓު ލުމަކީ އިސްލާމްދީން ދަންނަ އެއްްޗެއް ނޫނެވެ. އިސްލާމީ ތާރީޚަކުންވެސް ފެންނާކަށެއްނެތެވެ. މިއީ ކާފަރުން، ޢަދުއްވުންގެ ކިބައިން މުސްލިމުން ހޯދައިފައިވާ އެއްޗެކެވެ. ސުންނަތުގައި އަދި ޞަޙާބީންގެ ޢަމަލުފުޅުގައި ވެރިން އިޚްތިޔާރު ކުރެއްވިގޮތް އިސްވެ ޛިކުރު ކުރެވިފައިވާނެ އެވެ. ވިސްނާލުމަށް ގެންނަން ޖެހެ އެވެ. ސުންނަތް ބަޔާންވުމަށްފަހު އެއްވެސް އާދަމު ދަރިއެއްގެ އެއްވެސް ބަހެއް އަދި ޢަމަލެއް ސުންނަތުގެ މައްޗަށް އިސްކޮށްގެން ނުވާނެ އެވެ. الإمَام الشافعي رحمه الله  ވިދާޅުވެފައިވެ އެވެ. "رسول الله ﷺ ގެ އަރިއަހުން ސުންނަތެއް ބަޔާންވެއްޖެ ހިނދުގައި، އެއްވެސް މީހެއްގެ ބަހެއްގެ މައްޗަށް އެ ސުންނަތް ދޫކޮށްލުން ޙަލާލުވެގެން ނުވާނެ ކަމުގައި އެންމެހައި މުސްލިމުން (ޢިލްމުވެރިން) އިޖްމާޢުވެވަޑައިގެންފައި އެވެ." الفلاني ص 68


ޙައްޤާއި ބާޠިލް މިނެކިރުމަށް އޮތީ ދަލީލެވެ. ވޯޓު ލުމަކީ އަދި ވޯޓުލާ ނިޒާމަކީ، ކަނޑައެޅިގެން ސުންނަތުގައިވާ އަދި ޞަޙާބީންގެ ޢަމަލުފުޅާއި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ހިދާޔަތާއި ޚިލާފް ކަމެއްކަން ލިޔުމުގައި ގިނަ ތަންތަނުގައި ބަޔާންކޮށްފައިވުމުން އެއްވެސް މީހެއްގެ ބަހަކީ މި ދަލީލުތަކުގެ މައްޗަށް އިސްކުރެވޭނެ ބަސްތަކެއް ނޫނެވެ. 


ޢިލްމުވެރިންނަށް ޤަދަރު ކުރުމާއި، އިޚްތިރާމް ކުރުމާއިއެކު، ވޯޓުލާ ނިޒާމަކީ ނަބިއްޔާގެ ސުންނަތާއި ޚުލަފާއުއްރާޝިދޫންގެ ސުންނަތާއި އެއްފަދަ ދަލީލެއްކަން ބަޔާންކޮށްދިނުން ހުއްޓެވެ. ދަލީލާއި ބުރުހާނުންނެވެ. އެހިނދު ލޮލާއި ދުލުން، ހަށިގަނޑުގެ އެންމެހައި ގުނަވަންތަކުން ކިޔަމަންގަންނަން ޖެހޭނެކަން ޔަޤީން ކުރަމެވެ. އެހެނަސް އެފަދަ ދަލީލެއް ނުނެރެވޭހާ ހިނދެއްގައި، ޢަމަލު ކުރުންއޮންނާނީ ޘާބިތުވެގެންވާ ދަލީލާއި ސުންނަތުގެ ހިދާޔަތެވެ. الإمَام ابن القيم رحمه الله  ވިދާޅުވެފައިވެ އެވެ. "ޤުރުއާނާއި ސުންނަތުގެ ދަލީލު ހިމެނިފައި (ބައިވެރިވެފައި) ނުވާ ކޮންމެ ޤައުލެއް ނުވަތަ ބަހަކީ الجَحِيْم  (ނަރަކައިގެ) މަގުތަކުގެ ތެރޭގައިވާ އަދި الشيْطَان الرجيم ގެ މަގުތަކުގެ ތެރެއިން މަގެކެވެ." مدارج السالكين ٢ / ٤٣٩


الإمام سُفيَان بن عُيَينَة رحمه الله ވިދާޅުވެފައިވެ އެވެ. "ބުއްދިވެރިއަކީ ހެޔޮކަންތަކާއި ނުބައިކަންތައްތައް މަޢުރިފާވެފައިވާ މީހާއެއް ނޫނެވެ. ނަމަވެސް ބުއްދިވެރިއަކީ ހެޔޮކަންތައް މަޢުރިފާވުމުން އެއަށް ތަބަޢަވެ އަދި ނުބައިކަންތައްތައް މަޢުރިފާވުމުން އެއިން ދުރުވެގަންނަ މީހާ އެވެ." شعب الإيمان للبيهقي:٤٦٦٤ ބުއްދިވެރިޔާ އެވެ! ވޯޓު ލުމަކީ ޙައްޤު އަދި ހައްޤަށް ތަބަޢަވުން ހެއްޔެވެ؟ ނުވަތަ އެއީ އިސްލާމް ދީނުގައި ނެތް އެއްޗެއް، އިސްލާމް ދީނުގެ ޢަދުއްވުންގެ ތެރެއިން އިސްލާމް ދީނުގެ ތެރެއަށް ދަލީލާއި، ސުންނަތާއި ޚިލާފަށް ވައްދާފައިވާ ނުބައިވެގެންވާ އެއްޗެއްް ހެއްްޔެވެ؟ ތިބާ ތަބަޢަވާނީ ކޮން އެއްޗަކަށް ތޯ އެވެ؟


މި އުއްމަތަށް ފަހު ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި އިމާމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام المُقْبِل رحمه الله  ވިދާޅުވެފައިވެ އެވެ. "އިންތިޚާބު ތަކުގެ އަހުލުވެރިންނަކީ ތިޔަ އެންމެހައި މަޝާއިޚުންގެ (الألبَانِي، ابن بَاز، العُثَيْمِين) ގެ ޢަދުއްވުންނެވެ." https://goo.gl/ayHehJ  


އަޚުންނޭވެ! ޙައްޤު މިވަނީ، ދުވާލުގެ އިރު ފަދައިން ފާޅުވެ ފެންނާށެވެ. އެހެނަސް ކާފަރުން، އިސްލާމް ދީނުގެ ޢަދުއްވުން ޤާއިމްކޮށްފައިވާ ބާޠިލް ނިޒާމްތައް އެއީ މޮޅުގޮތް، ހެޔޮގޮތް ނުވަތަ އެދެވޭ ގޮތްކަމުގައި އެކިއެކިގޮތްތަކުން ކިޔައިދޭ މީހާއަކީ އިސްލާމްދީން ކިހާ މިންވަރަކަށް ރޯފިލާފައިވާ މީހެއް ހެއްޔެވެ؟


ޙިކްމަތްތެރި ގޮތަކީ ޕާޓީ ނިޒާމުގެ  ތެރެއަށް ވަނުމާއި މިއަދު ފެންނަ ސިޔާސީ ނިޒާމުގެ ެތެރެއަށް ވަނުން ކަމުގައި ބުނުން:


ސުންނަތާއި ޞަޙާބީންގެ ޢަމަލުފުޅުން ނުފުދުނު މީހަކަށް އިތުރަށް ފުދޭނެ އެއްޗެއް ނޯންނާނެކަން ކަށަވަރެވެ. الإِمَام البَرْبَهَاري رحمه الله ވިދާޅުވެފައިވެ އެވެ. "ހަމަކަށަވަރުން އިސްލާމްދީނުގައި އިތުރަށް، އަލަށް ހެޔޮކަމެއްގެ ގޮތުގައި ކަމެއް ގެނެވިދާނެ ކަމަށްބުނެ، ރަސޫލާ ﷺ ގެ ޞަހާބީން އަހަރުމެންނަށް ހުރިހައި ކަމަކަށް ނުފުދޭ ކަމުގައި ދަޢުވާކޮށްފި މީހާ، ހަމަކަށަވަރުން އޭނާ އެ ޞަޙާބީން ދޮގުކޮށްފި އެވެ. އަދި އޭނާ ބުނި ބަސް އެއީ ޞަޙާބީން ޤަދަރުކުޑަކޮށް، ކުޑައިމީސްކޮށް އެއްޗެހި ކިޔައިފި ކަމުގެ މައްޗަށް ފުދިގެންވާ ބަހެކެވެ. ފަހެ އެނާ އަކީ މަގުފުރެދިފައިވާ، މަގުފުރައްދާ ބިދުޢަވެރިއެކެވެ. އިސްލާމްދީނުގައި ނުވާކަންތައް އިސްލާމްދީނަށް އަލަށް ވައްދާފައިވާ މީހެކެވެ." الشرح السنة 


الإِمَامُ شَيخ الإسلام ابن تَيميَّة رحمه الله ވިދާޅުވެފައިވެ އެވެ. "މި ބިންމަތީގައި ﷲގެ ފޮތާއި އެ އިލާހުގެ ރަސޫލާގެ ސުންނަތް ނޫން އެއްޗެއްގެ މައްޗަށް ޢަމަލުކޮށްފި މީހާވަނީ ހަމަކަށަވަރުން ބިންމަތި ފަސާދަކުރުމުގައި ޤާއިމްވެގެންނެވެ." مجموع الفتاوى  28-470 މުސްލިމުންގެ ތެރޭގައިވާ ބަޔަކު ޝަރުޢީ ނިޒާމް ދޫކޮށް ވަޟުޢީ ނިޒާމްތައް ގެނެސްފައިވަނީ އެބައެއްގެ ޖާހިލުކަމާއި، ދީނާއި ޢަޤީދާ ފަސާދަވެފައިވާ ބޮޑުކަމުންނެވެ. އެއަށް ބޭސްފަރުވާ ކުރުމަށްއޮތް "ޙިކްމަތްތެރި" ގޮތަކީ އޭގެ ތެރެއަށް ވަނުން ކަމުގައި އިސްލާމީ ސިޔަރަތް އޮޅުންފިލައިފައިވާ މީހަކު ބުނާނެ ހެއްޔެވެ؟ މީސްތަކުންނަށް އޮތީ އޭގެ ނުރައްކަލާއި، ދީންނުގައި ބަޔާންވެގެންވާ އޭގެ ޚުޠޫރަތްތެރިކަން ޛިކުރުކޮށް އެއިން ނަފްސާއި މުޖުތަމަޢު ސަލާމަތް ކުރުމެވެ. އަދިވެސް الإِمَامُ شَيخ الإسلام ابن تَيميَّة رحمه الله ވިދާޅުވެފައިވެ އެވެ. " ﷲގެ ފޮތާއި ނަބިއްޔާ ﷺ ގެ ސުންނަތް ނޫން އެއްޗަކުން ހިދާޔަތް ހޯދަން އުޅެފިމީހާ، ހަމަކަށަވަރުން އޭނާ ﷲގެ ޙަޟުރަތުން ދުރުވެގެންދިއުން (އެކަން ކުރާމިންވަރަކަށް ދުރުވެގެންވުން) ނޫންގޮތެއް ނުވެ އެވެ." 


މީސްތަކުންނަށް ﷲ ގެ ދީން އުނގަންނައިދީ، އިސްލާމް ދީނުގެ މައްޗަށް މީސްތަކުން ގެނައުމަށްވުރެ ބޮޑު ޙިކްމަތްތެރި ދަޢުވަތެއް ކޮބައި ހެއްޔެވެ؟ ތިމާއަށް ﷲ ގެ ރުއްސެވުން އޮތީ އެފަދައިން ދަޢުވަތްދީ، ކާފަރު ޝިޢާރުތަކާއި، ނިޟާމްތަކާއި، މަންހަޖުތަކުން މީސްތަކުން ސަލާމަތްކުރުން ނޫން ކޮންގޮތެއް ހެއްޔެވެ؟ ޙިކްމަތް އޮތީ ދީނުގަ އެވެ. ވަޟުޢީ ޤާނޫނުތަކުގަ އެއް ނޫނެވެ. އެންމެ ފުރަތަމަ ރަސޫލާ نُوح عليه السلام 950 އަހަރުވަންދެން ދީނަށް ގޮވައިލެއްވިހިނދު އީމާންވި އަހުލުވެރިން ބަޔާންކުރައްވާ ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. وَمَا آمَنَ مَعَهُ إِلَّا قَلِيلٌ "މަދު މީހަކު މެނުވީ އެނަބިއްޔާ އަރިހުގައި އީމާންވެގެނެއް ނުވެތެވެ." ދަޢުވަތުގައި ފެއިލްވީ ތޯ އެވެ؟ ދަޢުވަތް ރަނގަޅު ނުވީ ތޯ އެވެ؟ ﷲ ޤަންދީ ބުނަމެވެ. އެއީ އެންމެ ޙިކްމަތްތެރި އެންމެ ފުރިހަމަ ދަޢުވަތްކަމުގައިވި އެވެ. މީސްތަކުންނަށް ޝަރީޢަތް އަންގައިދީ މި ވަޟުޢީ ނިޒާމްތަކުން މީސްތަކުން ދުރުވުމުން އެބައިމީހުންގެ ތެރޭގައި ޤާއިމްވާނީ ﷲ ގެ ޝަރީޢަތާއި އެ ނިޒާމްތަކެވެ. އެއަށްއޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ރަސޫލުންނާއި ނަބިއްޔުން ދަޢުވަތު ދެއްވި ފަދައިން ދަޢުވަތު ދިނުން ނޫން ކޮންއެއްޗެއް ތޯ އެވެ؟ 


العَلاَّمة ابن العُثَيمِين رحمه الله އަރިހުގައި ސުވާލު ކުރެވުނެވެ. 

ސުވާލު:  އިސްލާމީ ޕާޓީތަކާ ގުޅިގެން ޢިލްމާނީންނާއި އަދި ކޮމިއުނިސްޓުންނާއި އަދި އެނޫންނަސް ނުބައިކަންތައްތަކާއި ދެކޮޅުވުމަށް މަސައްކަތްތެރި ކުރުމަކީ ޙިކްމަތްތެރިގޮތް ތޯ އެވެ. ނުވަތަ ޙިކްމަތްތެރި ގޮތަކީ، މުޠްލަޤްކޮށް (އެކުއެކީގައި، ހުރިހައި ގޮތްތަކުން) މި އެންމެހައި ސިޔާސީ ޕާޓީތައް ދޫކޮށް އެންމެހައި ސިޔާސީ ކަންތައްތަކުން ދުރުވެ، ދޫކޮށްލުން ހެއްޔެވެ؟ جزاكم الله خيرا


ޖަވާބު: "މި ޕާޓީތަކާއި މެދު ޢަމަލުކުރުން އެންމެ ޙިކްމަތްތެރި ގޮތަކީ، ޞަލަފުއް ޞާލިޙުން ޢަމަލު ކޮށްފައިވާ ފަދައިން ޢަމަލު ކުރުމެވެ. އެއީ އެންމެ ފުރަތަމަ އަހަރެމެންގެ ނަފްސަށް ޞައްޙަވެގެންވާ މަގު ހޯދައިގަތުމެވެ. އެއަށްފަހު އެހެނިހެން މީސްތަކުން އިޞްލާޙު ކުރުމަށް މަސައްކަތް ކުޅައުމެވެ. މިއީ ޢަދުއްވުންގެ އެންމެހައި ކަންތައްތަކުން ސަލާމަތްކަން ލިބުމަށް ފުދިގެންވާ މިންވަރެކެވެ. މިފަދައިން އިސްލާމް ދީނަށް ނިޞްބަތްވެގެންވާ މަގުފުރެދިގެންވާ ޕާޓީތަކާއި އެކީގައި، އިޞްލާޙު ކުރުމަށޭ ކިޔައި މަސައްކަތް ކުރުން އެއީ ޢަދުއްވުންނަށް ގަދަކަން ލިބިގެންދާނޭ ކަމެއްކަން ޔަޤީނެވެ. އެއީ އެބައިމީހުން އަހަރެމެންގެ ތެރެއަށް ބިދުޢަތަކާއި މަގުފުރެެއްދުންތައް ވައްދާނެ އެވެ. އެމީހުން ބުނާނެ އެވެ. އެއެއްޗެކޭ، މިއެއްޗެކޭ ތިކިޔަނީ ކަލޭމެންނޭ، އެބައިމީހުން (އެބަހީ : ދީނާއި އިދިކޮޅު މީހުން) ގެ ކުރިމަތީގައި އަހަރެމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައޭ ބުނާނެތެވެ. އެގޮތަށް ސުންނަތާއި ބިދުޢަތައް އެކަތިގަނޑެއްގެ ގޮތުގައި ހެދުމުގެ ސަބަބުން، އަހަރެމެންގެ މައްޗަށް އެގެނެވެނީ ވަރަށްވެސް ނުބައިކަމެކެވެ. އެހެންވުމުން އަހަރެމެންނަށްއޮތީ މިފަދަ އެންމެހައި ކަންތަކެއް ދޫކޮށް، އެންމެ މަގެއްގައި ޤާއިމްވެ ތިބެ ދަޢުވަތް ދިނުމެވެ. އެއީ، ސަލަފުއް ޞާލިޙުންގެ މަގެވެ. އެއީ ފުދިގެންވާ އަދި ފުދޭނެ ގޮތްކަމުގައި ދެކެމެވެ. އަހަރެމެން އެންމެން، އެހެނީ، ސުންނަތުގެ އަހުލުވެރިންނާއި ބިދުޢައިގެ އަހުލުވެރިން އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބެ، ޢަދުއްވުންނާ ދެކޮޅަށް ނުކުތުމަށްބުނާ މިފިކުރަކީ، މީސްތަކުން ހެޔޮ ޢަމަލު ކުރުމަށް ޘާބިތު ނޫން (ބަލިކަށި ޙަދީޘްތައް) ވެސް ގެންނާށޭ ބުނާ ފަދައިން އަދި މީސްތަކުން ނުބައިކަންކަމުން އެކަހެރި ކުރުމަށް ބަލިކަށި ޙަދީޘްތައް ގެނެސް ޖަމަޢަކުރާށޭ ބުނާ ފަދައިން ބުނާ ބަހެކެވެ. އެއީ ކުރެވޭ ވަރަށްބޮޑު ކުށެކެވެ. 


އެހެންކަމުން އަހަރެމެން ޤަބޫލުކުރާ ގޮތުގައި، މީސްތަކުން ހެޔޮކަންކަމަށް ޝައުޤުވެރި ކުރުމަށް ނުވަތަ ނުބައި ޢަމަލުތަކުން އެކަހެރި ކުރުމަށް ބަލިކަށި ޙަދީޘްތައް ގެނެސް ކިޔައިދީގެންވެސް ނުވާނެ އެވެ. އެފަދަ ޙަދީޘްތައް ގެނެވޭނީ އޭގެ ބަލިކަށިކަން ކިޔައިދިނުމަށް އެކަންޏެވެ. ފަހެ، ޞައްޙަވެގެންވާ ޙަދީޘްތަކަކީ އެއިން ފުދިގެންވާ އެއްޗެކެވެ. ހަމައެފަދައިން ޚާލިޞްކަމާ އެކީ އެންމެހައި ބިދުޢަތަކުން އެއްކިބާވެގެންވާ ސަލަފުއް ޞާލިޙުންގެ މަގަކީ، އެހެން ހުރިހައި ގޮތްތަކެއްގެ މައްޗަށް ފުދިގެންވާ ގޮތެކެވެ." https://ces.to/bb7O6g

 

އިސްލާމް ދީނަށް ދަޢުވަތު ދިނުމަށް ﷲ ބާވައިލެއްވި ޝަރީޢަތް، މާތް ނަބިއްޔާގެ ސުންނަތް އަދި ޞަޙާބީންގެ ހިދާޔަތް ނުފެދެނީ ހެއްޔެވެ؟ ޙިކުމަތް އޮތީ އޭގެ ބޭރުގައޭ ބުނާނެ މުސްލިމުން ތިބޭނެ ހެއްޔެވެ؟ 


ޢިލްމުވެރިންގެ ބަސްފުޅުތަކަކީ ދަލީލެއް ނޫން، އެ ބަސްފުޅުތަކަށް ދަލީލު ނެރެންޖެހޭނެކަން:


ޞައްޙަ މަގުން އިސްލާމް ދީން އުނގެނޭ ކޮންމެ މީހަކަށް ބަޔާންވެގެންވާ އެއް ޤަވާޢިދަކީ أقوال العُلماء يحتج بها لا بها މާނައަކީ : ޢިލްމުވެރިންގެ ބަސްތައްވަނީ އެއަށް ހެކިދޭނެ ދަލީލުތައް ބޭނުންވެގެންވެ އެވެ. އެއީ އޭގެ ޒާތުގައި ޙުއްޖަތެއް ނޫނެވެ. ކަނޑައެޅި ބަޔާންވެގެންވާ ޤުރުއާނުގެ ދަލީލުތައް، ސުންނަތުގެ ދަލީލުތައް، ޞަޙާބީންގެ ބަސްފުޅާއި ޢަމަލުފުޅު އެކަމުގައިއޮވެމެ، އޭގެ ފަހުން އަންނަ މީހަކަށް އެބަސްފުޅުތަކާއި ޚިލާފަށް ޢަމަލު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. 


الإِمَامُ ابنُ القَيِّمِ رحمه الله ވިދާޅުވެފައިވެ އެވެ. "އެންމެހައި ޞަހާބީންނަކީ الله އަށް ތަޥުބާވެވަޑައިގެން ރުޖޫޢަވެވަޑައިގެންނެވި ބޭކަލުންނެވެ. ފަހެ މީސްތަކުންނަށް އެބައިމީހުންގެ މަގަށް ތަބަޢަވުން ވާޖިބުވެގެންވެ އެވެ. އެބޭކަލުންގެެ ބަސްފުޅުތަކާއި ޢަޤީދާއަކީ އެންމެ ބޮޑަށް ތަބަޢަވާންޖެހޭ މަގެވެ." إعلام الموقعين 4 ص 130 


الإِمَامُ ابنُ قُدَامَة رحمه الله  ވިދާޅުވެފައިވެ އެވެ. "ނަބިއްޔާ ﷺ ގެ އަމިއްލަފުޅު ސުންނަތުގައި ހިފެހެއްޓުމަށް އަމުރުފުޅު ކުރައްވާފައިވާ ފަދައިން ނަބިއްޔާގެ ޚަލީފާއިންގެ ސުންނަތުގައި ހިފެހެއްޓުމަށް އަމުރުފުޅު ކުރެއްވިއެވެ. އަދި ދީނަށް އަލަށް ގެނެވޭ އެންމެހައި ކަންކަމަކީ އެއީ ބިދުޢަ ކަމުގައި އާއި މަގުފުރެދުން ކަމުގައި ޚަބަރުދެއްވާފައިވެ އެވެ. އެ އެންމެހައި ކަންކަމަކީ އެ ކަމެއްގައި ނަބިއްޔާއަށް ތަބަޢަ ނުވެވޭ އަދި ނަބިއްޔާގެ ޞަޙާބީންގެ ސުންނަތަށް ތަބަޢަ ނުވެވޭ އެންމެހައި ކަންކަމެވެ." ذَمِّ التَّأوِيْل ص 26


ދީނަކީ މިއެވެ. ތަބަޢަވާންޖެހޭނީ މި މަޞްދަރުތަކަށެވެ. ޞަޙާބީން އިއްތިފާޤުވެވަޑައިގެންފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި ޚިލާފްވުން އޭގެފަހުން އަންނަ ބަޔަކަށް ހުއްދައެއް ނުވާނެ އެވެ. އަހުލުއްސުންނަތް ވަލް-ޖަމާޢަތުގެ އިމާމް الإِمَامُ أحمد بن حنبل رحمه الله  އަރިއަހުގައި ދެންނެވުނެވެ. ޞަޙާބީން އެއްބަސްވަޑައިގެންފައިވާ ކަންކަމުގެ މައްޗަށް ޚިލާފްވެ އެބަސްފުޅުތަކުން ބޭރުވެގަތުން ހުއްދަވާނެތޯ ސުވާލު ދެންނެވުމުން ވިދާޅުވި އެވެ. "ތިޔައީ މުޑުދާރުވެގެންވާ ބަސްތަކެވެ. ތިޔައީ ބިދުޢައިގެ އަހުލުވެރިންގެ ބަސްތަކެވެ. ޞަޙާބީން އެކަމެއްގެ މައްޗަށް ވިދާޅުވެފައިވާ ބަސްފުޅުތަކުން ބޭރުވެގަތުން އެއްވެސް މީހަކަށް ހުއްދައެއް ނުވާނެ އެވެ." المسودة ص 283


ޤިޔާމަތުގައި އެ ޞަޙާބީންނާއެކުގައި ވުމަށް އެދޭ މީހާ ސުވާލު ކޮށްލުން ހުއްޓެވެ. ޞަޙާބީން ލީޑަރުންނާއި، ވެރިންނާއި، ޚަލީފާއިން އައްޔަނު ކުރުމަށް ޢަމަލުފުޅު ކުރެއްވީ ކިހިނަކުން ހެެއްޔެވެ؟ އެ އެންމެހައި ބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވަނީ އެއީ މުޖުތަމަޢުގައިވާ އަހްލުއް-ޙައްލު ވަލް-ޢަޤްދުގެ އަހުލުވެރިންގެ ނިންމާ ނިންމުމެއް ކަމެވެ. އެއީ ފާސިޤުންނާއި، ފާޖިރުންނާއި، ފާފަވެރިންނާއި، އަންހެނުންނާއި ކުޑަކުދިން ދޭ ވޯޓެއް ނޫނެވެ. ދެޖިންސު މައްސުނިވެ ކުރަންއޮތް ކަމެއް ނޫނެވެ. މިއީ ދީނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ފާފަތަކާއި މުންކަރާތްތަކެވެ. ޢިލްމުވެރިއެއްގެ ފަތުވާ މިއަދު ފެނުނުހިނދު، އެ ޢިލްމުވެރިޔާ އެކަމަށް ގެނެސްފައިވާ ޤުރުއާނާއި ސުންނަތް އަދި ޞަޙާބީންގެ ބަސްފުޅުތަކާއި ހިދާޔަތް ކޮބައިތޯ ބެލުން ހުއްޓެވެ. ސަބަބަކީ ޢިލްމުވެރިންގެ ފަތުވާތައްވަނީ ދަލީލުތަކަށް ޙާޖަތްޖެހިފަ އެވެ. 


ނިންމުން:


ވޯޓު ލުމަކީ އިސްލާމް ދީނާއި އެއްވެސް ގުޅުމެއްއޮތް އެއްޗެއް ނޫންކަމާއި، އެއީ ޢައިރު މުސްލިމުން، ހުޅަނގުން، ޔަހޫދީންގެ ކިބައިން މުސްލިމުންގެ ތެރޭގައިވާ ދީންވެރިކަމެއްނެތް ބަޔަކު ގެނެސްފައިވާ އެއްޗެއްކަން ޝައްކެތްނެތި އިނގެ އެވެ. ހިތާމައަކީ، އެތައް ދުވަސްތަކެއްވަންދެން ވޯޓު ނުލެވޭނެކަމާއި، އެއީ އިސްލާމް ދީނާއި ގުޅުން އޮތް އެއްޗެއް ނޫންކަމާއި، ލާދީނީ މީހުން އުފައްދާފައިވާ، ޔަހޫދީންނަށް ވިކިފައިވާ ބަޔަކު ހޯދައި ގެނެސްފައިވާ އެއްޗެއްކަން ބުނަމުންދިޔަ ބަޔަކު މިއަދު އެއީ ކުރަން އޮތްކަމެއް ކަމުގައި ބުނުމެވެ. 


އާއެކެވެ. ޑިމޮކްރަސީ މިއޮތީ އައިސްފަ އެވެ. އެހެންވުމުން އެންމެހައި މީސްތަކުންނަށްއޮތީ، ޞަޙާބީންގެ ހިދާޔަތް ދޫކޮށްލައި ޑިމޮކްރަސީ ތެރެއަށް ވަނުންހެއްޔެވެ؟ ނުވަތަ މުންކަރާތެއް ގޮތުގައި ބަލައިގަނެ އެކަން އެއްކިބާވުމަށް މީސްތަކުންނަށް ދަޢުވަތުދީ އޭގެ ޙަޤީޤަތް ބަޔާންކޮށް، ކާފަރުންނާއި، އިސްލާމީ ޢަދާވާތްތެރިންގެ މަންހަޖުތައް ދޫކޮށްލުމަށް ގޮވާލުން ނޫން ހެއްޔެވެ؟ 


ދަންނަހުއްޓެވެ. އެއިރުވެސް މިހާރުވެސް އަހުލުއް ސުންނަތް، ސަލަފީން، ގޮވާލަނީ ޞަޙާބީންގެ މަންހަޖަށް ރުޖޫޢަވުމެވެ. އެ ހިދާޔަތް ޙާޞިލްކޮށް އޭގައި ޤާއިމްވުމެވެ. އެ ހިދާޔަތާއި ޚިލާފް ކޮންމެ ކަމަކީ އިސްލާމް ދީނަށް އަލަށް ގެނެވިފައިވާ އެންމެ ނުބައިވެގެންވާ ބިދުޢަތަކެވެ. އަދި އެއީ ޙައްޤުގެ އަހުލުވެރިންނާއި ބާޠިލްގެ އަހުލުވެރިން ވަކިކޮށް ފަރަޤުކޮށްދޭނެ އުޞޫލެއް ކަމުގައިވެ އެވެ.


ޙަޤީޤަތުގައި މިބައިމީހުންނަކީ ޢިލްމުގެ އަހުލުވެރިންނަށް ޤަދަރެއް އިޚްތިރާމެއް ދީފައިވާ ބައެއް ކަމުގައިވާނަމަ، ދަލީލު ތަކާއި ޙުއްޖަތްތަކުން، އަދި އުއްމަތުގެ އިޖްމާޢުގެ މައްޗަށް ބިނާކޮށް الإمام ابن بَاز، الإمام الألبَاني، الإمام ابن العُثَيمين، އަދި މި ނޫނަސް އެންމެހައި ސުންނަތުގެ ޢިލްމުވެރިން ޙަރާމް ކުރައްވާފައިވާ މުޒާހަރާ ކުރުމާއި، މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމާއި، ބަޣާވާތް ގެނައުމާއި، މުސްލިމް ވެރިޔާގެ ކިޔަމަންތެރިކަމުން ބޭރުވެގަތުމާއި މިފަދަ ކަންތައްތަކުގައި މި ޢިލްމުވެރިންގެ ފަތުވާތައް މިބައިމީހުންނަށް ކޮބައިތޯ އެވެ؟ ޙަޤީޤަތުގައި އެބައިމީހުންގެ ލޯތައް ކަނުވެފައިވަނިކީއެއް ނޫނެވެ. ބޭނުންވާ ކަންތައްތަކުގައި ދީން ބޭނުންވާ ގޮތަކަށް ކުޅެ ހަދަނީ އެވެ.

 
ބުއްދިވެރިންނަށް ޢިބްރަތާއި ފިލާވަޅެއް މިކަމުގައިވެ އެވެ. والله أعلم. وصلى الله على نبينا محمد وآله وصحبه أجمعين. 
***

 

Like what you see?

Close

Hit the buttons below to follow us, you won't regret it...