5  އިޞްލާޙު ކުރުމޭ ބުނޭ، ޕާލިމެންޓްއަށް ވަނުމާއި އިންތިޚާބުތަކުގައި ބައިވެރިވުން - الشيخُ العلاَّمة رَبِيع بن هَادي المَدخَلِي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ވޯޓުލުމާއި އިންތިޚާބުތައް

 އިޞްލާޙު ކުރުމޭ ބުނޭ، ޕާލިމެންޓްއަށް ވަނުމާއި އިންތިޚާބުތަކުގައި ބައިވެރިވުން - الشيخُ العلاَّمة رَبِيع بن هَادي المَدخَلِي حفظه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ވޯޓުލުމާއި އިންތިޚާބުތައް

ސުވާލު : ސަލަފީން ޕާލިމެންޓްއަށް އަދި އިންތިޚާބުގައި ބައިވެރިނުވެއްޖެހިނދު، ލާދީނީ (ޢިލްމާނީ) މީހުންނަށް އެތަންތަން ދޫކޮށްލެވުނީއޭ ބައެއް މީހުން ބުނެ އެވެ. މިބަސްތަކުގެ މައްޗަށް ޝެއިޚް ދެއްވާ ނަޞޭޙަތަކީ ކޮބައިތޯ އެވެ؟


ޖަވާބު : "ﷲ ޤަންދީ ބުނަމެވެ. ތިމަންމެން ޕާލީމެންޓަށް ވަދެއްޖެނަމަ އެތަނުން ޢިލްމާނީން (ލާދީނީ މީހުން) ނެރުމަށްފަހު، އެމީހުންގެ ބަދަލުގައި އެ ގޮނޑިތަކަށް ވެރިވެގަންނާނެކަމަށް ބުނެ ދަޢުވާކޮށް އޭގެތެރެއަށް ވަންނަ މީހުން، ޚުދު އެމީހުންނަކީ ޢިލްމާނީން އެމީހުންގެ މަސައްކަތަށް ބޭނުން ކުރާ އާލަތްތަކަކަށް ވެގެންދާތަން އަޅުގަނޑުމެން ދެކުނީމެވެ. އަހަރެންގެ ލޮލުން ދެކުނީމެވެ. ފަހެ، ޕާލިމެންޓްއަށް ވަން އެކަކަށްވެސް އެމީހުން ދަޢުވާކުރި ކަންތައް ޙާޞިލްވި ހެއްޔެވެ؟


އެ ގޮނޑިތަކުން އެއްވެސް ޢަލްމާނީއަކު ބޭރު ކުރެވުނު ހެއްޔެވެ؟ ނޫނީ އިތުރަށް ލާދީނީ ގޮތްތަކުގެ މަތީގައި އެބަޔަކު ފައިތިލަ ޘާބިތުކޮށް އެބައިމީހުން ކުރިއަރައިދިޔައީ ނޫން ހެއްޔެވެ؟ ހަމަކަށަވަރުން އެމީހުން (ލާދީނީ މީހުން) ވާދަކުރަން ފަށާއިރު ވެވުނުހާ ތައްޔާރީއެއްވެ އެވެ. އަދި ގަދަފަދަ ކަމާއެކު އެކަމަށް ތެދުވެ އެވެ. އޭގެ (ނަތީއްޖާއެއްގެ) ގޮތުން ދެފަރާތުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައިގެންދެ އެވެ. ތިބާ ބޭނުންވަނީ އޭނާގެ މައްޗަށް ގަދަވެގަތުމަށް އަދި އޭނާ ބޭނުންވަނީ ތިބާގެ މައްޗަށް ގަދަވެގަތުމަށެވެ. އާޚިރުގައި އޭނާ ތިބާގެ މައްޗަށް ގަދަވެގަނެ އެވެ. ސަބަބަކީ، ﷲ ތަޢާލާ ގެ ޙަޟުރަތުން ނަޞްރު ލިބުމަށްއޮތް ޝަރުޢީ މަގު ތިބާ އިޚްތިޔާރު ކޮށްފައި ނުވުމެވެ. މިއީ އެންމެން ދަންނަ މަޢުރޫފް ކަމެކެވެ.


ސޫރިޔާގައި، ޢީރާޤުގައި، މިޞްރުގައި އަދި މި ނޫންވެސް ތަންތަނުގައި އިޚްވާނުލް މުސްލިމޫން ޕާލިމެންޓަށް ވަންހިނދު، އިސްލާމްދީން ޤާއިމްކޮށް އެއްވެސް ކާމިޔާބީއެއް ޙާޞިލްކުރި ހެއްޔެވެ؟ އަދި އިސްލާމް ދީން ދިފާޢު ކުރެވުނު ހެއްޔެވެ؟ ނުވަތަ ނަތިއްޖާއަކީ އޭގެ ސަބަބުން ބަޢްޘީން (ސޯޝިއަލިސްޓުން) އަދި ޝުޔޫޢިން (ކޮމިއުނިސްޓުން) އަދި އެބައިމީހުންގެ ބައިވެރިން ކަމުގައިވާ ނަޞާރާއިންނާއި އެފަދަ މީހުންނަށް އެކަމުގައި ބާރުވެރިކަން ލިބުނީ ނޫންހެއްޔެވެ؟ މިބައިމީހުންނަށް ގަދަކަމާއި ބާރު ލިބުމެވެ. އަދި އަނެއް މީހުން ބަލިކަށިކަން އިތުރުވެދިޔައީ އެވެ. އެބައިމީހުންނަށް ނެރެވުނު ނަތިއްޖާއަކީ ކޮބައިތޯ އެވެ؟


އޭ އަޚާ އެވެ! އަހަރެމެން ތިޔަ އަޚުންނަށް ބުނަމެވެ. ﷲގެ މަގަށް ޙިކުމަތްތެރި ކަމާއި، ރިވެތިވެގެންވާ ވަޢުޟާއިގެން ދަޢުވަތު ދިނުމުގެ މަގު އިޚްތިޔާރު ކުރާށެވެ. މީސްތަކުން އެގޮތުގެ މަތީގައި ތަރުބިއްޔަތު ކުރާށެވެ. (އެއީ) ﷲ ނަބިއްޔުން ޢަމަލުފުޅު ކުރެއްވިފަދައިންނެވެ. އެ ނަބިއްޔުން (މީސްތަކުންގެ ތެރޭގައިވާ) ތާޣޫޠުންގެ ގާތަށް ވަޑައިގެންނެވި އެވެ. އެނަބިއްޔުން ވަޑައިގެންނެވި ޤައުމުތަކުގައި ޕާލިމެންޓް ނުވަތަ އެ ޕާލިމެންޓްގެ މާޤާމުގައިވާ އެފަދަ ތަންތަން ވި އެވެ. ދީނަށް ދަޢުވަތު ދެއްވަން ފެއްޓެވުމާއެކު ނަފްސުތައް އިޞްލާޙު ކުރުމަށް ބުނެ އެންމެ ފުރަތަމަ ކަމަކަށް އެތަނުގެ ގޮނޑިތަކަށް ވާދަކުރުމަށް ވަޑައިނުގަންނަވަ އެވެ. މިއީ އެބޭކަލުން ވިދާޅުވިއެއްޗެއް ނޫނެވެ.


إِبرَاهِيم عليه السلام ވަޑައިގެންނެވި އެވެ. އެތަނުގައި މީސްތަކުން އިލާހެއްގެ ގޮތުގައި ބަލައިގަނެ އަޅުކަންކުރެވޭ ފާރާތެއް ރަސްކަލެއްގެ ގޮތުގައިވި އެވެ. ﷲ ޤަންދީ ބުނަމެވެ. (إِبرَاهِيم عليه السلام) ވިދާޅެއް ނުވެ އެވެ. "އަހަރެން ވަންނާނީ ޕާލިމެންޓަށެވެ. އެއަށްފަހު، އިސްލާމްދީނަށް ދަޢުވަތުދީ އުއްމަތް އިޞްލާޙު ކުރާނީ އެވެ." ރަސޫލާ އަށް މައްކާގެ ވެރިކަން ދިނެވެ. ފަހެ، އެހިނދު އެކަމާ ދެކޮޅު ހެއްދެވި އެވެ. އެކަން ޤަބޫލުފުޅު ނުކުރައްވާ މީސްތަކުން ޝިކުރާއި މަގުފުރެދުމުން ސަލާމަތް ކުރައްވުމަށް ﷲ ގެ މަޤަށް ދަޢުވަތުދެއްވެވި އެވެ.


ތިޔަބައިމީހުން ޢިލްމާނީ ފަރާތްތަކާއި ގާތް، ކައިރިވެ ޝިރުކާއި، މަގުފުރެދުމާއި އަދި ޢިލްމާނިއްޔަތު ނެތިކޮށްލަނީ ހެއްޔެވެ ނުވަތަ އެއަށް ބާރުވެރިކަން ލިބިގެންދަނީ ހެއްޔެވެ؟
....


އަހަރެން ސުވާލު ކުރަމެވެ. މިޞްރުގައި ވެރިކަން ކުރި މީހުން (އެބަހީ އިޚްވާނުލް މުސްލިމޫން) -އަހަރެމެން އެ މީހުންނަކީ ނަމޫނާއެއް ކަމުގައި ދެކޭފަދަ ބީދައަކުންް- އެއްވެސް ކަމެއް ޙާޞިލްކުރި ހެއްޔެވެ؟ ލާދީނީ މީހުންގެ މައްޗަށް ވެރިވެގަނެ އެ ގޮނޑިތަކުން އެބައިމީހުން ބޭރުކޮަށް އެ ގޮނޑިތަކުގެ މައްޗަށް ވެރިވެގަތް ހެއްޔެވެ؟ އެމީހުންނަށް މިފަދަ އެއްވެސް ކަމެއް ޙާޞިލްވިނަމަ، މިކަމާއިމެދު އެބަހީ، މި ނިޒާމްތަކަށް އަހަރެމެން ވަނުމާމެދު އަހަރެމެން ވިސްނުން ހުއްޓެވެ. އެހިނދުން އެބައިމީހުން ނަމޫނާއެއްކަން ބެލެވޭނެކަން ކަށަވަރެވެ. ﷲ ޤަންދީ ބުނަމެވެ. އެތަނުގައި އެބައިމީހުންނަށް ކާމިޔާބު ލިބުނު ފަދައިން، މިތަނުގައި އަހަރެމެންނަށް ކާމިޔާބުވުން އެކަށީގެންވެއޭ ބުނެވިދާނެ އެވެ. އެހެނަސް އެބައިމީހުން ނާކާމިޔާބުވެ ފެއިލްވުން ނޫންތަނެއް އަހަރެމެން ނުދެކެމެވެ. އެބައިމީހުން ދީނުގައި ބަލިކަށިވެ ގެއްލިދިއުން ނޫން އެއްޗެއް އަހަރެމެން ނުދެކެމެވެ. ބާޠިލް ބާރުދަގަވެ ވަރުގަދަވުން ނޫނީ އަހަރެމެން ނުދެކެމެވެ. ﷲގެ މަގަށް ދަޢުވަތްދިނުން ޒުވާނުން އެއްކިބާކުރުމުގެ އިތުރުން އެމީހުން ހޮވަން ބޭނުންވާ ކެންޑިޑޭޓުންނަށް ނަޞްރު ދިނުމުގެ ގޮތުން، ޙަޤީޤަތާއި ޚިލާފް ޔޯލަޔޯލަ ވާހަކަ ފަތުރަން ޒުވާނުންނަށް އުނގަންނައި ދިނެވެ. އަދި ކިޔެއްހެއްޔެވެ! ރިޝްވަތު ދީ، ރިޝްވަތުގައި ހިފުމަށް ޒުވާނުންނަށް އުނގަންނައި ދިނެވެ. ނަތިއްޖާއަކަށްވީ، އެބައިމީހުންގެ އަޚްލާޤު ފަސާދަވުމެވެ. މިފަދައިން އިންތިޚާބު ތަކާއި ވޯޓުތަކާއި، ވާދަވެރިކަމުން އަޚްލާޤު ފަސާދަވެފައިވަނީ ކިހާވަރަކަށް ތޯ އެވެ؟ މަކަރު ހެދުމާއި، އޮޅުވާލުމާއި، ޚިޔާނާތާއި ރިޝްވަތާއި، އޮޅުވައިލުން އުނގަންނައިދީ، އޭގެ ސަބަބުން އަޚުލާޤު ފަސާދަވެފައިވަނީ ކިހާ މިންވަރަކަށްތޯ އެވެ؟


އެއަށްފަހު، މި ޢަމަލުތަކުގެ ސަބަބުން ﷲ ތަޢާލާ ގެ ދީނަށް ޞައްޙަ ގޮތުގައި ދަޢުވަތު ދިނުން ހުއްޓިގެން ނެތިވެގެންދެ އެވެ. ﷲ ތަޢާލާ ގެ ދީނަށް ދަޢުވަތު ދިނުމުގައިއޮތް ޞައްޙަ މަގެވެ، ޢަޤީދާ ޞައްޙަ ކުރުމާއި، މީސްތަކުން ޤުރުއާނާއި ރަސޫލާ ގުޅިގެން އޭގެމަތީގައި މީސްތަކުން ބިނާވެގެންދިއުމެވެ. (މިއެންމެހައި ކަންތައްތަކެއް ނެތިވެގެން، ހުއްޓިގެން ދެއެ އެވެ.)


މިފަދަ ގޮނޑިތަކުގައިވާ ޢަލްމާނީންގެ މައްޗަށް ގަދަވެގަތުމަށްޓަކައި އެދެވިގެންވާ ގޮތަކީ ތިބާއަކީ މިސްތަކުންގެ ފަރާތުން އެބައިމީހުންނަށް ލިބިފައިވާ ދުނިޔެއިން އެއްވެސް މިންވަރެއް ހޯދުމަށް މަސައްކަތް ކުރާ މީހެއް ނޫންކަން އެހެން މީހުންނަށް އިޙްސާސު ކޮށްދިނުމެވެ. އަދި ތިބާގެ ހަމައެކަނި މަޤްޞަދަކީ މީސްތަކުންނަށް މަންފާކޮށްދިނުން ނޫން އެހެން ކަމެއް ތިބާ ނޭދޭކަމެވެ. އަދި އެގޮތުން ތިބާ ބުނާށެވެ. "ﷲ ޤަންދީ ބުނަމެވެ. އަހަރެން އެކައްޗެއްވެސް ބޭނުމެއް ނުވެ އެވެ. ތިބާގެ ގޮނޑީގައި ތިބާއިންނާށެވެ. ތިބާ އޭނާއާ ދެކޮޅަށް ނުކުތުމާއި އެނާއާ އެކުވުމުގެ ކުރިން އޭނާގެ ގޮނޑި ހޯދަން އުޅުމުގެ ބަދަލުގައި، އޭނާގެ ގެއަށްގޮސް އޭނާއަށް ދަލީލުތަކުން ނަޞޭޙަތްތެރިވާށެވެ. ތިބާގެ އަތްމައްޗަށް ﷲ އޭނާއަށް ހިދާޔަތް ދައްކަވާފާނެ އެވެ.


މިއީ ރިޝްްވަތު ދިނުމާއި ދޮގު ހެދުމުގެ ބަދަލުގައި އޭނާއާ ދެކޮޅަށް މަސައްކަތްކުރުމަށްއޮތް އެންމެ ހެޔޮވެގެންވާ ގޮތެވެ. ތިބާއަކީ ގޮނޑިއަށް އަރަން ބޭނުންވެގެން އުޅޭ މީހެއްކަމާއި، މުދަލާއި، ދުނިޔޭ ހޯދުމަށް އަދި މަޤާމްތަކުގެ ފުރަގަހުން އެ ހޯދުމަށްޓަކައި އުޅޭ މީހެއްކަމުގައި އެ ޢިލްމާނީ  މީހާއަށް ނުވަތަ އަނެކަކާއަށް ތިބާގެ ކިބައިން އިނގޭހިނދު، ތިބާ ދައްކާވާހަކަ އެއް އެމީހަކު ޤަބޫލެއް ނުކުރާނެ އެވެ. އެއްވެސް އެއްޗަކަށް ބޭނުންނުވާނެ، ނަޒާހަތްތެރި ދަޢުވަތަކާއިގެން ތިބާ އަންނަހިނދު، މީސްތަކުންނާ އެބައިމީހުންގެ ވިޔަފާރީގައި ތިބާ ވާދަކުރުމެއްނެތި، މީސްތަކުންނާއި އެބައިމީހުންގެ ވެރިކަމުގައި ތިބާ ވާދަކުރުމެއްނެތި އަދި މީސްތަކުންނާއި އެމީހުންގެ ގޮނޑިތަކުގައި ވާދަކުރުމެއްނެތި، އެހެނަސް އެބައިމީހުންނަށް ހޯދައިދެނީ ހެޔޮކަންތަކެވެ. އެބައިމީހުންނަށް ހޯދައިދެނީ ޙައްޤުމަގެވެ. ފަހެ، އެހިނދު ﷲ އެބައިމީހުންގެ މައްޗަށް ރުއްސަވާވޮޑިގަންނަވާނެ އެވެ. ފަހެ، އެހިނދު އެބައިމީހުންނަކީ ދުނިޔޭގައި އަދި އާޚިރަތުގައިވެސް ބާއްޖަވެރިން ކަމުގައިވެދެ އެވެ.


ދެންފަހެ، އެބައިމީހުންނާ ވާދަކޮށް (އެ މަޤާމްތައް ހޯދުމަށް ނުކުތުމުން) މީސްތަކުން ތިބާއަށް ބޭނުމެއް ނުވާނެ އެވެ. ތިބާއަކީ ގޮނޑިއަށް ވާދަކުރާ، ހޯދަންއުޅޭ މީހެއްގެ ގޮތުގައި މީސްތަކުންނަށް ފެނުމުން މީސްތަކުން ތިބާއަށް ބޭނުމެއް ނުވާނެ އެވެ.


ކުވައިތުގައި ސަލަފީން، ނުވަތަ ސަލަފީން ކަމުގައިބުނާ ބަޔަކު އިންތިޚާބުތަކާއި، ޕާލިމެންޓަށް އަދި އެކިއެކި މިފަދަ ކަންތައްތަކަށް ދަޢުވަތު ދިނުމުން ސަލަފީ ދަޢުވަތް ބަލިކަށި ނުވޭ ހެއްޔެވެ؟ ސަލަފީ ދަޢުވަތް ބަލިކަށިވީ އެވެ. އެބައިމީހުން އެންމެ ފުރަތަމަ އިޚްތިޔާރުކުރި ގޮތުގެ މަތީގައި ދެމިތިބިނަމަ އެތަނުގައިތިބި ވެރިން ޚުދު އެމީހުންގެ އަމިއްލައަށް ޙައްޤުގޮތް އިޚްތިޔާރު ކުރީހެވެ. އަދި އެ ސަރުކާރަކީ ﷲ ގެ ފޮތުގެ މައްޗަށާއި ރަސޫލާ ގެ ސުންނަތުގެ މައްޗަށް ޙައްޤު މަގުގައިވާ ސަރުކާރެއްގެ ގޮތުގައި ދެމިއޮތީ ހެވެ.  
ފަތުވާ ނަގާފައިވަނީ : فتاوى فضيلة الشيخ العلامة ربيع بن هادي المدخلي 1-313/315
*****


އަޚުންނާއި އުޚްތުންނޭވެ! މިއީ މި ޒަމާނުގައި މުޅި އިސްލާމީ އުއްމަތުގައި ދިރިހުންނެވި އެންމެ ފުންނާބުއުސް އެންމެ ޢިލްމުވެރި ދީނުގެ އިމާމްވެރި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. ޢުމުރުފުޅުން މިއަދު 87 އަހަރުފުޅުގައި ދިރިއުޅުއްވަމުން ގެންދަވާއިރުވެސް ޢިލްމީ ގޮތުން، ޙައްޤާއި ބާޠިލް ވަކިކުރެއްވުމުގައި، ސުންނަތް ދިފާޢު ކުރެއްވުމުގައި ކުރައްވާ މަސައްކަތްޕުޅު ސުންނަތުގެ އަހުލުވެރިއަކަށް ވަންހަނާއެއް ނުވާނެ އެވެ.


އަޚުންނޭވެ! ޙައްޤާއި ބާޠިލް ވަކިކޮށް، ޙައްޤުގެ އަހުލުވެރިންނަށް ހިތާއި ނަފްސުން ލޯބިވެ، ބާޠިލް އަދި ބާޠިލްގެ އަހުލުވެރިންގެ ޙަޤީޤަތް ކަޝްފުކޮށް އެފަދަ ދާޢިންގެ މައްޗަށް އިންޒާރުދިނުމާއި އުއްމަތަށް އެފަދަ ބިދުޢަވެރިންގެ ކިބައިން އެއްކިބާވުމަށް ދަޢުވަތު ދިނުމަކީ ﷲ ގެ ދީނުގައި ލެވިފައިވާ ޤަވާޢިދެކެވެ. މިއީ މިއަދު ދަޢުވަތަށް ނިސްބަތްވާ އެތައްބަޔަކު ދޫކޮށްފައިވާ ޝިޢާރެކެވެ. މިއަދު އެއްބަޔަކު އަނެއްބަޔަކަށް ދުނިޔެވީ ކަންކަމުގައި ރައްދުދޭހިނދު، ދީނުގައި ފުރެދިފައިވެ، އޭނާގެ ބާޠިލް ދަޢުވަތުގެ މައްޗަށް ރައްދުދިނުން އަޥްލާވެގެންނުވޭ ހެއްޔެވެ؟ ﷲގެ ޙައްޤުމަގު މީސްތަކުންނަށް އޮޅުވައިލައި، އޭނާގެ އަމިއްލަ މަންހަޖަށް ދަޢުވަތުދޭ މީހާގެ ނުބައިކަން ތިބާ ވިސްނާލުން ހުއްޓެވެ. އެ ދަޢުވަތު ދެވެނީ ނަރަކައިގެ މަގަކަށެވެ. މިއަދު ދުނިޔޭގައި މިފަދައިން މަސައްކަތްޕުޅު ކުރައްވާ މިކަމުގައި އެންމެ ފުންނާބުއުސް އެއް ފަރާތްޕުޅަކީ މި އިމާމެވެ. الإمام العَلامَة د. رَبِيع بن هَادي حفظه الله އެވެ.


މި ޢިލްމުވެރިޔާގެ ޤަދަރު ބަޔާންވެގެންވަނީ الإمام ابن باز رحمه الله ގެ ޙަޔާތްޕުޅުގައި، ސުންނަތާއި ޚިލާފްވި ފަރާތްތަކުގެ ޙަޤީޤަތް ބަޔާންކުރައްވާ އެފަރާތްތަކަށް ރައްދު ދެއްވުމަށް الإمام رَبِيع بن هَادي ފަރާތްޕުޅުން الإمام ابن باز حمه الله  އެދިވަޑައިގެންނެވި އެވެ. އަދި އެކަމަށް ބާރު އެޅުއްވެވި އެވެ. الإمام المُحدِّث الأَلْبَانِي حمه الله ވިދާޅުވެފައިވަނީ، الإمام رَبِيع بن هَادي އަކީ ޙައްޤުގެ އަހުލުވެރިންނާއި ބާޠިލްގެ އަހުލުވެރިން ވަކިކޮށް ބަޔާންކޮށްދެއްވުމުގައި އުއްމަތުގައި އޭގެ ދިދަ އަތްޕުޅުގައިވާ ފަރާތެވެ. ވަކި ޚާއްޞަ ޢިލްމުވެރިއެއް ބެލުމެއްނެތި، الإمام رَبِيع بن هَادي ގެ ޙަޔާތްޕުޅުގައި އުއްމަތަށް ފާޅުވި އެންމެހައި ޢިލްމުވެރި ބޭފުޅުންގެ ކިބައިން މަތިވެރި، ހެޔޮ ޘަނާގެ ބަސްފުޅު ލިބިވަޑައިގެންފައިވެ އެވެ. އެއްވެސް ޝައްކެތްނެތެވެ. މި އިމާމްއަށް ބަދުބަސް ބުނާނީ ބަޔާންވެގެންވާ ފުރެދިފައިވާ އިޚްވާނީ އެކެވެ. ތަކްފީރީ އެކެވެ. ޚަވާރިޖީ ފިކުރުގައިވާ ޙައްދުފަހަނައަޅައިފައިވާ ފަރާތެކެވެ. ސުންނަތަށް، ދީނަށް ނިޞްބަތްވެގެންވާ ފަރާތަކަށް މި އިމާމް އެނގިފައި ނުވުމަކީ ޙައިރާންވާންޖެހޭފަދަ ކަމެކެވެ.  
ޝެއިޚްގެ ފަތުވާގެ ބައެއް ބަސްފުޅުތަކަށް ނަޟަރު ހިންގާލަމެވެ. "ތިމަންމެން ޕާލީމެންޓަށް ވަދެއްޖެނަމަ އެތަނުން ޢިލްމާނީން (ލާދީނީ މީހުން) ނެރުމަށްފަހު، އެމީހުންގެ ބަދަލުގައި އެ ގޮނޑިތަކަށް ވެރިވެގަންނާނެކަމަށް ބުނެ ދަޢުވާކޮށް އޭގެތެރެއަށް ވަންނަ މީހުން، ޚުދު އެމީހުންނަކީ ޢިލްމާނީން އެމީހުންގެ މަސައްކަތަށް ބޭނުން ކުރާ އާލަތްތަކަކަށް ވެގެންދާތަން އަޅުގަނޑުމެން ދެކުނީމެވެ. އަހަރެންގެ ލޮލުން ދެކުނީމެވެ."

 


ކީރިތި ޤުރުއާނުގައި އިސްވެދިޔަ އުއްމަތްތަކުން ޢިބްރަތް ހޯދުމަށް އަންގަވާފައި ނުވޭ ހެއްޔެވެ؟ އެ އުއްމަތްތަކުން ނަޞޭޙަތާއި ވަޢުޟު ލިބިގަތުމަށް އަމުރުފުޅު ކުރައްވާފައި ނުވޭތޯ އެވެ؟ ﷲ ވަޙީ ކުރެއްވި އެވެ. ﴿ قَدْ خَلَتْ مِنْ قَبْلِكُمْ سُنَنٌ فَسِيرُوا فِي اْلأَرْضِ فَانْظُروا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ هَذَا بَيَانٌ لِلنَّاسِ وَهُدًى وَمَوْعِظَةٌ لِلْمُتَّقِينَ ﴾ "އެކިއެކި އުއްމަތަތްކާމެދު ހިނގައިދިޔަ ކަންތައްތަކެއް ތިޔަބައިމީހުންގެ ކުރިން އިސްވެ ހިނގައްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުންގެ ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ދެން، ދޮގުކުޅަ މީހުންގެ ނަތީއްޖާ އޮތީ ކޮންފަދައަކުންތޯ ނިކަން ބަލައިބަލާށެވެ." ދެންއޮތީ އަހަރެމެންގެ ޙާލަތެވެ! ދީނަށް ކުރިއެރުން ގެނެސްދިނުމަށް ދަޢުވާކޮށް އިންތިޚާބު ތަކާއި ޕާލިމަންޓްއަށް ވަން މީހުންގެ ވާހަކަ އެވެ. ޝެއިޚް ވިދާޅުވެފައިވާ ފަދައިން މިއަދާ ޖެހެންދެންވެސް ޑިމޮކްރަސީގެ އަހުލުވެރިންނާއި އެބަޔަކު "ލާދީނީ" ފަރާތްތަކުގެ ގޮތުގައި ސިފަކޮށްފައިވާ ފަރާތްތަކަށް އެ "ދީނީ" މީހުންނަށް ލިބުނު ގޮޑިން ފައިދާވީ ކޮންބަޔަކަށް ހެއްޔެވެ؟ އެ ގޮނޑިތަކުން ފައިދާ ހޯދީ ކުފުރުގެ ނިޒާމް ކަމުގައިވާ ޑިމޮކްރަސީގެ އަހުލުވެރިންނަށް ނޫން ކޮން ބަޔަކަށް ހެއްޔެވެ؟ އެއިން އެއްވެސް ޑިމޮކްރަސީގެ އަހުލުވެރިއެއް ބޭރުކޮށްލެވުނު ހެއްޔެވެ؟ އެ ދަޢުވާކުރި މީހުންނަކީ "ޢިލްމާނީންނަށް" ވާގިވެރިވާ މީހުންގެ ގޮތުގައި ނުވޭ ހެއްޔެވެ؟ ޢިބްރަތް ލިބުންއޮތީ ފެންނަ ފެނުމާއި މި ހެކިތަކުން ނޫން ހެއްޔެވެ؟ ޙަޤީޤަތަކީ ބަޔަކަށް "ލާދީނީ" ސިފަދިނީ އެ "ދީނީ" މީހުން ގޮނޑިއަށް އެރުމަށް އޮތް ދުނިޔެވީ ޙާޖަތެއްގެ ބޮޑުކަމުންނެވެ.


ޝެއިޚް ވިދާޅުވެފައިވެ އެވެ. "ތިބާ ބޭނުންވަނީ އޭނާގެ މައްޗަށް ގަދަވެގަތުމަށް އަދި އޭނާ ބޭނުންވަނީ ތިބާގެ މައްޗަށް ގަދަވެގަތުމަށެވެ. އާޚިރުގައި އޭނާ ތިބާގެ މައްޗަށް ގަދަވެގަނެ އެވެ. ސަބަބަކީ، ﷲ  ގެ ޙަޟުރަތުން ނަޞްރު ލިބުމަށްއޮތް ޝަރުޢީ މަގު ތިބާ އިޚްތިޔާރު ކޮށްފައި ނުވުމެވެ. މިއީ އެންމެން ދަންނަ މަޢުރޫފް ކަމެކެވެ."


ޝެއިޚްގެ ޙަޔާތްފުޅުން ފެނިވަޑައިގެންނެވީ މިފަދައިންނެވެ. މި އެންމެހައި ފަރާތްތަކެއް ގޮނޑިތަކަށް އަރައި، އެ ގޮނޑިން "ލާދީނީ މީހުންނަށް" "ޑިމޮކްރަސީގެ އަހުލުވެރިންނަށް" އެއްވެސް އަޘަރެއް ނުކޮށް، އޭނާގެ ކިބައިން ފައިދާ ލިބިގަތީ އެފަރާތްތަކެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ އެފަރާތްތަކަށް ﷲ ގެ ނަޞްރާއި މަދަދު ލިބުމުން އެއްކިބާވެ، އެމީހުން ހޯދައިފައިވާ މަގުތަކަކީ ﷲ ޙަޟުރަތުން ނަޞްރާއި ކާމިޔާބީ ހޯދުމަށް އޮތް މަގުތަކެއް ނޫނެވެ. މިވަރު ދަލީލެއްގެ ގޮތުގައި ނުފެނޭ ހެއްޔެވެ؟ އަހަރެމެންގެ ނަފްސުތަކަށް ސުވާލު ކުރުންއޮތީ އަހަރެމެންނަށް ކަނޑައަޅުއްވާފައިވާ މަގުގައި އަހަރެމެން ދެމިތިބެމު ހެއްޔެވެ؟ އިޞްލާޙު ކުރުމަށް ކަނޑައަޅުއްވާފައިވާ ގޮތްތައް ދޫކޮށް، އަހަރެމެން އަމިއްލަ ޤަވާޢިދުތަކާއި އުޞޫލްތައް ގެނައުން "ﷲ ގެ ޤާނޫނާއި އިޞްލާޙީ މަގުތަކަށްވުރެ ހެޔޮވަނީ ހެއްޔެވެ؟ އެ "ދީނީ" މީހުންނަކީ، ޙަޤީޤަތުގައި އިޚްލާޞްތެރި ގޮތުގައި ނަބިއްޔާ ﷺ ގެ ސުންނަތަށް ތަބަޢަވި ބައެއްގެ ގޮތުގައިވާނަމަ ނަބިއްޔާ ދަޢުވަތު ދެއްވި މަގަށް އެބައިމީހުން ތަބަޢަވީ ހެއްޔެވެ؟ ނަބިއްޔާގެ ދަޢުވަތަކީ ދުނިޔޭގެ ގޮނޑިތަކާއި، މަޤާމްތަކަށް ވާދަކޮށް އެގޮނޑިތަކަށް އަރައި ދީންނަށް ދަޢުވަތު ދިނުމެއް ނޫނެވެ. އެހެނަސް އެގޮތުގައި އެބައިމީހުންނާ ވާދަކުރުމެއްނެތި، ދަޢުވަތު ދިނުމެވެ. ﷲ ނަބިއްޔާއަށް ކަނޑައެޅުއްވާ ބަޔާންކޮށްދެއްވި މަޤަކީ އެއީ އެވެ. ދަންނަހުއްޓެވެ! ވެރިކަމަށް، ގޮނޑިއަށް އެރުމަށް އޭނާ ބޭނުންވެ އެކަމަށް ވާދަކުރުމަކީ އޭނާ ސުންނަތުގައިވާ މަގަށް ތަބަޢަނުވި ކަމުގެ ބޮޑުވެގެންވާ ހެއްކެކެވެ!


ޝެއިޚް ވިދާޅުވެފައިވެ އެވެ. "ސޫރިޔާގައި، ޢީރާޤުގައި، މިޞްރުގައި އަދި މި ނޫންވެސް ތަންތަނުގައި އިޚްވާނުލް މުސްލިމޫން ޕާލިމެންޓަށް ވަންހިނދު، އިސްލާމްދީން ޤާއިމްކޮށް އެއްވެސް ކާމިޔާބީއެއް ޙާޞިލްކުރި ހެއްޔެވެ؟ އަދި އިސްލާމް ދީން ދިފާޢު ކުރެވުނު ހެއްޔެވެ؟ ނުވަތަ ނަތިއްޖާއަކީ އޭގެ ސަބަބުން ބަޢްޘީން (ސޯޝިއަލިސްޓުން) އަދި ޝުޔޫޢިން (ކޮމިއުނިސްޓުން) އަދި އެބައިމީހުންގެ ބައިވެރިން ކަމުގައިވާ ނަޞާރާއިންނާއި އެފަދަ މީހުންނަށް އެކަމުގައި ބާރުވެރިކަން ލިބުނީ ނޫންހެއްޔެވެ؟ މިބައިމީހުންނަށް ގަދަކަމާއި ބާރު ލިބުމެވެ. އަދި އަނެއް މީހުން ބަލިކަށިކަން އިތުރުވެދިޔައީ އެވެ. އެބައިމީހުންނަށް ނެރެވުނު ނަތިއްޖާއަކީ ކޮބައިތޯ އެވެ؟"


ބުނަމެވެ. މިއީ އެތަކެއް އަހަރުތަކެއްގެ، އެތަކެއް ޤައުމުތަކުގައި "ދީން" ޝިޢާރެއް ގޮތުގައި ފާޅުކޮށްގެން އެ ގޮނޑިތަކަށް އެރި އަހުލުވެރިންގެ ވާހަކަ އެވެ. ޢިބްރަތް ލިބިގެން، ނަޞޭޙަތް ލިބިގެން، ދުނިޔޭގެ ޙަޔާތުން ފިލާވަޅެއް ހޯދާނަމަ މިއީ އެފަދަ ފިލާވަޅެކެވެ. މިއީ އެތައް މިލިޔަން މުސްލިމުންގެ އާބާދީތަކުގައި އެމައިދާނަށް ނުކުތް އަހުލުވެރިންގެ ޙާލަތެވެ. ހެޔޮ ނިޔަތަކާއި އެކުގައި ނުކުތް މީހުންނާއި، ދުނިޔެވީ އެދުންތަކުގެ މައްޗަށް ނުކުތް އެންމެންގެ ނިމުން ނިމިދިޔަ ހިތްދަތި ގޮތެވެ. މިފަދަ ގިނަ ޤައުމުތަކުގައި، ގިނަ ބައެއްގެ ކިބައިން ފެނިފައިވާ މި ނަތީއްޖާ ޢިބްރަތަކަށްނުވެއްޖެ މީހާއަކީ ތިމާގެ އަމިއްލަ ނަފްސުގެ އެދުންވެރިކަމަށް ދީން ޝިޢާރަކަށް ދައްކައިގެން ނުކުމެފައިވާ މީހެއް ނޫނީ ފަހެ ކާކު ހެއްޔެވެ؟ އުއްމަތެވެ! ސުންނަތުގެ އިމާމުންނާއި ޢިލްމުވެރިންގެ މަންހަޖުގައި ދެމިހުރުން ހުއްޓެވެ. އިސްވެދިޔަ ފަރާތްތަކުން ޢިބްރަތް ހޯދުން ހުއްޓެވެ. ރަސޫލާ ﷺ ޙަދީޘްފުޅު ކުރެއްވި އެވެ. (والسعيدُ من وُعِظَ بغيرِه) "ބާއްޖަވެރިއަކީ، އެހެންފަރާތްތަކުގެ ކިބައިން ޢިބްރަތް (ނަޞޭޙަތް ލިބިގަނެއްޖެ) މީހެކެވެ."


ޝެއިޚް ވިދާޅުވެފައިވެ އެވެ. "ﷲގެ މަގަށް ދަޢުވަތްދިނުން ޒުވާނުން އެއްކިބާކުރުމުގެ އިތުރުން އެމީހުން ހޮވަން ބޭނުންވާ ކެންޑިޑޭޓުންނަށް ނަޞްރު ދިނުމުގެ ގޮތުން، ޙަޤީޤަތާއި ޚިލާފް ޔޯލަޔޯލަ ވާހަކަ ފަތުރަން ޒުވާނުންނަށް އުނގަންނައި ދިނެވެ. އަދި ކިޔެއްހެއްޔެވެ! ރިޝްވަތު ދީ، ރިޝްވަތުގައި ހިފުމަށް ޒުވާނުންނަށް އުނގަންނައި ދިނެވެ. ނަތިއްޖާއަކަށްވީ، އެބައިމީހުންގެ އަޚްލާޤު ފަސާދަވުމެވެ. މިފަދައިން އިންތިޚާބު ތަކާއި ވޯޓުތަކާއި، ވާދަވެރިކަމުން އަޚްލާޤު ފަސާދަވެފައިވަނީ ކިހާވަރަކަށް ތޯ އެވެ؟ މަކަރު ހެދުމާއި، އޮޅުވާލުމާއި، ޚިޔާނާތާއި ރިޝްވަތާއި، އޮޅުވައިލުން އުނގަންނައިދީ، އޭގެ ސަބަބުން އަޚުލާޤު ފަސާދަވެފައިވަނީ ކިހާ މިންވަރަކަށްތޯ އެވެ؟"


އަޚުންނޭވެ! ނުކުންނަ "ދީނީ" ކެންޑިޑޭޓުންނޭ ބުނާ ފަރާތްތައް ދަޢުވަތުދެނީ ކޮންކަމަކަށް ހެއްޔެވެ؟ ޙަރާމް ކަންތަކަށާއި ފާޙިޝްކަން ބޮޑުވެގެންވާ ޢަމަލުތަކަކާއި މުންކަރާތްތަކަށް ނޫން ތޯ އެވެ؟ ރިޝްވަތަކީ އެމީހުންގެ ލަނޑުދަނޑިއަށް އެރުމަށް އޮތް އެންމެ ފަސޭހަކަންބޮޑު އެއްޗެވެ. ސިއްރިޔާތުގައި ވަގުފައިސާ ބެހުން ޢާންމު ކަމަށް ނުވޭ ހެއްޔެވެ؟ އަޚްލާޤު ފަސާދަ ނުވާންވީ ކީއްވެ ހެއްޔެވެ؟ "ދީން" ޝިޢާރަކަށް ހަދައި ނުކުމެފައިވާ މީހާ، ހިލޭ އަންހެނުންނާއި ގައިގޯޅިކޮށް އުޅޭ މަންޒަރު މީޑިޔާ ތަކުގެ ފަލަސުރުޚީ ތަކުގައި އަދި މީޑިޔާގެ އެންމެހައި ވަޞީލަތްތަކުގަ އެވެ. އަޚާ އެވެ! މިއީ ދީނަށް ނަޞްރު ހޯދައިދިނުން، މީސްތަކުންނަށް ބާއްޖަވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ނުކުންނަ މީހާގެ ޢަމަލުކަމުގައިވާނެ ހެއްޔެވެ؟ ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކަކީ އޭނާ ބަލައިގަންނާނެ އެއްޗެއް ކަމުގައިވާނެ ހެއްޔެވެ؟ އަންހެނުންނާއި ފިރިހެނުން މައްސުނި ކުރުމާއި، އެކަމަށް ގޮވައިލުން އޭނާގެ ޢަމަލު ނޫން ހެއްޔެވެ؟ މިއީ، އަޚްލާޤު ފަސާދަވުމުގެ އެންމެ މަތީ ދަރަޖަ އެވެ. މިއީ ދީން އިޞްލާޙު ކުރުމުގެ ނަމޫނާ ދައްކަނީ ހެއްޔެވެ؟ ﷲ ޤަންދީ ބުނަމެވެ. ދީން އަށްޑަނައަކަށް ނެރެގެން މިފަދަ ފާޙިޝްކަން ބޮޑު މުންކަރާތް ކުރާ މީހުންގެ މައްޗަށް ފާޅުކުރަންޖެހޭ ންފަރަތާއި ރުޅިވެރިކަން ދީން އަށްޑަނައަކަށް ނަހަދައި ނެރޭ މީހުންގެ މައްޗަށްވުރެ ބޮޑުވާން ޖެހޭނެކަން ކަށަވަރެވެ. ޕާޓީހެދިއިރު ކިޔަމުންގެންދިޔަ އާޔަތަކީ މިއެވެ. ﴿ وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُوْلَٰٓئِكَ هُمُ ٱلْمُفْلِحُونَ﴾     "ހެޔޮމަގަށް ގޮވާ އަދި ހެޔޮކަންތައްތަކަށް އަމުރުކުރާ އަދި ނުބައިކަންތައްތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ. އެބައިމީހުންނަކީ ހަމަ ކާމިޔާބީ ލިބިގެންވާ އަހުލުވެރިންނެވެ." ދީނީ ޕާޓީހެދުމަށް މުނާސިބު އާޔަތެއް ކަމުގައިވުމުން އެހިނދު އެއާޔަތެވެ. މިއަދު ލަވަޖަހާ، އަންހެނުންނާ ފިރިހެނުން މައްސުނިވެ، ނަށާ ހަދާއިރު އެ އާޔަތް ކޮބައިހެއްޔެވެ؟ މިފަދަ މީހުންގެ މަކަރާއި ޙީލަތުގެ މައްޗަށް ސަމާލުވުން ހުއްޓެވެ!


އުއްމަތް އެކުއެކީގައި އަޚްލާޤީގޮތުން ފަސާދަކޮށް ފާޙިޝް ޢަމަލުތައް ފާޅުކުރުން ނޫން ކޮން ކަމެއް ހެއްޔެވެ؟ ތިމާގެ ޢަމިއްލަ ނަފްސު ސަލާމަތް ނުކޮށް އުއްމަތެއް ސަލާމަތް ކުރެވޭނެ ހެއްޔެވެ؟ މި މައިދާނަށް ނުކުމެފައިވާ އަހުލުވެރިން މި ކަންތައްތަކުގެ މައްޗަށް ހެކިވެފައި ވުމަށްވުރެ ބޮޑު ހެއްކެތް ކޮބައިހެއްޔެވެ؟ ރައީސަކު ބުނެފައިވެ އެވެ. "ސިޔާސީ ފަރާތްތަކަކީ އެބަޔަކު ބޭނުންވާ ގޮތަކަށް ވާހަކަ އަބުރާލައިގެން ދައްކާ ބައެއް" މިއީ ސިޔާސީ މީހުންގެ ޙަޤީޤަތެވެ. ތިމާ ގޮނޑި ބޭނުން ކަމުގައިވާނަމަ، ތިމާ ވާދަކުރާ މީހާގެ މައްޗަށް ކޮންމެ ޢަމަލެއް ކޮށްގެންވިޔަސް އަރައިގަންނަން ޖެހެ އެވެ. ލަނޑުދަނޑިއަށް ވާޞިލްވުމަށް އެހެން ޢަމަލުތައް ހުއްދަވީ އެވެ. މިއީ ޔަހޫދީންގެ ޤަވާޢިދެކެވެ. ދީނުގައި ފާސިޤުންނާއި ފާޖިރުންނާއި، ފާޙިޝް މީސްތަކުންގެ މަގަށް ނުލެނބުމަށް އަންގަވާފައިވާ ހިނދު، ތިމާގެ ގޮނޑިހޯދުމަށް އެފަދަ ފަރާތްތަކުގެ ވޯޓު ހޯދުމަށް އެބައިމީހުންގެ ތާއީދު ހޯދުމަށްޓަކައި ގާތްކޮށް، އެކުވެރިންގެ ގޮތުގައި ހަދަންޖެހެ އެވެ. މީހާގެ، ލަދުޙަޔާތް ފިލައިގެން ދިއުން ނޫން ކޮން ސިފައެއް ހެއްޔެވެ. ޙަރާމް ވެގެންވާ ލަވަ ޖެހުމާއި، ދެޖިންސު މައްސުނިވެ ނެށުމާއި، އެފަދަ އެންމެހައި ޢަމަލުތަކުގައި ބައިވެރިވެ، އަތްޖަހާތަން ފެންނަނީ "ދީނީ" މީހުންގެ ފަރާތުންނެވެ. ނަފްސުގައި ﷲ އަށް ބިރުވެތި ކަމެއްއޮތް މީހަކު މިޢަމަލު ތަކުގައި ބައިވެރި ވާނެ ހެއްޔެވެ؟ އެބުނާ "ލާދީނީ" މީހާގެ ޢަމަލާއި މި "ދީނީ" މީހާގެ ސިފަތަކުގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ އަޚާ އެވެ! މިފަދަ އަނިޔާވެރިންނަށް ވާގިވެރިވާނެ އަހުލުވެރިއެއް ކަމުގައި ތިބާވެގެން ނުވާނެ އެވެ. ޑިމޮކްރަސީ އަކީ އޭގެ ޒާތުގައި "ލާދީނިއްޔަތުގެ" މަންމަ އެވެ. އެފަދަ އަހުލުވެރިންގެ ދުލުން ނިކުންނާނީ މުންކަރާތް ނަހީ ކުރުމެއް ނޫނެވެ. ﷲ ގެ ޝަރީޢަތް ޤާއިމް ކުރުމެއް ނޫނެވެ. އެހެނަސް ދީނާއި ސިޔާސަތު ވަކި ކުރުމެވެ. ބުނާނެ އެވެ. "ރަލާއި އޫރު މަހަކީ ޢިޤްތިޞާދީ ކަމެކެވެ. އަހަރެން އިޤްތިޞާދީ ކަންކަމާއި ނުބެހޭނަމެވެ." "ޒިނޭ ކުރުމާއި ބަނގުރާ ބޮނީ ދުނިޔެމަތީގައި އެތަކެތި ހުރުމުންނެވެ. އެކަންތައް ކުރާ މީހުން ތިބުމުންނެވެ." ވެރިންގެ ގޮތުގައިވެ ﷲ ގެ ޝަރީޢަތް ތަންފީޛު ކުރުން ކޮބައިހެއްޔެވެ؟ މިފަދަ އަޚުލާޤު ފަސާދަވެފައިވާ ބައެއްގެ ކިބައިން ދީނަށް ނުކުންނާނެ ނަޞްރެއް ފާޅުވާނީ ކިހިނަކުން ހެއްޔެވެ؟

ވޯޓުލުމާއި އިންތިޚާބުތައް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ދުނިޔެ ދޫކުރައްވާފައިވާ ޢިލްމުގެ އަހުލުވެރިން، الإمام ابن باَز، الإمام ابن العُثَيمِين، الإمام مُقبل رحمهم الله އަދި ދުނިޔެމަތީގައި ދިރިތިއްބެވި ޢިލްމުވެރިންގެ ބަސްފުޅުތަކުން އިންތިޚާބު ތަކާއި ވޯޓުލުން ބަޔާންކޮށްދިނުން | 01 ފެބުރުއަރީ 2019

ޑިމޮކްރަސީގެ އިންތިޚާބުތައް ބިނާވެފައިވަނީ މަކަރުވެރިކަމާއި ދޮގޮވެރިކަމުގެ މައްޗަށް - العَلاَّمَة الشَّيْخ مُحمَّد بن صَالح العُثَيمِين رحمه الله | 13 މެއި 2017

ހެޔޮ ޞާލިޙް އުއްމަތެއް ބިނާކުރެވޭނީ ތަޞްފިޔާ އަދި ތަރްބިޔާގެ ނަބަވީ މަންޙަޖުން، އިންތިޚާބުތަކަކުން ނޫން - الشَّيْخ العَلاَّمَة المُحدِّث مُحمَّد نَاصر الدِّين الأَلبَاني رحمه الله | 06 މެއި 2017

ޑިމޮކްރަސީގެ މައްޗަށް އަދި ވަޟުޢީ ޤާނޫނުތަކުގެ މައްޗަށް ޤާއިމްކޮށްފައިވާ އިންތިޚާބު - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 03 މެއި 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...