5 ޖިހާދުގެ ޝަރުތުތައް: ޖިހާދުކުރަން ދިއުމުގައި ވެރިޔާގެ އިޛްނަ އޮތުން އަދި ޝަރުޢީ ދިދައެއްގެ ދަށުގައި ޖިހާދުކުރުން - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޖިހާދުގެ ޝަރުތުތައް: ޖިހާދުކުރަން ދިއުމުގައި ވެރިޔާގެ އިޛްނަ އޮތުން އަދި ޝަރުޢީ ދިދައެއްގެ ދަށުގައި ޖިހާދުކުރުން

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޖިހާދުގެ ޝަރުޠުތައް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


 إجماع أَهْلُ السُّنَّةِ وَالجَمَاعَةِ

ހަމަކަށަވަރުން ޖިހާދަކީ މުސްލިމުންގެ އިމާމްއާ ޙަވާލުކުރެވިގެންވާ މަސްޢޫލިއްޔަތެއްކަން އަދި ހަމަކަށަވަރުން ޝަރުޢީ ދިދައެއްގެ ދަށުގައި މެނުވީ ޖިހާދު ނުކުރެވޭނެ ކަމުގައި أَهْلُ السُّنَّةِ وَالجَمَاعَةِ އިއްތިފާޤުވެވަޑައިގެންފައިވާ ކަން ބަޔާންކޮށްދިނުން.

أَهْلُ السُّنَّةِ وَالجَمَاعَةِ އިއްތިފާޤުވެވަޑައިގެންފައި ވަނީ ހަމަކަށަވަރުން ޖިހާދަކީ މުސްލިމުންގެ ވެރިޔާގެ މަސްޢޫލިއްޔަތްތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެއްގެ ގޮތުގަ އެވެ. ކޮންމެހެން ވެސް ޖިހާދުކުރުމަށް މުސްލިމުން އެމީހުންގެ އިމާމްގެ ފަރާތުން އިޛުނަ ހޯދަންޖެހޭނެ ކަމެވެ. އަދި ޖިހާދުކުރަންޖެހޭނީ ވެރިޔާ އައްޔަނުކުރާ ފަރާތެއްގެ ދަށުގަ އަދި ވެރިޔާ ޤާއިމްކޮށްފައިވާ ދިދައެއްގެ ދަށުގަ އެވެ. އެއީ رَسُوْلُ الله ﷺ ސުންނަތަށް ތަބަޢަވުމަށް އަދި ޚުލަފާއުއްރާޝިދޫންގެ ސުންނަތުގައި ދެމިހުރުމުގެ ގޮތުންނެވެ. أَهْلُ السُّنَّةِ وَالجَمَاعَةِ ގެ އަހުލުވެރިން މިފަދައިން އެބައިމީހުން ލިޔެފައިވާ ފޮތްތަކުގައި އިޤްރާރުވެފައިވެ އެވެ. 

 

 

أَبُوْ جَعْفَرُ الطَّحَاوِيْ رحمه الله ވިދާޅުވެފައިވެ އެވެ. "ޙައްޖުކުރުމާ ޖިހާދުކުރުން ދެމިއޮންނަނީ މުސްލިމުންގެ ވަލިއްޔުލް އަމްރުއާ އެކުގައި އެވެ. އެބައިމީހުންގެ ވެރިޔާއަކީ ހެޔޮލަފާ ނުވަތަ ނުބައިކަމުގައިވާ ފާޖިރެއް ކަމުގައިވީ ނަމަވެސް ޤިޔާމަތާ ޖެހެންދެން މިގޮތުގައި ދެމިއޮންނާނެ އެވެ."  

 

الإِمَامُ أَحْمَدَ بْنَ حَنْبَلٍ رحمه الله ވިދާޅުވެފައިވެ އެވެ. "ހެޔޮލަފާ ނުވަތަ ނުބައިކަމުގައިވާ ފާޖިރެއް ކަމުގައިވީ ނަމަވެސް، އެ އަމީރުއާ އެކުގައި ޖިހާދު ކުރުން ޤިޔާމަތާ ޖެހެންދެންވެ އެވެ. އެއީ ދޫކޮށްގެންވާނެ ކަމެއް ނޫނެވެ."  الإِمَامُ عَلِيُّ بِنْ المَدِيْنِي رحمه الله ގެ ޒަމާނުގައި އުޅުއްވި ސަލަފުންގެ ޖަމާޢަތެއްގެ ފަރާތުން عَلِيُّ بِنْ المَدِيْنِي ގެ ޢަޤީދާ ބަޔާންކުރައްވާ ވިދާޅުވެފައިވެ އެވެ. "އޭނާގެ މައްޗަށް ހެޔޮލަފާ ނުވަތަ ނުބައިކަމުގައިވާ ފާޖިރެއް ވެރިއެއްގެ ގޮތުގައި ހުރިކަމުގައިވީ ނަމަވެސް، ﷲ އަށާއި ޤިޔާމަތްދުވަހަށް އީމާންވެގެން ހުރި އެކަކަށްވެސް އެއީ އޭނާގެ ވެރިޔާކަމުގައި ދެކި ޤަބޫލުކޮށްގެން ނުނީ އެންމެ ރެއެއްވެސް ހޭދަކުރުން ޙަލާލެއް ނުވާނެ އެވެ. ފަހެ އެއީ އޭނާގެ އަމީރުލް މުއުމިނީން އެވެ. ހެޔޮލަފާ ނުވަތަ ނުބައިކަމުގައިވާ ފާޖިރެއް ކަމުގައިވީ ނަމަވެސް،  އެ އަމީރުއާ އެކުގައި ޖިހާދު ކުރުން ޤިޔާމަތާ ޖެހެންދެންވެ އެވެ. އެއީ ދޫކޮށްގެން ވާނެ ކަމެއްނޫނެވެ." 

 

الإِمَامُ أَبِيْ زُرْعَة عُبَيْدُ الله بِنْ عَبْدَ الكَرِيْم رحمه الله އަދި الإِمَامُ أَبِيْ حَاتِم مُحمَّدُ بِنْ إِدْرِيْس ابن المُنْذِر رحمه الله (ދެ ރާޒީން) ގެ ޢަޤީދާގައި ބަޔާންވެގެންވެ އެވެ. أَبِيْ حَاتِم ވިދާޅުވި އެވެ. ތިމަންގެ ބައްޕަ އަދި أَبِيْ زُرْعَة އަރިއަހުން އަހުލުއްސުންނަތުގެ  މަޛްހަބުގެ ދީނުގެ އުޞޫލުތަކާއި މެދުގައި ސުވާލު ކުޅައީމެވެ. އަދި އެޒަމާނުގައި ބައްދަލުވި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅުއްވި ޢިލްމުވެރިން ދެކެވަޑައިގެންފައިވާ ގޮތާއި، އެ ދެބޭފުޅުން ޢަޤީދާގައި ޤަބޫލުފުޅު ކުރައްވާ ގޮތާ މެދުގައި ސުވާލު ކުޅައީމެވެ. އެހިނދު ދެބޭފުޅުން ވިދާޅުވި އެވެ. އަހަރެމެންނާ ދުނިޔޭގެ އެންމެހައި ކަންކޮޅުތަކުގެ ޢިލްމުވެރިންނާ ބައްދަލުވި އެވެ. ޙިޖާޒް، ޢިރާޤް، ޝާމް އަދި ޔަމަނުގެ ޢިލްމުވެރިންނާއި ބައްދަލުވި އެވެ. އެ އެންމެހައި ޢިލްމުވެރިން މަޛްހަބުގައި (އަޤީދާގައި) ދެކެވަޑައިގަންނަވަނީ ނަމާދު، ޙައްޖު އަދި ޖިހާދު ކުރަންޖެހޭނީ ވެރިންނާ އެކުގައި ކަމެވެ."  ابن رُشْد القُرْطُبِيْ رحمه الله ވިދާޅުވެފައިވެ އެވެ. "ހެޔޮލަފާ ނުވަތަ ނުބައި ފާޖިރެއްކަމުގައިވީ ނަމަވެސް، ޢަދުއްވުންނާ ދެކޮޅަށް ޖިހާދުކުރުން އޮތީ ވެރިންނާ އެކުގަ އެވެ."  އަދިވެސް ވިދާޅުވެފައިވެ އެވެ. "އަދި ޖިހާދަކީ އެއަށް ވަފާތެރިވުމަށް ވާޖިބުވެގެންވާ ކަންތަކެއް އެކުލެވިގެންވާ ޢަމަލެކެވެ. ޖިހާދު ކުރުމުގައި ވަފާތެރިވާންޖެހޭނީ ކިހިނަކުންތޯ ދެންނެވުމުން ވިދާޅުވި އެވެ. އެއީ ފަސް ކަމެއްގައި ވަފާތެރި ވުމުވެ. ޖިހާދުގައި ވެރިޔާއަށް ކިޔަމަންވުން. ޣަނީމާ މުދަލުން އެއްވެސް އެއްޗެއް ނުނެގުން. އަމާންކަމެއް ލިބިގެންވާ މީހެއް ނަމަ އެފަދަ ޢަހުދުތަކަށް ރައްކައުތެރިވުން. ހަނގުރާމައިގެ ސަފުތައް ބައްދަލުވާ ހިނދުގައި ފުރިހަމައަށް ޘާބިތުވުން. މުސްލިމުންގެ އެކަކު މައްޗަށް ޢަދުއްވުންގެ ދެމީހުންނަށް ވުރެ ގިނަނުވާ ނަމަ ފިލަން ނުދުވުން." 

 

القُرْطُبِيْ المَالِكِيْ رحمه الله ވިދާޅުވެފައިވެ އެވެ. "ވެރިޔާގެ އިޛުނައަކާ ނުލައި ހަނގުރާމައަށް ލަޝްކަރުތައް ނުކުމެގެން ނުވާނެ އެވެ. އެއީ އެބައިމީހުންގެ ފަހަތުން ބެލެހެއްޓުންތެރިކަމާއި ބާރުވެރިކަމުގައި ދެމިތިބުމަށެވެ. އަދި އިމާމްގެ ދިފާޢުގައި އެބައިމީހުންގެ ބޭނުންޖެހިދާނެ ކަމަށްޓަކަ އެވެ." 

 

المَاوَرْدِيْ الشَّافِعِي رحمه الله ވިދާޅުވެފައިވެ އެވެ. "އިމާމް އަށް ދިހަ ކަމެއް ލާޒިމްވެގެންވެ އެވެ. ފަސްވަނައީ : ދުޝްމަނުންނަށް ދައުލަތަށް ވަދެނުގަނެވޭނެ ފަދައިން ގަދަބާރާއެކުގައި އަދި އެބައިމީހުން ދިފާޢުކުރެވޭނެގޮތުން އެބައިމީހުންނަށް މުސްލިމުންގެ ޙުރުމަތަށް އަރައިގަނެވިދާނެ އެންމެހައި ގޮތްތަކުން ދިފާޢުކުރުމެވެ. ހަވަނައީ : އިސްލާމްދީނާއި ދެކޮޅުވެ އެއަށް ބޮޑާވެގަތް މީސްތަކުންނަށް އިސްލާމްދީނަށް ދަޢުވަތު ދިނުމަށްފަހުގައި އެބައިމީހުންނާ ޖިހާދުކުރުން ނުވަތަ އެބައިމީހުންނަކީ މުސްލިމުންނަށް ޖިޒްޔަ ދީގެން ތިބޭ ބައެއްގޮތުގައި ބޭތިއްބުމެވެ. އެއީ ﷲ ތަޢާލާއަށްޓަކައި އެކަލާނގެ ދީން ޙައްޤު ގޮތުގައި އެންމެހައި ފަރާތްތަކެއްގެ މައްޗަށް ފާޅުކުރުމަށްޓަކަ އެވެ." 

 

المُوَفق ابن قُدامة الحَنْبَلِي رحمه الله ވިދާޅުވެފައިވެ އެވެ. "ޖިހާދު ކުރުމުގެ އަމުރަކީ ވެރިޔާއާ ޙަވާލުކުރެވިފައިވާ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނިގެންވާ ވެރިޔާގެ އިޖްތިހާދު ކުރުމުގައި ހިމެނިގެންވާ ކަމެކެވެ. ވެރިޔާގެ ދަށުގައިވާ ރައްޔިތުން އެކަމުގައި ވެރިޔާ ދެކޭގޮތްތަކުގައި ކިޔަމަންގަތުން ލާޒިމްވެގެންވެ އެވެ."  

البهُوتي رحمه الله ވިދާޅުވެފައިވެ އެވެ. "ވެރިޔާގެ އިޛުނަ ނެތީސް ޖިހާދުކުރުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ ހަނގުރާމައިގެ ކަންތައް މޮޅަށް ވެރިޔާއަށް އޮޅުންފިލައިފައި ވުމެވެ. ޖިހާދުކުރުމުގެ މަސްޢޫލިއްޔަތު ޙަވާލުކުރެވިފައިވަނީ ވެރިޔާއަށެވެ." 

 

شَيْخُ الإِسْلاَمُ اِبن تَيْمِيَّة رحمه الله ވިދާޅުވެފައިވެ އެވެ. "أَهْلُ السُنَّةِ وَالجَمَاعَةِ ދެކެނީ ޙައްޖުކުރުމާ، ޖިހާދުކުރުން އަދި ހުކުރު ނަމާދާއި ޢީދު ނަމާދު ކުރުން ވަނީ ވެރިޔާއާ އެކުގަ އެވެ. އެއީ ހެޔޮލަފާ ވެރިން ކަމުގައިވީ ނަމަވެސް ނުވަތަ ނުބައި ފާޖިރު ވެރިން ކަމުގައިވީ ނަމަވެސްމެ އެވެ." 

 

الشَّيْخُ عَبْدُ اللطِّيْف بِنْ عَبْدُ الرَّحْمَن رحمه الله ވިދާޅުވެފައިވެ އެވެ. "މި ގޮތުގައި ޢަމަލުކުރުން މި އުއްމަތުގެ ޢިލްމުވެރިންނާއި އެންމެ ހެޔޮމީސްތަކުންގެ މެދުގައި ދެމިއޮތުމުގައިވެ އެވެ. އެބައިމީހުން ﷲ އަށް ކިޔަމަންގަތުމާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންގަތުމަށް އަދި އެއީ ހެޔޮލަފާ ނުވަތަ ފާޖިރު އިމާމެއް (ވެރިއެއް) ކަމުގައި ވިޔަސް އެ އިމާމްއާ އެކުގައި ﷲ ގެ މަގުގައި ޖިހާދު ކުރުމުގައި ދެމިހުރުމަށް އަމުރު ކުރެއްވި އެވެ. މިކަންތައް އެބޭކަލުންގެ އުޞޫލީ ފޮތްތަކުގައި އަދި ޢަޤީދާގައި ފާޅުކޮށް ބަޔާންވެގެންވެ އެވެ."

 

الشَّيْخُ مُحَمَّدُ بِنْ صَالِح بِن عُثَيْمِين رحمه الله ވިދާޅުވެފައިވެ އެވެ. "ކޮންމެފަދަ ޙާލަތަކަށް ކަންތައް ދިޔަކަމުގައިވީ ނަމަވެސް ވެރިޔާގެ ހުއްދަ ނެތީސް ހަނގުރާމައިގެ ލަޝްކަރުގައި ބައިވެރިވެ، ހަނގުރާމަކުރުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ ހަނގުރާމަކުރުމާއި ޖިހާދުކުރުން މުޚާޠަބު ކުރެވިފައިވަނީ ވެރިންނަށެވެ. ފަރުދީ މީސްތަކުންނަކަށް ނޫނެވެ. ފަހެ، ފަރުދީ މީސްތަކުން ތަބަޢަވުންއޮތީ "އަޙްލުލް ޙައްލި ވަލް ޢަޤްދަށެވެ." ދިފާޢުގައި ހަނގުރާމަ ކުރުވޭ ޙާލަތުގައި މެނުވީ ފަރުދީ އެއްވެސް މީހަކަށް އިމާމްގެ ހުއްދައެއް ނެތި ޖިހާދުކުރުން ހުއްދައެއް ނުވާނެ އެވެ. އެބައިމީހުންގެ ތެރެއަށް ކުއްލިގޮތަކަށް ޢަދުއްވުން ފާޅުވެއްޖެ ހިނދުގައި، ފަހެ، އެހިނދުގައި އެބައިމީހުންގެ އަމިއްލަނަފްސުގެ ދިފާޢުގައި ނުކުތުން ހުއްޓެވެ. އެހިނދުގައި ހަނގުރާމައަށް ނުކުތުން ޢައިނިއްޔަ ފަރުޟެއްގެ ގޮތުގައިވެ އެވެ. އެނޫންގޮތެއްގައި ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ މިކަމަށް އަމުރު ވެވިގެންވަނީ ވެރިންނަށެވެ. ފަހެ، ވެރިޔާގެ ހުއްދަ ނެތީސް ޖިހާދުކުރުމަކީ ﷲ އަށް އުރެދިފައިވާ، ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ދިއުމެކެވެ. މިކަމަކީ މީސްތަކުންނަށް އިމާމްގެ އިޛުނައެއްނެތި ޖިހާދުކުރުމަށް ހުއްދަދެވިއްޖެ ކަމުގައިވާނަމަ އެކަންތައް އޮޅުންބޮޅުންތަކަށް ވެ، ހަލަބޮލި ކަމުގެ ތެރެއަށް ކަންތައް ދާނެ ކަމެކެވެ. ބޭނުންވާ ކޮންމެ މީހަކު އޭނާގެ ސަވާރީއަށް އަރައި ޖިހާދަށް ނުކުންނާނެ އެވެ. އަދި ސަބަބަކީ މިނޫންގޮތުގައި މިކަން ކުރުމަށްޓަކައި މީސްތަކުން ނުކުމެއްޖެ ހިނދުގައި އެއިން ނުހަނުގިނަ ފަސާދުތަކެއް ނުކުންނަ ހުއްޓެވެ. ފަހެ، ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ބަޔަކު ތިމަންމެންނަކީ ޢަދުއްވުންނާ ދެކޮޅަށް ނުކުންނަ ބައެއްގެ ގޮތުގައިބުނެ، އެބައިމީހުންނަކީ އިމާމްއާ ދެކޮޅަށް ނުކުންނަބައެއްގެ ގޮތުގައިވެ އެވެ. ނުވަތަ ﷲ ވަޙީކުރައްވާފައިވާ ފަދައިން މީސްތަކުންގެ ތެރެއިން ބައިގަނޑެއްގެ މައްޗަށް ބަޣާވަތްކުރާ ބައެއްގެ ގޮތުގައިވެ އެވެ. وَإِنْ طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا ۖ   "މުއުމިނުންގެ ދެބަޔަކު ތަޅައިފޮޅައިގެންފި ނަމަ، ފަހެ، އެ ދަބައިމީހުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ." ފަހެ، މިތިން އަމުރު އަދި އެހެނިހެން ކަންތަކުގައި އިމާމްގެ ހުއްދައެއްނެތި ހަނގުރާމަ ކުރުން ހުއްދައެއް ނުވާނެ އެވެ."

 

الشَّيْخُ صَالِح الفَوْزَانُ ވިދާޅުވެފައިވެ އެވެ. "ހަނގުރާމަ ކުރުމަށް އަމުރުކުރުމާއި، ހަނގުރާމައިގެ ކަންތައްތައް ބަލަހެއްޓުމުގައިވަނީ މުސްލިމުންގެ ވެރިންނެވެ. ޖިހާދުކުރުން ޤާއިމްކުރުމަކީ ވެރިންގެ މަސައްކަތުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ލަޝްކަރުތައް ތައްޔާރު ކުރުމާއި، ހަނގުރާމައަށް މީސްތަކުން ފޮނުވުމަކީ ވެރިންގެ މަސްޢޫލިއްޔަތެކެވެ. އެ ލަޝްކަރުތައް ވެރިން، އެބައިމީހުންގެ އަމިއްލަ ނަފްސަށް ހަނގުރާމައަށް ގެންދެ އެވެ. ނުވަތަ ލަޝްކަރުތަކުގެ މައްޗަށް އަމީރަކު އައްޔަންކުރެ އެވެ. ފަހެ، ޖިހާދަކީ ވެރިންގެ މަސްޢޫލިއްޔަތް ތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އެންމެ ޙާލަތެއްގައި މެނުވީ މުސްލިމުން ވެރިންގެ އިޛުނަ ނެތީސް ހަނގުރާމައަށް ނުކުތުން ހުއްދައެއް ނުވާނެ އެވެ. ކުއްލިގޮތަކަށް ޢަދުއްވުން އެބައިމީހުންގެ މައްޗަށް ފާޅުވެ، އެބައިމީހުންގެ މައްޗަށް ވެރިވެގަންނާނެ ކަމުގެ ބިރުހީވެ، އެ ޙާލަތުގައި ދިފާޢުގައި ހަނގުރާމައަށް ނުކުންނަން ޖެހޭނެ އެވެ. އަދި މި ޙާލަތުގައި އިމާމްގެ އިޛުނަ ބޭނުމެއް ނުވާނެ އެވެ. ސަބަބަކީ މިއީ ނުރައްކަލަކުން ދިފާޢު ކުރުމެކެވެ. އެހެނަސް ހަނގުރާމަ ކުރުމާއި ޖިހާދުކުރުމަށް ކޮންމެހެންވެސް ވެރިޔާގެ ހުއްދަ ބޭނުންވާނެ އެވެ. އެކަމަށް މަސްޢޫލުވެރި ފަރާތަކީ ވެރިން އެވެ. ލަޝްކަރުތައް ގޮވައިގެން ދިއުންވަނީ ވެރިޔާއަށެވެ. ނުވަތަ އެކަމަށްޓަކައި ވެރިޔާ އައްޔަނުކުރާ ފަރާތެކެވެ. އެކަން އިންތިޒާމު ކުރާފަރާތަކީ ވެރިޔާ އެވެ. ހަނގުރާމަ ކުރުމަށްޓަކައި މީސްތަކުން ފޮނުވާ ފަރާތަކީ ވެރިން އެވެ. ބާރުވެރިކަން ތައްޔާރުކުރާ ފަރާތަކީ އެއީ އެވެ. މި އެންމެހައި ކަންތަކަކީ ވެރިންގެ މަސްޢޫލިއްޔަތު ތަކުގެ  ތެރޭގައި ހިމެނިގެންވާ ކަންތައްތަކެވެ. އެންމެހައި މުސްލިމުން ދެމިތިބެނީ ވެރިޔާގެެ ބާރުވެރިކަމުގެ ދަށުގަ އެވެ. އަދި އެބައިމީހުންނަކީ އެއް އުއްމަތެއްގެ ގޮތުގައިވާ ބައެކެވެ. އެއްވެސް ގޮތަކަށް ރައުޔެއްގައި ނުވަތަ ޚިލާފްވެ ބައިބައި ވެގެންނުވާނެ އެވެ. އެގޮތުން ޖިހާދުކުރުމުގައި މައިދާނުގައި މިފަދައިން ބައިބައިވެގަނެގެން ނުވާނެ އެވެ. ފަހެ، ހަމަކަށަވަރުން އެބައިމީހުން، އެބައިމީހުންގެ ވެރިޔާގެ އަތްމައްޗަށް ޖިހާދުކުރުމުގައި ޖަމަޢަވެ ދެމިތިބުމުން އެހިނދުގައި އެބައިމީހުން ބާރުވެރިކަމުގައި ގަދަވެ، އެބައިމީހުންގެ ޢަދުއްވުން އެބައިމީހުންގެ މައްޗަށް ބިރުގަނެ، އެބައިމިހުންގެ ޢަދުއްވުންގެ މައްޗަށް ގަދަވެގަނެވެ އެވެ. އެހެނަސް އެބައިމީހުން ޚިލާފްވެ، ބައިބައިވެ، ކޮންމެ މީހަކުވެސް ތިމަންނައަކީ އެކަމަށް އެކަށީގެންވާ ފަރާތްކަމުގައި ދެކި، އިމާމްއަށް ކިޔަމަންވެ ބޯލެނބުމުގައި ދެމި ނުހުރުމުން، ފަހެ މިޙާލުގައި މުސްލިމުންގެ މައްޗަށް ކާރިޘާ މެދުވެރިވުން ހުއްޓެވެ." 

 

މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާ ފަތުވާ ކޮމިޓީން (اللجنَة الدَّائِمَة) އަންނަނިވި ފަތުވާ ދެއްވާފައިވެ އެވެ.  "ﷲ ގެ ކަލިމަ މަތިވެރި ކުރުމަށްޓަކައި ޖިހާދު ކުރުމާއި، އިސްލާމް ދީން ޙިމާޔަތް ކުރުމާއި، އިސްލާމް ދީން ފަތުރައި މީސްތަކުންނަށް ބަޔާންކޮށްދިނުމާއި، އިސްލާމްދީން ރައްކައުތެރިކޮށް އެ ދީނުގެ ޙުރުމަތް ހިފެހެއްޓުމަކީ  އެކަމަށް ކެރި ކުޅަދާނަވެގެންވާ ކޮންމެ މީހެއްގެ މައްޗަށް ﷲ ފަރުޟުކުރައްވާފައިވާ ކަންތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އެހެނަސް ލަޝްކަރުތައް ހަނގުރާމައަށް ފޮނުވުމާއި ވަކި ނިޒާމެއްގެ ދަށުން ބެލެހެއްޓުމުގައި ވަކިފަރާތެއް ހުންނަންޖެހެ އެވެ. އެއީ ކަންކަން ނިޒާމުން ނެއްޓި މަސްރަހު ހަލަބޮލިވެ އޭގެ ނަތީއްޖާގެ ހިތިކަން ނިމިގެންދާނެ ގޮތުގެ ބިރުވެރިކަމުގެ މައްޗަށެވެ. އެހެންވުމުން ހަނގުރާމައިގެ ކަންތަކުގައި، އެކަން ފަށައި އޭގެތެރޭގައި ވުމަކީ އެއީ މުސްލިމްވެރިންގެ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ފަހެ، ޢިލްމުވެރިން މިގޮތުގައި މިކަމުގައި ޤާއިމްވުމަށް ބާރުއެޅުން ހުއްޓެވެ. ފަހެ މިފަދައިން މުސްލިމުންނަށް ހަނގުރާމައަށް ނުކުތުމަށް ގޮވައިލުމުން އެކަމަށް އިޖާބަދިނުމަށް ކެރިކުޅަދާނަވީ އެންމެހައި މީސްތަކުންނަށް އެކަމުގައި ﷲ ގެ ވަޖްހުފުޅަށް އިޚްލާޞްތެރިވެ، ޙައްޤަށް ނަޞްރުލިބޭނެ ކަމުގައި އުއްމީދުގައި އަދި އިސްލާމްދީން ހިމާޔަތް ކުރުމުގައި އެ ދަޢުވަތަށް އިޖާބަ ދިނުން ހުއްޓެވެ. ޢުޛުރެއް ނެތި، އެ ގޮވައިލުމަށް އިޖާބަ ދިނުމަށް ކުޅަދާނަވީ މީހާ އެއަށް ފުރަގަސްދީފި ހިނދުގައި އޭނާ އަކީ ފާފަފެރިވާނެ މީހެކެވެ."

 

•┈┈┈┈•ـ✿❁✿ـ•┈┈┈┈•

[1]شرح الطحاوية (2/555).

[1]شرح إعتقاد أهل السنة و الجماعة (1/160).

[1]شرح إعتقاد أهل السنة و الجماعة (1/167).

[1]شرح إعتقاد أهل السنة و الجماعة (1/176، 182).

[1]المقدمات الممهدات (1/350).

[1]المقدمات الممهدات (1/355).

[1]الجامع لأحكام القرآن (5/177).

[1]أحكام السلطانية (ص15، 16).

[1]المغني (13/16).

[1]كشاف القناع (3/72-73).

[1]مجموع الفتاوى (3/158).

[1]الدرر السنية (7/177، 178).

[1]الآيَة (9) مِنْ سُوْرَةِ الحجرات.

[1]الشرح الممتع (8/25،26).

[1]الجهاد و ضوابطه المشروعة (ص23-26).

[1]فتاوى اللجنة الدائمة (12/12).

Like what you see?

Close

Hit the buttons below to follow us, you won't regret it...