ވެރިޔާގެ އިޛްނަނެތި ތަންތަނަށް ޖިހާދުކުރަން ފުރަފުރައިގެން ދިޔުމަކީ ހަރާމްވެގެންވާ ކަމެކެވެ. - الشَّيْخُ مُحَمَّدُ بِنْ صَالِح بِن العُثَيْمِين رحمه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الشَّيْخُ مُحَمَّدُ بِنْ صَالِح بِن العُثَيْمِين رحمه الله ވިދާޅުވެފައިވެ އެވެ.
"ކޮންމެފަދަ ޙާލަތަކަށް ކަންތައް ދިޔަކަމުގައިވީ ނަމަވެސް ވެރިޔާގެ ހުއްދަ ނެތީސް ހަނގުރާމައިގެ ލަޝްކަރުގައި ބައިވެރިވެ، ހަނގުރާމަކުރުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ ހަނގުރާމަކުރުމާއި ޖިހާދުކުރުން މުޚާޠަބު ކުރެވިފައިވަނީ ވެރިންނަށެވެ. ފަރުދީ މީސްތަކުންނަކަށް ނޫނެވެ. ފަހެ، ފަރުދީ މީސްތަކުން ތަބަޢަވުންއޮތީ "އަޙްލުލް ޙައްލި ވަލް ޢަޤްދަށެވެ." ދިފާޢުގައި ހަނގުރާމަ ކުރުވޭ ޙާލަތުގައި މެނުވީ ފަރުދީ އެއްވެސް މީހަކަށް އިމާމްގެ ހުއްދައެއް ނެތި ޖިހާދުކުރުން ހުއްދައެއް ނުވާނެ އެވެ. އެބައިމީހުންގެ ތެރެއަށް ކުއްލިގޮތަކަށް ޢަދުއްވުން ފާޅުވެއްޖެ ހިނދުގައި، ފަހެ، އެހިނދުގައި އެބައިމީހުންގެ އަމިއްލަނަފްސުގެ ދިފާޢުގައި ނުކުތުން ހުއްޓެވެ. އެހިނދުގައި ހަނގުރާމައަށް ނުކުތުން ޢައިނިއްޔަ ފަރުޟެއްގެ ގޮތުގައިވެ އެވެ. އެނޫންގޮތެއްގައި ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ މިކަމަށް އަމުރު ވެވިގެންވަނީ ވެރިންނަށެވެ. ފަހެ، ވެރިޔާގެ ހުއްދަ ނެތީސް ޖިހާދުކުރުމަކީ ﷲ އަށް އުރެދިފައިވާ، ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ދިއުމެކެވެ. މިކަމަކީ މީސްތަކުންނަށް އިމާމްގެ އިޛުނައެއްނެތި ޖިހާދުކުރުމަށް ހުއްދަދެވިއްޖެ ކަމުގައިވާނަމަ އެކަންތައް އޮޅުންބޮޅުންތަކަށް ވެ، ހަލަބޮލި ކަމުގެ ތެރެއަށް ކަންތައް ދާނެ ކަމެކެވެ. ބޭނުންވާ ކޮންމެ މީހަކު އޭނާގެ ސަވާރީއަށް އަރައި ޖިހާދަށް ނުކުންނާނެ އެވެ. އަދި ސަބަބަކީ މިނޫންގޮތުގައި މިކަން ކުރުމަށްޓަކައި މީސްތަކުން ނުކުމެއްޖެ ހިނދުގައި އެއިން ނުހަނުގިނަ ފަސާދުތަކެއް ނުކުންނަ ހުއްޓެވެ. ފަހެ، ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ބަޔަކު ތިމަންމެންނަކީ ޢަދުއްވުންނާ ދެކޮޅަށް ނުކުންނަ ބައެއްގެ ގޮތުގައިބުނެ، އެބައިމީހުންނަކީ އިމާމްއާ ދެކޮޅަށް ނުކުންނަބައެއްގެ ގޮތުގައިވެ އެވެ. ނުވަތަ ﷲ ވަޙީކުރައްވާފައިވާ ފަދައިން މީސްތަކުންގެ ތެރެއިން ބައިގަނޑެއްގެ މައްޗަށް ބަޣާވަތްކުރާ ބައެއްގެ ގޮތުގައިވެ އެވެ. وَإِنْ طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا "މުއުމިނުންގެ ދެބަޔަކު ތަޅައިފޮޅައިގެންފި ނަމަ، ފަހެ، އެ ދަބައިމީހުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ." ފަހެ، މިތިން އަމުރު އަދި އެހެނިހެން ކަންތަކުގައި އިމާމްގެ ހުއްދައެއްނެތި ހަނގުރާމަ ކުރުން ހުއްދައެއް ނުވާނެ އެވެ." الشرح الممتع (8/ 25،26).