ކެތްތެރިކަމުގެ ޙަޤީޤަތް (1) - الإمام ابن القيّم رحمه الله

بسم الله الرّحمن الرّحيم
الحمد لله ربّ العالمين، والصّلاة والسّلام على نبيّنا محمّد وآله وصحبه أجمعين:
ތަޢާރަފް:
މި ލިޔުންތަކަކީ الإمام ابن القيّم -رحمه الله- ލިޔުއްވާފައިވާ عُدّة الصّابرين وذخيرة الشّاكرين މި ފޮތުގެ އެކި ތަންތަންކޮޅުން ނެގިފައިވާ ބައެއް ފައިދާތައް ޖަމާކޮށް ތައްޔާރުކުރެވޭ ލިޔުންތަކެކެވެ. ލިޔުންތައް ތައްޔާރުކުރުމުގައި، މާނަ ނުގެއްލޭ ގޮތަށް ޖުމްލަ މާނަ ތަރުޖަމާކުރުމަށާއި، އަދި ބައެއް ފަހަރު ޚުލާޞަކުރުމަށް އިސްކަން ދެވިފައިވާނެއެވެ.
ކެތްތެރިކަމަކީ ކޮބާ؟
ޢަރަބި ބަހުގައި ކެތްތެރިކަމަށް ކިޔޭ ނަމަކީ الصَّبْرُ އެވެ. އެބަހީ: މަނާކުރުމާއި ހިފެހެއްޓުމެވެ. ފަހެ، ކެތްތެރިކަމަކީ މޮޅިވެރިކަމުން ނަފްސު ދުރުކޮށް ހިފެހެއްޓުމެވެ. އަދި ޝަކުވާކުރުމާއި ރުޅިވެރިކަމުން ތިމާގެ ދޫ މަނާކޮށް ހިފެހެއްޓުމެވެ. އަދި ކޯތާފަތްތަކުގައި ތެޅުމާއި، ޖީބުތަށް ވީދާލުމާއި އެފަދަ އެނޫންވެސް ކަންކަމުން ތިމާގެ ގުނަވަންތައް މަނާކޮށް ހިފެހެއްޓުމެވެ.
ކެތްތެރިކަމުގެ ޙަޤީޤަތާ މެދުގައި ދަންނައެވެ. ފަހެ، އެއީ ނަފްސުގެ ރިވެތިވެގެންވާ އަޚްލާޤުތަކުގެ ތެރެއިން މާތްވެގެންވާ ޚުލްޤެކެވެ. ކުރަން އެކަށީގެން ނުވާ، އަދި ކުރުން ރަނގަޅުވެގެން ނުވާ ކަންކަމުން ނަފްސު މަނާވެގަންނަނީ ކެތްތެރިކަމުގެ އެހީގައެވެ.
ޝަކުވާކުރުމަކީ ކެތްތެރިކަމާއި އިނދިކޮޅު ސިފައެއް ހެއްޔެވެ؟
ޝަކުވާކުރުމާއި މެދުގައި ދަންނައެވެ. ޝަކުވާގެ ދެވައްތަރެއް ވެއެވެ.
ފުރަތަމައީ: الله އަށް ޝަކުވާ ދެންނެވުމެވެ. މިއީ ކެތްތެރިކަމާއި ފުށުއަރާ ކަމެއް ނޫނެވެ. يعقوب -عليه السّلام- ވިދާޅުވިއެވެ. إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّهِ يوسف: ٨٦ [ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައާއި ޝަކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲ އަށެވެ."
ހަމައެފަދައިން أيوب -عليه السّلام- ވިދާޅުވިއެވެ. أَنِّي مَسَّنِيَ الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ الأنبياء: ٨٣ [ހަމަކަށަވަރުން، މިއަޅާއަށް ދަތިކަމާއި އުނދަގޫ މެދުވެރިވެއްޖެއެވެ. އަދި އިބަ އިލާހުއީ، ރަޙުމަތްލައްވާ، އެންމެ ރަޙްމަތްވަންތަ އިލާހެވެ."
ދެވަނައީ: މުޞީބާތެއް ޖެހިފައިވާ މީހާ، އޭނާގެ ޙާލުގެ ދުލުން، ނުވަތަ އޭނާގެ ބަސްތަކުން ޝަކުވާކުރުމެވެ. ކެތްތެރިކަމާ ފުށޫއަރާ ޝަކުވާއަކީ މިއީއެވެ. ވުމުން، الله އާއި މެދު ޝަކުވާކުރުމާއި، އެއިލާހަށް ޝަކުވާ ދެންނެވުމާއި ދެމެދު ފަރަޤުވެއެވެ.
ކެތްތެރިކަމާއި އޭގެ އިނދިކޮޅު:
الصّبر ނުވަތަ ކެތްތެރިކަމާއި، الجزع ނުވަތަ ކެތްތެރިނުވުމަކީ އެކަތި އަނެކަތީގެ އިނދިކޮޅެވެ. އޭގެ ތެރެއިން އެކަތީގެ މުޤާބަލާ ކުރާނީ އަނެކައްޗެވެ. ނަރަކައިގެ އަހުލުވެރިންގެ ބަސް ބަޔާންކުރައްވަމުން الله – عزّوجلّ - ވަޙީ ކުރައްވާފައިވެއެވެ. سَوَاءٌ عَلَيْنَا أَجَزِعْنَا أَمْ صَبَرْنَا مَا لَنَا مِنْ مَحِيصٍ ﱠ إبراهيم: ٢١ [ތިމަންމެން ކެތްނުކުރިޔަސް، ނުވަތަ ކެތްކުރިޔަސް، ތިމަންމެންގެ މައްޗަށް ހަމަހަމަވެގެން ވެއެވެ. ފިލަންދާނޭ ތަނެއް ތިމަންމެނަކަށް ނުވެއެވެ."
ކެތްތެރި ނުވުމަކީ ނުކުޅެދުންތެރިކަމުގެ އަޚާއެވެ. އަދި އޭގެ ޤަރީނެވެ. އަދި ކެތްތެރިކަމަކީ ބުއްދިވެރިކަމުގެ ޤަރީނެވެ. އެ އެކުލެވިގެންވާ މާއްދާއެވެ. ފަހެ، ތިބާގެ ބަައްޕައަކީ ކާކުތޯ ނުކުޅެދުންތެރިކަމާއި ސުވާލުކުރެވިއްޖެނަމަ، އެއީ ކެތްތެރިނުވުން ކަމުގައި ބުނާނެއެވެ. އަދި ތިބާގެ ބައްޕައަކީ ކާކުތޯ ބުއްދިވެރިކަމާއި ސުވާލުކުރެވިއްޖެނަމަ، އެއީ ކެތްތެރިކަން ކަމުގައި ބުނާނެއެވެ.
ކެތްތެރިކަމާއި އިންސާނާގެ ނަފްސު:
އިންސާނާގެ ނަފްސަކީ އެ ސަވާރީއެއްގެ މަތީގައި ސުވަރުގެއަށް ނުވަތަ ނަރަކައަށް އޭނާ ދަތުރުކުރާ ސަވާރީއެވެ. އަދި ކެތްތެރިކަމުގެ މަޤާމަކީ އެ ސަވާރީގެ ލަގަނުގެ މިސާލެވެ. އެއްވެސް ސަވާރީއެއްގައި އޭގެ ލަގަނެއް ނެތް ނަމަ، އެކި މަގުތަކާއި އެކި ދިމާ ދިމާލަށް އެ ސަވާރީ އޭގެ އަސްވާރު ގޮވައިގެން ދާނެއެވެ.
އިންސާނާގެ ނަފްސުގައި ދެ ބާރެއް އެކުލެވިގެންވެއެވެ. ކުރިޔަށް އިސްވެގަތުމުގެ ބާރާއި، ފަހަތަށް ޖެހުމުގެ ބާރެވެ. ފަހެ، ކެތްތެރިކަމުގެ ޙަޤީޤަތަކީ، ތިމާގެ ނަފްސުގައިވާ ކުރިޔަށް ދިޔުމުގެ ބާރު، އޭގެ ސަބަބުން ތިމާއަށް މަންފާކުރާނޭ ކަންކަމުގައި ހޭދަކުރުމެވެ. އަދި ނަފްސުގައިވާ ފަހަތަށް ޖެހުމުގެ ބާރު، ތިމާއަށް ގެއްލުން ލިބޭނޭ ކަންކަމުން ދުރުވެގަތުމުގައި ބޭނުންކުރުމެވެ.
ތިމާއަށް ގެއްލުންދޭނޭ ކަންކަމަށް އަރައި ނުގަނެ އޭގެ މައްޗަށް ކެތްތެރިވުމަށްވުރެ، ތިމާއަށް މަންފާކުުރާ ކަންކަން ކުރުމަށް ކެތްތެރިވާ ކެތްތެރިވުމުގެ ބާރު ގަދަ މީސްތަކުން ވެއެވެ. ފަހެ، އޭނާ ކިޔަމަންތެރިކަން އަދާކުުރުމުގައި ކެތްތެރިވެއެވެ. އެހެނަސް، އޭނާއަށް ނަހީކުރުވުނު ކަންކަމަށް އޭނާގެ ހަވާނަފްސު އެދި ގޮވާލާ ހިނދު، އެއެދުންވެރިކަމުގެ މައްޗަށް އޭނާއަށް ކެތެއް ނުކުރެވެއެވެ.
އަދި ހަމައެފަދައިން، ހެޔޮ ޢަމަލުކޮށް ކިޔަމަންތެރވުމުގެ މައްޗަށް ކެތްތެރިވާ ކެތްތެރިވުމަށްވުރެ، ނުބައި ޢަމަލުތަކުން ދުރުހެލިވެ އޭގެ މައްޗަށް ކެތްތެރިވާ ކެތްތެރިވުމުގެ ބާރު ގަދަ މީސްތަކުންވެސް ވެއެެވެ.
އަދި، މި ދެބާވަތުން ކުރެ އެއްވެސް ބާވަތެއްގެ މައްޗަށް ކެތް ނުކުރެވޭ މީހުންވެސް ވެއެވެ.
މީސްތަކުންގެ ތެރެއިން އެންމެ މާތްވެގެންވާ މީހުންނަކީ އެ ދެބޭވަތުގެ މައްޗަށްވެސް ކެތްތެރިވާ މީހުންނެވެ.
ފަހެ، މީސްތަކުންގެ ތެރެއިން،ފިނި ކަމާއި ހޫނުކަމާ އެކުވެސް، ދަމުނަމާދުކުުރުމަށާއި ރޯދަ ހިފުމުގެ މައްޗަށް ކެތްތެރިވާ ގިނަ ބަޔަކު ވެއެވެ. އެހެނަސް، ޙަރާމްވެގެންވާ އެންމެ ބެލުމަކުން ދުރުވުމަށް އޭނާއަކަށް ކެތެއް ނުކުރެވެއެވެ.
އަދި މީސްތަކުންގެ ތެރޭގައި ޙަރާމްވެގެންވާ ބެލުންތަކާއި، ޞޫރަތަކަށް ހެއްލެނިވެގެން ދިޔުމުގެ މައްޗަށް ކެތްތެރިވެ، އެކަމުން ދުރުހެލިވާ ގިނަ ބަޔަކު ވެއެވެ. އެހެނަސް، ހެޔޮކަންކަމަށް އަމުރުކުރުމާއި، ނުބައި ކަންކަން ނަހީކުރުމާއި، ކާފަރުންނާއި މުނާފިޤުންނާއި ޖިހާދުކުރުމުގައި އެއްވެސް ކެތްތެރިކަމެއް އޭނާގެ ކިބަޔަކު ނުވެއެވެ. އަދި ކިއެއްތަ! އޭނާއަކީ އެކަންކަމުގައި އެންމެ ބަލިކަށި، އެންމެ ނުކުޅެދުންތެރި މީހާ ކަމުގައި ވެއެވެ.
މީސްތަކުންގެ ތެރެއިން ގިނަ މީހުންނަކީ މި ދެބައިގެ ތެރެއިން އެއްވެސް ބަޔަކަށް ކެތް ނުކުރެވޭ މީހުންނެވެ. އަދި މި ދެބައިގެ މައްޗަށްވެސް ކެތް ކުރަނީ މީސްތަކުންގެ ތެރެއިން އެންމެ މަދު މީހުންނެވެ.
ބުނެވެއެވެ. ކެތްތެރިކަމަކީ ތިމާގެ ބުއްދިއާއި ދީންވެރިކަން، ތިމާގެ ޠަބީޢަތާއި ޝަހުވަތުގެ މައްޗަށް އިސްކޮށް ނެރުމެވެ.
އެހެނީ، އިންސާނާގެ ޠަބީޢަތަކީ ލޯބިވާ ކޮންމެ އެއްޗެއް ހޯދަން އެދުންވެރިވުމެވެ. އެހެނަސް، ބުއްދިވެރިކަމާއި ދީންވެރިކަން އޭނާ އެކަމުން މަނާކުރުވައެވެ. ފަހެ، މި ދެ ލަޝްކަރުގެ (އެބަހީ؛ ބުއްދިއާއި ދީންވެރިކަން، އޭނާގެ ޠަބީޢަތާއި ޝަހުވަތާ ދެކޮޅަށް ކުރަމުންދާ) ހަނގުރާމަ ދަނީ ކުރިޔަށެވެ. އަދި މި ހަނގުރާމައިގެ މައިދާނަކީ އަޅާގެ ހިތެވެ.
(ނުނިމޭ)