ކެއްތެރިވުމުގެ މައްޗަށް އެންމެހައި އަޚުންނަށް ހަނދުމަކޮށް ދިނުމެއް

ހެޔޮލަފާ ޞާލިޙް އަޚާ އެވެ! ތިބާގެ މައްޗަށް ކުރިމަތިވެފައިވާ އިމްތިޙާނުތައް ކިތަންމެ ގިނަވި ކަމުގައިވީ ނަމަވެސް، ތިބާގެ ޙަޔާތަކީ ކިތަންމެ ހިތްދަތި، ދަތި އުނދަގޫ ޙަޔާތެއް ކަމުގައިވީ ނަމަވެސް އަދި ބިންގަޑު އައިސް ތިބާ ފިއްތާލައި ގޮސްހުސްވެދާނެ ކަމުގައި ހީކުރެވުނު ނަމަވެސް އަދި ތިބާއަށް މި ދުނިޔެމަތީގައި މިލްކުވެފައިވާ އެންމެ އަގުހުރިއެތި ތިބާއަށް ގެއްލުނުކަމުގައިވީ ނަމަވެސް، ތިބާ ﷲ ގެ ހަޟުރަތުން ނާއުއްމީދު ނުވާށެވެ. އަދި ﷲ ގެ އޯގާވަންތަކަމާއި އެއިލާހުގެ ދީލަތިވަންތަކަމުގެ މައްޗަށް އުއްމީދު ކަނޑައި ނުލާށެވެ.
ކެތްތެރިވުމުގެ މައްޗަށް ތިބާ ވަރުބަލިވެ ހިތްވަރު ދެރަވެދާނެކަމަށް ރައްކައުތެރިވެ ސަމާލުވުން ހުއްޓެވެ.
ފަހެ، ތިބާގެ ރައްބަކީ ތިބާ ހިތްއެދޭ އެންމެހައި ކަންތައްތަކެއް އެސްފިޔަޖަހާނެހާ ހިނދުކޮޅެއްގެ ތެރޭގައި ތިބާއަށް އެއެންމެހައި ކަންކަމެއް ފުރިހަމަކޮށްދެއްވުމަށް ކުޅަދުންވަންތަ ފަރާތެއްކަމުގައި ދަންނަހުއްޓެވެ. ތިބާ އެކަންތައްތަކަށް އުއްމީދުކޮށް ލޮލުން އޮހޮރާ ކަރުނައަކީ ﷲ އަށް ވަންހަނާވެގެންވާ ކަމެއް ނޫނެވެ. ތިބާގެ ނަފްސުގައިވާ އިޙްސާސުތައް ﷲ މޮޅަށް ދެނެވޮޑިގަންނަވަ އެވެ. ފަހެ، ތިބާގެ އެންމެހައި ކަންތައްތަކެއް އިޞްލާޙު ކޮށްދެއްވުމަށް އެ އިލާހުއަށް ނުކުޅަދާނަވެގެން ނުވާނެ އެވެ.
އެހެނަސް ދަންނަހުއްޓެވެ! ﷲ އަށް ދުޢާ ދަންނަވާ މީހާ އެގޮތުގައި އާދޭހާ އެކުގައި މެދުކެނޑުމެއްނެތި ދެންނެވުން ހުއްޓެވެ. ފަހެ، އެ އިލާހު ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. ﴿إِنِّي جَزَيْتُهُمُ الْيَوْمَ بِمَا صَبَرُوا أَنَّهُمْ هُمُ الْفَائِزُونَ﴾ "އެބައިމީހުން ކެތްތެރިވިކަމަށްޓަކައި، މިއަދު ހަމަކަށަވަރުން ތިމަން އިލާހު އެބައިމީހުންނަށް ހެޔޮ ޖަޒާ ދެއްވީމެވެ. ކަމަކަށަވަރުން އެބައިމީހުންނީ، ހަމަ ނަޞީބު ވެރިންނެވެ."
ފަހެ، އަހަރުމެން އަބަދުވެސް ދިރިއުޅެމުންދަނީ ފަސޭހަ (ތަނަވަސް) ކަމާއި ދަތިތަކާ އެކުގަ އެވެ. އަހަރުމެން މި ދެކަންތަކަށް ސަމާލުކަން ދޭނަމަ، މި ދެ އެއްޗަކީވެސް ﷲ ގެ ނިޢުމަތްތަކުގެ ތެރެއިން ދެ ނިޢުމަތްކަމުގައި އެނގިގެންދާނެ އެވެ.
ފަހެ، ފަސޭހަ ތަނަވަސް ކަމުގައި ﷲ އަށް ޝުކުރުވެރިވުން ހުއްޓެވެ. ﴿وَسَيَجْزِي اللَّهُ الشَّاكِرِينَ﴾ "ޝުކުރުކުރާ މީހުންނަށް ﷲ ޖަޒާ ދެއްވާނެތެވެ."
ދަތި، އުނދަގޫ ޙާލަތުގައި އޮތީ ކެތްތެރިވުމެވެ. ﴿إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ﴾ "ކެތްތެރިންނަށް އެބައިމީހުންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއްނެތި އެވެ."