ރޯދަވެރިންގެ ރޯދައިގެ ޘަވާބު އުނިކުރާނެ އެންމެހައި ކަންތައްތަކުން ދުރުވުން - الشَّيخ خَالد بِنْ ضَحْوِي الظّفيْرِي حفظه الله

"މި މައްސަރަކީ ފާސިޤު، ފާޖިރު އަހުލުވެރިން އެބައިމީހުންގެ ފާޖިރު ޢަމަލުތައް ފަތުރާ މައްސަރެއްގެ ގޮތުގައިވެއްޖެ އެވެ. މައްސަރުތަކެއް ކުރިން ފަށައިގެން އެބައިމީހުން ސިލްސިލާ ޕުރޮޤްރާމްތައް ޢިއުލާނު ކުރަމުންގެންދެ އެވެ. އެ ޕްރޮޤްރާމް ތަކުގެ ތެރޭގައި ފާޖިރު ތަމްޘީލު ކުޅުން ހިމެނިގެންވެ އެވެ. މިއީ ދީނަށާއި މި މައްސަރުގެ މާތް މަތިވެރިކަމުގެ މައްޗަށް ހަނގުރާމަ ކުރާފަދަ ތަކެއްޗެކެވެ. މިތަކެތި އެބައިމީހުން ފަތުރަނީ ރަމަޟާން މައްސަރުގަ އެވެ. ފަހެ، މިބައިމީހުންނަކީ މަކަރުވެރި، ޙީލަތްތެރިބައެކެވެ. يُرِيدُونَ أَن يُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ "އެބައިމީހުން އެދެނީ، ﷲ ގެ ނޫރުފުޅު (އިސްލާމް ދީން) އެބައިމީހުންގެ އަނގަތަކުން ފުމެ ނިއްވާލުމަށެވެ."
ހިތާމައަކީ މުސްލިމުންގެ ތެރެއިން ގިނަބަޔަކު މިފަދަ މީސްތަކުންނަށް ތަބަޢަވެގެންވާ ކަމެވެ. ފަހެ، މި މައްސަރުގައި އެބައިމީހުން ޓީވީ ކައިރިން ވަކިނުވާތަން ތިބާއަށް ފެންނާނެ އެވެ. އެބައިމީހުންގެ އެންމެހައި ވަޤުތުތަކެއް އޭގެ ކުރިމަތީގައި ތިބިގެން ހޭދަކުރެ އެވެ. މުޑުދާރު ޗެނަލްތައް އެއްޗެނަލުން އަނެއްޗެނަލަށް ބަދަލުކޮށް އެކިއެކި ސިލްސިލާ ޕްރޮޤްރާމްތައް ބެލުމުގައި އެބައިމީހުން ހޭދަކުރެ އެވެ.
ނުވަތަ މިފަދަ ހެޔޮކަމުގެ މޫސުން އެބައިމީހުން ބޭކާރު ގޮތުގައި ހޭދަކުރެ އެވެ. އެގޮތުން އެކިއެކި ބާވަތް ބާވަތުގެ ތަކެއްޗަށް ތަބަޢަވުުމުގައި ހޭދަކުރުމެވެ. އޭގެ ސަބަބުން ހެޔޮ ޞާލިޙް ޢަމަލު ކުރުމުންނާއި، ބޮޑުވެގެންވާ އަޖުރު ޙާޞިލްވާ ހެޔޮ ޢަމަލުތައް އެބައިމީހުންނަށް ފާއިތުވެގެންދެ އެވެ.
އެންމެހައި މުސްލިމުންނޭވެ! ރޯދައިގެ އަޖުރު އުނިކޮށްލާނެ އަދި ރޯދަ ގެއްލުވާލާނެ އެންމެހައި ކަންތައްތަކުގެ މައްޗަށް އިންޒާރު ލިބިގަތުން ހުއްޓެވެ. ދޮގު ބަސްތައް ބުނުމުންނާއި އެފަދަ ޢަމަލުތަކުން ރޯދަ ރައްކާތެރި ކުރާށެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. (من لم يدَع قولَ الزُّورِ، والعملَ بِهِ، فلَيسَ للَّهِ حاجةٌ أن يدعَ طعامَهُ وشرابَهُ) "ދޮގު ބަސްތައް ބުނުމުންނާއި، އެފަދަ ޢަމަލުތައް ކުރުމުން ވަކިނުވާ މީހާ، ﷲ އަށްޓަކައޭ ބުނެ އޭނާ ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުމުގެ ޙާޖަތެއްނެތެވެ."
جَابر رضي الله عنه ވިދާޅުވެފައިވެ އެވެ. "ތިބާ އެދުވަހެއްގައި ރޯދައަށް ހުރެއްޖެހިނދު، ތިބާގެ ލޮލުން، ކަންފަތުން ރޯދައަށް ހުރުން ހުއްޓެވެ. އަދި ތިބާގެ ދުލުން ދޮގުހެދުމާއި ޙަރާމް ޢަމަލުތައް ކުރުމުން (އެއްކިބާވެ) ރޯދައަށް ހުރުން ހުއްޓެވެ. އަވަށްޓެރިޔާ އަށް ގޯނާކުރުމުން ދުރުވުން ހުއްޓެވެ. އަދި ތިބާގެ ފަރާތުން ހިތްތިރިކަމާއި މަޑުމޮޅިކަމުގައި ދެމިހުރުން ހުއްޓެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހާއި ކައިބޮއިގެން ހުންނަ ދުވަހަކީ އެއްފަދަ ދުވަހެއް ކަމުގައި ނުހެދުން ހުއްޓެވެ."
*****
ބަސްތައް ނަގާފައިވަނީ : https://goo.gl/C5rG7k