ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ހަޖުރުކުރުމަށް ޢިލްމުވެރިން ވެފައިވާ އިޖުމާޢު 02 - عبد الرحمن بن أبي الزّناد رحمه الله

ދެވަނަ ބައި: عبد الرحمن بن أبي الزّناد – رحمه الله - ގެ ބަސްފުޅު
بسم الله ، الحمد لله ، والصّلاة والسّلام على رسول الله ، وعلى آله وصحبه ومن والاه. وبعد:
ހަމަކަށަވަރުން، ސަލަފުއް ޞާލިޙުން ވަނީ މި މަތިވެރިވެގެންވާ އަޞްލު، އެބަހީ: ބިދުޢަވެރިން ހަޖުރުކުރުމަށް، ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައެވެ. އެބޭކަލުން އެއަޞްލަށް ވަރަށްބޮޑު ޢިނާޔަތްތެރިކަމެއް ދެއްވިއެވެ. ފަހެ، އެބޭކަލުންގެ ސީރަތް ފުރިފައިވަނީ ބިދުޢައިގެ އަހުލުވެރިން ހަޖުރުކުރުމާއި، އެބައިމީހުން ދެރަކުރުމާއި ނިކަމެތި ކުރުމުގެ މައްޗަށެވެ. ފަހެ، މި ސިލްސިލާ ލިޔުންތަކުގައި - ﷲ تعالى ގެ އިޛުނަފުޅާއެކު – މި ގެނެސްދެނީ ޢިލްމުގެ އަހުލުވެރިންނާއި، ސަލަފުންގެ އިމާމުންގެ ތެރެއިން، ބިދުޢައިގެ އަހުލުވެރިން ހަޖުރުކޮށް އެބައިމީހުންނާ ގުޅުން ކަނޑާލުމުގެ މައްޗަށް އިޖުމާޢު ޛިކުރުކުރަށްވާފައިވާ ޢިލްމުވެރިންގެ ތެރެއިން ބައެއް ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. މި ލިޔުންތައް ތައްޔާރުކުރުމުގައި އަޞްލެއް ކަމުގައި ބަލާފައިވަނީ الشّيخ خالد بن ضحوي الظَّفيري – حفظه الله - ލިޔުއްވާފައިވާ إجماع العلماء على الهجر والتحذير من أهل الأهواء މި ފޮތެވެ. އަދި މިނޫން މަޞްދަރުތަކަށްވެސް ބަލާފައި ވާނެއެވެ.
އަހަރެންގެ އަޚާއެވެ! އިޖްމާޢު އަކީ އެއާއި ޚިލާފްވުން ޙާރާމްވެގެންވާ ޝަރުޢީ ޙުއްޖަތެކެވެ. ﷲ تعالى ވަޙީ ކުރަށްވާފައިވެއެވެ.
ފަހެ، ޢިލްމުވެރިންގެ އިޖުމާޢު ޛިކުރުކުރެވުމަށްފަހު، އެއާ ޚިލާފްވާ މީހުންގެ ތެރެއިން ތިބާ ނުވާށެވެ! އަދި ބިދުޢަވެރިންނާއި ހަވާނަފްސުގެ އަހުލުވެރިން ހަޖުރުކޮށް ގުޅުން ކަނޑާލުމަކީ އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރެއިން އަޞްލެއް ނޫންކަމުގައި ބުނާ މީހުންނާ މެދު ސަމާލުވެ ހުންނާށެވެ!
މި ސިލްސިލާގެ ފުރަތަމަ ބައިގައި ގެނެސްދީފައިވާނީ ސުންނަތުގެ އިމާމުންގެ ތެރެއިން އިމާމެއް ކަމުގައިވާ الإمام عبد الرحمن بن عمرو الأوزاعي – رحمه الله - ގެ ބަސްފުޅެވެ. އެއަށްފަހު، ދެވަނަ ބައިގައި މިގެނެސްދެނީ ސުންނަތުގެ އިމާމުންގެ ތެރެއިން عبد الرحمن بن أبي الزّناد – رحمه الله - ގެ ބަސްފުޅެވެ. އެބޭފުޅާ އަވަހާރަވީ ހިޖުރައިން 174 ވަނަ އަހަރުގައެވެ.
الإبانة (2/532) ގައި ابن بطّة -رحمه الله- އެބޭފުޅާގެ ސަނަދު عبد الرحمن بن أبي الزّناد – رحمه الله - އާއި ހަމަޔަށް ޛިކުރުކުރައްވައި ރިވާކުރައްވާފައިވެއެވެ.
عبد الرحمن بن أبي الزّناد – رحمه الله - ވިދާޅުވިއެވެ. "އެންމެ ކުރީގެ، އެންމެ ހެޔޮވެގެންވާ މީސްތަކުންގެ ތެރެއިން މާތްކަމާއި ފިޤުހުގެ އަހުލުވެރިންނާއި އަހަރެމެންނާއި ބައްދަލުވިއެވެ. އެބޭކަލުން ޖަދަލުގެ އަހުލުވެރިންނާއި، (މައްސަލަތައް) ކޮނެ (އޭގެ ފުނަށް ގޮސް ހޯދައި ބަލާ) މީސްތަކުންނާއި، (ޤުރުއާނާއި ސުންނަތާ ޚިލާފު) ރައުޔުތަކަށް ތަބަޢަވުން ބޮޑުވެގެންވާ ކުށްވެރިކުރެއްވުމަކުން ކުށްވެރިކުރެއްވިއެވެ. އަދި އެފަދަ މީސްތަކުންނާއި ބައްދަލުކުރުމާއި އެބައިމީހުނާއެކު އިށީނދެއުޅުން އަހަރެމެންނަށް ނަހީ ކުރެއްވިއެވެ. އަދި އެބައިމީހުންނާއި ގާތްވުމުގެ މައްޗަށް އަހަރެމެންނަނަށް އެންމެ ބޮޑުވެގެންވާ އިންޒާރުން އިންޒާރު ދެއްވިއެވެ. އެބައިމީހުން ވަނީ މަގުފުރެދުމުގެ މަތީގައިކަމާއި، އެބައިމީހުންނަކީ ﷲ ގެ ފޮތާއި، އެކަލާނގެ ރަސޫލާގެ ސުންނަތް ބަދަލުކުރުމުގެ މަތީގައިވާ ބައެއްކަމުގައި އަހަރެމެންނަށް ޚަބަރުދެއްވިއެވެ. (ގިނަގިނައިން) ސުވާލުކުރުމާއި، (ކަންތައްތަކުގެ އަޑިއަށް ފީނައި) ކޮނެ ބަލައި ހޯދަން އުޅުން އެއީ ނުރުއްސަވާ ކަމެއްގެ ގޮތުގައި ލައްވައި، އެފަދަ ކަންތައްތައް މަނާކުރެއްވުމަށްފަހުގައި މެނުވީ ރަސޫލު ﷲ صلّى الله عليه وسلّم އަވަހާރަ ނުވެއެވެ. އަދި އެކަމާއި މެދު އެއްފަހަރަށްވުރެ ގިނަފަހަރު އެކަލޭގެފާނު ވަނީ މުސްލިމުން ސަމާލުކުރައްވާފައެވެ. އެގޮތުން، އެކަންތައްތަކަކީ ނުރުއްސަވާ ކަންތައްތަކެއްކަން ބަޔާންކުރަށްވާފައިވާ އެކަލޭގެފާނު صلّى الله عليه وسلّم ގެ ބަސްފުޅެއްގައި ޙަދީޘްކުރެއްވިއެވެ. (( ذروني ما تركتكم، فإنّما هلك الذين من قبلكم بسؤالهم، واختلافهم على أنبيائهم، فإذا نهيتكم عن شيء فاجتنبوه، وإذا أمرتكم بشيء فأتوا منه ما استطعتم )) މާނައީ: ތިމަން ނަބިއްޔާ (ތިޔަބައިމީހުންނަށް އަމުރެއް ނުވަތަ ނަހީއެއް ނުކުރައްވާ) ތިޔަބައިމީހުން ދޫކޮށްފައި ތިބޭ ވަގުތުތަކުގައި ތިޔަބައިމީހުން ތިމަން ނަބިއްޔާ (އާއި ސުވާލުނުކޮށް) ދޫކޮށްލާހުށިކަމެވެ! ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކުރީގެ މީސްތަކުންވެސް ހަލާކުވެގެންދިޔައީ އެބައިމީހުންގެ ސުވާލުތަކުގެ ސަބަބުންނެވެ. އަދި އެބައިމީހުން އެބައިމީހުންގެ ނަބިއްޔުންގެ މައްޗަށް ޚިލާފްވުމުގެ ސަބަބުންނެވެ. ފަހެ، ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް ކަމެއް ނަހީ ކުރަށްވައިފިނަމަ، ފަހެ، ތިޔަބައިމީހުން އެކަމަކުން ދުރުހެލިވާށެވެ. އަދި ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް ކަމަކަށް އަމުރު ކުރަށްވައިފިނަމަ، ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން އެކަމެއް ކުރާށެވެ!"
ބުނަމެވެ. އަހަރެންގެ އަޚާއެވެ. ބަލާށެވެ! މި އިމާމް މިވަނީ މި އިމާމަށްވުރެ ކުރީގެ، މާތްކަމާއި، ފިޤުހުގައި އެންމެ ހެޔޮވެގެންވާ ޢިލްމުވެރިންގެ ފަރާތުން މި އަޞްލު ނަޤުލުކުރައްވާފައެވެ. އެގޮތުން ބިދުޢައިގެ އަހުލުވެރިންނާއި ބައްދަލުކުރުމާއި، އެބައިމީހުންނާއި އެއްކޮށް އިށީނުމައި، އ އެބައިމީހުންނާއި ގާތްވުމުގެ މައްޗަށް އެ ޢިލްމުވެރިން ދެއްވާފައިވާ އިންޒާރު ނަޤުލުކުރަށްވާފައެވެ.
މި އިމާމަކީ މިއީ ކާކުތޯއެވެ؟ މިއިމާމަކީ މިއީ ގިނަ ޢަދަދެއްގެ ބޮޑެތި ތާބިޢީ ބޭކަލުންނާއި އަދި އެނޫންވެސް ޢިލްމުވެރިނާއި ބައްދަލުވެވަޑައިގެންނެވި އިމާމެކެވެ. އެ ބޭކަލުންގެ ތެރޭގައި، سهيل بن أبي صالح ، شرحبيل بن سعد ، صالح مولى التوأمة ، عبد الرحمن بن الحارث المخزومي ، عبد الرحمن بن عمرو الأوزاعي ، عبد المجيد بن سهيل ، عمر بن عبد العزيز ، معاذ بن معاذ ، موسى بن عقبة ، هشام بن عروة އަދި އަމިއްލަ ބައްޕާފުޅު أبي الزّناد عبد الله بن ذكوان އާއި މިނޫންވެސް ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. رحمهم الله أجمعين.
މި ޛިކުރު ކުރެވުނު ނަންތަކުގެ ތެރޭގައި عبد الرحمن بن عمرو الأوزاعي ވެސް ހިމެނެއެވެ. އެ އިމާމުގެ ބަސްތައް މި ސިލްސިލާގެ ފުރަތަމަ ބައިގައި ވާނީ ގެނެސްދެވިފައެވެ. އެބަސްފުޅުތަކުގެ ތެރޭގައި ވިދާޅުވެފައި ވެއެވެ. " ފަހެ، ތިޔަބައިމީހުންނަކީ އެބައިމީހުންނާ މެދު އިންޒާރު ލިބިގެންވާ، އެބައިމީހުންނަށް ތުހުމަތު ކުރާ، އެބައިމީހުންނާ ދެކޮޅުވެރިވާ، އެބައިމީހުން ދުރުހެލި ކުރުވާ ބަޔަކު ކަމުގައި ވާށެވެ! ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެންމެ ކުރީގެ ޢިލްމުވެރިންނާއި، ފަހުގެ ޢިލްމުވެރިންގެ ތެރެއިން ޞާލިޙު ޢިލްމުވެރިންވެސް ޢަމަލު ކުރެއްވީ އެގޮތަށެވެ. އަދި އަމުރު ކުރެއްވީވެސް އެގޮތަށެވެ!" الأوزاعي މިވަނީ އެބޭފުޅާގެ ކުރީގެ ޢިލްމުވެރިންގެ ގާތުން މި އަޞްލު ގެނެސްދެއްވާފައެވެ. އަދި އޭގެ ފަހުން، މިސިލްސިލާގައި އެ ޢިލްމުވެރިޔެއްގެ ބަސްފުޅު ގެނެސްފައިމިވާ އިމާމް عبد الرحمن بن أبي الزّناد ވެސް މިވަނީ އެބޭފުޅާގެ ކުރީގެ ޢިލްމުވެރިންގެ އަރިހުން މި އަޞްލު ގެނެސްދެއްވާފައެވެ. ވުމުން، މި އަޞްލަކީ، އެއްޖީލަކަށްފަހު އަނެއް ޖީލަކަށް ނަޤުލުކުރެވުމުން އައި އަޞްލެއް ކަން ބަޔާންވެގެން ދެއެވެ. އަދި މިއީ ހުރިހާ ޒަމާނެއްގައިވެސް ޢިލްމުވެރިން އެއްބަސްވެ އިއްތިފާޤުވެވަޑައިގެންވާ ކަމެއްކަން އެނގިގެން ދެއެވެ.
މި ސިލްސިލާގެ ދެން އަންނަ ބައެއްގައި ސަލަފުއް ޞާލިޙުންގެ ޢިލްމުވެރިންގެ ތެރެއިން މި އަޞްލާއި މެދުގައި ވާހަކަ ދައްކަވާފައިވާ އެހެން ޢިލްމުވެރިއެއްގެ ބަސްފުޅު – إن شاء الله - ގެނެސްދޭނަމެވެ.
މި ސިލްސިލާގެ ފުރަތަމަ ބައި: https://salafi.mv/salafiliyun/724
وصلّى الله وسلّم على نبيّنا محمّد وعلى آله وأصحابه أجمعين ، والحمد للّه ربّ العالمين