5 ބިދުޢައިގެ އަހުލުވެރިން ހަޖުރުކުރުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ބިދުޢައިގެ އަހުލުވެރިން ހަޖުރުކުރުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ އިސްލާމް ދީނުގައި ހަޖުރުކުރުން

الإِمَامُ عَبْدُ اللهِ بنُ قُدَامَة (ت. 620ه) ، أَهْلُ السُّنَّة وَالجَمَاعَة ގެ ޢަޤީދާއާ ބެހޭގޮތުން ލިޔުއްވި ފޮތް: "لُمْعَةُ الاِعْتِقَاد الهَادِي إِلَى سَبِيلِ الرَّشَاد" ގައި ވިދާޅުވިއެވެ: 

"وَمِنْ السُّنَّةِ هُجْرَانُ أَهْلِ البِدَعِ وَمُبَايَنَتُهُم وَتَرْكُ الجِدَالِ وَالخُصُومَاتِ فِي الدِّينِ، وَتَرْكُ النَّظَرِ فِي كُتُبِ المُبْتَدِعَةِ وَالإِصْغَاءِ إِلَى كَلَامِهِم. وَكُلُّ مُحْدَثَةٍ فِي الدِّينِ بِدْعَةٌ. وَكُلُّ مُتَّسِمٍ بِغَيرِ الإِسْلَامِ مُبْتَدِعٌ. كَالرَّوَافِضِ، وَالجَهْمِيَّةِ، وَالخَوَارِجِ، وَالقَدَرِيَّةِ، وَالمُرْجِئَةِ، وَالمُعْتَزِلَةِ، وَالكَرَّامِيَّةِ، وَالكُلَّابِيَّةِ، وَنُظَرَائِهِم. فَهَذِه فِرَقُ الضَّلَالِ وَطَوَائِفُ البِدَعِ أَعَاذَنَا الله مِنْهَا." "އަދި ސުންނަތުގެ ތެރެއިންވެ އެވެ: ބިދުޢައިގެ އަހުލުވެރިން ހަޖުރުކުރުމާއި، އެމީހުންނާ ވަކިވެ ދުރުވުމާއި، ދީނާ ބެހޭގޮތުން ޖަދަލުކުރުމާއި ޒުވާބުކުރުން ދޫކޮށްލުމެވެ. އަދި ބިދުޢަވެރިންގެ ފޮތްތަކަށް ބެލުން ދޫކޮށްލުމާއި، އެމީހުންގެ ވާހަކަތައް އަޑުއެހުން ދޫކޮށްލުމެވެ. އަދި ދީނުގައި އުފެއްދޭ ކޮންމެ އައު ކަމަކީ ބިދުޢައެކެވެ. އަދި އިސްލާމް ދީނުގެ ނަން ނޫން އެހެން ނަމަކުން ސިފަ ލިބިގަންނަ މީހަކީ ބިދުޢަވެރިއެކެވެ. މިސާލަކަށް ރާފިޟީންނެވެ. އަދި ޖަހްމީންނެވެ. އަދި ޚަވާރިޖުންނެވެ. އަދި ޤަދަރީންނެވެ. އަދި މުރްޖީންނެވެ. އަދި މުޢްތަޒިލީންނެވެ. އަދި ކައްރާމީންނެވެ. އަދި ކުއްލާބީންނެވެ. އަދި އެމީހުންނާ އެއްފަދަ މީހުންނެވެ. ފަހެ މިމީހުންނީ މަގުފުރެދިފައިވާ ފިރުޤާތަކެވެ. އަދި ބިދުޢަތަކުގެ ޖަމާޢަތްތަކެވެ. އެބައިގަނޑުތަކުގެ ކިބައިން الله އަހަރެމެން ރައްކައުތެރިކޮށްދެއްވާނދޭވެ."

އިސްވެދިޔަ ބަސްފުޅު ޝަރަޙަ ކުރައްވަމުން الشَّيخُ صَالِح الفَوْزَان حفظه الله ވިދާޅުވިއެވެ:

ابن قُدَامَة  ވިދާޅުވިއެވެ: "އަދި ސުންނަތުގެ ތެރެއިންވެ އެވެ."


ޝަރަޙަ: އެބަހީ رسول الله  ގެ ސުންނަތުގެ ތެރެއިންވެ އެވެ. އެ ސުންނަތަކީ ރަސޫލާ ﷺ ގެ ބަސްފުޅުތަކުގަ އާއި، ޢަމަލުފުޅުތަކުގަ އާއި، ޤަރާރުކުރެއްވި ކަންތައްތަކުގައި ރަސޫލާ ގެންގުޅުއްވި މަގެވެ. މިތަނުގައި ސުންނަތުގެ މުރާދަކީ އެއީ އެވެ. އަދި (މިތަނުގައި) ސުންނަތުގެ މުރާދަކީ މުސްތަޙައްބު ކަންކަމެއް ނޫނެވެ. ސަބަބަކީ ބިދުޢައިގެ އަހުލުވެރިން ހަޖުރުކުރުމަކީ ވާޖިބެކެވެ. އެއީ ހަމައެކަނި ސުންނަތްވެގެންވާ ކަމެއް ނޫނެވެ. ހަމަކަށަވަރުން އެއީ ވާޖިބެކެވެ.
އަދި އަޞްލުގައި "ސުންނަތް" ޛިކުރުކުރެވެނީ އަދި ބޭނުންކުރެވެނީ "رسول الله ﷺ ގެ މަގު"، މި މާނައިގައެވެ. އަދި ފަހަރެއްގައި އެ ކަލިމަ "މުސްތަޙައްބު"ގެ މާނައިގައި ޛިކުރުކުރެވެ އެވެ. އެހެން ނަމަވެސް އެންމެ ގިނައިން އެ ކަލިމައިގެ މުރާދެއްގެ ގޮތުގައި ބޭނުންކުރެވެނީ ފުރަތަމަ މާނަ އެވެ. ފަހެ "ސުންނަތުގެ ތެރެއިން ވަނީ" މިފަދައިން ބުނެވިއްޖެ ނަމަ، ފަހެ އޭގެ މާނަ އަކީ رسول الله ﷺ ގެ މަގުގެ ތެރެއިންވާ ވާހަކައެވެ.

ابن قُدَامَة  ވިދާޅުވިއެވެ: "ބިދުޢައިގެ އަހުލުވެރިން ހަޖުރުކުރުމެވެ."


ޝަރަޙަ: ހަޖުރުގެ މާނައަކީ ދޫކޮށްލުމެވެ. އަދި އެ މާނައިގައި، ދީން ރައްކައުތެރިކޮށް ފިލުމަށްޓަކައި ކާފަރުންގެ ބިންތަކުން މުސްލިމުންގެ ބިންތަކަށް ހިޖުރަކުރުން ހިމެނެ އެވެ. ހިޖުރައިގެ ނަމުން ނަން ދެވުނީ ފިތުނަވެރިކަމުން ދީން ރައްކާކޮށް ފިލުމަށްޓަކައި ވަތަންތައް ދޫކޮށްލާތީ އެވެ. الله تعالى ވަޙީ ކުރެއްވި އެވެ: ﴿ وَالرُّجْزَ فَاهْجُرْ ﴾] المدثر: 5[. މާނައީ: "އަދި އަޅުކަންކުރެވޭ ބުދުތަކާ އިބަ ނަބިއްޔާ ދުރުވެވަޑައިގަންނަވާށެވެ." الرُّجْزُ އަކީ ބުދުތަކެވެ. އަދި اُهْجُر ގެ މާނައަކީ: ތިބާ ދޫކޮށްލާށެވެ. އެބަހީ: ބުދުތަކާއި، އެއަށް އަޅުކަންކުރުމާއި، އެ ބުދުތަކުގެ އަހުލުވެރިން ތިބާ ދޫކޮށްލާށެވެ. އަދި ރަސޫލާ ﷺ ޙަދީޘްކުރެއްވި އެވެ: {وَالمُـهَاجِرُ مَنْ هَجَرَ مَا نَهَى اللهُ عَنْهُ}(1). މާނައީ: ''އަދި ހިޖުރަކުރާ މީހާއަކީ الله  ނަހީކުރެއްވި ކަންތައްތައް ދޫކޮށްލާ މީހާ އެވެ." އެބަހީ الله ނަހީކުރެއްވި ކަންތައް ދޫކޮށްލުމެވެ. ފަހެ ހިޖުރަކުރުމަކީ ދޫކޮށްލުމެވެ.

 

އަދި ބިދުޢައިގެ އަހުލުވެރިން ހަޖުރަކުރުމުގެ މާނައަކީ އެބައިމީހުންނާ އެކުވެރިކަން ބޭއްވުމާއި، އެބައިމީހުންނާ އެކު އިށީނުމާއި، އެމީހުންނަށް ޒިޔާރަތްކުރުމާއި، އެމީހުންގެ ކިބައިން ޢިލްމު ނެގުން ދޫކޮށްލުމެވެ. ނަޞޭޙަތް ދިނުމަށާއި ބަޔާންކޮށްދިނުމުގެ ގޮތުން މެނުވީ އެވެ. ދެންފަހެ އެކުވެރިކަމާއި (ރުހުމާއި) ލޯތްބާ އެކު އެމީހުންނާ ބައްދަލުކުރުން ހުއްދަވެގެނެއްނުވެ އެވެ. ސަބަބަކީ އެކަމުގައި، އެމީހުން ޤާއިމްވެގެންވާ ބިދުޢަތަކާ މެދު ރުހުމާއި އެމީހުންނަށް ހިތްވަރުދިނުން ހިމެނޭތީ އެވެ. އަދި އެކަމުގައި، އެމީހުން ޤާއިމްވެގެންވާ (ބާޠިލު) ކަންތައްތަކަށް އިޤުރާރުވުން ހިމެނޭތީ އެވެ. ފަހެ ވާޖިބުވެގެންވަނީ އެމީހުން ހަޖުރުކުރުމެވެ. އެއީ މީސްތަކުންނަށް އެބައިމީހުންގެ ނުބައިކަން އެނގިދިއުމަށާއި އެމީހުންގެ ކިބައިން ދުރުވެގަތުމަށެވެ. ސަބަބަކީ ގިނަ ފަހަރުގައި، ބިދުޢަވެރިޔާ ނަޞޭޙަތެއް ޤަބޫލެއް ނުކުރާނެ އެވެ. އަދި الله  އަށް އޭނާ ތައުބާއެއް ނުވާނެ އެވެ. އެއީ އޭނާ ޤާއިމްވެގެންވާ ގޮތަކީ ޙައްޤު ކަމުގައި އޭނާ ދެކޭތީ އެވެ. ޝައިޠާނާ އޭނާއަށްޓަކައި އެ މަގު ޒީނަތްތެރިކޮށްދެއެވެ. ފަހެ އޭނާ ނަޞޭޙަތް ޤަބޫލުކުރުމަކީ ނާދިރު ކަމެކެވެ. އަދި އޭނާ ތައުބާވުމަކީ ނާދިރު ކަމެކެވެ. އަދި މި ސަބަބަށްޓަކައި އަޘަރުގައި ވާރިދުވެގެންވެ އެވެ: "البِدْعَةُ أَحَبُّ إِلَى الشَّيْطَانِ مِنَ المَعْصِيَة" (1). މާނައީ: "ފާފައަށް ވުރެ ބޮޑަށް ބިދުޢައަށް ޝައިޠާނާ ލޯބިކުރެއެވެ." ސަބަބަކީ ބިދުޢަވެރިޔާ އޭނާގެ ބިދުޢައިން ތައުބާ ނުވާނެތީ އެވެ. ދެން ފަހެ ފާފަވެރިޔާ، ފަހެ ހަމަކަށަވަރުން އޭނާ ކުރި ކަމަކީ ޙަރާމް ކަމެއްކަން އޭނާއަށް އެނގެ އެވެ. ފަހެ އޭނާ ލަދުވެތިވާނެ އެވެ. އަދި އޭނާގެ އަމިއްލަ ނަފްސުގެ މުޑުދާރުކަން އޭނާއަށް އިހުސާސްވެ އެވެ. ދެން އެއަށްފަހު އޭނާ الله  އަށް ތައުބާވެ އެވެ. ހަމަކަށަވަރުން އޭނާ ތައުބާވުމާ ގާތެވެ. ބިދުޢަވެރިޔާއާ ޚިލާފަށެވެ. ފަހެ ހަމަކަށަވަރުން އޭނާ ޤާއިމްވެގެންވާ ގޮތަކީ ޙައްޤުކަމުގައި އޭނާ ދެކެ އެވެ. ފަހެ އޭނާގެ ބިދުޢައިން އޭނާ ރުޖޫޢުއެއް ނުވެ އެވެ. އަދި އޭނާ ޤާއިމްވެގެންވާ ގޮތަކީ ޝަރުޢުކުރެވިގެންވާ ގޮތްކަމުގައި އޭނާ ދެކެ އެވެ.

އަދި ބިދުޢަ އަކީ: الله  އަށް ކުއްތަންވުމުގެ ގޮތުން ދީނުގައި ނުވާ ކަމެއް، ދީނުގައި އަލަށް އުފެއްދުމެވެ. ނަބިއްޔާ ޙަދީޘްކުރެއްވި އެވެ: {مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ}(2). މާނައީ: "އަހަރެމެންގެ ދީނުގައި ނުވާ ކަމެއް އަލަށް އުފައްދައިފި މީހަކު، ފަހެ އެ ޢަމަލު ވަނީ ރައްދުކުރެވިގެންނެވެ." އަދި ރިވާޔަތެއްގައިވެ އެވެ: {مَنْ عَمِلَ عَمَلاً لَيْسَ عَلَيهِ أَمْرُنَا فَهُوَ رَدٌّ}(3). މާނައީ: "އަހަރެމެންގެ ދީން އެ ޢަމަލެއްގެ މަތީގައި ނުވާ ޢަމަލެއް ކޮށްފި މީހަކު، ފަހެ އެ ޢަމަލު ވަނީ ރައްދުކުރެވިގެންނެވެ." އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ: {عَلَيكُم بِسُنَّتِي وَبِسُنَّةِ الخُلَفَاءِ الرَّاشِدِينَ المَهْدِيِّينَ مِنْ بَعْدِي، تَمَسَّكُوا بِهَا وَعَضُّوا عَلَيهَا بِالنَّوَاجِذِ، وَإِيَّاكُم وَمُحْدَثَاتِ الأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَة}(4). މާނައީ: "ތިޔަބައިމީހުންގެ މައްޗަށް ވާޖިބުވެގެންވަނީ ތިމަން ނަބިއްޔާގެ ސުންނަތަށާއި، ތިމަން ނަބިއްޔާގެ ފަހުން ވަޑައިގަންނަވާ الخُلَفَاءُ الرَّاشِدُونَ ގެ ސުންނަތަށް ތަބަޢަވުމެވެ. އެ ސުންނަތުގައި ތިޔަބައިމީހުން ހިފާށެވެ. އަދި ކޮލުދަތްތަކުން އެ ސުންނަތުގައި ތިޔަބައިމީހުން ދަތްއަޅާށެވެ. އަދި ތިޔަބައިމީހުން ދީނުގައި ގެނެވޭ އައު ކަންތައްތަކާ ބެހޭގޮތުން އިންޒާރު ލިބިގަންނާށެވެ. ފަހެ ހަމަކަށަވަރުން ދީނަށް ގެނެވޭ ކޮންމެ އައު ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ."


ހަމަކަށަވަރުން الله تعالى ޝަރުޢުކުރެއްވި ކަމަކުން މެނުވީ އެއިލާހަށް ކުއްތަންވެވޭކަށް އެއިލާހު ރުހިވޮޑިނުގަންނަވަ އެވެ. ސަބަބަކީ ދީން ވަނީ ފުރިހަމަވެފަ އެވެ. އެންމެހައި ޙަމްދާއި ޘަނާ ޙައްޤުވެގެންވަނީ الله އަށެވެ. الله ވަޙީކުރެއްވި އެވެ: ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ﴾] المائدة: 3[. މާނައީ: "މިއަދު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަން އިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ތިމަން އިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން، ތިޔަބައިމީހުންނަށް ދީނެއް ކަމުގައި ތިމަން އިލާހު ރުހިވޮޑިގެންފީމެވެ." ފަހެ ރަސޫލާ  މެދުވެރިކުރައްވައި الله އިސްލާމް ދީން ފުރިހަމަކުރައްވާފައި މެނުވީ الله ގެ ރަސޫލާ ﷺ އަވަހާރަވެގެން ނުދެ އެވެ. ފަހެ އިތުރުކުރާ އިތުރުކުރުންތަކަށާއި ބުއްދިން ވިސްނައި ހެޔޮކުރާ ކަންތައްތަކަށް އެއްވެސް ޖާގައެއް (އިސްލާމް ދީނުގައި) ނުވެ އެވެ. ފަހެ ބިދުޢައެއް ހަދައިފި މީހާއަކީ، ހަމަ ޔަޤީނުން ވެސް އިސްލާމް ދީނަކީ އުނި ދީނެއްކަމަށް ތުހުމަތުކޮށްފި މީހެކެވެ. އަދި އޭނާއަކީ الله تعالى ގެ ވަޙީ ބަސްފުޅު: ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ﴾ މާނައީ: "މިއަދު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަން އިލާހު ފުރިހަމަކޮށްދެއްވައިފީމެވެ." ދޮގުކޮށްފި މީހެކެވެ.

އަދި ބިދުޢަ ބެހިގެންދަނީ ދެ ބަޔަކަށެވެ.


ފުރަތަމަ ބަޔަކީ: އަޞްލީ ބިދުޢައެވެ. އެއީ ދީނުގައި އަޞްލެއް ނުވާ އަޅުކަމެއް އަލަށް އުފެއްދުމެވެ. މިސާލަކަށް އީދުމީލާދީ އިޙްތިފާލުކޮށް ފާހަގަކުރުމުގެ ބިދުޢައެވެ. މިކަމަކީ ދީނުގައި އެއްވެސް އަޞްލެއްވާ ކަމެއް ނޫނެވެ. ރަސޫލުންގެ އީދުމީލާދީ ނުވަތަ އެނޫން ވަލީވެރިންނާއި ޞާލިޙު އަޅުތަކުންގެ އީދުމީލާދީ ފާހަގަކުރުން ފަދަ ކަންކަމެވެ. އެބައިމީހުން އެއީ ހެޔޮކަމެއް ކަމުގައި ދެކި، އެކަމަށް ހިތްވަރުދީ އެއީ ހެޔޮކަމެއްގެ ގޮތުގައި ފެތުރިކަމުގައިވީ ނަމަވެސް އެކަމަކީ ބިދުޢައެކެވެ. އަދި ނުބައި ކަމެކެވެ. އެއީ ނުބައި ކަމެކެވެ. "ހަމަކަށަވަރުން އެއީ ހެޔޮ ބިދުޢައެކޭ" އެމީހުން ބުނިކަމުގައިވީ ނަމަވެސްމެ އެވެ. ސަބަބަކީ މިކަމަކީ ރަސޫލާ ގެ ބަސްފުޅާ ދެކޮޅުވެ، ޚިލާފުވާ ކަމަކަށްވާތީ އެވެ. ނަބިއްޔާ ޙަދީޘްކުރެއްވި އެވެ: {فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَة}(1). މާނައީ: "ފަހެ ހަމަކަށަވަރުން ދީނަށް ގެނެވޭ ކޮންމެ އައު ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." ފަހެ ރަސޫލާ ﷺ ގެ ޙަދީޘްގެ އިބާރާތުން، ހުރިހާ ބިދުޢައަކީ މަގުފުރެދުމެކެވެ. އެހެންކަމުން ހެޔޮ ބިދުޢަ ވާކަމަށް ދައުވާކުރާ މީހާއަކީ الله އަށާއި އެއިލާހުގެ ރަސޫލާގެ ބަސްފުޅުތައް ދޮގުކުރާ މީހެކެވެ. އިސްލާމް ދީނުގައި ހެޔޮ ބިދުޢައެއް ނުވެ އެވެ. އެއާ ޚިލާފަށް ހަމަ ޔަޤީނުން ވެސް އިސްލާމް ދީނަކީ الله  ޝަރުޢުކުރެއްވި ކަންކަމެވެ. ދެން ފަހެ ބިދުޢަތަކަކީ ހަމަކަށަވަރުން ޝައިޠާނުންގެ ހަވާތަކުގެ ތެރެއިންވާ ކަންކަމެވެ.


އަހަރެމެން (މި ބިދުޢަތަކަށް) ފުރުޞަތު ހުޅުވާލައިފި ނަމަ، މިގޮތަށް ގޮސް އިސްލާމް ދީން ބަދަލުވެގެންދާނެ އެވެ. އަދި ކޮންމެ މީހަކު އެމީހެއްގެ ބުއްދިން ހެޔޮ ކަންތައްތައް ކުރާނެ އެވެ. އަދި ކޮންމެ މީހަކު އެމީހަކު ބޭނުންވާހައި ކަމެއް ކުރާނެ އެވެ. އެއަށްފަހު ސުންނަތް ނެތިގެންދާނެ އެވެ. ސުންނަތާއި ބިދުޢައަކީ އެއްތަންވާނެ ދެ އެއްޗެއް ނޫނެވެ. ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ: {مَا أَحْدَثَ النَّاسُ بِدْعَةً إِلَّا رُفِعَ مِثْلُهَا مِنَ السُّنَّة}(1). މާނައީ: "(އޭގެ ބަދަލުގައި) އެއާ އެއްފަދަ ސުންނަތެއް އުފުލިގެންދާ ހާލުގައި މެނުވީ މީސްތަކުން ދީނުގައި ބިދުޢައެއް ނުއުފައްދާނެ އެވެ." އޭރުން އިސްލާމް ދީން ބަދަލުވެގެން ދާނީ ސުންނަތްތަކުން ބިދުޢަތަކަށެވެ. އަދި ދީނަށް ގެނެވޭ އައު ކަންތައްތަކަށެވެ. އެހެންކަމުން ދުވަހަކުވެސް ބިދުޢަތަކަށް ފުރުޞަތު ދީގެން ނުވާނެ އެވެ. އަދި ބިދުޢަތަކާ މެދު ފަރުވާ ކުޑަކޮށްގެން ވެސް ނުވާނެ އެވެ.


ދެވަނަ ބަޔަކީ: ނިސްބީ ބިދުޢަ އެވެ. އެއީ އެކަމެއްގެ އަޞްލު ޝަރުޢުކުރެވިގެންވީ ނަމަވެސް، الله އާއި އެއިލާހުގެ ރަސޫލާ އެކަމުގައި ޝަރުޢުކުރައްވާފައި ނުވާ ގަޑިއެއް ނުވަތަ ތަނެއް އެކަމަށް ޚާއްޞަކުރުމެވެ. މިސާލަކަށް ބައެއް ދުވަސްތައް ޚާއްޞަކޮށްފައި ރޯދަ ހިފުމެވެ. މިސާލަކަށް ޝަޢްބާން މަހުގެ މެދު ދުވަހު (15 ވަނަ ދުވަހު) ނުވަތަ ރަޖަބު މަހުގައި (އެ މަސް ޚާއްޞަކޮށް) ރޯދަ ހިފުމެވެ. ރޯދަ ހިފުމައްޓަކައި ރަޖަބު މަސް، ނުވަތަ ޝަޢުބާން މަހުގެ މެދު ދުވަސް ޚާއްޞަކޮށްފައި ރޯދަ ހިފުމަކީ ބިދުޢައެކެވެ. ރޯދައަކީ އޭގެ އަޞްލުގައި ޝަރުޢުކުރެވިގެންވާ އަޅުކަމެކެވެ. އެހެން ނަމަވެސް ދަލީލަކާ ނުލައި ޚާއްޞަ ވަގުތެއް އިތުރުކުރުން، އެބަހީ ދަލީލަކާ ނުލައި ރޯދައަށް ޚާއްޞަ ވަގުތެއް ތިބާ ކަނޑައެޅުން ނުވަތަ ދަލީލަކާ ނުލައި އަޅުކަމަށް ޚާއްސަ ތަނެއް ތިބާ ކަނޑައެޅުމަކީ ބިދުޢައެކެވެ. އެއީ އެކަމުގައި الله ޙުއްޖަތެއް ބުރުހާނެއް ބާއްވައިލެއްވި ކަމެއް ނޫނެވެ. ޝަރުޢީ އަޅުކަންތަކަށް ތިބާ (އަމިއްލައަށް) ވަގުތެއް ނުވަތަ ތަނެއް ޚާއްޞަކުރުމަކީ އިސްލާމް ދީނުގައި އަޞްލެއްވާ ކަމެއް ނޫނެވެ. އަދި އެކަން ވެގެންދަނީ އިތުރުކުރެވޭ ބިދުޢައަކަށެވެ. ސަބަބަކީ ތިބާ ޝަރުޢުކުރެވިގެންވީ އަޅުކަމަށް ބިދުޢައިން ބައެއް އިތުރުކުރީތީ އެވެ. އަދި ބިދުޢައަކީ އަޞްލީ ބިދުޢައެއް ނުވަތަ ނިސްބީ ބިދުޢައެއްކަމުގައިވީ ނަމަވެސް ހަމަހަމަވެގެންވެ އެވެ. ފަހެ ހަމަކަށަވަރުން އެ ބިދުޢައަކީ (އެ ޢަމަލު الله ޤަބޫލުފުޅު ނުކުރައްވާ) އޭގެ ޞާޙިބާއަށް އަނބުރާ ރައްދުކުރެވިގެންވާ ޢަމަލެކެވެ. އަދި ހަމަކަށަވަރުން އެ ބިދުޢައަށާއި އޭގެ އަހުލުވެރިންނާ ބެހޭގޮތުން އިންޒާރުދިނުން ވާޖިބުވެގެންވެ އެވެ.

 

أَبُو مُوسَى (الأَشْعَرِي)  ، ابن مَسْعُودٍ  ގެ އަރިއަހަށް ވަޑައިގަތެވެ. أَبُو مُوسَى ހުންނެވީ ކޫފާގެ މައްޗަށްވާ އަމީރެއްގެ ގޮތުގައެވެ. އަދި ابن مَسْعُود ހުންނެވީ ކޫފާގެ މުފްތީއާއި ޤާޟީގެ ގޮތުގައެވެ. ފަހެ أَبُو مُوسَى ވިދާޅުވި އެވެ: "އޭ أَبُو عَبْدِ الرَّحْمَن އެވެ. ތިމަން ޞަޙާބީއަށް އިންކާރުކުރާފަދަ ކަމެއް ފެނިވަޑައިގެންފި އެވެ." ވިދާޅުވި އެވެ: "އެއީ ކޮން ކަމެއްތޯ އެވެ؟" ވިދާޅުވި އެވެ: "ތިބާއަށް ފެނިވަޑައިގަންނަވާނެ އެވެ." ފަހެ އެ ދެ ޞަޙާބީން މިސްކިތަށް ވަޑައިގެންނެވުމުން އެއްތަންވެފައިވާ ބަޔަކު ފެނިވަޑައިގަތެވެ. އެބައިމީހުންގެ ކައިރީގައި ކުދި ގައުކޮޅުގެ ފުނިތަކެއް ހުއްޓެވެ. އަދި އެމީހުންގެ ތެރެއިން މީހަކު އެމީހުންގެ ގާތުގައި ބުނަމުން ދިޔައެވެ: "މިވެނި މިވެނި ޢަދަދަކަށް ތަސްބީޙަ (سبحان الله) ކިޔާށެވެ." އަދި (ތަސްބީޙައިގެ ޢަދަދު) ކުދި ގައުކޮޅުތައް ބޭނުންކޮށްގެން ގުނައި ޢަދަދުކުރިއެވެ. "މިވެނި މިވެނި ޢަދަދަކަށް ތަހްލީލު (لا إله إلا الله) ކިޔާށެވެ. މިވެނި މިވެނި ޢަދަދަކަށް ތަކްބީރު (الله أكبر) ކިޔާށެވެ." އަދި އެމީހުން ތަކްބީރު ކިޔައި، ތަހްލީލު ކިޔައި، ތަސްބީޙަ ކިޔައި ހެދިއެވެ. އަދި މިވެނި މިވެނި ޚާއްޞަ ޢަދަދުތަކަކަށް ކުދި ގައުކޮޅުތައް ބޭނުންކޮށްގެން ގުނައި ޢަދަދުކުރިއެވެ. ފަހެ އެމީހުންގެ ކައިރީގައި ابن مَسْعُود ހުއްޓިވަޑައިގެންފައި ވިދާޅުވި އެވެ: "لَأَنْتُم أَهْدَى مِن أَصْحَابِ رَسُولِ اللهِ أَوْ أَنْتُم مُبْتَدِعُونَ بِدْعَةً عَظِيمَةً". މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންނީ ރަސޫލު الله ގެ އަޞްޙާބު ބޭކަލުންނަށް ވުރެ ބޮޑަށް ހިދާޔަތް ލިބިފައިވާ ބައެކެވެ. ނުވަތަ ތިޔަބައިމީހުންނީ ބޮޑުވެގެންވާ ބިދުޢައެއް ހަދާ ބިދުޢަވެރިންތަކެކެވެ." އެބައިމީހުން ބުންޏެވެ: "އޭ أَبُو عَبْدِ الرَّحْمَن އެވެ. އެއީ ކޮން ކަމެއްތޯ އެވެ؟ އަހަރެމެން الله ގެ މަތިން ޛިކުރުކުރަމެވެ. އަދި އަހަރެމެން ހެޔޮކަމަށް ބޭނުންވަމެވެ." ވިދާޅުވި އެވެ: "وَكَمْ مُرِيدٍ لِلْخَيْرِ لَا يُدْرِكُه". މާނައީ: "އަދި ހެޔޮކަމަށް އެދޭ ކިތައް މީހުން އެ ހެޔޮކަމާ ބައްދަލު ނުވޭ ހެއްޔެވެ؟!" އެއަށްފަހު އެ ޢަމަލު އެމީހުންގެ މައްޗަށް އިންކާރުކުރެއްވި އެވެ.
 

ތަސްބީޙަ ކިޔުމާއި ތަހްލީލު ކިޔުމާއި ތަކްބީރު ކިޔުމަކީ އެދެވިގެންވާ ކަންކަމެވެ. އެހެން ނަމަވެސް (މި މީހުން ކުރި) މި ސިފައަކަށް ނޫނެވެ. އަދި މި އެއްވުމާ ނުލައެވެ. އަދި ޚާއްޞަ ޢަދަދަކަށް ނޫނެވެ. ދަލީލަކާ އެކު މެނުވީ އެވެ. ރަސޫލާ ގެ އަރިއަހުން ވާރިދުވެގެންވާ ދަލީލަކާ އެކު މެނުވީ ތަހްލީލުތަކާއި ތަސްބީޙަތަކާއި ތަކްބީރުތަކުގައި ޢަދަދެއް ކަނޑައެޅިގެން ނުވާނެ އެވެ. ފަހެ ابن مَسْعُود  އެބައިމީހުންނަށް އެ ސިފައަށް އެކަން ކުރުމަށް އިންކާރުކުރެއްވި އެވެ. އެބައިމީހުން ތިބީ މިސްކިތުގައި الله ގެ މަތިން ޛިކުރުކުރާށެވެ. އެހެން ނަމަވެސް އެމީހުން އަލަށް އުފެއްދި އެ ސިފައަކީ ބިދުޢައެކެވެ. އެބައިމީހުން ޛިކުރުކުރުމަށް އިންކާރު ނުކުރައްވަ އެވެ. އެހެން ނަމަވެސް އެމީހުންނަށް އިންކާރު ކުރެއްވީ މި އަލަށް އުފެއްދިފައިވާ ސިފަތަކަށެވެ. އަދި އިންކާރުކުރެއްވުމުގައި އެ ޞަޙާބީ ގަދަފަދައަށް ޤާއިމްވެވަޑައިގަތެވެ. އަދި އެމީހުންނަށް އިންކާރުކުރައްވައި އެމީހުން ބައިބައިކޮށްލެއްވި އެވެ. ރާވީ (މި ޚަބަރު ގެނެސްދިން މީހާ) ބުންޏެވެ: "ފަހެ މިމީހުން ނުވަތަ މިމީހުންގެ ތެރެއިން ގިނަ ބަޔަކު އައް-ނަހްރަވާންގައި (ޚަވާރިޖުންނާ އެކުގައި) އަހަރެމެންނާ ދެކޮޅަށް ހަނގުރާމަކުރި ތަން އަހަރެން ދެކުނީމެވެ." އެމީހުންގެ ބިދުޢަ ބަދަލުވެގެން ދިޔައީ ޚަވާރިޖުންގެ މަޛްހަބަށެވެ. އެބަހީ އެމީހުން އައް-ނަހްރަވާންގައި އަހްލުއް ސުންނަތާ ދެކޮޅަށް ހަނގުރާމަކުރި އެވެ. އެ ހަނގުރާމައަކީ އަމީރުލް މުއުމިނީން عَلِي بِنْ أَبِي طَالِب  އާއި ޚަވާރިޖުންނާ ދެމެދު ކުރެވުނު ހަނގުރާމައެކެވެ. އެމީހުން (ޛިކުރުކުރުމުގައި ބިދުޢަހެދި މީހުން) ބަދަލުވެގެން ދިޔައީ ޚަވާރިޖުންނާ އެކުގައެވެ. ބިދުޢައިގެ ނިމުމަކީ މިއީ އެވެ. - الله ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދި ދަންނަވަމެވެ. - އަދި ބިދުޢައިގެ ޞާޙިބާ ގެންދާ ހިސާބަކީ ވެސް މިއީ އެވެ.


ފަހެ އަހްލުއް ސުންނަތުގެ ގޮތްތަކުގެ (މަންހަޖުގެ) ތެރެއިން ބިދުޢައިގެ އަހުލުވެރިން ހަޖުރުކުރުން ހިމެނެ އެވެ. އެއީ އެބައިމީހުން އެބައިމީހުންގެ ބިދުޢަ ހުއްޓާލައި އެކަމުން މަނާވެގަތުމަށްޓަކައެވެ. ސަބަބަކީ އެބައިމީހުން ހަޖުރު ނުކުރާ ނަމަ، އެމީހުންނަށް ހިތްވަރު ދެވި، އެމީހުން ކުރާ ކަމަށް އިޤްރާރުވެ، މީސްތަކުންނަށް އޮޅުވާލެވޭނެ އެވެ. އަދި އެމީހުންގެ ފަރާތުން މީސްތަކުންނަށް ކެހި ލިބޭނެ އެވެ. ފަހެ ޢިލްމުގެ އަހުލުވެރިންނާއި ނަމޫނާގެ ގޮތުގައި ބެލެވޭ މީހުން އެ ބިދުޢަވެރިން ހަޖުރުކޮށްފި ނަމަ، މީސްތަކުން އެ ބިދުޢަވެރިން ދޫކޮށްލާނެ އެވެ. އަދި އޭގެ އިތުރުން އެ ބިދުޢަވެރިން މީސްތަކުންގެ ކުރިމަތީގައި ލަދުގަންނާނެ އެވެ. އަދި މި ސަބަބަށްޓަކައި ޞަޙާބީންގެ ޒަމާނުގައާއި، ހެޔޮވެގެންވީ ޤަރުނުތަކުގައި ބިދުޢަތައް ވަނީ ފޮރުވިގެންނެވެ. (އެބަހީ އެ ބިދުޢަތައް ފެތުރުމުގައި އެއްވެސް ބާރެއް ލިބިގެން ނުވެ އެވެ.) ހަމަކަށަވަރުން ބިދުޢަތައް ފާޅުވީ ހަތަރުވަނަ ޤަރުނުގެ ފަހުންނެވެ. މީސްތަކުންގެ މެދުގައި ބިދުޢަތައް ފާޅުވެގެންދިޔައީ ހެޔޮވެގެންވީ ޤަރުނުތައް ފާއިތުވުމަށް ފަހު އެވެ.

 

އަދި މިއަދު ބައެއް ޖާހިލުން ބުނާ ފަދައިން ބުނެވިގެން ނުވާނެ އެވެ: "ހަމަކަށަވަރުން ބިދުޢަވެރިޔާގެ ހެޔޮކަންތައް ޛިކުރުކުރެވެން ޖެހޭނެ އެވެ. އަދި އޭނާގެ ކިބައިގައިވާ ބިދުޢަތައް ބަޔާންކުރެވެން ޖެހޭނެ އެވެ." އެމީހުން މި ދައްކާ ވާހަކައަށް ދެވިގެންވާ ނަމަކީ المُوَازَنَات އެވެ.(1)
 

ފަހެ މިކަމުގައި (އެބަހީ المُوَازَنَات ގައި) ބިދުޢަތައް ފެތުރުން ހިމެނެ އެވެ. (ބިދުޢަވެރިންގެ) ހެޔޮ ޢަމަލުތައް ގުނުމަށް އަހަރެމެންނަށް އަމުރު ކުރެވިގެނެއް ނުވެ އެވެ. މިކަން ވަނީ الله  އަށެވެ. އޭގެ އިތުރުން އަހަރެމެންނަށް އެމީހުންގެ ހެޔޮކަންތައްތަކާ ބެހޭގޮތުން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެ ޢަމަލުތަކަކީ الله ގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތަކެއްކަން އަހަރެމެންނަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟ އަހަރެމެންނަށް މިކަން އަމުރުކުރެވިގެނެއް ނުވެ އެވެ. ހަމަކަށަވަރުން އަހަރެމެންނަށް އަމުރުކުރެވިގެންވަނީ ކުށްތަކާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުވުމެވެ. އެއީ މީސްތަކުން އެކަންކަމުން ދުރުވެގަތުމަށްޓަކަ އެވެ. އަދި الله  އެ ކުށްކުރި މީހާއަށް ހެޔޮގޮތެއް އިރާދަފުޅުކުރައްވާފައިވާ ނަމަ، ކުށްކުރި މީހާ الله  އަށް ތައުބާވުމަށްޓަކަ އެވެ. ދެން ފަހެ އޭނާގެ ހެޔޮ ޢަމަލުތަކާއި މޮޅު ސިފަތައް ޛިކުރުކުރެވުމަކީ މީސްތަކުންގެ ކުރިމަތީގައި ބިދުޢައިގެ ނުރައްކައުތެރިކަން ކުޑަކޮށްލާނޭ ކަމެކެވެ.

ابن قُدَامَة  ވިދާޅުވިއެވެ: "އަދި އެމީހުންނާ ވަކިވެ ދުރުވެގަތުމެވެ."

ޝަރަޙަ: "އަދި އެމީހުންނާ ވަކިވެ ދުރުވެގަތުމެވެ." މާނައީ އެމީހުންނާ ވަކިވުމެވެ. އަދި އެމީހުންނާ ރަޙުމަތްތެރިކަން ނުބޭއްވުމާއި އެމީހުންނާ އެކު ނުއިށީންނުމެވެ. އެއީ މީސްތަކުން އެމީހުންނަށް ސަމާލުވެ އެމީހުންގެ ކިބައިން ރައްކައުތެރިވުމަށްޓަކައެވެ. އަދި އެ ބިދުޢަވެރިން ލަދުގަތުމަށްޓަކައެވެ. އަދި މުޖްތަމަޢުގައި ދެރަ ނިކަމެތި ބައެއްގެ ގޮތުގައި ވެގެން ދިއުމަށްޓަކައެވެ. ހެޔޮވެގެންވީ ޤަރުނުތަކުގައި އެކަންވީ ފަދައިންނެވެ. އެ ޒަމާނުގައި ބިދުޢަވެރިންވީ ފޮރުވިގެންނެވެ. އަދި އެމީހުންގެ އެއްވެސް އަގެއް ނެތެވެ. އަދި އެމީހުންނަށް އެއްވެސް އިސްކަމެއް ދެވިގެނެއް ނުވެ އެވެ. ހަމަކަށަވަރުން އެބައިމީހުން ފާޅުވެގެންދިޔައީ ހެޔޮވެގެންވީ ޤަރުނުތަކަށް ފަހުގައެވެ.

ابن قُدَامَة  ވިދާޅުވިއެވެ: "އަދި ދީނާ ބެހޭގޮތުން ޖަދަލުކުރުމާއި ޒުވާބުކުރުން ދޫކޮށްލުމެވެ."


ޝަރަޙަ: އަދި ހަމަ އެފަދައިން ސުންނަތުގެ ތެރެއިންވެ އެވެ: ދީނާ ބެހޭގޮތުން ޒުވާބުކުރުން ދޫކޮށްލުމެވެ. އެންމެހައި ޙަމްދު ޘަނާ ޙައްޤުވެގެންވަނީ ހަމައެކަނި الله އަށެވެ. އިސްލާމް ދީނަކީ ސާފުވެ ބަޔާންވެގެންވާ ދީނެކެވެ. الله އާއި އެއިލާހުގެ ރަސޫލާ އެދީން ބަޔާންކުރައްވާފައިވެ އެވެ. އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވަނީ ބޯލަނބައި ކިޔަމަންތެރިވުމާއި ޢަމަލުކުރުމެވެ. އަދި އަހަރެމެން އަޅުކަމާ ބެހޭ ކަންތައްތަކުގައްޔާއި، އިސްލާމް ދީނާއި ގުޅުން ހުރި ކަންތައްތަކުގައި ޒުވާބެއް ނުކުރާނަމެވެ. އަދި މިފަދައިން الله ޝަރުޢުކުރެއްވީ ކީއްވެގެންހޭ، މިފަދައިން الله އަމުރުކުރެއްވީ ކީއްވެގެންހޭ، މިވެނި ކަމެއްގައިވާ ފައިދާއަކީ ކޮބައިހޭ ބުނެ ބަހުސް ނުކުރާނަމެވެ. ބައެއް މީހުން ކަންތައް ކުރާ ފަދައިންނެވެ. މިފަދަ ކަންކަމުގައި އެމީހުންގެ ވަގުތުތައް ހޭދަކުރެއެވެ. "މިވެނި ކަމެއް ވަނީ ކީއްވެ ހެއްޔެވެ؟ އެވެނި ކަމެއް ވަނީ ކީއްވެ ހެއްޔެވެ؟ މިވެނި ކަމެއްގައިވާ ޙިކުމަތަކީ ކޮބައިހެއްޔެވެ؟" އޭނާގެ ކިބައިގައި ޝައްކެއް ހުރި ފަދައެވެ. ފަހެ ވާޖިބުވެގެންވަނީ ބޯލަނބައި ކިޔަމަންތެރިވުމެވެ. الله ގެ ޙަޟްރަތުންނާއި އެއިލާހުގެ ރަސޫލާގެ އަރިއަހުން ދަލީލެއް ޞައްޙަވެއްޖެ ނަމަ، ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ ބޯލަނބައި ކިޔަމަންތެރިވުމެވެ. އަދި ޖަދަލުކުރުމާއި ޒުވާބުކުރުން ދޫކޮށްލުމެވެ. (الله ވަޙީކުރެއްވި ފަދައިންނެވެ:) ﴿وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ﴾] الأحزاب: 36[. މާނައީ: "އަދި الله އާއި އެއިލާހުގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިނު ފިރިހެނަކަށް ވެސް އަދި މުއުމިނު އަންހެނަކަށް ވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތް ކަމެކެވެ." ތިބާއަށް ޙިކްމަތް އެނގިއްޖެ ނަމަ، الحمد لله އެވެ. އަދި ތިބާއަށް ޙިކްމަތް ނުއެނގިއްޖެ ނަމަ، ޙިކްމަތް ހޯދާ ބެލުމަށް ތިބާއަށް ތަކުލީފު ޖެއްސިގެނެއް ނުވެ އެވެ. ތިބާއަށް ތަކުލީފު ޖެއްސިގެންވަނީ ދަލީލު ދެނެގަތުމަށެވެ. އަދި ތިބާއަށް ދަލީލު އެނގުނުހާ ހިނދަކު، ބޯލަނބައި ކިޔަމަންތެރިވުން ތިބާގެ މައްޗަށް ވާޖިބުވެގެންވެ އެވެ. އަދި ތިބާ ބޯލަނބައި ކިޔަމަންތެރިވުމަކީ ޙިކުމަތް ހޯދުމުގެ މައްޗަށް ބިނާވެގެންވާ ކަމެއް ނޫނެވެ.

މުއުމިނުންގެ މަގަކީ މިއީ އެވެ. ދެން ފަހެ ޝައްކުގެ އަހުލުވެރިންނާއި މަގުފުރެދުމުގެ އަހުލުވެރިންގެ މަގަކީ اللهގެ އަމުރުފުޅުތަކާއި އެއިލާހުގެ ރަސޫލާގެ އަމުރުފުޅުތަކާ ބެހޭގޮތުން ޒުވާބުކޮށް، ބަހުސްކުރުމެވެ. އަދި މިކަންކަމުގައި ވަގުތު ބޭކާރުކުރުމެވެ. އަދި އެމީހުންގެ ކިބައިގައި އަމުރުފުޅުތަކާއި ނަހީފުޅުތަކުގެ ގަދަރު ކުޑަވެގެންދެ އެވެ. ފަހެ މިއީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. - الله ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދި ދަންނަވަމެވެ. - ފަހެ މިކަން މިހެން އޮތީ އެ ޖަދަލުކުރުމުގެ ފަހަތުގައި އެއްވެސް ފައިދާއެއް ނުވާ ޖަދަލުކުރުމުގައެވެ. ދެން ފަހެ އެ ޖަދަލުކުރުމުގައި ފައިދާއަކާއި، އިސްލާމް ދީން ފާޅުކުރުމާއި، ޝުބުހަ ރައްދުކުރުން ހިމެނިގެންވާ ޖަދަލުކުރުން، ފަހެ މިއީ ވާޖިބެކެވެ.

 

الله تعالى އެއިލާހުގެ ނަބިއްޔާއަށް ވަޙީކުރެއްވި އެވެ: ﴿وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ﴾] النحل: 125[. މާނައީ: "އަދި ރިވެތި ގޮތުގައި އިބަ ނަބިއްޔާ އެބައިމީހުންނާ ޖަދަލުކުރައްވާށެވެ." އަދި ވަޙކުރެއްވި އެވެ: ﴿وَلَا تُجَادِلُوا أَهْلَ الْكِتَابِ إِلَّا بِالَّتِي هِيَ أَحْسَنُ إِلَّا الَّذِينَ ظَلَمُوا مِنْهُمْ﴾] العنكبوت: 46[. މާނައީ: "ރިވެތިވެގެންވާ ގޮތުގައި މެނުވީ ތިޔަބައިމީހުން ފޮތުގެ އަހުލުވެރިންނާ ޖަދަލުނުކުރާށެވެ. އެއުރެންގެ ތެރެއިން އަނިޔާވެރިވީ މީހުން ފިޔަވައެވެ."

 

ފަހެ ޖަދަލުކުރުމުގެ މަޤްޞަދަކީ ޙައްޤު ފާޅުކުރުމާއި، ބާޠިލު ނިކަމެތިކޮށް ދަށްކޮށްލުމާއި، ޝުބުހަ ރައްދުކުރުން ކަމުގައިވާ ނަމަ، ފަހެ މިއީ ތަޢުރީފު ލިބިގެންވާ ޖަދަލުކުރުމެކެވެ. ސަބަބަކީ އެކަން ވެގެންވަނީ ޙައްޤު ބަޔާންކުރުމަށެވެ. އަދި އިސްލާމް ދީން ހިމާޔަތް ކުރުމަށެވެ. ދެން ފަހެ ވިސްނާލުމަކާ ނުލައި، އަނިޔާވެރިކަމާ އެކު، އަދި އަމިއްލައަށް ތަކުލީފު ލިބިގަތުމަށްޓަކައި އަދި މީސްތަކުންގެ ކުރިމަތީގައި ޝަޚުޞިއްޔަތު ފާޅުކުރުމަށްޓަކައި ކުރާ ޖަދަލަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ސަބަބަކީ އެކަމުގެ ފަހަތުގައި އެއްވެސް ފައިދާއެއް ނުވާތީ އެވެ. އަދި އޭގެ އިތުރުން ރުޅިވެރިކަމާއި ނަފްރަތާއި ނުރުހުންތެރިކަމުން ހިތްތައް ރޯކޮށްލާނެތީ އެވެ. އަދި މީސްތަކުންގެ މެދުގައި ޢަދާވާތްތެރިކަން ޤާއިމްކުރުވައެވެ.
 

ފަހެ އޭގެ ފަހަތުގައި އެއްވެސް ފައިދާއެއް ނުވާ ޖަދަލަކީ ނަހީކުރެވިގެންވާ ކަމެކެވެ.
 

عُمَرُ  ގެ ޒަމާނުގައި صَبِيغ ގެ ނަމުން ނަންދެވިގެންވާ މީހަކު ފާޅުވިއެވެ. އޭނާ ބައެއް ކަންކަމުގައި ޖަދަލުކޮށް އުޅުނެވެ. ޤުރްއާނުގެ މުތަޝާބިހު އާޔަތްތަކާ ބެހޭގޮތުން ސުވާލުކޮށް އުޅުނެވެ. ފަހެ عُمَرُ ގެ އަރިއަހަށް އޭނާ ހާޒިރުވުމަށް ޢުމަރު އެދިވަޑައިގަތެވެ. އަދި އޭނާގެ ގައިގައި ހައްދު ޖެއްސެވުމަށް ފަހު އޭނާ މަދީނާއިން ބޭރުކޮށްލެއްވި އެވެ. އޭނާ الله  އަށް ތައުބާވެ އޭނާ ހުރި ގޮތް ދޫކޮށްލައިފުމަށް ދާންދެނެވެ. ފަހެ އަޅުކަމުގެ ކަންކަމުގައި ޖަދަލުކޮށް ބަހުސްކުރުމާއި، ދީނުގެ ކަންކަމުގައި ޝައްކު އުފެއްދުން މެނުވީ އެއްވެސް ކަމެއް އެމީހެއްގެ ނިޔަތުގައި ނުވާ މީހާއަކީ ހަމަކަށަވަރުން ނުބައި މީހެއްކަމުގެ ދަލީލު މި ހާދިސާގައިވެ އެވެ. އޭނާއަށް އަދަބުދެވެން ޖެހޭނެ އެވެ. އަދި މިފަދަ ކަންކަމުންނާއި، މީސްތަކުންގެ ކުރިމަތީގައި އެކަންކަން ފާޅުކޮށް އުޅުން އޭނާއަށް މަނާކުރެވެން ޖެހޭނެ އެވެ.
 

އަދި މިކަމުގެ ތެރެއަށް މިހާރު ބައެއް ޖާހިލުން ކޮށް އުޅޭ ޢަމަލު ވަންނާނެ އެވެ. ފަހެ މި ޖާހިލުންތައް ޙަދީޘްތަކާ މެދު ޝައްކު އުފައްދުވައި، އެ ޙަދީޘްތަކަކީ ބަލިކަށި ޙަދީޘްތަކެއް ކަމުގައި ބުނެ، މީސްތަކުންނާއި އާންމުންގެ ތެރޭގައި އެ ވާހަކަ ފަތުރާ ހަދައެވެ. މި ވާހަކަތަކުން އާންމުންނަށް ކުރާނެ ފައިދާއަކީ ކޮބައިހެއްޔެވެ؟ މީގެ ސަބަބުން ދީނުގެ ކަންކަމުގައި މީސްތަކުންނަށް ޝައްކު އުފެދިގެންދެ އެވެ. އަދި ސުންނަތާ ބެހޭގޮތުން މީސްތަކުންނަށް ޝައްކު އުފެދިގެންދެ އެވެ. މިފަދަ ވާހަކަތައް މީސްތަކުންނާއި ޖާހިލުންނާއި ޢިލްމު ޙާޞިލުކުރަން ފަށައިގަންނަ ކުދިންގެ ކުރިމަތީގައި ފާޅކުރެވިގެން ނުވާނެ އެވެ. މިފަދަ ވާހަކަތަކަކީ ހަމަކަށަވަރުން الجَرح والتَّعْدِيل ގެ ކަންކަމުގަ އާއި (ޢިލްމުގަ އާއި) ޝަރީޢަތުގެ ކަންކަމުގައި ޚާއްޞަވެގެންވާ ޢިލްމުވެރިން މަސްއޫލުވެރިވާ ވާހަކަތަކެވެ. އެ ވާހަކަތައް އޮންނާނީ އެބޭފުޅުންގެ ތެރޭގައެވެ. އެ ވާހަކަތައް މީސްތަކުންނަށް ފާޅުކުރެވިގެން ނުވާނެ އެވެ. އަދި އެމީހުންގެ ކުރިމަތީގައި ފާޅުކުރެވިގެން ނުވާނެ އެވެ. ފަހެ މި އުސްލޫބުން ދުރުވެ ރައްކައުތެރިވުން ވާޖިބުވެގެންވެ އެވެ.

ابن قُدَامَة  ވިދާޅުވިއެވެ: "އަދި ބިދުޢަވެރިންގެ ފޮތްތަކަށް ބެލުން ދޫކޮށްލުމާއި، އެމީހުންގެ ވާހަކަތައް އަޑުއެހުން ދޫކޮށްލުމެވެ."

ޝަރަޙަ: މިއީ އިސްވެ ފާއިތުވެދިޔަ ބަސްތަކަށްވާ އިޝާރާތެކެވެ. ފަހެ ބިދުޢަވެރިން ހަޖުރުކުރުން ވާޖިބުވާ ނަމަ ފަހެ ހަމަކަށަވަރުން އެމީހުންގެ ފޮތްތައް ވެސް ހަޖުރުކުރުން ވާޖިބުވެގެންވެ އެވެ. ސަބަބަކީ އެމީހުން ފަހަރެއްގައި މަރުވެގޮސް، އަހަރެމެންގެ ތެރޭގައި ނުއުޅެދާނެ އެވެ. އެމީހުންވަނީ މަރުވެގޮސްފަ އެވެ. އެހެން ނަމަވެސް އެމީހުންގެ ފޮތްތައް އެބަ ހުއްޓެވެ. އަދި ބިދުޢަވެރިންގެ ފޮތްތަކުގެ ތެރެއިން ބައިވަރު ފޮތް އަދިވެސް އެބަ ހުއްޓެވެ. ފަހެ (ޢިލްމީ) އަހުލުވެރިކަމާއި ޤާބިލުކަން ނެތް، (ޢިލްމު ޙާޞިލުކުރަން) ފަށައިގަންނަ އިންސާނާއަށް މިފޮތްތަކުގެ ތެރެއަށް ބަލާ ނަޒަރު ހިންގުން ހުއްދަވެގެނެއް ނުވެ އެވެ. ސަބަބަކީ އޭނާއަށް އެ ފޮތްތަކުގެ ތެރޭގައިވާ ވާހަކަތަކުން ކެހިލިބި އޭނާއަށް އޮޅުންއަރައިގެން ދާނެތީ އެވެ. ދެން ފަހެ ޢިލްމުގައި ފައިތިލަ ސާބިތުވެފައިވާ މީހާ، ޢިލްމުގައި ފުންނާބު އުސްވެގެންވާ މީހާ، ފަހެ ހަމަކަށަވަރުން މި ފޮތްތަކަށް ބަލައި ނަޒަރު ހިންގުމަކީ އޭނާއަށް ކުރެވިދާނެ ކަމެކެވެ. އެއީ އެ ފޮތްތަކަށް ރައްދު ދިނުމަށާއި، އޭގައިވާ (ބާޠިލު) ވާހަކަތަކާ ބެހޭގޮތުން މީސްތަކުންނަށް އިންޒާރުދިނުމަށްޓަކައެވެ. ދެންފަހެ ޙައްޤާއި ބާޠިލު ވަކިކުރުމަށާއި ރަނގަޅާއި ނުބައި ވަކިކުރުމުގެ ޢިލްމީ އަހުލުވެރިކަމާއި ޤާބިލުކަމެއް ނެތް މީހާ، ބިދުޢައިގެ އަހުލުވެރިންގެ ފޮތްތަކާއި މަގުފުރެދިފައިވާ ފިރުޤާތަކުގެ ފޮތްތައް ކިޔައިގެން ނުވާނެ އެވެ. އެއީ އެ (ބާޠިލު ކަންތައްތައް) އޭނާގެ ފިކުރަށާއި އޭނާގެ ޢަޤީދާއަށް ނުވަނުމަށްޓަކައެވެ. އަދި އޭނާއަކީ ޖާހިލަކަށް ވާތީ އެވެ. ފަހަރެއްގައި އެ ފޮތްތަކުގައި (މީހުންގެ ނަޒަރު ދަމައިގަންނަ) ވިދާ ބަބުޅާ އަލިކަމަކާއި، އެ ފޮތްތަކުގައި ޝައުޤުވެރިކުރުވާ ފަދަ ޢިބާރާތްތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެ ވާހަކަތަކުން ޢިލްމެއް ނެތް އިންސާނާއަށް ގެއްލުނދޭނެ އެވެ. ސަބަބަކީ ގިނަ ފަހަރުގައި ޖަދަލުގެ އަހުލުވެރިންނަކީ ފިތުނައިގެ ބޭނުމުގައި ފަޞާޙަތްތެރިކަމާއި ބަސްމޮށުންތެރިކަމާއި ދޫހެލުންތެރިކަން ބޭނުންކުރާ ބައެކެވެ. - الله ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދި ދަންނަވަމެވެ. - މުނާފިޤުންނާ ބެހޭގޮތުން الله ވަޙީކުރެއްވި އެވެ: ﴿ وَإِنْ يَقُولُوا تَسْمَعْ لِقَوْلِهِمْ ﴾] المنافقون: 4[. މާނައީ: "އަދި އެއުރެން ވާހަކަދައްކާ ނަމަ، އެއުރެން ދައްކާ ވާހަކަ އިބަ ނަބިއްޔާ އަޑު އައްސަވަމު އެވެ." ސަބަބަކީ އެމީހުން ބަސްމޮށުންތެރިކަން ރިވެތި ކުރާތީ އެވެ. ހަމަކަށަވަރުން އެމީހުން އެތިބީ ރަނގަޅު ގޮތުގެ މަތީގައި ކަމަށް، އެމީހުންގެ ވާހަކަ އަޑުއަހާ މީހާއަށް ހީވެގެންދެއެވެ. އެމީހުން ވާހަކަ އާއި ޙުއްޖަތްތައް ޒީނަތްތެރިކުރެއެވެ. އަދި ލަފްޒުތަކުގެ ތަރުތީބު އެމީހުން ރިވެތިކުރެއެވެ. އެއާ އެކު އެބައިމީހުންނީ މުނާފިޤުންނެވެ. އެމީހުން ވަނީ ނަރަކައިގެ އެންމެ ތިރީ ދަރަކައިގަ އެވެ. އަދި ޅެންވެރިޔާ ބުންޏެވެ:
فِي زُخْرُفِ القَوْلِ تَزْيِينٌ لِبَاطِلِه وَالْحَقُّ قَدْ يَعْتَرِيهِ سُوءُ تَعْبِير

މާނައީ: "ބަސް (އެބަހީ: ބަސްމޮށުންތެރިކަން) ޒީނަތްތެރިކުރުމުގެ ތެރޭގައި އޭގެ ބާޠިލު ޒީނަތްތެރިކުރުން ހިމެނިގެންވެ އެވެ. އަދި ޢިބާރާތްކުރުމުގެ ހުތުރުކަމުން ޙައްޤު ފަހަރެއްގައި އައިބު ވެދާނެ އެވެ."
 

الله  ވަޙީކުރެއްވި އެވެ: ﴿شَيَاطِيْنَ الإِنْسِ وَالْجِنِّ يُوْحِيْ بَعْضُهُمْ إِلَى بَعْضٍ زُخْرُفَ الْقَوْلِ غُرُوْرًا﴾] الأنعام: 112[. މާނައީ: "އިންސީންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންނެވެ. އޭގެ އެއް ބަޔަކު އަނެއް ބަޔަކަށް ހެއްލުންތެރިކުރުމަށް މަތި އޮމާންކޮށްފައިވާ ބާޠިލު ބަސްތަކުން ވަސްވާސްދީ އުޅެ އެވެ."
    ފަހެ ޒުޚްރުފްގެ އަޞްލަކީ ޒީނަތްތެރިކުރުމެވެ. އަދި ރީތިކުރުމެވެ. ފަހެ މަގުފުރެދުމުގެ އަހުލުވެރިންނަކީ ގިނަ ފަހަރުގައި އެމީހުންގެ ޚުޠުބާތަކާއި މުޙާޟަރާ (ލެކްޗާ) ތަކާއި އެމީހުންގެ ފޮތްތަކުގައި ޢިބާރާތްތައް ޒީނަތްތެރިކޮށް ރީތިކުރާ ބައެކެވެ. ފަހެ ޖާހިލު އިންސާނާ އެ ބަސްތައް އަޑުއަހައިފި ނަމަ ނުވަތަ ކިޔައިފި ނަމަ، އޭގެ ސަބަބުން އޭނާއަށް ކެހި ލިބޭނެ އެވެ. އަދި އޭނާގެ ހިތުގެ މައްޗަށް ވެރިވެގަންނާނެ އެވެ. ފަހެ އެ ސަބަބަށްޓަކައި ބިދުޢައިގެ އަހުލުވެރިންގެ ފޮތްތައް ކިޔުމާ ބެހޭގޮތުންނާއި، އެމީހުންގެ ދަރުސްތަކާއި މުޙާޟަރާތަކާއި ޕްރޮގްރާމްތައް އަޑުއެހުމާ ބެހޭގޮތުން އިންޒާރުދެވިގެންވެ އެވެ. އިންސާނާ އެމީހުންނަށް އަޑުއެހުމުން ދުރުވެ ރައްކައުތެރިވާންޖެހެ އެވެ. އެމީހުންނަށް އިންކާރުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ޙާލުގައި، އަދި ޙައްޤާއި ބާޠިލު ވަކިކުރަން އެނގޭ ޙާލުގައި އެމީހުންނަށް އިންކާރުކުރަން އޭނާ ބޭނުންވެއްޖެ ނަމަ މެނުވީ އެވެ.

ފަހެ ބިދުޢައިގެ އަހުލުވެރިންނާއި އެމީހުންގެ ފޮތްތަކާ މެދު މުޢާމަލާތްކުރެވެން ޖެހޭ ގޮތަކީ މިއީ އެވެ. ބައެއް މީހުން ބުނެއެވެ: "ބިދުޢަވެރިންގެ ފޮތްތައް ޗާޕުކުރާށެވެ. އަދި ޘަޤާފަތުގެ ބޭނުމުގައި އެފޮތްތައް ފަތުރާށެވެ. މިއީ އެމީހުންގެ ރައުޔުތަކެވެ. އިންސާނުންނަކީ އެމީހުންގެ ރައުޔުތަކުގަ އާއި އެމީހުން ދެކޭ ގޮތް ފާޅުކުރުމުގައި މިނިވަނުންނެވެ." އަހަރެމެން އެމީހުންނަށް ބުނަމު އެވެ: ތިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ އޭގެ ސަބަބުން މުސްލިމުންނަށް ނުބައިކަމުގެ ދޮރެއް ހުޅުވިގެންދާނެތީ އެވެ. އަދި ކިއެއް ހެއްޔެވެ. އޭގެ އިތުރުން ބިދުޢައިގެ އަހުލުވެރިންގެ ފޮތްތަކާއި މަގުފުރެދުފައިވާ އަހުލުވެރިންގެ ފޮތްތައް ގަދަކަމުން އަތުލައިގަތުން ވާޖިބުވެގެންވެ އެވެ. މުސްލިމުންގެ ބާޒާރުތަކުންނާއި، މުސްލިމުންގެ ކުތުބުޚާނާތަކުންނާއި، މުސްލިމުންގެ އަތް ފޯރާ ހިސާބުތަކުން އެ ފޮތްތައް ގަދަކަމުން އަތުލައިގަތުން ވާޖިބުވެގެންވެ އެވެ. ސަބަބަކީ އެއީ ވިހަތަކަކަށް ވާތީ އެވެ. އެކަން ކުރަނީ އިންސާނުން ވިހަތަކުން ސަލާމަތްކުރެވޭ ފަދައިން އަދި ވިހަތައް ފެތުރުން މަނާކުރެވޭ ފަދައިންނެވެ. ފަހެ މި ފޮތްތަކަކީ ވިހައަށް ވުރެ ނުރައްކައުތެރި އެއްޗެކެވެ. - اللهގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދި ދަންނަވަމެވެ. - އަދި އޭގެ އިތުރުން އިންސާނުންގެ ހަށިތަކުގެ ޞިއްޙަތަށްޓަކައި ބަލިމީހުން މީސްތަކުންނާ (ގައިގޯޅިވެ އުޅުމަށް) މަނާކުރެވޭ ފަދައިން، މިފޮތްތައް މަނާކުރުން މާ އައުލާވެގެންވެ އެވެ. އެހެނީ ވިހަ ބަދަލުކުރަނީ ހަށިގަނޑުތަކެވެ. އަދި މަގުފުރެދުމުގެ ފޮތްތައް ބަދަލުކުރަނީ އީމާންތެރިކަމާއި ބުއްދިތަކެވެ. ފަހެ އޭގެ ނުރައްކައުތެރިކަމާއި ގެއްލުން މާ ބޮޑެވެ. ފަހެ ދީނާއި ޢަޤީދާގެ ސަލާމަތަށްޓަކައި އެ (ފޮތްތައް) މަނާކުރުން ވާޖިބުވެގެންވެ އެވެ.
 

ފަހެ ބިދުޢައިގެ އަހުލުވެރިންގެ ފޮތްތަކާއި މަގުފުރެދުމުގެ އަހުލުވެރިންގެ ފޮތްތަކާ ބެހޭގޮތުން އަހަރެމެން ފަރުވާ ކުޑަކޮށްގެން ނުވާނެ އެވެ. އަދި އެއީ ޘަޤާފަތެކޭ ވެސް އަހަރެމެން ބުނެގެން ނުވާނެ އެވެ. އަދި އެ ފޮތްތަކުގެ ސަބަބުން އިންސާނާގެ ފިކުރާއި ބުއްދި ފިތުމަކައި ނުލައި، ތަނަވަސްވާނެކަމަށް އަހަރެމެން ބުނެގެން ނުވާނެ އެވެ. މިފަދަ ހުރިހައި ވާހަކައަކީ ބާޠިލަށް ނަޞްރުދިނުމަށް ކުރެވޭ ދައުވާތަކެކެވެ. ފަހެ ވާޖިބުވެގެންވަނީ ބިދުޢައިގެ އަހުލުވެރިންނާ ބެހޭގޮތުން އިންޒާރުދިނުމެވެ. އަދި އެމީހުންގެ ވާހަކަ އަޑުއެހުމާ ބެހޭގޮތުން އިންޒާރުދިނުމެވެ. އަދި އެމީހުންގެ ފޮތްތަކާ ބެހޭގޮތުން އިންޒާރުދިނުމެވެ. އެމީހުން މަރުވެދިއުމަށް ފަހު އެމީހުންގެ ފޮތްތައް ދެމިހުރުމަކީ މުޞީބާތެކެވެ. "ހަމަކަށަވަރުން އެމީހުން މަރުވެ ހިނގައްޖެއޭ" އަހަރެމެން ބުނެގެން ނުވާނެ އެވެ. އެމީހުންގެ ހަށިތައް މަރުވިކަމުގައިވީ ނަމަވެސް އެމީހުންގެ ފިކުރުތައް މި ފޮތްތަކުގައި ވުޖޫދުގައިވެ އެވެ. އަދި އެ ފޮތްތައް ގަނެ ވިއްކައި އެ ފޮތްތައް ފަތުރާ ބަޔަކުވެ އެވެ. ފަހެ އެންމެ ބޮޑުވެގެންވާ އިންޒާރަކުން އެކަމާ ބެހޭގޮތުން އިންޒާރުދިނުން ވާޖިބުވެގެންވެ އެވެ. ފަހެ ހަމަކަށަވަރުން އެއީ މުސްލިމުންނަށް ބިރުދައްކާ ނުރައްކަލެކެވެ.
 

ابن قُدَامَة  ވިދާޅުވިއެވެ: "އަދި ދީނުގައި އުފެއްދޭ ކޮންމެ އައު ކަމަކީ ބިދުޢައެކެވެ."

ޝަރަޙަ: މުޞައްނިފު ބިދުޢަ އާއި ބިދުޢަވެރިންނާ ބެހޭގޮތުން އިންޒާރު ދެއްވުމަށް ފަހު ބޭނުންވެވަޑައިގެންނެވީ ބިދުޢައަކީ ކޮބައިކަން ބަޔާންކޮށްދެއްވުމަށެވެ. ވިދާޅުވިއެވެ: "ދީނުގައި އުފެއްދޭ ކޮންމެ އައު ކަމަކީ ބިދުޢައެކެވެ." އެހެނީ އިސްލާމް ދީން ބިދުޢަތައް ޤަބޫލެއް ނުކުރެއެވެ. ދީނަކީ ހަމައެކަނި الله އާއި އެއިލާހުގެ ރަސޫލާ ޝަރުޢުކުރެއްވި ކަންތަކެވެ. އަދި اللهގެ ފޮތުންނާއި އެއިލާހުގެ ރަސޫލާ ﷺ ގެ ސުންނަތުން އައިސްފައިވާ ދަލީލަކާ އެކު މެނުވީ، މީހަކު ޝަރުޢުކުރި ކަމެއް ނުވަތަ މީހަކު ބުނި ވާހަކައެއް ޤަބޫލެއް ނުކުރެވޭނެ އެވެ. ހަމަކަށަވަރުން ދީނުގައި އުފެއްދޭ ކޮންމެ އައު ކަމަކީ ބިދުޢައެކެވެ.

ދެން ފަހެ އާދަކާދަތަކުގަ އާއި ފައިދާލިބޭ ދުނިޔަވީ ކަންކަމުގައި އަލަށް އުފެއްދޭ ތަކެތީގެ އަޞްލަކީ އެތަކެތި ހުއްދަވެގެންވުމެވެ. -  އެންމެހައި ޙަމްދު ޘަނާ ޙައްޤުވެގެންވަނީ اللهއަށެވެ.  - ކުރިން ވުޖޫދުގައި ނުވާ ޞިނާޢީ ތަކެއްޗާއި އަލަށް އީޖާދުކުރެވޭ ތަކެއްޗާ މެދު އަހަރެމެން ނުބަނުމު އެވެ: ހަމަކަށަވަރުން މިއީ ބިދުޢަތަކެކެވެ. އެއާ ޚިލާފަށް އަހަރެމެން ބުނަމު އެވެ: މިތަކެއްޗަކީ الله  އަހަރެމެންނަށް ހުއްދަކުރެއްވި ތަކެތީގެ ތެރެއިންވާ ތަކެއްޗެވެ. ސަބަބަކީ މި ތަކެއްޗާއި ކަންކަމަކީ ދީނީ ކަންކަމުގެ ތެރެއިންވާ ކަންކަމެއް ނޫނެވެ. މިއީ الله އެއިލާހުގެ އަޅުތަކުންނަށްޓަކައި އުފެއްދެވި އާދަތަކާއި މަޞްލަޙަތުތަކުގެ ތެރެއިންވާ ކަންކަމެވެ. ފަހެ އަހަރެމެން މަތިންދާ ބޯޓަށާއި ކާރަށާއި ސްޓީމް ބޯޓަށް އަރަމު އެވެ. އަދި އަހަރެމެން ލައުޑް ސްޕީކަރުތަކާއި ރެކޯޑަރުތައް ބޭނުންކުރަމެވެ. މި ހުރިހައި ތަކެއްޗަކީ އަލަށް އީޖާދުކުރެވުނު ތަކެއްޗެވެ. މިއީ ދީނުގެ ތެރެއިންވާ ތަކެއްޗެއް ނޫނެވެ. ހަމަކަށަވަރުން އެއީ އިންސާނުންނަށް ފައިދާކޮށްދޭ ވަޞީލަތްތަކެކެވެ. އެ ވަޞީލަތްތައް ހެޔޮކަންކަމުގައި ބޭނުންކޮށްފި މީހަކަށް އެ ވަޞީލަތްތައް ވެގެންދާނީ ނިޢުމަތަކަށެވެ. އަދި اللهއަށް ކިޔަމަންތެރިވުމުގައި އެހީތެރިވެދޭ އެއްޗަކަށެވެ. އަދި އެ (ވަޞީލަތްތައް) ނުބައި ކަންކަމުގައި ބޭނުންކޮށްފި މީހަކު، ފަހެ މިއީ އޭނާގެ ނުބައިކަމުގެ ތެރެއިންވާ ކަމެކެވެ. އެހެން ނޫން ނަމަ އެ ތަކެއްޗަކީ އިންސާނުންނަށް މަޞްލަޙަތު ހުރި ތަކެއްޗެވެ.
 

ފަހެ ނަތީޖާއަކީ: ބިދުޢައަކީ ދީނުގައި އަލަށް އުފެއްދޭ ކަންކަމެވެ. ދެންފަހެ އާދަކާދަތަކުގަ އާއި ސިނާއީ ކަންކަމުގަ އާއި ދުނިޔަވީ ކަންކަމުގައި އަލަށް އުފެއްދޭ ތަކެއްޗަކީ ބިދުޢަތަކުގެ ތެރެއިންވާ ތަކެއްޗެއް ނޫނެވެ.
 

ލޮންސިއާއި ތީރާއި ދުންޏާއި ކަނޑިތައް ބޭނުންކުރައްވައިގެން ސަޙާބީން ޖިހާދުކުރައްވައި އުޅުއްވި އެވެ. އަދި މިއަދު ތިޔަބައިމީހުންނަށް އެނގޭ ފަދައިން ޒަމާނީ ހަތިޔާރުތައް ވަނީ އުފެއްދިފަ އެވެ. މިސައިލުތަކާއި މަތިންދާ ބޯޓުތަކާއި ޓޭންކުތަކާއި ބޮންތަކެވެ. އިސްވެދިޔަ ޒަމާނުގައި ވުޖޫދުގައި ނުވާ ތަކެތި ވަނީ އުފެއްދިފަ އެވެ. އަހަރެމެން ބުނަންވީ ހެއްޔެވެ: މިއީ ބިދުޢަތަކެކެވެ؛ އަހަރެމެން މިތަކެތި ބޭނުމެއް ނޫނެވެ؟ ނޫނެކެވެ. .... އަހަރެމެންގެ ޢަދުއްވުން ބަލިކޮށްލުމަށްޓަކައި އަހަރެމެންނަށް އެހީތެރިވާނެ ތަކެތި ބޭނުންކުރުން އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވެ އެވެ. الله تعالى ވަޙީކުރެއްވި އެވެ: ﴿وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ وَمِنْ رِبَاطِ الْخَيْلِ﴾] الأنفال: 60[. މާނައީ: "އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ. އަދި އަސްތައް ވެސް ބަނދެ ތައްޔާރުކުރާށެވެ." ﴿مِنْ قُوَّةٍ﴾ މާނައީ: "ބާރެއް": މިއީ އަމުރުފުޅެއްގެ ފަހަތަށް އައި ނަކިރާ (ޢާއްމު) ކަލިމައެކެވެ. ފަހެ ހުރިހައި (ވައްތަރެއްގެ) ބާރަކާއި، ކޮންމެ ވަގުތެއްގައި އެ ވަގުތަކާ މުނާސަބުވެގެންވާ ތަކެއްޗާއި އޭނާގެ ކުޅަދާނަކަމުގައި ހިމެނޭ ތަކެތި ޢާއްމުކޮށް އާޔަތުގައި އެކުލެވިގެންވެ އެވެ. ފަހެ ގެއްލުންދެނިވި، ސުންނާފަތިކުރުވާ މިފަދަ ހަތިޔާރުތައް ވުޖޫދުގައި ވަނިކޮށް، ލޮންސިއާއި ދުންޏާއި ކަނޑި ބޭނުންކުރުމުގައި އަހަރެމެން ދެމިތިބޭ ނަމަ، އަހަރެމެންނަށް އޭގެން އެއްވެސް ފައިދާއެއް ނުކުރާނެ އެވެ. ފަހަރެއްގައި އެތަކެތި ބޭނުންކޮށްގެން އާދައިގެ ކުޑަ ހަމަލާއެއް ދިފާޢުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ޢަދުއްވުންގެ (ހުރިހައި) ހަމަލާތަކެއް އެތަކެތިން ދިފާޢުއެއް ނުކުރެވޭނެ އެވެ. އަދި ޢަދުއްވުގެ ބާރާ އެއްފަދަ ބާރަކުން ނުވަތަ އެއަށް ވުރެ ގަދަފަދަ ބާރަކުން މެނުވީ އޭނާގެ ބާރާ ދެކޮޅަށް ދިފާޢު ނުކުރެވޭނެ އެވެ. އެހެންކަމުން މި ސަބަބަށްޓަކައި الله  ވަޙީކުރެއްވި އެވެ: ﴿ وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ﴾ މާނައީ: "އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ތިޔަބައިމީހުން ތައްޔާރުވާށެވެ." الله ވަޙީކުރައްވާފައި ވަނީ: ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުންނެވެ. އަދި އެއީ ކޮން އެއްޗެއް ކަމެއް ކަނޑައަޅުއްވައި ޚާއްޞަކުރައްވާފައި ނުވެ އެވެ. ﴿مِنْ قُوَّةٍ وَمِنْ رِبَاطِ الْخَيْلِ﴾ މާނައީ: "ބާރަކުންނެވެ. އަދި އަސްތައް ވެސް ބަނދެ ތައްޔާރުކުރާށެވެ." ސަބަބަކީ ޤިޔާމަތް ދުވަހާ ޖެހެންދެން އަހުގައި ހެޔޮކަން އެކުލެވިގެންވާތީ އެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ފަދައިންނެވެ: {الخَيْلُ مَعْقُودٌ بِنَوَاصِيهَا الخَيْرُ إِلَى يَوْمِ القِيَامَة}(1). މާނައީ: "އަހަކީ ޤިޔާމަތާ ޖެހެންދެން އޭގެ ނިތްކުރިތަކުގައި ހެޔޮކަން އެއްސިގެންވާ ތަކެއްޗެވެ." ފަހެ އެކަންވަނީ އާޔަތުގައިވާ ފަދައިންނެވެ: ﴿وَمِنْ رِبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ وَآخَرِينَ مِنْ دُونِهِمْ لَا تَعْلَمُونَهُمُ اللَّهُ يَعْلَمُهُمْ ۚ﴾] الأنفال: 60[. މާނައީ: "އަދި އަސްތައް ވެސް ބަނެ ތައްޔާރުކުރާށެވެ. އެކަމުން الله ގެ ޢަދުއްވުންނާއި ތިޔަބައިމީހުންގެ ޢަދުއްވުންނާއި އެއުރެން ނޫން އެހެން ބަޔަކު ބިރުގެންނުވުމަށްޓަކައެވެ. އެބަޔަކު ތިޔަބައިމީހުންނަކަށް ނޭނގެއެވެ. الله އެބަޔަކު ދެނެވޮޑިގެންވެ އެވެ." އަހަރެމެންގެ ތެރޭގައި އަހަރެމެންނަށް އެނގިގެންނުވާ، ފޮރުވިގެން ތިބި ޢަދުއްވުންތަކެއް އެބަ އުޅެ އެވެ. އަހަރެމެން އާރާއި ބާރު ތައްޔާރުކޮށްފި ނަމަ، ޚާރިޖީ ޢަދުއްވާއި ދާޚިލީ ޢަދުއްވު އަހަރެމެންނަށް ރުޅިއަރުވައި ހާސްކޮށްލެވޭނެ އެވެ. ދެން ފަހެ އަހަރެމެން ބާރު ތައްޔާރުނުކޮށްފި ނަމަ، ޚާރިޖީ ޢަދުއްވާއި ދާޚިލީ ޢަދުއްވު އުފާވާނެ އެވެ. އެހެންކަމުން ކޮންމެހެން ވެސް ދެ ބާރު އޮންނަންޖެހޭނެ އެވެ. (ފުރަތަމައީ:) ޙުއްޖަތުގެ ބާރެވެ. އަދި އެކަން ވާހުށީ ފައިދާކުރަނިވި ޢިލްމުންނެވެ. އަދި (ދެވަނައީ:) ހަތިޔާރުގެ ބާރެވެ. އަދި އެކަން ވާހުށީ ޖިހާދުގެ ޒަމާނީ އާލާތްތައް ތައްޔާރުކުރުމުންނެވެ. ކޮންމެ ޒަމާނެއްގައި ވެސް އެ ޒަމާނަކަށް އެންމެ އެކަށީގެންވާ ގޮތަށެވެ. الله تعالى ވަޙީކުރެއްވި އެވެ: ﴿ يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ ۚ﴾] التوبة: 73[. މާނައީ: "އޭ ނަބިއްޔާ އެވެ. ކާފަރުންނާއި މުނާފިޤުންނާ ދެކޮޅަށް އިބަ ނަބިއްޔާ ޖިހާދުކުރައްވާށެވެ. އަދި އެއުރެންގެ މައްޗަށް އިބަ ނަބިއްޔާ ހަރުކަށިވެވަޑައިގަންނަވާށެވެ." ދެން ފަހެ މުނާފިޤުން، ހަމަކަށަވަރުން އެމީހުންނާ ޖިހާދުކުރެވޭނީ ޙުއްޖަތުންނާއި ދުލުންނެވެ. ދެން ފަހެ ކާފަރުން، ހަމަކަށަވަރުން އެމީހުންނާ ޖިހާދުކުރެވޭނީ ކަނޑިންނާއި ތީރުތަކުންނެވެ.

ابن قُدَامَة  ވިދާޅުވިއެވެ: "އަދި އިސްލާމް ދީނުގެ ނަން ނޫން އެހެން ނަމަކުން ސިފަ ލިބިގަންނަ މީހަކީ ބިދުޢަވެރިއެކެވެ."

ޝަރަޙަ: އަދި އޭގެ އިތުރުން ބިދުޢަތަކުގެ ތެރެއިން ހިމެނިގެންވެ އެވެ: އިސްލާމްގެ ނަމާއި ސުންނަތުގެ ނަން ނޫން އެހެން ނަންތަކުން (އަމިއްލަ ނަފްސުތަކަށް) ނަންދީ ނިސްބަތްވުމެވެ. މިސާލަކަށް رسول الله  ނޫން ފަރާތަކަށް ޢަޤީދާގެ ގޮތުން ނުވަތަ މަޛްހަބީ ގޮތުން ނުވަތަ ޝަޚްޞީ ގޮތުން ނިސްބަތްވާ މީހާ އެވެ. ފަހެ ހަމަކަށަވަރުން ނިސްބަތްވާން ޖެހޭނީ ހަމައެކަނި أَهْلُ السُّنَّة وَالجَمَاعَة އަށެވެ. އަދި ހަމަކަށަވަރުން ތަބަޢަވާން ޖެހޭނީ ހަމައެކަނި رسول الله  އަށެވެ. ޞައްޙަ ނިސްބަތްވުމަކީ މިއީ އެވެ. ދެން ފަހެ ޤުރްއާނާއި ސުންނަތާ ޚިލާފުވާ ފިރުޤާތަކަށާއި ދީންތަކަށާއި މަޛްހަބުތަކަށާއި ޢަޤީދާތަކަށް ނިސްބަތްވުމަކީ ހަމަކަށަވަރުން މަގުފުރެދުމެކެވެ.
 

ابن قُدَامَة  ވިދާޅުވިއެވެ: "މިސާލަކަށް ރާފިޟީންނެވެ."

ޝަރަޙަ: ރާފިޟީންނަކީ ޝިޔަޢީންގެ ޖަމާޢަތްތަކުގެ ތެރެއިން ޖަމާޢަތެކެވެ. އެމީހުންނަށް ކިޔަނީ: ރާފިޟީންނެވެ. އަދި އެމީހުންނަށް 'ޖަޢްފަރީން' އަދި 'މޫސަވީން'ނޭ ވެސް ކިޔައެވެ. އެމީހުންނަށް ރާފިޟީންގެ ނަން ދެވުނު ގޮތަކީ: زَيْد بن عَلِي بن الحُسَيْن بن عَلِي بن أَبِي طَالِب (ޒައިދު ބިން ޢަލީ ބިން އަލް-ޙުސައިން ބިން ޢަލީ ބިން އަބީ ޠާލިބު)  ގެ އަރިއަހަށް އެބައިމީހުން އައެވެ. ފަހެ އެމީހުން އެބޭފުޅާއާ ދިމާއަށް ބުންޏެވެ: "أَبُو بَكْر އަދި عُمَرُ ގެ ކިބައިން ތިބާ ބަރީއަވާށެވެ." ވިދާޅުވިއެވެ: "އަހަރެން އެ ދެ ޞަޙާބީންގެ ކިބައިން ބަރީއައެއް ނުވާނަމެވެ. ހަމަކަށަވަރުން އެ ދެ ޞަޙާބީންނީ އަހަރެންގެ ކާފާފުޅު - އެބަހީ رسول الله  - ގެ ދެ ޞާޙިބުންނާއި ދެ ވަޒީރުންނާއި މަޝްވަރާ ދެއްވި ދެ ބޭފުޅުންނެވެ." އެމީހުން ބުންޏެވެ: "އެހެންވެއްޖެ ނަމަ އަހަރެމެން ތިބާ ރަފުޟު ކުރާނަމެވެ." އެބަހީ ތިބާ ދޫކޮށްލާނަމެވެ. އަދި ތިބާއަށް ތަބަޢައެއް ނުވާނަމެވެ. ފަހެ އެމީހުންނަށް ރާފިޟީންގެ ނަންދެވުނެވެ. އެއީ އެމީހުން އަހުލު ބައިތުންގެ ތެރެއިން އިމާމެއް ކަމުގައިވީ زَيْد بن عَلِي ދޫކޮށްލުމުގެ ސަބަބުންނެވެ.
 

އަދި ޝިޔަޢީންގެ ތެރެއިން زَيْد އަށް ނިސްބަތްވާ މީހުންނަށް ކިޔައި އުޅެނީ: 'ޒައިދީން'ނެވެ. އަދި جَعْفَرُ الصَّادِقُ بن مُحَمَّد البَاقِر بن عَلِي بن الحُسَيْن (ޖަޢްފަރު އައް-ޞާދިޤު ބިން މުޙައްމަދު އަލް-ބާޤިރު ބިން ޢަލީ ބިން އަލް-ޙުސައިން) އަށް ނިސްބަތްވާ މީހުންނަށް ކިޔައި އުޅެނީ: 'ޖަޢްފަރީން'ނެވެ. އަދި މި މީހުންނަކީ ހަމައެކަނި ނިސްބަތްވާ ބައެކެވެ. މި މީހުންވަނީ جَعْفَرُ الصَّادِقُ  ގެ މަޛްހަބުގެ މަތީގައެއް ނޫނެވެ. އެހެނީ އެބޭފުޅާއަކީ أَهْلُ السُّنَّة ގެ ޢިލްމުވެރިންގެ ތެރެއިންވާ ބޭފުޅެކެވެ. އަދި އެބޭފުޅާއަކީ ސަލަފުންގެ ޢިލްމުވެރިންގެ ތެރެއިންވާ ބޭފުޅެކެވެ. ފަހެ އެމީހުން އެބޭފުޅާއަށް ނިސްބަތްވަނީ ހަމައެކަނި ނަމުންނެވެ. އެމީހުން جَعْفَرُ ހުންނެވި أَهْلُ السُّنَّة وَالجَمَاعَة ގެ މަޛްހަބުގައި އެބޭފުޅާއަށް ތަބަޢައެއް ނުވެ އެވެ. އަދި އެބޭފުޅާގެ މައްޗަށް އެމީހުން ދޮގުހަދައެވެ. أَبُو عَبْدِ الله (ޖަޢްފަރު) ގެ މައްޗަށް ހެދިފައިވާ ދޮގުތަކުން އެމީހުންގެ ފޮތްތައް ފުރިގެންވެ އެވެ.
 

ކޮންމެއަކަސް، ޖަޢްފަރަށް ނުވަތަ ޒައިދުއަށް ނުވަތަ އެވެނި މިވެނި މީހަކަށް ނިސްބަތްވުމަށް އަހަރެމެންނަށް އަމުރުކުރެވިގެނެއް ނުވެ އެވެ. ހަމައެކަނި رسول الله  އަށް މެނުވީ އަހަރެމެން ނިސްބަތެއް ނުވާނަމެވެ. ހަމަކަށަވަރުން އެފަރާތަކަށް ނިސްބަތްވުމަށް އަހަރެމެންނަށް އަމުރުކުރެވިގެންވާ ފަރާތަކީ މިއީ އެވެ.
 

ابن قُدَامَة  ވިދާޅުވިއެވެ: "އަދި ޖަހްމީންނެވެ."

ޝަރަޙަ: ޖަހްމީން: މި މީހުންނީ الجَهْمُ بِنْ صَفْوَان (އަލް-ޖަހްމު ބިން ޞަފްވާން) އަށް ތަބަޢަވީ މީހުންނެވެ. އޭނާއަކީ އައް-ސަމަރުޤަންދުގެ ރަށުން އައި މީހެކެވެ. އަދި ބުނެވިގެންވެ އެވެ: އައް-ތިރްމިޛުގެ މީހެކެވެ. އޭނާއަކީ ބާޠިލު ވާހަކަތަކާއި ކުފްރު ވާހަކަތަކުގެ ވެރިޔާ އެވެ. - الله ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދި ދަންނަވަމެވެ. - ފަހެ އޭނާ الله  ގެ ޙަޟްރަތުން ނަންފުޅުތަކާއި ސިފަފުޅުތައް ނަފީކުރެއެވެ. އަދި އޭނާ ޖަބްރުގެ ޢަޤީދާ ޤަބޫލުކުރެ އެވެ. (ޖަބްރުގެ ޢަޤީދާއަކީ:) ހަމަކަށަވަރުން އަޅުތަކުންވަނީ އެބައިމީހުންގެ ޢަމަލުތަކުގައި މަޖްބޫރުކުރެވިފައި ކަމަށާއި އެމީހުންނަށް އިޚްތިޔާރެއް ނުވަތަ ކުޅަދާނަކަމެއް ލިބިގެން ނުވާކަމަށް ބުނުމެވެ. އަދި އޭނާގެ ކިބައިގައި الإِرْجَاء (އަލް-އިރްޖާއު – އެބަހީ: މުރްޖީންގެ ޢަޤީދާ) ހުއްޓެވެ. އެއީ (އެ ޢަޤީދާއަކީ:) އީމާންކަމަކީ ހަމައެކަނި ހިތުން މަޢުރިފާކޮށް ދެނަގަތުމެވެ. އެ ދެނެގަތް ކަމެއްގެ ތެދުކަން އަންގައިދިނުމަށްޓަކައި އިންސާނާ ޢަމަލު ނުކުރި ކަމުގައިވީ ނަމަވެސްމެ އެވެ. އަދި އެ ދެނެގަތް ކަމެއް ދުލުން ނުބުނި ކަމުގައިވީ ނަމަވެސްމެ އެވެ. الله އަކީ އޭނާގެ ވެރި އިލާހު ކަމަށާއި މުޙައްމަދު  އަކީ އެއިލާހުގެ ރަސޫލާ ކަން އޭނާއަށް އެނގުނުހައި ހިނދަކު، އޭނާގެ ހިތުން އެކަން ދެނެގަތްހާ ހިނދަކު، އޭނާ ޢަމަލު ނުކުރިކަމުގައިވީ ނަމަވެސް އޭނާއަކީ މުއުމިނެކެވެ. ޢަމަލުކުރުމާއި ދުލުން ފާޅުކުރުމާއި އިޢްތިޤާދުކޮށް ޤަބޫލުކުރުމަކީ (އީމާންކަމުގައި) ޝަރުތުކުރެވިގެންވާ ކަންކަމެއް ނޫނެވެ. ހަމައެކަނި ހިތުން ދެނެގަތުމުން ފުދޭނެ އެވެ. އޭނާގެ ކިބައިގައިވާ الإِرْجَاء ގެ މަޛްހަބަކީ (އެބަހީ: މުރްޖީންގެ ޢަޤީދާއަކީ) މިއީ އެވެ. - الله ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދި ދަންނަވަމެވެ. -
 

ފަހެ މުޑުދާރުވެގެންވާ ކަންތައްތަކެއް (ޢަޤީދާތަކެއް) އޭނާ ޖަމާކުރި އެވެ: ޖަބްރީންނާއި މުރްޖީންނާއި ޖަހްމީންގެ ޢަޤީދާ އެވެ. ސިފަފުޅުތަކުގައި ޖަހްމީންގެ ޢަޤީދާ އެވެ. (ޤަޟާ) ޤަދަރުގައި ޖަބްރީންގެ ޢަޤީދާ އެވެ. އަދި އީމާންކަމުގައި މުރްޖީންގެ ޢަޤީދާ އެވެ. އަދި ޤުރްއާނަކީ މަޚްލޫޤެއްކަމަށް އޭނާ ބުނެ އެވެ. މި ހުރިހައި ކަންކަމަކީ މުޑުދާރު ކަންކަމެވެ. - الله ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދި ދަންނަވަމެވެ. - الجَهْمُ بِنْ صَفْوَان އަކީ މިއީ އެވެ. އޭނާގެ މަޛްހަބު ނަގައިފައިވަނީ الجَعْدُ بِنْ دِرْهَمْ (އަލް-ޖަޢްދު ބިން ދިރްހަމް) ގެ ކިބައިންނެވެ. އަދި الجَعْدُ بِنْ دِرْهَمْ އެ މަޛްހަބު ނަގައިފައިވަނީ ޔަހޫދީ އަބާންގެ ކިބައިން ގޮސް ޔަހޫދީ ޠާލޫތުގެ ކިބައިންނެވެ. ފަހެ އެމީހުންގެ މަޛްހަބު އައިސްފައިވަނީ ޔަހޫދީންގެ މަޛްހަބުގެ ގޮތްޕެއްގެ ގޮތުންނެވެ.
 

ابن قُدَامَة  ވިދާޅުވިއެވެ: "އަދި ޚަވާރިޖުންނެވެ."

ޝަރަޙަ: ޚަވާރިޖުންނަކީ އަލް-ޚަލީފާ އައް-ރާޝިދު، އަލް-ޚުލަފާއު އައް-ރާޝިދޫންގެ ހަތަރުވަނަ ޚަލީފާ އަދި އަމީރުލް މުއުމިނީން، عَلِي بن أَبِي طَالِب  އާ ދެކޮޅަށް ނުކުތް މީހުންނެވެ. عَلِي ގެ ކިޔަމަންތެރިކަމުން އެމީހުން ނުކުމެގެންދިޔަ އެވެ. އަދި އެ ޞަޙާބީ ކާފަރުކުރި އެވެ. - الله ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދި ދަންނަވަމެވެ. - އަދި އެ ޞަޙާބީއާ ދެކޮޅަށް ހަނގުރާމަކުރި އެވެ. ފުރަތަމަ ކޮޅުގައި އެމީހުން އެ ޞަޙާބީއާ އެކު ޖިހާދުކުރި އެވެ. ދެން އެއަށްފަހު ޞިއްފީން ހަނގުރާމައިގައި، عَلِي  އާ ޝާމްގެ އަހުލުވެރިންނާ ދެމެދު ހިނގި ތަޙްކީމް (ޙުކުމްކުރުން) ފުރިހަމަވެ ހިނގައިދިޔަ އެވެ. އަދި ހަމަކަށަވަރުން އެމީހުންނީ (އެބަހީ: ޚަވާރިޖުންނީ) عَلِي  ގެ އަރިއަހުން، އެ ޞަޙާބީ ތަޙްކީމް ޤަބޫލުކުރުމަށް ގިނަގިނައިން އެދުނު މީހުންނެވެ. ފަހެ عَلِي  އެކަން ހިތާ ދެކޮޅަށް ޤަބޫލުކުރެއްވި އެވެ. އެހެން ނޫންނަމަ ނިމެންދެން ހަނގުރާމަކުރުމުގައި ދެމިހުންނެވުމަށް عَلِي ދެކިލެއްވި އެވެ. ދެން އެއަށްފަހު އެމީހުން އެދުނު ގޮތާ ޚިލާފަށް ތަޙްކީމް ހިނގައިދިއުމުން އެމީހުން عَلِي ކުށްވެރިކޮށް ކާފަރުކުރި އެވެ. އަދި ބުންޏެވެ: ތިބާ އިންސާނުން މެދުވެރިކޮށް ޙުކުމްކޮށްފި އެވެ. الله  މިފަދައިން ވަޙީކުރައްވާފައި ވަނިކޮށެވެ: ﴿إِنِ الْحُكْمُ إِلَّا لِلَّهِ﴾] الأنعام: 57[. މާނައީ: "الله މެނުވީ އެއްވެސް ފަރާތަކަށް ޙުކުމް ލިބިވޮޑިގެނެއް ނުވެ އެވެ." އެއަށްފަހު عَلِي  އާ ދެކޮޅަށް އެމީހުން ނުކުތެވެ. އަދި ކިޔަމަންތެރިކަމުގެ އަސާކޮޅު އެމީހުން ބިންދާލި އެވެ. އަދި އެމީހުން ޖަމާވިއެވެ. އަދި އެއް ބަޔަކު އަނެއް ބަޔަކާ ގުޅުނެވެ. އެހެންކަމުން އައް-ނަހްރަވާންގެ ހަނގުރާމައިގައި އެމީހުންނާ ދެކޮޅަށް عَلِي  ހަނގުރާމަކުރެއްވި އެވެ. އަދި އެންމެ ނުބައި ޤަތުލުކުރުމަކުން އެމީހުންތައް ޤަތުލުކުރެއްވި އެވެ. އަދި އެމީހުންގެ މައްޗަށް عَلِي އަށް الله ނަޞްރުދެއްވި އެވެ. އަދި އެމީހުންގެ ނުބައިކަމުން މުސްލިމުން މިންޖުކުރައްވައި ހިތްތަކަށް އަމާންކަމާއި މަޑުމައިތިރިކަން ގެނެސްދެއްވި އެވެ. އެހެން ނަމަވެސް މި މަޛްހަބު ބާކީ ދެމި އެބަ އޮތެވެ. އަދި މި އުންމަތުގެ ތެރެއިން ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުން ކާފަރުކުރުމަކީ އެ ޚަވާރިޖުންގެ މަޛްހަބުގެ ތެރެއިންވާ ކަމެކެވެ. އެމީހުން ބުނެ އެވެ: "ހަމަކަށަވަރުން ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހާއަކީ ކާފަރެކެވެ. ޒިނޭކުރާ މީހާ އާއި، ވައްކަންކުރާ މީހާ އާއި، ރާ ބޯ މީހާ އާއި، އެނޫން ވެސް ކަންކަންވަނީ ބޮޑެތި ފާފަތަކުގެ ތެރެއިންނެވެ. އެއަށް (ބޮޑު ފާފައަކަށް) އަރައިގެންފި މީހަކު ކާފަރުވާނެ އެވެ. އަދި މިއްލަތުން ބޭރުވާނެ އެވެ." މިވާހަކައަކީ ޙައްޤާ ޚިލާފު ވާހަކައެކެވެ. - الله ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދި ދަންނަވަމެވެ. - ޤުރްއާނާއި ސުންނަތާ ޚިލާފު ވާހަކައެކެވެ. أَهْلُ السُّنَّة ގެ މަޛްހަބަކީ: "މުސްލިމުންގެ ތެރެއިން ބޮޑު ފާފައަށް އަރައިގަންނަ މީހާ ވާނީ އީމާންކަން އުނިގެންވާ ފާސިޤަކަށެވެ. އަދި އޭނާ ކާފަރަކަށް ނުވާނެ އެވެ." ޙައްޤުގެ މަޛްހަބަކީ މިއީ އެވެ. އެހެންކަމުން އެމީހުން (ޚަވާރިޖުން) ވަނީ ދެ ޖަރީމާއަކަށް އަރައިގެންފަ އެވެ:

ފުރަތަމަ ޖަރީމާ އަކީ: ވެރިންނާ ދެކޮޅަށް ނުކުތުމެވެ. އަދި އެކަމަކީ ހެޔޮކަމަށް އަމުރުކުރުމާއި، ނުބައިކަން ނަހީކުރުމުގެ ތެރެއިންވާ ކަމެއްކަމަށް ދެކުމެވެ. (އެހެން ނަމަވެސް ޙަޤީޤަތުގައި) އެ ޢަމަލަކީ އޭގެ ޒާތުގައި މުންކަރެކެވެ. އަދި އެއީ ހެޔޮކަމެއް ނޫނެވެ.
 

ދެވަނަ ޖަރީމާ އަކީ: މުޙައްމަދީ އުންމަތުގެ ތެރެއިންވާ ފާފަވެރިން ކާފަރުކުރުމެވެ. އެމީހުން އެކަން ކުރުމުން ލާޒިމްވެގެން ދަނީ އެމީހުން ވެސް ކާފަރުވި ކަމަށާއި، ނަރަކައިގައި އަބަދުގެ އަބަދަށް ދެމިތިބޭނެކަމަށް އެމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެމީހުން ޙުކުމްކުރުމެވެ. ސަބަބަކީ އެމީހުން ވެސް ބޮޑެތި ފާފަތަކުން ސަލާމަތްވެގެން ނުވާތީ އެވެ. އެމީހުން ވެރިމީހާއާ ދެކޮޅަށް ނުކުތުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަމެއް ނޫން ހެއްޔެވެ؟!! އޭގެ އިތުރުން އެމީހުންގެ ކިބައިން ފާފަތައް ޙާޞިލެއް ނުވޭ ހެއްޔެވެ؟ އެމީހުންގެ ކިބައިން ޝަރީޢަތާ ޚިލާފު ކަންތައްތައް ހިނގައިގެން ނުދޭ ހެއްޔެވެ؟ ފަހެ މީގެ މާނައަކީ އެމީހުން ވެސް ކާފަރުވީ ކަމަށާއި، އެމީހުން ނަރަކައިގައި އަބަދުގެ އަބަދަށް ދެމިތިބޭނެކަމަށް އެމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެމީހުން ޙުކުމްކުރުމެވެ. - الله ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދި ދަންނަވަމެވެ. - ހަމަކަށަވަރުން ޚަވާރިޖުންނަކީ މިއީ އެވެ.
 

ފަހެ މި މަޛްހަބަށް ދިޔަ ކޮންމެ މީހަކީ، އެބަހީ (ކިޔަމަންތެރިކަމުގެ) އަސާކޮޅު ބިންދާލައި މުސްލިމު ވެރިންނާ ދެކޮޅަށް ނުކުންނަ މީހާ، ނުވަތަ ޝިރުކު ނުހިމެނޭ ބޮޑެތި ފާފަތަކަށް އަރައިގަތުމުން މުސްލިމުންގެ ތެރޭގައިވާ ފާފަވެރިން ކާފަރުކުރާ ކޮންމެ މީހަކީ ހަމަކަށަވަރުން ޚަވާރިޖުންގެ ތެރެއިންވާ މީހެކެވެ. ކޮންމެ ޒަމާނެއްގައި އަދި ކޮންމެ ތަނެއްގައިވީ ނަމަވެސްމެ އެވެ.

 

ابن قُدَامَة  ވިދާޅުވިއެވެ: "އަދި ޤަދަރީންނެވެ."

ޝަރަޙަ: (ޤަޟާ) ޤަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިންވާ ހަވަނަ ރުކުނެވެ. އަދި ހިނގައި ނިމިފައިވާ ކަންތައްތަކާއި ހިނގާނޭ ކަންތައްތައް އަޒަލުގައި الله ތަޤްދީރުކުރައްވާފައިވާ ކަމަށް އީމާންވުމެވެ. އަދި الله ހުރިހައި ކަމެއް، اللَّوْحُ المـَحْفُوظ ގައި ލިޔުއްވާފައިވާ ކަމަށް އީމާންވުމެވެ. އަދި މި ކައުނުގައި ހިނގާ ހުރިހައި ކަމެއް الله  އިރާދަފުޅުކުރެއްވި ކަމަށާއި، އެކަންތައްތައް ހިނގަނީ އެއިލާހުގެ އިރާދަފުޅުން ކަމަށް އީމާންވުމެވެ. ހަމަކަށަވަރުން ހެޔޮކަމާއި ނުބައިކަން، ކުފުރާއި އީމާންކަން، ކިޔަމަންތެރިވުމާއި ނުކިޔަމަންތެރިކަން ހިނގައިދަނީ الله  ގެ އިރާދަފުޅާއި އެއިލާހުގެ ބޭނުންވެވޮޑިގަތުމާ އެކުގައި ކަމަށް އީމާންވުމެވެ. އަދި الله އަކީ ހުރިހައި ތަކެއްޗެއް އުފެއްދެވި ޚާލިޤުވަންތަ އިލާހުކަމަށް އީމާންވުމެވެ. الله تعالى ވަޙީކުރެއްވި ފަދައިންނެވެ: ﴿ اللَّهُ خَالِقُ كُلِّ شَيْ﴾] الرعد: 16[. މާނައީ: "الله އީ ހުރިހައި އެއްޗެއް ޚަލްޤުކުރައްވާ އިލާހެވެ." ހަމަކަށަވަރުން ޤަދަރަށް އީމާންވުމަކީ މިއީ އެވެ. އޭގެ އިތުރުން ތިބާއަށް ކުރިމަތިވާ މުޞީބާތަކީ ތިބާ ކުށްކުރުވަން ހިނގައިދާ ކަމެއް ނޫންކަމަށާއި، ތިބާ ކުށްކުރުވި ކަމަކީ ތިބާއަށް މުޞީބާތް ކުރިމަތިކުރުވަން ހިނގައިދާ ކަމެއް ނޫންކަން ތިބާ ދެނެގަނެ އީމާންވުމެވެ. ހަމަކަށަވަރުން ޤަދަރަށް އީމާންވުމަކީ މިއީ އެވެ. އަދި أَهْلُ السُّنَّة وَالجَمَاعَة ގެ މަންހަޖަކީ މިއީ އެވެ.
 

ޤަދަރަށް އީމާންވުމުގައި أَهْلُ السُّنَّة وَالجَمَاعَة ގެ މަޛްހަބާ ޚިލާފުވާ ދެ ފިރުޤާއެއްވެ އެވެ.
 

ފުރަތަމަ ފިރުޤާ: ޤަދަރު ސާބިތުކުރުމުގައި އިތުރުކޮށް ހައްދު ފަހަނައަޅައިދިޔަ އެވެ. އަދި އިންސާނާގެ ކުޅަދާނަކަމާއި އޭނާގެ އިޚްތިޔާރާއި އޭނާގެ އިރާދަ ނަފީކުރި އެވެ. އަދި އޭގެ އިތުރުން (މި ފިރުޤާ ޤަބޫލުކުރަނީ) އިންސާނާ ޢަމަލުކުރަނީ އިޚްތިޔާރާއި ކުޅަދާނަކަމަކާއި އިރާދައަކާ ނުލައި ކަމަށެވެ. އަދި ހަމަކަށަވަރުން އޭނާގެ ޢަމަލުތަކުގައި އޭނާއަށް ވަނީ މަޖުބޫރުކުރެވިފައި ކަމަށެވެ. އެ ޢަމަލުތަކުގައި އޭނާއަށް އެއްވެސް އިޚްތިޔާރެއް ލިބިގެން ނުވެ އެވެ. މިމީހުންނަށް ކިޔެނީ: 'ޖަބްރީން'ނެވެ. އެމީހުން ވަނީ ސާބިތުކުރުމުގައި ހައްދު ފަހަނައަޅައިފަ އެވެ. އެމީހުން ހައްދު ފަހަނައެޅީ ޤަދަރު ސާބިތުކުރުމުގަ އެވެ. އަދި އިންސާނާގެ އިރާދަ އާއި އިންސާނާގެ އިޚްތިޔާރު އެމީހުން ނަފީކުރި އެވެ.
 

ދެވަނަ ފިރުޤާ: އަކީ ނަފީކުރާ ޤަދަރީންނެވެ. އެމީހުންނީ އިންސާނާގެ ކުޅަދާނަކަމާއި އިންސާނާގެ އިޚްތިޔާރާއި އިންސާނާގެ އިރާދައިގައި ހައްދު ފަހަނައެޅި މީހުންނެވެ. އަދި الله ގެ އިރާދަފުޅު ނަފީކޮށް، الله އަޅުތަކުންގެ ޢަމަލުތައް ތަޤްދީރުކުރެއްވި ކަމާއި އެއިލާހު އެ ޢަމަލުތައް އުފައްދެވިކަން ނަފީކުރި މީހުންނެވެ.
 

މިމީހުން (ޖަބްރީން) ހައްދުފަހަނަ އެޅީ އެއްކޮޅުންނެވެ. އަދި އެމީހުން (ނަފީކުރާ ޤަދަރީން) ހައްދުފަހަނަ އެޅީ އަނެއް ކޮޅުންނެވެ. މިމީހުން (ޖަބްރީން) ހައްދު ފަހަނައެޅީ الله ގެ ބޭނުންވެވޮޑިގަތުން ސާބިތުކުރުމުގައާއި، އެއިލާހުގެ އިރާދަފުޅު ސާބިތުކުރުމުގަ އެވެ. (ޖަބްރީން) ހައްދު ފަހަނައެޅީ އިންސާނާގެ އިޚްތިޔާރު ނަފީކުރާ ދަރަޖައަށެވެ. އަދި އެމީހުން (ނަފީކުރާ ޤަދަރީން) ހައްދުފަހަނަ އެޅީ އިންސާނާގެ މަޝީއާ ސާބިތުކުރުމުގައެވެ. އަދި އެމީހުން الله ގެ މަޝީއަތާއި الله  ގެ އިރާދަފުޅު ނަފީކުރި އެވެ. ހަމަކަށަވަރުން ޤަދަރީންނަކީ މިއީ އެވެ. އެމީހުންގެ ދެ ފިރުގާއަކީ ހައްދު ފަހަނައެޅި މީހުންނާއި ނަފީކުރާ މީހުންނެވެ.
 

އަދި أَهْلُ السُّنَّة وَالجَمَاعَة ގެ މަޛްހަބު ވަނީ އެނގިގެންނެވެ. އެއީ ޤަދަރު ސާބިތުކުރުމެވެ. އަދި الله އަށް ބޭނުންވެވޮޑިގަތުމަކާއި އިރާދަފުޅެއް ލިބިވޮޑިގެންވާ ކަމަށް އީމާންވުމެވެ. އަދި ކޮންމެ ކަމެއް ހިނގައިދަނީ الله ބޭނުންވެވޮޑިގަންނަވާ ގޮތަށް ކަމަށާއި، އެއިލާހުގެ އިރާދަފުޅާ އެކުގައި ކަމަށް އީމާންވުމެވެ. އަދި އިންސާނާއަށް މަޝީއާ އެއް ލިބިގެންވާ ކަމަށާއި، އޭނާއަށް އިރާދައެއް ލިބިގެންވާ ކަމަށާއި، އޭނާއަށް އިޚްތިޔާރެއް ލިބިގެންވާ ކަމަށް އީމާންވުމެވެ. އޭނާއަށް އެކަމުން ޘަވާބު ލިބޭނެ އެވެ. ނުވަތަ ޢުޤޫބާތް ދެވޭނެ އެވެ. أَهْلُ السُّنَّة وَالجَمَاعَة ގެ މަޛްހަބަކީ މިއީ އެވެ. އަދި އެމީހުންނާ ޚިލާފުވީ މީހުންނަށް ކިޔައި އުޅެނީ: 'ޤަދަރީން'ނެވެ. އެއީ އެމީހުން ޤަދަރުގައި ޚިލާފުވީމަ އެވެ.

 

ابن قُدَامَة  ވިދާޅުވިއެވެ: "އަދި މުރްޖީންނެވެ."

ޝަރަޙަ: އަލް-އިރްޖާއު ގެ މާނައަކީ ފަސްކުރުމެވެ. ތިބާ ބުނެއެވެ: "އަހަރެން ކަމެއް އިރްޖާކޮށްފީމެވެ." އެބަހީ އެކަން ފަސްކޮށްފީމެވެ. އަދި مُوسَى  އާއި އެ ރަސޫލާގެ ޤައުމުގެ މީހުންނާ ބެހޭގޮތުން ފިރްޢައުނުގެ އިސްވެރިންނާ ފިރްޢައުނު މަޝްވަރާކުރި ހިނދު އެމީހުން ބުންޏެވެ: ﴿قَالُوا أَرْجِهْ وَأَخَاهُ ﴾] الأعراف: 111[. މާނައީ: "އެއުރެން ބުނޫ އެވެ: އެ ނަބިއްޔާ އާއި އެ ނަބިއްޔާގެ އަޚު އިހަށް ފަސްކުރާށެވެ. (އެބަހީ: ބައިތިއްބާށެވެ.)" އެބަހީ އެ ނަބިއްޔާގެ ކަންތައް ފަސްކުރާށެވެ. ތިބާ ބަލައި ހޯދާ ސިހުރުވެރިންނާ އެކު ތިބާ އަތުވެއްޖައުމަށް ދާންދެނެވެ. އަދި މީސްތަކުންގެ ކުރިމަތީގައި އެ ސިހުރުވެރިން مُوسَى  އާ ދެކޮޅަށް ބަހުސްކުރުވުމަށްޓަކައެވެ. (އެކަން ވެގެން ދިޔައީ) الله  އިރާދަފުޅުކުރެއްވި ކަމެއް ހިނގައިދިއުމަށްޓަކައެވެ. އެމީހުން ހީކުރީ مُوسَى ގެ މައްޗަށް އެމީހުން ގަދަވާނެކަމަށެވެ. مُوسَى އަކީ ސިހުރުވެރިއެއް ކަމަށް އެމީހުން ޤަބޫލުކުރި ހިނދު، އެމީހުންނާ އެކުގައިވާ ސިހުރުވެރިން ގެނެސްފި ނަމަ، مُوسَى ގެ މައްޗަށް އެމީހުން ގަދަވާނެކަމަށް އެމީހުން ހީކުރި އެވެ. الله ކަންތައްތައް މެދުވެރިކުރެއްވީ މިއާ އިދިކޮޅަށެވެ. مُوسَى  ވަޑައިގަތީ الله  ގެ ޙަޟްރަތުންކަން ބަޔާންކޮށްދެއްވުމަށް الله އިރާދަފުޅުކުރެއްވި އެވެ. އަދި އެ ރަސޫލާއާ އެކުގައި ވަނީ، އެއާ ސިހުރުވެރިކަމާ އެއްފަދަވެގެންނުވާ، الله  ގެ ޙަޟްރަތުން އައިސްފައިވާ މުޢްޖިޒާތެއް ކަން ބަޔާންކޮށްދެއްވުމަށް الله އިރާދަފުޅުކުރެއްވި އެވެ. އަދި އެހެންކަމުން މި ބޮޑުވެގެންވީ މައިދާނުގައި ސިހުރުވެރިކަމުގެ ބާޠިލުކަން ފާޅުވެގެންދިޔައެވެ. އަދި ސިހުރުވެރިންތައް ތައުބާވެ الله  އަށްޓަކައި ސަޖިދަކުރާ ހާލުގައި ބިންމައްޗަށް ވެއްޓުނެވެ. އެއީ مُوسَى  އާ އެކުގައިވަނީ ޙައްޤުކަން އެމީހުންނަށް އެނގުމުންނެވެ. އެހެނީ އެމީހުންނީ ފަންނުގެ އަހުލުވެރިންނެވެ. އަދި ތަޖުރިބާގެ އަހުލުވެރިންނެވެ. އަދި ސިހުރާ ބެހޭގޮތުން ތަންދޮރު ދަންނަ މީހުންނެވެ. مُوسَى  އާ އެކުގައިވާ އެއްޗަކީ އިންސާނުންގެ އުފެއްދުމުގެ ތެރެއިންވާ އެއްޗެއް ނޫންކަމާއި، ހަމަކަށަވަރުން އެއީ الله  ގެ ޙަޟްރަތުން އައިސްފައިވާ މުޢްޖިޒާތެއް ކަމާއި، مُوسَى ގެ ތެދުވެރިކަމުގެ މައްޗަށް ދަލީލުކޮށްދޭ އާޔަތެއްކަން އެމީހުންނަށް އެނގުނެވެ. އެހެންކަމުން އެމީހުން مُوسَى އަށް އީމާންވި އެވެ. ދަލީލެއްގެ ގޮތުގައި ގެންނަ ހެކިދޭ ނުކުތާއަކީ الله ގެ ވަޙީބަސްފުޅެވެ: ﴿أَرْجِهْ وَأَخَاهُ﴾ މާނައީ: "އެނަބިއްޔާ އާއި އެނަބިއްޔާގެ އަޚު އިހަށް ފަސްކުރާށެވެ. (އެބަހީ: ބައިތިއްބާށެވެ.)" އެބަހީ ބަހުސް ހިނގައި ދަންދެން މޫސާއަށް ފަސްކުރާށެވެ. އަދި އެބައިމީހުން ބޭނުންވީ مُوسَى  އާ އެކުގައިވާ ކަންތައް މީސްތަކުންގެ ކުރިމަތީގައި ބާޠިލުކުރުވާށެވެ. އަލް-އިރްޖާއު އަކީ މިއީ އެވެ. ދެން މިތަނުގައި (މުޞައްނިފުގެ ބަސްފުޅުގައި) އަލް-އިރުޖާއުގެ މުރާދަކީ: އީމާންކަމުގެ ޢަމަލުތައް ފަސްކުރުމެވެ. އެމީހުން (މުރްޖީން) ބުނެއެވެ: "ހަމަކަށަވަރުން އީމާންކަމުގެ ތެރެއަށް ޢަމަލުތަކެއް ނުވަންނާނެ އެވެ." އެހެންކަމުން އީމާންކަމުގެ ޙަޤީޤަތް ބަޔާންކުރާ ހިނދު އެބައިމީހުން ޢަމަލުތައް ފަސްކުރިއެވެ. އަދި ޢަމަލުތަކަކީ ވަކި އެއްޗެއްގެ ގޮތުގައި ހެދިއެވެ. އަދި އީމާންކަމަކީ ވަކި އެއްޗެއްގެ ގޮތުގައި ހެދި އެވެ. ހަމަކަށަވަރުން މުރްޖީންނަކީ މިއީ އެވެ. އަދި އެބައިމީހުންނީ ހަތަރު ފިރުޤާއެކެވެ:

ފުރަތަމަ ފިރުޤާއަކީ: ޖަހްމީންނެވެ. އެބައިމީހުންނީ އީމާންކަމަކީ ހަމައެކަނި ހިތުން މަޢުރިފާކޮށް ދެނެގަތުން ކަމަށް ބުނާ މީހުންނެވެ. އެއްވެސް ޢަމަލެއް ނުކުރި ނަމަވެސް، އަދި އިޢްތިޤާދުކޮށް ޤަބޫލު ނުކުރި ނަމަވެސް، އަދި ތެދު ނުކުރި ނަމަވެސް، އަދި އެއްވެސް އެއްޗެއް ދުލުން (ފާޅުކޮށް) ނުބުނި ނަމަވެސް އޭނާއަކީ މުއުމިނެކެވެ. އޭނާއަށް ހިތުން އެނގޭކަމުގައި ވާހައި ހިނދަކު އެވެ. މިހެން ބުނާ ނަމަ ފިރްޢައުނަކީ ވެސް މުއުމިނެކެވެ. ސަބަބަކީ مُوسَى  އެކަމަކައިގެން ވަޑައިގެންނެވި ކަމަކީ ޙައްޤުކަން އޭނާއަށް އެނގޭތީ އެވެ. އެހެން ނަމަވެސް އޭނާ ފާޅުގައި އިންކާރުކުރަނީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުންނެވެ. - الله ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދި ދަންނަވަމެވެ. - (الله ވަޙީކުރެއްވި އެވެ:) ﴿وَجَحَدُوا بِهَا وَاسْتَيْقَنَتْهَا أَنْفُسُهُمْ ظُلْمًا وَعُلُوًّا ۚ فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُفْسِدِينَ﴾] النمل: 14[. މާނައީ: "އަދި އެ އާޔަތްތައް އެއީ ތެދުކަން އެއުރެންގެ ނަފްސުތަކަށް ޔަޤީންވެ ތިބެ، އަނިޔާވެރިކަމާއި ބޮޑާވެގަތުމުގެ ގޮތުން، އެ އާޔަތްތަކަށް އެއުރެން އިންކާރުކުރޫ އެވެ. ފަހެ ފަސާދަކުރާ މީހުންގެ ނިމުންވަނީ ކިހިނަކުންކަން އިބަ ނަބިއްޔާ ދެކެވަޑައިގަންނަވާށެވެ." ފަހެ ޖަހްމީންނާއި ޖަބްރީންގެ މަޛްހަބުގައިވާ ގޮތުން ނަމަ ފިރްޢައުނަކީ މުއުމިނެކެވެ. ސަބަބަކީ އޭނާއަށް ހިތުން އެކަން އެނގޭތީ އެވެ. އަދި މި މީހުންގެ ކައިރީގައި އިބްލީހަކީ ވެސް މުއުމިނެކެވެ. ސަބަބަކީ އޭނާއަށް އެނގޭތީ އެވެ. އަދި ކިއެއްތޯ އެވެ. އިބްލީސް ވަނީ ޞަރީޙަކޮށް ދުލުން ފާޅުކޮށް ބުނެފައެވެ: ﴿قَالَ رَبِّ بِمَا أَغْوَيْتَنِي﴾] الحجر: 39[. މާނައީ: "އެކަލޭގެ (އިބްލީސް) ބުންޏެވެ: ތިމަންގެ ވެރި އިލާހެވެ. އިބަ އިލާހު އަހަރެން މަގުފުރެއްދެވިކަމުގެ ސަބަބުން" އަދި ބުންޏެވެ: ﴿فَبِعِزَّتِكَ ﴾] ص: 82[. މާނައީ: "ފަހެ އިބަ އިލާހުގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ." އިބްލީސް الله އަށް ޢިއްޒަތް ސާބިތުކުރިއެވެ. އަދި އެ ސިފަފުޅު ބޭނުންކޮށް ހުވާ ވެސް ކުރިއެވެ. ފަހެ މި މީހުންގެ މަޛްހަބުން ބުނާ ނަމަ، އިބްލީސް ވާނީ މުއުމިނަކަށެވެ. ސަބަބަކީ އޭނާއަށް އެނގޭތީ އެވެ. އަދި މި އުސްލޫބު ބޭނުންކޮށްފި ނަމަ ބިންމަތީގައިވާ އެކަކު ވުސް ކާފަރުވެގެން ނުދާނެ އެވެ. ފަހެ މިއީ ބާޠިލު މަޛްހަބެކެވެ. އަދި މިއީ އަލް-އިރްޖާއުގެ އެންމެ މުޑުދާރު ޢަޤީދާ އެވެ.
 

ދެވަނަ ފިރުޤާއަކީ: އީމާންކަމަކީ ހަމައެކަނި ހިތުން ތެދުކޮށް ޤަބޫލުކުރުން ކަމަށް ދެކޭ މީހުންނެވެ. އެމީހުން ބުނެ އެވެ: "މަޢުރިފާކޮށް ދެނެގަތުމުން ނުފުދެ އެވެ. ކޮންމެހެން ވެސް ހިތުން ތެދުކޮށް ޤަބޫލުކުރަންޖެހެ އެވެ. ދުލުން ނުބުނި ކަމުގައިވީ ނަމަވެސް، އަދި އޭނާގެ ގުނަވަންތަކުން އޭނާ ޢަމަލުނުކުރި ކަމުގައިވީ ނަމަވެސް، الله އާއި، އެއިލާހުގެ ރަސޫލާ އާއި، އެއިލާހުގެ ދީން ހިތުން ތެދުކޮށް ޤަބޫލުކުރާހާ ހިނދަކު އޭނާއަކީ އީމާންކަން ފުރިހަމަވެގެންވާ މުއުމިނެކެވެ. އަދި މިއީ އަޝްޢަރީންގެ ބަހެވެ. އަދި އަލް-ކަލާމް (ފަލްސަފާ) ގެ ޢިލްމުވެރިންގެ ތެރެއިން އެމީހުންނާ އެއްބަސްވި މީހުންގެ ބުނުމެވެ. ފަހެ އެމީހުން ދެކޭ ގޮތުގައި އީމާންކަމަކީ ހަމައެކަނީ ހިތުން ތެދުކޮށް ޤަބޫލުކުރުމެވެ.
 

ތިންވަނަ ފިރުޤާއަކީ: އީމާންކަމަކީ ހަމައެކަނި (ދުލުން ބުނާ) ބުނުންކަމަށް ދެކޭ މީހުންނެވެ. އޭނާގެ ހިތުން އިޢުތިޤާދުކޮށް ޤަބޫލުނުކުރި ކަމުގައިވީ ނަމަވެސްމެ އެވެ. ހަމަކަށަވަރުން އޭނާގެ ދުލުން ފާޅުކޮށް ބުނެފި ނަމަ އޭނާއަކީ މުއުމިނެކެވެ. އޭނާ ހިތުން ޤަބޫލުނުކުރި ކަމުގައިވީ ނަމަވެސްމެ އެވެ. އަދި މިއީ ކައްރާމީންގެ ބަހެވެ. އަދި مُحَمَّد بن كَرَّام (މުޙައްމަދު ބިން ކައްރާމު) އަށް ތަބަޢަވީ މީހުންގެ ބަހެވެ. އޭގެ ޛިކުރު އަދި ކުރިއަށް އޮތް ތަނުގައި އަންނާނެ އެވެ.
 

މުރްޖީންގެ ހަތަރުވަނަ ފިރުޤާއަކީ: ހަމަކަށަވަރުން އީމާންކަމަކީ ހިތުން ތެދުކޮށް ޤަބޫލުކުރުމާއި، ދުލުން ބުނެ ފާޅުކުރުން ކަމަށް ބުނާ މީހުންނެވެ. ދެންފަހެ ގުނަވަންތަކުން ޢަމަލުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ނޫނެވެ. ހަމަކަށަވަރުން އެއީ އީމާންކަމަށް އޮތް ޝަރުޠެކެވެ. ނުވަތަ އީމާންކަން ފުރިހަމަ ކޮށްދޭ ކަމެކެވެ. އެއީ އީމާންކަމުގެ ޙަޤީޤަތުގެ ތެރެއިންވާ ކަމެއް ނޫނެވެ. އަދި މިމީހުންނަށް ކިޔައި އުޅެނީ: مرجئة الفقهاء (މުރްޖިއަތުލް-ފުޤަހާއު) އެވެ. (އފިޤުހުވެރިންގެ މުރްޖީންނެވެ.) އެހެނީ ޙަނަފީންގެ ތެރެއިން ގިނަ މީހުން ވަނީ އެ ރައުޔުގެ މަތީގައެވެ. އެމީހުންގެ މަޛްހަބަކީ މިއީ އެވެ: "އީމާންކަމަކީ ދުލުން ބުނުމެވެ. އަދި ހިތުން އިޢުތިޤާދުކުރުމެވެ. ދެންފަހެ (ގުނަވަންތަކުގެ) ޢަމަލުތަކަކީ ޢީމާންކަމުގެ އަސްލުގެ ތެރެއަށް ވަންނަ އެއްޗެއް ނޫނެވެ."
 

އެހެންކަމުން، މުރްޖީންގެ ހުރިހައި ހަތަރު ފިރުޤާގައި، އެ އެންމެން ވެސް އީމާންކަމުގެ މާނައިން ޢަމަލުތައް ބޭރުކުރާ ތަން އަހަރެމެންނަށް ފެނެ އެވެ. އަދި އެމީހުން ދެކޭ ގޮތުގައި އީމާންތެރިކަމަކީ އެކައްޗެކެވެ. އެއީ އިތުރުވާ އެއްޗެއް ނޫނެވެ. އަދި އުނިވާ އެއްޗެއްވެސް ނޫނެވެ. އަދި ޖިބްރީލްގެ އީމާންކަމާއި މުސްލިމުންގެ އެންމެ ފާސިޤު މީހާގެ އީމާންކަން އެއްފަދަވެގެންވާ ކަމަށް އެމީހުން ދެކެ އެވެ. އެމީހުންގެ ކައިރީގައި އީމާންތެރިކަމަކީ އިތުރުވާ އެއްޗެއް ނޫނެވެ. އަދި އުނިވާ އެއްޗެއް ވެސް ނޫނެވެ. އަދި ކިއެއްތޯ އެވެ. އެމީހުންގެ ތެރެއިން ބަޔަކު ބުނެ އެވެ: "لَا يَضُرُّ مَعَ الإِيمَانِ مَعْصِيَةٌ، كَمَا لَا يَنْفَعُ مَعَ الْكُفْرِ طَاعَةٌ" މާނައީ: "އީމާންކަމުގެ ސަބަބުން ފާފައަކުން ގެއްލުމެއް ނުލިބޭނެ އެވެ. ކުފްރުގެ ސަބަބުން ކިޔަމަންތެރިކަމެއްގެ ފައިދާ ނުކުރާ ފަދައިންނެވެ." މިއީ އެމީހުންގެ ބާޠިލު މަޛްހަބުގެ ގޮފިތަކުގެ ތެރެއިންވާ ގޮތްޕެކެވެ. ދެން ފަހެ أَهْلُ السُّنَّة وَالجَمَاعَة ބުނަނީ: "الإِيمَانُ قَوْلٌ بِاللِّسَانِ، وَاعْتِقَادٌ بِالقَلْبِ، وَعَمَلٌ بِالجَوَارِحِ، يَزِيدُ بِالطَّاعَةِ وَيَنْقُصُ بِالمَعْصِيَةِ" މާނައީ: "ޢީމާންކަމަކީ ދުލުން ބުނުމެވެ. އަދި ހިތުން އިއުތިޤާދު ކުރުމެވެ. އަދި ގުނަވަންތަކުން ޢަމަލުކުރުމެވެ. ކިޔަމަންތެރި ޢަމަލުތަކުގެ ސަބަބުން އެ (އީމާންކަން) އިތުރުވެގެންދެ އެވެ. އަދި ފާފައިގެ ސަބަބުން އެ އުނިވެގެންދެ އެވެ." ފަހެ މީސްތަކުންގެ އީމާންތެރިކަންވަނީ އެއްހަމައެއްގައެއް ނޫނެވެ. އެމީހުންގެ ތެރެއިން ބައެއްގެ އީމާންތެރިކަން އަނެއް ބަޔަކަށް ވުރެ ފުރިހަމަވެގެންވެ އެވެ. އަދި ބައެއް މީހުން އީމާންތެރިކަމުގައި އުނިވެގެންވެ އެވެ. ފަހެ މިއީ الله ގެ ފޮތުންނާއި، އެއިލާހުގެ ރަސޫލާ ﷺ ގެ ސުންނަތުން ވާރިދުވެފައިވާ ދަލީލުތައް ޖަމާކުރާ ޙައްޤު ބަހެވެ.

ابن قُدَامَة  ވިދާޅުވިއެވެ: "އަދި މުޢްތަޒިލީންނެވެ."


ޝަރަޙަ: މުޢްތަޒިލީންނަކީ: އެމީހުންގެ ޝައިޚު އަދި އެމީހުންގެ ރައީސް وَاصِل بِنْ عَطَاء (ވާޞިލު ބިން ޢަޠާއު) އަށް ނިސްބަތްވާ މީހުންނެވެ. އަދި އޭނާ އުޅުނީ ތާބިޢީންގެ އިމާމް الحَسَنُ البَصْرِي (އަލް-ޙަސަން އަލް-ބަޞަރީ)  ގެ މަޖިލީހުގައެވެ. ފަހެ ބޮޑު ފާފައަށް އަރައިގަންނަ މީހާއާ ބެހޭގޮތުން الحَسَن އާ ސުވާލުކުރެވުނެވެ. ފަހެ ވިދާޅުވި އެވެ: "هُوَ مُؤْمِنٌ نَاقِصُ الإِيمَانِ" މާނައީ: "އޭނާއަކީ އީމާންތެރިކަން އުނިވެގެންވާ މުއުމިނެކެވެ." އެހިނދު وَاصِل ބުންޏެވެ: "އޭނާއަކީ (އެބަހީ ބޮޑު ފާފައަށް އަރައިގަންނަ މީހާއަކީ) މުއުމިނެކޭ އަހަރެން ނުބުނާނަމެވެ. އަދި އޭނާއަކީ ކާފަރަކޭ ވެސް އަހަރެން ނުބުނާނަމެވެ. އަހަރެން ބުނާނީ އޭނާ ވަނީ ދެ މަޤާމުގެ ދެމެދުގައިވާ މަޤާމެއްގަ އެވެ. އަދި އޭނާ ތައުބާ ނުވެ މަރުވެއްޖެ ނަމަ އޭނާއަކީ ނަރަކައިގައި އަބަދުގެ އަބަދަށް ދެމިހުންނާނެ ކާފަރެކެވެ." އެއަށްފަހު الحَسَن ގެ މަޖިލީހުން އިޢްތިޒާލުވި (ދުރުވެ އެކަހެރިވި) އެވެ. އަދި އޭނާއަށް ތަބަޢަވީ މީހުންގެ ތެރެއިން ޖަމާޢަތެއް އޭނާއާ ގުޅުނެވެ. ފަހެ އެ ވަގުތުން ފެށިގެން އެމީހުންނަށް މުޢްތަޒިލީންގެ ނަން ދެވުނެވެ. އަދި އީމާންކަމުގައި އެމީހުންގެ މަޛްހަބު ކައިރިވެގެންވަނީ ޚަވާރިޖުންގެ މަޛްހަބާ އެވެ. އެމީހުން (މުޢްތަޒިލީން) ބުނަނީ: "ހަމަކަށަވަރުން ބޮޑު ފާފައަށް އަރައިގަންނަ މީހާ އަކީ އީމާންކަމުން ބޭރުވެގެންވާ މީހެކެވެ. އެހެން ނަމަވެސް އޭނަ ކުފްރުގެ ތެރެއަކަށް ނުވަންނާނެ އެވެ. އެއާ ޚިލާފަށް އޭނާ ވަނީ ދެ މަޤާމުގެ ދެމެދުގައިވާ މަޤާމެއްގަ އެވެ. އަދި އޭނާ ތައުބާ ނުވެ މަރުވެއްޖެ ނަމަ އޭނާއަކީ ކާފަރެކެވެ." ޚަވާރިޖުން ބުނާ ފަދައިންނެވެ. "އަދި އޭނާ ނަރަކައިގައި އަބަދުގެ އަބަދަށް ދެމިއޮންނާނެ އެވެ." މުޢްތަޒިލީންގެ މަޛްހަބަކީ މިއީ އެވެ.


އަދި އޭގެ އިތުރުން ސިފަފުޅުތަކުގައި އެމީހުންގެ މަޛްހަބަކީ (الله ގެ) ސިފަފުޅުތައް ނަފީކުރުމެވެ. އަދި އެމީހުންގެ ބާޠިލު ރައުޔުތައް ބޭނުން ކޮށްގެން، ސިފަފުޅުތަކުގެ މާނަ ނޫން މާނަތަކަށް، އެމީހުން އެ ސިފަފުޅުތައް ތައުވީލުކޮށް ބަދަލުކުރެ އެވެ. ހަމަކަށަވަރުން މުޢްތަޒިލީންނަކީ މިއީ އެވެ.

 

ابن قُدَامَة  ވިދާޅުވިއެވެ: "އަދި ކައްރާމީންނެވެ."

ޝަރަޙަ: ކައްރާމީންނަކީ مُحَمَّد بِنْ كَرَّام (މުޙައްމަދު ބިން ކައްރާމު) އަށް ތަބަޢަވީ މީހުންނެވެ. އަދި (الله ގެ) ސިފަފުޅުތައް ސާބިތުކުރުމުގައި އޭނާ ހައްދު ފަހަނައަޅައިދިޔަ އެވެ. އެއްފަދަކޮށް، ޖިސްމެއްވާ ކަމަށް ބުނާ ހިސާބަށެވެ.

 

ابن قُدَامَة  ވިދާޅުވިއެވެ: "އަދި ކުއްލާބީންނެވެ."

ޝަރަޙަ: ކުއްލާބީންނަކީ: عَبْدُ الله بِنْ سَعِيد بِنْ كُلَّاب (ޢަބްދު الله ބިން ސަޢީދު ބިން ކުއްލާބު) އަށް ތަބަޢަވީ މީހުންނެވެ. އަދި މި މަޛްހަބުގެ މައްޗަށް އަޝްޢަރީންގެ ގިނަ މީހުން، ނުވަތަ މިއަދު އުޅޭ ހުރިހައި އަޝްޢަރީންވެ އެވެ. އެބައިމީހުން (الله ގެ) ގިނަ ސިފަފުޅުތައް ނަފީކުރެ އެވެ. އަދި ހަތް ސިފަފުޅު މެނުވީ، ނުވަތަ އެމީހުން ބުނާ ފަދައިން ސާދަ ސިފަފުޅު މެނުވީ އެއްވެސް ސިފަފުޅެއް އެމީހުން ސާބިތެއް ނުކުރެ އެވެ. އެއީ އެމީހުން ބުނާ ގޮތުން ނަމަ: "އެ ސިފަފުޅުތަކަކީ ބުއްދިން ދަލީލުކޮށްދޭ ސިފަފުޅުތަކެވެ. އަދި އެނޫން ސިފަފުޅުތަކުގެ މައްޗަށް ބުއްދި ދަލީލެއް ނުކޮށްދެ އެވެ. ހަމަކަށަވަރުން އޭގެ މައްޗަށް ދަލީލުކޮށްދިނީ އަޑުއެހުމުން އެކަންޏެވެ." މިއީ ކުއްލާބީންގެ މަޛްހަބެވެ.

 

ابن قُدَامَة  ވިދާޅުވިއެވެ: "އަދި އެމީހުންނާ އެއްފަދަ މީހުންނެވެ."

ޝަރަޙަ: އަދި މި ފިރުޤަތަކާ އެއްފަދަ ފިރުޤާތަކެވެ. އެހެނީ މުޞައްނިފު މިތަނުގައި ގެނެސްދެއްވާފައިވަނީ ހަމައެކަނި ނަމޫނާތަކެކެވެ. އެހެނީ ފިރުޤާތައް ގިނަވެގެންވެ އެވެ. އަދި ފިރުޤާތައް އުފެދޭނެ އެވެ. އަދި އެއިން ގޮފިތައް ފަޅާނެ އެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ފަދައިންނެވެ: {وَسَتَفْتَرِقُ هَذِهِ الأُمَّةُ عَلَى ثَلَاثٍ وَسَبْعِينَ فِرْقَةً كُلُّهَا فِي النَّارِ إِلَّا وَاحِدَة}(1). މާނައީ: "އަދި މިއުންމަތް ހަތްދިހަ ތިން ފިރުގާއަށް (ޖަމާޢަތަށް) ބެހިގެންދާނެ އެވެ. އެންމެ ފިރުޤާއެއް މެނުވީ އެ އެންމެހައި ފިރުޤާތައް ވަނީ ނަރަކައިގަ އެވެ." (ޢިލްމުވެރިން) ވިދާޅުވި އެވެ: "މިއީ ފިރުޤާތަކުގެ މޫތަކެވެ. އެހެނީ އޭގެ ބައިތަކާއި ޖަމާޢަތްތައް ހަތްދިހަ ތިން ބަޔަށްވުރެ އިތުރުވެގެންވެ އެވެ. އެހެން ނަމަވެސް މިއީ އެ ފިރުޤާތަކުގެ މޫތަކެވެ."

❋ ❋ ❋
ލިޔުން ނަގައިފައިވަނީ: شرح لمعة الاعتقاد الهادي إلى سبيل الرشاد للإمام أبي محمد موفق الدين عبد الله بن قدامة رحمه الله، الشرح بقلم فضيلة الشيخ صالح بن فوزان بن عبد الله الفوزان، ص 264-284، دار الفرقان، الطبعة الأولى 1425 ه 2004 م.

 

އިސްލާމް ދީނުގައި ހަޖުރުކުރުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ނަމާދަށް ނާރާ އަދި ބަނގުރާ ބުއިމުގައިވާ އަވަށްޓެރިޔާ މެދު ޢަމަލުކުރާނީ ކިހިނެތް؟ - الشَّيْخ العَلاَّمَة عَبدُالعَزِيز بن باَز رحمه الله | 20 މާރޗް 2018

 ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ހަޖުރުކުރުމަށް ޢިލްމުވެރިން ވެފައިވާ އިޖުމާޢު 02 - عبد الرحمن بن أبي الزّناد رحمه الله | 28 ސެޕްޓެމްބަރ 2017

 ޙައްޤު އޮޅުވާލައި ބާޠިލް ފެތުރުމަށްޓަކައި ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ބޭނުންކުރާ އުސްލޫބުތައް 01 - މުތަޝާބިހު ނައްޞުތަކުން ދަލީލު ނެގުން | 23 ސެޕްޓެމްބަރ 2017

 ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ހަޖުރުކުރުމަށް ޢިލްމުވެރިން ވެފައިވާ އިޖުމާޢު 01 - الإمام عبد الرحمن بن عمرو الأوزاعي رحمه الله | 18 ސެޕްޓެމްބަރ 2017

 "ހަޖުރު ކުރުން، ގުޅުން ކެނޑުން ދީނުގައި އަސާސެއް ގޮތުގައިވާ ޒަމާނެއް ނުވާކަމަށް" ބުނާ ދޮގުވެރި ޖޭ.އެސް އަށް ބަޔާންވެގެންވާ ރައްދު - الإِمَامُ شيخ الإسلام ابن تيمية رحمه الله | 21 ޖުލައި 2017

 އިޚްވާނުލް މުސްލިމީންނަށް ދަޢުވަތު ދޭ މީހުންނާއި، ޚަވާރިޖު ފިކުރަށް ދަޢުވަތުދޭ މީހުން ޙަޖަރު ކުރުން - الإِمَامُ العَلَّامَة رَبِيع بن هَادي المَدخَلِي حفظه الله | 21 ޖުލައި 2017

 هجر ކުރުން - ގުޅުން ކެނޑުން ދީނުގެ އަސާސެއް (އުޞޫލެއް) ގޮތުގައި އިސްލާމީ ތާރީޚު ފެށުނީއްސުރެ ފެންނަން އެބައޮތް (އުންމަތުގެ ސަލަފުންގެ އިޖްމާޢު) - أُسْتَاذ أبو أنس محمد حسن حفظه الله | 16 ޖުލައި 2017

ބިދުޢައިގެ އަހުލުވެރިއަކަށް ހެޔޮކޮށް ހިތުމުގެ ގޮތުން ނުވަތަ ލޯބިވާތީވެ ޒިޔާރަތްކުރުމުގެ ޙުކުމް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 29 މާރޗް 2016

ފިރިމީހާ އޭނާގެ އަނބިމީހާއަށް ފިކުރީ ފޮތްތައް، ޙިޒްބީންގެ ފޮތްތައް ކިޔުން މަނާ ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 04 ފެބުރުއަރީ 2016

ޒުވާނުންނަށާއި އެނޫން މީހުންނަށް ވާޖިބުވެގެންވަނީ أَهْلُ السُّنَّة އާ ޚިލާފުވާ އެންމެނާ ދުރުވުމެވެ. - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 14 ނޮވެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...