ފާފަވެރިންނަށް ވުރެ ބިދުޢަވެރިންގެ ޢަޛާބު ބޮޑެވެ. އަދި ބިދުޢަވެރިން ތައުބާވުމަކީ ނާދިރުކަމެކެވެ. - الشَّيْخ صَالِح بنُ فَوْزَان الفَوْزَان حفظه الله

ސުވާލު: ޢަޛާބު ބޮޑީ ކޮންބައެއްގެތޯ: ފާފަވެރިންގެތޯ ނުވަތަ ބިދުޢަވެރިންގެތޯ؟
ޖަވާބު: ބިދުޢަވެރިންގެ އަޛާބު ބޮޑެވެ. އެއީ ފާފައަށް ވުރެ ބިދުޢަ ބޮޑުވެގެންވާތީ އެވެ. އަދި ފާފައަށް ވުރެ ބޮޑަށް ބިދުޢަ ދެކެ ޝައިޠާނާ ލޯބިވެ އެވެ. އެއީ ފާފަވެރިޔާ ތައުބާވާނެތީ އެވެ.(1) އެހެން ނަމަވެސް ބިދުޢަވެރިޔާ، ފަހެ އޭނާ ތައުބާވާލެއް މަދެވެ. އެއީ އޭނާ ހީކުރާ ގޮތުގައި އޭނާ ވަނީ ޙައްޤުގެ މަތީގައެވެ. ފާފަވެރިޔާއާ ޚިލާފަށެވެ. ފަހެ ހަމަކަށަވަރުން އޭނާއަކީ ފާފަވެރިއެއްކަން އޭނާ ދަނެ އެވެ. އަދި އޭނާއަކީ ފާފައަށް އަރައިގަތް މީހެއްކަން ދަނެ އެވެ. ދެން ފަހެ ބިދުޢަވެރިޔާ، ފަހެ ހަމަކަށަވަރުން އޭނާ ދެކޭ ގޮތުގައި އޭނާއަކީ ކިޔަމަންތެރިއެކެވެ. އަދި އޭނާ ވަނީ ކިޔަމަންގަތުމުގެ މަތީގައިކަމަށް އޭނާ ޤަބޫލުކުރެ އެވެ. އެ ސަބަބަށްޓަކައި ފާފައަށްވުރެ ބިދުޢައިގެ ނުބައިކަން ބޮޑުވެގެންވެ އެވެ. - الله ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދި ދުޢާކުރަމެވެ. - އަދި އެ ސަބަބަށްޓަކައި، ބިދުޢަވެރިންނާ އެކު އެއްތަންވެ އުޅުމަށް ސަލަފުން އިންޒާރުދެއްވި އެވެ.(2) އެއީ އެ ބިދުޢަވެރިންނާ އެކު އެއްތަންވެ އުޅުނު މީހަކަށް އެބައިމީހުންގެ އަސަރުކުރާނެތީ އެވެ. އަދި އެބައިމީހުންގެ ނުރައްކައު ބޮޑުވެގެންވާތީ އެވެ.
އެއްވެސް ޝައްކެއް ނެތެވެ. ހަމަކަށަވަރުން ފާފައަށް ވުރެ ބިދުޢަ ނުބައިވެގެންވެ އެވެ. އަދި ފާފަވެރިޔާގެ ނުރައްކަލަށް ވުރެ މީސްތަކުންނަށް ބިދުޢަވެރިޔާގެ ނުރައްކައުތެރިކަން ބޮޑުވެގެންވެ އެވެ.(1) އަދި މި ސަބަބަށްޓަކައި ސަލަފުން ވިދާޅުވި އެވެ: "اِقْتِصَادٌ في سُنَّةٍ خَيْرٌ مِنْ اِجْتِهَادٍ في بِدْعَةٍ"(2)، މާނައީ: "ބިދުޢައެއްގައި ގަދައަޅައި މަސައްކަތްކުރުމަށް ވުރެ ސުންނަތެއްގައި އިޤްތިޞާދުކުރުން ހެޔޮކަން ބޮޑުވެގެންވެ އެވެ."
ފަތުވާ ނަގައިފައިވަނީ: الأجوبة المفيدة عن أسئلة المناهج الجديدة، س5، ص27-28، دار سحاب السلفية، الطبعة الخامسة 1432 ه.
******
(1) މި ލިޔުމުގައިވާ ފުޓްނޯޓުތައް ލިޔުއްވާފައިވަނީ މި ފަތުވާ ނެގިފައިވާ ފޮތް ތައްޔާރުކުރައްވާފައިވާ ދަރިވަރު جَمَال بِن فُرَيْحَان الحَارِثِي އެވެ.
سُفْيَانُ الثَّوْرِيُّ ވިދާޅުވި އެވެ: "البِدْعَةُ أَحَبُّ إِلَى إِبْلِيسَ مِنَ الـمَعْصِيَة؛ فَإِنَّ الـمَعْصِيَةَ يُتَابُ مِنْهَا، وَالْبِدْعَةُ لَا يُتَابُ مِنْهَا"، މާނައީ: "ފާފައަށް ވުރެ ބޮޑަށް ބިދުޢަ ދެކެ އިބިލީސް ލޯބިވެ އެވެ. އެހެނީ ހަމަކަށަވަރުން ފާފައިން ތައުބާވެވޭނެ އެވެ. އަދި ބިދުޢައިން ތައުބާއެއް ނުވެވޭނެ އެވެ." (އެބަހީ ބިދުޢައިގެ އަހުލުވެރިޔާ ތައުބާވާކަށް ނޫޅޭނެ އެވެ.) مسند ابن الجعد (1885)، مجموع الفتاوى (11/472).
އަދި ނަބިއްޔާ ޙަދީޘްކުރެއްވި އެވެ: {إِنَّ اللهَ احْتَجَزَ التَّوبَةَ عَنْ صَاحِبِ كُلِّ بِدْعَةٍ}، މާނައީ: "ހަމަކަށަވަރުން ކޮންމެ ބިދުޢައިގެ ޞާޙިބެއްގެ ކިބައިން ތައުބާވުން الله މަނާކުރެއްވި އެވެ." (އެބަހީ ތައުބާވާން ފަސޭހަކޮށް ނުދެއްވާނެ އެވެ. އަދި ތައުބާވާން ތައުފީޤު ނުދެއްވާނެ އެވެ.) الصحيحة (1620).
(2) الحَسَنُ البَصَرِيُّ ވިދާޅުވި އެވެ: "لَا تُجَالِسْ صَاحِبَ بِدْعَةٍ؛ فَإِنَّهُ يُمْرِض قَلْبَكَ" މާނައީ: "ތިބާ ބިދުޢައިގެ ޞާޙިބުއާ އެކު އެއްތަންވެ ނުއުޅޭށެވެ. ފަހެ ހަމަކަށަވަރުން އޭނާ ތިބާގެ ހިތަށް ބަލިޖައްސާނެ އެވެ." الاعتصام (1/172)، البدع والنهي عنها (ص 54). =
= އަދި الشَّاطِبِيُّ (1/158) ވިދާޅުވި އެވެ: "فَإِنَّ فِرْقَةَ النَّجَاةِ-وَ هُمْ أَهْلُ السُّنَّةِ- مَأْمُورُونَ بِعَدَاوَةِ أَهْلِ الْبِدَعِ، وَالتَّشْرِيدِ بِهِم، وَالتَّنْكِيلِ بِمَنْ اِنْحَاشَ إِلَى جِهَتِهِم بِالْقَتْلِ فَمَا دُونَه، وَقَدْ حَذَّرَ الْعُلَمَاءُ مِنْ مُصَاحَبَتِهِم وَمُجَالَسَتِهِم" މާނައީ: "ހަމަކަށަވަރުން ސަލާމަތްކަން ލިބިގެންވި ފިރުޤާ، އެބަހީ ސުންނަތުގެ އަހުލުވެރިންނަށް ވަނީ ބިދުޢަތަކުގެ އަހުލުވެރިންނަށް ޢަދާވަތްތެރިވުމަށް އަމުރުކުރެވިގެންނެވެ. އަދި އެމީހުން ފަޟީޙަތްކޮށް އެބައިމީހުންގެ އައިބުތައް މީސްތަކުންގެ މެދުގައި ފާޅުކުރުމަށާއި، އެމީހުންގެ ފަޅިއަށް އަވަސްވެގަތް މީހާ ޤަތުލުކޮށް ނުވަތަ އެނޫން ޢުޤޫބާތެއް ދީގެން މީސްތަކުންނަށް ފިލާވަޅުދީ ބިރުދެއްކުމަށް އަމުރުކުރެވިގެންނެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިން ވަނީ އެމީހުންނާ ރަހުމަތްތެރިކަން ބޭއްވުމާއި، އެމީހުންނާ އެކު އެއްތަންވެ އުޅުމާ ބެހޭގޮތުން އިންޒާރުދެއްވާފައެވެ."
އަހަރެން ބުނަމެވެ: الله ސަލަފުންނަށް ރަޙުމްކުރައްވާށި އެވެ. އެބޭފުޅުން ބިދުޢައިގެ ޞާޙިބަކު ދެރަ ނިކަމެތި ކޮށްލައްވާފައި، އަދި އިންޒާރުދެއްވާފައި މެނުވީ ދޫކޮށެއް ނުލައްވައެވެ.
(1) شَيْخُ الإِسْلَام اِبْنُ تَيْمِيَّة ބިދުޢައިގެ އަހުލުވެރިންގެ ނުރައްކައުތެރިކަމާ ބެހޭގޮތުން ވިދާޅުވި އެވެ: "وَلَوْلَا مَنْ يُقِيمُهُ اللهُ لِدَفْعِ ضَرَرِ هَؤُلَاءِ – يَعْنِي: أَهْلَ الْبِدَعِ - لَفَسَدَ الدِّينُ، وَكَانَ فَسَادُهُ أَعْظَمَ مِنْ فَسَادِ اسْتِيلَاءِ العَدُوِّ مِنْ أَهْلِ الحَرْبِ؛ فَإِنَّ هَؤُلَاءِ إِذَا اسْتَوْلُوا لَمْ يُفْسِدُوا الْقُلُوبَ وَمَا فِيهَا مِنَ الدِّينِ إِلَّا تَبَعًا، أَمَّا أُولَئِكَ المُبْتَدِعَة فَهُم يُفْسِدُونَ الْقُلُوبَ اِبْتِدَاءً" މާނައީ: "މިމީހުންގެ - އެބަހީ ބިދުޢައިގެ އަހުލުވެރިންގެ ގެއްލުން ދިފާއުކުރާނެ ފަރާތެއް الله ޤާއިމް ނުކުރެއްވި ނަމަ، ހަމަކަށަވަރުން ދީން ފަސާދަވެއްޖައީހެވެ. އަދި އެ ފަސާދަވާހުށީ، ޢަދުއްވުންގެ ތެރެއިން ހަނގުރާމައިގެ އަހުލުވެރިން ގަދަބާރުން ވެރިވެގަތުމަށްވުރެ ބޮޑު ފަސާދައަކަށެވެ. އެއީ ހަމަކަށަވަރުން އެބައިމީހުން ގަދަބާރުން ވެރިވެގެންފި ނަމަ، ހިތްތަކާއި، އެ ހިތްތަކުގައިވީ ދީންވެރިކަން ފަސާދައެއް ނުކޮށްލާނެ އެވެ. ފަހުން އަންނަ ކަމެއްގެ ގޮތުގައި މެނުވީ އެވެ. ދެން ފަހެ އެ ބިދުޢަވެރިންތައް، ފަހެ އެމީހުން ފަށާ ފެށުމުގައި ވެސް ހިތްތައް ފަސާދަކޮށްލާނެ އެވެ." مجموع الفتاوى (28/232).
އަދި އޭގެ އިތުރުން اِبْنُ تَيْمِيَّة ވިދާޅުވި އެވެ: "أَهْلُ الْبِدَعِ شَرٌّ مِنْ أَهْلِ الْـمَعَاصِي الشَّهْوَانِيَّةِ بِالسُّنَّةِ وَالْإِجْمَاعِ" މާނައީ: "ސުންނަތުންނާއި އިޖްމާޢުން، ޝަހުވާނީ ފާފަތަކުގެ އަހުލުވެރިންނަށް ވުރެ ބިދުޢަތަކުގެ އަހުލުވެރިން ނުބައިވެގެންވެ އެވެ." (20/103).
(2) ابْنُ مَسْعُود ގެ ބަސްފުޅުތަކުގެ ތެރެއިންނެވެ. ބައްލަވާ: اللالكائي (114)، الإبانة (161)، السنة لابن نصر (30)، الصحيحة (5/14).