ޖުނުބުވެރިވެފައިވާކަން ނޭނގިހުރެ ނަމާދުކުރި މީހާގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله

ސުވާލު: އަޅުގަނޑު ޖުނުބުވެރިވެފައިވާކަން ފަތިސް ނަމާދު ކުރި ފަހުން އެނގުމުން އަޅުގަނޑު ހިނައިގަތީމެވެ. އަދި ހިނައިގަތުމަށް ފަހު އަލުން ފަތިސް ނަމާދު ކުރީމެވެ. ފަހެ، ހިނައިގަތުމުގެ ކުރިން އަޅުގަނޑު ކުރި ނަމާދު ޞައްޙަތޯ އެވެ؟ އެއީ އަޅުގަނޑު ޖުނުބުވެރިވެފައިވާކަން އަޅުގަނޑަށް ނޭނގޭތީ އެވެ.
ޖަވާބު: ނަމާދު ޞައްޙައެއް ނޫނެވެ. ތިބާ ވަނީ ޖުނުބުވެރިވެފައިކަން، ނުވަތަ ޠަހާރަތުގެ މަތީގައި ނޫންކަން އެނގުނުހައި ހިނދަކު، ތިބާގެ ނަމާދު ޞައްޙައެއް ނޫނެވެ. އެހެން ނަމަވެސް (ތިބާއީ އިމާމެއް ނަމަ) ތިބާއާ އެކު ނަމާދުކުރި މީހުންގެ ނަމާދު ޞައްޙައެވެ. ތިބާއަށް ނޭނގި އަދި ތިބާއާ އެކު ނަމާދު ކުރި މީހުންނަށް (ތިބާ ޖުނުބުވެރިވެފައިވާކަން) ނޭނގޭ ޙާލުގައެވެ. ދެން ފަހެ ތިބާ، ތިބާގެ ނަމާދު ޞައްޙައެއް ނޫނެވެ. ތިބާ އެނަމާދު އިޢާދަކުރާނީ އެވެ. އެއީ ތިބާވަނީ ޙަދަޘްވެރިކަމުގެ މަތީގައިކަން އެނގުމުންނެވެ. ފަހެ ތިބާގެ މައްޗަށް ވަނީ ނަމާދު އިޢާދަކުރުމެވެ.
މިސާލަކަށް ކުޑަ ޙަދަޘްވެރިކަމުން ޙަދަޘްވެރިވެފައިވީ ޙާލު ތިބާ ނަމާދުކުރުމަށް ފަހު އެކަން އެނގިއްޖެ ނަމަ، ތިބާގެ މައްޗަށް ވަނީ ނަމާދު އިޢާދަކުރުމެވެ. ފަހެ ޖުނުބުވެރިޔާ އާއި ކުޑަ ޙަދަޘްވެރިކަމުން ޙަދަޘްވެރިވެފައިވާ މީހާގެ މައްޗަށް އޮތީ ނަމާދު އިޢާދަކުރުމެވެ. ޠަހާރަތުގެ މަތީގައި ނޫން ގޮތަކަށް ނަމާދުކޮށްފި ނަމަ، ދެން އެއަށްފަހު އެނގިއްޖެ ނަމަ، އެ ދެ މީހުންގެ މައްޗަށް އޮތީ ނަމާދު އިޢާދަކުރުމެވެ.
ދެން ފަހެ އެ ދެ މީހުންނަކީ އިމާމުން ކަމުގައިވާ ނަމަ، އަދި ނަމާދު ކުރުމަށް ފަހު މެނުވީ ނޭނގޭ ނަމަ، ފަހެ ހަމަކަށަވަރުން އެމީހުންގެ ފަހަތުގައި ނަމާދުކުރި މީހުންގެ ނަމާދު ޞައްޙައެވެ. ދެން ފަހެ އެ ދެ މީހުން، އެ ދެ މީހުންގެ މައްޗަށް އޮތީ ނަމާދު އިޢާދަކުރުމެވެ. އަދި އޭނާ ނަމާދުގައި ހުއްޓާ އެކަމަށް ސަމާލުވެއްޖެ ނަމަ، ނަމާދުން ވަކިވާނީ އެވެ. އަދި މައުމޫމީންނަށް އިމާމުވެ ނަމާދުކޮށް އަދި ނަމާދު ފުރިހަމަކުރާނެ މީހަކު ހަމަޖައްސާނީ އެވެ. އެމީހުންނާ އެކު ނަމާދުކުރާ މީހަކު އިސްކުރާނީ އެވެ. والحمد لله.
◇ ◇ ◇
ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد الثاني عشر، كتاب الصلاة (القسم السابع)، بقية باب أحكام الإمامة، حكم صلاة الجماعة خلف إمام صلى بهم على غير طهارة، ج12، ص147، فتوى رقم: 74.
ސައިޓް ލިންކް: https://goo.gl/gKotcb