5 ކުޑަކުދިން މިސްކިތަށް ގެންދިއުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ކުޑަކުދިން މިސްކިތަށް ގެންދިއުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ކުޑަކުދިން

ސުވާލު: މިސްކިތަށް ތުއްތު ކުދިން ގެންދިއުމާ ބެހޭގޮތުން سَمَاحَةُ الشَّيخ ގެ ރައުޔަކީ ކޮބައިތޯ އެވެ؟ އަދި އެއީ ޙަރާމް ނުވަތަ މަކްރޫހަ ނުވަތަ ހުއްދަ ކަމެއްތޯ އެވެ؟

އަދި ބަޔާންކޮށްދެމެވެ. ފަހަކަށް އައިސް ވަރަށް ގިނަ މީހުންގެ ދޫތައް މަތިން އަޅުގަނޑު އަޑުއަހަމެވެ. އެބައިމީހުން ބުނެއެވެ: "ހަމަކަށަވަރުން رَسُولُ اللهِ  ގެ އަރިއަހުން ރިވާވެގެންވެ އެވެ: {جَنِّبُوا مَسَاجِدَكُم صِبْيَانَكُم} މާނައީ: "ތިޔަބައިމީހުންގެ ކުޑަ ފިރިހެން ކުދިން މިސްކިތްތަކާ ދުރުކުރުވާށެވެ."

 

ޖަވާބު: އެކަން މުސްތަޙައްބުވެގެންވެ އެވެ. އަދި ކިއެއްތޯ އެވެ. ފިރިހެން ކުއްޖާގެ އުމުރުން ހަތް އަހަރު ފުރި އެއަށްވުރެ މައްޗަށް ދިއުމުން އެކުދިން ގޮވައިގެން މިސްކިތްތަކަށް ދިއުން ޝަރުޢުކުރެވިގެންވެ އެވެ. އަދި ދިހަ އަހަރު ފުރުމުން އެކަން ކުރުވުމަށް (އެބަހީ ނަމާދު ނުކުރާ ނަމަ، ނަމާދު ކުރުވުމަށް) އެކުއްޖާގެ ގައިގައި ތަޅަން ޖެހޭނެ އެވެ. އެއީ އެކަމުގެ ސަބަބުން އެކުއްޖާ ނަމާދަށް ތައްޔާރުވެ، ނަމާދު އުނގަންނަވައިދެވޭތީ އެވެ. އެއިރުން އެކުއްޖާ ބާލިޣުވުމުން އެކުއްޖާއަށް ވާނީ ހަމަކަށަވަރުން ނަމާދު އެނގި، އޭނާގެ މުސްލިމު އަޚުންނާ އެކު ނަމާދުކުރުމަށް އާދަވެފައެވެ.

ދެން ފަހެ ހަތް އަހަރަށް ވުރެ ހަގު ކުދިން، ފަހެ އައުލާވެގެންވަނީ އެކުދިން ގޮވައިގެން ނުދިއުމެވެ. އެއީ ފަހަރެއްގައި އެކުދިން ޖަމާޢަތަށް އުނދަގޫކޮށްފާނެތީ އެވެ. އަދި ޖަމާޢަތަށް ނުތަނަވަސްކަން ކުރިމަތިކުރުވައި ކުޅެ ހަދައިފާނެތީ އެވެ. ފަހެ އައުލާވެގެންވަނީ އެކުދިން ގޮވައިގެން މިސްކިތަށް ނުދިއުމެވެ. އެއީ އެކުދިންނަށް ނަމާދު ޝަރުޢުކުރެވިގެން ނުވާތީ އެވެ. ދެން ފަހެ ޙަދީޘް: {جَنِّبُوا مَسَاجِدَكُم صِبْيَانَكُم} މާނައީ: "ތިޔަބައިމީހުންގެ ކުޑަ ފިރިހެން ކުދިން މިސްކިތްތަކާ ދުރުކުރުވާށެވެ." ފަހެ އެއީ ޟަޢީފު ޙަދީޘެކެވެ. އެ ޙަދީޘް ނަބިއްޔާ  ގެ އަރިއަހުން ޞައްޙަވެގެނެއް ނުވެ އެވެ. އަދި ކިއެއްތޯ އެވެ. ކުޑަ ފިރިހެން ކުދިން ނަމާދަށް ހާޟިރުވާން އަމުރުކުރެވޭނީ އެކުދިންގެ އުމުރުން ހަތް އަހަރު ފުރި އަދި އެއަށްވުރެ މައްޗަށް ދިއުމުންނެވެ. އެއީ އެކުދިން ނަމާދަށް އާދަވުމަށްޓަކައެވެ. ނަބިއްޔާ  ޙަދީޘްގައިވާ ފަދައިންނެވެ: {مُرُوا أَبْنَاءَكُم بِالصَّلَاةِ لِسَبْعٍ، وَاضْرِبُوهُم عَلَيْهَا لِعَشْرٍ، وَفَرِّقُوا بَيْنَهُم فِي الْمَضَاجِعِ} މާނައީ: "ތިޔަބައިމީހުންގެ ދަރިންނަށް ހަތް އަހަރު ވުމުން ނަމާދުކުރުމަށް އެކުދިންނަށް އަމުރުކުރާށެވެ. އަދި ދިހަ އަހަރު ވުމުން އެނަމާދުގެ މަތިން (ނަމާދު ކުރުވުމަށް) އެކުދިންގެ ގައިގައި ތަޅާށެވެ. އަދި ނިދާ އެނދުތަކުގައި އެކުދިން ވަކިކުރާށެވެ." ފަހެ މި ޙަދީޘްގައި މިވަނީ މުއުމިނުން އެބައިމީހުންގެ ފިރިހެން ދަރިން އެބައިމީހުންނާ އެކު (މިސްކިތަށް) ގެނައުމަށް ޝަރުޢުކުރެވިފައެވެ. އެއީ އެކުދިން ބާލިޣުވުމުގެ އުމުރު ފުރޭ އިރު އެކުދިން އާދަވެފައި ހުރުމަށްޓަކައެވެ. އެއީ އެކުދިން ބާލިޣުވާ އިރު އެކުދިން ނަމާދުކުރުމަށް އާދަވެފައިވުމަށާއި މުސްލިމުންނާ އެކު ނަމާދަށް ހާޟިރުވުމަށް އާދަވެފައިވުމަށެވެ. އެއިރުން އެ ނަމާދުގެ މައްޗަށް އެކުދިން ރައްކައުތެރިވުމަށް ފަސޭހަވެ އަދި ގާތްކަން ބޮޑުވާނެ އެވެ.


ސުވާލު: މިސްކިތަށް ތުއްތު ކުދިން ގެންދިއުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އެއީ ބައެއް މީހުން ބުނާ ފަދައިން ސުންނަތެއްތޯ އެވެ؟ ނުވަތަ އެއީ އަނެއްބައި މީހުން ބުނާ ފަދައިން އެކުދިން ނަމާދުކުރާ މީހުންނަށް އުނދަގޫތައް ކުރިމަތި ކުރުވުމުގެ ސަބަބުން ހުއްދަވެގެން ނުވާ ކަމެއްތޯ އެވެ؟


ޖަވާބު: ތުއްތު ކުދިން ނަމާދަށް ގެންދިއުމާ ބެހޭގޮތުން ތަފްޞީލެއް އެބަ އޮތެވެ: ތުއްތު ކުއްޖާއަށް ހަތް އަހަރު ފުރިއްޖެ ނަމަ، ފަހެ އެކުއްޖާ ވަނީ ނަމާދުކުރުމަށް އަމުރުކުރެވިގެންނެވެ. ފަހެ އެކުއްޖާގެ ބައްޕަ އަދި އެކުއްޖާގެ ބޭބެ އެކުއްޖާ ގޮވައިގެން ދާނީ އެވެ. އެއީ ނަމާދުކުރުމަށް ތަމްރީނުވެ އާދަވުމަށްޓަކައެވެ. ދެން ފަހެ އެކުއްޖާ ހަތް އަހަރަށް ވުރެ ހަގުވެއްޖެ ނަމަ، ފަހެ އެކަމަށް ޙާޖަތެއް ނެތެވެ. އަދި އެކުއްޖާ ގޮވައިގެން ދިއުން ޝަރުޢުކުރެވިގެން ނުވެ އެވެ. އެއީ ފަހަރެއްގައި އެކުއްޖާ ނަމާދުކުރާ މީހުންނަށް އުނދަގޫ ކޮށްފާނެތީ އެވެ. އަދި އެކުއްޖާ ކުޅެ ހެދުމުން ނުވަތަ އެކުއްޖާގެ ވާހަކައިގެ ސަބަބުން މީހުންނަށް އުނދަގޫ ވެދާނެތީ އެވެ. އެހެންކަމުން އައުލާވެގެންވަނީ އެކުދިން ގޮވައިގެން ނުދިއުމެވެ. އެއީ ނަމާދުކުރާ މީހުންނަށް އުނދަގޫވުން އެކަމުގައި އެކުލެވޭތީ އެވެ.


ސުވާލު: ނަމާދު އަދާކުރުމަށްޓަކައި މިސްކިތަށް އެބައިމީހުންގެ ތުއްތު ދަރިން ގޮވައިގެންދާ މީހުންނާ ބެހޭގޮތުން سَمَاحَةُ الشَّيخ ގެ ރައުޔަކީ ކޮބައިތޯ އެވެ؟ އަދި ބަޔާންކޮށްދެމެވެ. އެކުދިންނަށް (ޤުރުއާން) ކިޔަވާކަށް ނޭނގެ އެވެ. އަދި ޤުރުއާނުން އެއްވެސް ސޫރަތެއް ހިތުދަސްކޮށްފައި ނުވެ އެވެ. الفَاتِحَة ސޫރަތް ވެސްމެ އެވެ. އަޅުގަނޑުމެންނަށް ފަތުވާ ދެއްވާށެވެ. جَزَاكُم اللهُ خَيْرًا.


ޖަވާބު: އެކުދިން ގޭގައި ބަހައްޓަން ފަސޭހަވެއްޖެ ނަމަ ފަހެ އެއްވެސް މީހަކަށް އުނދަގޫ ނުކުރުމައްޓަކައި އެކަން ހެޔޮވެގެންވެ އެވެ. އަދި އެކަން ފަސޭހަވެގެން ނުވާ ނަމަ ....؛ ސަބަބަކީ ތުއްތު ކުއްޖާ ނުވަތަ ބައްޕަ، މީހުންނާ އެކު ނަމާދުކުރުމަށް، ނުވަތަ ދަރުސް ނުވަތަ ފައިދާ ނުވަތަ ޚުޠުބާ އަޑުއެހުމަށް ލޯބިކުރެ އެވެ. ފަހެ އެބައިމީހުންނާ އެކު ތުއްތު ފިރިހެން ކުދިން ހުރިކަމުގައިވީ ނަމަވެސް އެކަމަކުން ފާފައެއް ނެތެވެ. ސަބަބަކީ ޞައްޙަ ޙަދީޘްގައި ރަސޫލާ  ޚަބަރު ދެއްވާފައިވާތީ އެވެ: "ނަބިއްޔާ ނަމާދަށް ފައްޓަވައި ދިގު ކުރައްވަން ބޭނުންވެވަޑައިގަންނަވައެވެ. ދެން، ތުއްތު ކުއްޖާގެ ރޮއިގަތުން އަޑުއިވިވަޑައިންގެންނެވުމުން ނަމާދު ލުއިކުރައްވައެވެ. އެއީ އެކުއްޖާގެ މަންމައަށް އުނދަގޫ ކުރިމަތި ނުކުރެއްވެވުމަށެވެ." ފަހެ އެބައިމީހުންނާ އެކު ތުއްތު ކުދިންވާ ހާލުގައި އެބައިމީހުން ނަމާދުކުރާކަން އޭގެން ދަލީލުކޮށްދެ އެވެ. އަދި އެއާ އެކު، ތުއްތު ފިރިހެން ކުދިން ގޮވައިގެން އައުމަށް ނަހީ ނުކުރައްވައެވެ. އަދި ހަމަ އެފަދައިން ޞައްޙަ ޙަދީޘްގައިވެ އެވެ: "ޢިޝާ ނަމާދު ކުރެއްވުން ބައެއް ރޭތަކުގައި ފަސްކުރެއްވުމުން عُمَرُ  ވިދާޅުވި އެވެ: "يَا رَسُولَ اللهِ، رَقَدَ النِّسَاءُ وَالصِّبْيَانُ" މާނައީ: "އޭ الله ގެ ރަސޫލާއެވެ. އަންހެނުންނާއި ކުޑަ ކުދިން އޮށޯވެއްޖެ އެވެ." ފަހެ ކުޑަކުދިން (މިސްކިތަށް) ހާޟިރުވާކަން އޭގެން ދަލީލުކޮށްދެ އެވެ.


ފަހެ ހާސިލުވާ ނަތީޖާއަކީ: ތުއްތު ފިރިހެން ކުދިންގެ މަންމަމެންނާ އެކު ނުވަތަ އެކުދިންގެ ބައްޕަމެންނާ އެކު ހާޟިރުވުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި އެކުއްޖާ ނަމާދުގެ އަހުލުވެރިންގެ ތެރެއިން ނުވާ ހާލު، އެކުއްޖާގެ މަންމަ އެކުއްޖާ ގެނެސްފި ނަމަ، އަދި މަންމަ ބޭނުންވަނީ މީސްތަކުންނާ އެކު ނަމާދުކުރާ ހިނދު އެކުއްޖާ ބެލެހެއްޓުން ކަމުގައިވެ، އަދި ޚުޠުބާ އަދި ފައިދާ އަޑުއެހުން ކަމުގައިވާ ނަމަ، ފަހެ އެކަމުގައި މައްސަލައެއް ނެތެވެ. އަދި އެމަންމައަށް އުނދަގޫ ނުވުމަށްޓަކައި، އަދި އެކުއްޖާގެ ސަބަބުން އެއްވެސް މީހަކަށް އުނދަގޫ ނުކުރުމަށްޓަކައި، މަންމަގެ ގޭގައި އެކުއްޖާ ބަލަހައްޓައިދޭނެ ފަރާތެއް ހަމަޖެހިއްޖެ ނަމަ، ފަހެ އެންމެ އައުލާ ގޮތަކީ އަދި އެންމެ ހެޔޮ ގޮތަކީ އެއީ އެވެ. އެކަމަށް މަގުފަހިވެއްޖެ ނަމަ އެވެ.


ސުވާލު: حُوطَة بَنُو تَمِيم އިން އަލް-އަޚު ف.ع.م. ސުވާލުކުރެ އެވެ: މިސްކިތްތަކުގައި ތުއްތު ކުދިން އުޅެ އެކުދިންގެ އުނދަގޫކުރުމާ ބެހޭގޮތުންނެވެ. ޝައިޚުމެން މީސްތަކުންނަށް އިރުޝާދު ދެއްވަނީ ކޮން ގޮތަކަށްތޯ އެވެ؟ އަދި ޚާއްސަކޮށް އެބައިމީހުންނީ އިރުޝާދަށް ބޯލަނބާ ބަޔަކަށްވެ، ދުވަސްތަކެއް ވަންދެން މެދުކެނޑުމަކާ ނުލައި ކުރިއަށް ގޮސް އެއަށްފަހު އިސްވެދިޔަ ޙާލަށް ރުޖޫޢަވާ ބަޔަކެވެ. جَزَاكُم اللهُ خَيْرًا.


ޖަވާބު: ތުއްތު ކުދިން ބެހެނީ ދެ ބަޔަކަށެވެ. އެއް ބަޔަކީ: ހަތް އަހަރު ފުރިފައިވާ އަދި އެއަށްވުރެ ބޮޑެތި ކުދިންނެވެ. ފަހެ ނަމާދުކުރުމަށާއި، ނަމާދުގައި ޚުޝޫޢަތްތެރިވުމަށް މިކުދިންނަށް އިރުޝާދު ދޭނީ އެވެ. އަދި ސަފުތަކުގައި (ދުރުދުރުގައި ބައިތިއްބައި) ވަކިކުރާނީ އެވެ. އެއީ އެކުދިން އެއްތަންވެ އުޅުމުގެ ސަބަބުން ކުޅިވަރު ކުޅެފާނެތީ އެކަން ވިޔަ ނުދިނުމަށްޓަކައެވެ. ބޮޑެތި ފިރިހެނުން ދެމެދުގައި އެކުދިން ބައިތިއްބައި ވަކިކުރާނީ އެވެ. އަދި އެކުދިން ބަލަހައްޓާ ބައެއްގެ ގޮތުގައި ބަންގި ގޮވާ މީހާ ނުވަތަ އެނޫން މީހަކު ވާށެވެ. އެކުދިން އުނދަގޫކޮށް ކުޅެ ހެދިޔަ ނުދިނުމަށްޓަކައި އެކުދިން ބަލަހައްޓާނީ އެވެ.


ދެން ފަހެ ތުއްތު ކުދިން ވަނީ ހަތް އަހަރަށް ވުރެ ދަށުން ކަމުގައިވާ ނަމަ، ފަހެ އައުލާކަން ބޮޑީ މިފަދަ ކުދިން ގޭގައި މަޑުކުރުމެވެ. އެކުދިންގެ ޢާއިލާ މީހުންގެ ގާތުގައި މަޑުކުރާނީ އެވެ. އަދި އެއިން ކުއްޖަކާ އެކު (މިސްކިތަށް) ހާޟިރުވެއްޖެ މީހާ، ފަހެ އޭނާ އެކުއްޖާ ބަލަހައްޓަން ގަދައަށް މަސައްކަތްކުރާށެވެ. އެއީ މީސްތަކުންނަށް އުނދަގޫކުރިޔަ ނުދިނުމަށްޓަކައެވެ. އެހެން ނޫންނަމަ، އެކުއްޖާ ގޭގައި ބަހައްޓާށެވެ. އެއީ އެއްވެސް މީހަކަށް އުނދަގޫކުރިޔަ ނުދިނުމަށްޓަކައެވެ. އަދި އިމާމް މީހާ އާއި، ބަންގި ގޮވާ މީހާ އާއި މިސްކިތުގެ އަހުލުވެރިން މިކަންކަމައިގެން ޤާއިމްވާށެވެ. އަދި މީސްތަކުންނަށް ނަޞޭޙަތްދީ ހެޔޮ ކަންކަމަށް އިރުޝާދު ދޭށެވެ. އެހެނީ މިކަން ވަނީ ހެޔޮކަމާއި ތަޤްވާވެރިކަމުގެ މައްޗަށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ވާގިވެރިވުމުގެ ތެރެއިންނެވެ.


◇  ◇  ◇

ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد الحدي عشر، كتاب الصلاة-القسم السادس، حكم اصطصحاب الأطفال إلى المساجد، ج11، ص303-307، فتوى رقم: 199.
ސައިޓް ލިންކް: https://goo.gl/zlGarS

  • ޕީޑީއެފް: ވ
    Filename: Taking children to Mosques - Sheikh ibn Baaz رحمه الله.pdf
    Size: 762.02 KB

Like what you see?

Close

Hit the buttons below to follow us, you won't regret it...