5 އިސްލާމީ މުޖްތަމަޢު މުޒާހަރާކުރުމަށް ޙާޖަތްޖެހިގެން ނުވެ އެވެ - الإِمَامُ العَلَّامَةُ المحدثُ الأَلْبَانِي رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އިސްލާމީ މުޖްތަމަޢު މުޒާހަރާކުރުމަށް ޙާޖަތްޖެހިގެން ނުވެ އެވެ - الإِمَامُ العَلَّامَةُ المحدثُ الأَلْبَانِي رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ މުޒާހަރާކުރުމުގެ ހުކުމް

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


الإِمَامُ العَلَّامَةُ المحدثُ الشَّيْخُ  محمد ناصر الدين الأَلْبَانِي رحمه الله

އިސްލާމީ މުޖްތަމަޢު މުޒާހަރާކުރުމަށް ޙާޖަތްޖެހިގެން ނުވެ އެވެ.

ސުވާލު: އިސްލާމީ މުޖުތަމަޢުގެ އެދުންތައް ފާޅުކުރުމަށްޓަކައި މުޒާހަރާތަކާއި ޞުލްޙަވެރި ހިނގާލުންތައް ބޭއްވުމަކީ ހުއްދަކަމެއްތޯ އެވެ؟ ޖަވާބަކީ ނޫންކަމުގައިވާ ނަމަ، ދަލީލު ޛިކުރުކޮށްދެއްވުމަށް އަޅުގަނޑު އެދެމެވެ. އެހެނީ މި ހިނގާލުންތައް ބޭއްވުމަކީ المَصَالِح المُرْسَلَة ގެ ބާވަތްތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އެކަމަކާ ނުލައި ވާޖިބެއް ފުރިހަމަ ނުވާ ކޮންމެ ކަމަކީ ވާޖިބެކެވެ. އަދި މައްސަލަތަކުގައިވާ (ކަންކަމުގައިވާ) އަޞްލަކީ އެކަންތައް ހުއްދެވެގެންވުމެވެ. އެކަން ޙަރާމްކުރާ ނައްޞެއް (އެބަހީ: ދަލީލެއް) އަތުވެއްޖައުމަށް ދާންދެނެވެ. ފަހެ، ހަމަ އެފަދައިން މި މުޒާހަރާތަކަށާއި ހިނގާލުންތަކަށް ގުޅި ލާޒިމްވުން ވަނީ ޤަވާޢިދުތަކަކަށް އެއްބަސްވުމާ އެކުގަ އެވެ. الشيخ عبد الرحمن عبد الخالق ގެ "المسلمون والعمل السياسي" ކިޔާ ފޮތުގައި އެ ޤަވާޢިދުތައް ޛިކުރުކޮށްފައިވެ އެވެ.


ޖަވާބު: ތެދެކެވެ. ވަޞީލަތްތައް ޝަރީޢަތާ ޚިލާފުނުވާ ނަމަ، އެ ވަޞީލަތްތަކުގެ އަޞްލަކީ އެކަންތައްތައް ހުއްދަވެގެންވުމެވެ. މިކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެން ނަމަވެސް، އެ ވަޞީލަތްތަކަކީ އިސްލާމްދީނާ ޚިލާފު މަންހަޖުތަކެއް ފާޅުކުރާ ވަޞީލަތްތަކެއް ނަމަ، އެހިސާބުން އެ ވަޞީލަތްތައް ބަދަލުވެގެންދަނީ ޝަރީޢަތާ ޚިލާފު ކަންތައްތަކަކަށެވެ. ފަހެ ހަޅޭއްލަވައި ކަންކަން ފާޅުކުރުމަށް ނުވަތަ މުޒާހަރާތައް ކުރުމަށް ނުކުތުމަށާއި، ރުހޭކަން ނުވަތަ ނުރުހޭކަން އިޢުލާނުކުރުމާއި، ބައެއް ޤަރާރުތައް ނުވަތަ ބައެއް ޤާނޫނުތަކަށް ވާގިދިނުން، ނުވަތަ (އެ ޤަރާރުތަކަށް) ދެކޮޅުހެދުމަކީ ރައްޔިތުންނަށް ލިބިގެންވާ، ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ރައްދުވާ ޙުކުމޭ ބުނާ ޙުކުމާ އެކު ބަދަލުވާ ނިޒާމެކެވެ. (އެބަހީ: އެއީ ޑީމޮކްރަސީގެ ތެރެއިންވާ ކަންކަމެވެ.)

ދެން ފަހެ، އެ މުޖްތަމަޢަކީ އިސްލާމީ މުޖްތަމަޢެއް ނަމަ މުޒާހަރާތައް ކުރުމަށް ޙާޖަތް ޖެހިގެނެއް ނުވެ އެވެ. ހަމަކަށަވަރުން ޙާޖަތް ޖެހިގެންވަނީ الله ގެ ޝަރީޢަތާ ޚިލާފުވާ ވެރިޔާގެ މައްޗަށް ޙުއްޖަތް ޤާއިމްކުރުމަށެވެ. ރިވާކުރެވިގެންވާ ފަދައިންނެވެ. އަދި އަހަރެން ބުނަނީ މިހެންނެވެ. ރިވާކުރެވިގެންވާ ފަދައިންނެވެ. ރިވާކުރެވިގެންވާ ބައެއް ކަންކަމަށް އިޝާރާތްކޮށެވެ. އެހެން ނަމަވެސް، ކޮންމެ ޙާލެއްގައިވީ ނަމަވެސް، މާނައީ، ތާރީޚީ ނަޒަރަކުން އެނގިގެންވާ ޙަޤީޤަތެއް އެ ރިވާޔަތުން ބަޔާންކޮށްދެ އެވެ. ކައިވެނީގެ ރަނުގައި ހައްދު ފަހަނައަޅައިދިޔުން ދޫކޮށްލުމަށް عُمَرُ بن الخَطَّاب رضي الله عنه މީސްތަކުންނަށް ބާރުއަޅުއްވައި ޚުޠުބާ ދެއްވުމުގައި ޤާއިމްވެވަޑައިގަތެވެ.. ޙުކުމް ވަނީ މިހިސާބަށެވެ. މި ރިވާޔަތަކީ ޞައްޙަ ރިވާޔަތެކެވެ. އެހެން ނަމަވެސް ދަލީލެއްގެ ގޮތުގައި ގެންނަ ނުކުތާ ވަނީ ދެވަނަ ރިވާޔަތުގަ އެވެ. އޭގެ ސަނަދުގައި ބަލިކަށިކަމެއްވެ އެވެ. އެ ރިވާޔަތަކީ: "އަންހެނަކު ތެދުވި އެވެ. (އަދި ދެންނެވި އެވެ:) "އޭ عُمَر އެވެ. މިކަންވަނީ ތިބާގެ އަތްޕުޅަކު ނޫނެވެ. ހަމަކަށަވަރުން الله  ކީރިތި ޤުރްއާނުގައި ވަޙީކުރެއްވި އެވެ: ﴿ وَآتَيْتُمْ إِحْدَاهُنَّ قِنطَارًا فَلَا تَأْخُذُوا مِنْهُ شَيْئًا ۚ ﴾،] النساء: 20[. މާނައީ: "އަދި އެ އަނބިންގެ ތެރެއިން އެކަކަށް (ރަނުގެ ގޮތުން) ކިތަންމެ ގިނަ މުދާތަކެއް ދީފައިވީ ނަމަވެސް އޭގެ ތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުނުލާހުށިކަމެވެ." އެހެންކަމުން ތިޔަބައިމީހުންގެ އަންހެން ދަރީންނަށް ހަތަރު ސަތޭކަ ދިރުހަމު މެނުވީ ކައިވެނީގެ ރަނުގެ ގޮތުގައި ހުއްދައެއް ނުވާނެކަމަށް ތިބާ ވިދާޅުވަނީ ފަހެ ކިހިނަކުންތޯ އެވެ؟" ފަހެ - މި ރިވާޔަތް ޞައްޙަވެގެންވާ ނަމަ - عُمَر ގެ ޖަވާބަކީ: "عُمَر އަށް ކުށްކުރެއްވިއްޖެ އެވެ. އަދި އަންހެން މީހާ ރަނގަޅަށް ބުނެފި އެވެ."

ފަހެ މިފަދަ ނިޒާމުތަކަށާއި، އެ ނިޒާމުތަކުގެ ސަބަބުން މެދުވެރިވާ ނަތީޖާތަކަށް އިސްލާމީ މުޖްތަމަޢު ޙަޤީޤަތުގައި ޤާއިމްވެއްޖެ ނަމަ، މި ވަޞީލަތްތަކަށް ޙާޖަތް ޖެހިގެނެއް ނުވެ އެވެ. އެމީހެއްގެ އަތުގައި ވެރިކަން އޮތް މީހެއްގެ ގާތަށް، ނުވަތަ އެންމެ ކުޑަމިނުން ނަމަ އޭނާގެ ނާއިބުގެ ގާތަށް ޒިޔާރަތްކޮށް، އޭނާގެ ރައުޔާއި ޙުއްޖަތް ފޯރުކޮށްދިނުމަކީ އިންސާނާއަށް ކުރެވިދާނެ ކަމެކެވެ.

އިސްލާމީ މުޖްތަމަޢު ވަނީ މިފަދަ މުޒާހަރާތަކަށް ނުކުމެ ފާޅުކުރުމަށް ޙާޖަތް ޖެހިގެނެއް ނޫނެވެ. މި މުޒާހަރާތަކަކީ ހުޅަނގުގެ އަހުލުވެރިންގެ އާދަތަކާއި ނިޒާމުތަކުން އަހަރެމެން ހޯދައިގަނެފައިވާ ކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ

އަދުގެ ޙާލަތު ވަނީ މިފަދައިންނެވެ. އެމީހުންގެ އާދަތަކާއި ޘަޤާފަތްތަކުގެ ތެރެއިންވާ ގިނަ ކަންތަކުގައި އަހަރެމެން އެމީހުންނަށް ތަބަޢަވަމެވެ. ފަހެ އެމީހުންގެ ކިބައިން ނެގުން ހުއްދަވެގެންވާ ކަންކަމާއި ހުއްދަވެގެން ނުވާ ކަންކަމުގެ ދެމެދުގައިވާ ތަފްޞީލު (ފަރަޤު) ކޮންމެހެން ވެސް ކުރަންޖެހޭނެ އެވެ. މިސާލަކަށް ބަލާށެވެ. އަހަރެމެން އެމީހުންގެ ކިބައިން ބައެއް ވަޞީލަތްތައް ނަގަމު އެވެ. މި ވަޞީލަތްތައް ޝަރުޢުކުރެވިގެންވާ ނަމަ، ނުވަތަ އެންމެ ކުޑަމިނުން ހުއްދަ ލަނޑުދަނޑިއަކަށް ވާޞިލުކޮށްދޭ ނަމަ، އަދި އެ ވަޞީލަތްތަކުގައި ކާފަރުންނާ އެއްގޮތްވުން ޢާއްމުކޮށް ދިރުވުމެއް ނުވާ ނަމަ، ފަހެ އެއީ ހުއްދަ ކަމެކެވެ. (އެއީ ހުއްދަ ވަޞީލަތެކެވެ.) އަދި އެކަމަށް މިސާލެއްގެ ގޮތުގައި ދެ މިސާލެއް އަހަރެމެންނަށް ހާޒިރުކުރެވިދާނެ އެވެ. އެ ދެ މިސާލުން ކުރެ އެއް މިސާލަކީ ރިވާޔަތުގެ ނަޒަރުން ބަލާ ނަމަ ސާބިތު ރިވާޔަތެކެވެ. އަދި ދެވަނަ މިސާލުގައި ބަލިކަށިކަމެއްވެ އެވެ.

 

ދެން ފަހެ، ސާބިތު ރިވާޔަތަކީ الصَحِيحَين (އެބަހީ صحيح البخاري އަދި صحيح مسلم) ގައި المُغِيرَة بن شُعْبَة رضي الله عنه ގެ އަރިއަހުން ރިވާވެގެންވާ ޙަދީޘެވެ. އެއީ ރަސޫލާ ﷺ ދަތުރުވެރިއެއްގެ ގޮތުގައި ނުކުމެވަޑައިގެން ތަނެއްގައި މަޑުކުރެއްވި ވާހަކަ އެވެ. ފަހެ ހެނދުނު ވަގުތާ ބައްދަލުވީ ހިނދު ރަސޫލާ ﷺ ޤަޟާޙާޖަތަށް ނުކުމެވަޑައިގެންނެވި އެވެ. އެއަށްފަހު ނަބިއްޔާ ﷺ އަށް ވުޟޫގެ ފެން އޮއްސަވައިދެއްވުމަށް المُغِيرَة بن شُعْبَة ބޭނުންވެވަޑައިގަތެވެ. ފަހެ ނަބިއްޔާގެ އަތުކުރި އޮޅުއްވާލައްވާފައިވާ ހިސާބާ ޖެހެންދެން ވުޟޫގެ ފެން އޮއްސަވާލެއްވި އެވެ. ހެކިދޭ ނުކުތާއަކީ، المُغِيرَة ވިދާޅުވި އެވެ: "وَعَلَيْهِ جُبَّةٌ رُومِيَّةٌ ضَيِّقَةُ الكُمَّيْنِ ، فَلَمْ يَسْتَطِعْ مِنْ ضِيقِهَا أَنْ يُشَمِّرَ عَنْ ذِرَاعَيْهِ ، فَأَخْرَجَهَا وَأَلْقَى الجُبَّةَ عَلَى كَتِفَيْهِ، حَتَّى تَوَضَّأَ عَلَيْهِ السَّلَامُ وَغَسَلَ ذِرَاعَيْهِ" މާނައީ: "އަދި ނަބިއްޔާ ﷺ ތުރުކުރައްވައިގެން ހުންނެވީ އަތްކުރި ހަނި ރޫމީންގެ ޖުއްބާއެކެވެ. ފަހެ އޭގެ ހަނިކަމުން ރަސޫލާގެ ދެ މުލައްދަނޑިފުޅަށް ވުރެ މައްޗަށް އަތުކުރި އޮޅުއްވާލައްވަން ކުޅަދާނަވެވަޑައިނުގަތެވެ. ފަހެ ޖުއްބާ ބާލައްވައިފައި ދެ ކޮނޑުފުޅު މައްޗަށް އެ އެއްލަވައިލެއްވި އެވެ. ރަސޫލާ ﷺ ވުޟޫ ކުރައްވަންދެން އަދި ދެ މުލައްދަނޑިފުޅު ދޮންނަވަންދެނެވެ." ހެކިދޭ ނުކުތާއަކީ: ރަސޫލާ ﷺ ރޫމީންގެ ޖުއްބާއެއް ތުރުކުރެއްވިކަމެވެ. ފަހެ މީގެ މާނައަކީ: ކާފަރުންނަށް ނިސްބަތްކުރެވޭ ކާފަރުންގެ ހެދުންތަކުގެ ތެރެއިން ހެދުމެއްވާ ނަމަ، އަދި އެ ހެދުމުގައި ފާޅުކަންމަތީ ކާފަރުންނާ އެއްގޮތްވެ އެމީހުންނަށް ތަބަޢަވުން އެކުލެވިގެން ނުވާ ނަމަ، ފަހެ އެ އެއްޗެއް ހުއްދަވެގެންވެ އެވެ. އެއީ އޭގެ ސަބަބުން ނުކުންނަ ހޫނުކަމުގެ މަޞްލަޙަތަށް ނުވަތަ އެފަދަ ކަމެއް މެދުވެރިކުރުވުމުގެ ސަބަބުންނެވެ.

އަދި ހަމަ އެފަދައިން ދެވަނަ މިސާލު ވެސް ވެއެވެ. ސީރަތުގައި މަޝްހޫރުކަމުގެ ސަބަބުން އަހަރެން އެ މިސާލު ޛިކުރުކުރަމެވެ. ޙަދީޘްގެ މަގުން ސާބިތު ނުވިކަމުގައިވީ ނަމަވެސްމެ އެވެ. އެ ރިވާޔަތުގައި ވަނީ: ޚަންދަޤު ހަނގުރާމައިގައި ތަނަކަށް ފޭބުމަށް ރަސޫލާ ﷺ ޞަޙާބީންނަށް އަމުރުކުރެއްވި ހިނދު المُنْذِر بن الحُبَاب ވިދާޅުވި އެވެ.


ސުވާލުކުރާ މީހާ: الحُبَاب بن المُنْذِر އެވެ.


ޝައިޚު: الحُبَاب بن المُنْذِر ވިދާޅުވި އެވެ: "މިއީ ވަޙީއެއްތޯ އެވެ؟ ނުވަތަ މިއީ ރައުޔާއި ހަނގުރާމަ އާއި ރޭވުންތެރިކަމެއްތޯ އެވެ؟" ޙަދީޘްކުރެއްވި އެވެ: {هُوَ الرَّأْيُ}، މާނައީ: "އެއީ ރައުޔެކެވެ." ފަހެ الحُبَاب ވިދާޅުވި އެވެ: "އެހެންވެއްޖެ ނަމަ އަޅުގަނޑުމެން އެހެން ތަނަކަށް ފައިބަމާތޯ އެވެ." މިހާރު އަހަރެންގެ ނަފްސުގެ ކުށް ރަނގަޅުކުރަމެވެ. އެހެން ނަމަވެސް އޭގައި ފައިދާއެއްވާކަން އަހަރެން ބުނަމެވެ. މިއީ ސީރަތުގައި ރިވާކުރެވިގެންވާ ޞައްޙަ ނޫން ވާހަކައެކެވެ. އެހެން ނަމަވެސް އަހަރެމެންގެ މިސާލާ އެއާ ގުޅުމެއް ނުވެ އެވެ. ހަމަކަށަވަރުން މިސާލަކީ ޚަންދަޤު ކޮނުނު ވާހަކައެވެ. سَلْمَان (الفَارِسِي) ގެ އަރިއަހުން ރިވާވެގެންވީ ފަދައިންނެވެ. ވިދާޅުވި އެވެ: "أَنَّهُمْ كَانُوا إِذَا حُوصِرُوا فِي بَلَدٍ مَا أَحَاطُوا البَلْدَةَ بِالخَنْدَقِ"، މާނައީ: "އެބައިމީހުން ރަށެއްގައި ޙިޞާރުކުރެވިއްޖެ ނަމަ، އެބައިމީހުން އެ ރަށުގެ ވަށައިގެން ޚަންދަޤު ކޮނެއެވެ." އެކަމުގައި އެއްވެސް ފަސާދައެއް ނެތުމުން، އަދި އެކަމުގައިވާ މަތިވެރި މަޞްލަޙަތެއްގެ ސަބަބުން އެކަމަށް ރަސޫލާ ﷺ އެއްބަސްވެވަޑައިގަތެވެ. ފަހެ ހުޅަނގުގެ އަހުލުވެރިންގެ އާދަތައް އަހަރެމެން ބަލައިގަންނާނީ މި މީޒާނުގެ މަތީގަ އެވެ.

 

މިހާރު އަހަރެމެން މި ގެންނަނީ އެހެން މިސާލެކެވެ. ތަފާތު ވައްތަރުގެ ޖެކެޓުތައް ލާ މީހުން އުޅެ އެވެ. އޭގައި މަނާކަމެއް ނެތެވެ. އެހެން ނަމަވެސް ފަޓުލޫނު ލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަދި ގްރަފީޓީ (GRAFFITI) ކުރެހުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެއިން އެއްވެސް ފައިދާއެއް ނެތެވެ. ހުޅަނގުގެ އަހުލުވެރިންގެ އާދަތަކާ އެއްގޮތްވުމާއި އެމީހުންގެ ޘަޤާފަތުގެ އަސަރުގައި ޖެހުން މެނުވީ ނުވެ އެވެ.

އެހެންކަމުން، އިސްލާމްދީނާއި، ދީނުގެ ޢަޤީދާއާއި ދީނުގެ ޤަވާޢިދުތަކާ އިއްތިފާޤުވާ ކަންކަމާއި، ދީނާ ދުރަށްދާ، ދީނާ ދުރުކުރުވާ ކަންކަމުގެ މެދުގައި ތަފާތުކުރުން އަހަރެމެންނަށް ވާޖިބުވެގެންވެ އެވެ. ފަހެ މުސްލިމު ރައްޔިތުންގެ ފަރާތުން ރުހުން ނުވަތަ ނުރުހުން ފާޅުކޮށް އިޢުލާނުކުރުމަށްޓަކައި ކުރާ މުޒާހަރާތަކަކީ އިސްލާމީ ވަޞީލަތެއް ނޫނެވެ. ސަބަބަކީ އެހެނިހެން ވަޞީލަތްތައް ބޭނުންކުރުމަށް އެމީހުންނަށް ކުޅަދާނަވެގެންވާތީ އެވެ. އަދި އަހަރެންގެ ވިސްނުމަށް އަންނަނީ، ޙަޤީޤަތުގައި އަހަރެމެން މިފަދަ މުޒާހަރާތަކަށް އިޤުރާރުވެއްޖެ ނަމަ، އަހަރެންނަށް އިސްލާމީ މުޖްތަމަޢު ސިފަކުރެވެނީ ޙަޤީޤަތުގައި ވެސް އިސްލާމީ މުޖްތަމަޢަކަށްވުމަށް ފަހުގައި ވެސް އެ މުޖްތަމަޢުގެ ނިޒާމުތަކުގަ އާއި އާދަތަކުގައި ހުޅަނގުގެ އަހުލުވެރިންގެ އާދަތަކުގެ މަތީގައި ދެމިތިބޭނެ ފަދައިންނެވެ. (އެހެން ނަމަވެސް) ހުރިހައި ކަމެއް ބަދަލުވާނެ އެވެ. އެއިރުން އިސްލާމީ މުޖްތަމަޢުގައި އިޖްތިމާޢީ ޙާލަތު ހުންނާނީ މިފަދަ މުޒާހަރާތަކަށް ބޭނުންޖެހިގެން ނުވާ މިންވަރަށް ފުދިގެންވާ ޙާލުގަ އެވެ.

 

އަދި އެންމެ ފަހުން، ހަމަކަށަވަރުން މި މުޒާހަރާތައް ކުރާ މީހުން ކެނޑިނޭޅި އެކަން ކޮށްފި ނަމަ އެ މުޒާހަރާތަކުގެ ސަބަބުން ޙުކުމްކުރާ ނިޒާމު ބަދަލުކޮށްލާނެ އެވެ. މި ބުނުމަކީ ތެދެއް ހެއްޔެވެ؟ ނޫނެކެވެ. ކިތައް މުޒާހަރާ ޤާއިމްވެ ހިނގައި އެހާމެ ގިނަ މީސްތަކުން ޤަތުލުވެގެން ހިނގައްޖެ ހެއްޔެވެ؟ އަދި އެއަށްފަހު (މީހުންތައް މަރުވުމަށް ފަހު ވެސް) މުޒާހަރާކުރުމުގެ ކުރިން ޙާލަތު އޮތް ގޮތަށް ދެމިއޮވެ އެވެ. (އެބަހީ އެއްވެސް ބަދަލެއް ނުގެންނަ ކިތައް މުޒާހަރާ ހިނގައިގޮސްފި ހެއްޔެވެ؟)

 

ފަހެ "الأصل في الأشياء الإباحة"، މާނައީ: "ކަންތައްތަކުގެ އަޞްލަކީ އެކަންތައް ހުއްދަވެގެންވުމެވެ." މި ޤަވާޢިދުގެ ތެރެއަށް މިކަން (އެބަހީ މުޒާހަރާތައް) ވަންނާނެކަމަށް އަހަރެމެން ނުދެކެމެވެ. އެއީ އެކަމަކީ ހުޅަނގުގެ އަހުލުވެރިންގެ ޘަޤާފަތުގެ ތެރެއިންވާ ކަމަކަށްވާތީ އެވެ.

❆❆❆

އޯޑިއޯ ލިންކް: http://goo.gl/wnN7H3 އޯޑިއޯގެ 00:01:01 އިން 00:10:19 އަށް.

 

މުޒާހަރާކުރުމުގެ ހުކުމް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 މުޒާހަރާތައް ބޭނުންކުރުމަކީ ޔޫރަޕު މީހުންނަށް (ފަރަންޖީންނަށް) ތަބަޢަވުމެވެ. - الشَّيْخُ مُحَمَّد أَمَان بِن عَلِيّ الجَامِي رحمه الله | 04 ޖެނުއަރީ 2018

 އެމީހުން ބުނެ އެވެ. "އަހަރެމެން އެމެރިކާ ދެކޮޅަށް ހަނގުރާމަ ކުރަމެވެ. " ވިސްނާލުން ހުއްޓެވެ. އެހެނަސް މި މީހުން ޕުރޮމޯޓު ކުރަނީ އެމެރިކާގެ ފިކުރުތަކެވެ. - الشَّيخ العَلاَّمَة رَبِيع بن هَادِي المَدخَلِي حفظه الله | 24 ޑިސެމްބަރ 2017

 މުޒާހަރާތަކާއި ޞުލްޙަވެރި ހިނގާލުންތަކަކީ ވެރިމީހާއާ ދެކޮޅަށް ނުކުތުމުގެ ތެރެއިންވާ ކަންކަމެވެ. - الشَّيْخ عَبْدُ المُحْسِن العَبَّاد حفظه الله | 02 އޮގަސްޓު 2017

 ހަނދާނާއި ތާރީޚައްޓަކައި؛ 23 ޑިސެންބަރ މުޒާހަރާ ކުރި އިޚުވާނީ ޢަދާލަތު އަދި ޖޭއެސް ފިކުރަށް ރައްދު (30-12-2011) - أُسْتَاذ أبو أنس محمد حسن حفظه الله | 14 މެއި 2017

ސުންނަތުގެ ދިފާޢުގައި: ހުރިހާ ބާވަތެއްގެ މުޒާހަރާ ޙަރާމް ވެގެންވެ އެވެ. - العَلاَّمة صَالِح الفَوْزَان الفَوزان حفظه الله | 28 އޭޕްރީލް 2017

މުޒާހަރާތަކޭ ބުނެ ޢަބްދުއްރަޙްމާން ޢަބްދުލްޚާލިޤް ރަސޫލާ ﷺ ގެ މައްޗަށް ހަދާފައިވާ ދޮގުތަކަށްދެއްވާފައިވާ ރައްދު - الإِمَامُ ابن بَاز رحمه الله | 21 އޭޕްރީލް 2016

މުޒާހަރާތަކަކީ ދީނަށް އަލަށް ގެނެވިފައިވާ ކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ. - العَلاَّمَة الشَّيْخُ زَيْد بن مُحمَّدُ بن هَادِي المَدْخَلِي رحمه الله | 11 ޖެނުއަރީ 2016

މުޒާހަރާ ކުރުމަކީ މުސްލިމުންގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 26 ނޮވެމްބަރ 2015

މުޒާހަރާ ކުރުމަށް ފަތުވާދިން މީހާ، އެ ހުރިހައި ކަންތައްތަކުގެ ފާފަ އުފުލަން ޖެހޭނެ - الإمام العلامة الشيخ صالح الفوزان حفظه الله | 12 ސެޕްޓެމްބަރ 2015

ފިރިހެނުން އަދި އަންހެނުން ވެރިންނާ ދެކޮޅަށް ކުރާ މުޒާހަރާ ތަކަކީ ދަޢުވަތް ދިނުމަށް އޮތް ވަސީލަތެއް ހެއްޔެވެ. މިފަދަ މުޒާހަރާ ތަކުގައި މަރުވެދާ މީހަކީ ޝަހީދެއްކަމުގައި ވާނެހެއްޔެވެ؟ - الإمام العلامة سماحة الشيخ عبدالعزيز بن باز رحمه الله | 27 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...