5  ޑިމޮކްރަސީ އާއި ޚިލާފަށް އިސްލާމީ ޝަރީޢަތުގައި ވެރިން ވެރިކަމަށް އަންނަ ގޮތްތައް - أُسْتَاذ محمد رفاد حفظه الله ، أُسْتَاذ أبو أنس محمد حسن حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޑިމޮކްރަސީ އާއި ޚިލާފަށް އިސްލާމީ ޝަރީޢަތުގައި ވެރިން ވެރިކަމަށް އަންނަ ގޮތްތައް - أُسْتَاذ محمد رفاد حفظه الله ، أُسْتَاذ أبو أنس محمد حسن حفظه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ އިސްލާމީ ޝަރީޢަތުގައި ވެރިކަމަށް އަންނާނެ ގޮތް

 އިސްލާމީ ޝަރީޢަތުގައި ވެރިން ވެރިކަމަށް އަންނަ ގޮތްތައް


އުސްތާޛް މުޙައްމަދު ރިފާދު حفظه الله

"الشَّيْخُ العَلاَّمَة عَبْدُ المُحْسِنُ العَبَّاد حفظه الله (العدل في شريعة الإسلامية و ليس في الديمقراطية المزعومة ފޮތުގައި) ބަޔާންކުރައްވަނީ "އިސްލާމީ ޝަރީޢަތުގައި ޚަލީފާކަން ޘާބިތުވެގެންދާނެ ގޮތްތަކެވެ. މިއަށްވެސް ވަކި ބާބެއް (ބަޔާންކުރެއްވިއެވެ.) އެހެންކަމުން އަޚުން ވިސްނާލާށެވެ. ޝެއިޚް މި މަސައްކަތް ކުރައްވަނީ އިސްލާމީ ޝަރީޢަތަކީ ފުރިހަމަވެގެންވާ ދީނެއްކަން މީސްތަކުންނަށް ވިސްނައި ދިނުމަށެވެ. އެއީ ޢަދުލުވެރިކަމުގެ ދީނެވެ. އެ ޢަދުލުވެރިކަން ގެންގުޅޭ މީހުންނަށް ޘަވާބު ލިބިގެންވެއެވެ. އަނިޔާވެރިންނަށް އުޤޫބާތް ލިބިގެންވެއެވެ. އިސްލާމީ ޝަރީޢަތުގައި ވެރިން ވެރިކަމަށް އަންނާނެ ގޮތް މި އޮތީ ނިމިފައެވެ. ޤައުމުގެ ވެރިއެއް އަންނާނީ ކިހިނެއްބާއޭ ކިޔާ އަހަރުމެން އިތުރު ގޮތްގޮތް ހޯދާކަށް ނުޖެހެއެވެ. ޝެއިޚް ބަޔާންކުރައްވަނީ އިސްލާމްދީނުގައި ޚަލީފާއެއް ކަޑައެޅުމުގައި 2 ގޮތެއް ވެއެވެ.

 

(1) ފުރަތަމަ ގޮތަކީ؛ الحل والعقد ގެ އަހުލުވެރިން ޚަލީފާއެއް އިޚްތިޔާރުކުރުމުގައި އިއްތިފާޤުވުން: الحل ކަމުގެ އަހުލުވެރިން އަދި މަޝްވަރާގެ އަހުލުވެރިން އަދި والعقد އެއްބަސްވުންތައް އަދި ޤަރާރުވުންތައް ކުރުމުގެ ޤާބިލިއްޔަތު ހުރި އަހުލުވެރިން އެ ޚަލީފާއަށް އިއްތިފާޤުވެއްޖެނަމަ އެގޮތެކެވެ.

މިއަދު މި ގޮތް އަހަރުމެންތެރޭ އެބައޮތް ތޯއެވެ؟ މިއީ އިސްލާމް ދީނުގައި ވެރިން ވެރިކަމަށް އަންނާނެ ގޮތްތަކެވެ. ފުރަތަމަ ގޮތަކީ ކަމުގެ އަހުލުވެރިން އަދި މަޝްވަރާގެ އަހުލުވެރިން އެކަމަށް ޤާބިލް ބޭފުޅުން އެބަޔަކު ހޮވާ އެ މަޤާމަށް ލުމެވެ. ޝެއިޚް މި ބާބުގައި އޭގެ މިޘާލެއް ޒިކުރު ކުރައްވާފައިވެއެވެ. އެއީ ޞަހާބީންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ޞަހާބީ ابو بكر رضي الله عنه ވެރިކަމަށް އައީ އެފަދައިންނެވެ. އެންމެ ފުރަތަމަ ޚަލީފާ ވެރިކަމަށް އައީ އެފަދައިންނެވެ. الحل والعقد (ގެ އަހުލުވެރިން) ހޮއްވެވީ ابو بكر رضي الله عنه އެވެ. ހުރިހާ ޞަހާބީން އިއްތިފާޤުވިއެވެ. އެއާ ޚިލާފުވި އެއްވެސް ޞަހާބީއެއް ނެތެވެ. ހުރިހާ ޞަހާބީން ابو بكر رضي الله عنه އަކީ އެންމެ ހެޔޮވެގެންވާ ޚަލީފާކަމަށް ރުހިވަޑައިގެންނެވިއެވެ. މިއީ ފާސިޤު ކަމުގެ އަހުލުވެރިންނެއް ނޫނެވެ. މިއީ ޤުރުއާނުގައި ޘަނާގެ ބަސްފުޅު އައިސްފައިވާ ސުންނަތުގެ އަހުލުވެރިންނެވެ. ޞަހާބީންނެވެ. އެންމެ ހެޔޮވެގެންވީ ޤަރުނެވެ. އެބޭފުޅުން ابو بكر رضي الله عنه އަކީ ޚަލީފާކަމަށް އެއްބަސްވިއެވެ. ޤައުމުގެ ތިބި ތަންދޮރު ނޭނގޭ ޖާހިލުންނެއް ނޫނެވެ. ޤައުމުގެ ތިބި ފާފަތަކަށް އަރައިގަންނަ މީހުނެއް ނޫނެވެ. އެކަންކަން ނިންމާނީ ޤައުމުގެ ތެރޭ ތިބި އިސްލާމީ ޝަރީޢަތުގެ ކަންފުޅެއްވެސް ނެން މީހުންނެއް ނޫނެވެ. ކަންކަން ނިންމާނީ ޖާހިލް، ފާސިޤު، ފާފަތަކަށް އަރައިގަންނަ، އޮޅުން ބޮޅުން ތަކުގެ ތެރޭގަ އުޅޭ މީސްމީހުންނެއް ނޫނެވެ. ކަންކަން ނިންމާނީ ކަމުގެ އަހުލުވެރިންނެވެ. މިކަންކަން ނިންމާކީ ޢިލްމާއި އަދި ޞާލިޙު ޢަމަލުގެ އަޅުތަކުންނެވެ. ޤައުމުގެ ވެރިއެއް ކަޑައާޅާނީ މިކަމަށް ޤާބިލް އަޅުތަކުންނެވެ.

(2) ދެވަނަ ގޮތަކީ؛ އޭރުގެ ހުރި ޚަލީފާ އެހެން ޚަލީފާއަކަށް އެވެރިކަން ހަވާލު ކުރުމެވެ. މީގެ މިޘާލަކީ ابو بكر رضي الله عنه، عمر بن الخطاب رضي الله عنه އަށް ޚަލީފާކަން ހަވާލު ކުރެއްވުމެވެ. އެއީ ތާރީޚުގައި ލިޔެފައި އޮތް ކަމެކެވެ. މީގެން އަހަރެމެންނަށް ޘާބިތުވެގެންވޭ މިއީ ޞަހާބީން އެ ގޮތުގެ މައްޗަށް އިއްތިފާޤުވެވަޑައިގެންނަވާފައިވާ (އިޖުމާޢުވެފައިވާ) ގޮތެއް ކަމެވެ. މިއިން ދަލީލުވަނީ އެއީ އަހަރުމެންވެސް ޤަބޫލު ކުރަންޖެހޭ ސުންނަތެއް ކަމެވެ. ޞަހާބީންގެ ސުންނަތް އަހަރުމެން ޤަބޫލުކުރަން ޖެހެނީ ކީއްވެތޯ؟ އެއީވެސް ނަބިއްޔާގެ އަމުރުފުޅަށެވެ. ތިޔައީ ޞަޙާބީންނޭ، ޝަރީޢަތް ޝަރުޢުކުރާ ބައެއް ނޫނޭ މީހަކު ބުނެފާނެއެވެ. ޞަހާބީންނަކީ ދީނުގައި ބަހެއް ބުނެވޭނެ ބައެއް ނޫންކަމަށް ތަންދޮރު ނޭނގޭ މީހަކު ބުނެފާނެއެވެ. އަހަރުން ބުނަނީ ކީކޭ؟ ނޫނެއެވެ. އިސްލާމީ ޝަރީޢަތުގައި ޚުލަފާއުއް ރާޝިދީންގެ ސުންނަތަކީ ސުންނަތެއްކަމަށްވަނީ ބަލާފައެވެ. ނަބިއްޔާ صلى الله عليه وسلم އަމުރު ކުރެއްވިއެވެ. فعليكم بسنتي وسنة الخلفاء الراشدين "ފަހެ ތިޔަބައިމީހުން ތިމަން ނަބިއްޔާގެ ސުންނަތާއި އަދި ޚުލަފާއުއް ރާޝިދޫންގެ ސުންނަތުގައި ހިފަހައްޓާށެވެ. وعضّوا عليها بالنواجذ "އަދި އޭގައި ތިޔަބައިމީހުންގެ ކޮލު ދަތްތަކުން ހިފާށެވެ." މިއިންވެސް ދޭހަކޮށްދެނީ ހިފަންޖެހޭ ވަރުގަދަ ކަމެވެ. މިއިން ބަޔާންވެގެންދަނީ ޚަލީފާއިންގެ ސުންނަތަކީ އަހަރެމެންގެ ސުންނަތް ކަމެވެ.

މިއީ ތިކުދިންނަށް އަހަރެމެންގެ ޝެއިޚް ޢަބްދުﷲ ބުޚާރީ حفظه الله ގެ ދަރުސް ތަކުންވެސް ލިބިފައި އޮތް ފާއިދާއެކެވެ. ޤައުމެއްގެ ވެރިއެއް އަންނާނީ ތިން ގޮތަކުންނޭ ޝެއިޚް ބަޔާންކުރެއްވިއެވެ. މި ތަނުގައި ޝެއިޚް ޢައްބާދު حفظه الله ބަޔާންކުރެއްވީ ދެ ގޮތް ކަމަށެވެ. ރަނގަޅު އެއީ ހުއްދަ ވެގެންވާ ދެ ގޮތެވެ. ޝެއިޚް ޢަބްދުﷲ حفظه الله 3 ވަނަ ގޮތެއް ބަޔާން ކުރެއްވިއެވެ. އެއީ ހުއްދަވެގެން ނުވާ ގޮތެވެ.

(العدل في شريعة الإسلامية و ليس في الديمقراطية المزعومة "ޢަދުލުވަނީ އިސްލާމީ ޝަރީޢަތުގައި އަދި ދަޢުވާކުރާ ޑިމޮކްރަސީގައެއް ނޫން" މި ފޮތުގެ މައްޗަށް ބިނާކޮށް އުސްތާޛް މުޙައްމަދު ރިފާދު ދެއްވި ދަރުސް)

 

އުސްތާޛް އަބޫ އަނަސް މުޙައްމަދު ޙަސަން حفظه الله

"އަހަރެން ތި ދަރީންނަށް މި ބަޔާން މިކޮށްދެނީ އަހުލުއް ސުންނާ ވަލްޖަމާޢަތުގެ މަނާހިޖުތަކެވެ. މިކަންތައްތަކުގެ ތެރެއަށް އެބައިމީހުން ފާޅުކޮށްފައިހުރި ސިފަތަކެވެ. އެންމެން މި ބުނަނީ ވެރިން ގެންނަ ވާހަކައެވެ. ވަކި މީހަކު އިޚްތިޔާރުކުރަން ޖެހޭ ވާހަކައެވެ. رسول صلى الله عليه وسلم ގެ ޝަރީޢަތް އެއީ އެންމެ ޢަދުލުވެގެންވި ޝަރީޢަތެވެ. نبي صلى الله عليه وسلم މައްޗަށް ބާވައިލެއްވުނު ސަމާވީ މި ޝަރީޢަތަކީ އެންމެ ޢަދުލުވެގެންވި ޝަރީޢަތެވެ. މި ޝަރީޢަތުގައި ނުވާ އެއްޗަކީ ހެއްވެކަމުގައި ބަލައިގެން ނުވާނެއެވެ.  عبد الله ابن عُمر - رضي الله عنه ވިދާޅުވިފަދައިން وَإِنْ رَآهَا النَّاسُ حَسَنًا "މީސްތަކުން އެއީ ހެޔޮކަމެއް ކަމުގައި ބަލައިގަތް ކަމުގައި ވިޔަސްމެއެވެ."

 

ވެރިން ގެނެވޭ ގޮތްތައް شيخ العلامة صالح ابن فوزان الفوزان حفظه الله ޒިކުރުކޮށްދީފައިވެއެވެ. އެންމެ ފަހުން شيخ عبد الله بن عبد الرّحيم البخاري حفظه الله ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައިވެސް ވެރިން ގެންނާނެ ގޮތްތައް ޒިކުރު ކޮށްދީފައިވެއެވެ. އެއްބައި ޢިލްމުވެރިން 3 ގޮތް، އަނެއްބައި ޢިލްމުވެރިން 4 ގޮތް ޒިކުރު ކޮށްދީފައިވެއެވެ. އެހެނަސް 4 ވަނަ ގޮތަށްވުރެ އިތުރު ގޮތެއް އެތަނަށް އިތުރުވެފައެއް ނެތެވެ.

 

(1) ފުރަތަމައީ: މިވެނި މީހަކީ ޚަލީފާއެއްކަމުގައި ކީރިތި ޤުރުއާނުން ނުވަތަ نبي صلى الله عليه وسلم ގެ ސުންނަތުން ނައްޞެއް ބަޔާންވެގެން އައުމެވެ. އެގޮތުން الإمام الحسن البصري އާއި الإمام ابن حزم މި ގޮތް ވާރިދުވެގެންވާކަމުގައި އިމާމުންގެ ތެރެއިން ބަޔާންކޮށްދީފައިވެއެވެ. އެއީ رسول صلى الله عليه وسلم ދުނިޔެ ދޫކުރެއްވުމުގެ ކުރީގައި މި އުންމަތައް ޚަލީފާއެއްކަމުގައި ނުވަތަ މި އުންމަތައް އިމާމެއް ކަމުގައި رسول صلى الله عليه وسلم ދުނިޔެމަތީގައި ދިރިހުންނެވި ހަޔާތްޕުޅުގައި ابو بكر رضي الله عنه އިމާމެއްގެ ގޮތުގައި ލެއްވިއެވެ. އެހެންވީމާ عمر بن الخطاب رضي الله عنه ބަނީ ޘަޤީފާގައި އެދުވަހު ބައިޢަތު ހިފި ދުވަހުގައި ވިދާޅުވީ ކީކޭތޯ؟ نبي صلى الله عليه وسلم ދުނިޔެ ދޫކުރުމަށް ފަހުގައި އަހަރެމެން އިމާމެއްކަމުގައި ލާންޖެހޭނީ رسول صلى الله عليه وسلم ދުނިޔެމަތީގައި ދިރި ހުންނެވި ދުވަހުގައި އަހަރުން މައްޗަށް އިމާމެއް ކަމުގައި ލެއްވި އިންސާނާ ނޫންހެއްޔެވެ. އެހެންވީމާ، މާނައަކީ ابو بكر رضي الله عنه ވެރިއަކަށް ގެންނަންޖެހޭނެކަމަށް ނައްޞެއް ބަޔާންވެފައި ޝަރީޢަތުގައި އެބައޮތްކަމެވެ. އެހިނދުގައި ޞަހާބީން ބައިޢަތުހިފިއެވެ. މިއީ ފުރަތަމަ ގޮތެވެ.

 

މިއަދު މިހާރު އުންމަތައް ވަދެފަ މިއޮތް ފިތުނަވެރި ހާލަތްތަކުން މީސްތަކުން އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންމިވާ ގޮތްތައް ޤަބޫލު ކުރާނެތޯ ނުވަތަ ނޫންތޯ އަހަރެމެންނަށް ވަރަށް ރަގަޅަށް އެނގެން އެބަޖެހެއެވެ.

 

(2) ދެވަނައީ: ދެވަނަ ގޮތަކީ ކޮބާ ހެއްޔެވެ؟ ابو بكر رضي الله عنه ޚިލާފަތުގައި ޞަހާބީ ދުނިޔެ ދޫކުރުމުގެ ކުރިން ކިތާބެއް، ފޮތެއް ލިއުއްވިއެވެ. އެފޮތުގައި ލިޔުއްވީ ކީކޭތޯ؟ ތިމަންނައަށް ފަހުގައި މިއުންމަތުގެ ޚަލީފާއަކަށް އަންނާނީ عمر بن الخطاب رضي الله عنه އެވެ. އާދެ މިއަދު މިބުނާ އިންސާފުވެރި ނުވަތަ މިއަދު މިބުނާ އެންމެނަށް ޢަދުލުވެރިކަން ގެނެސްދޭ، އެމީހުން ޒަޢަމުކުރާ، އެމީހުން ގޮވާލާ ދަޢުވާތަކުގައި ބުނާހެން ނުވަތަ އެމީހުން އެގޮވާލާ ގޮވާލުމުގެ މި ބުނާ މަޞްދަރަށް (ޑިމޮކްރަސީއަށް، ވަޟުޢީ ޤާނޫ އަސާސީއަށް) ރުޖޫޢަވެއްޖެކަމުގައިވާނަމަ ވެރިޔަކު ވެރިކަމުގައި ހުރެފައި ފައިބާއިރު އޭނަ މިބުނަނީ ނުވަތަ އޭނަ ބުނަނީ ތިމަންނަ މަރުވުމުން ދިޔަމުން ބޭނުމީ ތިމަންނައަށްފަހުގައި މިވެނި މީހަކު ވެރިކަމަށް އަންނާށެވެ. މިއިން އެއްވެސް ޖަމާޢަތެއްގެ (ޕާޓީއެއްގެ) އަހުލުވެރިން (މި ގޮތް) ޤަބޫލުކުރާނެތޯއެވެ؟ (ޕާޓީތަކުގެ އަހުލުވެރިން) ވަގުތުން ހަޅުތާލަހަދާ ނުކުންނާނީ މަގުމައްޗަށެވެ. ވަގުތުން ކަޑިބަޑި ހިފައިގެން ނުކުންނާނީ ލޭ އޮހޮރުވާށެވެ. އެގޮތަށް ވަޞިއްޔަތްކުރި މީހަކީވެސް އިސްލާމްދީނުގައި މުރުތައްދުވެފައިވާ މީހޭ ބުނާނެއެވެ. އެބައިމީހުންގެ ހާލަތް މި ފެންވަރަށް ދާނެއެވެ.

 

މިއަދު މިއޮތީ އެޒަމާން، އެފިތުނަ ފެންނަ ހާލުގައެވެ. އެ ވެރިމީހާ ވެރިކަމުން ފޭބިއިރުގައި މިވެނި މީހަކަށް ވެރިކަން ހަވާލުކުރަން އެބަޖެހޭ އޭނަ ވަޞިއްޔަތްކޮށްފައި އެބައޮތެވެ. މިއަދު މިއިން އެކަކުވެސް ޤަބޫލުކުރާނެހެއްޔެވެ؟ ابو بكر رضي الله عنه ދުނިޔެ ދޫކުރެއްވި އިރުގައި އޮތީ ފޮތެއް ލިޔުއްވާފައެވެ. އެލިޔުމުގައި އޮތީ عمر بن الخطاب رضي الله عنه އަށް ވެރިކަން ލިބޭނެ ކަމުގައެވެ. އެއްވެސް ޞަހާބީއެއް މެޖޯރިޓީއަށް ދިޔަ ހެއްޔެވެ؟ ޞަހާބީން رضي الله عنه ލީ ވޯޓު ހެއްޔެވެ؟ ޞަހާބީން رضي الله عنه ބޭއްވީ މަޝްވަރާ މިޖްލިސް ހެއްޔެވެ؟ رسول صلى الله عليه وسلم ގެ ޚަލީފާ ابو بكر رضي الله عنه ވެރިކަންލިބޭނީ މިވެނި މީހަކަށް ވަޞިއްޔަތްކުރުމުން އެބައިމީހުން އިޤްރާރުވެ އެހިސާބުން އެކަންތައް ދިޔައީ ނިމިގެންނެވެ. މި ޒަމާނުގައި ފާޅުވެފައިހުރި، މިބުނާ މީސްތަކުންގެ ތެރެއިން  އެކަކުވެސް ޤަބޫލުކުރާނެތޯއެވެ؟ މި ސުވާލަށް ޖަވާބު ކޮންމެ މީހެއްގެ ނަފްސައް އަންނާނެއެވެ.

 

(3) ތިންވަނައީ: ތިންވަނަ ގޮތަކީ عمر بن الخطاب رضي الله عنه ޚިލާފަތުގައި ޞަޙާބީ رضي الله عنه ދުނިޔެ ދޫކުރުމުގެ ކުރީގައި މީސްތަކުންނަށް، ދުނިޔެމަތީގައި ތިއްބެވި އެންމެ ހެޔޮ ޞަހާބީންތެރޭގައިވި 6 ޞާހާބީންގެ ނަން ދެއްވިއެވެ. އެއީ رسول صلى الله عليه وسلم ގެ ހަދީޘްފުޅުގައި ބަޔާންވެގެންވާ عشر مبشرين بالجنة ސުވަރުގެ ވަންނާނެ ކަމުގައި އިޝާރާތް ކުރެއްވި ދިހަ ޞަހާބީންތަކުގެ ތެރެއިން ދުނިޔެމަތީގައި ތިއްބެވި 6 ޞަހާބީންގެ ވާހަކައެވެ. عثمان بن عفان رضي الله عنه ދުނިޔެމަތީގައި ހުންނެވިއެވެ. علي بن ابي طالب رضي الله عنه ދުނިޔެމަތީގައި ހުންނެވިއެވެ. سعيد بن زيد القرشي رضي الله عنه ދުނިޔެމަތީގައި ހުންނެވިއެވެ. عبد الرحمن بن عوف رضي الله عنه ދުނިޔެމަތީގައި ހުންނެވިއެވެ. طلحة بن عبيد الله رضي الله عنه އެވެ. 6 ޞަހާބީން ދުނިޔެމަތީގައި ތިއްބެވިއެވެ. އެ 6 ޞަޙާބީންގެ މަޝްވަރާއަކަށް ޞަޙާބީންނާއި ހަވާލުކުރިއެވެ. މާނައަކީ ތިޔަބައިމީހުން މި 6 ޞަހާބީންނާއިމެދުގައި މަޝްވަރާކޮށް ތިޔަބައިމީހުންނަށް އެންމެ އެކަށީގެންވާ މީހަކު ހޯދާށެވެ. އެސަހާބީންގެ ތެރެއިން އެއްބައި ސަހާބީން ބުނި ތިމަންނަގެ ބައި މިވެނި މީހަކަށް ދީފީމެވެ. ތިމަންނައަށްވާ ހައްޤު ތިމަންނަ عثمان بن عفان رضي الله عنه އަށް ދީފީމެވެ. އެގޮތަށް ދެމުން ދެމުން ގޮސް علي بن أبي طالب رضي الله عنه، عثمان بن عفان رضي الله عنه އާއި ހަވާލުކުރެއްވިއެވެ. މާނައަކީ ތިންވަނަ ޚަލީފާކަމުގައި عثمان بن عفان رضي الله عنه ފާޅުވެގެން ދިޔައެވެ.

 

ބަޔާންވެގެން މިދިޔައީ 3 ގޮތެވެ. މިއަދު މި ބުނާ ދަޢުވަތަށް (ޑިމޮކްރަސީއަށް، ޕާޓީ ސިސްޓަމަށް) ގޮވާލާ އެކަކުވެސް މިއިން އެއްވެސް ގޮތެއް ޤަބޫލެއް ނުކުރާނެއެވެ. އެހެނީ އޭގެ ލިބިގެންވާ މަބާދިޢުތަށް، އޭގެ ޙަރާމް ޙަލާލް، އޭގެ ހުއްދަ ގޮތާއި ހުއްދަ ނޫން ގޮތްތައް މިއިން އެވެސް އެއްޗެއް (އެބައިމީހުން) ހުއްދައެއް ނުކުރާނެއެވެ. އެހެނީ އިސްލާމީ ޝަރީޢަތުގެ ޢަދުލަކީ މިއެވެ. الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ފަދައިންނެވެ. {أفحكم الجاهلية يبغون ومن أحسن من الله حكما لقوم يوقنون } [المائدة 50] "ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقينކުރާ ބަޔަކަށް اللَّهއަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟"

 

(4) ހަތަރުވަނައީ: ހަތަރުވަނަ ގޮތަކީ އަހަރެމެންގެ އުންމަތުގެ ސަލަފުން އެކިއެކި ރިވާޔަތްތަކުން ނަޤުލު ކޮށްދީފައިވާ ގޮތެވެ. ހަތަރުވަނަ ގޮތަކީ ކޮބައިކަން ޒިކުރުކޮށްދިނުމުން ތިޔަ އަޚުންނަށް މިއަދު ތިބުނާ އިންސާފުވެރި ކަމަށް، ހައްޤުވެރި ކަމަށް، ޢަދުލުވެރި ކަމަށް، ދަޢުވާކުރާ މީހުންނަށް މި ޤަބޫލު ކުރެވޭތޯ އެނގޭނެއެވެ. އަހުލުއްސުންނާ ވަލް ޖަމާޢަތުގެ އިމާމް الإمام أحمد بن حنبل رحمه الله،  أصول السنة ގައި ވިދާޅުވިއެވެ. وَمَنْ غلب عَلَيْهِمْ بِالسَّيْفِ حَتَّى صَارَ خَلِيفَةً، وَسُمِّيَ أَمِيرَ اَلْمُؤْمِنِينَ "އަދި އޭނާގެ ކަނޑީގެ ބާރުން މީސްތަކުންގެ މައްޗަށް ގަދަވެ، ޚަލީފާއެއްގެ ގޮތުގައި ވުމުން، އޭނާއަކީ އަމީރުލް މުއުމިނީން ކަމުގައި ބުނެވޭނެ އެވެ." ހަތިޔާރުގެ ބާރުން ވެރިކަމަށް އައީއެވެ. އެހިނދު އޭނައަށް ދެވޭ ނަމަކީ ޢަމީރުލް މުއްމިނީންއެވެ. އޭނައަށް ބާޣީއެއްގެ ނަމެއް ނުދެވޭނެއެވެ. އެހެނީ އޭނަ އެހެރީ އެގޮތުންވެސް ވެރިކަމުގެ އިސް މަޤާމަށް ކަޑީގެ ބާރުން އަރާފައެވެ. މިއަދު މި މައިދާނަށް ނުކުމެތިބި ދީނީ ދަންނަބޭކަލުން ވިޔަސް ނުވަތަ ރޯނު އެދުރުން ވިޔަސް މިހުރިހާ އެދުރުންނާ މީކިހިނެއް ވާނެ ކަމެއްތޯ ސުވާލުކޮށް ބުނެބަލާށެވެ! އެބައިމީހުން ބުނާނެތެވެ. ތިކަމެއް ޤަބޫލެއް ނުކުރެވޭނެއެވެ. އެބައިމީހުން ބުނާނީ ޖެހޭނީ ދެކޮޅަށް ނުކުންނާށެވެ. އެބައިމީހުން ބުނާނީ ޖެހޭނީ އެވެރިކަމަށް އައިމީހާގެ ލޭ އޮހޮރުވާށެވެ. ތިބުނާ ޢަދުލު އިންސާފު ޤާޢިމްކުރަން އައި ރައްޔިތުންގެ ޙާލަކީ މިހާރު ކޮބައިހެއްޔެވެ؟ މިސްރުގެ އޮތް ހާލު ބާލުންހުއްޓެވެ. މި އޮތީ އަހަރެމެންނަށް އަހަރެމެންގެ ދީން ބަޔާން ކޮށްދީފައެވެ. އޭ އަޚުންނޭވެ! މި ދައްކަނީ މި އިމާމުން ދެކެ ލޯބިވާ ވާހަކައެވެ. މި ހައްޤު ބަޔާންކޮށްދިން ޢިލްމުވެރިންގެ ވާހަކައެވެ. ހަތިޔާރުގެ ބޭނުންކޮށް ވެރިކަމަށް އައި ވެރިޔާއަށްވެސް ކިޔަންޖެހެނީ އަމީރުލް މުއުމިނީންއެވެ.


لا يحل لاحد يؤمن بالله واليوم الآخر أن يبيت ليلة ولا يرى أن ليس عليه إمام برا كان أو فاجرا "ހެޔޮލަފާ ވެރިޔެއް ނުވަތަ ނުބައި ފާޖިރެއް ކަމުގައިވިޔަސް، އިމާމެއް ވާކަމަށް ނުދެކި ހުރިހާލު އެއްމެ ރެއެއްވެސް ހޭދަކުރުން ﷲ އަށް އީމާންވެ ޤިޔާމަތް ދުވަހަށް އީމާންވެހުރި އެކަކަށްވެސް ޙަލާލުވެގެން ނުވެއެވެ." މަގޭ މައްޗަށް ހަތިޔާރު ހިފައިގެން އަރައިފިޔޭ ބުނެ އޭނަ ހޭދަކޮށްލަން މި އުޅެނީ އެންމެ ރެއެކެވެ. އޭނަގެ ވެރިކަން ޤަބޫލުނުކޮށް ތިބާ ތިއުޅެނީ ނިދަންވެގެންނެވެ. އެ ވެރިޔާ އަކީ ފާޖިރެއް، ރާ ބޯމީހެއް، ވަގެއް އަނެކައްޗެއް އަނެކައްޗެއް، އެހެން ކަމުގައިވިޔަސް އެފަދަ މީހަކު ވެރިކަމަށް އެރި ކަމުގައިވިޔަށް ވެރިޔަކު ނެތްކަމަށް ދެކިގެން ތިބާ ބޯ އަޅާލައިގެން ނިދާލައިގެން ނުވާނެއެވެ.

 

މިއަދު މި އަޤީދާ ނެރޭނީ ކޮންތާކުން ހެއްޔެވެ؟ ކިތަށް ދީނީ ދަންނަބޭކަލުން ތިކުންދިން ކައިރީ މި ވާހަކަ ބުނެފި ހެއްޔެވެ؟ ތިކުދިން ދުވަހަކުވެސް މި ވާހަކަ އަޑު އެހިން ހެއްޔެވެ؟ (އެ ދަންނަބޭކަލުން ބުނަނީ) ކަޑި ބަޑި ނަގައިގެން ވެރިކަމަށް އަރައިފިއެވެ. ލޭ އޮހޮރުވާލަން ނުކުންނަން ޖެހޭނެއެވެ. ދެކޮޅަށް ނުކުންނަށް ޖެހޭނެއެވެ. މިއީތޯ ހައްޤަކީ؟ ޝަރީޢަތާއި ޚިލާފަށް މިކުރާ ހުރިހާކަމަކީ ފިތުނައެވެ. ތިޔަ އަޚުން ބޭނުންވަނީ މި ފިތުނައަށް ވޯޓުދޭން ހެއްޔެވެ؟ ބޭނުންވަނީ މި ތަޅާފޮޅުމުގައި، މި ލޭ އޮހޮރުވުމުގައި ބައިވެރިވާން ހެއްޔެވެ؟ އެހެންކަމުގައިވާނަމަ އަހަރެން ބުނާނީ އިންސާނާ އަށް ލިބޭނީ ދުނިޔެމަތީގައި އޭނާ ހޭދަކުރި ހިދާޔަތެކެވެ. ތިބާ މަޙުޝަރު ކުރެވޭނީ الله سبحانه وتعالى ހަޟްރަތަށެވެ. އިމާމް އިބްނު އަލް-ޤައްޔިމް ވިދާޅުވިފަދައިން ތިބާއާއި ކުރެވޭނީ ދެ ސުވާލެކެވެ. ماذا كنتم تعبدون ތިޔަބައިމީހުން އަޅުކަން ކުރަނީ ކޯއްޗަކަށް ހެއްޔެވެ؟ وماذا أجبتم المرسلين ތިޔަބައިމީހުން ރަސޫލުންނަށް އިޖާބަ ދިނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އަހަރެމެންގެ ރަސޫލުން އަހަރެމެންނަށް އުގަންނަ ދިން އެއްޗަކީ މިއެވެ. ރަސޫލުން އަހަރެމެންނަށް އުނގަންނައިދިން ހިދާޔަތަކީ މިއެވެ.

(ވޯޓުލުމާއި ބެހޭގޮތުން ސަލަފީންގެ މައުޤިފް: އުސްތާޛް އަބޫ އަނަސް، އުސްތާޛް ރިފާދު އަދި އުސްތާޛް އަބޫ ހުނައިން)

ދަރުސް އަޑު އައްސަވާ ލައްވާށެވެ!

Like what you see?

Close

Hit the buttons below to follow us, you won't regret it...