ފަރުޟު ނަމާދަށް ފަހު ދުޢާކުރާ އިރު ދެ އަތް އުފުލުމުގެ ޙުކުމް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله
ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله
الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله
ފަރުޟު ނަމާދަށް ފަހު ދުޢާކުރާ އިރު ދެ އަތް އުފުލުމުގެ ޙުކުމް
ސުވާލު: އަންހެނަކު ސުވާލުކުރެއެވެ: ނަމާދަށް ފަހު، ޚާއްޞަކޮށް ފަރުޟު ނަމާދަށް ފަހު ދުޢާކުރާ އިރު ދެ އަތް އުފުލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: ފަރުޟު ނަމާދުގައި (ދުޢާކުރާ އިރު) އަތް ނެގުމަކީ ސުންނަތްވެގެންވާ ކަމެއް ނޫނެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ކުރެއްވި ކަމަކަށް ނުވާތީ އެވެ. މެންދުރު ނުވަތަ ޢަޞްރު ނުވަތަ މަޣްރިބު ނުވަތަ ޢިޝާ ނުވަތަ ފަތިސް ނަމާދު ފަހުން ދުޢާ ކުރެއްވުމަށް ނަބިއްޔާގެ ދެ އަތްޕުޅު އުފުއްލެވިކަމަށް ނަބިއްޔާގެ އަރިއަހުން ޙަދީޘެއް ރައްކައުކުރެވިގެން (ވާރިދުވެގެން) ނުވެ އެވެ. ފަހެ ދެ އަތް އުފުލައިގެން ނުވާނެ އެވެ. އެއީ އަހަރެމެން ކުރާ ޢަމަލުތަކުގައި އަދި އަހަރެމެން ދޫކުރާ ޢަމަލުތަކުގައި އަހަރެމެން ނަބިއްޔާ صلى الله عليه وسلم އަށް ތަބަޢަވުން އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވާތީ އެވެ. އަދި ފަރުޟު ފަސް ނަމާދަށް ފަހު ނަބިއްޔާ صلى الله عليه وسلم ދެ އަތްޕުޅު އުފުއްލަވާފައި ނުވާތީ އެވެ. އެހެންކަމުން، އަހަރެމެން ވެސް ހަމަ އެފަދައިން އަހަރެމެންގެ އަތްތައް ނުއުފުލާނަމެވެ. ނަބިއްޔާ صلى الله عليه وسلم އަށް ތަބަޢަވުމުގެ ގޮތުންނެވެ. ފަހެ ހަމަކަށަވަރުން ޢަމަލުކުރުމުގަ އާއި ޢަމަލު ދޫކުރުމުގައި ނަބިއްޔާ صلى الله عليه وسلم އަށް ތަބަޢަވެވެން ޖެހޭނެ އެވެ.
އަދި ހަމަ އެފަދައިން ނަމާދުކުރާ އިރު، ދެ ސަޖިދަ ދެމެދުގައި ދުޢާކުރާ އިރު، އަދި ސަލާމްދިނުމުގެ ކުރިން، ފަހު އައްތަޙިއްޔާތުގައި ދުޢާކުރާ އިރު އަހަރެމެންގެ އަތްތައް ނުއުފުލާނަމެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ދެ އަތްޕުޅު އުފުއްލަވާފައި ނުވާތީ އެވެ.
އަދި ހަމަ އެފަދައިން ހުކުރު ދުވަހުގެ ޚުޠުބާގައި ދުޢާކުރާ އިރު، އަދި ޢީދު ދުވަހުގެ ޚުޠުބާގައި ދުޢާކުރާ އިރު، އަހަރެމެންގެ އަތްތައް އުފުލައިގެން ނުވާނެ އެވެ. އެއީ އެކަމުގައި (އެ ވަގުތުތަކުގައި) ނަބިއްޔާ صلى الله عليه وسلم ދެ އަތްޕުޅު އުފުއްލަވާފައި ނުވާތީ އެވެ.
އެހެން ނަމަވެސް އިސްތިސްޤާ (ފެނަށް އެދި ދުޢާކުރާ) ނަމާދުގައި، އިސްތިސްޤާ ނަމާދުގެ ޚުޠުބާގައިވީ ނަމަވެސް، އަތްތައް އުފުލޭނެ އެވެ. އެއީ ރަސޫލާ صلى الله عليه وسلم އުފުއްލަވާފައި ވާތީ އެވެ. ހުކުރު ޚުޠުބާގައި ނުވަތަ އެނޫން ޚުޠުބާއެއްގައި އިމާމް މީހާ އިސްތިސްޤާ ކޮށްފި ނަމަ، ދުޢާކުރާ އިރު ދެ އަތް އުފުލުން އޭނާއަށް ޝަރުޢުކުރެވިގެންވެ އެވެ. ފަހެ މިކަން ވަނީ ނަބިއްޔާ صلى الله عليه وسلم ކުރެއްވި ފަދައިންނެވެ.
އަދި އެހެނިހެން ދުޢާތަކުގައި ވެސް ހަމަ މިފަދައިންނެވެ. އޭނާ ޟުޙާ ނަމާދުގަ އާއި ދަމު ނަމާދުގައި ދުޢާކުރާ ނަމަ، ނުވަތަ ނަމާދެއްގައި ނުވި ކަމުގައިވީ ނަމަވެސް، އޭނާގެ ވެރި އިލާހަށް ދުޢާކުރާ ނަމަ، އޭނާގެ އަތް އުފުލާފައި ދުޢާކުރާނީ އެވެ. މި ހުރިހައި ކަމަކީ ވެސް ހެޔޮ ކަންތަކެވެ. ދުޢާކުރުމަކީ އިޖާބަކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ. ފަހެ، ޙަދީޘްގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވަނީ: {إِنَّ رَبَّكُمْ حَيِيٌّ كَرِيمٌ، يَسْتَحْيِ مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا}(1)، މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ ލަދުވެތިވެވޮޑިގަންނަވާ، ދީލަތިވަންތަ އިލާހެވެ. އެއިލާހުގެ އަޅުގެ ދެ އަތް އެއިލާހުގެ ޙަޟްރަތަށް އުފުލައިފި ނަމަ ހުސްއަތާ ރައްދުކުރެއްވުމަށް އެއިލާހު ލަދުވެތިވެވޮޑިގަންނަވައެވެ." އަދި އެ ޙަދީޘަކީ އެ ޙަދީޘްގައި މައްސަލައެއް ނުވާ ޙަދީޘެކެވެ. އަދި އޭގެ އިތުރުން ދަތުރު މަތީގައި ދުޢާކުރި ފިރިހެނާގެ ޙަދީޘްގައިވެ އެވެ: أَبُو هُرَيْرَةَ رضي الله عنه ވިދާޅުވި އެވެ: ރަސޫލު الله صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ: {.... ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ لِلسَّمَاءِ: يَا رَبِّ، يَا رَبِّ، وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَغُذِّيَ بِالْحَرَامِ قَالَ الرَّسُولُ صلى الله عليه وسلم: فَأَنَّى يُسْتَجَابُ لِذَلِكَ}(2)، މާނައީ: "ދެން އެއަށްފަހު ދަތުރު ދިގުވެ، ބޯ ހޭވި، ހިރަފުސްވެފައިވާ މީހާގެ ވާހަކަ ޛިކުރުކުރެއްވި އެވެ. އޭނާގެ ދެ އަތް (ދުޢާކުރުމަށްޓަކައި) އުޑާ ދިމާއަށް އުފުލައެވެ. (އޭނާ ދަންނަވައެވެ:) "يا رب! يا رب!" އަދި އޭނާގެ ކެއުން ވަނީ ޙަރާމް ތަކެތިންނެވެ. އަދި އޭނާގެ ބުއިން ވަނީ ޙަރާމް ތަކެތިންނެވެ. އަދި އޭނާގެ ފޭރާން ވަނީ ޙަރާމް ތަކެތިންނެވެ. އަދި އޭނާއަށް ކާނާ ލިބިފައިވަނީ ޙަރާމް ތަކެތިންނެވެ. ފަހެ އޭނާއަށް އިޖާބަވެވޭނީ ކިހިނަކުން ހެއްޔެވެ؟" އޭނާއަށް އިޖާބަދެވޭނީ ކިހިނަކުން ހެއްޔެވެ؟ ސަބަބަކީ އޭނާ ޙަރާމް ތަކެތި ކައިއުޅުނީމަ އެވެ. އެހެން ނަމަވެސް (ދުޢާ) އިޖާބަކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިން ދެ އަތް އުފުލުން ހިމެނިގެންވެ އެވެ. އެހެން ނަމަވެސް އޭނާއަށް އިޖާބަދެއްވުން މަނާވެގެންދިޔައީ އޭނާގެ އަންނައުނުގަ އާއި އޭނާގެ ކެއުމާއި ބުއިމުގައި ޙަރާމް ތަކެތި ފަހަރަކަށް ފަހު ފަހަރެއް ބޭނުންކުރަމުންދާތީ އެވެ. އަހަރެމެން الله ގެ ޙަޟްރަތުން ޢާފިޔަތަށް އެދެމެވެ.
ފަހެ ޙާޞިލުވެގެންވާ ނަތީޖާ އަކީ: ދެއަތް އުފުލުމަކީ (ދުޢާ) އިޖާބަކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ. އެހެން ނަމަވެސް އެކަން ކުރުން އޮތީ ނަބިއްޔާ صلى الله عليه وسلم އަތްޕުޅު އުފުއްލެވި މަޤާމުތަކުގައެވެ. ނުވަތަ އަތް އުފުލުން ނުވަތަ ނުއުފުލާ ދޫކޮށްލުން ޙަރާމްވެގެންނުވާ މަޤާމުތަކުގައެވެ. ފަހެ އެތަންތަނުގައި އިންސާނާ ދުޢާކުރާ އިރު އޭނާގެ ދެ އަތް އުފުލާނީ އެވެ. ދެން ފަހެ ފަރުޟު ނަމާދު؛ ފަރުޟު ފަސް ނަމާދަށް ފަހުގައި އަދި ހުކުރު ނަމާދަށް ފަހުގައި ނަބިއްޔާ صلى الله عليه وسلم ގެ ދެ އަތްޕުޅު އުފުއްލެވި ކަމަށް ނަބިއްޔާގެ އަރިއަހުން ޙަދީޘެއް ރައްކައުކުރެވިގެން (ވާރިދުވެގެން) ނުވެ އެވެ. ފަހެ އަހަރެމެންނަށް އޮތް (ރަސޫލާ صلى الله عليه وسلم ގެ) ސުންނަތަކީ އަހަރެމެން ވެސް ނުއުފުލުމެވެ. ނަބިއްޔާ صلى الله عليه وسلم އަށް ތަބަޢަވުމުގެ ގޮތުންނެވެ.
❆❆❆
ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد التاسع، صفحة: 142-143، كتاب الصلاة (القسم الرابع)، الأذكار والأدعية داخل الصلاةوبعد التسليم، رفع اليدين في الدعاء بعد الصلاة المكتوبة أو النافلة.
ލިޔުމުގެ އަސްލުގެ ލިންކް: http://goo.gl/3KmM5l
އަދިވެސް ޝެއިޚުއާ ސުވާލު ކުރެވުނެވެ.
ސުވާލު: ދުޢާކުރެއްވި ހުރިހައި ވަގުތުތަކެއްގައި ނަބިއްޔާ صلى الله عليه وسلم ދެ އަތްޕުޅު އުފުއްލެވިތޯ އެވެ؟
ޖަވާބު: ކަނޑައެޅިގެންވާ ވަގުތުތަކެއްގަ އާއި، ވަކި ވަގުތެއް ކަނޑައެޅިގެންނުވާ ޢާންމު ދުޢާތަކުގައި ނަބިއްޔާ صلى الله عليه وسلم ގެ ދެ އަތްޕުޅު އުފުއްލަވައި އުޅުއްވި އެވެ. އަދި ދުޢާކުރެއްވި ހިނދު ނަބިއްޔާ صلى الله عليه وسلم ގެ ދެ އަތްޕުޅު އުފުއްލަވައިފައި ނުވާ ވަގުތުތަކެއް ވެސް ވެއެވެ.
ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم އިސްތިސްޤާ ކުރެއްވި ހިނދު (ފެނަށް އެދިވަޑައިގެން ދުޢާކުރެއްވި ހިނދު) ރަސޫލާ صلى الله عليه وسلم ގެ ދެ އަތްޕުޅު އުފުއްލެވިކަމަށް ސާބިތުވެގެންވެ އެވެ. ހުކުރު ދުވަހުގެ ޚުޠުބާގައި ރަސޫލާ صلى الله عليه وسلم މުސްލިމުންނަށްޓަކައި އިސްތިސްޤާ ކުރެއްވި ހިނދު ރަސޫލާ صلى الله عليه وسلم ގެ ދެ އަތްޕުޅު އުފުއްލެވި އެވެ.
އަދި ހަމައެފަދައިން ސަހަރާއަށް ނުކުމެވަޑައިގަންނަވައި، ދެ ރަކުޢަތް ކުރައްވައި، މީސްތަކުންނަށް ޚުޠުބާ ދެއްވައި ދުޢާކުރެއްވި ހިނދު ރަސޫލާ صلى الله عليه وسلم ގެ ދެ އަތްޕުޅު އުފުއްލެވި އެވެ.
އަދި ހަމަ އެފަދައިން ވަކި މީހަކަށް ދުޢާ ކުރެއްވި ހިނދު ރަސޫލާ صلى الله عليه وسلم ގެ ދެ އަތްޕުޅު އުފުއްލެވި އެވެ.
މިކަމާ ބެހޭގޮތުން ބައިވަރު ޞައްޙަ ޙަދީޘް ވާރިދުވެގެންވެ އެވެ. އަދި (ދުޢާކުރާ އިރު) ދެ އަތް އުފުލުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. އަދި ދުޢާ އިޖާބަކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ. އެޙަދީޘްތަކުގެ ތެރެއިން صحيح مسلم ގައި ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުން أَبُو هُرَيْرَةَ رضي الله عنه ރިވާކުރެއްވި ސާބިތުވެގެންވީ ޙަދީޘް ހިމެނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ: {إنَّ اللَّهَ طَيِّبٌ لَا يَقْبَلُ إلَّا طَيِّبًا، وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ تَعَالَى: (يَاأَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ )، وَقَالَ سُبْحَانَه:( يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا )، ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إلَى السَّمَاءِ: يَا رَبِّ! يَا رَبِّ! وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لِذَلِكَ؟} މާނައީ: "ހަމަކަށަވަރުން الله ރިވެތިވެގެންވެ އެވެ. އަދި ރިވެތިކަމެއް މެނުވީ ޤަބޫލުފުޅު ނުކުރައްވަ އެވެ. އަދި ހަމަކަށަވަރުން الله ރަސޫލުންނަށް އަމުރުފުޅުކުރެއްވި ކަންކަމުން މުއުމިނުންނަށް އަމުރުފުޅުކުރެއްވި އެވެ. ފަހެ (الله) تعالى ވަޙީކުރެއްވި އެވ يَاأَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ މާނައީ: "އޭ އީމާންވީ މީސްތަކުންނެވެ. ތިމަން الله ތިޔަބައިމީހުންނަށް ރިޒުޤުދެއްވި ތަކެތީގެ ތެރެއިން ހެޔޮ ތަކެތިން ތިޔަބައިމީހުން ކާށެވެ. އަދި ތިޔަބައިމީހުން الله އަށް ޝުކުރުވެރިވާށެވެ." އަދި (الله) تعالى ވަޙީކުރެއްވި އެވެ: يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا ، މާނައީ: "އޭ ރަސޫލު ބޭކަލުންނެވެ. ތިޔަބައިމީހުން ހެޔޮ ތަކެތިން ކައިއުޅޭށެވެ. އަދި ތިޔަބައިމީހުން ހެޔޮ ޢަމަލުތައް ކުރާށެވެ." ދެން އެއަށްފަހު ދަތުރު ދިގުވެ، ބޯ ހޭވި، ހިރަފުސްވެފައިވާ މީހާގެ ވާހަކަ ޛިކުރުކުރެއްވި އެވެ. އޭނާގެ ދެ އަތް (ދުޢާކުރުމަށްޓަކައި) އުޑާ ދިމާއަށް އުފުލައެވެ. (އޭނާ ދަންނަވައެވެ:) "يا رب! يا رب!" އަދި އޭނާގެ ކެއުން ވަނީ ޙަރާމް ތަކެތިންނެވެ. އަދި އޭނާގެ ބުއިން ވަނީ ޙަރާމް ތަކެތިންނެވެ. އަދި އޭނާގެ ފޭރާން ވަނީ ޙަރާމް ތަކެތިންނެވެ. އަދި އޭނާއަށް ކާނާ ލިބިފައިވަނީ ޙަރާމް ތަކެތިންނެވެ. ފަހެ އޭނާއަށް އިޖާބަވެވޭނީ ކިހިނަކުން ހެއްޔެވެ؟"
ފަހެ، ދުޢާ އިޖާބަކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިން އުޑާ ދިމާއަށް އަތް އުފުލުން ނަބިއްޔާ صلى الله عليه وسلم ޛިކުރު ކުރެއްވި އެވެ. އެހެން ނަމަވެސް އެކި ގޮތްގޮތަށް ޙަރާމް ތަކެތި ބޭނުންކޮށް އުޅެމުން، ދުޢާކުރި މީހާއަށް އިޖާބަ ދެއްވުމަކީ ދުރުވެގެންވާ ކަމެއްގެ ގޮތުގައި ނަބިއްޔާ صلى الله عليه وسلم ބަޔާންކުރެއްވި އެވެ. އެއީ އެމީހާ ޙަރާމް ތަކެތި ފަހަރަކަށް ފަހު ފަހަރެއް ބޭނުންކުރަމުން ދާތީ އެވެ. ފަހެ މީގެން އެނގިގެންދަނީ ދުޢާ އިޖާބަކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިން ދެ އަތް އުފުލުންވާ ކަމެވެ.
އަދި އަނެއް ޙަދީޘްގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ: {إِنَّ رَبَّكُم حَيِيٌّ كَرِيم، يَسْتَحْيِ مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا} މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ ލަދުވެތިވެވޮޑިގަންނަވާ، ދީލަތިވަންތަ އިލާހެވެ. އެއިލާހުގެ އަޅުގެ ދެއަތް އެއިލާހުގެ ޙަޟްރަތަށް އުފުލައިފި ނަމަ ހުސްއަތާ ރައްދުކުރެއްވުމަށް އެއިލާހު ލަދުވެތިވެވޮޑިގަންނަވައެވެ." އެބަހީ ހުސްއަތާ އެވެ. ފަހެ ދުޢާކުރާ އިރު ދެ އަތް އުފުލުމަކީ ޝަރުޢުކުރެވިގެންވާ ކަމެއްކަމާއި، އެކަމަކީ ދުޢާ އިޖާބަކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިންވާ ކަމެއްކަމަށް މި ޙަދީޘުން ދަލީލުކޮށްދެއެވެ.
އެހެން ނަމަވެސް ދުޢާކުރެއްވި ހިނދު ނަބިއްޔާ صلى الله عليه وسلم ގެ ދެ އަތްޕުޅު އުފުއްލަވައިފައި ނުވާ ވަގުތުތަކެއް ސާބިތުވެގެންވެ އެވެ. މިސާލަކަށް ދެ ސަޖިދަ ދެމެދު ދުޢާކުރެއްވި އިރު އެވެ. ނުވަތަ ސަލާމް ދެއްވުމުގެ ކުރިން ނަމާދުގެ ފަހުކޮޅުގައި ދުޢާކުރެއްވި އިރު އެވެ. ހަމަ މިފަދައިން ފަސް ނަމާދު (މެންދުރު، ޢަޞުރު، މަޣްރިބު، ޢިޝާ އަދި ފަތިސް ނަމާދު) ފަހުން ދުޢާކުރެއްވި އިރު އެވެ. އެއިން އެއްވެސް ނަމާދަކަށް ފަހު ނަބިއްޔާ صلى الله عليه وسلم ގެ ދެ އަތްޕުޅު އުފުއްލަވައިފައި ނުވެ އެވެ. ފަހެ މިފަދަ ވަގުތެއްގައި ސުންނަތްވެގެންވަނީ އަތް ނުއުފުލުމެވެ. އަދި ކިއެއްތޯ އެވެ. އެވަގުތުގައި އަތް އުފުލުމަކީ ބިދުޢައެކެވެ. އެއީ އެކަން ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުންނާއި ނަބިއްޔާގެ އަޞްޙާބުން رضي الله عنهم ގެ އަރިއަހުން ސާބިތުވެގެން ނުވާތީ އެވެ. އަދި އެނގިގެންވެ އެވެ. އެއްވެސް ހެޔޮކަމެއްވާ ނަމަ ނަބިއްޔާ صلى الله عليه وسلم ވަނީ އުންމަތަށް އެ ހެޔޮކަމެއް ބަޔާންކޮށްދެއްވާފަ އެވެ. އަދި އެއްވެސް ނުބައިކަމެއްވާ ނަމަ ނަބިއްޔާ صلى الله عليه وسلم ވަނީ އުންމަތަށް އެ ނުބައިކަމަކާ ބެހޭގޮތުން އިންޒާރުދެއްވާފަ އެވެ.
އެހެން ނަމަވެސް ނަވާޒިލްތަކުގައި (ދިމާވާ ބޮޑެތި ކާރިސާތަކުގައި) ޤުނޫތު ކިޔާ ނަމަ، އެންމެ ފަހު ރަކުޢަތުގައި ރުކޫޢުން ތެދުވުމަށް ފަހު އޭނާގެ ދެ އަތް އުފުލުން އޭނާއަށް ޝަރުޢުކުރެވިގެންވެ އެވެ. އެހެނީ މުސްލިމުންގެ ތެރެއިންވީ ޤާރީވެރިންނާ ދެކޮޅަށް އަނިޔާވެރިވީ ޤަބީލާތަކުގެ މައްޗަށް ބަދު ދުޢާ ކުރެއްވި ހިނދު ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ވަނީ އެކަން ކުރައްވާފަ (ދެ އަތްޕުޅު އުފުއްލަވާފަ) އެވެ. އަދި ހަމަ އެފަދައިން މައްކާ ފަތަޙަކުރެއްވުމުގެ ކުރިން ޤުރައިޝްގެ ކާފަރުންގެ މައްޗަށް ބަދު ދުޢާ ކުރެއްވި ހިނދު، އެންމެ ފަހު ރަކުޢަތުގައި ރުކޫޢުން ތެދުވެވަޑައިގަތުމަށް ފަހު ނަބިއްޔާ صلى الله عليه وسلم ވަނީ ދެ އަތްޕުޅު އުފުއްލަވާފަ އެވެ. އަދި ހަމަ އެފަދައިން ވިތުރީގެ ޤުނޫތުގައި ނަބިއްޔާ صلى الله عليه وسلم ވަނީ ދެ އަތްޕުޅު އުފުއްލަވާފަ އެވެ. والله ولي التوفيق.
❆❆❆
ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد التاسع، صفحة: 293، رفع اليدين في الدعاء.
ލިޔުމުގެ އަސްލުގެ ލިންކް: http://goo.gl/vIDk9K
----------------------
(1) ރިވާކުރެއްވީ: أحمد، مسند الأنصار (23202) ގައި سلمان الفارسي رحمه الله ގެ ޙަދީޘުން، އަދި أبو داود (1488) كتاب الصلاة، باب الدعاء ގައި، އަދި الترمذي (3556) كتاب الدعوات، باب في دعاء النبي صلى الله عليه وسلم ގައި، ابن ماجه (3865) كتاب الدعاء، باب رفع اليدين في الدعاء ގައި.
(2) ރިވާކުރެއްވީ: مسلم (1015) كتاب الزكاة، باب قبول الصدقة من الكسب الطيب و تربيتها ގައި.