ހެޔޮކަން ބޮޑީ ޢިލްމު އުނގެނުން ހެއްޔެވެ؟ ނުވަތަ الله އަށްޓަކައި ދަޢުވަތު ދިނުން ހެއްޔެވެ؟ - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله
الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ހެޔޮކަން ބޮޑީ ޢިލްމު އުނގެނުން ހެއްޔެވެ؟ ނުވަތަ الله އަށްޓަކައި ދަޢުވަތު ދިނުން ހެއްޔެވެ؟
ސުވާލު: މި ދެކަމުން ކުރެ އެންމެ ހެޔޮކަން ބޮޑީ ކޮން ކަމެއްތޯ؟ (ޝަރުޢީ) ޢިލްމު އުނގެނުންތޯ؟ ނުވަތަ الله سبحانه و تعالى އަށްޓަކައި ދަޢުވަތުދިނުންތޯ؟
ޖަވާބު: އެންމެ ފުރަތަމައިނުން (ޝަރުޢީ) ޢިލްމު އުނގެނުމެވެ. އެހެނީ އިންސާނެއްގެ ކިބައިގައި ޢިލްމެއް ހުރެގެން މެނުވީ اللهއަށްޓަކައި ދަޢުވަތުދިނުން އޭނާއަށް ކުޅަދާނަވެގެނެއްނުވެ އެވެ. އޭނާގެ ކިބައިގައި ޢިލްމެއްނުވާ ނަމަ، ހަމަކަށަވަރުން އޭނާ اللهއަށްޓަކައި ދަޢުވަތުދިނުމަށް ކުޅަދާނަވެގެން ނުވާނެ އެވެ. އަދި އޭނާ ދަޢުވަތުދީފި ނަމަ ފަހެ ހަމަކަށަވަރުން އޭނާ ރަނގަޅަށް ކުރާ ކަންތަކަށް ވުރެ ކުށްކުރާލޭ މާ ގިނަވާނެ އެވެ.
ފަހެ ދަޢުވަތުދޭ މީހެއްގެ ކިބައިގައި ހުރުން ޝަރުޠުކުރެވިގެންވެ އެވެ: އޭނާ ދަޢުވަތުގެ މައިދާނަށް ނުކުތުމުގެ ކުރިން އޭނާ ޢިލްމެއްގެ މަތީގައި ހުރުމެވެ. (الله ވަޙީކުރެއްވިއެވެ:) قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ ]يوسف: 108[. މާނައީ: "އިބަ ނަބިއްޔާ ވިދާޅުވާށެވެ. މިއީ ތިމަން ނަބިއްޔާގެ މަގެވެ. ތިމަން ނަބިއްޔާ، اللهއަށްޓަކައި ދަޢުވަތުދެއްވަނީ އަލިވެގެންވާ ދަލީލާ އެކުގައެވެ."
އަދި އާންމު މީހާ ދަޢުވަތުދިނުމަށް ކުޅަދާނަކަން ލިބިގެންވާ، ފާޅުވެގެންވާ ކަންތައްތަކެއްވެ އެވެ. މިސާލަކަށް ނަމާދު ޤާއިމްކުރުމަށް ދަޢުވަތުދިނުމާއި، ޖަމާޢަތުގައި ނަމާދު ކުރުމާ ދުރުވުމަށް ނަހީކުރުމާއި (އެބަހީ: ޖަމާޢަތުގައި ނަމާދު ކުރުމަށް އަމުރު ކުރުމާއި)، ގޭގެ އަހުލުވެރިންގެ މައްޗަށް ޤާއިމްވުމާއި، ދަރިންނަށް ނަމާދު ކުރުމަށް އަމުރުކުރުން ފަދަ ކަންކަމެވެ. މިއީ ފާޅުވެގެންވާ ކަންކަމެވެ. އާންމު މީހާ އެކަންތައް ދަނެއެވެ. އަދި ކިޔަވާ މީހާ އެކަންތައް ދަނެއެވެ. އެހެން ނަމަވެސް ފިޤުހަށް ޙާޖަތް ޖެހިގެންވާ ކަންކަމާއި، ޢިލްމަށް ޙާޖަތް ޖެހިގެންވާ ކަންކަމާއި، ޙަލާލު ކަންތަކާއި ޙަރާމް ކަންތައްތަކާއި، ތަޥްޙީދާއި ޝިރުކާ ބެހޭ ކަންކަމީ ކޮންމެހެން ވެސް އެކަންކަމުގައި ޢިލްމު ހުރުން ލާޒިމްވެގެންވާ ކަންކަމެވެ.
❆ ❆ ❆
ފަތުވާ ނަގައިފައިވަނީ: الأجوبة المفيدة عن أسئلة المناهج الجديدة، س 54، ص 145-146، دار سحاب السلفية، الطبعة الخامسة 1432 ه
: