މިސްކިތުގެ ދެތަނބު ދޭތެރޭގައި މައުމޫމީން ސަފު ހެދުމުގެ ޙުކުމް - الإِمَامُ ابْنِ بَاز رحمه الله، الإِمَامُ الأَلْبَانِي رحمه الله، الشَّيْخُ الفَوْزَان حفظه الله
ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله
މިސްކިތުގެ ދެތަނބު ދޭތެރޭގައި މައުމޫމީން ސަފު ހެދުމުގެ ޙުކުމް
1. ސަޢޫދީ ޢަރަބިއްޔާގެ اللَّجْنَةُ الدَّائِمَةُ لِلْبُحُوثِ العِلْمِيَّة وَالإِفْتَاء (ފަތުވާ ކޮމިޓީ)
ސުވާލު: އަޅުގަނޑުމެން ކާޕެޓު އަޅަން ބޭނުންވާ މިސްކިތެއް އެބަ ހުއްޓެވެ. އަދި ތަނބުތައް ދެމެދުގައި ނަމާދު ކުރުން ހުއްދަވެގެން ނުވާ ކަމަށް ވަރަށް ކަށަވަރުކޮށް އަޑުއަހައިފީމު އެވެ. ދެތަނބު ދޭތެރޭ ސަފު ހެދުމުން ދުރުވާން އަޅުގަނޑު ބޭނުންވެ އެވެ. ފަހެ ތަނބުތަކުގެ ދެމެދުގައި ނަމާދު ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި އަޅުގަނޑުމެން މިސްކިތް އައު ކުރަން އުޅެނިކޮށް އަޚުންގެ ތެރެއިން މީހަކު އައިސް ބުންޏެވެ: މިޙުރާބު ތެރޭގައި ނަމާދު ކުރުން ހުއްދަ ވެގެނެއް ނުވެ އެވެ. ނުވަތަ މަކްރޫހަ ވެގެންވެ އެވެ. މާނައީ: މިޙުރާބު ތެރޭގައި ނަމާދު ކުރުން މަކްރޫހަ ވެގެންވެ އެވެ. ފަހެ މިއީ ޞައްޙަ ވާހަކައެއްތޯ އެވެ؟
ޖަވާބު: ސަފުތައް މެދުކެނޑޭ ނަމަ ތަނބުތަކުގެ ދެމެދުގައި ނަމާދު ކުރުން މަކްރޫހަ ވެގެންވެ އެވެ. ޙާޖަތަކަށް މެނުވީ އެވެ. މިސާލަކަށް ނަމާދު ކުރާ މީހުންގެ ސަބަބުން މިސްކިތް ފުރިބާރުވެގެންވި ޙާލަތެއްގައި ތަނބުތަކުގެ ދެމެދުގައި ނަމާދުކުރަން މީހުން ހާޖަތް ޖެހިއްޖެ ނަމަ ފަހެ ހަމަޔަގީނުންވެސް އެޙާލަތުގައި މަކްރޫހަކަން ނެތިގެންދެ އެވެ. އަދި ހަމައެފަދައިން މިޙުރާބުގެ ތެރޭގައި ނަމާދު ކުރުން އިމާމާއަށް މަކްރޫހަ ވެގެންވެ އެވެ. އެއީ އޭގެ ސަބަބުން ނަމާދުކުރާ ގިނަމީހުންނަށް އިމާމް މީހާ ނުފެންނާނެތީ އެވެ. އެހެންނަމަވެސް މިކަމަކީ މިޙްރާބެއް ބިނާ ކުރުން ނުވަތަ މިސްކިތް އައުކުރުން މަނާ ކުރުވާ ކަމެއް ނޫނެވެ.
ހަމަކަށަވަރުން ތަޥްފީޤު ލިބިގެންވަނީ الله ގެ ޙަޟްރަތުންނެވެ. و صلى الله على نبينا محمد و على آله و صحبه و سلم.
ފަތުވާ ލިންކް: http://goo.gl/ZveUHD
❉ ❉ ❉
2. الشَّيْخُ عَبْدُ العَزِيزِ بْنِ بَاز رحمه الله
ސުވާލު: ބައެއް މިސްކިތްތަކުގައި އެތަނބުތަކެއްގެ ސަބަބުން ސަފުތައް ބުރިކޮށްލާ، އަދި އެއް ސަފު އެތަކެއް ސަފުތަކަކަށް ބައިކޮށްލާ ތަނބުތަކެއްވެ އެވެ. ފަހެ މިފަދަ ޙާލަތެއްގައި އިންސާނާއަށް އެންމެ ހެޔޮވެގެންވަނީ އެތަނބުގެ އަރިމައްޗަށްވާ ގޮތަށް ނަމާދު ކުރުންތޯ އެވެ؟ އެހެން ކަމުގައިވާ ނަމަ ސަފު ބުރިވާނެ އެވެ. ނުވަތަ އެންމެ ހެޔޮވެގެންވަނީ އެތަނބު އޭނާގެ ފަހަތަށްވާ ގޮތަށް ނަމާދު ކުރުންތޯ އެވެ؟ އެހެން ކަމުގައިވާ ނަމަ އެޙާލަތުގައި ސަފު ފުރިހަމަވާނެ އެވެ. އެހެން ނަމަވެސް އެއިރުން ނަމާދު ކުރާ މީހާ ހުންނާނީ ސަފަށް ވުރެން ކުޑަ ތަންކޮޅެއްކުރީގަ އެވެ. އެކަމުގައި އަޅުގަނޑުމެންނަށް ފަތުވާއެއް ތިޔަ މަޝާއިޚުން ދެއްވާށެވެ. ހެޔޮ ޖަޒާ ލިބިގެންވާ ޙާލުގައެވެ.
ޖަވާބު: (ރަސޫލު الله صَلَّى اللّٰهُ عَلَيْهِ وَسَلَّم ގެ) ސުންނަތަކީ ނަމާދުކުރާ މީހުންގެ ފަހަތަށް ތަނބުތައްވާ ގޮތަށް، ސަފުތައް ސީދާވެ ތެދުވުމާއި، ގުޅިފައި ހުރުމެވެ. ތަނބުތައް އެމީހުންގެ ފަހަތަށްވާ ގޮތަށެވެ. އަދި ތަނބުތަކުގެ ކުރީގައި ސަފު ހުންނަން ވާނީ ސީދަލަށެވެ. އަދި ޟަރޫރީ ޙާލަތެއްގައި މެނުވީ ސަފުތައް މެދުކެނޑިގެން ނުވާނެ އެވެ. މިސްކިތް ތެރޭ ބައިބޯވެ، މިސްކިތް ފުރިބާރުވުމުން މީސްތަކުން ތަނބުތަކުގެ މެދުގައި ސަފު ހަދައިފި ނަމަ އެކަމުގައި މައްސަލައެއް ނެތެވެ. އެއީ އެކަމަށް ޙާޖަތް ޖެހިގެންވާތީ އެވެ. މިސަބަބަށްޓަކައި أَنَس رضي الله عنه ވިދާޅުވި އެވެ: "إِنَّهُم كَانُوا يَتَّقُونَ ذَلِكَ" މާނައީ: "ހަމަކަށަވަރުން އެޞަޙާބީން އެކަމުން (ތަނބުތަކުގެ ދެމެދުގައި ސަފު ހެއްދެވުމުން) ދުރުވެވަޑައިގެން ރައްކައުތެރިވެ ވަޑައިގަތެވެ." އެބަހީ، އެކަމަށް ޙާޖަތް ޖެހިގެން ނުވާ ހާލަތެއްގައި، އެބޭފުޅުން ތަނބުތަކުގެ ދޭތެރޭ ކޮޅަށް ހުންނެވުމުން ދުރުވެވަޑައިގެން ރައްކައުތެރިވެވަޑައިގަތެވެ. ފަހެ (ރަސޫލު الله صَلَّى اللّٰهُ عَلَيْهِ وَسَلَّم ގެ) ސުންނަތަކީ މައުމޫމީން ކުރިއަށް ޖެހުމެވެ. އަދި އެމީހުންގެ ފަހަތަށް ތަނބުތައްވާ ގޮތަށް ތިބުމެވެ. އަދި އޭނާގެ ފަހަތުގައި ތަނބެއް ހުރި މީހާ ސަފަށްވުރެ ކުޑަކޮށް ކުރިއަށް ޖެހިލުމަކުން މައްސަލައެއް ނެތެވެ. އެހެންނަމަވެސް ލާޒިމް ވެގެންވަނީ ސަފުތައް ސީދާ ކުރުމަށްޓަކައި ދެތަނބު ދޭތެރޭ (ނަމާދު ކުރަން) ހުންނަ މީހުން ކުޑަކޮށް ކުރިއަށް ޖެހިލުމެވެ. އެއީ އޭނާގެ ފަހަތުގައި ތަނބު ހުރި މީހާއާ އެހެން މީހުން އެއް ހަމައެއްގައި، ސަފުގައި ސީދަލަށް ތިބުމަށެވެ. އަދި އެކަކުގެ މައްޗަށް އަނެކަކު ސަފުގައި އިސްވެ ނުދިއުމަށްޓަކައެވެ.
އޯޑިއޯ ލިންކް: https://goo.gl/xv1MFK
❉ ❉ ❉
3. الشَّيْخُ صَالِحُ الفَوْزَان حفظه الله
ސުވާލު: الله ޝައިޚުއަށް ހެޔޮގޮތް މިންވަރު ކުރައްވާނދޭވެ. ތަނބުތަކުގެ ދެމެދުގައި ނަމާދު ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި މިސްކިތަށް ވަންނަ އިރު ތަނބުތަކުގެ ދެމެދުގައި ސަފުހަދައިގެން މީހުން ނަމާދު ކުރަން ތިއްބާ ފެންނަ މީހާ، އެސަފު ފުރިހަމަ ނުވެ ހުއްޓާ ފެނިއްޖެ ނަމަ އޭނާ ކަންތައް ކުރާނީ ކިހިނަކުންތޯ އެވެ؟ އޭނާ އެސަފު ފުރިހަމަ ކުރާނީތޯ އެވެ؟ ނުވަތަ ސަފުތަކުގެ ފަހަތުގައި އޭނާއެކަނި މައި އެކަނި (ނަމާދަށް) ކޮޅަށް ހުންނާނީތޯ އެވެ؟
ޖަވާބު: ތަނބުތަކުގެ ދޭތެރޭ (ނަމާދު ކުރަން) ކޮޅަށް ހުރުން މަކްރޫހަ ވެގެންވެ އެވެ. ޙާޖަތް ޖެހިއްޖެ ހާލަތެއްގައި މެނުވީ އެވެ. މިސްކިތް ފުރި ބާރުވެއްޖެ ނަމައެވެ. މިސްކިތް ފުރި ބާރުވެއްޖެ ނަމަ ފަހެ ހަމަކަށަވަރުން އެމީހުން ނަމާދު ކުރާނީ ތަނބުތަކުގެ ދޭތެރޭގަ އެވެ. އެހިނދު ޙާޖަތަށްޓަކައި މަކްރޫހަކަން ފިލައިގެން ދާނެ އެވެ. ދެން ފަހެ ޙާޖަތެއް ޖެހިގެންނުވާ ނަމަ، ފަހެ ހަމަކަށަވަރުން ތަނބުތަކުގެ ދޭތެރޭ ނަމާދު ކުރުން މަކްރޫހަ ވެގެންވެ އެވެ. އެއީ އޭގެ ސަބަބުން ސަފުތައް މެދުކެނޑިގެން ދާތީ އެވެ. ފަހެ ތިބާ މިސްކިތަށް ވަންނަ ހިނދު ތަނބުތަކުގެ މެދުގައި ސަފަކާއި އެތަނބުތަކުގެ ކުރީގައި ސަފެއް އަދި އެތަނބުތަކުގެ ފަހަތުގައި ސަފެއްވާތަން ފެނިއްޖެ ނަމަ، އަދި އެއިން ސަފެއްގައި ހުސްތަނެއް ވާތަން ފެނިއްޖެ ނަމަ، ފަހެ ހަމަކަށަވަރުން ތިބާ ހުއްޓޭނީ ތަނބުތަކުގެ މެދުގައި ނުވާ ސަފުގަ އެވެ.
ފަތުވާ ލިންކް: http://www.alfawzan.af.org.sa/node/10992
❉ ❉ ❉
4. الإِمَامُ العَلَّامَةُ الشَّيْخُ الأَلْبَانِي رحمه الله
الشَّيْخُ الأَلْبَانِيގެ "السِّلْسِلَةُ الصَّحِيحَة" ގައި، 335 ވަނަ ޙަދީޘް، قرة بن إياس المزني ގެ އަރިއަހުން ރިވާކުރެވުނު ޙަދީޘް ޛިކުރުކުރެއްވި އެވެ:
"كُنَّا نُنْهَى أَنْ نَصُفَّ بَيْنَ السَّوَارِي عَلَى عَهْدِ رَسُولِ اللهِ صَلَّى اللّٰهُ عَلَيْهِ وَسَلَّم وَنُطْرَدُ عَنْهَا طَرْداً"
މާނައީ: "ރަސޫލު الله صَلَّى اللّٰهُ عَلَيْهِ وَسَلَّم ގެ ޒަމާނުގައި، ތަނބުތަކުގެ ދެމެދުގައި ސަފުހެދުމަށް އަހަރުމެންނަށް ނަހީކުރެވިގެންވެ އެވެ. އަދި އެކަމުން އެކީ އެކައްޗަކަށް އަހަރުމެން ދުރުކުރެވިގެންވެ އެވެ."
الشَّيْخُ الأَلْبَانِي ވިދާޅުވި އެވެ: " ... މީގެ އިސްނާދު އަހަރެން "تَمَامُ المِنَّة" (ސަފުޙާ 296-297) ގައި ހަސަން ކުރީމެވެ. (ހަސަން އިސްނާދެއް ކަމަށް ބަޔާން ކުރީމެވެ.)"
އަދިވެސް ވިދާޅުވި އެވެ: "އަދި މި ރިވާޔަތަށް ބާރުދޭ ޙަދީޘެއް أَنَس بِنْ مَالِك ގެ އަރިއަހުން عَبْدُ الحَمِيدِ بنِ مَحْمُودٍ ރިވާ ކުރެއްވި އެވެ. ވިދާޅުވި އެވެ:
"صَلَّيْتُ مَعَ أَنَسِ بْنِ مَالِكٍ يَوْمَ الجُمُعَةِ، فَدُفِعْنَا إِلَى السَّوَارِي، فَتَقَدَّمْنَا وَتَأَخَّرْنَا، فَقَالَ أَنَس: كُنَّا نَتَّقِي هَذَا عَلَى عَهْدِ رَسُولِ الله صَلَّى اللّٰهُ عَلَيْهِ وَسَلَّم"
މާނައީ: "އަހަރެން أَنَسِ بْنِ مَالِكٍ رضي الله عنه އާ އެކު ހުކުރު ދުވަހު ނަމާދު ކުރީމެވެ. ފަހެ އަހަރުމެން ތަނބުތަކާ ދިމާލަށް ކޮށްޕާލެވުނެވެ. ފަހެ އަހަރުމެން (ތަނބުތަކުގެ) ކުރިއަށް ޖެހުނީމެވެ. އަދި (ތަނބުތަކުގެ) ފަހަތަށް ޖެހުނީމެވެ. ފަހެ أَنَس رضي الله عنه ވިދާޅުވި އެވެ: "ރަސޫލު الله صَلَّى اللّٰهُ عَلَيْهِ وَسَلَّم ގެ ޒަމާނުގައި، މިކަމުން (އެބަހީ ތަނބުތަކުގެ ދެމެދުގައި ސަފުހެދުމުން) ތިމަން ޞަޙާބީމެން ދުރުވެ ރައްކައުތެރިވީމު އެވެ."
الشَّيْخُ الأَلْبَانِي ވިދާޅުވި އެވެ: "މި ޙަދީޘް ޞައްޙަ ސަނަދަކައިގެން ރިވާ ކުރެއްވި އެވެ. އަހަރެން .....ގައި ބަޔާން ކުރި ފަދައިންނެވެ.
މި ޙަދީޘަކީ ތަނބުތަކުގެ މެދުގައި ސަފުހެދުން ދޫކޮށްލަން ޖެހޭ ކަމަށާއި، ވާޖިބު ވެގެންވަނީ (މައުމޫމީން ތަނބުތަކުގެ) ކުރިއަށް ޖެހުމަށް ނުވަތަ ފަހަތަށް ޖެހުން ކަމަށް އޮތް ސަރީޙަވެގެންވާ ނައްޞެކެވެ. ޟަރޫރީ ޙާލަތެއްގައި މެނުވީ އެވެ. ޙަދީޘްގައިވާ ފަދައިން ޞަޙާބީންނަށް ދިމާވި ފަދައިންނެވެ.
އަދި اِبْنُ القَاسِم "المدونة" (1/106) ގައި، އަދި البَيْهَقِي (3/104) ގައި، إِسْحَاق ގެ އަރިއަހުން معدي كرب، اِبْنُ مَسْعُود ގެ ބަސްފުޅެއް ރިވާ ކުރެއްވި އެވެ: "لا تصفوا بين الصفوف" މާނައީ: "ތަނބުތަކުގެ ދޭތެރޭ ތިޔަބައިމީހުން ސަފު ނުހަދާށެވެ."
އަދި البَيْهَقِي ވިދާޅުވި އެވެ: "އަދި މިއީ -والله أعلم- މީގެ ސަބަބަކީ ތަނބުތަކާ ހެދި އެމީހުންނާ ސަފު ގުޅުވުމާ ދުރުކުރުވާތީ އެވެ."
އަދި مَالِك ވިދާޅުވި އެވެ: "މިސްކިތް ފުރިބާރުވެއްޖެ ނަމަ، ތަނބުތަކުގެ މެދުގައި ސަފުތައް ހެދުމަކުން މައްސަލައެއް ނުވެ އެވެ."
ލިޔުން ނަގައިފައިވަނީ: ص 655-656، سلسلة الأحاديث الصحيحة وشيء من فقهها وفوائدها، الطبعة الجديدة، 1415 هـ، مكتبة المعارف للنشر والتوزيع.
❉ ❉ ❉