5 ބިދުޢަވެރިންނަށް ސަނާކިޔާ މީހުންގެ ކިބައިން އިންޒާރު ދިނުން - الشَّيخُ زَيْد بن مُحَمَّد المَدْخَلِي رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ބިދުޢަވެރިންނަށް ސަނާކިޔާ މީހުންގެ ކިބައިން އިންޒާރު ދިނުން - الشَّيخُ زَيْد بن مُحَمَّد المَدْخَلِي رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ޖަރަޙް ކުރުމާއި ތަޢުދީލު ކުރުން - الجرح و التعديل

ތަރުޖަމާކޮށް ލިޔެ ތައްޔާރުކުރީ: މުޙައްމަދު ރިފާދު


فَضِيلَةُ الشَّيْخ زَيْد بن مُحَمَّد المَدْخَلِي رحمه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ.

س  4 –  ބިދުޢަވެރިންގެ އިސް މީހުންގެ ތެރެއިން މީހަކަށް ސަނާކިޔުމާއި، އޭނާގެ ފޮތްތަކަށް ތަޢުރީފުކުރުމާއި، އެފޮތްތައް ކިޔުމަށް ވަޞިއްޔަތްކުރުމީ އޭނާ އެ ބިދުޢަވެރިޔާއާ އެއްފަދަ މީހަކަށް ވާނެކަމުގެ ދަލީލެއްތޯ އެވެ؟ އަދި سَيِّد قُطب އާއި حَسَن البَنَّا ފަދަ އަހަރެމެންގެ ޒަމާނުގައިވާ ބައެއް މުޚާލިފުންނާއި (އެބަހީ: ޝަރީޢަތާ ޚިލާފުވީ މީހުންނާއި)، އެނޫން ވެސް މުޚާލިފުންގެ މައްޗަށް މި ޙުކުމް ތަންފީޒުވާނެތޯ އެވެ؟ އަދި ޝައިޚް ابن عُثَيْمِين ގެ ބަސްފުޅު: "طلاب العلم (ޝަރުޢީ ޢިލްމު ހާސިލުކުރާ ދަރިވަރުން)ގެ މެދުގައި ޚިލާފުވުމާއި ބައިބައިވުން އުފެދިގެން ދިއުމަށް ވާ ސަބަބެއްގެ ގޮތުގައި އެވެނި މިވެނި މީހަކު ނުހެދުމަށް އެ ދަރިވަރުންގެ މައްޗަށް ވާޖިބުވެގެންވެ އެވެ. އަދި އޭނާއަށްޓަކައި ނުވަތަ އޭނާއާ ދެކޮޅުވުމަށްޓަކައި الوَلَاء والبَرَاء ނުބޭއްވުން ވާޖިބުވެގެންވެ އެވެ." (ފަހެ، މި ބަސްފުޅުގެ) މާނައަކީ ކޮބައިތޯ އެވެ؟



ޖަވާބު: ކޮންމެ ޒަމާނެއްގައި އަދި ކޮންމެ ތަނެއްގައި ވެސް، ބިދުޢަވެރިންގެ އިސް މީހުންނަށް ސަނާކިޔުމާއި އެމީހުންގެ ފޮތްތައް ކިޔުމަށާއި ފެތުރުމަށް ވަޞިއްޔަތްކުރުމީ، ސަނާކިޔާ މީހާ އެ ބިދުޢަވެރިޔާއާ އެއްބަސްވާކަމަށް އޮތް ސާފުވެގެންވާ، ޝަރުޢީ އަދި ބުއްދީގެ ދަލީލެކެވެ. އަދި ދީނަށް ގެނެވޭ އައު ކަންތައްތަކުގެ ތެރެއިން އެ ބިދުޢަވެރިންގެ ޢަޤީދާއަށާއި، އެމީހުން ލިޔާ ތަކެއްޗަށާއި، އެމީހުން ބުނާ ބަސްތަކަށާއި، އެމީހުން ކުރާ ކަންކަމަށް އޭނާ އެއްބަސްވާކަމަށް އޮތް ޞަރީޙަވެގެންވާ ދަލީލެކެވެ. އެބައިމީހުން އެ ބިދުޢަތައް ބިނާކޮށްފައިވަނީ ފަސާދަވެގެންވާ އަދި ފަސާދަކުރަނިވި ޤަވާޢިދުތަކުގެ މައްޗަށެވެ. އަދި ޚަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކޮށް މީސްތަކުންނަށް އެ ބިދުޢަތަކަށް ދައުވަތު ދެއެވެ.


އަދި ކޮންމެ ޒަމާނަކަށް ވެސް ހެޔޮކަމާއި ނުބައިކަން ފަތުރާ ވަޞީލަތްތަކެއް ލިބިގެންވެ އެވެ. އަދި ކުރީ ޒަމާންތަކުގައި ޚަބަރު ފެތުރުމުގެ ވަޞީލަތްތަކަކީ: ފޮތްތަކާއި ޚުޠުބާ ދިނުމާއި ޢިލްމީ މަޖިލިސްތައް ބޭއްވުން ފަދަ ކަންކަމެވެ. ދެން ފަހެ މިޒަމާނުގައި ޚަބަރު ފަތުރާ ވަޞީލަތްތައް ގިނަވެއްޖެ އެވެ. ފަހެ، ހެޔޮ ޢަމަލުގެ މޭވާ ލިއްބައިދޭ، ފައިދާކުރަނިވި ޢިލްމު أَهْلُ السُّنَّة (ސުންނަތުގެ އަހުލުވެރިން) ފަތުރާތަން ތިބާއަށް ފެންނާނެ އެވެ. އަދި ޖުމްލަކޮށާއި ތަފްޞީލުކޮށް ޙައްޤު ދެނެގަތުމުގަ އާއި، ޙައްޤުގެ މައްޗަށް ޢަމަލުކޮށް ޙައްޤު ފެތުރުމުގަ އާއި، ޙައްޤަށް ދަޢުވަތުދިނުމުގަ އާއި، ޙައްޤުގެ މަތީގައި ހުރުމުގައި ލިބޭ އަނިޔާތަކަށް ކެތްތެރިވުމުގައި (އެމީހުންގެ ކިބައިން ރިވެތި) މިސާލުތައް (މި ވަޞީލަތްތައް މެދުވެރިކޮށް) ފެނިގެންދެ އެވެ. އެފަދަ ޢަމަލުތައް ފޯރުކޮށްދެނީ އެމީހުންގެ މިލްކިއްޔާތުގައިވާ ޚަބަރު ފަތުރާ ވަޞީލަތްތަކުންނެވެ.


ބާޠިލުގެ އަހުލުވެރިން އެމީހުންގެ ބާޠިލު ފަތުރާތަން ތިބާއަށް ފެންނަ ފަދައިންނެވެ. ޝިރުކުގެ ޢަމަލުތަކާއި ބިދުޢަތަކާއި ފަސާދަތައް ތަފާތު ވަޞީލަތްތަކުން އެބައިމީހުން ފަތުރަ އެވެ. އޭގެ ނަތީޖާއަކީ ޢަޤީދާގައި ފަސާދަ އުފެއްދުމާއި، ޢަމަލުގައި (އަޅުކަމުގައި) ފަސާދަ އުފެއްދުމެވެ. އަދި الله -جل وعلا- އަށް ބިރުވެތިވުމަކާއި ލަދުވެތިކަމެއް ނެތި ސުންނަތާއި އޭގެ އަހުލުވެރިންނާ ހަނގުރާމަކޮށް ފަސާދަ އުފެއްދުމެވެ.


ދެން ފަހެ ދަންނާށެވެ. އޭ ސުންނަތަށް ލޯބިކުރާ ސުވާލުކުރާ މީހާ އެވެ: ބިދުޢައިގެ އަހުލުވެރިންގެ ތެރެއިންވާ ކުރީގެ އަދި މިޒަމާނުގައި ދިރިއުޅޭ އެންމެންނީ ސުންނަތާއި އެ ސުންނަތުގެ އަހުލުވެރިންނަށްވާ ޢަދުއްވުންނެވެ. އެހެން ނަމަވެސް އެ ޢަދާވާތްތެރިކަމުގައި އެ ބިދުޢަވެރިން އެއް ބަޔަކު އަނެއް ބަޔަކާ އެއްހަމަވެގެނެއްނުވެ އެވެ. އެހެނީ އެމީހެއްގެ ބިދުޢަ އެމީހަކު ކާފަރުކުރުވާ (ދީނުން ބޭރުކުރުވާ) މީހުންނާއި، އޭނާގެ ބިދުޢަ އޭނާ ފާސިޤުކުރުވާ މީހުން އެ ބިދުޢަވެރިންގެ ތެރޭގައި ހިމެނެ އެވެ.* މަގުފުރެދުމުން ރައްކައުތެރިވުމަށް الله ގެ ޙަޟްރަތުން އެމީހުން އެދުނު ނަމަ، އަދި ސުންނަތް އުނގެނި އެއަށް ލޯބިކުރި ނަމަ، އަދި އެ ސުންނަތުގެ މައްޗަށް ޢަމަލުކުރި ނަމަ، އަދި ބިދުޢައަށް ދެކޮޅުހަދައި، އެއަށް ނަފްރަތުކޮށް އެއަށް ދަޢުވަތުދޭ މީހުން ހަޖުރުކުރި ނަމަ، ހަމަޔަޤީނުން ވެސް އެބައިމީހުންނަށް ދުނިޔެ އާއި އާޚިރަތުގެ އުފާވެރިކަމުން ކާމިޔާބު ލިބުނީހެވެ. ބިދުޢަވެރިންނަށް ސަނާކިޔައި، އެމީހުންގެ ފޮތްތަކަށް ސަނާކިޔައި އެމީހުން (ދިފާއުކޮށް) ޖަދަލުކުރާ މީހާގެ ޙާލު ވެސް ވަނީ ހަމަ އެފަދައިންނެވެ.

އޭ ސުވާލުކުރާ މީހާއެވެ. ދެން ފަހެ ތިބާގެ ބަސް: "سَيِّد قُطب އާއި حَسَن البَنَّا ފަދަ އަހަރެމެންގެ ޒަމާނުގައިވާ ބައެއް މުޚާލިފުންނާއި، އެދެމީހުންގެ ބިދުޢަތައް ފަތުރާ އެ ދެ މީހުންނާ އެއްފަދަ ވެގެންވާ މުޚާލިފުންގެ މައްޗަށް މި ޙުކުމް ތަންފީޒުވާނެތޯ އެވެ؟"

ފަހެ އަހަރެން ތިބާއަށް ބުނަމެވެ: الله ތިބާއަށް ބަރަކާތް ލައްވާށި އެވެ. سَيِّد قُطب ގެ ބިދުޢަތަކާއި حَسَن البَنَّا ގެ ބިދުޢަތަކާ ބެހޭގޮތުން އިންޒާރުދިނުމުގައި އެއްވެސް މަނަލެއް ނެތެވެ. އަދި އެ ދެމީހުންގެ ފޮތްތަކަށް ރުހުނު މީހުންނާއި އެ ފޮތްތަކުގެ މައްޗަށް ދަރިވަރުވެ، މީސްތަކުންނަށް އެ ފޮތްތަކަށް އިރުޝާދުދީ، އެ ކިޔުމަށާއި، އެ ޢަމަލީގޮތުން ތަންފީޒުކުރުމަށް ވަޞިއްޔަތްކުރި މީހުންނާއި، ފިރިހެނުންނާއި އަންހެނުންގެ ތެރެއިންވާ ޒުވާނުންނަށް އޮޅުވާލާ މީހުންނާ ބެހޭގޮތުން އިންޒާރުދިނުމުގައި އެއްވެސް މަނަލެއް ނެތެވެ. އަދި ކިއެއް ހެއްޔެވެ. އެކަމަކީ (އެފަދަ މީހުންނާ ބެހޭގޮތުން އިންޒާރުދިނުމީ) ޢިލްމީ ޤާބިލުކަން ހުރި މީހުންގެ މައްޗަށް ވާޖިބެކެވެ. އަދި އެކަމަކީ އޭގެ ޘަވާބަށް އެދެވޭ ހެޔޮ ޢަމަލެކެވެ. އެއީ އެކަމުގައި ޙައްޤަށް ނަޞްރުދިނުމާއި ބާޠިލަށް ރައްދުދިނުން ހިމެނިގެންވާތީ އެވެ.


މި (ބަޔާންވެދިޔަ) ކަންތައް ފަހުމްވެއްޖެ ނަމަ: ފަހެ ތިބާ ދަންނާށެވެ. سَيِّد قُطب އާއި އޭނާގެ ފިކުރަށް ނިސްބަތްވާ ހުރިހައި ޤުޠުބީންނާއި، محمد قُطب އާއި، حَسَن البَنَّا އާއި އޭނާގެ ފިކުރަށް ނިސްބަތްވާ ހުރިހާ ބަންނާއީން، މި އެންމެހައި


މީސްތަކުންނަކީ ބިދުޢައާއި މަގުފުރެދުމުގެ އަހުލުވެރިންނެވެ.** އަދި އަހަރެންގެ ކިބައިން އެކަމުގެ މައްޗަށް ދަލީލެއް ބޭނުންވެއްޖެ މީހަކު، ފަހެ އެމީހުންގެ ފޮތްތަކާއި އެމީހުންނަށް ރައްދުދެއްވާފައިވާ ބޭފުޅުންގެ ފޮތްތައް ކުތުބްޚާނާތަކުގައި އެހުރީ އެވެ. ފަހެ ޙައްޤު ފަހުމްވުމަށާއި އޭގެ މައްޗަށް ޢަމަލުކުރުމަށް، އަދި ބާޠިލް ދެނެދަތުމަށާއި އެ ބާޠިލު ރައްދުކުރުމުގެ ނިޔަތުގައި، ބޭނުންވެއްޖެ މީހަކު އެ ފޮތްތައް ކިޔާހުށިކަމެވެ. އަދި އޭނާއަށް އޮޅުންއަރާ ކަމެއްވާ ނަމަ، ޢިލްމުގެ އަހުލުވެރިންނާ އޭނާ ސުވާލުކުރާހުށިކަމެވެ. ސަބަބަކީ: ޢިލްމުވެރި ކޮންމެ މީހެއްގެ މައްޗަށް (އޭނާއަށް ވުރެ ގިނައިން) ޢިލްމު ހުރި ފަރާތެއްވެ އެވެ.* ފަހެ އޭނާ އެކަން ކޮށްފި ނަމަ، ޖާހިލުކަމުގެ ބަދަލުގައި ޢިލްމު ޤާއިމްވާނެ އެވެ. އަދި ޝައްކުގެ ބަދަލުގައި ޔަޤީންކަން ޤާއިމްވާނެ އެވެ.
"

وُجُوبُ الاِتِّبَاع والحَذَر مِن الاِبْتِدَاع" ]މާނައީ: (ރަސޫލާ صلى الله عليه وسلم އަށް) ތަބަޢަވުމުގެ ވާޖިބާއި، ބިދުޢަހެދުމުން އިންޒާރުދިނުން [މިނަމުން ނަންދެވިގެންވާ ޅެންބައިތުގައި އަހަރެން ބުނެފައިވާ ކަން ހަނދާން އެބަ ހުއްޓެވެ:

poem_in_praising_innovators_-Shaykh_Zaid.jpg


ޅެމުގެ މާނަ:   
"އަދި ހުރިހައި ހެޔޮކަމެއް ވަނީ ވޭތުވެދިޔަ ސަލަފުންނަށް ތަބަޢަވުމުގަ އެވެ. އަދި ހުރިހައި ނުބައެއް ވަނީ ފަހުން އައި ޚަލަފުންގެ ބިދުޢަ ހެދުމުގަ އެވެ. ފަހެ ހިދާޔަތުގެ މަގަށް ތަބަޢަވާ ބަޔަކުކަމުގައި ވާށެވެ. (އޭރުން) ތިބާއަށް ހެޔޮކަން ހާސިލުވުމަށް ފަހު ހަލާކު ނުވެ، ސަލާމަތްވާނެ އެވެ. އަދި ޠާހިރު ވެގެންވާ ސުންނަތަކީ ހިދާޔަތް ލިބިގަންނަ މީހާގެ މަގެވެ. ފަހެ އޭގެން އެއްކިބާ ނުވާށެވެ. (އެހެންނޫން ނަމަ) ތިބާ މާދަމާ ހަލާކުވެދާނެ އެވެ. އަދި ޙައްޤާ އެކުގައި ޢިލްމާއި ތަޤްވާވެރިކަމާ އެކު ދައުރުވާށެވެ. އެއީ ތިބާއަށް އަޖުރު ލިބި، ހެޔޮވެގެންވާ ގޮތުގައި (ދަރަޖަ) އުފުލިގެންދިއުމަށެވެ. އަދި ބައިގަނޑުތަކެއްގެ ގޮތުގައި އައި ޖަމާޢަތްތަކުން ތިބާ ދުރުވެ ރައްކައުތެރިވާށެވެ. (އެ ޖަމާޢަތްތަކަކީ) އަހަރެމެންގެ މި ޒަމާނުގައި އައިސް (މީސްތަކުން) މަގުފުރައްދައި (އެބައިމީހުން) ނިކަމެތިކޮށްލި ޖަމާޢަތްތަކެވެ. އަދި އެ ޖަމާޢަތްތަކުގެ ނުރައްކައު ބޮޑުވެގެންވާ ޖަމާޢަތްތައް ދޫކޮށްލާށެވެ. އެ ޖަމާޢަތްތަކުގެ ކުށްތައް ފެތުރިގެންވެ އެވެ. އަދި ހެޔޮކަން މަދުވެގެންވެ އެވެ. އަދި މީސްތަކުންނަށް ބިދުޢަވެރިޔާގެ ފަސާދަ އެނގޭ ނަމަ ހަމަޔަގީނުން ވެސް އޭނާގެ ކިބައިން ފިލަން ދުވީހެވެ. އަދި އޮޅުވާލާ މީހާއަށް ހަލާކު ހުއްޓެވެ. އޭނާގެ (އެބަހީ: އެ ބިދުޢަވެރިޔާގެ) މުދާ ހޭދަކޮށް އަބަދުވެސް ދަޢުވަތުދެމުންދެ އެވެ. ކޮންމެ ފަދަ ޙާލެއްގަ އެވެ. އިށީނދެ އިނދެ އަދި ކޮޅަށް ހުރެ ވެސްމެ އެވެ. އެއްވެސް ޝައްކެއް އަދި އެއްވެސް އޮޅުމެއް ނުވެ އެވެ. ބިދުޢަވެރިޔާއަކީ ޝަރީޢަތް ހަދާ މީހެކެވެ. އޭނާއަކީ (ރަސޫލާ صلى الله عليه وسلم އަށް) ތަބަޢަވާ މީހެއް ނޫނެވެ. އަދި (އޭނާއަކީ) މަގުފުރެދުނު ކޮންމެ މީހަކަށް ކިޔަމަންތެރިކަމާ އެކު ތަބަޢަވާ މީހެކެވެ. އަދި މަގުފުރެދުމާއި ނުބައިކަމާއި ހަވަޔަށް ލަންބުވާލާ މީހެކެވެ. އަދި ހަމަކަށަވަރުން އޭނާއަކީ ޝަރީޢަތް ކަނޑައެޅުއްވި ފަރާތަށްވާ ދެކޮޅުވެރިއެކެވެ. الله އަށް އުރެދޭ، ކިޔަމަންތެރިނުވާ މީހެކެވެ. ދީނަކީ އުނި އެއްޗެއްގެ ގޮތުގައި އޭނާ ތުހުމަތުކުރެ އެވެ. ފަހެ އެ މަގުފުރެދިގެންވާ މީހާ ދީނަށް ބިދުޢަ އިތުރުކުރި އެވެ. އަދި الرحمن ގެ ޙަޟްރަތުން ބާވައިލެއްވިގެންވާ ބައެއް ކަންކަން ރަސޫލާ (صلى الله عليه وسلم) ފޮރުއްވެވިކަމަށް އޭނާ ތުހުމަތުކުރެ އެވެ. (އޭނާއަށް ހީވާގޮތުގައި) ދީނުގައިވާ މުހިންމު ކަމެއް އޭނާއަށް ފެނިއްޖެ އެވެ. އަދި އޭނާ މި ދީން ފުރިހަމަކުރެ އެވެ. އެހެންކަމުން އޭނާގެ ގަދަރު އުފުލިގެންދެ އެވެ. މިއީ އޭނާ ޤަބޫލުކުރާ ގޮތެވެ. ފަހެ އޭނާ ޤަބޫލުކުރި ގޮތުގެ ނުބައިކަމާ އެވެ. އަދި މިއަޅާގެ ރައްބަކީ މަތިވެރިކަމާއި ޙިކުމަތްތަކުގެ ވެރި އިލާހެވެ. އެއިލާހުއަކީ ބަޔާންވެގެންވާ ފުރިހަމަކަމަކުން ދީން ފުރިހަމަކުރެއްވި އިލާހެވެ. ފަހެ ތިބާއަށް މި ބިނާގައި (މި ދީނުގައި) އެއްވެސް އުނިކަމެއް ފެނޭ ހެއްޔެވެ؟"


    ދެން ފަހެ الشَّيخُ ابنُ عُثَيْمِين رحمه الله ގެ ބަސްފުޅު: "طلاب العلم (ޝަރުޢީ ޢިލްމު ހާސިލުކުރާ ދަރިވަރުން)ގެ މެދުގައި ޚިލާފުވުމާއި ބައިބައިވުން އުފެދިގެން ދިއުމަށް ވާ ސަބަބެއްގެ ގޮތުގައި އެވެނި މިވެނި މީހަކު ނުހެދުމަށް އެދަރިވަރުންގެ މައްޗަށް ވާޖިބުވެގެންވެ އެވެ. އަދި އޭނާއަށްޓަކައި ނުވަތަ އޭނާއާ ދެކޮޅުވުމަށްޓަކައި الوَلَاء والبَرَاء ނުބޭއްވުން ވާޖިބުވެގެންވެ އެވެ."؛

ފަހެ މި ބަސްފުޅުގެ މުރާދަކީ: މިއީ އައިބު ލިބިގެންވާ ތަޢައްޞުބުން (ތަބަޢަވުމުން) މީހުންނަށް ތަބަޢަ ނުވުމަށާއި ޖަދަލުކުރުމުގެ ދޮރު ނުހުޅުވުމަށް، ޝައިޚުގެ ދަރިވަރުންނަށް އާންމުކޮށް، އަދި މަންހަޖުތަކުގައި (އެކިއެކި މާއްދާތަކުގައި) ދިރާސާކުރާ މީހުންނަށް ޚާއްޞަކޮށް ކުރެއްވި ވަޞިއްޔަތެކެވެ. އެހެނީ ތަބަޢަވުން އޮތީ ހަމައެކަނި ސާފުވެ ބަޔާންވެގެންވާ ދަލީލު ލިބިގެންވާ ޙައްޤަށެވެ. އަދި ވިސްނުމުގެ ބަލިކަށިކަމުގެ ސަބަބުން طلاب العلم ގެ މެދުގައި ދަލީލުތަކުގައި ދެބަސްވުން އުފެދިއްޖެ ނަމަ – އަދި މިކަމަކީ އާންމުކޮށް ހިނގާ ކަމެކެވެ – އެކަން އެގޮތަށް ވެއްޖެ ނަމަ އެ ދަރިވަރުންގެ މައްޗަށް ވާޖިބުވެގެންވަނީ ޤުރްއާނާއި ސުންނަތުގެ ޢިލްމުވެރިންނަށް ރުޖޫޢަވުމެވެ. އެއީ އެބޭފުޅުން ޤުރްއާނާއި ސުންނަތުން ދަލީލުކުރައްވާ ފަދައިން އެ ދަރިވަރުންނަށް ޞައްޙަ މާނަ ބަޔާންކޮށްދެއްވުމަށްޓަކައެވެ. (އެ ދަރިވަރުންގެ) މަޤްސަދަކީ ޙައްޤު ދެނެގަތުމާއި އެއަށް ޢަމަލުކުރުމާއި އެއަށް ދަޢުވަތުދިނުންކަމުގައިވާ ނަމަ، އަދި ޙައްޤުގެ އިދިކޮޅު ކަންތައް ދެނެގަތުމާއި އެކަންތައް ރައްދުކޮށް، އެކަންތަކަށް އިންޒާރުދިނުންކަމުގައިވާ ނަމަ، އިޚްތިލާފުވީ މީހުންގެ މެދުގައި އުފެދުނު ދެބަސްވުން (ޢިލްމުވެރިންގެ) ބަޔާނާ އެކު ނިމިގެންދާނެ އެވެ.


އަދި الشَّيخُ ابنُ عُثَيْمِين رحمه الله ގެ ދަރިވަރުންނަށް ދެއްވި ވަޞިއްޔަތުގެ މުރާދަކީ މުޑުދާރު ކުށްތަކާއި މަގުފުރައްދާ ބިދުޢަތަކުގެ އަހުލުވެރިންނަށް ރައްދުދިނުން ދޫކޮށްލުމެއް ނޫނެވެ. އެއާ ޚިލާފަށް، ހަމަކަށަވަރުން ޙައްޤު ބަޔާންކުރުމާއި، ޙައްޤަށާއި އޭގެ އަހުލުވެރިންނަށް ނަޞްރުދިނުމާއި، ބާޠިލު ރައްދުކުރުމުގެ ޢިލްމީ ޤާބިލުކަން ހުރި މީހުންގެ މައްޗަށް އެކަން (އެބަހީ: ބިދުޢަތަކުގެ އަހުލުވެރިންނަށް ރައްދުދިނުން) ވާޖިބުވެގެންވެ އެވެ. އެއީ ބާޠިލުގެ އަސަރެއް ނުވާ މިންވަރަށް ބާޠިލު ނިކަމެތިކޮށް ކުޑަކޮށްލުމަށެވެ. އަދި މީސްތަކުން އެ ބާޠިލަށް ލެނބިގެން ނުދިއުމަށާއި ބާޠިލުގެ އަހުލުވެރިންނަށް ތަބަޢަ ނުވުމަށްޓަކައެވެ. ބިދުޢަވެރިންގެ ޢަމަލުތައް ކޮންމެ ޒަމާނެއްގައި ވެސް އަދި ކޮންމެ ތަނެއްގައި ވެސް ވަނީ އެފަދައިންނެވެ. (އެބަހީ: ބާޠިލާއި އޭގެ އަހުލުވެރިންނަށް މީސްތަކުން ލަންބުވާލުމުގަ އެވެ.) އަދި އަލްއިޚްވާންގެ ޖަމާޢަތުގެ ވެރިންނާއި ތަބްލީޣް ޖަމާޢަތުގެ ވެރިންނާއި އެބައިމީހުންނަށް ތަބަޢަވި މީހުންގެ ވާހަކަ ހަނދާންތަކުން ފިލައިގެނެއްނުދެ އެވެ.

❆  ❆  ❆


ފަތުވާ ނަގައިފައިވަނީ: الأجوبة الأثرية عن المسائل المنهجية ص 20-23، دار أضواء السلف، الطبعة الأولى 1433 ه

Like what you see?

Close

Hit the buttons below to follow us, you won't regret it...