5 ބިދުޢައިގެ އަހުލުވެރިން ހަޖުރު ކުރުމާއި އެމީހުންގެ މަޝްވަރާ ނުހޯދުމާއި އެމީހުންނާ ގާތް ނުވުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. - الشَّيخُ مُحَمَّد بن هَادِي المَدْخَلِي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ބިދުޢައިގެ އަހުލުވެރިން ހަޖުރު ކުރުމާއި އެމީހުންގެ މަޝްވަރާ ނުހޯދުމާއި އެމީހުންނާ ގާތް ނުވުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. - الشَّيخُ مُحَمَّد بن هَادِي المَدْخَلِي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ އިސްލާމް ދީނުގައި ހަޖުރުކުރުން


ތަރުޖަމާކޮށް ލިޔެ ތައްޔާރުކުރީ: މުޙައްމަދު ރިފާދު


الإِمَام اِبْنُ بَطَّة العُكْبَرِيُّ(1) -رحمه الله- ވިދާޅުވިއެވެ:
"وَلَا تُشَاوِرْ أَحَدًا مِنْ أَهْلِ الْبِدَعِ فِي دِينِكَ، وَلَا تُرَافِقْهُ فِي سَفَرِكَ وَإِنْ أَمْكَنَكَ أَنْ لَا تُقَارِبَهُ فِي جِوَارِكَ. وَمِنْ السُّنَّةِ مُجَانَبَةُ كُلِّ مَنْ اعْتَقَدَ شَيْئًا مِمَّا ذَكَرْنَاهُ وَهُجْرَانُهُ وَالْمَقْتُ لَهُ، وهُجْرَانُ مَنْ وَالَاهُ وَنَصَرَهُ وَذَبَّ عَنْهُ وَصَاحَبَهُ وَإنْ كَانَ الْفَاعِلُ لِذَلِكَ يُظْهِرُ اَلسُّنَّةَ"

"އަދި ތިބާގެ ދީނާ ބެހޭގޮތުން ބިދުޢައިގެ އަހުލުވެރިންގެ ތެރެއިން އެކަކާވެސް މަޝްވަރާ ނުކުރާށެވެ. އަދި ތިބާގެ ދަތުރުގައި އޭނާއާ ސާހިބުކަން ނުބާއްވާށެވެ. އަދި ތިބާއަށް ކުޅަދާނަވެއްޖެ ނަމަ ތިބާގެ އަވަށްޓެރިއަކަށް އޭނާ ނުހަދާށެވެ. އަދި އަހަރެމެން ޛިކުރުކުރި ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް އިޢުތިޤާދު ކޮށްފި މީހަކާ ދުރަށް ދިއުމާއި، އޭނާ ހަޖުރު ކުރުމާއި(2) އޭނާއަށް ނުހަނު ގަދައަށް ނަފުރަތު ކުރުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. އަދި އޭނާ  ދެކެ ލޯބިވެ، އޭނާއަށް ނަސްރުދީ، އޭނާ ދިފާޢުކޮށް، އޭނާއާ ސާހިބުކަން ބޭއްވި މީހާ ހަޖުރުކުރުން ވެސް މެއެވެ. އެފަދައިން ކަންތައް ކުރާ މީހާ ސުންނަތް ފާޅު ކުރި ނަމަވެސްމެ އެވެ."


އިސްވެދިޔަ ބަސްފުޅު ޝަރަޙަ ކުރައްވަމުން الشَّيخُ مُحَمَّد بن هَادِي المَدْخَلِي -حفظه الله- ވިދާޅުވި އެވެ:

(އިމާމްގެ) ބަސްފުޅުގައިވާ މި ބަޔަކީ ވަރަށް މުހިންމު ބައެކެވެ. އަދި الله ގަންދީ ހުވާކޮށް ބުނަމެވެ. މި (ބަސްފުޅު) ލިޔުއްވާފައި ވަނީ (ހަމައެކަނި) ފޮތްތަކުގައި ދަމަހައްޓާކަށް ނޫނެވެ. ހަމަކަށަވަރުން އެލިޔުއްވާފައި ވަނީ އޭގެ މައްޗަށް އަމަލުކުރުމަށްޓަކައެވެ. އެހެން ނަމަވެސް މީސްތަކުން މިޒަމާނުގައި ދިރިއުޅެމުން ދަނީ އަހަރެމެންގެ ބައެއް ޝެއިޚުން ވިދާޅުވެފައިވާ ފަދައިން ދުނިޔަވީ ވިސްނުމަކުންނެވެ. ޝަރުޢީ ވިސްނުމަކުން ނޫނެވެ. އޭނާގެ ދިރިއުޅުން ބިނާވެފައި ވަނީ ވަކި ގޮތަކަށް ނަމަ އެހިސާބުން އެނިމުނީ އެވެ. އެގޮތަށް އުޅުމުން އޭނާގެ ދީން ގެއްލުވާލި ކަމުގައިވީ ނަމަވެސް އޭނާ އެމަގަކުން ހިނގަ އެވެ. و لا حول و لا قوة إلا بالله. ފަހެ ބިދުޢަތައް ހަޖުރު ކުރުމަކީ أَهْلُ السُّنَّة ގެ ޢަޤީދާގެ އަސްލުތަކުގެ ތެރެއިން އަސްލެކެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ! މަދު މީސްކޮޅެއްގެ ކައިރީ މެނުވީ މި ޢަޤީދާ ވަނީ ގެއްލުވާލެވިފަ އެވެ. الله އާ އަޅަމެން ބައްދަލުވެއްޖައުމަށް ދާންދެން ޙައްޤާއި ހިދާޔަތުގެ މަތީގައި ސާބިތުކޮށް ދެއްވުމަށް، الله ގެ ޙަޟްރަތުގައި އެދި ދުޢާ ކުރަމު އެވެ.


ابن بَطَّة -رحمه الله- ވިދާޅުވިއެވެ: "އަދި ތިބާގެ ދީނާ ބެހޭގޮތުން ބިދުޢައިގެ އަހުލުވެރިންގެ ތެރެއިން އެކަކާވެސް މަޝްވަރާ ނުކުރާށެވެ."

ޝަރަޙަ:    ކީއްވެތޯއެވެ؟ ސަބަބަކީ އޭނާ (އެ ބިދުޢަވެރިޔާ) އަކީ އަމާނަތްތެރިއެއް ނޫނެވެ. ސަލަފުން(3) ވިދާޅުވެފައިވާ ފަދައިންނެވެ: "صَاحِبُ الْبِدْعَةِ لَا تَأْمَنْهُ عَلَى دِينِكَ وَلَا تُشَاوِرْهُ فِي أَمْرِكَ" މާނައީ: "ބިދުޢައިގެ އަހުލުވެރިޔާއަށް ތިބާގެ ދީނުގެ އަމާނާތްތެރިކަން ހަވާލު ނުކުރާށެވެ. އަދި ތިބާގެ ކަންކަމުގައި އޭނާއާ މަޝްވަރާ ނުކުރާށެވެ." الفُضَيْلُ بن عِيَاض ގެ އަރިއަހުން ރިވާވެގެންވާ ފަދައިންނެވެ: "صَاحِبُ الْبِدْعَةِ لَا تَأْمَنْهُ عَلَى دِينِكَ" މާނައީ: "ބިދުޢައިގެ އަހުލުވެރިޔާއަށް ތިބާގެ ދީނުގެ އަމާނާތްތެރިކަން ހަވާލު ނުކުރާށެވެ." ފަހެ ތިބާގެ ދީނާ ބެހޭގޮތުން ބިދުޢައިގެ އަހުލުވެރިންގެ ތެރެއިން މީހަކާ ތިބާ މަޝްވަރާކޮށްފި ނަމަ ހަމަޔަގީނުންވެސް ތިބާ އޭނާއަށް އަމާނާތްތެރިކަން ހަވާލުކުރިކަމަށް ނުވޭތޯ އެވެ؟! ތިބާ ބިދުޢަވެރިޔާއާ މަޝްވަރާކޮށްފި ނަމަ އޭގެ މާނައަކީ އޭނާއަކީ ތިބާގެ ގާތުގައި އަމާނާތްތެރިއެއް ނޫންތޯ އެވެ؟! އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ: {الْمُسْتَشَارُ مُؤْتَمَنٌ} މާނައަކީ: "މަޝްވަރާ ކުރެވޭ މީހާއަކީ އަމާނާތް ހަވާލު ކުރެވިގެންވާ މީހެކެވެ."(4) ފަހެ ތިބާ ބިދުޢަވެރިޔަކާ މަޝްވަރާ ކޮށްފި ނަމަ އޭނާގެ އަމާނަތްތެރިކަމަށް ތިބާ ތަޒްކިޔާ (ހެޔޮކަމަށް ހެކި) ދިން ފަދައެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ: {الْمُسْتَشَارُ مُؤْتَمَنٌ} މާނައަކީ: "މަޝްވަރާ ކުރެވޭ މީހާއަކީ އަމާނާތް ހަވާލު ކުރެވިގެންވާ މީހެކެވެ." ފަހެ ތިބާގެ ދީނާ ބެހޭގޮތުން ބިދުޢަވެރިންގެ ތެރެއިން މީހަކާ މަޝްވަރާ ކޮށްފި ނަމަ ފަހެ އޭނާއަކީ ތިބާ ދެކޭގޮތުގައި އަމާނާތްތެރިއެކެވެ. ސަލަފުން ވިދާޅުވި އެވެ:"صَاحِبُ البِدْعَةِ لَا تَأْمَنْهُ عَلَى دِينِكَ" މާނައީ: "ބިދުޢައިގެ އަހުލުވެރިޔާއަށް ތިބާގެ ދީނުގެ އަމާނާތްތެރިކަން ހަވާލު ނުކުރާށެވެ." ފަހެ ތިބާ އޭނާއާ މަޝްވަރާ ކޮށްފި ނަމަ ފަހެ ހަމަކަށަވަރުން ތިބާގެ ދީނުގެ އަމާނާތް ތިބާ އޭނާއާ ހަވާލުކޮށްފި އެވެ. އަދި ފަރުދުންނާ އެކު ކަމުގައިވީ ނަމަވެސް ނުވަތަ ޖަމާޢަތްތަކާ އެކު ކަމުގައިވީ ނަމަވެސް ތިބާގެ ދީނާ ބެހޭގޮތުން ބިދުޢަވެރިއަކާ މަޝްވަރާ ކުރުން ތިބާއަށް ހުއްދަ ވެގެނެއް ނުވެއެވެ. އެހެނީ ތިބާގެ ދީނުގެ އަމާނާތް އޭނާއަށް ހަވާލު ކުރެވިގެނެއް ނުވެއެވެ. އެހެންކަމުން އަމާނަތްތެރި ނޫން މީހަކާ ތިބާ މަޝްވަރާ ކުރާނީ ފަހެ ކިހިނަކުން ހެއްޔެވެ؟!


ޢައްބާސީ ދައުލަތުގެ ޚަލީފާއެއް ކަމުގައިވީ المُتَوَكِّلُ رحمه الله، الإِمَام أَحْمَدُ ގެ އަރިއަހަށް ފަތްކޮޅެއް (ސިޓީއެއް) ލިޔުއްވިއެވެ. އަދި المُتَوَكِّل ގެ މެސެންޖަރުން އެފަތްކޮޅައިގެން الإِمَام أَحْمَدُ ގެ އަރިއަހަށް ފޮނުއްވެވި އެވެ. مُحَمَّدٌ بن أَحْمَدُ بن مَنْصُور المَرُّودِي –رحمهم الله جميعا- ޛިކުރު ކުރެއްވި ފަދައިންނެވެ. ވިދާޅުވިއެވެ: "ޚަލީފާގެ މެސެންޖަރުން الإمام أَحْمَدގެ އަރިއަހަށް ވަޑައިގަތެވެ. އެބައިމީހުންގެ އަދަދު ހަތަރެކެވެ. ބައްދަލު ކުރެއްވުމުގެ އިޒުނައަށް އިމާމްގެ އަރިއަހުން އެދިވަޑައިގަތުމަށް ފަހު ޚަލީފާގެ ފަތްކޮޅާ އެކު އިމާމްގެ އަރިއަހަށް ވެދެވަޑައިގަތެވެ. އެކަމާއިގެން އިމާމްގެ އަރިއަހަށް ވަޑައިގެންނެވި ކަންތަކުގެ ތެރޭގައި، ޖަހްމީންގެ(5) އެހީތެރިކަށް ހޯދުމާ ބެހޭ ގޮތުން ޚަލީފާ الإِمَام أَحْمَد ގެ އަރިއަހުގައި ދެންނެވި ސުވާލު ހިމެނިގެންވިއެވެ: "މުސްލިމުންގެ ކަންކަމުގައި ޖަހްމީންގެ އެހީތެރިކަން ހޯދޭނެތޯ އެވެ؟"


ފަހެ، الإِمَام أَحْمَد ވިދާޅުވިއެވެ: "لا يُسْتَعَانُ بِالجَهْمِيَّةِ فِي أُمُورِ المُسْلِمِين" މާނައީ: "މުސްލިމުންގެ ކަންކަމުގައި ޖަހްމީންގެ އެހީތެރިކަން ހޯދައިގެން ނުވާނެ އެވެ."
ފަހެ (އެ މެސެންޖަރު) ސުވާލު ދެންނެވި އެވެ: "މުސްލިމުންގެ ކަންކަމުގައި ޔަހޫދީންނާއި ނަޞާރާއިންގެ އެހީތެރިކަން ހޯދޭނެތޯ އެވެ؟"


الإِمَام أَحْمَد ވިދާޅުވިއެވެ: "نَعَمْ، يُسْتَعَانُ بِاليَهُودِيِّ وَالنَّصْرَانِيِّ عَلَى أُمُورِ المُسْلِمِينَ؛ إِذَا لَمْ يَكُنْ فِي ذَلِكَ تَسَلُّطٌ عَلَى المُسْلِمِين". މާނައީ: "އާއެކެވެ. މުސްލިމުންގެ ކަންކަމުގައި ޔަހޫދީންނާއި ނަޞާރާއިންގެ އެހީތެރިކަން ހޯދޭނެ އެވެ. އޭގެ ސަބަބުން މުސްލިމުންގެ މައްޗަށް ވެރިވެގަތުމުގެ ފުރުސަތެއް އެމީހުންނަށް ނުވާނަމަ އެވެ."


މާނައީ އެކަމެއް ކުރުމުން މުސްލިމުންގެ މައްޗަށް ވެރިވެގަތުމެއް ނުވާ ނަމައެވެ. މިސާލަކަށް އަހަރެމެންގެ ބަހުން މިއަދު ބުނާ ނަމަ ޖުމްހޫރުންނާއި އެބަހީ މީސްތަކުންނާއި އެބައިމީހުންގެ މުރާޖަޢާތަކާ (މިލްކިއްޔާތު، މަސްލަހަތާއި) ގުޅުން ހުރި ކަންކަމުގައި އެމީހުންގެ (އެބަހީ ޔަހޫދީންނާއި ނަޞާރާއިންގެ) އެހީތެރިކަމެއް ނުހޯދޭނެ އެވެ. އެހެން ނަމަވެސް ޚާއްޞަ ކަމެއްގައި، އޭގެ ސަބަބުން މުސްލިމުންނަށް ދަތިކަމެއް ނުވާ، މުސްލިމުންގެ މައްޗަށް ވެރިވެގަތުމެއް ނުވާ، ނިކަމެތިކޮށްލުމެއް ނުވާ ކަމެއްގައި ނަމަ (އެމީހުންގެ އެހީތެރިކަން ހޯދުމުގައި) މައްސަލައެއް ނެތެވެ.


الإِمَام أَحْمَدُ ވިދާޅުވި އެވެ: "قَدْ اسْتَعَانَ السَّلَفُ بِهِم" މާނައީ: "ހަމަކަށަވަރުން ސަލަފުން އެމީހުންގެ އެހީތެރިކަން ހޯއްދެވިއެވެ." އެހިނދު المَرُّودِي، الإِمَام أَحْمَدއާ ސުވާލު ކުރެއްވި އެވެ: "ކާފަރުންގެ ގޮތުގައިވާ ޔަހޫދީންނާއި ނަޞާރާއިންގެ އެހީ ހޯދާފައި ޖަހްމީންގެ ކިބައިން އެހީ ނުހޯދާންވީތޯ އެވެ؟!!"(6)


ފަހެ الإِمَام أَحْمَد އޭނާއަށް ޖަވާބު ދެއްވި އެވެ: "يَا بُنَيَّ هَؤُلَاءِ يَغْتَرُّ بِهِمُ المُسْلِمُون" މާނައީ: "އޭ ދަރިޔާ އެވެ. މި މީހުންނީ (ޖަހްމީންނަކީ) މުސްލިމުންނަށް އޮޅުވާލާނެ މީހުންނެވެ." ޖަހްމީން މީހުންނަށް އޮޅުވާލާނެ އެވެ. އޭރުން މީހުން އޭގެ ފަހުން ޖަހްމީންގެ އެއްވެސް މައްސަލައެއް ނުވާކަމަށް ދެކޭނެ އެވެ. އެމީހުންނީ ހެޔޮ ބައެއްގެ ގޮތުގައި ދެކޭނެ އެވެ. ވިދާޅުވިއެވެ: "މި މީހުންނީ (ޖަހްމީންނަކީ) މުސްލިމުންނަށް އޮޅުވާލާނެ މީހުންނެވެ." ފަހެ ޖަހްމީންގެ އެހީ ލިބިގެންފި ނަމަ އެމީހުން މީސްތަކުންނަށް އޮޅުވާލާނެ އެވެ. ދެން ފަހެ ޔަހޫދީ ނުވަތަ ނަޞްރާނީއެއް ނަމަ، އެއީ ޔަހޫދީއެއްކަން ނުވަތަ ނަސްރާނީއެއްކަން ކޮންމެ މީހަކަށްވެސް އެނގޭނެ އެވެ. އެހެންވީމާ އެމީހުންނަކަށް އެއްވެސް މުސްލިމަކަށް އޮޅުވައެއް ނުލެވޭނެ އެވެ. ނިކަން (އިމާމްގެ) ފިޤުހަށް ބައްލަވާލައްވާށެވެ!


އަދި ސަލަފުންގެ ބަސްފުޅުގެ މާނައަކީ އެއީއެވެ. الله ގަންދީ ހުވާކޮށް ބުނަމެވެ. އަހަރެމެން އެބަސްފުޅާ މެދު ފަޚުރުވެރި ވަމެވެ. އަދި މިންބަރުތައް މަތީ އެބަސްފުޅު އިއުލާންވެސް ކުރަމު އެވެ. ހަމަކަށަވަރުން ބިދުޢައިގެ އަހުލުވެރިންނީ ޔަހޫދީންނާއި ނަޞާރާއިންނަށް ވުރެވެސް މުސްލިމުންނަށް ނުރައްކާ ބައެކެވެ. އަހަރެމެން މި ބަސްފުޅުގެ ސަބަބުން ފަޚުރުވެރި ވަމެވެ. އަދި ލަދެއް ނުގަންނަމު އެވެ. އެހެނީ ޔަހޫދީންނާއި ނަޞާރާއިންގެ ގާތުން މުސްލިމުންނަށް ކެއްސެއް ނުލިބޭނެ އެވެ. މުސްލިމުން ބުނާނެ އެވެ. މިއީ ކާފަރު ޔަހޫދީއެކެވެ. މިއީ ކާފަރު ނަޞްރާނީއެކެވެ. އޭނާގެ ސަބަބުން އޮޅުން އަރައިގެނެއް ނުދާނެ އެވެ. އެހެން ނަމަވެސް ތިބާ ބިދުޢަވެރިއެއް ގެނެސް އޭނާ މިވެނި މަޤާމަކަށް ލައިފި ނަމަ މުސްލިމުން ބުނާނެ އެވެ: އޭނާގެ ކިބައިގައި މައްސަލައެއްވާ ނަމަ ވެރިމީހާ އޭނާ މިމަޤާމުގައި ނުބެހެއްޓެވީހެވެ. ދެންފަހެ އެމީހުންނަށް އޭނާ އޮޅުވާލާނެ އެވެ. މިއަދު ބިދުޢައިގެ އަހުލުވެރިން އަހަރެމެންނަށް މިޢިބާރާތުގެ ސަބަބުން ބިރުދައްކަމުންދެ އެވެ. ސަލަފުންގެ މި ބަސްފުޅު: "ބިދުޢަވެރިންނީ ޔަހޫދީންނާއި ނަޞާރާއިންނަށް ވުރެ އަހަރެމެންނަށް ބިރުބޮޑު، ނުވަތަ އިސްލާމް ދީނަށް ގެއްލުންބޮޑު އަދި ނުރައްކައުތެރިކަން ބޮޑު، ނުވަތަ މުސްލިމުންނަށް ނުރައްކައުތެރިކަން ބޮޑު ބައެކެވެ." މި ބަސްފުޅުގެ ސަބަބުން އެމީހުން އަހަރެމެންނަށް ބިރު ދައްކަމުން ދެއެވެ. މިއަދު މިކަންވަނީ ސަލަފީންގެ ތެރެއިން ގިނަ ބަޔަކަށް ބިރުވެތި ނުވަތަ ސިއްސުވާލާ ކަމަކަށް ވެފައެވެ. އަދި އޭގެ ސަބަބުން އެކުދިން ވަނީ ލަދުން ނުވަތަ ބިރުން އިސްދަށަށް ޖަހާފައެވެ. ނޫނެކެވެ! އޭ ސުންނަތުގެ އަހުލުވެރިޔާ އެވެ! އެބަސްފުޅުގެ ސަބަބުން ތިބާ އިސް އުފުލާށެވެ! އަދި އެބަސްފުޅު ޝަރަޙަ ކޮށްދޭށެވެ! އަދި އޭނާ ގާތު ބުނާށެވެ! ހަމަކަށަވަރުން ޔަހޫދީއެއް ނުވަތަ ނަޞްރާނީއެއްގެ ސަބަބުން އެކަކަށްވެސް އޮޅުން އަރައިގެނެއް ނުދާނެ އެވެ. އެއީ ހިތްތަކުގައި އޭނާއަށްވާ ނަފްރަތާއި ރުޅިވެރިކަމުގެ ސަބަބުންނެވެ. އަދި އާންމު މީހުންނަށް އޭނާގެ ހާލަތު އެނގި ކަޝްފުވެގެންވާތީ އެވެ. އެހެން ނަމަވެސް ބިދުޢަވެރިއެއްގެ ސަބަބުން މީސްތަކުންނަށް އޮޅުން އަރައިގެން ދާނެ އެވެ. (އޭނާ މަޤާމަށް އިސްކުރެވުމަށް ފަހު) ތިބާ އޭނާއާ ބެހޭގޮތުން މީހުންނަށް އިންޒާރު ދީފި ނަމަ އެމީހުން ބުނާނެތެވެ: "އޭނާގެ މައްސަލައެއް އުޅޭ ނަމަ އޭނާ އެމަޤާމަށް އިސް ނުކުރެވުނީހެވެ. ދައުލަތަށް ވުރެ ބޮޑަށް އޭނާ އެނގެނީ ތިބާއަށް ހެއްޔެވެ؟!" އެހިނދު އެ ބިދުޢަވެރިޔާ ވެގެންދާނީ މުސްލިމުންގެ މައްޗަށްވާ ބޮޑު ނުރައްކަލަކަށެވެ.


ފަހެ الإِمَام أَحْمَد ތެދު ބަސްފުޅު ވިދާޅުވި އެވެ. ވިދާޅުވަނީ: "هَؤُلَاءِ يَنْخَدِعُ بِهِمُ النَّاس" މާނައީ: "މި މީހުން - ޖަހްމީންގެ ސަބަބުން މީހުންނަށް އޮޅިގެންދާނެ އެވެ." ޔަހޫދީންނާއި ނަޞާރާއިންގެ ސަބަބުން އެކަކަށްވެސް އޮޅިގެނެއް ނުދެއެވެ. ފަހެ އެމީހުންނާ ހެދި މަގު އޮޅިގެނެއް ނުދެއެވެ. އަދި އެމީހުންނަށް ލެނބިގެނެއްވެސް ނުދެއެވެ. ބިދުޢަވެރިޔާއާ ޚިލާފަށެވެ. ފަހެ ހަމަކަށަވަރުން އޭނާގެ ސަބަބުން މީހުންނަށް އޮޅުވާލެވެ އެވެ. އަދި މަގުއޮޅިގެންދެ އެވެ.


ابن بَطَّة -رحمه الله- ވިދާޅުވިއެވެ: "އަދި ތިބާގެ ދަތުރުގައި އޭނާއާ ސާހިބުކަން ނުބާއްވާށެވެ."

ޝަރަޙަ:    މާނައީ: ތިބާގެ ދަތުރުމަތީގައި ބިދުޢަވެރިޔާއަށް ސާހިބުކަން ނުބާއްވާށެވެ. އެއީ އޭނާ އަމާނާތްތެރިޔަކަށް ނުވާތީ އެވެ. އަދި ތިބާގެ ދަތުރު މަތީގައި ތިބާގެ (ދަތުރުގެ ސާހިބުންނާ ދޭތެރޭ އޮންނަ) ލަދުވެތިކަން (ބީރައްޓެހިކަން) ކެނޑިގެން ދާތީ އެވެ. އަދި އިންސާނާގެ ބީރައްޓެހިކަން ކެނޑުމުން އޭނާ ފަރުވާކުޑަވެ ކަންތައްތައް ލުއިކޮށް ނަގައެވެ. ވުމާއެކު، ފަހަރެއްގައި އޭނާގެ ކިބައިން (އެބިދުޢަވެރިޔާއާ އެކު) ހީސަމާސާ ކުރުން އެކަށީގެންވެ އެވެ. އެކަން ވާހުށީ ޢަދުލުވެރިކަމުގެ ހައްދުން ބޭރުވާ ކަމެއްގެ ގޮތުގައެވެ. ނުވަތަ ތިބާ އޭނާއާ ދެބަސްވެ އެއްޗެހި ގޮވާ ނުވަތަ ތިބާއަށް ކުށެއް ކުރެވުން ނުވަތަ މިފަދަ ކަންކަން ހިނގުން އެކަށީގެންވެ އެވެ. ފަހެ އިންސާނާގެ ބީރައްޓެހިކަން އޭނާގެ ދަތުރުމަތީގައި ކެނޑިދިއުމަކީ އޭނާގެ ޢައުރަތަކުގެ ތެރެއިންވާ ޢައުރަ އެކެވެ (ސިއްރުތަކުގެ ތެރެއިންވާ ސިއްރެކެވެ). ސަލަފުން ވިދާޅުވި ފަދައިންނެވެ. ފަހެ އޭނާގެ ފޮރުވަންޖެހޭ ކަންތައް އޭނާ ލޯބިވާ މީހެއް ގާތު މެނުވީ ފާޅު ނުކުރާ ހުށިކަމެވެ. އަދި މިބިދުޢަވެރިޔާ އަކީ ލޯބި ކުރެވޭ ނުވަތަ އިތުބާރު ކުރުވޭ މީހެން ނޫނެވެ. އެހެންކަމުން އޭނާ އެސިއްރުތައް ފަޅާ އަރުވާލާނެ އެވެ. ފަހެ އިންސާނާގެ ދަތުރުމަތީގައި ބީރައްޓެހިކަން ކެނޑިދިއުމަކީ އޭނާގެ ޢައުރަތަކުގެ ތެރެއިންވާ ޢައުރަ އެކެވެ. ފަހެ އޭނާގެ ސިއްރުތައް އޭނާ ލޯބިވާ މީހެއް ގާތު މެނުވީ ފާޅު ނުކުރާ ހުށިކަމެވެ. ފަހެ ތިބާގެ ދަތުރުގައި މިބިދުޢަވެރިޔާއާ ސާހިބުކަން ނުބާއްވާށެވެ. އެހެނީ އޭނާއަކީ އަމާނާތްތެރިއެއް ނޫނެވެ. ފަހެ މިފަދަ ސިއްރުތައް އޭނާ ފަތުރާލާނެ އެވެ. އެއާ ޚިލާފަށް ތިބާގެ އަމާނާތްތެރި އަޚާ އެފަދަ ކަންކަން ފޮރުވައިދީ ނަސޭހަތްތެރިވާނެ އެވެ. ހުއްދަކަމެއް މެދުވެރިވެއްޖެ ނަމަ އެއަޚާ ފޮރުވައިދޭނެ އެވެ. ނުބައި ކަމެއް (ފާފައެއް) މެދުވެރިވެއްޖެ ނަމަ އެއަޚާ ނަސޭހަތްތެރިވާނެ އެވެ. ފަހެ ތިބާ ބިދުޢަވެރިޔާ ދަތުރުގެ ސާހިބަކަށް ނުހަދާށެވެ. އެހެނީ އޭނާއާ އެކު ކުރާ ދަތުރަކީ ނުބައި ކަމެކެވެ. އަދި ރައްކައުތެރިކަން ލިބިގެންވަނީ الله ގެ ޙަޟްރަތުންނެވެ.


ابن بَطَّة -رحمه الله- ވިދާޅުވިއެވެ: "އަދި ތިބާއަށް ކުޅަދާނަވެއްޖެ ނަމަ ތިބާގެ އަވަށްޓެރިއަކަށް އޭނާ ނުހަދާށެވެ."

ޝަރަޙަ:    ވުމާއެކު ތިބާ އެފަދައިން (ابن بَطَّة ވިދާޅުވެފައިވާ ފަދައިން) އަމަލު ކުރާށެވެ. ހަމަކަށަވަރުން ސަލަފުން ވިދާޅުވި ކަމަށް ގިނަ ފަރާތްތަކުން ރިވާވެގެން ވެއެވެ. އެބޭކަލުން ވިދާޅުވެ އުޅުއްވި އެވެ: "لَئِنْ تُجَاوِرْنِي القِرَدَةُ وَالخَنَازِيرُ خَيْرٌ مِنْ أَنْ يُجَاوِرَنِي المُبْتَدِعُ" މާނައީ: "ބިދުޢަވެރިޔާ އަހަރެންގެ އަވަށްޓެރިއަކަށް ވުމަށް ވުރެ ރާމާމަކުނާއި އޫރު އަހަރެންގެ އަވައްޓެރިންނަށް ވުން ހެޔޮކަން ބޮޑެވެ." އެހެނީ މި ހައިވާނުންތަކަކީ އެތަކެތީގެ ސަބަބުން ތަކުލީފެއް ދިމާ ނުވާނެ ތަކެއްޗެވެ. އެހެންނަމަވެސް ބިދުޢަވެރިޔާގެ ނުބައިކަން އޭނާގެ އަވައްޓެރިންނަށް ފޯރާނެ އެވެ.


އެހެންވުމުން، މިސާލަކަށް ސުންނަތުގެ އަހުލުވެރިއެއް ރާފިޟީންގެ ތެރޭގައި ދިރިއުޅެއްޖެ ނަމަ، އެންމެ ފުރަތަމަ ހާސިލުވާ ނުރައްކަލަކީ އޭނާ ދިރިއުޅޭ އަވަށަށް އޭނާގެ އަޚުން ޒިޔާރަތް ނުކުރުމެވެ. ރާފިޟީންނަށް ކުރާ ނަފްރަތުގެ ސަބަބުންނެވެ. ފަހެ އޭނާ އެމީހުންގެ ތެރޭގައި ދިރިއުޅެއްޖެ ނަމަ (އަޚުންނާއި އާއިލާއާ ދެމެދު އޮންނަ) ގުޅުން ކެނޑިގެން ދިއުން އެކަށީގެން ވެއެވެ. ފަހެ މިއީ އެމީހުންގެ ގާތުގައި ދިރިއުޅުމުން ދިމާވާ ނުބައި ކަންތަކުގެ ތެރެއިން ކަމެކެވެ.


    އަދި ސަލަފުން ވިދާޅުވެ އުޅުއްވި އެވެ: "لَئِن يُجَاوِرْنِي صَاحِبُ مِزْمَارٍ أَوْ طُنْبُورٍ خَيْرٌ مِنْ أَنْ يُجَاوِرَنِي مُبْتَدِعٌ" މާނައީ: "ބިދުޢަވެރިއެއް އަހަރެންގެ އަވައްޓެރިއަކަށް ވުމަށް ވުރެ މިޒްމާރު ކުޅޭ (ދުންމާރިއަށް ފުމޭ) މީހެއް ނުވަތަ ޠުންބޫރު (ގިޓާ ފަދަ ނަރުލީ މިއުޒިކު އެއްޗެއް) ކުޅޭ މީހެއް އަހަރެންގެ އަވައްޓެރިއަކަށް ވުން ހެޔޮކަން ބޮޑެވެ." އެއީ މިޒްމާރު ކުޅޭ މީހާގެ މިޒްމާރު ބިންދާލާފައި އޭނާއަށް މަނާކޮށްފި ނަމަ އޭނާ މަނާވެގަންނާނެ އެވެ. ބިދުޢަވެރިޔާ އެހެނެއް ނޫނެވެ. ފަހެ މިބިދުޢަވެރިޔާ ފަދަ މީހަކު އަވަށްޓެރިއަކަށް ހެދުން ހެޔޮވެގެން ނުވެ އެވެ. ވުމާއެކު، (ޢަރަބިން ބުނެ އުޅެއެވެ): الجَارُ قَبْلَ الدَّارِ. މާނައީ: "ގެއަށްވުރެ ބޮޑަށް އަވަށްޓެރިޔާއަށް ސަމާލުކަން ދޭށެވެ."    

    
يَلُومَنَّنِي أَنْ بِعْتُ بِالرُّخَصِ مَنْزِلِي  ***  وَمَا عَلِمُوا جَارًا هُنَاكَ يُنَغِّصُّ
فَقُلْتُ لَهُم كُفُّوا المَـلَامَةَ إِنَّهَـا  *** بِجِيرَانِهَا تَغْلُو الدِّيَارُ وَتَرْخُـصُ
މާނައީ: "އަހަރެންގެ ގެ އަގުހެޔޮކޮށް ވިއްކާލުމުން އެމީހުން އަހަރެންނަށް މަލާމާތްކުރެ އެވެ. (އެހެން ނަމަވެސް) އެތަނުގައި، ދިރިއުޅުމަށް އުނދަގޫކުރާ އަވައްޓެރިއަކު އުޅޭކަން އެމީހުންނަކަށް ނޭނގެ އެވެ. އެހެންވުމުން އަހަރެން އެމީހުންނާ ދިމާއަށް ބުނީމެވެ: އެއްޗެހި ގޮވުން ހުއްޓާލާށެވެ. ފަހެ ހަމަކަށަވަރުން ގެތަކުގެ އަގު މައްޗަށް އަރައި ތިރިއަށް ފައިބައިގެންދަނީ އެގެތަކުގައިވާ އަވަށްޓެރިންގެ ސަބަބުންނެވެ."


އަދި ބަޣްދާދުގައި ސަޙާބީންނަށް އެއްޗެހި ކިޔުން ފާޅުކުރި މީހުން އެކަން ފާޅުކުރި ހިނދު އެރަށުން ސުންނަތުގެ އަހުލުވެރިން ނިކުމެވަޑައިގެންނެވި އެވެ. އަދި އެރަށުގެ ކައިރީގައި ހުރި ރަށްތަކުގައި ވަޒަންވެރިވެވަޑައިގަތެވެ. އަދި މި ޙާދިޘާ "تَارِيخ بَغْدَاد" (މި ފޮތުގައި) ޛިކުރު ކުރެވިގެން ވެއެވެ. ފަހެ މި ޢަޤީދާއަށް އަމަލީ ސިފައެއްގެ މައްޗަށް އަމަލު ކުރެއްވި ސަލަފުންނަށް الله ރުއްސުން ލައްވާށި އެވެ.


ފަހެ އަހަރެން ތިޔަބައިމީހުންނަށް ބުނަމުއެވެ. މި ބަސްފުޅު ލިޔެވިފައި ވަނީ (ހަމައެކަނި) ފޮތްތަކުގައި ދަމަހައްޓާކަށް ނޫނެވެ. ހަމަކަށަވަރުން މި ލިޔެވިފައިވަނީ މި ފެތުރުމަށްޓަކައެވެ. އަދި އިއުލާނު ކުރުމަށްޓަކައެވެ. އަދި މިފަދަ މަޖިލިސްތަކުގައި ކިޔަވައިދެވުމަށްޓަކައެވެ. އަދި މީސްތަކުން މީގެ މައްޗަށް އަމަލުކުރުމަށް ދާންދެން މީސްތަކުންގެ މެދުގައި ފެތުރުމަށްޓަކައެވެ. ރުހުނު މީހަކު ރުހޭނެ އެވެ. އަދި ރުޅި އަންނަ މީހަކު ރުޅި އަންނާނެ އެވެ. އެކަމަކުން ތިބާއަށް ގެއްލުމެއް ނުލިބޭނެ، އޭ ސުންނަތުގެ އަހުލުވެރިޔާ އެވެ.

 

ابن بَطَّة -رحمه الله- ވިދާޅުވިއެވެ: "އަދި އަހަރެމެން ޛިކުރުކުރި ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް އިޢުތިޤާދުކޮށްފި މީހަކާ ދުރަށް ދިއުމާއި، އޭނާ ހަޖުރު ކުރުމާއި އޭނާއަށް ނުހަނު ގަދައަށް ނަފުރަތު ކުރުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ."

ޝަރަޙަ:    (އަދި އަހަރެމެން ޛިކުރުކުރި ކަންތައްތަކުގެ ތެރެއިން) މާނައީ: މިފޮތުގައި ވޭތުވެދިޔަ ކަންތައްތަކެވެ. މުޞައްނިފުގެ ބަސްފުޅު "مِمَّا ذَكَرْنَاهُ" މިތަނުގައިވާ (ބަނޑުފެޅި) ހާ ނިސްބަތްވަނީ ފޮތުގައި ވޭތުވެދިޔަ ކަންތައްތަކަށެވެ.(7) އެހެނީ އެކަންތަކަކީ أَهْلُ السُّنَّة ގެ ޢަޤީދާ ކަމަށްވާތީ އެވެ. ފަހެ ޛިކުރުކުރެވިގެންވީ ޢަޤީދާގެ ތެރެއިން އެއްވެސް ކަމަކާ ޚިލާފުވި މީހަކު ހަޖުރު ކުރުމާއި އޭނާއަށް ނަފްރަތު ކުރުމާއި އޭނާ ދަށްކޮށްލުމަކީ ސުންނަތުގެ ތެރެއިންވާ ކަންތަކެވެ. އަދި ހަޖުރު ކުރެވޭނީ އޭނާ އެކަންޏެއް ނޫނެވެ. ނޫނެކެވެ. އޭނާއަށް އެހީތެރިވެ، އޭނާއަށް އެއްބާރުލުންދީ، އޭނާއަށް ނަޞްރުދީ، އޭނާ ހިމާޔަތްކޮށް އޭނާ ދިފާޢުކުރި މީހާވެސް ހަޖުރު ކުރެވޭނެ އެވެ. ފަހެ ހަމަކަށަވަރުން އޭނާ ހަޖުރު ކުރެވޭނެ އެވެ. (ابن بَطَّة ވިދާޅުވެފައިވާ ފަދައިން:) "އެފަދައިން ކަންތައް ކުރާ މީހާ ސުންނަތް ފާޅުކުރި ނަމަވެސްމެ އެވެ."
ފަހެ މިއަދުގެ ބިދުޢަވެރިން ގާތު ތިބާ ބުނާށެވެ. ތިޔަބައިމީހުން މިފަދަ ބަސްފުޅުތަކާ ދޭތެރޭ ބުނަނީ ކީކޭ ހެއްޔެވެ؟


އޭނާ ދައުވާކުރާ ގޮތުގައި އޭނާ އަމަލު ކުރަނީ ސުންނަތުގެ މައްޗަށެވެ. އެހެންނަމަވެސް ޛިކުރުކުރެވިގެންވީ ޢަޤީދާގެ ތެރެއިން ކަމަކާ ޚިލާފުވި މީހާ އޭނާ ދިފާޢު ކުރެއެވެ. އަދި ޛިކުރުކުރެވުނު ކަންތަކަކީ أَهْلُ السُّنَّةގެ ޢަޤީދާގެ އަސްލުތަކެވެ. ހަމަކަށަވަރުން އެ (ޢަޤީދާ މިފޮތުގައި ބަޔާންކޮށް ނިމި) ފާއިތުވެއްޖެ އެވެ. އޭނާ އެފަދަ މީހުން ދިފާޢުކުރެ އެވެ. އަދި އެމީހުންނަށް ތަޒްކިޔާ ދެއެވެ. ނޫނެކެވެ. އޭނާ އެދިފާޢު ކުރާ މީހާ އަކީ އޭނާ ބުނާގޮތުން ނަމަ އަސްލުގައި ސުންނީއެކެވެ. އޭނާ އަކީ ބިދުޢަވެރިއެއް ނޫނެވެ. ރާފިޟީ އެއް ނޫނެވެ. އަދި (އެދައުވާ ކުރި މީހާގެ ދައުވާޔާ ޚިލާފަށް) الإمام أحمد ވިދާޅުވި އެވެ: "مَنْ طَعَنَ فِي صَحَابِيٍّ وَاحِدٍ أَوْ عَرَّضَ بِطَعْنِهِ أَوْ عَيْبِهِ فَهُوَ مُبْتَدِعٌ رَافِضِيٌّ خَبِيثٌ" މާނައީ: "އެންމެ ސަޙާބީއަކަށް އެއްޗެހި ގޮވައިފި މީހަކީ ނުވަތަ އެސަޙާބީއަށް ކުޑައިމީސް ކުރުމަށް ނުވަތަ އައިބު ކުރުމަށް ބަހެއް ބުނެފި މީހަކީ ބިދުޢަވެރިއެކެވެ. އޭނާއަކީ މުޑުދާރު ރާފިޟީ އެކެވެ."


ނޫނެކެވެ. މިއަދު ތިބާ ގާތުގައި އޭނާ (އިންކާރުކޮށް) ބުނާނެއެވެ. އޭނާއަކީ ސުންނަތުގެ އަހުލުވެރިއެވެ. އޭނާއަކީ ބިދުޢަވެރިއެއް ނޫނެވެ. އެންމެ ރަނގަޅު! ޚަވާރިޖުން ސުންނަތުން ނުކުމެގެން ދިޔައީ އެންމެ އަސްލަކާ ހުރެއެވެ. އަދި ރާފިޟީން ސުންނަތުން ނުކުމެގެން ދިޔައީ އެންމެ އަސްލަކާ ހުރެއެވެ. އަދި ޤަދަރިއްޔާއިން ސުންނަތުން ނުކުމެގެން ދިޔައީ އެންމެ އަސްލަކާ ހުރެއެވެ. ސުންނަތުން ބޭރުވެދިއުމަށްޓަކައި ކޮންމެ ފިރުގާ އެއްގައި ހުރިހައި ޚިލާފުވުންތަކެއް ޖަމާވުމީ ލާޒިމް ކަމެއް ނޫނެވެ. (އެމީހުން ސުންނަތުން ބޭރުވެގެންދިޔައީ) އެންމެ އަސްލަކާ ހުރެ އެވެ. ސަބަބަކީ أَهْلُ السُّنَّة ގެ ޢަޤީދާ ވަނީ އެކަތިގަނޑެއްގެ ގޮތުގަ އެވެ. ފަހެ ޚިލާފުވާ މީހަކު އެޢަޤީދާގެ ބައިތަކުގެ ތެރެއިން ބަޔަކާ ޚިލާފުވެއްޖެ ނަމަ އޭނާ އެޢަޤީދާޔާ އެއްކޮށް ޚިލާފުވި ފަދަ އެވެ. ނިމުނީއެވެ. އޭނާ ހަޖުރު ކުރެވޭނެ އެވެ. އަދި އޭނާގެ ބިދުޢަޔަށް އޭނާ ނިސްބަތް ކުރެވޭނެ އެވެ. ފަހެ ތިބާ ބުނާށެވެ: (އޭނާއަކީ) ރާފިޟީ އެކެވެ. އޭނާ އިރްޖާގެ މައްސަލައިގައި ޚިލާފުވެއްޖެ ނަމަ ތިބާ ބުނާށެވެ: (އޭނާއަކީ) މުރުޖީ އެކެވެ. (ޢަޤީދާގެ) ބާކީ ހުރި ބާބުތަކުގައި އޭނާ ސުންނަތުގެ މަތީގައި ހުރިކަމުގައިވީ ނަމަވެސްމެ އެވެ. ފަހެ މުރުޖީން (ޚިލާފުވީ) އީމާންކަމުގެ މައްސަލައިގައި އެކަންޏެއް ނޫން ހެއްޔެވެ؟! އަދި ޚަވާރިޖުން (ޚިލާފުވީ) ވެރިންނަށް އަޑުއަހާ ކިޔަމަންވުމާއި ބޮޑު ފާފައަށް އަރައިގަންނަ މީހާ ކާފަރުކުރުމުގެ މައްސަލައިގައި އެކަންޏެއް ނޫން ހެއްޔެވެ؟! ފަހެ ޤަދަރިއްޔާއިން (ޚިލާފުވީ) ޤަދަރުގެ މައްސަލައިގައި އެކަންޏެއް ނޫން ހެއްޔެވެ؟! އަދި ހަމަ މިފަދައިންނެވެ. ފަހެ މިޢަޤީދާގެ ތެރެއިން ކަމަކާ ޚިލާފުވެއްޖެ ނަމަ އެންމެ ފުރަތަމަ ކަމަކަށް އޭނާއާ (އެޚިލާފުވީ މީހާއާ) ދުރުވުން ވާޖިބުވެގެންވެ އެވެ. ދެން އެއަށް ފަހު އޭނާ ހަޖުރުކުރުމެވެ. ފަހެ އޭނާއަށް ސަލާން ގޮވައިގެން ނުވާނެ އެވެ. އަދި އޭނާއާ ވާހަކަ ދައްކައިގެން ނުވާނެ އެވެ. އަދި އޭނާއާ އެކު އިށީނދެގެން ނުވާނެ އެވެ. އަދި އޭނާއާ މަޝްވަރާކޮށްގެން ނުވާނެ އެވެ. އަދި އޭނާއާ އެކު ދަތުރުކޮށްގެން ނުވާނެ އެވެ. އޭނާ ތައުބާވުމަށްޓަކައެވެ. އަދި އޭނާގެ ކިބައިން މީހުން ދުރުވެ މަނާވެގަތުމަށްޓަކައެވެ. އަދި އޭނާއަށް ނަފްރަތު ކުރަން ޖެހޭނެ އެވެ. އަދި އޭނާގެ ބިދުޢަ ހެދިކަމަށްޓަކައި އޭނާ ނިކަމެތި ކުރަން ޖެހެއެވެ. އޭނާއަށް ނަފްރަތު ނުކުރާ ނަމަ އަދި އޭނާ ނިކަމެތި ނުކުރެވޭ ނަމަ، އޭނާ ވަނީ ބާޠިލުގެ މަތީގައިކަން މީސްތަކުންނަށް އެނގޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟! މި މީހުންގެ އައިބު ފާޅު ނުކުރެވޭ ނަމަ މީސްތަކުންނަށް ބަޔާންވެގެންދާނީ ފަހެ ކިހިނަކުން ހެއްޔެވެ؟!


އަދި އައިބު ފާޅުކުރުން ޣީބައަކަށް ނުވާ ހަ ކަމެއް ވެއެވެ. އަދި މި ހަ ކަންތަކުގެ ތެރެއިން ހިމެނެ އެވެ. "وَمُجَاهِرٌ فِسْقاً" މާނައީ: "އަދި ފާސިޤުކަން ފާޅުކުރާ މީހާ" އެވެ. އަދި މިކަމަކީ (ބިދުޢައަކީ) ދީނުގައި ބޮޑުވެގެންވާ ފާސިޤު ކަމެކެވެ. އަހަރެމެން الله ގެ ޙަޟްރަތުން އެކަމުން ރައްކައުތެރިކަމަށް އެދި ދުޢާ ކުރަމު އެވެ. ފަހެ ބިދުޢަވެރިންނަކީ މިބާބުގައި ފާސިޤުންނެވެ. އެހެނީ ފާސިޤު ކަމަކީ އިސްތިޤާމާއިން (ދީނުގެ މަތީގައި ޤާއިމްވުމުން) ބޭރުވެދިއުމެވެ. އަހަރެމެން الله ގެ ޙަޟްރަތުން ސަލާމަތްކަމާއި ޢާފިޔަތަށް އެދި ދުޢާ ކުރަމެވެ. ފަހެ އޭނާއަށް ނަފްރަތުކޮށް އޭނާގެ އައިބު ފާޅުކޮށްގެން އަދި އެކަން އިއުލާނުކޮށްގެން މެނުވީ އޭނާއާ ބެހޭގޮތުން މީހުންނަށް އިންޒާރެއް ނުދެވޭނެ އެވެ. ފަހެ ބިދުޢަވެރިޔާއަށް ޣީބައެއް ނުވެއެވެ. (އެބަހީ އޭނާގެ އައިބު ފާޅު ކުރުމީ ޣީބަ އަކަށް ނުވާނެ އެވެ.) މީސްތަކުންނަށް އޭނާއާ ބެހޭ ގޮތުން އިންޒާރު ދިނުމުގަ އާއި ބަޔާންކޮށްދިނުމުގައި ބިދުޢަވެރިއަކަށް ޣީބައެއް ނުވެ އެވެ. (އެބަހީ އޭނާގެ އައިބު ފާޅު ކުރުމީ ޣީބަ އަކަށް ނުވާނެ އެވެ.) ހަމައެފަދައިން އޭނައަށް އެއްބާރުލުން ދިން މީހާ ވެސްމެ އެވެ. އޭނާއަށް އެނގި ހުރެ އެ ބިދުޢަވެރިޔާއަށް އެއްބާރުލުން ދީފި ނަމަ ފަހެ ހަމަކަށަވަރުން އޭނާއަކީ ވެސް އެބިދުޢަވެރިޔާއާ އެއްފަދަ މީހެއްގެ ގޮތުގައި ބެލެވޭނެ އެވެ.


(އެއާ ޚިލާފަށް) ތިބާއަށް އެންމެ ފުރަތަމަ ފަހަރަށް ފެނުނު އިރު އޭނާ އަކީ ސުންނީއެއް ނަމަ ފަހެ އޭނާއާ މެދު ވިސްނުން ހެޔޮކުރުން ވާޖިބުވެގެން ވެއެވެ. ތިބާ އޭނާއަށް ނަސޭހަތްތެރި ވާނީ އެވެ. أبو داود އަދި އެނޫންވެސް ބޭފުޅުން الإِمَام أَحْمَدُ – رحمه الله– ގެ އަރިއަހުން ރިވާކުރެއްވި ފަދައިންނެވެ. (އިމާމްއާ ސުވާލު ކުރެވުނެވެ:) "يَا أَبَا عَبْدَ اللهِ أَرَى الرَّجُلَ مَعَ الرَّجُلِ مِنْ أَهْلِ البِدَعِ؛ أَفَأَهْجُرُهُ لَا أُكَلِّمُه؟" މާނައީ: "އޭ أَبُو عَبْد الله އެވެ. ބިދުޢައިގެ އަހުލުވެރިންގެ ތެރެއިން މީހަކާ އެކު އަޅުގަނޑަށް މީހަކު ފެނިއްޖެ ނަމަ، އަޅުގަނޑު އޭނާއާ ވާހަކަ ނުދައްކައި އޭނާ ހަޖުރު ކުރަންވީތޯ އެވެ؟" ވިދާޅުވިއެވެ: "أَوْ تُحَذِّرْهُ مِنْهُ" މާނައީ: "ނޫނެކެވެ. އެއާ ޚިލާފަށް ތިބާ އޭނައަށް އިންޒާރު ދޭށެވެ." (8) (الإِمَام أَحْمَد ވިދާޅުވި އެވެ:) "ثُمَّ إِنْ رَأَيْتَ بَعْدَ ذَلِكَ يُمَاشِيهِ فَأَلْحِقْهُ بِهِ" މާނައީ: "ދެން އެއަށްފަހު އެބިދުޢަވެރިޔާއާ އެކު އޭނާ ހިނގާތަން ތިބާއަށް ފެނިއްޖެ ނަމަ، ފަހެ އޭނާއަކީ އެބިދުޢަވެރިޔާއާ އެއްފަދަ މީހެއްގެ ގޮތުގައި ތިބާ ބަލާށެވެ."


އެހެންކަމުން، ބިދުޢަވެރިންނަށް އެއްބާރުލުންދޭ މީހާ ހަޖުރުކުރުމަކީ ސަލަފުން –رحمهم الله– ގެ އަރިއަހުގައި ސާބިތުވެ ގަރާރުވެފައިވާ ކަމެކެވެ. ފަހެ އެބައިމީހުންނަށް އޭނާ އެއްބާރުލުން ދީފި ނަމަ، އަދި އޭގެ އިތުރުން އެބައިމީހުންނަށް ނަސްރުދީ، އެބައިމީހުން ދިފާއުކޮށް، އެބައިމީހުންނާ އެކުވެރިކަން ބާއްވައިފި ނަމަ އޭނާ ހަޖުރު ކުރުން ހުއްޓެވެ. ބިދުޢަވެރިޔާއަށް އެހީތެރިވި މީހާ އެވެ. އަދި އޭނާއަށް ނަސްރުދީ، އޭނާ ދިފާޢުކޮށް، އޭނާއާ ރަހުމަތްތެރިކަން ބޭއްވި މީހާ އެވެ.


މިއަދު އެމީހުން އަހަރެމެންނަށް އައު މަންހަޖެއް ގެނެސްދީފި އެވެ. އެމީހުން (ބިދުޢައިގެ އަހުލުވެރިން ދިފާޢުކޮށް) ބުނެ އެވެ: "އޭނާއަކީ ސުންނަތުގެ އަހުލުވެރިއެކެވެ. އަދި އޭނާގެ (ބައެއް) ކުށްތައް އެބަ ހުއްޓެވެ. އޭނާއަކީ ސަލަފީއެކެވެ. އަދި އޭނާގެ (ބައެއް) ކުށްތައް އެބަ ހުއްޓެވެ." އޭނާގެ ކުށްތަކަކީ ކޮބައި ހެއްޔެވެ؟! އޭނާ ވަނީ ޚަވާރިޖުންގެ މަޒްހަބުގަ އެވެ. އަހަރެމެން އޭނާގެ ކުށްތަކަށް ބަލައިލާ ހިނދު އޭނާއަކީ ޚާރިޖީއެއްކަން ފަޅާއަރަ އެވެ. އަހަރެމެން އޭނާގެ ކުށްތަކަށް ބަލައިލާ ހިނދު އޭނާއަކީ ސަޙާބީންނަށް އެއްޗެހި ގޮވާ ރާފިޟީއެއްކަން ފަޅާއަރަ އެވެ. އަހަރެމެން އޭނާގެ ކުށްތަކަށް ބަލާ ހިނދު އޭނާ އަކީ ޖަހްމީއެއްކަން ފަޅާއަރަ އެވެ. ما شاء الله! "ސުންނަތުގެ އަހުލުވެރި އެކެވެ. އަދި އޭނާގެ ކުއްތަށް އެބަ ހުއްޓެވެ."


ބިދުޢަވެރިއަކުން ބަދަލުވެގެން ދިޔައީ އޮޅުވާލާ މީހަކަށެވެ. ما شاء الله! އެ ހުރިހައި ވާހަކަތަކަކީ މީސްތަކުންގެ ބުއްދިއަށް ހުރި މަލާމާތެކެވެ. ޚާއްސަކޮށް ސަލަފީ ޒުވާނާއަށެވެ. ދުވަހަކު ވެސް އެހެނެއް ނުވާނެ އެވެ. މިވާހަކައަކީ ބާތިލު ވާހަކައެކެވެ. އޭގެ އައިބުކަން ފާޅުވެގެން ވެއެވެ. ފަހެ ހަމަކަށަވަރުން ބިދުޢަވެރިޔާއަށް އެހީތެރިވެ، އޭނައަށް ނަސްރުދީ، އޭނާ ދިފާޢު ކުރި މީހަކީ އެ ބިދުޢަވެރިޔާއާ އެއްފަދަވެގެންވާ ބިދުޢަވެރިއެކެވެ. އެއްވެސް ޝައްކެއް ވަހުމެއް ނެތެވެ. ފަހެ އޭނާއާ ސާހިބުކަން ބާއްވައިފި ނަމަ ފަހެ އެކަންވަނީ ބިދުޢަވެރިންނާއެކު އިށީނުމުގެ ބާބުގައި ބަޔާންވެ ނިމިފަ އެވެ.


عَنِ المَرْءِ لَا تَسْأَلْ وَأَبْصِرْ قَرِينَهُ *** فَإِنَّ القَرِينَ بِالمُقَارَنِ مُقْتَدى
وَلَا تَصْحَبْ أَخَ     ***     الجَهْلِ وَإِيَّــاكَ وَإِيَّاهُ
فَكَمْ مِنْ جَاهِلٍ     ***     أَرْدَى حَلِيمًا حِينَ أَخَاهُ
يُقَاسُ المَرْءُ بِالمَرْءِ  ***     إِذَا مَـا هُوَ مَاشَــاهُ

    މާނައީ: "ތިބާ މީހަކާ ބެހޭގޮތުން ސުވާލު ނުކޮށް، އޭނާގެ ރަހުމަތްތެރިޔާ އަށް ބަލާށެވެ. ފަހެ ހަމަކަށަވަރުން ގާތްވާ މީހާ ގާތްވެވޭ މީހާއަށް ބޯލަނބައި ކިޔަމަންތެރިކަމާ އެކު ތަބަޢަވެ އެވެ. އަދި ޖާހިލުކަމުގެ އަޚާއާ ތިބާ ރަހުމަތްތެރިކަން ނުބާއްވާށެވެ. ތިބާ އިންޒާރު ލިބިގަތުން ހުއްޓެވެ. އަދި އޭނާ ވެސް އިންޒާރު ލިބިގަތުން ހުއްޓެވެ. ފަހެ ޖާހިލަކު އަޚަކަށް ހެދުމުން ބުއްދިވެރިއަކު ހަލާކު ކޮށްލީ ކިތައް ޖާހިލުންތޯ އެވެ؟ އިންސާނާގެ ހާލަތު މިނެކިރޭނީ އޭނާއާ އެކުގައި ހިނގާއުޅޭ މީހާއާ އަޅާކިޔުމުންނެވެ."


    ފާހަގަކުރަން ބޭނުންވާ ނުކުތާ އަކީ: މީހަކު ބިދުޢަވެރިޔަކާ އެކު ފެނުމުން، އެބިދުޢަވެރިޔާއާ ބެހޭގޮތުން ތިބާ އޭނާއަށް އިންޒާރު ދިނުމުން އެކަމަށް އޭނާ އިންކާރުކޮށްފި ނަމަ، ފަހެ އޭނާ އެބިދުޢަވެރިޔާއާ އެއްފަދަ މީހަކަށް ހަދާށެވެ. ކީއްވެ ހެއްޔެވެ؟ އެހެނީ (ޙަދީޘްގައިވާ ފަދައިން): {الْمَرْءُ عَلَى دِينِ خَلِيلِهِ}(9) މާނައީ: "އިންސާނާވަނީ އޭނާގެ ލޯބިވާ ރަހުމަތްތެރިޔާގެ ދީނުގެ މަތީގަ އެވެ." އަދި (ޙަދީޘްގައިވާ ފަދައިން): {الأَرْوَاحُ جُنُودٌ مُجَنَّدَةٌ فَمَا تَعَارَفَ مِنْهَا ائْتَلَفَ وَمَا تَنَاكَرَ مِنْهَا اخْتَلَفَ}(10) މާނައީ: "ރޫޙުތަކަކީ ލަޝްކަރުކުރެވިގެންވާ ހަނގުރާމަވެރިންތަކެކެވެ. (އެބަހީ: އިޖްތިމާޢުވާ، އެއްތަންވާ ޖަމާޢަތްތަކެކެވެ.) އެ ރޫޙުތަކުގެ ތެރެއިން ދެކެފަރިތަ (އެއްބަސްވާ) ރޫޙުތައް އެއްބައިވަންތަވެ އެވެ. އަދި އެ ރޫޙުތަކުގެ ތެރެއިން ބީރައްޓެހިވެ ޢަދާވާތްތެރިވި ރޫޙުތައް ބައިބައިވެގެންދެ އެވެ."

 

إِنَّ القُلُوبُ لَأَجْنَادٌ مُجَنَّدَةٌ   ***  قَوْلُ الرَّسُولِ كَلَامٌ لَيْسَ يَخْتَلِفُ
فَمَا تَعَارَفَ مِنْهَا فَهُوَ مُؤْتَلِفٌ ***  وَمَا تَنَاكَرَ مِنْهَا فَهُوَ مُخْتَلِفٌ
    މާނައީ: ހަމަކަށަވަރުން ހިތްތަކަކީ ލަޝްކަރުކުރެވިގެންވާ ހަނގުރާމަވެރިންތަކެކެވެ. (އެބަހީ: އިޖްތިމާޢުވާ، އެއްތަންވާ ޖަމާޢަތްތަކެކެވެ.) ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅަކީ ޚިލާފުވެގެންވާ ބަސްފުޅެއް ނޫނެވެ. ފަހެ އެ ރޫޙުތަކުގެ ތެރެއިން ދެކެފަރިތަ (އެއްބަސްވާ) ރޫޙުތައް އެކުވެރިވެ، އެއްބައިވަންތަވެ އެވެ. އަދި އެ ރޫޙުތަކުގެ ތެރެއިން ބީރައްޓެހިވެ ޢަދާވާތްތެރިވި ރޫޙުތައް ޚިލާފުވެ ބައިބައިވެގެންދެ އެވެ.

 

    ފަހެ ތިބާއަށް އޭނާ ބިދުޢަވެރިޔާއާ އެކު ފެނިއްޖެ ނަމަ ދަންނާށެވެ. އޭނާ އެބިދުޢަވެރިޔާ ދެކެ ލޯބިވެ އެވެ. އެހެނީ އަހަރެމެންގެ މަޖިލިސްތަކުގައި (އަންނަނިވި ބަސްފުޅު) ފާއިތުވެ ހިނގައްޖެ އެވެ: "أَوْثَقُ عُرَى الْإِيمَانِ الْحُبُّ فِي اللَّهِ، وَالْبُغْضُ فِي اللَّهِ" މާނައީ: "އީމާންކަމުގެ އެންމެ ގަދައަށް ހިފެހެއްޓިގެންވާ ކަންތައްތަކުގެ ތެރެއިން ކަމަކީ: الله އަށްޓަކައި ލޯބިކުރުމެވެ. އަދި الله އަށްޓަކައި ނަފްރަތުކުރުމެވެ." ފަހެ ސުންނަތުގެ އަހުލުވެރިޔާ ބިދުޢައިގެ އަހުލުވެރިޔާއަށް ލޯބިކުރުމީ ވާނެ ކަމެއް ނޫނެވެ. ސަބަބަކީ ލޯތްބަކީ ހިތުން ލެނބޭ ލެނބުމެކެވެ. އެހެންކަމުން އެ ހިތްތައް ގާތްވެ އެއްގޮތްވެގެން މެނުވީ އޯގާތެރިވުމަކީ ވުން އެކަށީގެންވާ ކަމެއް ނޫނެވެ. الأصمعي -رحمه الله- ވިދާޅުވި އެވެ: "إِذَا تَقَارَبَتِ القُلُوبُ فِي النِّسْبَةِ تَلَاقَتِ الأَبْدَانُ فِي الصُّحْبَةِ". މާނައީ: "ނިސްބަތްވާ (ޤަބޫލުކުރާ) ކަންތަކުގައި ހިތްތައް އެއްގޮތްވެއްޖެ ނަމަ، އެކުވެރިކަމުގައި ހަށިތައް ބައްދަލުވާނެ އެވެ."


    އެބަހީ: މި ހިތް ޤަބޫލުކުރާ ކަންތައް އެހިތް ޤަބޫލުކުރާ ކަންތަކާ އެއްގޮތްވެއްޖެ ނަމަ ހަށިގަނޑުތައް ގާތްވާނެ އެވެ. ފަހެ އިންސާނާވަނީ އޭނާގެ ލޯބިވާ ރަހުމަތްތެރިޔާގެ ދީނުގެ މަތީގަ އެވެ. އެބިދުޢަވެރިއަކު ހުރި ގޮތުގެ މަތީގައި ހުރެގެން މެނުވީ އޭނާއަށް އެހީތެރިވުމަކީ ވާނެ ކަމެއް ނޫނެވެ. އަދި އެބިދުޢަވެރިޔާ ހުރި ގޮތުގެ މަތީގައި ހުރެގެން މެނުވީ އޭނާއަށް ނަސްރު ދިނުމަކީ ވާނެ ކަމެއް ނޫނެވެ. އަދި އެބިދުޢަވެރިޔާ ހުރި ގޮތުގެ މަތީގައި ހުރެގެން މެނުވީ އޭނާ ދިފާޢު ކުރުމަކީ ވާނެ ކަމެއް ނޫނެވެ. އަދި އެބިދުޢަވެރިޔާ ހުރި ގޮތުގެ މަތީގައި ހުރެގެން މެނުވީ އޭނާއާ ސާހިބުކަން ބޭއްވުމަކީ ވާނެ ކަމެއް ނޫނެވެ. ތިބާގެ ކުރިމަތީގައި އޭނާއަކީ ސުންނަތުގެ އަހުލުވެރިއެއްކަމަށް ދެއްކި ކަމުގައިވީ ނަމަވެސްމެ އެވެ. އެއިލާހަކަށް މެނުވީ ޙައްޤު ގޮތުގައި އަޅުކަން ނުކުރެވޭނެ އިލާހު، الله ގަންދީ ހުވާކޮށް ބުނަމެވެ. ސުންނަތުގެ އަހުލުވެރިޔާ ބިދުޢައިގެ އަހުލުވެރިޔަކާ އެކު ދުވަހަކުވެސް އެއްތަނެއް ނުވާނެ އެވެ. އޭނާ ވަނީ ސުންނަތުގެ މަތީގައިކަން ތިބާއަށް އޭނާ ހުވާ ކުރި ނަމަވެސްމެ އެވެ. ފަހެ އަހަރެމެން ބުނަމު އެވެ. އަމަލުތައް ތެދުކުރެވޭނެ އެވެ. އަދި ދޮގު ވެސް ކުރެވޭނެ އެވެ. ފަހެ ތިބާގެ އަމަލު ތިބާގެ ބަސް ދޮގު ކޮށްފި އެވެ. އަހަރެމެން الله ގެ ޙަޟްރަތުން ސަލާމަތްކަމާއި ޢާފިޔަތަށް އެދި ދުޢާ ކުރަމެވެ.


    އަދި الله އަށް ކިޔަމަންތެރިކަން އަދާކުރުމުން އަރާމާއި އުފާ ދެއްވުމަށް އަޅަމެން الله –جل و علا- ގެ ޙަޟްރަތުގައި އެދި ދުޢާ ކުރަމެވެ.
وصلى الله وسلم وبارك على عبده ورسوله نبينا محمد وعلى آله وأصحابه وأتباعه بإحسان.

 


(1) ابن بَطَّة އަކީ ސުންނަތުގެ އިމާމުންގެ ތެރެއިން އިމާމެކެވެ. ابن بَطَّة ގެ ނަންފުޅާއި ނަޞަބުފުޅަކީ: أَبُو عَبْدِ الله عُبَيْدُ الله بن مُحَمَّد بن حَمْدَان بن بَطَّة އެވެ. މަޝްހޫރުވެގެންވަނީ ابن بَطَّة ގެ ނަންފުޅުންނެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 304 ވަނަ އަހަރުގެ ޝައްވާލު މަހުގެ 4 ވަނަ ދުވަހަށްވީ ހޯމަ ދުވަހު، عُكْبَرَا ކިޔާ ރަށެއްގަ އެވެ. ޢިލްމުވެރިންގެ ޘަނާ ބަސްތަކުގެ ތެރެއިންވެ އެވެ: الإمام الذَّهَبِي ވިދާޅުވި އެވެ: "الفَقِيهُ الحَنْبَلِي العَبْد الصَّالِح" މާނައީ: "ابن بَطَّة އަކީ ޞާލިޙު އަޅުވެރި ޙަންބަލީ މަޛްހަބުގެ ފިޤުހު ޢިލްމުވެރިއެކެވެ." الحَافِظ ابن حَجَر ވިދާޅުވި އެވެ: "كَانَ إِمَاماً فِي السُّنَّةِ، إِمَاماً فِي الْفِقْهِ..." މާނައީ: "ابن بَطَّة އީ ސުންނަތުގެ އިމާމެކެވެ. ފިޤުހުގެ އިމާމެކެވެ..." އަވަހާރަވީ ހިޖުރައިން 387 ވަނަ އަހަރު އެވެ. އިސްލާމީ އުންމަތަށް ގިނަގުނަ ޢިލްމީ ތަރިކަ ދޫކުރެއްވި އެވެ. އޭގެ ތެރޭގައި: ابن بَطَّة ގެ الإِبَانَة الْكُبْرَى އަދި الإِبَانَة الصُّغْرَى އަކީ މުޅި އުންމަތުގެ މަޤްބޫލުކަން ލިބިފައިވާ ޢަޤީދާގެ ފޮތްތަކުގެ ތެރެއިން ދެފޮތެވެ. މިތަނުގައި ޛިކުރުކުރެވިފައިވަނީ الإبانة الصغرى ގެ ބަސްފުޅުތަކުގެ ތެރެއިން ބަސްފުޅެކެވެ.
(2) الرَّاغِب الأَصْبَهَانِي رحمه الله ވިދާޅުވި އެވެ: "ހަޖުރު އަދި އަލްހިޖްރާން އަކީ: ހަށިގަނޑުން ނުވަތަ ދުލުން ނުވަތަ ހިތުން އިންސާނަކު އެހެން އިންސާނަކާ ވަކިވުމެވެ." ބައްލަވާލައްވާ ސ. 10، "تَأَمَّلَات فِي مَسْأَلَةِ الْهَجْرِ فِي ضَوْءِ الْكِتَابِ وَ السُّنَّةِ وَفَهْمِ سَلَفِ الْأُمَّةِ"، دار أضواء السلف، الطبعة الأولى 1431ه - الشَّيخُ عَبْدُ الله البُخَارِي حفظه الله.
ފަހެ ހަޖުރު ކުރުމުގެ ސިފައަކީ: ހަޖުރު ކުރެވޭ މީހާ ދޫކޮށްލުމެވެ. އޭނާއާ ގުޅުން ކަނޑާލައި ދުރަށް ދިއުމެވެ. އޭނާއާ ވާހަކަ ދެއްކުމާއި އެއްތަންވުން ދޫކޮށްލުމެވެ. އޭނާއަށް ސަލާމް ގޮވުމާއި ސަލާމަށް ރައްދުދިނުން ދޫކޮށްލުމެވެ. އޭނާ ދައްކާ ވާހަކަ އަޑު ނުއެހުމެވެ. ސުންނަތުގައި ހަޖުރު ކުރުމުގެ ސިފަ ބަޔާންވެގެންވާ ފަދައިންނެވެ.
(3) "السَّلَفُ" ގެ ލުޣަވީ މާނައަކީ 'އިސްވެދިޔަ' ނުވަތަ 'ފާއިތުވެދިޔަ'. އެއީ سالِف މި ކަލިމައިގެ ޖަމްޢު އެވެ. ޝަރުޢީ މާނައަކީ: "އެބޭފުޅުންނީ ޞަޙާބީންނާއި ތާބިޢީންނެވެ. އަދި ޤިޔާމަތާ ޖެހެންދެން އެބޭފުޅުންނަށް އިޙްސާންތެރިކަމާ އެކު ތަބަޢަވެ، އެބޭފުޅުންގެ މަގުގައި ހިންގެވި އަދި އެބޭފުޅުން ދޫކުރެއްވި އަޘަރަށް (ތަކެއްޗަށް) ތަބަޢަވާ މީހުންނެވެ. " ބައްލަވާލައްވާ ސ. 11 އަދި ސ. 19، "مَا هِيَ السَّلَفِيَّة"، دار الاستقامة، الطبعة الثانية 1433ه - الشَّيخُ عَبْدُ الله البُخَارِي حفظه الله.
ތާރީޚުގައާއި އަދުގެ ދުނިޔޭގައި އެބައެއްގެ އަމިއްލަ ނަފްސުތަކަށް ނުޙައްޤުން ސަލަފުންގެ ނަން ދީގެން އުޅޭ މީހުން ބައިވަރެވެ. އެމީހުން ބުނެ އެވެ: "އަހަރެމެން ސަލަފުއް-ޞާލިޙުންނަށް ތަބަޢަވަމެވެ. އަދި ޢިލްމުވެރިންނަށް އިހްތިރާމު ކުރަމެވެ." އެހެން ނަމަވެސް ސަލަފުންގެ ޢަޤީދާ އާއި މަންހަޖާއި އަޅުކަންތައް މިފަދަ ދައުވާތައް ކުރާ މީހުންގެ ޢަޤީދާ އާއި މަންހަޖާއި އަޅުކަންތަކާ އަޅާކިޔައިފި ނަމަ އުޑާއި ބިމާ ދެމެދުވާ ފަރަގުހާ ބޮޑު ފަރަގެއް ތިބާއަށް ފެންނާނެ އެވެ. ދައުވާކުރާ މީހާގެ ދައުވާގައި ހެކި ސާބިތު ނުވާ ނަމަ އޭނާގެ ދައުވާއަކީ ބާޠިލު ދައުވާއެކެވެ.
އެހެންކަމުން އޭ މުސްލިމު އަޚާއެވެ! ދަންނާށެވެ. ޝަރުޢީ ޢިލްމު އުނގެނުމެއް ނެތި، ސަލަފުންގެ ޢަޤީދާ އާއި މަންހަޖާއި އަޅުކަން ތިބާއަކަށް ނޭނގޭނެ އެވެ. އުންމަތުގެ ބޮޑެތި ޢިލްމުވެރިންނަށް ރުޖޫޢަވެ އެބޭފުޅުންގެ އަރިއަހުން ޢިލްމު ހާސިލު ކުރުމަށް ވަޞިއްޔަތް ކުރަމެވެ.
(4) ރިވާކުރެއްވީ: ابن ماجه (3745، 3746)، الأَلْبَانِي "الصَّحِيحَة" (763، 1487) ގައި މި ޙަދީޘް ޞައްޙަކުރައްވާފައިވެ އެވެ.
(5) ޖަހްމީންނަކީ جَهْم بن صَفْوَان އަށް ތަބަޢަވީ މީހުންނެވެ. އިސްލާމީ އުންމަތް އިޖުމާޢުވެގެންވާ ޢަޤީދާ ބަޔާންކުރެއްވުމަށްޓަކައި ލިޔުއްވިފައިވާ މަޝްހޫރު އަދި މަޤްބޫލު ފޮތް، "عقيدة الرازيين" ގައި ޛިކުރުކުރެވިފައިވެ އެވެ: "وَ أَنَّ الْجَهْمِيَّةَ كُفَّارٌ" މާނައީ: "އަދި ޖަހްމީންނަކީ ކާފަރުންކަން (ޤަބޫލު ކުރުމެވެ.)" މި ބަސްފުޅުގެ ޝަރަޙައިގައި الشَّيخُ رَبِيع بِن هَادِي المَدْخَلِي حفظه الله ވިދާޅުވި އެވެ: "ޖަހްމީންނަކީ ކާފަރުންނެވެ. ސަބަބަކީ އެމީހުން الله ގެ ސިފަފުޅުތައް الله ގެ ޙަޟްރަތުން ނަފީކުރެ އެވެ. الله ގެ ޢިލްމުފުޅާއި، އައްސަވާވޮޑިގަތުމާއި ބައްލަވާވޮޑިގަތުމާއި، ކުޅަދުންވަންތަކަމާއި، الله އީ ޚާލިޤުވަންތަ އިލާހުކަމާއި، މިނޫން ވެސް ސިފަފުޅުތައް އެމީހުން އިންކާރުކުރި އެވެ. الله އެބައިމީހުންނީ މުޑުދާރު ބައެއްގެ ގޮތުގައި ލައްވާށި އެވެ. الله تبارك وتعالى ގެ ސިފަފުޅުތައް އެބައިމީހުން ނަފީކުރި އެވެ. އެއިލާހުގެ އިސްތިވާވެވޮޑިގަތުމާއި ފައިބައިވަޑައިގަތުމާއި ވަޑައިގަތުމާއި ކޯފާވެވޮޑިގަތުމާއި ރުއްސަވާވޮޑިގަތުމާއި އަދި ހުރިހާ ޤައުލީ (ބަސްވަޙީކުރެއްވުން) އަދި ފިޢުލީ (ޢަމަލީ) އަދި ޛާތީ ސިފަފުޅުތައް އެބައިމީހުން ނަފީކުރި އެވެ. ފަހެ އެބައިމީހުންގެ މަޛްހަބުގެ ނަތީޖާއަކީ الله ތަޢާލާ އަކީ ވުޖޫދުގައިވާ އިލާހެއް ނޫނެވެ. ސަބަބަކީ އެމީހުން ބުނެ އުޅެ އެވެ: "(الله ވޮޑިގެންވަނީ) މަތީގައެއް ނޫނެވެ. އަދި ތިރިއަކު ނޫނެވެ. އަދި ކަނާތަކު ނޫނެވެ. އަދި ވާތަކު ނޫނެވެ." އަދި މިނޫން ވެސް ބަސްތަކެވެ. ފަހެ ސަލަފުން އެމީހުން ކާފަރުކުރެއްވި އެވެ. އެއީ އެމީހުންގެ ކިބައިގައި މި މުޑުދާރު ޢަޤީދާ ވާތީ އެވެ. ޤުރްއާންއާއި ސުންނަތުގެ ނައްޞުތަކަށާއި ރަސޫލާ صلى الله عليه وسلم އާއި މާތްވެގެންވާ ސަލަފުންގެ ގޮތުގައިވީ ޞަޙާބީން އަދި އެނޫން ވެސް ބޭކަލުން رضوان الله عليهم ތިއްބެވި ގޮތާ އެމީހުންގެ (ޖަހްމީންގެ) ޢަޤީދާ ފުށުއަރައެވެ. އެހެންކަމުން ސަލަފުން އެބައިމީހުން ކާފަރުކުރެއްވި އެވެ." ބައްލަވާލައްވާ: ސ. 199 "قُرَّةُ الْعَيْنَيْنِ بِتَوْضِيحِ مَعَانِي عَقِيدَةِ الرَّازِيِّين"، دَارُ الْمِيرَاثِ النَّبَوِيِّ لِلنَّشْرِ وَالتَّوْزِيع، الطبعة الأولى 1433ه – الشَّيخُ العَلَّامَة رَبِيع بِن هَادِي المَدْخَلِي حفظه الله.
(6) ސުވާލުގެ މާނައަކީ: ޔަހޫދީންނާއި ނަޞާރާއިންނަކީ ކާފަރުންނެވެ. އަދި ޖަހްމީންނަކީ ވެސް ކާފަރުންނެވެ. ފަހެ މިބައިމީހުންގެ އެހީ ހޯދާފައި އެބައިމީހުންގެ އެހީ ނުހޯދާންވީ ކީއްވެތޯ އެވެ؟
(7) ޝައިޚު ޛިކުރުކުރެއްވި ޢަޤީދާގެ ތެރޭގައި الله އަށް އީމާންވުމާއި، އީމާންކަމުގެ މާނަ އާއި، އިސްލާމްދީނުން ބޭރުވެގެންދާ ކަންކަމާއި، ޤުރްއާނަކީ الله ގެ ކަލާމްފުޅުކަމާއި މަޚްލޫޤެއް (އެބަހީ: ޚަލްޤުކުރެވިގެންވާ އެއްޗެއް) ނޫންކަމާއި، الله ތަޢާލާގެ ސިފަފުޅުތަކަށް އީމާންވުމާއި، ޤަބުރުގެ ޢަޛާބަށާއި އާޚިރަތް ދުވަހަށް އީމާންވުމާއި އުޚްރަވީ ޙަޔާތާ ބެހޭގޮތުން ވާރިދުވެގެންވާ ހުރިހާ ޚަބަރަކަށް އީމާންވުމާއި، ވެރިންނަށް ކިޔަމަންތެރިވުމާއި، ބިދުޢައިގެ ނުބައިކަމާއި ބިދުޢަވެރިންނާ މުޢާމަލާތް ކުރަންވީ ގޮތް، އަދި، ޢަޤީދާގެ މިނޫން ވެސް ބައިވަރު ނުކުތާތައް އެކުލަވާލައްވަވާފައިވެ އެވެ.
(8) މިތަނުގައި ޝައިޚް ޛިކުރުކުރައްވާފައިވާ ޢަރަބި ބަހުގެ ލުޣަވީ ފައިދާ، ކިޔުންތެރިންގެ ފަސޭހައަށްޓަކައި ފުޓްނޯޓުގައި ބަޔާންކުރުމަށް ޤަސްދުކުރީމެވެ. ޝައިޚް ވިދާޅުވި އެވެ:
މިތަނުގައި "أو" ގެ މާނައަކީ "ނޫނެކެވެ. އެއާ ޚިލާފަށެވެ." އޭނާގެ ދަރިންނާ ދޭތެރޭ ބަސް ބުނި މީހާ ބަސް ބުނި ފަދައިންނެވެ: "كانوا ثمانين أو زادوا ثمانية، لم أحصِ عدتهم إلا بعَدَّادِ" މާނައީ: "އެކުދިންގެ އަދަދަކީ އަށްޑިހަ އެވެ. އެއާ ޚިލާފަށް އެބައިމީހުން އަށެއް އިތުރު ކުރިއެވެ. އެކުދިންގެ އަދަދު ޢައްދާދުން (އަދަދުކުރަން ބޭނުންކުރާ އެއްޗަކުން) މެނުވީ އަހަރެން ގުނާ އަދަދު ނުކުރަމު އެވެ." އެހެން ނޫންނަމަ އޭނާގެ ދަރިންގެ އަދަދަކީ އަށްޑިހަ އަށެއްކަން އޭނާއަށް އެނގެއެވެ. ފަހެ މިތަނުގައި "أو" ގެ މާނައަކީ "ނޫނެކެވެ. އެއާ ޚިލާފަށް ތިބާ އޭނާއަށް އިންޒާރު ދޭށެވެ."
(9) ރިވާކުރެއްވީ: أحمد (8028)، އަދި  أبو داود (4833)، الترمذي (2378).
(10) ރިވާކުރެއްވީ: البخاري (3336)، އަދި  مسلم (6650). الحافظ النَّوَوِي رحمه الله މި ޙަދީޘްގެ ޝަރަޙައިގައި ވިދާޅުވި އެވެ: الخَطَّابِي އަދި އެނޫން ވެސް ބޭފުޅުން ވިދާޅުވި އެވެ: "... ރޫޙުތައް ވަނީ އިދިކޮޅުވެގެންވާ ދެބަޔަކަށް ބެހިގެންނެވެ. (އެބަހީ: ހެޔޮވެގެންވާ ރޫޙުތަކާއި ނުބައިވެގެންވާ ރޫޙުތަކެވެ.) ވީމާ ހަށިގަނޑުތައް ދުނިޔޭގައި ބައްދަލުވުމުން އެ ރޫޙުތަކުގެ ޠަބީޢަތާ އެއްގޮތްވާގޮތުގެ ނިސްބަތުން އެއްބައިވެ އަދި (ޚިލާފުވެ) ބައިބައިވެގެންދެ އެވެ. އެހެންވީމާ ހެޔޮލަފާ މީހުން ހެޔޮލަފާ މީހުންނަށް ލެނބިގެންދެ އެވެ. އަދި ނުލަފާ މީހުން ނުލަފާ މީހުންނަށް ލެނބިގެންދެ އެވެ. و الله أعلم." ބައްލަވާލައްވާ ސ. 401، މުޖައްލަދު 8، "المِنْهَاج شَرْح صَحِيح مُسْلِم بن الحَجَّاج"- دار المعرفة، الطبعة الثانية 1427ه.

 



ލިޔުން ނަގައިފައިވަނީ: الإبانة الصغرى ގެ ޝަރަޙައިގެ 3 ވަނަ ދަރުހުންނެވެ.
އޯޑިއޯ ލިންކް: http://ar.miraath.net/audio/3522/03
ލިޔުމުގެ ލިންކް: ar.miraath.net/article/10564

 


 

އިސްލާމް ދީނުގައި ހަޖުރުކުރުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ނަމާދަށް ނާރާ އަދި ބަނގުރާ ބުއިމުގައިވާ އަވަށްޓެރިޔާ މެދު ޢަމަލުކުރާނީ ކިހިނެތް؟ - الشَّيْخ العَلاَّمَة عَبدُالعَزِيز بن باَز رحمه الله | 20 މާރޗް 2018

 ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ހަޖުރުކުރުމަށް ޢިލްމުވެރިން ވެފައިވާ އިޖުމާޢު 02 - عبد الرحمن بن أبي الزّناد رحمه الله | 28 ސެޕްޓެމްބަރ 2017

 ޙައްޤު އޮޅުވާލައި ބާޠިލް ފެތުރުމަށްޓަކައި ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ބޭނުންކުރާ އުސްލޫބުތައް 01 - މުތަޝާބިހު ނައްޞުތަކުން ދަލީލު ނެގުން | 23 ސެޕްޓެމްބަރ 2017

 ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ހަޖުރުކުރުމަށް ޢިލްމުވެރިން ވެފައިވާ އިޖުމާޢު 01 - الإمام عبد الرحمن بن عمرو الأوزاعي رحمه الله | 18 ސެޕްޓެމްބަރ 2017

 "ހަޖުރު ކުރުން، ގުޅުން ކެނޑުން ދީނުގައި އަސާސެއް ގޮތުގައިވާ ޒަމާނެއް ނުވާކަމަށް" ބުނާ ދޮގުވެރި ޖޭ.އެސް އަށް ބަޔާންވެގެންވާ ރައްދު - الإِمَامُ شيخ الإسلام ابن تيمية رحمه الله | 21 ޖުލައި 2017

 އިޚްވާނުލް މުސްލިމީންނަށް ދަޢުވަތު ދޭ މީހުންނާއި، ޚަވާރިޖު ފިކުރަށް ދަޢުވަތުދޭ މީހުން ޙަޖަރު ކުރުން - الإِمَامُ العَلَّامَة رَبِيع بن هَادي المَدخَلِي حفظه الله | 21 ޖުލައި 2017

 هجر ކުރުން - ގުޅުން ކެނޑުން ދީނުގެ އަސާސެއް (އުޞޫލެއް) ގޮތުގައި އިސްލާމީ ތާރީޚު ފެށުނީއްސުރެ ފެންނަން އެބައޮތް (އުންމަތުގެ ސަލަފުންގެ އިޖްމާޢު) - أُسْتَاذ أبو أنس محمد حسن حفظه الله | 16 ޖުލައި 2017

ބިދުޢައިގެ އަހުލުވެރިން ހަޖުރުކުރުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله | 28 އޮކްޓޯބަރ 2016

ބިދުޢައިގެ އަހުލުވެރިއަކަށް ހެޔޮކޮށް ހިތުމުގެ ގޮތުން ނުވަތަ ލޯބިވާތީވެ ޒިޔާރަތްކުރުމުގެ ޙުކުމް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 29 މާރޗް 2016

ފިރިމީހާ އޭނާގެ އަނބިމީހާއަށް ފިކުރީ ފޮތްތައް، ޙިޒްބީންގެ ފޮތްތައް ކިޔުން މަނާ ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 04 ފެބުރުއަރީ 2016

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...