ވެރިންނާ ދެކޮޅަށް ނުކުތުން ޙަރާމްވެގެންވޭ ބުނުމަކީ ވެރިންނަށް ވިކިފައިވުމެއް ނޫނެވެ. އެޖެންޓުންނަށް ވުމެއް ނޫނެވެ - الشَّيْخ د. العَلاَّمَة رَبِيع بن هَادي المَدخَلِي حفظه الله

ޝެއިޚް ވިދާޅުވި އެވެ. : "ވެރިންނާ ދެކޮޅަށް ނުކުތުން ޙަރާމްއޭ ބުނުމަކީ މިއަދު ޚަވާރިޖުން ބުނާފަދައިން "ވެރިންގެ އެޖެންޓުންގެ" ގޮތުގައިވުމެއް ނޫނެވެ. އަދި "ވެރިންނަށް ޖާސޫސް ކޮށްދިނުން" ވެސް ނޫނެވެ. ހަމަކަށަވަރުން އެއީ ﷲ ގެ އަމުރުފުޅުގައި ޤާއިމްވެ އެގޮތް ތަންފީޛު ކުރުމެވެ. އަދި އެއީ ﷲ ގެ މަންހަޖުގައި ދެމިތިބުމެވެ. އަދި އެއީ މާތް މަތިވެރި ރަސޫލާގެ މަންހަޖުގައި ދެމިތިބުމެވެ. އަދި މިފަދައިން އެންމެހައި ބިންތަކުގައި އަދި ޒަމާންތަކުގައި ފާޅުވި ހިދާޔަތުގެ އިމާމުންތައް ޤާއިމްވެ ދެމިތިއްބެވި އެވެ.
ފަހެ، الإِمَام أحمد بن حنبل ގެ ޒަމާނުގައި، އެޒަމާނުގެ ޚަލީފާ އަދި ޙާކިމް ޤުރުއާނަކީ މަޚްލޫޤެއް ކަމުގައި އިޢުލާނުކޮށް އެދަޢުވަތް ފާޅުކުރި އެވެ. މިއީ ކުފުރެކެވެ. ފަހެ، އެހިނދު أحمد بن حنبل ގެ އަރިއަހަށް އެޒަމާނުގެ ޢިލްމުުވެރިން ވަޑައިގަންނަވައި ޚަލީފާއާ ދެކޮޅަށް ނުކުތުމަށް މަޝްވަރާ ކުރެއްވި އެވެ.
އެހިނދު އެކަމަށް ދެކޮޅުހެއްދެވި އެވެ. އަދި ވިދާޅުވި އެވެ. "ތިޔައީ މުސްލިމުންގެ ލޭ އޮހޮރުވިގެންދާނެ ކަމެކެވެ. އަދި އެބައިމީހުންގެ ލޭ އޮހޮރުވިގެންދާނެ އެވެ. ނުވަތަ މީސްތަކުންގެ އަބުރު ގެއްލިގެންދާނެ އެވެ. އަދި އެވެނި އެވެނި ކަންތައްތަކެއް ހިނގައިދާނެ އެވެ... މިފަދައިން ވިދާޅުވެ، ވެރިޔާއާ ދެކޮޅަށް ނުކުތުން އިންކާރު ކުރައްވާ ދެކޮޅު ހެއްދެވި އެވެ.
ފަހެ، أحمد بن حنبل އަކީ ވެރިޔާއަށް ވިކިފައިވާ އެޖެންޓެއްތޯ އެވެ؟ މިއީ ޖާސޫސެއް ހެއްޔެވެ؟ ހަމަކަށަވަރުން މި އިމާމް ޖަލަށް ލެވުނެވެ. ހަށިކޮޅުގައި ތެޅިއެވެ. އިމާމް އަދި އިމާމްގެ އަޚުންނަށް މި އަނިޔާތައް ލިބިވަޑައިގެންނެވި އެވެ. އިންތިހާ ދަރަޖައަށް ގަދަފަދަ އިމްތިޙާނު (އަނިޔާތައް) ކުރިމަތިވަޑައިގެންނެވި އެވެ. އަދި އެ ޢިލްމުވެރިންގެ ތެރެއިން އެއްބަޔަކު އެ އަނިޔާގައި ދުނިޔެ ދޫކުރަން ޖެހުނެވެ. މި އެންމެހައި ކަންތައްތަކާއެކުގައި، الإِمَام أحمد بن حنبل އަމުރުފުޅު ކުރައްވަމުންގެންދެވީ ކެތްތެރިވުމަށެވެ.
ޞައްޙަ މަންހަޖަކީ މިއެވެ. ފާޅުވެގެންވާ ސާފު ކުފުރު ފެނުނު ކަމުގައިވީނަމަވެސް އެވެ. އެޙާލަތުގައި ވެރިޔާއާއި ދެކޮޅަށް ނުކުމެ މުސްލިމުންނަށް ގެއްލުން ލިބޭނެ ކަމުގައިވެއްޖެ ހިނދުގައި ވެރިޔާއާ ދެކޮޅަށް ނުކުމެގެން ނުވާނެ އެވެ. ސަބަބަކީ އެހިނދު ނުކުންނަ ފަސާދަ އެއިން ނުކުންނަ މަޞްލަޙަތަށްވުރެ ބޮޑުވެގެން ވުމެވެ. ބޮޑުކުފުރަކުން ކުފުރުވެ، އެ ކުފުރަކީ ސާފު ފާޅުވެގެންވާ ކުފުރެއް ކަމުގައި ވީނަމަވެސް، މުސްލިމުންނަށް ވެރިޔާއާ ދެކޮޅަށް ނުކުމެގެން ގެއްލުން ލިބޭ ހިނދެއްގައި ނިކުމެގެން ނުވާނެ އެވެ. ސަބަބަކީ، މީސްތަކުންގެ ލޭ އޮހޮރި، މުސްލިމުންގެ އަބުރު ގެއްލި، މި ފަސާދުތައް ނުކުންނަ ކަމުގައިވެއްޖެ ހިނދު، ނިކުމެގެން ނުވާނެ އެވެ.
ފަހެ، (ސުންނަތުގެ އަހުލުވެރިން) أهل السنة و الجماعة މި މަންހަޖުގައި ފުރިހަމައަށް ލާޒިމްވެ، ޤާއިމްވެ ދެމިތިބެ އެވެ. މިއީ އެއްވެސް ޙާލެއްގައި ސުންނަތުގެ ޢަދުއްްވުން ސިފަކުރާގޮތް ކަމުގައިވާ "ވެރިޔާއަށް ވިކިފައިވާ އެޖެންޓުންނަށް ވެގެންް" ނޫނެވެ. އަދި "ޖާސޫސް ކުރުމެއްވެސް" ނޫނެވެ. މިއީ މިމަންހަޖުގެ ޢަދުއްވުން ސިފަކޮށްފައިވާ ގޮތްތަކެވެ."
***
ފަތުވާ ނަގާފައިވަނީ : الذريعة إلى بيان مقاصد الشريعة ج 1 ص 92
އެންމެހައި ލޯބިވާ އަޚުންނޭވެ! މިއީ ﷲ ގެ ދީނާއި ޝަރީޢަތް އަދި ސުންނީ މަންހަޖުގައި ޢަޤީދާގައި ބަޔާންވެގެންވާ ގޮތެވެ. މިއަދު "އިދިކޮޅު" ގެ ޙަޤީޤަތް މިބަސްތަކުން ބަޔާންވެގެން ދެ އެވެ. މި ޒަމާނުގައި ޙައްޤު މީސްތަކުންނަށް ބީރައްޓެހިވެފައިވާ މިންވަރާއި، ޙައްޤަށް ދަޢުވަތުދީ އެއަށް ގޮވާލާ މީހުންގެ ބީރައްޓެހިކަން ބަޔާންވެގެން ނުދޭ ހެއްޔެވެ.
މުސްލިމްވެރިއެއް ޤާއިމްވެފައިވާ ދަޥްލަތެއްގައި "އިދުކޮޅު" އަކީ އޮންނާނެ އެއްޗެއް ހެއްޔެވެ. ވެރިޔާއަށް ނަޞޭޙަތްތެރި ވުމަކީ ނުވަތަ ވެރިޔާ ޒިންމާދާރު ކުރުވުމަކީ ﷲ ގެ ޝަރީޢަތްދޫކޮށް ޙަރާމް މުޢާމަލާތްތަކާއި ކާފަރުންގެ ފިލޯސަފީތަކާއި މަންހަޖުތައް ހޯދައިގަތުން ހެއްޔެވެ.
أهل السنة و الجماعة ގެ ލަޤަބު ލިބިވަޑައިގެންނެވި އިމާމް الإِمَام أحمد بن حنبل "އިދުކޮޅު" ފަރާތެއްގެ ގޮތުގައި މުޢާމަލާތް ކުރެއްވީ ކިހިނަކުން ހެއްޔެވެ؟ މިއަދު މި ފެންނަ މަންޒަރާއި، އިސްލާމް ދީނުގެ ޞައްޙަ، ޢަދުލުވެރި ޝަރީޢަތުގެ މަޤްޞަދާއި ގުޅުންއޮތް މިންވަރު ދޭހަވެ އެވެ.
މިއަދު ޖަލްސާތަކުގައި އަދި ޕޯޑިއަމްތަކުގައި ޙައްޤު ދީނާއި ދަޢުވަތު ދޫކޮށްފައިވާ ފަރާތްތަކުން "އިސްލާމީ ޝަރީޢަތް" "ޢަދުލު އިންސާފު" ނަމުގައި ދެކެވޭ ވާހަތަކުގެ ކެހިވެރިކަމަށް ހެއްލިގެން ނުވާނެ އެވެ. އޭގެ އަވައިގައި ޖެހިގެން ނުވާނެ އެވެ. ޙާޞިލް ކުރަންވީ ފިލާވަޅަކީ އެފަދަ އެއްވެސް ވާހަކައެއް ދީނުގެ ޞައްޙަ ޢަޤީދާ އަދި ސުންނަތުގެ އަހުލުވެރިން މި ބާބުގައި ވިދާޅުވެފައިވާ ބަސްފުޅުތައް ދަންނަ އެކަކުވެސް ނުދައްކާނެ ކަމެވެ.