ތަނަވަސް ކަމުގައި ހުރެ، ދަރަނި އަދާ ނުކުރުމަކީ އަނިޔާވެރި ވުމެކެވެ. - العَلاَّمَة الشَّيْخ مُحمَّد بن صَالح العُثَيمِين رحمه الله

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
"އޭނާގެ އަތުގައި ދަރަނި ދެއްކުމުގެ ކުޅަދާނަކަން ހުރެ، ދަރަނި ދެއްކުން ލަސްކުރުމަކީ އަނިޔާވެރިވުމެވެ."
العلاَّمَة الشَّيْخ العُثَيْمِين رحمه الله މި ޙަދީޘްގެ ޝަރަޙައިގައި ވިދާޅުވެފައިވެ އެވެ. "مَطْلُ އެއީ ލަސްކުރުމެވެ. އަދި އެއީ އަނިޔާވެރި ވުމެކެވެ. ފަހެ، ތިބާއަށް އެހެން އިންސާނެއްގެ ފަރާތުން ލިބެންޖެހޭ ޙައްޤެއް އޮވެ އޭނާގެ ކައިރީގައި އެ އަދާކުރުމަށް ބުނުމުން، އޭނާ ތިބާގެ ގާތުގައި މުއްދަތު ދިގުކުރުމަށް ބުނެ އެވެ. ފަހެ، ހަމަކަށަވަރުން އެއީ އަނިޔާވެރި ވުމެވެ. އަދި އެއީ ޙަރާމްވެގެންވާ ކަމެކެވެ. ޢުދުވާނެކެވެ. މިކަމުގެ މިޘާލަކީ، މަސައްކަތު މީހުން ގެނެސްގެން އުޅޭ ފާރާތްތައް އެބައިމީހުން ގެންގުޅޭ މަސައްކަތު މީހުންނަށް އުޖޫރަނުދީ والعياذ بالله، މުއްދަތު ދިގުކޮށް ދަންމާލަ އެވެ. މިއީ އެ މަސައްކަތުމީހުންނަށް ގޯނާކޮށް އަނިޔާވެރި ވުމެވެ. އަނބިދަރިން ދޫކޮށް އޭނާގެ ވަޠަން ދޫކޮށް، އޭނާ ދުނިޔޭގައި ދިރިހުރުމަށްޓަކައި ބަނޑުފުރާމުއްތިކުރާނެ އެއްޗެއް ހޯދުމަށްޓަކައި ހުންނަ މި ފަޤީރު މިސްކީނު މީހާއަށް ޙައްޤު ނުދީ އެގޮތުގައި 4 މަސްދުވަސް ހޭދަކޮށްލަ އެވެ. 5 މަސްވެސް ހޭދަކުރެ އެވެ. ގެނެސްގެން އުޅޭ ފަރާތް އޭނާއަށް އުޖޫރަ ދިނުން ދިގުދަންމާލަ އެވެ. އަދި އޭނާއަށް އިންޒާރުދީ والعياذ بالله، ބުނެލަ އެވެ. ތިބާ ވާހަކަ ދައްކައިފިނަމަ ޑިޕޯޓް ކޮށްލާނަމެވެ. ފަހެ، ﷲ މަތީގައި ވޮޑިގެންވާކަމެއް މި މީސްތަކުން ނުދަންނަ ހެއްޔެވެ؟ މި ބައިމީހުންނަށްވުރެ މަތިވެރިވަންތަ ފަރާތެއްގެ ގޮތުގައި ﷲ ވޮޑިގެންވާކަން މިބައިމީހުން ނުދަނޭ ހެއްޔެވެ؟ މިބައިމީހުން މަރުވުމުގެ ކުރިން ﷲ މިބައިމީހުންގެ މައްޗަށް ނުބައިވެގެންވާ ޢަޛާބުގެ ރަހަ ދައްކާނެ ބަޔަކު ފޮނުއްވާފާނެ އެވެ. ﷲ ގެ ޙަޟުރަތުން ރައްކައުތެރިކަމާއި ޢާފިޔަތަށް އެދެމެވެ.
*****
ފަތުވާ ނަގާފައިވަނީ : شرح رياض الصالحين 1611