ކުޑަކުދިން ކުޅުމަށްޓަކައި ދިރޭތަކެތި ޞޫރައިގައި ހުންނަ ބުދު ފަދަ ތަކެތި ދިނުން - العَلَّامَة عَبْدُ العَزِيز بِنْ عَبْدُ الله بِنْ بَاز رحمه الله

بسم الله، الحمد لله، والصلاة والسلام، على رسول الله وعلى آله وأصحابه ومن اهتدى بهداه، أما بعد:
އަންހެންކުދިން ކުޅެހެދުމަށްޓަކައި، ޞޫރަ ކުރެވިފައިހުންނަ ތަކެތި ގެންގުޅުމާއި މެދުގައި ޢިލްމުވެރިން ދެބަސްވެފައިވެ އެވެ. ޢިލްމުގެ އަހުލުވެރިންގެ ތެރެއިން އެއްބަޔަކު އެ ހުއްދަ ކުރި އެވެ. ސަބަބަކީ އެއީ، އަންހެންކުދިން، ކުޑަކުދިން ގެންގުޅުމާއި އަދި ކުޑަކުދިން ޅަފަތުގައި ގެންގުޅުން ތަރުބިއްޔަތު ކޮށްދޭ ކަމަށްވާތީ އެވެ. އަދި އެބައިމީހުން މިކަމުގެ ޙުއްޖަތެއްގެ ގޮތުން ގެންސްފައިވަނީ عائشة رضي الله عنها އަރިހުގައި ކުޅުމަށްޓަކައި އެފަދަ ތަކެއްޗެއް ހުރުމެވެ. އަދި ނަބިއްޔާ صلى الله عليه وسلم އެކަމަށް އިޤްރާރުވަޑައިގެންފައި ވުމެވެ.
އެހެނިހެން ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ ޙަރާމް ވެގެންވާ ކަމެއްގެ ގޮތުގަ އެވެ. އަދި އެއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم އަރިހުން ޞޫރަކުރުން ނަހީކުރައްވާފައިވާކަން ޘާބިތުވެފައިވުމެވެ. އަދި ޞޫރަކުރެވިފައިވާ ތަކެތި ގެންގުޅުން ނަހީ ކުރައްވާފައިވުމެވެ. އަދި (އެކަން ޙަރާމް ކުރެވިގެންވާ ސަބަބުތަކުގެ ތެރޭގައި) ޞޫރަ ނައްތާލެއްވުމަށް ރަސޫލާ صلى الله عليه وسلم އަމުރުފުޅު ކުރައްވާފައި ވުމެވެ. علي رضي الله عنه އަށް ޙަދީޘް ކުރެއްވި އެވެ. (لا تدع صورة إلا طمستها ولا قبراً مشرفاً إلا سويته) "އެއްވެސް ޞޫރައެއް، އޭގެ ސިފަ ގެއްލުވާފައިމެނުވީ ދޫނުކުރައްވާށެވެ. އަދި ބިންމަތިން އުފުލިފައިވާ އެއްވެސް ޤަބުރެއް ބިމާ ހަމަކުރުމަށްފަހުގައި މެނުވީ ދޫނުކުރައްވާށެވެ." އަދިވެސް ނަބިއްޔާ صلى الله عليه وسلم އަރިހުން ޘާބިތުވެފައިވަނީ، ގޭތެރޭގައި ޞޫރަބެހެއްޓުން ނަހީކުރެވިފައިވުމާއި އަދި އެތަކެތި ގެންގުޅުން ނަހީކުރެވިފައިވުމެވެ. މިއީ ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިންގެ ބަސްފުޅުކަމުގައި ބަޔާންކޮށްފައިވެ އެވެ.
(ޢިލްމުގެ ގިނަ އަހުލުވެރިން) ވިދާޅުވެފައިވެ އެވެ. عائشة رضي الله عنها އަރިހުގައިވި މި ތަކެއްޗަކީ ދީނުގައި މި ޙުކުމް މަންސޫޚު ވުމުގެ ކުރީގައި އަދި ނަހީ ކުރެއްވުމުގެ ކުރީގައި ގެންގުޅުއްވި ތަކެއްޗެވެ. އެހެނަސް މަންސޫޚު ކުރެވުނު ފަހުގައި، އަދި ނަހީ ކުރެއްވުމުގެ ފަހުގައި، އެކަމަށް ނަބިއްޔާ صلى الله عليه وسلم އިޤްރާރުވެ ވަޑައިއެއްނުގަންނަވަ އެވެ.
ފަހެ، އެހެންވުމުން މިކަންތަކުން އެނގި ބަޔާންވެގެންދަނީ، މިތަކެތި ބެހެއްޓުމުން ދުރުވުމެވެ. އަދި މި ނޫންތަކެތި ބޭނުން ކުރުމެވެ. ފަހެ، ކުޅެހެދުމަށް ބޭނުންކުރާ ތަކެތި ކަމުގައިވާ ކުރީޒަމާނުގައި ފޮތިން ނުވަތަ ކަފައިން ހަދާފައިހުންނަ ޞޫރަކުރެވިފައި ނުހުންނަ، ތަކެތިފަދަ އެއްޗެހި ބޭނުން ކުރުމެވެ. އަދި ﷲ ޚަލްޤުކުރައްވާފައިވާ ތަކެއްޗާއި އެއްގޮތަށް ހުންނަ ތަކެތި ބޭނުން ނުކުރުމެވެ. މިއީ އެންމެ ރައްކާތެރި އަދި ސަލާމަތްކަމުގައިވާ ގޮތެވެ.
އެހެނަސް ކުޅުމަށްޓަކައި ހަދާފައިހުންނަ މިފަދަ ތަކެތި ޙަރާމްއޭ ބުނުމަކީ އެއާއި މެދު ވިސްނާލަން ޖެހޭނެ ކަމެކެވެ. އަދި ސުވާލު ކުރި ފަރާތަށް އަޑުއިވިގެންދިޔަ ފަދައިންނެވެ. އެގޮތުން އެންމެ ރައްކާތެރިކަން ބޮޑުވެގެންވާ އަދި ސަލާމަތްތެރިކަން ބޮޑުވެގެންވާ ގޮތަކީ މި އެވެ. އަދި ޝައްކު ކުރެވޭ ކަންތައްތައް ޝައްކު ނުކުރެވޭ ކަންތައްތަކުގެ މައްޗަށް ގެންދިއުމަށްޓަކަ އެވެ. ފަހެ، މިފަދަ ތަކެތި ދޫކޮށްލުން އައުލާވެގެންވެ އެވެ. އަދި އަންހެން ކުދިން ކުޅުމަށްޓަކައި ހަދާފައިހުންނަ މިނޫންތަކެތި ބޭނުން ކުރުމެވެ. ލަކުޑިން ނުވަތަ ކަފައިން ތައްޔާރުކޮށްފައިހުންނަ ތަކެތި ބޭނުން ކުރުމެވެ. والله أعلم
ފަހެ، އަހަރެން ދެކޭ ގޮތަކީ، ޕްލާސްޓިކުން ތައްޔާރު ކުރެވިފައިވާ މިފަދައިން ސޫރަކުރެވިފައި ހުންނަ ބުދުތަކަކީ ނަހީކުރެވިގެން ތަކެއްޗެކެވެ. އެތަކެތީގެ ބޮލާއި އަތްފައި އަދި އެހެނިހެން ތަންތަންވެސް ސޫރަ ކުރެވިފައި ވުމުންނެވެ. އަދި މިތަކެއްޗަކީ ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ނަހީ ކުރެވިގެންވާ ޙުކުމްގެ ތެރެއަށް ވަންނަ ތަކެއްޗެކެވެ. ފަހެ، މިކަންތައްތަކުން ދުރުވެ ވަކިވެ ހުރުމަކީ އެންމެ ރައްކާތެރިވެގެންވާ ގޮތެވެ.
****
ފަތުވާ ނަގާފައިވަނީ : http://goo.gl/8WrLwD
العَلَّامَة صَالِح الفَوْزان حفظه الله
ސުވާލު : ކުޑަކުދިން ގޭތެރޭގައި ކުޅެން ގެންގުޅޭ ހަށިގަނޑު ލާފައި ހުންނަ ތަކެއްޗާއި މެދުގައި އަހަރެން ސުވާލު ކުރުމަށް ބޭނުންވެ އެވެ. މި ތަކެތި އަހެއް ނުވަތަ ޖަމަލެއްގެ ސިފަ އެއްގަވެ އެވެ. އަދި ބައެއް އެއްޗެހި ހުންނަނީ ހަށިގަނޑު ހުންނަ (އިންސާނުންގެ ސިފައިގައި) ފަދަ ބުދުތަކެއްގެ ގޮތުގަ އެވެ. އެއްގޮތަކީ ޖަނަވާރު ތަކެއްގެ ސޫރައިގައި ވުމެވެ. ނުވަތަ އިންސާނުންގެ ސޫރައިގައި ވުމެވެ.
މިފަދަ ތަކެތި ގޭތެރޭގައި ބޭނުން ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: ތިޔަ ތަކެތި ހުއްދައެއް ނުވާނެ އެވެ. ތިޔައީ ބުދުތަކެވެ. ތިޔަބައިމީހުންގެ ދަރިން ބުދުތަކާއި ޞޫރަތަކުގެ މައްޗަށް ތަރުބިއްޔަތު ކުރުން ތިޔަބައިމީހުންނަށް ހުއްދައެއް ނުވާނެ އެވެ. ޞޫރަ ނުހުންނަ ކުޅެން ބޭނުންކުރާ އެހެނިހެން ތަކެތި ވެ އެވެ. ޞޫރަ ނުހުންނަ ވަރަށްވެސް ގިނަ އެހެނިހެން ތަކެކި ވެ އެވެ. މިޘާލަކަށް ކާރުތަކާއި، އެކިއެކި ކުޅެން ބޭނުންކުރާ ހަތިޔާރު ތަކާއި، އަދި ފުރާނަ ލެވިގެންވާ ތަކެތީގައި ސިފައިގައި ނުހުންނަ، ޖަނަވާރުތަކުގެ ސިފައިގައި ނުހުންނަ ކުޅެން ބޭނުންކުރާ ތަކެތި ހުރެ އެވެ. އާއެކެވެ.
****
ފަތުވާ ނަގާފައިވަނީ : https://goo.gl/WeofuV