އަޅާއަށް ކުރެވިފައިވާ ފާފައަށް ޢުޤޫބާތް ނުލިބި، ފާފަ ފުހެވި ދިއުމަށް މެދުވެރިވާ ސަބަބުތައް - الإمام شيخ الإسلام ابن تيمية رحمه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
الإمام شيخ الإسلام ابن تيمية رحمه الله
އަޅާއަށް ކުރެވިފައިވާ ފާފައަށް ޢުޤޫބާތް ނުލިބި، ފާފަ ފުހެވި ދިއުމަށް މެދުވެރިވާ ސަބަބުތައް
الإمام شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "ފާފަތަކަށް އާޚިރަތް ދުވަހުގައި ޢުޤޫބާތް ނުލިބި، ފުއްސެވިގެން ދިއުމަށް 10 ސަބަބެއްވެ އެވެ."
ފުރަތަމައީ: ތަޥްބާވުމެވެ. ފަހެ، ހަމަކަށަވަރުން ތަޥްބާވެއްޖެ މީހަކީ ފާފައެއް ނުވާ މީހަކާ އެއްފަދަ މީހެކެވެ. އަދި ތަޥްބާއަކީ އެންމެހައި ފާފަތަކުގެ މައްޗަށް ޤަބޫލު ކުރެވިގެންވާ އެއްޗެކެވެ. ކުފުރާއި، ފިސްޤު އަދި ﷲ އަށް އުރެދުމުގެ އެންމެހައި ފާފަތކުގެ މައްޗަށް ތަޥްބާވެ އެވެ....
ދެވަނަ ސަބަބު: އިސްތިޣްފާރު ކުރުމެވެ. ފަހެ އިސްތިޣްފާރު ކުރުމަކީ، ފުއްސެވުމަށް އެދި ދެންނެވުމެވެ. އަދި އެއީ ﷲ އަށް ސުވާލު ދެންނެވުމާއި ދުޢާ ކުރުމުގެ ޖިންސު ތެރޭގައި ހިމެނިގެންވާ ބައެކެވެ. އަދި ޢާންމުކޮށް ގިނަ ފަހަރުތަކުގައި، އިސްތިޣްފާރުވަނީ ތަޥްބާ އެކުގަ އެވެ. އެހެނަސް އިންސާނަކު ﷲ އަށް ތަޥްބާވެ އެގޮތުގައި ދުޢާ ނުކޮށްފާނެ އެވެ. އަދި ބައެއްފަހަރު ދުޢާކޮށް އެހެނަސް ތަޥްބާނުވެ ދާނެ އެވެ. الصَّحِيحَيْنِ ގައި أبوهريرة އަރިހުން ވާރިދުވެގެންވާ ފަދައިންނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (إذَا أَذْنَبَ عَبْدٌ ذَنْبًا فَقَالَ : أَيْ رَبِّ أَذْنَبْت ذَنْبًا فَاغْفِرْ لِي فَقَالَ : عَلِمَ عَبْدِي أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِهِ قَدْ غَفَرْت لِعَبْدِي ثُمَّ أَذْنَبَ ذَنْبًا آخَرَ فَقَالَ أَيْ رَبِّ أَذْنَبْت ذَنْبًا آخَرَ. فَاغْفِرْهُ لِي فَقَالَ رَبُّهُ : عَلِمَ عَبْدِي أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِهِ قَدْ غَفَرْت لِعَبْدِي فَلْيَفْعَلْ مَا شَاءَ قَالَ ذَلِكَ : فِي الثَّالِثَةِ أَوْ الرَّابِعَةِ) "އަޅާއަށް ފާފައެއް ކުރެވުމަށްފަހުގައި ބުނެ އެވެ. މިއަޅާގެ ރައްބު އެވެ. އަޅާއަށް ފާފައެއް ކުރެއްވިއްޖެ އެވެ. ފަހެ މިއަޅާއަށް ފާފަ ފުއްސަވައިދެއްވާނދޭވެ. ފަހެ، ﷲ ވަޙީކުރައްވާނެ އެވެ. ތިމަންއިލާހުގެ އަޅާއަށް ފާފަފުއްސަވާދެއްވާ ރައްބެއް ވާކަން ދަނެއެވެ. އަދި އެފާފާ ތިމަން އިލާހުގެ އަޅާއަށް ފުއްސަވާ ދެއްވައިފީމެވެ. އެއަށްފަހު އެހެން ފާފައަކަށް އަރައިގަނެ އެވެ. އަދި ބުނެ އެވެ. އަޅާގެ ރައްބު އެވެ. އެހެން ފާފައަކަށް އަރައިގެންފީމެވެ. މިއަޅާއަށް ފާފަ ފުއްސަވައިދެއްވާނދޭވެ. ފަހެ ﷲ ވަޙީކުރައްވާނެ އެވެ. ތިމަންއިލާހުގެ އަޅާއަށް، ފާފަ ފުއްސަވައިދެއްވާ ރައްބުއެއް ވާކަން ދަނެ އެވެ. ތިމަންއިލާހުގެ އަޅާއަށް ފާފަ ފުއްސަވައި ދެއްވައިފީމެވެ. ފަހެ، އެގޮތުގައި އަޅާ ފާފަ ކުރުމުން، ތިންވަނަ ފަހަރު ނުވަތަ ހަތަރުވަނަ ފަހަރުވެސް އެފަދައިން ވެ އެވެ.
ތިންވަނަ ސަބަބު: ޞާލިޙް އަމަލެވެ. ހަމަކަށަވަރުން ﷲ މިފަދައިން ވަޙީކުރައްވާފައިވެ އެވެ. ﴿إِنَّ الحَسَنَات يُذْهِبن السَّيِّئَات﴾ "ހަމަކަށަވަރުން ހެޔޮކަންތައް ނުބައިކަންތައް ނެތިކޮށްލަ އެވެ." އަދި ނަބިއްޔާ صلى الله عليه وسلم معاذ بن جبل އަށް ވަޞިއްޔަތް ކުރައްވާ ޙަދީޘް ކުރެއްވި އެވެ. (يا معاذ اتق الله حيثما كنت وأتبع السيئة الحسنة تمحها وخالق الناس بخلق حسن) "އޭ معاذ بن جبل އެވެ. ތިބާވީ ކޮންމެ ތަނެއްގައި ﷲ އަށް ތަޤްވާވެރިވާށެވެ. ނުބައި ޢަމަލެއްގެ މައްޗަށް ޞާލިޙް ޢަމަލެއްކުރާށެވެ. އެ ހިނދުގައި ނުބައި ޢަމަލު ނެތިކޮށްލާނެ އެވެ. އަދި މީސްތަކުންނާއި ރިވެތި އަޚްލާޤެއްގައި ހުރެ އުޅޭށެވެ."
ހަތަރުވަނަ ސަބަބު: މުއުމިނު އަޅުތަކުންގެ ދުޢާ އެވެ. ފަހެ، މައްޔިތާގެ މައްޗަށް މުއުމިނު އަޅުތަކުން ކަށުނަމާދު ކުރުމާއި އަދި ދުޢާ ކުރުމަކީ، ފާފަ ފުއްސެވިގެން ދިއުމުގެ ސަބަބެކެވެ. އަދި ކަށުނަމާދުގައި ނޫން ގޮތުގައިވެސް، މުއުމިނު އަޅުތަކުންގެ ދުޢާ އަދި އިސްތިޣްފާރް އަކީ ފާފަ ފުއްސެވުމަށް އޮތް ސަބަބެއްކަމުގައިވެ އެވެ. ޞަޙާބީންނަށްޓަކައި މެދުކެނޑުމެއް ނުވާގޮތުގައި މުސްލިމުން ދުޢާކުރެ އެވެ.
ފަސްވަނަ ސަބަބު: ނަބިއްޔާ صلى الله عليه وسلم ދިރިހުންނެވި ހިނދުގައި އަދި އަވަހާރަވުމަށްފަހުގައިވެސް، ދުޢާ ކުރެއްވުމާއި އިސްތިޣްފާރު ކޮށްދެއްވުމެވެ. މިޘާލަކަށް މީސްތަކުންނަށްޓަކައި ޝަފާޢަތްތެރި ވުމެވެ. ފަހެ، ހަމަކަށަވަރުން އެބައިމީހުންނަކީ (ޞަޙާބީން) އަކީ ނަބިއްޔާ صلى الله عليه وسلم ގެ ދުޢާ އާއި ޝަފާޢަތް ދިރިހުންނެވި ޙަޔާތްޕުޅުގައި އަދި އަވަހާރަވުމަށް ފަހުގައިވެސް ލިބުން ޙައްޤުކަން ބޮޑުވެގެންވާ ފާރަތްތަކެވެ.
ހަވަނަ ސަބަބު: މުއުމިނު އަޅުތަކުން މަރުވެދިއުމަށްފަހުގައި، އޭނާއަށްޓަކައި ހަދިޔާ ކުރެވޭ ޞާލިޙް ޢަމަލުތަކެވެ. މިޘާލަކަށް އޭނާއަށްޓަކައި ޞަދަޤާތް ދިނުމެވެ. އަދި އޭނާއަށްޓަކައި ޙައްޖު ކުރުމާއި ރޯދަ ހިފުމެވެ. ހަމަކަށަވަރުން ޞައްޙަ ޙަދީޘްތަކުގައި ޘާބިތުވެގެންވަނީ، މި ޢަމަލުތަކަކީ މައްޔިތާއަށް އޭގެ ޘަވާބު ލިބޭނެ ކަންތައްތަކެއް ކަމާއި އަދި މައްޔިތާއަށް މަންފާކުރާނެ ކަމެވެ....
ހަތްވަނަ ސަބަބު: ކުރެވިފައިވާ ފާފަތައް ފުއްސެވިގެން ދިއުމަށް ﷲ ކައްފާރެއްގެ ގޮތުގައި ލައްވާފާއިވާ ދުނިޔެވީ މުޞީބާތްތަކެވެ. ޞަޙީޙުގައި ނަބިއްޔާ صلى الله عليه وسلم އަރިހުން ވާރިދުވެގެންވެ އެވެ. (ما يصيب المؤمن من وصب ولا نصب ولا غم ولا هم ولا حزن ولا أذى حتى الشوكة يشاكها إلا كفر الله بها من خطاياه) "މުއުމިނު އަޅާއަށް މުޞީބާތް ކުރުވާ އެއްވެސް ބައްޔެއް، ވަރުބަލިކަމެއް، ހިތާމަ، މާޔޫސްކަމެއް، ހިތްދަތިކަމާއި އަދި ދަތި އުނދަގޫކަންތައްތައް އެގޮތުން އޭނާގެ ހަށިގަނޑަށް ހެރޭ ކައްޓަށް ދާންދެން އަކީ އޭނާއަށް ކުރެވިފައިވާ ފާފަތަކަށް ކަައްފާރާއެއްގެ ގޮތުގައި މެނުވީ ﷲ ނުލައްވަ އެވެ." ... މި މާނައިގައި ނަބިއްޔާ صلى الله عليه وسلم އަރިހުން މުތަވާތިރުކޮަށް ވާރިދުވެގެންވެ އެވެ.
އަށްވަނަ ސަބަބު: މުއުމިނު އަޅާ ޤަބުރުގައި ފިތުނަކުރެވި، މަލާއިކަތުންގެ ސުވާލު ސުވާލު ކުރެވުމާއި އަދި ޤަބުރު ފިއްތާލެވި ކުރެވޭ އިމްތިހާނެވެ.
ނުވަވަނަ ސަބަބު: އާޚިރަތް ދުވަހުގައި އޭނާއާ ދިމަވާ، ޤިޔާމަތް ދުހަވުގެ އެކިއެކި މުޞީބާތްތަކެވެ.
ދިހަަވަނަ ސަބަބު: الصَّحِيحَيْنِ ގައި ޘާބިތުވެގެންވާ ފަދައިންނެވެ. އެއީ މުއުމިނު އަޅުތަކުން ސިރާޠްމަގު ކަނޑައްތުކޮށް ހުރަސްކުރުމަށްފަހުގައި، ސުވަރުގެ އާއި ނަރަކަ އާއި ދެމެދުގައިވާ ޤަންޠަރާއޭ ކިޔުނު ހިސާބުގައި އެބައިމީހުން ހުއްޓުވޭނެ އެވެ. އަދި އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ޤިޞާޞް ހިއްޕެވޭނެ އެވެ. އެބައިމީހުން ސާފުކުރެވި، ޠާހިރު ކުރެވުވުމުން، އެބައިމީހުން ސުވަރުގެއަށް ވަނުމަށް ހުއްދަ ދެވޭނެ އެވެ."
މުއުމިން އަޅުތަކުންގެ ތެރެއިން ވަރަށް މަދުބައެއްގެ މެނުވީ އެހެން އެންމެހައި މުއުމިނު އަޅުތަކުންގެ މައްޗަށް މި އެންމެހައި ސަބަބުތަކެއް ފާއިތުވެގެން ނުދާނެ އެވެ. ފަހެ، އެހެން ވުމުން އުއްމަތުގެ އެންމެ ހެޔޮ ޤަރުނުގެ އަހުލުވެރިންގެ ގޮތުގައިވާ ޞަޙާބީންނަށް ފާއިތުވެދާނީ ކިހިނަކުން ތޯ އެވެ؟ އަދި މިއީ ޙައްޤު ފާފަގޮތުގައިވާ ކަންތަކުގެ މައްޗަށް އޮތް ކަންކަމެވެ. އެހިނދު އެބައިމީހުންގެ މައްޗަށް ހަދާފައިވާ ދޮގުތަކުގެ މައްޗަށް އޮންނާނީ ކިހިނަކުންތޯ އެވެ؟ އެއީ އެބައިމީހުން ކޮށްފައިވާ ހެޔޮ ކަންތައްތަކެއް ކަމުގައި ވީހިނދުގައި، އެބައިމީހުންގެ މައްޗަށް ފާފައެއް ކަމުގައި ހެދޭނީ ކިހިނަކުން ހެއްޔެވެ؟
މި ބަސްތައް ނެގިފައިވަނީ شيخ الإسلام ابن تيمية رحمه الله ލިޔުއްވާފައިވާ منهاج السنة النبوية (6-266/238) އިން ޚުލާޞާކޮށެވެ.