ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ޚަވާރިޖު ފިކުރުގެ ފެށުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ޚަވާރިޖު ފިކުރުގެ ފެށުން
ސުވާލު: އަހަރެންގެ ދަރިފުޅު ދީންވެރި ޒުވާން ކުދިންނާ އެކު އުޅޭތަން ފެނެ އެވެ. އަދި އެ ކުދިން ވެރިންނާ ދިމާލަށް އެއްޗެހި ކިޔައެވެ. އަދި ޢިލްމުވެރިންގެ ޤަދަރު ކުޑަ ކުރެއެވެ.
އަހަރެންނަށް އެންމެފުރަތަމަ އޮތީ އެބައިމީހުންނަށް ނަޞޭޙަތްތެރިވުން ތޯ އެވެ؟ ނުވަތަ އެންމެ ފުރަތަމަ އަހަރެންނަށް އޮތީ ދަރިފުޅު އެބައިމީހުންގެ ކިބައިން ދުރުކުރުވުން ހެއްޔެވެ؟
ޖަވާބު: ދަރިފުޅު އެމީހުންގެ ކިބައިން އެންމެ ފުރަތަމަ ދުރުކުރާށެވެ. ނަޞޭޙަތް ދިނުންއޮތީ ދެވަނަ އަށެވެ. އެމީހުންނަށް ނަޞޭޙަތްތެރިވެ އެމީހުންނަށް ބަޔާންކޮށްދީ ބުނާށެވެ. "ތިޔައީ ޚަވާރިޖުންގެ ފެށުމެވެ."
ފަހަރެއްގައި އެމީހުން ވަނީ ޚަވާރިޖުންގެ ބައިގަނޑު ތަކުގެ ތެރެއިން ބައިގަނޑެއްގެ އަވައިގައި ޖެހިފަ އެވެ. އެ މީހުން މި ކުދިންގެ ބޯތަކަށް އެ ފިކުރުތައް ވައްދާފައިވަނީއެވެ. މި ކަންތަކުގެ މައްޗަށް އެބައިމީހުންނަށް ނަޞޭޙަތްތެރިވުން ހުއްޓެވެ.
*****
ފަތުވާ ނަގާފައިވަނީ : http://goo.gl/BILxBh
ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއްގެ ގޮތުގައި ބަޔާންކުރުމުން، ޚަވާރިޖު ފިކުރުތަކުގައި ޖެހިފައިވާ މީހުން ސުންނަތުގެ އަހުލުވެރިންނަށް ކިޔާނެ އެއްޗެއް ކިޔަންވީއެވެ! ސުންނަތުގެ އަހުލުވެރިން، އާދެ، ސަލަފީންނަށް، ތިޔަބައިމީހުން ކިޔާނެ އެއްޗަކުން އެއްވެސް ގެއްލުމެއް އަދި ނުރައްކަލެއް ނެތެވެ. އެހެނަސް ވެރިންނާ ދިމާލަށް އެކިއެކި ވަޞީލަތްތައް ބޭނުން ކޮށްގެން އެއްޗެހި ކިޔައި، ވެރިޔާ ޢައްޔަނު ކޮށްފައިވާ ވަޒީރުންނާއި އެހެނިހެން މީސްތަކުންނަށް އެއްޗެހި ކިޔުމުން، ތިޔަބައިމީހުންނަކީ ޙަޤީޤަތުގައިވެސް ބާޠިލް މަގެއްގައިވާ މަގުފުރެދިފައިވާ ބައެއްކަން ސަލަފީންނަށް ޔަޤީންވެ އެވެ.
ޙަޤީޤަތުގައި ތިޔަ މީސްތަކުންގެ ފަރާތުން މުސްލިމް ޒުވާނުން ދުރުކުމަށް އުއްމަތުގެ ޢިލްމުވެރިން ވަނީ ނަޞޭޙަތް ދެއްވާފަ އެވެ. އާއެކެވެ. ވެރިންނާ ދިމާލަށް އެއްޗެހި ގޮވާމީހުން ސުންނީ ސަލަފީންނާ ދިމާލަށް ބުނާނެ އެވެ. "އެމީހުންނަކީ ވެރިންގެ ބާބުގައި މުރުޖީންނެވެ." ބުނަމެވެ. الحمد لله އެވެ. ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަދި ޞަޙާބީންގެ ބަސްފުޅުތަކުގައި ދެމިހުންނަ މީހާއަށް ތިޔަބައިމީހުން ކިޔާނެ އެއްޗެއް ކިޔާށެވެ. ތިޔަބައިމީހުންގެ ޙަޤީޤަތް ކަޝްފުވުން ނޫންކަމެއް ނެތެވެ.
ވެރިންނަށް އެއްޗެހި ކިޔާ މީހުންގެ ކިބައިން އުއްމަތް ސަލާމަތްކޮށް މުސްލިމް ދަރިން ދުރުކޮށް ވަކިކުރަންޖެހޭކަން ބަޔާންކޮށްފައިވުމުން، މިއަދު ޕޯޑިއަމް ތަކުގައި އަދި އެހެނިހެން ތަންތަނުގައި ވެރިންނަށް ބަދުދުޢާކޮށް ވެރިންގެ ޤަދަރުކުޑަކޮށް ވެރިންގެ ކުށްތައް މީސްތަކުންގެ ތެރެއަށް ފާޅުކުރާ މީހުންގެ ކިބައިން މީސްތަކުން ދުރުކުރުން އައުލާވެގެންވެ އެވެ. އެހެނަސް ޙިޒްބީންތައް އެހިނދުގައި ބުނާނެ އެވެ. "ޢިލްމުވެރިންނަށް އެއްޗެހި ކިޔަނީ އެވެ." "ޢިލްމުވެރިންގެ ކިބައިން މީސްތަކުން ދުރުކުރަނީ އެވެ." އެހެނަސް ޙަޤީޤީ ޢިލްމުވެރިއެއްގެ ގޮތުގައި ހުރި ﷲ އާއި އެ އިލާހުގެ ރަސޫލާގެ އުނގަންނަވައި ދެއްވި ދީން ދަންނަ އެކަކުވެސް ޚަވާރިޖުންގެ މި ޢަމަލު ކަމުގައިވާ ވެރިންނަށް އެއްޗެހި ކިޔުން އެއީ ދީނެއް ކަމުގައި ނަހަދާނެ އެވެ.
الشيخ العلامة بن باز رحمه الله ވިދާޅުވެފައިވެ އެވެ. "މީސްތަކުންގެ ކުރިމަތީގައި ވެރިން ކުރާ ކުށްތަކުގެ ވާހަކަދެއްކުމާއި އެކަންތައްް އިޝްތިހާރުކުރުމަކީ ސަލަފުންގެ މަންހަޖެއްނޫނެވެ. އަދި އެ ވާހަކަތައް މިމްބަރުތަކުގެ މަތީގައި ދެއްކުމަކީ ވެސް ސަލަފުންގެ މަންހަޖެއްނޫނެވެ. މިގޮތަށް ޢަމަލުކުރުމުން، ނިމުންދާނީ އިންޤިލާބުތަކަށެވެ. އަދި ވެރިންއަމުރުކުރާ ހެޔޮކަންތައްތަކުގައި ކިޔަމަންވުމުން އެއްކިބާވެގަތުމަށެވެ. އެއަށްފަހު ވެރިއާ ދެކޮޅަށްނުކުމެ ފާއިދާއެއް ޙާޞިލްނުވެ އެތަކެއް ގެއްލުންްތަކެއް ލިބިގެންދިޔުމަށެވެ." ( المعلوم من واجب العلاقة بين الحاكم و المحكوم ص 22 )
އަޚުންނޭވެ! މިއީ އެންމެ ބޮޑު "ދަންނަބޭކަލުން" ގެ ޙާލަތެވެ. މި ޙާލުގައިވާ ކިތައް ކިތައް ބަޔަކު އުއްމަތުގެ ތެރެއަށް ނުކުމެފައިވޭތޯ އެވެ؟ މި މީސްތަކުން ޙައްޤު މަގު ގެއްލިފައިވާ ފަދައިން މީސްތަކުންނަށް ޢިލްމުވެރިންގެ ނަޞޭޙަތްވެސް ވަނީ އޮޅުވާލާފަ އެވެ.
الشيخ العلامة صالح الفوزان حفظه الله އަރިހުގައި ސުވާލުކުރެވުނު ހިނދުގައި ދެއްވި އިރުޝާދުގައިވާ ފަދައިން، ވެރިންނާ ދިމާލަށް އެއްޗެހި ކިޔާމީހުންގެ ފަރާތުން ދަރިން ދުރުކޮށް ވަކި ކުރުން ހުއްޓެވެ. އެހެންވުމުން، ވެރިންނަށް އެއްޗެހި ކިޔުމުގެ އިތުރަށް ވެރިންގެ މައްޗަށް ބަދުދުޢާކޮށް ވެރިންގެ ކުށްތައް އެތަން މިތަނުގައި ފާޅުކޮށް މަޝްހޫރުކޮށް ހަދާ މީހުންގެ މައްޗަށް ސަމާލު ވުމާއި އިންޒާރުދިނުން އައުލާވެގެންވެ އެވެ. އާއެކެވެ. ސަލަފީން ޤާއިމްވީ މިފަދައިންނެވެ. އެއީ ނަން މަޝްހޫރު ބަޔަކަށް ވީތީވެ، އެއީ ޕީ.އެޗް.ޑީ ނަގައިގެން ހުރިމީހަކަށް ވީތީއެއް ނުބަލާނެ އެވެ. ވެރިންނަށް ބަދުބަސް ބުނާ ކޮންމެ މީހަކީ ޞަޙާބީންގެ މަގު ދޫކޮށް ހަވާނަފްސަށް ތަބަޢަވެގެންވާ، ޚަވާރިޖުންގެ ޢަޤީދާ އެ ބާބުގައި ނެރެފައިވާ މީހެކެވެ. މިއީ ސަލަފީން އެފަދަ މީހަކާ މެދު ދެކޭ ގޮތެވެ. ސަލަފީން އެގޮތުގައި ޤާއިމް ވާނެ އެވެ. ތިމާގެ ބައިގނަޑު ކުޑަވެދާނެތީވެ، ތިމާގެ އައުވާނުން ދޫކޮށްލާނެތީވެ ހަނު ނުހުންނާނެ އެވެ. ނުވަތަ އެކަމާހުރެ ޖެހިލުމެއްވެސް ނުވާނެއެވެ.
ޞަޙާބީން ޙައްޤު އިސްލާމްދީނުގައި ދެމިތިބީ ކޮން ގޮތެއްގައި ތޯ އެވެ؟ ކިޔާލުން ހުއްޓެވެ.
أنس بن مالك رضي الله عنه ވިދާޅުވެފައިވެ އެވެ. ނަބިއްޔާ رحمه الله އަރިހުގައިވި ދުވަސްވީ ޞާޙާބީން އަހަރެމެންނަށް ވެރިންނަށް އެއްޗެހިކިޔުން ނަހީކުރެއްވި އެވެ."
މިތަނުގައި ބަޔާންވެފައި މިވަނީ ޞަޙާބީންގެ ތެރޭގައިވި ދުވަސްވީ ޞަޙާބީން - رَضِيَ اللَّهُ عَنْهم - ވެރިންނަށް އެއްޗެހިކިޔުމާއި، އެބައިމީހުންގެ ކަންތައްްތަކުގެ ތެރެއަށްވަނުން ޙަރާމްކަމެއްގެ ގޮތުގައި އިއްތިފާޤްވެފައިވާ ކަމެވެ.
شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "ދީނުގައި الله ނަހީކުރައްވާފައިވާ، "ވެރިންނާ ދެކޮޅަށް ނުކުތުން" ޢިލްމުގެ އަހުލުވެރީންނާއި ޞާލިޙް އަޅުތަކުންގެ އެއްވެސް މީހަކު ހުއްދައެއް ނުކުރެއެވެ. އަދި ވެރިންނަށް މަކަރުހަދާ އޮޅުވާލުން ވެސް ހުއްދައެއް ނުކުރެއެވެ. އެއްވެސް ގޮތަކަށް އެއްވެސް ޙާލެއްގައި ވެރިންނާ ދެކޮޅަށް ނުކުތުން ހުއްދައެއް ނުވާނެއެވެ. މިއީ އަހުލުއްސުންނަތުގައި އެންްމެ ކުރީންސުރެން އަދި އެންމެ ފަހާޖެހެންދެން ވެސް އައިސްފައިވާ ގޮތެވެ. އަދި އެބައިމީހުންގެ ސީރަތުގައި ވަނީ މިފަދައިންނެވެ." ( مجموع فتاوى ج 35 ص 12)
ވެރިންނާ ދެކޮޅަށް ނުކުތުމަށް އެއްވެސް ޞާލިޙް އަޅެއް މި އުއްމަތުގައި ހުއްދަކޮށްފައި ނުވާނެ އެވެ. މިއީ ސުންނަތުގެ އަހުލުވެރިންގެ އަޤީދާ އެވެ. ދީނުގައި ޤާއިމްވެފައިވާ އުޞޫލެކެވެ. މިއަދު ވެރިންނާ ދެކޮޅަށް މުޒާހަރާއަށް ނުކުތުމަށް ގޮވާލުމާއި، މީސްތަކުންގެ ކުރިމަތީގައި ވެރިޔާގެ ކުށްތައް އިސްތިހާރުކޮށް ކިޔާ މީހުންނަކީ އެއީ "ގަޓު" ހުންނަ ދީނީ ދަންނަބޭކަލުންނަށް ވަނީ ވެފަ އެވެ. އަދި މިފަދަ ހައްދުފަހަނައަޅައިފައިވާ މީހުންގެ ކިބައިން ދުރުވުމަށް ނަޞޭޙަތްތެރިވެ، މިފަދަ ކަންތައްތަކުގައި ޙައްޤު މަގު ބާންކޮށްދޭ މީހަކީ އެކިއެކި ޢައިބު ސިފަތަކުން ސިފަކޮށް މަގު ގެއްލިފައިވާ މީހެއް ކަމުގައި މިބައިގަނޑުގެ އަހުލުވެރިން ބުނާނެއެވެ.
އަޚުންނޭވެ! މި މީހުންނަކީ ސުންނަތުގެ ބައެއް ކަމަށް ދަޢުވާ ކުރާ ބައެކެވެ. އެބައިމީހުންގެ ހިތް ނޭދޭ ކަމުގައިވާނަމަ، ޙަދީޘް އޮތަސް އެއީ ކޮޅުފައިން ޖަހާލާ ދުރުކޮށްލެވިފައިވާ އެއްޗެކެވެ. ތިމާގެ ހަވާނަފްސުގެ އެދުމާ ދިމާވާ ކޮންމެ އެއްޗަކީ ކޮންމެ ފަދަ މީހެއް ބުނެފައިވީ ކަމުގައިވިޔަސް ދީނެވެ!!! والعياذ بالله. މިއީ އެބަޔަކު ޢަމަލުކުރާ ގޮތް ކަމުގައިވެއްޖެ ހިނދުގައި، ކޮންފަދަ ބޮޑު އިންޒާރަކުން އިންޒާރު ލިބި، އެބަޔަކާ ދުރުވާންޖެހޭނެ ބައެއްތޯ އެވެ؟
ވެރިޔާ އަށް ނަޞޭހަތްތެރިވާންވާ ގޮތް ބަޔާންކުރައްވާ، 7 އުޑު މަތިން ބާވައިލެއްވުނު ޝަރީޢަތުގައިވަނީ މިފަދައިންނެވެ.
(ޞަޙާބީ) عــــيـــاض بـــن غــنم رضي الله عنه އަރިހުން ރިވާކޮށްފައިވެއެވެ. ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. (مَن أرادَ أن ينصحَ لذي سلطانٍ في أمرٍ فلا يُبدِهِ عَلانيةً ولَكِن ليأخذْ بيدِهِ فيَخلوَ بهِ فإن قبِلَ منهُ فذاكَ وإلَّا كانَ قد أدَّى الَّذي علَيهِ لَهُ) رواه أحمد في المسند (34-4) ظلال الجنة في تخريج السنة (2-521) "އެކަމެއްގައި ވެރިޔާއަށް ނަޞޭޙަތްތެރިވާން ބޭނުންވާ މީހާ، ފަހެ އެ (ކަމުގައި) ނަސޭޙަތްތެރިވާ ހިނދުގައި ފާޅުކޮށް (އިޢުލާންކޮށް) މީސްތަކުންނާ އެނގޭނެ ގޮތުގައި ވެރިޔާއަށް ނަސޭހަތްތެރި ނުވާށެވެ. އެހެނަސް ވެރިޔާގެ އަތުގައި ހިފައި، ވެރިޔާއާ ނަޞޭހަތްތެރިވާ މީހާ، މީސްތަކުންނާ ވަކިވެގަންނާށެވެ. ފަހެ ( އެނަސޭޙަތް) އަޑުއަހައި ޤަބޫލުކޮށްފިނަމަ، އެކަން އަދާ ކުރެވުނީއެވެ. އެ (ނަސޭހަތް ދިނުމަށްފަހު އަޑުނާހާއިފިނަމަ) ވެރިޔާއަށް އެމީހަކު އަދާކުރަންޖެހޭ ކަންތައް އަދާ ކޮށްފިއެވެ."
7 އުޑު މަތިން ބާވައިލެއްވުނު ޝަރީޢަތުގައި ބަޔާންވެގެންވާ ގޮތާއި، އެކިއެކި ބައިގަނޑުގެ އަހުލުވެރިންގެ ޢަމަލު ހުރިގޮތް ބަލާލުން ހުއްޓެވެ.
އަޚުންނޭވެ! މިއީ ވެރިންނަށް ނަޞޭޙަތްތެރި ވުމަށް ދީނުގައި، 7 އުޑު މަތިން ބާވައިލައްވާފައިވާ ގޮތްތޯ އެވެ؟ މިއީ ސުންނަތަށް ޢަމަލު ކުރުންތޯ އެވެ؟ މިއީ ﷲ ގެ ރަސޫލާއަށް ތަބަޢަވުންތޯ އެވެ؟


އިސްވެދިޔަ عــــيـــاض بـــن غــنم رضي الله عنه އަރިހުން ރިވާކުރެވިގެންވާ ޙަދީޘަށް އިޝާރަތްކުރައްވާ الشيخ العلامة عبيد الجابري حفظه الله ވިދާޅުވެފައިވެ އެވެ.
"ފަހެ، ޢިލްމީ ނަޒަރަކުން މި ޙަދީޘަށް ނަޒަރު ހިންގައި އަދި ޙައްޤު ހޯދުމުގެ ޤަޞްދުގައި ބަލައިފިމީހާއަށް ﷲ ތަޥްފީޤު ދެއްވާނެއެވެ. އަދި އެފަދަ މީހާއަށް މި ޙަދީޘުން ތިރީގައިވާ ކަންތައްތައް ބަޔާންވެގެން ދެއެވެ.
ފުރަތަމައީ: ވަލިއްޔުލް އަމްރަށް ނަސޭހަތްތެރިވުމުގައި އެންމެ ފުރިހަމައަށް އެކަން ސިއްރުކުރެވިފައި ވުމެވެ.
ދެވަނައީ: ޙަދީޘްގައި ބަޔާންވެގެންވާ ގޮތަށް ވަލިއްޔުލް އަމްރަށް ނަސޭޙަތްތެރި ވެއްޖެ މީހާގެ ފަރާތުން އޭނާ އަދާކުރަންޖެހޭ ޙައްޤު އަދާކޮށްފި ކަމެވެ.
ތިންވަނައީ: ވަލިއްޔުލް އަމްރަށް ނަސޭހަތްތެރިވުމަށް މި މަގު ނޫން އެހެން މަގެއް ހޯދައިގެން ނުވާނެކަމެވެ. މިގޮތުން ތިޔަބައިމީހުންނަށް ބަޔާންވެގެންދަނީ ވެރިންގެ ކުށްތައް އަދި ވެރިން ކުރާ (ޢައިބު) ނުބައިކަންތައްތައް ހުކުރު ޚުޠުބާތަކުގައި ނުވަތަ ނޫސް މަޖައްލާތަކުގައި ނުވަތަ ދަރުސްތަކުގައި ނުވަތަ ރޭޑިޔޯއާއި ޓީވީ ޗެނަލް ތަކުގައި މަޝްހޫރުކޮށް ދެއްކުމަކީ ސުންނަތުގައިވާ ގޮތެއް ނޫން ކަމެވެ. އަދި ކިއެއްތަ! މިއީ ވެރިންނާ ދެކޮޅަށް މީސްތަކުން ނުކުތުމަށް ހިތްވަރުދޭ الخوارج القعدية (ޚަވާރިޖު އަލް-ޤަޢްދިއްޔާ) ގެ ޢަމަލެކެވެ.
މިހާ ހިސާބުން، ދެންމެ އަހަރެމެން ތިޔަބައިމީހުންނަސް ސިފަކުރި ބައިގަނޑު ކަމުގައިވާ، އަނިޔާވެރިކަމުގެ އަހުލުވެރިން އުފައްދާފައިވާ ޝުބުހަތެއް ވެއެވެ. އެއީ أبو سعيد الخدري رضي الله عنه މަދީނާގެ އަމީރު مروان بن الحكم ޢީދު ނމާދުގެ خطبة ޢީދު ނަމާދުގެ މައްޗަށް އިސްކުރުމުން ފަހެ، މިއީ އިޢުލާންތެރި ގޮތުގައި އިންކާރު ކޮށްފައި ވުމޭ އެބައިމީހުން ބުނެއެވެ. މި ޝުބުހަތަށް ޖަވާބު ދެމެވެ.
ފުރަތަމައީ: ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ލުއިކުރުންހުއްޓެވެ. އަދި ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ހަމަޖެހިލުން ހުއްޓެވެ. މި (ޙަދީޘްގެ) ޙާދިޘާގެ މައްޗަށް އަހަރެމެން ތިޔަބައިމީހުންނާ ދެބަހެއް ނުވަމެވެ. ތިޔަބައިމީހުންނާ ދެބަސްވާނީ ކިހިނަކުން ހެއްޔެވެ؟ މި ޙަދީޘް الصحيحين ގައި ވެއެވެ. ފަހެ، އެހެން ވުމުން މިއީ ޞައްޙަ ޙާދިޘާ އެކެވެ. މި ޙަދީޘް ޞައްހަ ކަމާމެދު އަހަރެމެން ތިޔަބައިމީހުންނާ އެއްބަސްވަމެވެ. އެހެނަސް ތިޔަބައިމީހުން މުސްލިމުންނާ މެދު الله އަށް ބިރުވެތިވާށެވެ! މިޙާދިޘާގައި ތިޔަބައިމީހުން އެކަންތައްތަކެއްގެ މަތިން ޣާފިލް ވެގެންވާ ކަންތައްތަކެއް ވެއެވެ. ނުވަތަ އެކަންތައްތަކާ މެދު ތިޔަބައިމީހުން ހަނދާން ނެތިފައިވާ ކަންތައްތަކެއް މިޙާދިޘާގައި އެކުލެވިގެން ވެއެވެ. މި ދެގޮތުން ކުރެ ކޮންމެ ގޮތެއް ކަމުގައިވިޔަސް، ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި މުސްލިމުން، ތިޔަބައިމީހުން ވަނީ ބިދުޢަތަކާއި ހަވާނަފްސުގެ ތެރެއަށް ވައްޓާލާފައެވެ.
އަހަރެމެން ވަރަށް ފާޅުކަން ބޮޑު ގޮތުގައި (މިޙާދިޘާގެ) އެކި އެކި ކަންތައްތަކުގެ މައްޗަށްވެސް إن شاء الله ބުނަމެވެ. އެގޮތުން އެންމެހާ މުސްލިމް ފިރިހެނުންނާއި މުސްލިމް އަންހެނުންނަށް، މިޙާދިޘާ އަކީ އަހަރެމެންނަށް ލިބިގެންވާ ޙާދިޘާއެއް ކަމާއި، އެއީ އަހަރެމެންގެ މައްޗަށް (ހުއްޖަތެއްގެ ގޮތުގައި) އޮތް ޙާދިޘާއެއް ނޫންކަން އެނގިގެން ދާނެއެވެ. ولله الحمد والمنّة" تقرير الأحمد بشرح أصول السنة
އަޚުންނޭވެ! އެއްބަޔަކީ ވެރިންނަށް އެއްޗެހި ކިޔުމަށް ޤާނޫނާއި ޤަވާޢިދުހަދައި، ވެރިންނާ ދެކޮޅަށް ނުކުންނަށް އަމާޒު ހިފާފައިވާ ބައެކެވެ. އަނެއް ބަޔަކީ އުއްމަތުގެ ސަލަފުންގެ ނަމުން ނަންކިޔައި، ވެރިންނާ ދެކޮޅަށް ޤާނޫނާއި ޤަވާއިދު ހަދައި ނުކުންނަ މީހުންނަށް ވާގިވެރިވާ ބައެކެވެ. މިފަދަ ބަޔަކު އެއްބަޔަކު އަނެއްބަޔަކު އަރައިގަންނަމުންދާ މި ފާފައަށް، މުންކަރާތަށް އިންކާރު ކުރާނެ ހެއްޔެވެ؟ ނުކުރާނެ އެވެ. ސަބަބަކީ މި ދެބައިމީހުންވެސް ޢަމަލު ހުރީ ހަމަ އެއްގޮތަށެވެ. ތަފާތުވީ ކިޔާ ނަމުގަ އެވެ.
އެހެނަސް ސަލަފީންނަކީ، ޢިލްމުވެރިންގެ މަޥްޤިފު ނަގައި، އެ ޢިލްމުވެރިންގެ ނަޞޭޙަތްތަކުގައި ދެމިތިބި ޙައްޤު މަންހަޖު ކަމުގައިވާ ސަލަފީ މަންހަޖަށް ދަޢުވަތުދީ، އެ މަންހަޖު ބަޔާންކުރުމުގައިވާ އަހުލުވެރިންނެވެ. މިފަދަ ކޮންމެ ޤަޢަދީ ޚަވާރިޖު ފިކުރަކަށް ސަމާލު ވުމަށް އަދި އިންޒާރުދީ، އުއްމަތުގެ އަހުލުވެރިންނަށް އަމާނާތްތެރިކަމާ އެކުގައި ނަޞޭޙަތްތެރިވުމެވެ.