އާ އަހަރެއް ބައްދަލު ކުރުމުން، އެކަކު އަނެކަކަށް ތަހުނިޔާ ކިޔުމުގެ ޙުކުމް - الإمام العلامة الشيخ صالح الفوزان حفظه الله

الإمام العلامة الشيخ صالح الفوزان حفظه الله
އާ އަހަރެއް ބައްދަލު ކުރުމުން، އެކަކު އަނެކަކަށް ތަހުނިޔާ ކިޔުމުގެ ޙުކުމް
ސުވާލު: އަހަރެއް ނިމިގެންދިއުން، ޝަރީޢަތުގައި އެއްވެސް ޚާއްޞަކަމެއް އެކަމަށް ދެވިގެންވޭތޯ އެވެ؟ އަހަރެއް ނިމިގެންދާތީ އަދި އާ އަހަރެއް އަންނާތީވެ، އެކަމަށް ތަހުނިޔާ ކިޔުންވޭ ހެއްްޔެވެ؟ މިކަމަށް ދެއްވާ ނަޞޭޙަތަކީ ކޮބައިތޯ އެވެ؟ بارك الله فيكم.
ޖަވާބު: ނޫނެކެވެ. އެ ދުވަހަކަށް (އަހަރު ނިމޭ ދުވަހަށް) އެހެން ދުވަސްތަކުގެ މައްޗަށް އެއްވެސް ޚާއްޞަކަމެއް ލިބިގެންނުވެ އެވެ. އަދި އެއްވެސް ގޮތަކަށް ތަހުނިޔާއެއް ކިޔުމެއް ނުވެ އެވެ. އެހެން ދުވަސްތަކާއި ޚިލާފަށް އެ ދުވަހަށް އެއްވެސް ޚާއްޞަކަމެއް ނުވެ އެވެ. އަދި ކޮންމެ ދުވަހަކީވެސް އެ ދުވަހުގެ ކުރީދުވަހަށް އަޅާބަލާއިރުގައި އަހަރު ނިމޭ ދުވަހެއްކަމުގައިވާނެ އެވެ. ފަހެ، ދުވަސްތަކަކީ އެއްދުވަހަށް ފަހުގައި އަނެއްދުވަސް އަންނަ ގޮތުގައިވާ އެއްޗެކެވެ. އެއްވެސް ދުވަހަކަށް އަނެއް ދުވަހުގެ މައްޗަށް މަތިވެރި، ޚާއްޞަކަމެއް ނުވެ އެވެ. ސަބަބަކީ، ﷲ (އެ ދުވަސްތައް) ލައްވާފައިވަނީ ޢިބްރަތަކަށްޓަކައި އަދި މަޞްލަޙަތައްޓަކަ އެވެ. އަދި އަޅުތަކުން އެބައިމިހުން ހަނދުމަ ކުރުމަށްޓަކަ އެވެ.
*****
ފަތުވާ ނަގާފައިވަނީ : http://goo.gl/XS1wEm
ހިޖުރީ އާ އަހަރުގައި ތަހުނިޔާ ކިޔުމާއި މެދުގައި އަދިވެސް ސުވާލު ކުރެވުނެވެ.
ޖަވާބުގައި ވިދާޅުވި އެވެ. "ތިކަމަށް އެއްވެސް އަޞްލެއް ވާރިދުވެގެންވާ ކަމުގައި އަހަރެމެން ނުދަންނަމެވެ. ހިޖުރީ ތާރީޚުގެ މަޤްޞަދަކީ، އެ އަހަރެއް ފެށޭ އިރަކީ އެކަމަށް މުނާޞަބާތްތައް ބޭއްވި، ތަހުނިޔާ ކިޔުމަށް ބަސްތައް ބޭނުންކޮށް، ޢީދެއްގެ ގޮތުގައި ތަހުނިޔާ ކިޔުމެއް ނެތެވެ. އެހެނަސް ހިޖުރީ ތާރީޚް ލެވިގެންވަނީ عمر رضي الله عنه ޢަމަލުފުޅު ކުރެއްވި ފަދައިން (ލިޔެފައިވާ އެއްބަސްވުން، ލިޔެފައިވާ ލިޔުންތައް) ވަކިކޮށް، ތަފާތު ކުރުމަށެވެ. މުސްލިމުންގެ ޚިލާފަތް عمر رضي الله عنه ގެ ޒަމާނުގައި ފުޅާވެ ދިއުމުން، އެއްވެސް ތާރީޚެއްނުވާ (ސިޓީތަކާއި، ލިޔުންތައް، ފޮތްތައް) މުސްލިމުންނަށް ލިބެ އެވެ. އެ ހިނދުގައި އެ ސިޓީތަކާއި، ފޮތްތައް (ވަކިކޮށް) އެނގިގަތުމަށްޓަކައި ތާރީޚަކަށް ބޭނުންވި އެވެ. އަދި އެގޮތުން ޞަޙާބީންނާއި މަޝްވަރާ ކުރެއްވި އެވެ. ފަހެ، އެހިނދުގައި (މުސްލިމުންގެ ތާރީޚް ފަށާނީ) ހިޖުރަކުރެއްވި ދުވަހުން ކަމުގައި މަޝްވަރާ ދެއްވި އެވެ. އަދި މީލާދީ ތާރީޚް އޮތް ހިނދުގައިވެސް އެ ތާރީޚުން (ދުރުވެ) އޭގެ ބަދަލުގައި (މުސްލިމުންގެ ތާރީޚް) ގެނެވުނެވެ. އަދި މުސްލިމުންގެ ތާރީޚްގެ ފެށުމަކީ ހިޖުރަ ކުރެއްވި ދުވަސްގޮތުގައި ލެވުނެވެ. އެއީ ހަމައެކަނި ލިޔުންތަކާއި، ސިޓީފަދަ ތަކެތި ދެނެގަތުމަށްޓަކައި ކުރެވުނު ކަމެވެ. (އެކަމުގެ ހަމައެކަނި މަޤްޞަދަކީ މި އެވެ.) އެއްވެސް މީހަކު މިއީ ބަސްތަކެއް ބުނުމަށް، މުނާސަބަތެއް ފަދައިން (މި ތާރީޚުގައި) ޢަމަލުކޮށްގެން ނުވާނެ އެވެ. މިއީ ބިދުޢަތައް ފަށައިގަތުމަށް ކުރެވޭ ޢަމަލެކެވެ."
އަދިވެސް الشيخ العلامة صالح الفوزان އަރިހުގައި ސުވާލު ކުރެވުނެވެ.
ސުވާލު: އަހަރެން ކައިރީގައި މީހަކު (ހިޖުރީ އާ އަހަރުފެށުމުގެ މުނާސަބަތުގައި) كل عام وأنت بخير ފަދަ ކަލިމައެއް، މިދުވަސްތަކުގައި ބުނުމަކީ މައްސަލައެއް އޮތް ކަމެއްތޯ އެވެ؟
ޖަވާބު: ނުބުނެވޭނެ އެވެ. ތިޔައީ ޝަރުޢުގައިވާ ކަމެއް ނޫނެވެ. އެއްވެސްގޮތަކަށް ތިއިން ޢަމަލެއް ހުއްދައެއް ނުވާނެ އެވެ.
ފަތުވާނަގާފައިވަނީ : الإجابات المهمة في المشاكل الملمة ص 229