ޛުލްޙިއްޖާ މަހުގައި ތަކްބީރު ކިޔުމަށް އޮތް ސިފަތަކާއި އަޟުޙާ ޢީދު ދުވަސްތަކުގައި ތަކްބީރު ކިޔުމަށް އޮތް ސިފަ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން حفظه الله
الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله
ތަކްބީރު ކިޔުން ވާރިދުވެގެންވާ ސިފަތައް:
اللهُ أَكْبَرُ اللهُ أَكْبَرُ لَاإِلَه إِلاَّ اللهُ، وَ اللهُ أَكْبَرُ اللهُ أَكْبَرُ وَ لِلهِ الحَمْدُ. (العثيمين - رحمه الله -)
اللهُ أَكْبَرُ ، اللهُ أَكْبَرُ ، اللهُ أَكْبَرُ كَبِيْرا. (العثيمين - رحمه الله -)
اللهُ أَكْبَرُ ، اللهُ أَكْبَرُ ، اللهُ أَكْبَرُ ، لا إله إلاّ الله، و اللهُ أَكْبَرُ ، اللهُ أَكْبَرُ ، ولله الحمد. (العثيمين - رحمه الله)
ތަކްބީރު ކިޔަންވީ ތަންތަން:
(ފިރިހެނުން މިސްކިތްތަކުގައި، ބާޒާރުތަކުގައި، މަގުތަކާއި ގެތަކުގައި އަޑުހަރުކޮށް ކިޔުން ހުއްޓެވެ. އަދި އަންހެނުން އަޑުހަރުކޮށް ނޫންގޮތުގައި ކިޔުން ހުއްޓެވެ. އެހެނަސް ހިލޭ ފިރިހެނުން ކައިރީގައި ނެތް ހިނދުގައި ބާރުކޮށް ކިޔުން ހުއްޓެވެ.) (العثيمين - رحمه الله)
ތަކްބީރު ކިޔުމުގައި :
(ތަޖްވީދުގެ މަގުން، ޤުރުއާން ތަރުތީލުކޮށް ކިޔަވާ ފަދައިން ތަކްބީރުކިޔުން އެކަރިވާން ޖެހޭނެ އެވެ. އަދި މިއުޒިކީ އަޑުއަޑުންނާއި، އަނާޝީދު ކިޔާގޮތަށް އެއްއަޑަކުން ރާގުތަކަށް ކިޔުން ދުރުވާންޖެހޭނެ އެވެެ.) (العثيمين - رحمه الله)
(ތަކްބީރު ޖަމާޢަތް ހަދައިގެން އެކީގައި ކިޔުމަކީ ބިދުޢަ އެކެވެ.) (العثيمين، ابن باز - رحمه الله)
(އަޑުގަދަކުރާ ތަކެތި ބޭނުންކޮށްގެން ތަކްބީރު ކިޔުމަކީ ޢަމަލުކުރަންއޮތް ގޮތެއް ނޫނެވެ. ސަބަބަކީ ޞަޙާބީން ބަންގި ގޮވުމުގައި ޢަމަލު ކުރެއްވިފަދައިން –އުސްތަނެއްގައި އެންމެނަށް އަޑުއިއްވުމަށް ޓަކައި ބަންގިގޮވާ ފަދައިން- ތަކްބީރު ކިޔުމުގައި ޢަމަލު ކުރައްވާފައިނުވެ އެވެ.) (العثيمين - رحمه الله)
ތަކްބީރު ކިޔަންފެށޭ ގަޑި ތަކާއި ނިމޭ ގަޑިތައް:
(ޖަވާބު : ފިޠުރު ޢީދުގައި ތަކްބީރު ކިޔުމާއި އަޟްޙާ ޢީދުގައި ތަކްބީރު ކިޔުމުގައި ތަފާތުތަކެއްވެ އެވެ. މިތަނުގައި ބަސްތައް ބަޔާންކުރަނީ އަޟްޙާ ޢީދުގައި ތަކްބީރު ކިޔުމާއި ބެހޭގޮތުންނެވެ.
ޛުލް ޙިއްޖާ މަހުގައި ތަކްބީރު ކިޔުމުގައި ދެ ބާވަތެއްވެ އެވެ. މުޠްލަޤުކޮށް ކިޔުމާއި، މުޤައްޔަދުކޮށް ކިޔުމެވެ. ފަހެ، މުޠްލަޤުކޮށް ތަކްބީރު ކިޔުމަކީ، ވަކި ސަބަބެއް މެދުވެރި ނުވެ އަދި ވަކި ވަޤުތެއް ކަނޑައެޅުމެއް ނެތި ތަކްބީރު ކިޔުމުގައި ދެމިހުރުމެވެ. އެގޮތުން ރޭގަނޑާއި ދުވާލުގެ އެންމެހައި ވަޤުތުތަކެއްގައި ތަކްބީރު ކިޔުމުގައި ދެމިހުރުމެވެ. މުޤައްޔަދުކޮށް ތަކްބީރު ކިޔުމަކީ، ފަރުޟު ނަމާދުތަކުގެ ފަހުގައި ތަކްބީރު ކިޔުމެވެ.
މުޠްލަޤުކޮށް ތަކްބީރު ކިޔަން ފެށޭ ވަޤުތަކީ ޛުލްޙިއްޖާ މަހުގެ ހަނދު ފެނުމުގެ ވަޤުތުން ފެށިގެންގޮސް އައްޔާމުއް ތަޝްރީޤުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ އެދުވަހުގެ މަޣްރިބް ނަމާދުގެ ބަންގި ގޮވުމަށް ދާންދެނެވެ.
މުޤައްޔަދުކޮށް ތަކްބީރު ކިޔަން ފެށޭ ވަޤުތަކީ ޢަރަފާތް ދުވަހުން ފަށައިގެން، އައްޔާމުއް ތަޝްރީޤުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ތަކްބީރު ކިޔަންފެށެނީ، ޢަރަފާތް ދުވަހުގެ ފަތިސްނަމާދުގެ ވަޤުތުން ފެށިގެން ގޮސް، އައްޔާމުއް ތަޝްރީޤުގެ ތިންވަނަ ދުވަހުގެ އަޞުރު ނަމާދުގެ ނިޔަލަށެވެ. އަދި އެދުވަހުގެ މަޣްރިބު ނަމާދަށްފަހުގައި ތަކްބީރު ކިޔުމެއް ނެތެވެ.) (العثيمين - رحمه الله)
މި ހުރިހާ ބަސްތަކަށް ބަލައިލުމުން ބަޔާންވެގެންދަނީ، މުޠްލަޤުކޮށް ތަކްބީރު ކިޔުން، މުޤައްޔަދުކޮށް ތަކްބީރު ކިޔުމުގެ 8 ދުވަސް ކުރިން ފެއްޓެ އެވެ. އަދި 2 ގޮތަށް ތަކްބީރުކިޔުން ނިމިގެންދަނީ އެއްދުވަހެއްގަ އެވެ. އަދި ދެގޮތަށް ތަކްބީރުކިޔުން 5 ދުވަހުގައި އެކުލެވިގެންވެ އެވެ.
ސަޢުދީ ފަތުވާ ކޮމެޓީން ދެއްވާފައިވާ ފަތުވާއެއް.
"ޢަޟްޙާ ޢީދުގައި ޢާއްމުކޮށް ތަކްބީރު (ތަކުބީރު މުޠްލަޤު) އަދި ޚާއްޞަވެގެންވާ ވަޤުތުތަކުގައި ތަކްބީރު (ތަކުބީރު މުޤައްޔަދު) ކިޔުންވެއެވެ. ޢާއްމު ތަކްބީރު ކިޔުންއޮތީ ޙައްޖުމަހަށް ހަނދުފެނުމާއި އެކީގައި އައްޔާމުއް ތަޝްރީޤުގެ ދުވަސްތަށް ނިމުމަށް ދާންދެނެވެ. ޚާއްޞަ ވަޤުތުތަކުގައި ކިޔުމަށް އޮތް ތަކުބީރު މުޤައްޔަދު ޢީދުދުވަހުގައި އަދި އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ކިޔުމުގެ މާނައަކީ ޢަރަފާތްދުވަހުގެ ފަތިސްނަމާދުން ފެށިގެންގޮސް އައްޔާމުއް ތަޝްރީޤުގެ (ޙައްޖުމަހުގެ 13 ވަނަދުވަސް) ދުވަހުގެ ޢަޞުރުނަމާދާއި ޖެހެންދެނެވެ. މިކަމަށް އުއްމަތުގެ ޢިޖްމާޢު އިން ދަލީލު ކޮށްދެއެވެ. މިގޮތަށް ޞަޙާބީން ޢަމަލު ކުރައްވާފައި ވެއެވެ. وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم."
ފަތުވާ ނަމްބަރ 10777
******