ފަލަކީ ހިސާބުން ހަނދު ޘާބިތުކޮށް ރޯދަމަސް ގެނައުން ހުއްދަވެގެން ނުވޭ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

(2015-06-06 ގައި ނެރެފައިވާ ލިޔުމެއް)
الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله
ސުވާލު: ރަމަޟާން މަސް ބައްދަލުވެއްޖެކަން ޝަރުޢީގޮތުން ޘާބިތުކުރާނެ ގޮތްތަކަކީ ކޮބައިތޯ އެވެ؟ ރަމަޟާން މަހުގެ ހަނދު ޘާބިތުކުރުމާއި، ރަމަޟާންމަސް ނިމިއްޖެކަން ޘާބިތު ކުރުމަށް އެސްޓުރޮނަޓް ސެޓެލައިޓް އެއީ ހަނދު ޘާބިތުކުރެވޭނެ ގޮތެއް ހެއްޔެވެ؟ އަދި މުސްލިމުންނަށް ދުރުމި، ޓެލެސްކޯޕް ހަނދު ބެލުމަށް ބޭނުންކުރުން ހުއްދަވާނެ ހެއްޔެވެ؟
ޖަވާބު: ޝަރުޢީގޮތުން ޞައްޙަވެގެންވާ ގޮތުގައި ރަމަޟާންމަހުގެ ހަނދު ޘާބިތުވާނެ ގޮތަކީ މީސްތަކުންނަށް ހަނދު ފެނުމެވެ. އަދި އެކަމުގައި އެންމެ ހެޔޮވެގެންވާ ގޮތަކީ އެމީހަކަށް އިތުބާރުހިފޭ މީހަކަށް އަދި އޭނާގެ ލޮލަށް ފެނުމުގައި ގަދަކަން ލިބިގެންވާ މީހަކަށް ހަނދުފެނުން ޘާބިތުވުމެވެ. ފަހެ، ހަނދު ފެނުމުން، އެ ފެނުނު ހަނދަށް ޢަމަލުކުރުން ވާޖިބުވެގެންވެ އެވެ. އެގޮތުން އެ ފެނުނުގެ ހަނދަކީ ރަމަޟާންމަހުގެ ރޯދަހިފުމަށް އޮތް ހަނދެއްކަމުގައިވެ އެވެ. އަދި (ރަމަޟާންމަހުގެ އެންމެ ފަހުދުވަހުގައި) އެފަދައިން ހަނދުފެނުމުން އެއީ ޝައްވާލު މަހުގެ ހަނދުގޮތުގައި ޘާބިތުވެ ރޯދަހިފުން ދޫކޮށްލުން ހުއްޓެވެ.
އެސްޓުރޮނަޓުންގެ ފަލަކީ ހިސާބުން ހަނދުފެންނާނެ ކަމުގައި ބުނެ، އެފަދައިން ހަނދު ޘާބިތުކުރުން ހުއްދައެއް ނުވާނެ އެވެ. އަދި އެފަދައިން ޘާބިތުކޮށްފައިވާ ހަނދަށް ބަރޯސާވެގެން ނުވާނެ އެވެ. ފަހެ، ސެޓެލައިޓްގެ ޛަރީއާއިން އެސްޓްރޯނަޓުންނަށް ހަނދު ފެނިއްޖެ ހިނދުގައި އެއީ ހަނދު ފެނުން ކަމުގައި ވާނެ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅުގައި ވާރިދުވެގެންވާ ޢާންމު ޙުކުމުގެ ތެރެއަށް ވަންނާނެކަމުގައި ވުމުންނެވެ. ޙަދީޘް ކުރެއްވި އެވެ. (إذا رأيتموه فصوموا، وإذا رأيتموه فأفطروا) "ތިޔަބައިމީހުންނަށް ހަނދު ފެނުމުން ރޯދަހިފާށެވެ. އަދި ތިޔަބައިމީހުންނަށް ހަނދު ފެނުމުން ރޯދަ ދޫކޮށްލާށެވެ."
ފަހެ، އެއްވެސް ޙިސާބަކަށް ޢަމަލު ކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެއިން އެއްވެސް ޙިސާބަކަށް ބަރޯސާވެގެންނުވާނެ އެވެ.
މިއަދު އެއެއްޗަކަށް ނަންދީފައިވާ "الدربيل" –ދުރުމި، ޓެލެސްކޯޕް- އެއީ ހަނދު ކައިރިކޮށް ގާތުން ބެލުމަށް ބޭނުންކުރާ އެއްޗަކަށް ވުމުން އެފަދަ އެއްޗެއް ބޭނުން ކުރުން އެއީ މައްސަލައެއްއޮތް ކަމެއް ނޫނެވެ. އެހެނަސް އެއީ ވާޖިބުވެގެންވާ ކަމެއް ނޫނެވެ. ސަބަބަކީ ސުންނަތުން ފާޅުވެ އިނގެންއޮތް ގޮތަކީ ޢާންމުކޮށް ހަނދު ލޮލަށްފެންނަ ފެނުމަށް ބަރޯސާވުމެވެ. އެހެން އެއްޗަކަށް ބަރޯސާވުމެއް ނޫނެވެ. އެހެނަސް އިތުބާރުހިފޭ މީހަކު އެ ބޭނުންކޮށްގެން އޭނާއަށް އެގޮތުން ހަނދުފެނުމުން، ފަހެ އެފަދައިން އޭނާއަށް ފެނުނު ހަނދަށް ޢަމަލުކުރުން ހުއްޓެވެ. ކުރީ ޒަމާނުގައި މީސްތަކުން އެފަދައިން ޢަމަލުކުރި އެވެ. އެގޮތުން އުސް މުންނާރުތަކަށް އެބައިމީހުން ޝަޢުބާންމަހުގެ 30 ވަނަ ދުވަހުގައި އަރައި މުންނާރުގެ ވަޞީލަތް ބޭނުންކޮށް ހަނދުބަލަ އެވެ.
ކޮންމެ ޙާލެއްގައިވެސް، ކޮންމެފަދަ ވަޞީލަތެއް ބޭނުންކޮށްގެންވެސް ހަނދުފެނިއްޖެކަން ޘާބިތުވެއްޖެ ހިނދުގައި، އެފަދައިން ފެނުނު ހަނދަށް ޢަމަލުކުރުން ވާޖިބުވެގެންވެ އެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެގެންވާ ޙަދީޘްގެ ޢާންމު މާނައިގައިވަނީ އެފަދައިންނެވެ. (إذا رأيتموه فصوموا، وإذا رأيتموه فأفطروا) "ތިޔަބައިމީހުންނަށް ހަނދު ފެނުމުން ރޯދަހިފާށެވެ. އަދި ތިޔަބައިމީހުންނަށް ހަނދު ފެނުމުން ރޯދަ ދޫކޮށްލާށެވެ."
***
ފަތުވާ ނަގާފައިވަނީ : مجموع فتاوى ورسائل ج 19 ص 36